ދަނޑުމަތީގައި އިސްމާއީލް ވިފާގް އެއީ ކާކުހޭ އަހައިފިނަމަ ގިނަ ބަޔަކަށް ނޭނގިދާނެ އެވެ. އެކަމަކު އެއީ ވިލިމާލެއަށް އާ ނަމެއް ނޫނެވެ. އަދި ރާއްޖޭގެ ފުޓުބޯޅައާއި ފުޓްސަަލްގައި ވެސް މިހާރު އާ ނަމެއް ނޫނެވެ. އުމުރުން މިހާރު 21 ވެފައިވާއިރު އޭނާ އަކީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ފުޓުބޯޅަ އަދި ވަކިން ހާއްސަކޮށް ފުޓްސަލް އިން ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިއެކެވެ. އަދި ގިނަ ޓީމުތަކާއި ކޯޗުންގެ ލޯތަށް އެންމެ ބޮޑަށް އަޅައިގަންނަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. ގިނަބަޔަކު ފާހަގަކުރާ ގޮތުގައި އެއީ ރާއްޖޭގެ ރޮނާލްޑީނިއޯ އެވެ. އެހާވެސް ކުޅުމުގެ ވައްޓަފާޅި އެއްގޮތެވެ.

ވިލިމާލޭގައި އުޅެ ބޮޑުވި، އަދި މިހާރުވެސް ދިރިއުޅެމުން އަންނަ ވިފާގަކީ އެންމެ ކުޑައިރުންސުރެއް ވެސް ފުޓުބޯޅައަށް ހާއްސަ ޝައުގެއް ބަހައްޓާ ކުޅުންތެރިއެކެވެ. ފުޓުބޯޅައިގެ އާއިލާއަކަށް ނިސްބަތްވާ ވިފާގުގެ ކެރިއަރުގެ އެންމެ ޅަ ދުވަސްވަރު ވެސް އޭނާއަކީ ބޮޑެތި މީހުންނާއި އެކު ކުޅެން ގޮސް ތަފާތު ދެއްކި ކުޅުންތެރިއެކެވެ. ކުޅިވަރަށް ހިތް ޖެއްސުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިން ބަޔަކީ އޭނާގެ ބޭބެ މުހައްމަދު ރަޝީދު (މަންޗު) އާއި ވިލިމާލެއަށް ނިސްބަތްވާ ކުލަބް ވިޔަންސާއިން ރާއްޖޭގެ ފުޓުބޯޅައިގައި ވިދާލި، އަދި މިހާރު ކުލަބް ވެލެންސިއާ އަށް ކުޅެމުން އަންނަ ފޯވާޑް އަހުމަދު ރިލްވާން (ރިލޭ) އެވެ.

އިސްމާއިލް ވިފާގު ވަގުތު އަށް އިންޓަރވިއު ދެނީ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ރިލޭ އަކީ ކުލަބް ވިޔަންސާއިން ރާއްޖޭގެ ފުޓުބޯޅައިގައި ވިދާލި ކުޅުންތެރިއެކެވެ. ބޮޑެތި ޓީމުތައް ސިއްސުވާލާ މުހިއްމު ލަނޑުތަކެއް ޖަހައިދީފައިވާ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. މަސައްކަތު ރޭޓު އެހާމެ ރަނގަޅު، ހަލުވި ކުޅުންތެރިއެކެވެ. މިހާރު ކުލަބް ވެލެންސިއާއަށް ކުޅެމުން އަންނަ ރިލޭ އޭ އެއްގޮތަށް ވިފާގުވެސް ދަނީ އެ ފިޔަވަޅުތަކުގެ މަތިން ކާމިޔާބީއާއި ހިސާބަށް ވާސިލްވަމުންނެވެ. ޅަ އުމުރުގައި ބޮޑެތި ކާމިޔާބީތަކެއް މިހާތަނަށް ހޯދިއިރު، މުސްތަގްބަލުގައި އޭނާގެ ބޭބެ ރިލޭ ހޯދި ފަދަ މަގްބޫލުތަކެއް ވިފާގް ހޯދުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ވިފާގުގެ ޖޫނިއާ އުމުރުގައި އޭނާގެ ދެ ބޭބެ ކަމަށްވާ މަންޗު އާއި ރިލޭ ކުޅުނީ ވިޔަންސާ އަށެވެ. ދެ ބޭބެއިން ކުލަބް ވިޔަންސާގެ ފަރިތަކުރުންތަކަށް ދާއިރު ވިފާގު ގެންދެއެވެ. މިއީ ވިފާގުގެ ކެރިއަރުގެ ފެށުމެވެ. ވިލިމާލޭގައި އޮންނަ ފުޓުބޯޅަ ދަނޑުގައި ބޭއްވި އެ ފަރިތަކުރުންތަކަކީ އޭނާއަށް ގިނަ ކަންތައްތަކެއް ދަސްވި ކަމެކެވެ. އޭރު ރާއްޖޭގެ ނިސްބަތުން ބެލި ނަމަވެސް ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކެއް ވިޔަންސާގައި ހިމެނެއެވެ. އަދި ރާއްޖޭގެ ފުޓުބޯޅައިގެ ބޮޑެތި ބާރުތައް ބަލިކުރި ޓީމެއްވެސް މެއެވެ.

އިސްމާއިލް ވިފާގު ވަގުތު އަށް އިންޓަރވިއު ދެނީ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އިސްކޮޅުން ކުރުކޮށް އޭރު ހުރި ނަމަވެސް ވިލިމާލޭގެ ފުޓުބޯޅަ ކުޅެން ދާ އެންމެންވެސް ވިފާގު ބަލައިގަތެވެ. އެ ދޭންޖެހޭ އިހްތިރާމު އަބަދުވެސް ދެއެވެ. ނަތީޖާއެއްގެ ގޮތުން ފަހަރަކަށް ފަހު ފަހަރެއް އޭނާ ދިޔައީ ދަސްކުރަމުންނެވެ. ކުރިއަރަމުންނެވެ. ބޮޑެތި މީހުން ކައިރިން އެ ކުޅޭގޮތްތައް ދަސްކޮށް އޭނާ ދިޔައީ ފަހަރަކަށްފަހު ފަހަރެއް ތަފާތު ދައްކަމުންނެވެ.

ވިޔަންސާގެ ފަރިތަކުރުންތަކަށް ފަހު އޭރު ވިލިމާލޭގައި ބޭއްވި ބައެއް ކުދި މުބާރާތްތަކާއި ރައްޓެހިންނާއި އެކު ގިނަ ދުވަސްތަކަކަށް ކުޅެންދެއެވެ. އުމުރުން ދޮށީ ކުޅުންތެރިންނާއި އެއް ޓީމެއްގައި ހިމެނި ކުޅުނު ނަމަވެސް އެ ތަފާތެއް ދަނޑުމަތީގައެއް ނުފެނެއެވެ. އެންމެ ހަށިގަނޑުން ވަރުގަދަކޮށް ހުންނަ ކުޅުންތެރިޔާ ކައިރިން ވެސް ފަސޭހައިން ދެމިގަނެއެވެ. ދަނޑުމަތީގައި ތޫނުފިލިކަން އެހާ ބޮޑެވެ. މަސައްކަތު ރޭޓުވެސް އެހާމެ މައްޗެވެ.

ފުޓުބޯޅަ އާއި ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ވިލިމާލޭގެ ފާހަގަކޮށްލެވޭ ފުޓުބޯޅަ އަދި ފުޓްސަލް ތަރިން ވިފާގަށް ބޮޑު އެހީތެރިކަމެއް ދެއެވެ. ހާއްސަކޮށް ވިފާގު އާއެކު އުޅެ ބޮޑުވި "ޓީއެފްޓީ" އަށް ނިސްބަތްވާ އެންމެންވެސް އޭނާއަށް ބޮޑު ސަޕޯޓެއް ދެއެވެ. މީގެތެރެއިން ރާއްޖޭގެ ފުޓްސަލްގެ ތަރި ޝާކާ ފަދަ ކުޅުންތެރިން ވިފާގަށް ވެދެމުންދ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

ވިފާގު ނިސްބަތްވާ ޓީއެފްޓީގެ މެމްބަރުންނާއެކު

ވިފާގުގެ ފުޓުބޯޅަ ކެރިއަރުގައި ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދިއެވެ. ވިލިމާލެ މުހްޔިއްދީން ސްކޫލާއި އެކު އިންޓަސްކޫލް ފުޓުބޯޅަ މުބާރާތުގައި ތަފާތު ގިނަ މެޗުތަކެއް ކުޅުނެވެ. އުމުރުން 15 އަހަރުގައި މާޒިޔާގެ 21 އަހަރުންދަށުގެ ޓީމަށްވެސް ކުޅުނެވެ. އަދި ޖޫނިއާ އުމުރުފުރާތަކުގެ ގައުމީ ސްކޮޑުގައިވެސް ހިމެނުނެވެ. އޭގެފަހުން ވިފާގު ވަނީ 2019 ވަނަ އަހަރުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި ކުލަބް އީގަލްސްއަށް ކުޅެފައެވެ. އަދި ވިފާގުގެ ބޭބެ ރިލޭ އާއެކު ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ކުލަބް ވެލެންސިއާގެ ސްކޮޑުގައި ވެސް ވިފާގު ހިމެނުނެވެ.

އީގަލްސްގެ ޔޫތު ޓީމުގައި ވިފާގު

ފުޓުބޯޅައިގެ އިތުރުން ފުޓްސަލްގައި ވެސް ވިފާގަކީ ތަފާތު ދައްކަމުން އަންނަ މޮޅު ކުޅުންތެރިއެކެވެ. އޭނާ އެންމެ ބޮޑަށް ވިދާލީ މިދިޔަ އަހަރުގެ ފަހުކޮޅު އައްޑޫސިޓީގައި ބޭއްވި ވަގުތު ފުޓްސަލް ޗެލެންޖުގެ ތެރެއިންނެވެ. ސްޕްރިންޓް ޓީމަށް ކުޅުނު ވިފާގު ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ އިތުރުން މުބާރާތުގެ ލަނޑު ލިސްޓުގެ ދެވަނައިގައި ހިމެނިފައެވެ. އަދި މުބާރާތުގެ ލަނޑު ލިސްޓުގައި ވެސް ވިފާގު ވަނީ ދެވަނަ މަގާމު ހޯދާފައެވެ. އެފަހަރުގެ މުބާރާތުގައި ގިނަބަޔަކު ފާހަގަކުރާ ގޮތުގައި އެއީ ގޯލް މެޝިނެކެވެ. ގޯލާއި ރައްޓެހި ކުޅުންތެރިއެކެވެ.

އެފްސީ ސްޕްރިންޓްގެ އިސްމާއިލް ވިފާގް -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެ މުބާރާތުގައި އަބްދުﷲ މުއާޒް (އޮޓޯ) އަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާއަށް ނުކުޅެވުމަކީ ވިފާގަށް ލިބުނު މާޔޫސްކަމެކެވެ. ނަމަވެސް ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުން މުބާރާތުގެ ކާމިޔާބީއާއި ހިސާބަށް ވާސިލްވީ އެވެ.

"އަސްލު އޮޓޯ ނެތްތަން ވަރަށް ދެއްކި އެ މުބާރާތުގަ، ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓާނެ، ވަރަށް އުނދަގޫވާނެ އޮޓޯ ފައިގަ އޮންނަ ބޯޅަ އަތުލަން، ޓީމުގެ އެހެން ކުޅުންތެރިންނަށް ފުރުސަތު ލިބޭ އޮޓޯ ހުރިއްޔާ، ގޭމް ވަރަށް ބޮޑަށް ބަދަލުވޭ،" އޮޓޯ އާއި ގުޅޭގޮތުން ވިފާގް ބުންޏެވެ.

ވިފާގް އާއި އޮޓޯ އަކީ ވަރުގަދަ ކޮމްބިނޭޝަނެކެވެ. މަޅި ފުޓްސަލް ޗެލެންޖުގައި ކުޑަހެންވޭރު ޓީމުގައި ވެސް އޮޓޯ އާއި ވިފާގް ހިމެނުނެވެ. އަދި އެހެން މުބާރާތަކުގައި ވެސް މި ދެ ކުޅުންތެރިން އެއް ޓީމެއްގައި ހިމެނޭތޯ އެކި ޓީމުތަކުން މަސައްކަތްކުރެއެވެ. ވަގުތު މުބާރާތުގައި ލިބުނު ބޮޑު ކާމިޔާބީއާއެކު އޭނާގެ މަގްބޫލުކަން ބޮޑުވެ އެހެން މުބާރާތްތަކުން ފުރުސަތު ލިބެން ފެށިއެވެ. ގިނަ ހުށައެޅުންތަކެއް ވެސް ލިބެއެވެ.

"ވަރަށް ހިތްހަމަޖެހުނު އެންމެ ފަހުން ބޭއްވި ވަގުތު މުބާރާތުގައި، ސްޕްރިންޓް ޓީމުން ވަރަށް އެހީތެރިވެދިން، ވަރަށް އިތުބާރުކުރި ، އެއީ އަސްލު އެހާ ބޮޑު ކާމިޔާބެއް ލިބުނު ސަބަބަކީ، ވަރަށް އުފާވޭ އެ ކާމިޔާބީތައް ލިބުމުން" ވަގުތު އާއި ވާހަކަދައްކަމުން ވިފާގު ބުންޏެވެ.

ރެޑްބުލް ވިނިން ފައިވްގެ ޓީއެފްޓީ ޓީމުގައި ވިފާގު ގެ ވާތް ފަޅީގައި ޖެހިގެން އޮޓޯ

މި ކާމިޔާބީތަކާއި އެކު ވިފާގުގެ ހުރިހާ ޝުކުރެއް އަދާކުރާ އެއް ބަޔަކީ އޭނާގެ އާއިލާ އާއި ޓީއެފްޓީ އެވެ. އަދި ކެރިއަރުގެ އެކި ހިސާބުތަކުގައި އެހީތެރިވެދިން އެންމެން ވެސް މި ޝުކުރުގައި ހިމެނެއެވެ.

މި އިންޓަރވިއު ނިންމާލުމުގެ ކުރިން ވިފާގުގެ ކޯޗުކަމުގެ ދަށުން 8 ކުޅުންތެރިން ހިމެނޭ ޑްރީމް ފުޓްސަލް ޓީމެއް އެކުލަވާލުމުގެ ފުރުސަތު ދިނީމެވެ. މި ޓީމުގެ ފުރަތަމަ ފަހެއްގައި ހިމެނޭ ކުޅުންތެރިން އަދި ބެންޗުގައި ތިން ކުޅުންތެރިންގެ ނަން ހިމަނަން ފުރުސަތު ދިނީމެވެ. ތިރީގައި މި ވަނީ ވިފާގުގެ ނިންމުމެވެ.

ފުރަތަމަ ފަހެއް- ޝާކާ، ޝިޔާ، އޮޓޯ، އަޔާ، ތާޑޭ

ބެންޗު- އޮންލީ ، މުއްކި ، އައްޔަ

މި ކުޅުންތެރިންނަކީ ކެރިއަރުގެ އެކި ހިސާބުތަކުގައި އެއްކޮށް ކުޅެފައި ތިބި ކުޅުންތެރިން ކަމަށް ވިފާގު ބުނެއެވެ. މިގޮތަށް އެތުރި ނަމަވެސް ވިފާގު ބުނާގޮތުގައި މިއިން ކޮންމެ ކުޅުންތެރިއަކީ ވެސް މުހިއްމު އަދި ހަަމަހަމަ ކުޅުންތެރިންނެވެ. ވިފާގަކީ ފުޓްސަލްގައި ކުރިމަގު އުޖާލާ ކުޅުންތެރިއެކެވެ. ވަގުތު ގެ އެދުމަކީ ވިފާގަށް ކާމިޔާބު ކެރިއަރެކެވެ.