އެމެރިކާގެ އެންމެ ގިނަ ދުވަސްވީ މީހާއަށް 114 އަހަރު ވެއްޖެއެވެ.

ތެލްމާ ސުޓްކްލިފޭ، 114 އަހަރަކީ އެމެރިކާގައި މިހާރު ހުރި އެޤައުމަށް ނިސްބަތްވާ އެންމެ ދުވަސްވީ މީހާއެވެ. އޭނާ އަކީ ދުނިޔޭގައި ތިބި އެންމެ ދުވަސްވީ މީހުންގެ ތެރެއިން ހަވަނައަށް އެންމެ ދުވަސްވީ މީހާގެ ލަގަބުވެސް ހޯދާފައިވާ މީހާ އެވެ.

ގެރެންޓޮލޮޖީ ރިސާޗް ގުރޫޕް އިން ހާމަކުރާގޮތުގައި މީގެ ކުރިން އެމެރިކާގައި އެންމެ ދުވަސްވީ މީހާގެ ލަގަބު ހޯދާފައިވާ ހެސްޓާ ފޯޑް، 115 އަހަރުގައި ވަނީ އެމެރިކާގެ ނޯތް ކެރޮލީނާގައި މަރުވެފަ އެވެ. އެއާއިއެކު ސުޓްކްލިފޭ ވެގެންދިޔައީ އެމެރިކާގެ އެންމެ ދުވަސްވީ މީހާއަށެވެ.

އޮމަހާ ވޮލްޑް ހެރަލްޑް އިން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނީ ސުޓްކްލިފޭ އުފަންވެފައިވަނީ 1906 ވަނަ އަހަރުގެ އޮކްޓޯބަރުގެ އެއްވަނަ ދުވަހުގައި ކަމަށެވެ. ސުޓްކްލިފޭ ދިރިއުޅެމުން ގެންދަނީ އޮމާހާ ސިޓީގައި އެވެ. އެސިޓީ އޮތީ ކޮވިޑާއި ގުޅިގެން ފުރަބަންދުކޮށްފަ އެވެ.

ސުޓްކްލިފޭ ވަނީ ކޮވިޑް-19 އަށް ވެކްސިން ޖަހައިފަ އެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ލުއެލާ މޭސަން ބުނީ ސުޓްކްލިފޭ އަކީ ވަރަށް ވިސްތޫނު މީހެއް ކަމަށެވެ. ސުޓްކްލިފޭ ކައިރިޔަށް އޭނާގެ އެންމެ ގާތް އެކުވެރިޔާ މޭސަން ޒިޔާރަތްކުރާ ކޮންމެ ފަހަރަކު އެކުގައި ކާނަންތޯ ސުވާލު ކުރާ ކަމަށް އޭނާ ބުނެއެވެ.

މޭސަން ބުނީ ސުޓްކްލިފޭގެ ފެނުމާއި އަޑުއިވުން ގެއްލެން ފަށާފައިވާ ކަމަށާއި ނަމަވެސް އޭނާ އަކީ ވަރަށް ވިސްނުންތޫނު ހަނދާންގަދަ މީހެއް ކަމަށެވެ.

ސުޓްކްލިފޭ 1924 ވަނަ އަހަރު ކައިވެންޏެއް ކުރިއެވެ. އޭނާގެ ފިރިމީހާ ބިލް، 1970 ގައި ވަނީ މަރުވެފަ އެވެ. އެ ކައިވެންޏަށް ދަރިއަކު ނުލިބެ އެވެ.