ރޯދަ މަސް ގާތް ވަމުން އަންނައިރު އަހަރެންގެ ބައްޕަ މަތިން ވަރަށް ހަނދާން ވެއެވެ. އެއީ ރޯދައަށް ތައްޔާރު ވުމަށް ބައްޕަ ދުރާލާ ކުރައްވާ މަސައްކަތްތަކާ ހެދިއެވެ. މިއަހަރު ރޯދައަށް ގޭގައި ކުރަން ހުރި މަސައްކަތް ކުރުމުގެ ފޯރިއެއް ނެތެވެ. ބައްޕަ ނިޔާވެގެން ސާޅީސް ވީ އިހަށް ދުވަހުއެވެ. އެހިތާމާގައި މުޅި އާއިލާ ވަނީ ނިދާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިއަދަކީ ޝަޢުބާން މަހުގެ އެންމެ ފަހު ހުކުރު ދުވަހެވެ.

ރޯދަ އަންނަން ދެން އޮތީ ދެތިން ދުވަހެވެ. އަހަރެން އަބަދުވެސް އުޅެނީ ހިނގާފައެވެ. އެންމެ ކައިރީގައި ހުރި ކުލަ ވިއްކާ ފިހާރައިން ކުލަދަޅެއް ގަނެގެން ނުކުތީ ވިއްސާރަ އަންނަހެން ހީވާތީ ވަރަށް އަވަހަށެވެ. ދުވާރު މަތިން ހިނގާފައި ގޮސް މަގު ހުރަސް ކުރަން އުޅެނިކޮށް ފަހަތުން ކާރެއް އަންނާތީ މަޑު ކޮށްލީމެވެ. ނަމަވެސް ކާރު ދުއްވަން އިން މީހާ އަތުގެ އިޝާރާތުން މަގު ހުރަސް ކުރަން ބުންޏެވެ. އަހަރެން މަގުހުރަސްކުރަން ހިނގައި ގަތް ތަނުން ކުއްލިއަކަށް ކާރު ގޯޅި އަޅައިފިއެވެ. އޭރު އަހަރެންގެ އެއްފައިހުރީ މަގުގައި އެޅިފައެވެ. އެފައިގެ މައްޗަށް ކާރުގެ ކުރީ ފުރޮޅުއެރުމުގެ ކުރިން ދަމައި ގަނެވޭތޯ ބެލީ މެވެ. ނަމަވެސް އޭރު ފައިއޮތީ ފުރޮޅުގެ ދަށަށް ވަދެފައެވެ. އަދި ފައިމަތިން ފުރޮޅު ދިޔަލެއް ބާރުކަމުން ވީތަދުން ހަޅޭއްލަވައި ގަނެވުނެވެ. އަހަރެންގެ އާންމު ބަހުން ގޮވާލެވުނީ މަންމާއެވެ. އެއީ ކުޑައިރުން ސުރެ އަހަރެންނަށް އާދަ ހިފިފައިވާ ކަމެކެވެ. ތަދުވާކަމެއް ބޮޑުކަމެއް ދިމާވެ ހާސްވުމުން މަންމައަށް ގޮވާލެވެނީއެވެ. އަހަރެންގެ ފައިގާ އަޅާވޭނުން ދުވާރު މައްޗަށް ތިރިވިއެވެ. ގޮތަކަށް އޮތީ ވެއްޓިފައެވެ. އަތުގައި އޮތް ކުލަދަޅު ވެއްޓި މަތިގަނޑު ނެއްޓުމުން ކުލަތައް ބިމަށް ފައިބަން ފެށިއެވެ. ކުލަދަޅަށް ވުރެ ބޮޑަށް ބެލުނީ ފަޔަށެވެ. ފައިތިލައިގެ މަތީ ހަންގަނޑުން ބަޔެއް ވަނީ ނޮޅިފައެވެ. ލޭ ނީރެން ފަށައިފިއެވެ.

އަހަރެން އިނީ އިސްޖަހައިގެން ލޯ މަރައިގެންނެވެ. އަޑު ވީއްލާ ނުރޮމެވެ. ދަތް ކުނޑި ވިކައިގެން ހިތްވަރު ކުރީއެވެ. ދިލަ ނަގަނީ ވެސް ވަކި ވަރަކަށް ނޫނެވެ. އިސާހިތަކު ކަރުނަ ފައިބަން ފަށައިފިއެވެ.

ކާރުގައި އިންމީހާ ފައިބައިގެން އައިސް އަހަރެންނާއި ވާހަކަދައްކަން ފަށައިފިއެވެ. އެއީ އަންހެނެކެވެ. ފުރަތަމަ ވެސް ބުނީ އަވަހަށް ހަސްފަތަލަށް ދާން ހިނގާށެވެ. އަދި ފުލުހަށް ވެސް އަންގަންބޭނުންހޭ އެހިއެވެ. އަހަރެން ބުނީމެވެ. ފުލުހަށް އަންގާކަށް ބޭނުމެއް ނޫނެވެ. އަހަރެންނަށް އަވަސް ފަރުވާއެއް ލިބޭނެގޮތް ހަދާދޭށެވެ. ވަރަށް ބޮޑަށް ތަދުވެއެވެ.

އެވަގުތު އެތަނަށް އެއްވި ދެތިން މީހެއްގެ އެހީގައި އަހަރެން ކާރަށް އަރުވައިފިއެވެ. ކާރުގެ އެތެރޭގެ ފިނިކަން ގަދަކަމުން ކޮންމެ ވެސް ވަރެއްގެ އަރާމެއް އިހުސާސް ވިއެވެ. އަހަރެން ހިއްލާފައި ހުރި ދާ ހަށިގަނޑަށް ވަންނަކަހަލަ ފިނި އިހުސާސެކެވެ. ކާރުގެ ފަހަތު ގޮނޑީގައި ލެނގިލައިގެން ލޯމަރާލައިގެން އިނީމެވެ.

ކާރު ވަރަށް ބާރަށް ދުއްވާލިއެވެ. އިރުކޮޅެއް ވީތަނާ އެ އަންހެން މީހާ ވާހަކަ ދައްކަން ފެށިއެވެ. ފުރަތަމަ ވެސް ބުނީ މައާފު ކުރާށެވެ. އަހަރެން ބަހެއް ނުބުނަމެވެ. ހިތުގައި ރުޅި ވެރިކަމުގެ ބާނިވަރެއް ވެސް ހިނގައި ގަތެވެ. އެއީ މަގު ހުރަސް ކުރަން ބުނެފައި އޭނާ ކާރު ދުއްވާލީމައެވެ.

އަނެއްކާ އޭނާ ވާހަކަ ދައްކަން ފެށިއެވެ. ތަކުރާރުކޮށް ވެސް ބުނީ މައާފު ކުރާށެވެ. އަހަރެން ބުނީމެވެ. އަހަރެން ގަތް ކުލަ ދަޅާ ފައިގާ ހުރި ޒަޚަމްތަކަށް މައާފު ކުރުމުން ލިބޭނީ ކޮން އެއްޗެއް ހެއްޔެވެ؟ މައާފަކަށް ލިބޭނެ އެއްޗެއް ނޯންނާނެއެވެ. އަހަރެންމެން ކަހަލަ އާދައިގެ ދިރިއުޅުމެއް އުޅޭ މީހުންނަށް މިއަދު މިވީ ކަންތަކަކީ ކުޑަ ކަމެއް ނޫނެވެ. އަހަރެން ބަލި އެނދުގައި އޮންނަން ޖެހިއްޖިއްޔާ އާއިލާގެ މީހުންނަށް ހާދަ ބޮޑު ނިކަމެތި ކަމެއް ލިބޭނެއެވެ.

އޭނާއަށް އިތުރު ބަހެއް ނުބުނެވި އުޅެނިކޮށް ކާރު ހަސްފަތާލުގެ ޕޯރޓިކޯއަށް މަޑުކޮށްލާން ޖެހިއްޖެއެވެ. އޭނާ ކާރުން ފައިބާ ހަސްފަތަލާލުގެ މީހެއްގެ އެހީގައި ދުއްވާ ގޮނޑިއަކަށް އަހަރެން ލައިފިއެވެ. އަދި އަވަހަށް އަވަސް ފަރުވާ ދޭ ކޮޓަރިއަށް ގެންދަން ބުނެފިއެވެ.

އަހަރެން އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދުމާ އެކު ފަރުވާގެ ކަންކަން ފެށިއްޖިއެވެ. އިރުކޮޅެއް ވީތަނާ އެ އަންހެން މީހާ އަތުވެއްޖެއެވެ. އަދި އޭނާގެ ނަމަކީ ސާމިރާ ޢަލީ ކަމުގައި ބުންޏެވެ. އަހަރެންވެސް ނަންބުނީމެވެ. "އަޅުގަނޑުގެ ނަމަކީ އަޙްމަދު ޖާވިދު."

ސާމިރާ އަހަރެން ކައިރީގައި ހުރި އިރު ހީވަނީ އަހަރެންގެ ތިމާގެ މީހަކު ގާތުގައި ހުރިހެންނެވެ. އެހާ ވެސް އޯގާތެރިއެވެ. އިރުއިރު ކޮޅުން ތަދުގެ ވާހަކަ އަހައެވެ. އަދި ކާއެއްޗެއް ގެންނަންތޯ ވެސް އަހައެވެ. އަހަރެން ނޫނެކޭ ބުނަމެވެ. އަދި ވެސް އަޅާ ވޭނުން ހިތުގައި އޮތީ ރުޅިވެރިކަމެވެ.

އެކަމަކު ވާހަކަ ތަކުގެ އޯގާތެރިކަމާއި އަހަރެންގެ ބަސްމަގުގެ ނުރުހުމަށް ޖަވާބުނުދީ އޭނާގެ ވާޖިބު ދިޔައީ އަދާކުރަމުންނެވެ. އަހަރެން އެނދުމަތި ކޮށްފައި އޮތް އިރު ވެސް ސާމިރާގެ މޫނަކަށް މާބޮޑަކަށް ނުބަލަމެވެ. ނަމަވެސް އޭނާ އަހަރެނާ ދިމާއަށް ވަރަށް ބޮޑަށް ބަލާކަން އެނގެއެވެ.

އަޅާފައި ހުރި ހެދުމާއި ގެންގުޅޭ އަތްދަބަހުން ހީވަނީ ވަރަށް މުއްސަނދި އާއިލާއެއްގެ މީހެއް ހެންނެވެ. ހަސްފަތާލުން ދޫކޮށްލީ ބޭސް އެޅުމަށް ފަހުގައެވެ. އަހަރެންގެ އަތުގައި އޮތް އައިޑީ ކާޑު ހޯދައިގެން ބޭސް ނެގުމާއި އެހެނިހެން ކަންކަން ކުރީ ވެސް ސާމިރާއެވެ.

ހަސްފަތާލުން ނުކުންނަން ޖެހުނީ ވެސް ގޮނޑީގައި އިނދެގެންނެވެ. ޑޮކްޓަރު އަންގާފައި އޮތީ އަރާމުކުރުމަށެވެ. އަހަރެންނަށް ވިސްނެނީ ކުރިމަތީގައި އޮތް ރޯދަމަހަށެވެ. ގެއާއި ބަދިގޭގައި ވެސް ކޮށްލަން ހުރި ކަންކަން ނުކުރެވޭނެތީއެވެ. އަހަރެންނަކީ ހުރިހާ ކަމެއް އަމިއްލަ އަތުން ކުރާ މީހަކީމެވެ. އަދި އެހެން މީހަކު ލައްވާ ކުރުވާނަމަ ދާނެ ޚަރަދު ހިތަށް އަރައެވެ. އެވަރަށް ފައިސާ އެއް ނުލިބެއެވެ. އަހަރެން އުޅޭ ފިހާރައިން ކޮވިޑް ނަވާރައާއި ގުޅިގެން މުސާރައިގެ ދެބައި ކުޅަ އެއްބައި އުނިކޮށްލިއެވެ. އެކަމުގެ ސަބަބުން އަތްމަތި ވަރަށް ބޮޑަށް ދަތިވިއެވެ.

ސާމިރާގެ ކާރުގައި އަހަރެން ގެއަށް ގެންދަން ބޭނުން ކަމުގައި ބުންޏެވެ. އަހަރެން އެކަމަކާ ދެކޮޅެއް ނަހަދަމެވެ. ކުރިން ހިތުގައި ހިނގަމުން ދިޔަ ރުޅިވެރިކަމުގެ އުދާސްތައް ލިބުނު ފަރުވާއަށް ފަހު ހުރީ މައިތިރި ވާން ފަށާފައެވެ.

ކާރު ދުއްވާލުމާއެކު ސުވާލުކުރިއެވެ. ގެންގޮސް ދޭންވީ ކޮންގެއަކަށް ހެއްޔެވެ؟

އަހަރެން ގޭގެ ނަން ބުނުމަށްފަހު ހުންނަ ހިސާބު ކިޔައިދީނީމެވެ.

ސާމިރާ ވަރަށް އަސަރާއެކު ވާހަކަ ދައްކަން ފެށިއެވެ. އޭނާ ކާރު ދުއްވަން ދަސްކޮށް ލައިސަންސް ލިބުނުތާ އަދި ވީ ތިން ދުވަސް ކަމުގައި ބުންޏެވެ. އަދި އެހާ ފަރިތަނުވުމުން އޮޅިގެން ޕެޓްރޯލް ޕެޑަލްއަށް އޮބާވެލުނީ ކަމުގައި ވެސް ބުންޏެވެ.

އަހަރެން ބަހެއް ނުބުނެ ހިމޭނުން އިނީމެވެ.

އަނެއްކާ ވެސް ވާހަކަދައްކަން ފެށީ ސާމިރާއެވެ. ވީކަމެއް ނުވާކަމަކަށް ދެން ނުވާނެއެވެ. އަހަރެން ޖާވިދަށް ލިބުނު ހުރިހާ ގެއްލުމެއްގެ ބަދަލު ދޭނަމެވެ. ތިޔަ ޒަޚަމްތައް ފަސޭހަ ވާނދެން އާއިލާގެ ހުރިހާ ކަމެއް ބަލަހައްޓާ ދޭނަމެވެ.

އަހަރެން މިފަހަރު ބުނީމެވެ. ޝުކުރިއްޔާއެވެ.

ގެއާއި ހަމައަށް ދިއުމުގެ ކުރިން ފާމަސީއެއްގެ ދޮށަށް މަޑުކޮށް އަސާދަނޑީގެ ދެ ދަނޑިގަނޑު އޭނާ ގަތެވެ. އަދި އަހަރެންނާ ހާވާލު ކުރިއެވެ. ގެއާއި ކައިރި ވުމުން ކޮއްކޮއަކަށް ގުޅީމެވެ. އެއީ އަހަރެން އަމިއްލަ ހާލުގައި ގެއަށް ވަންނަން އުނދަގޫ ވެދާނެތީއެވެ.

އަހަރެން ކޮއްކޮއަށް ފޯނުކޮށް ނިމުނުތަނާ އަހަރެންގެ ފޯނު ނަންބަރު ސާމިރާ ހޯދިއެވެ. އަދި މިއޮތީ ކާޑެކޭ ކިޔާފައި އޭނާގެ އެޑްރެސް ކާޑާ އެކު އެއްހާސް ރުފިޔާ ވެސް ދިނެވެ. އަހަރެން އެފައިސާގައި ނުހިފާން އުޅުނީމެވެ. އަކަމަކު އޭނާ ކުރުނުކޮށް ބުނުމުން ހިފީއެވެ.

ޒަޚަމްތަކާ ގުޅިގެން ލިބިފައި ހުރި ވަރުބަލި ކަމުގައި ބޭނުން ވީ އޮށޯވެލާށެވެ. އަހަރެންގެ މަންމަ އާއި ދެކޮއްކޮ ވެސް ތިބި ކަންބޮޑު ވެފައެވެ. ވީގޮތް އަހާ އޮޅުން ފިލުވެއެވެ. އަހަރެން ވަރަށް ތަފްސީލު ކޮށް ކިޔައި ދިނީމެވެ. ސާމިރާގެ އޯގާތެރިކާއި އޭނާގެ އަޅާލުން ލިބުނު ކަމުގައި ވެސް ބުނީމެވެ.

އަސުރު ނަމާދު ކުރީ ވެސް ކޮޓަރި ތެރޭގައި ގޮނޑީގައި އިނދެގެންނެވެ. ހަވީރު ސަޔަށް މަންމަ ގެނެސްދިނީ ޕިއްޒާ އާއި ޖޫހެވެ. ޕިއްޒާ ގަތީ ކީއްކުރަންތޯ އަހަރެން މަންމަ ގާތުން ސުވާލު ކުރީމެވެ. މަންމަ ބުނީ އެއީ ހެޔޮ އެދޭ ފަރާތަކުން ފޮނުވި އެއްޗެއް ކަމުގައެވެ. ކާކުތޯ ސުވާލު ކުރުމުން ބުނީ ސާމިރާގެ ވާހަކައެވެ. އަދި އަހަރެން ނިދިފައި އޮތްވާ މެންދުރު ފަހު ގެއަށްއައި ކަމުގައި ވެސް ބުންޏެވެ. އަދި ރޯދައަށް ކުލަ ލާން ބޭނުން ވާނެ ހުރިހާ ތަނެއްގައި ކުލަ ލާދޭނެކަމަށާއި ގޭގައި މަރާމާތު ކުރަން ހުރި ތަންތަން މާރަމާތު ކުރަން މާދަން ހެނދު ބަޔަކު އަންނާނެ ކަމުގައި ވެސް އޭނާ ބުނިކަމަށްވެއެވެ.

އަހަރެން ހާއިރާން ވިއެވެ. އެއީ ކާކު ބާވައޭ ހިތުގައި ސުވާލު އުފެދުނެވެ. މިއީ މީގެ ކުރިން އަހަރެންގެ ހަޔާތުގައި ދިމާވި އެއްވެސް ރަހުމަތްތެރިއެއް އަދި ތިމާގެ މީހެއްގެ ފަރާތުން ވެސް ނުވާފަދަ ކަންކަމެވެ. ސާމިރާގެ ކާޑު އަހަރެންގެ ދަބަހުންނަގާ ބަލައިލީމެވެ.

"ސާމިރާ ޢަލީ މެނޭޖިން ޑިރެކްޓަރ އެމް، އެމް ކޮންސްޓަރަކްޝަން."

ދެން އަހަރެން އޭނާގެ ބުރުސޫރައާ މެދު ވިސްނާލީމެވެ. ރީތި އަންހެނެކެވެ. ގައިމުވެސް ޅަމީހެއް ނޫނެވެ. އިސްކޮޅުން ވެސް ކުރެއް ނޫނެވެ. ދޮންމީހެކެވެ. ވާހަކަ ދައްކާއިރު އަދަބު އަޚުލާޤު ހުރި މީހެކެވެ. އަހަރެންނާ އުމުރުގެ ގޮތުންވާނީ ދާދި އެއްވަރޭ ހިތަށް އެރިއެވެ. އަހަރެންނަށް 36 އަހަރު ފުރުނީ އިހަށް ދުވަހުއެވެ. މީހާގެ މޫނު ބަލާފައި ސީދާ އުމުރު ނޭނގިދާނެއޭ ވެސް ހިތް ބުންޏެވެ.

އަހަރެންނަކީ ކުރިން ކައިވެންޏެއްކޮށް އެކައިވެނި ރޫޅިފައިވާ މީހެކެވެ. އެއީ މީގެ 10 އަހަރު ކުރިންނެވެ. އަހަރެއް ހާދުވަހު އެކު އުޅުނީމެވެ. އަހަރެމެންގެ އާއިލާގެ ފަގީރު ދިރިއުޅުން އޭނާ އަށް ކަމަކުނުދިޔައީއެވެ. އޭނާ ބޭނުން ވާވަރަށް އަހަރެންނަށް އާމްދަނީ ނުލިބެނީއެވެ. އުފާކުރާނެ ފައިސާ ނުހުންނަނީއެވެ. އެކައިވެނި ރޫޅުނު ގޮތުން ފޫހިކަމެއް ހިތުގައި އޮތީއެވެ. މައްސަލަތާކާއި ހައިޖާނުގެ ދިރިއުޅުމެއް އަހަރެން ބޭނުމެއް ނޫނެވެ. އެއަށްވުރެ މިގޮތް ވެސް މާރަނގަޅޭ ހިތުގައި އޮވެއެވެ.

އިޝާނަމަދުން ނިމުނުތަނާ ސާމިރާގެ ފޯން ކޯލެއް ލިބުނެވެ. ހާލު އަހުވާލު އެހުމާއެކު ފުރަތަމަ ވެސް އަހަރެން ބުނީމެވެ. ތިޔަ ދެއްވަވާ ދީތަލި އެހީ އަށްޓަކައި ފަށް ފަށުން ޝުކުރިއްޔާ އެވެ. އަޅުގަނޑަކީ މީހުންގެ އެހީގައި ދިރިއުޅުމުގެ ހުރިހާ ކަމެއް ފުއްދާ ހިތްވާ މީހެއް ނޫނެވެ. ނަމަވެސް މިއަދުގެ ހާލަތުން ސާމިރާ ދެއްވާ ހުރިހާ އެހީއެއް ބަލައިގަންނަން މަޖޫބޫރެވެ.

ސާމިރާ ބުނިހާ ވެސް ވާހަކަ އަކީ އެކަމާއި ކަންބޮޑު ނުވުމަށެވެ. ސާމިރާގެ ހިތުގައި އޮތީ ހަމްދަރުދީއާއި ކުލުނުކަމެވެ. އެރޭ ގޭގެ މަރާމާތާއި ގުޅޭ ވާހަކައާއި ކުލަ ލުމާ ބެހޭ ވާހަކަ ވެސް ދެއްކިއެވެ. އަދި އޭނާގެ އަތުން ދުވަހަކުވެސް އަހަރެންނަށް ލިބިފައިވާ ވަރުގެ ބޮޑު އަނިޔާއެއް މީހަކަށް ލިބިފައި ނުވާތީ މިކަމުން ފުންއަސަރު ތަކެއް ކުރިކަމުގައި ވެސް ބުންޏެވެ.

އަނެއް ދުވަހު ހެނދުނު އަހަރެން ސައިބޮއި ނިނުމުތަނުން ބަޔަކު މީހުން ގެއަށް އަތުވެއްޖެއެވެ. އެމީހުންގެ ތެރެއިން ތަންކޮޅެއް ދުވަސް ވެފައި ހުރި މީހަކު އަރެންނާއި ވާހަކަ ދެއްކިއެވެ. ގޭގައި ކުރަން ހުރި މަރާމާތުތައް ބަލާ މަސައްކަތް ފެށިއެވެ. ތިން ދުވަސް ވީއިރު ހުރިހާ ކަމެއް ނިންމާލައިފިއެވެ. އަހަރެން ބުނިވަރަށް ވުރެއްވެސް އިތުރަށް އެތައްކަމެއް ކޮށްދިނެވެ. އަނެއްކާ މަސައްކަތް ކުރީ އެންމެ ރަނގަޅު ތަކެތި ބޭނުން ކޮށްގެންނެވެ.

ކޮންމެ ދުވަހަކު ދެފަހަރަށް ސާމިރާ ގުޅައެވެ. އޭނާގެ އެހެރަ އޯގާތެރިކަމުގެ ޖާދޫގައި ޖެހި އަހަރެންގެ ހިތް ފާޑަކަށް އޭނާއާއި ދިމާއަށް ލެނބެން ފެށިއެވެ. ނަމަވެސް އިޝްޤީ ވާހަކައެއް ނުދައްކަމެވެ.

ތިން ދުވަސް ވުމުން ބޭސް ބަދަލު ކުރަން އަހަރެން ހަސްފަތާލަށް ގެންދިޔައީ ވެސް އޭނާއެވެ. މިހާރު ރޯދަ ފެށެން އޮތީ އެންމެ ދުވަހަކަށް ވެފައެވެ.

މުލަ ރޯދަ ވިލޭރޭ ވަރަށް އިރާކޮޅު ސާމިރާ އަހަރެމެންގެ ގެއަށްއައީ ބޮޑެތި ތިން ފޮށިގަނޑު ހިފައިގެންނެވެ. އޭގައި ރޯދަ އަށް ބޭނުން ވާނެ ވަރަށް ގިނަ ކާތަކެތި ހުއްޓެވެ. އިތުރަށް ގެއަށް ގަންނާނެ އެއްޗެއް ހުރިހެނެއް ހިޔެއް ނުވެއެވެ. އަހަރެންނަކީ މުލަ ރޯދަ ވިލޭރޭ ފިހުނު މަހާ ދޮންކޭލާ ހަކުރާކާން ބޭނުންވާ މީހެކެވެ. އެތަކެތި ވެސް ހުއްޓެވެ. އަހަރެން ހައިރާން ވިއެވެ. އެކަމާއި ސުވާލު ކުރުމުން ބުނީ އަހަރެންގެ ވަރަށް ގިނަ ކަންކަން މިހާރު އެނގޭ ކަމުގައެވެ. އޭނާ އަށް އެކަން އެނގޭނީ ގޭމީހުންގެ ފަރާތުންނެވެ.

އެރޭ ސާމިރާ އަހަރެންގެ ދިރިއުޅުމާއި ގުޅޭ ވަރަށް ގިނަ ވާހަކަ އަހާ އޮޅުން ފިލުވިއެވެ. އަދި ދަމުން ބުނެލިއެވެ. އަބަދުވެސް ޖާވިދުގެ މަތިން ހަނދާން ކުރާނަމެވެ. އަދި އިންތިޒާރު ވެސް ކުރާނަމެވެ. އެބުނި ބަހުން އަހަރެންގެ ހިތުގައި ވިކާލިހެން ހީވެއެވެ. ބުނާނެ އެއްޗެއް ނޭނގި އިނދެވުނެވެ. އޭނާ ގެއިން ނުކުތުމުގެ ކުރިން އަހަރެން އޭނާ ފަހަތުން ދިޔައީމެވެ. އޭރު އޭނާ ގޭގެ މައިދޮރުން ނުކުމެއްޖެއެވެ. އަހަރެން އިސްޖަހިގެން ހުރެ ދަނޑިގަނޑު ވިއްދަމުން ވަރަށް ބާރަށްހިނގާފައި ގޮސް ދޮރު ހުޅުވާލަން އުޅެނިކޮށް ބޭރުން މީހަކު ދޮރު ހުޅުވާލިއެވެ. އެވަގުތު އެމީހަކާއި އަހަރެން މުޑި އިރެއެވެ. އަދި އަރި އަޅާލުމުން ހިފެހެއްޓިއެވެ. އަހަރެން އެމީހެއްގެ މޫނަށް ބަލައިލީމެވެ.

ސާމިރާ ބުންޏެވެ. ދެން އަމްޖަދު ވެއްޓުނަކަ ނުދޭނަމެވެ. އަހަރެން އަމްޖަދު ހިފަހައްޓާނަމެވެ.

އަހަރެން ބުނީމެވެ. އަކަމަކު މުޑިއެރަމަކުން ނޫނެވެ. ދިރިއުޅުމުންނެވެ. ހިތުގެ ދުލުން ލޯތްބާއެކު އަބަދުގެ އަބަދަށް ސާމިރާއަށް ޝުކުރިއްޔާ އެވެ.