29 އޭޕްރީލްގައި ގެނެސްދިން ބައި

"ދަރިފުޅާ. މަން.. މަންމަ ބޮ.. ބޮލަށް ތަދުވަނީ. މޭމޭ ނުބައި ކުރަނީ." ޞަފިއްޔާ އޯކަށްދަމަމުން އުނދަގުލުން ބުނެލިއެވެ.

"މަންމާ. މަންމާ...." ނިކާލް ދެލޯ ބޮޑުކުރަމުން ޞަފިއްޔާގެ ގައިގާ ހިފައިގަތެވެ.

އެޔާއެކު ޞަފިއްޔާ އެނދުމައްޗަށް ދެމުނުއިރު ވޭނީ އާޚުގެ އަޑު ކޮޓަރި ތެރޭގައި ހަރުލާފައި ހުއްޓެވެ. މަންމަގެ ހާލު ފެނިފައި ނިކާލަށް ލިބުނު ޝޮކާއެކު ހަށިގަނޑުގައި އުފެދިގެން ދިޔައީ މަޑު ތުރުތުރުލުމެކެވެ. އޭނާ އެނބުރި ރޫނާއަށް ބަލާލިއިރު ނިހާގެ ނަޒަރު ވެސް ހުރީ ރޫނާއަށް ހުއްޓިފައެވެ. ދެމީހުން ވެސް ރޫނާގެ ޖަވާބަކަށް އިންތިޒާރުކުރާ ކަހަލައެވެ. ސިހުރުޖެހިފައިވާ ކަމުގެ އަލާމާތްތައް މަންމަގެ ކިބައިން ފާޅުވުމުގެ މާނަ އެނގުން ނަމަވެސް ނިކާލް ބޭނުންވީ އެއީ ދޮގެކޭ ބުނާ އަޑުއަހާށެވެ.

"ތީގެ މާނައަކީ ސިހުރު ޖެހިފައި ތިހިރީ ނިކާލަކަށް ނޫނޭ ޞަފިއްޔާއްތަ އަށޭ." ރޫނާ ހަޤީޤަތް ބަޔާންކުރިއެވެ.

ނިހާއަށް ރޫނާގެ އަތުގައި ބާރަށް ހިފާލެވުނުއިރު ނިކާލަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ބޮލަށް އެނބުރުން އަރައިގަތްހެން ވެސް ހީވިއެވެ. މަންމައަށް ސިހުރު ހެދީ ކާކުހެއްޔެވެ؟ އޭނާ ހިތްވަރުކޮށްފައި މަންމަގެ ގާތުގައި އިށީނދެ ބޮލުގައި ފިރުމަން ފެށިއިރު އަތުގައި ވަނީ މަޑު ތުރުތުރުލުމެކެވެ. ޞަފިއްޔާއަށް ވަމުންދިޔަ އުނދަގޫތަކަށް ކުޑަވެސް ލުޔެއް ނުލިބެއެވެ.

"މަންމަ އަވަހަށް ހޮސްޕިޓަލަށް ގެންދަންވީ." މަންމަގެ ހާލު ދެކެން ނިކާލްގެ ހިތަކަށް ކެތެއްނުވިއެވެ. އޭނާ ބޭނުންވީ ވަގުތުން ޞަފިއްޔާ ހޮސްޕިޓަލަށް ގެންދާށެވެ. ނަމަވެސް ރޫނާ އެކަމަށް ހުރަސްއެޅިއެވެ. އެ އުދަނގޫތަކަށް ލުޔެއް ހޯދާނެ އެންމެ މޮޅު ގޮތް އޭނާއަށް އެނގޭކަމުގައި ބުނަމުންނެވެ. ރޫނާގެ ފޯނުން ޔާސީން ސޫރަތް ޖަހާ އަޑުބާރުކޮށްލަމުން ޞަފިއްޔާގެ ގާތުގައި އިށީނެވެ. ނިކާލް ޞަފިއްޔާ އުފުއްލާލަމުން އެނދުގައި ރީއްޗަށް ބާއްވާލައިދިނެވެ. އެޔަށްފަހު ޞަފިއްޔާގެ ބޯ ކޮޅުގައި އިށީނދެ ބޮލުގައި ފިރުމަން ފެށިއެވެ. ފޯނުން ޖަހަމުން ދިޔަ ސޫރަތް ތަކުރާރުކޮށް 03 ފަހަރު ޞަފިއްޔާއަށް އިއްވި ފަހުން އޭނާގެ މޭ ހެޔޮވާގޮތްވެ ހޮޑުލަވާގޮތްވުން ކެނޑުނެވެ. ނަމަވެސް ބޮލުގައި ނުފިލާ ރިހުމެއް ހުއްޓެވެ. ރޫނާ އަނެއްކާ ވެސް ފޯނު ހާވާލާފައި ބަންގީގެ އޯޑިޔޯއެއް ޖަހަން ފެށިއެވެ. އެޔާއެކު ޞަފިއްޔާގެ ބޮލު ތެރެއަށް ފެތުރިފައިވާ ތޫނު ތަދު ކެނޑެމުންކެނޑެމުން ގޮސް މުޅިންހެން މީހާ ހަމަޔަކަށް އެޅުނެވެ.

"އަލްހަމްދުﷲ." ރޫނާ ބުނެލިއެވެ.

ޞަފިއްޔާގެ ސިކުނޑި މަސައްކަތްކުރަން ފެށީ އެ ހިސާބުންނެވެ. ނިކާލްގެ ކަންބޮޑުވެފައިވާ މޫނުގައި އޭނާގެ އިނގިލިތައް ޖައްސައިލަމުން ހިނިތުންވެލިއެވެ.

"މަންމަ މިހާރު ރަނގަޅޭ." ނިކާލް މަންމަގެ އަތުގައި ބާރަށް ހިފާލަމުން އެ އަތުގައި އޭނާގެ ތުންފަތް ޖައްސާބާރުކޮށްލިއެވެ. އެ ޚަރަކާތުން ނިކާލް އޭނާގެ މަންމަދެކެވާ ލޯބި ހާމަވެގެން ދިޔައެވެ. އެ މަންމަ ކުޑަ ނަމަވެސް ވޭނެއް ތަހައްމަލްކުރަން ޖެހޭތަން ބަލާކަށް އެނާގެ ހިތަށް ކުޅަދާނައެއް ނުވެއެވެ.

"މަންމައަށް އެ ވީ އުނދަގުލަކީ ހަމަ ސިހުރުގެ އަލާމާތްތަ؟" ނިކާލަށް އަދިވެސް ޤަބޫލުކުރަން އުނދަގުލެވެ. "އެކަމަކު ކާކު؟ ކީއްވެގެން؟ ކޮން މަޤުޞަދެއްގައި؟"

"ތީ އެހާ މުހިންމު ސުވާލުތަކެއްނޫން." ރޫނާ ޖަވާބުދިނެވެ. "ޞަފިއްޔައްތަ މިހާރު ރަނގަޅެއްނު. އެކަމާ ނުވިސްނާ. ނިކްއަށް ވެސް ޞަފިއްޔައްތައަށް ވެސް މިހާރު ޔަޤީންވެއްޖެއްނު ނިހާ ނިކާލްގެ ލޯބި ހޯދަން ސިހުރެއް ހަދާފައިނުވާކަން. ނިކާލަށް ވެވިފައިވަނީ ސިހުރު ލޯތްބެއްނޫންކަން."

ނިހާގެ ކުށެށް ނެތްކަން ނިކާލަށް ވިސްނުމާއެކު ނިހާއަށް ބަލާލެވުނުއިރު ދެލޮލަށް ބާރުވެލައިފައި ކަރުނަތައް ފުނިޖެހެން ފަށާފިއެވެ. ނިހާގެ ހާލަކީ ވެސް އެއީއެވެ. ނިކާލްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން އަޔެވެ. ނިހާގެ އެއްވެސް ކުށެށްނެތި އޭނާއަށް ހާދާހާ އަނިޔާއެއް ދެވިއްޖެއެވެ. ހާދަހާ އެއްޗެއްސެއް ކީއްޖެއެވެ. އެ ހަނދާންތައް އައުމާއެކު އެ މޫނަށް ބަލަންނުކެރިގެން އޭނާގެ ނަޒަރު ޞަފިއްޔާއަށް ބަދަލުކޮށްލައިފިއެވެ.

"މަންމަ އެއްވެސް އުނދަގުލެއްވޭތަ؟" ނިކާލް ސުވާލުކުރިއެވެ.

ޞަފިއްޔާ ޖަވާބުދިނީ ބޯ ހޫރުވައިލަމުންނެވެ. ނިހާގެ ކުށެށް ނެތްކަން ޔަޤީންވުމުން ވެސް ޞަފިއްޔާގެ ހިތް ނިހާގެ މައްޗަށް ސާފެއް ނުވެއެވެ. ނިހާގެ ވިޔާނުދާ އުޅުން މަތިން ހަނދާން ނައްތާލެވޭ ގޮތެއް ނުވެއެވެ. އެކަން ނިކާލްގެ ކުރިމަތީގައި ހާމަނުކުރިއެއް ކަމަކު އެދެމީހުން ގުޅޭކަށް އޭނާ އަދިވެސް ޤަބޫލެއްނޫނެވެ. އެހެނަސް އެދަނޑިވަޅުގައި ނިކާލްގެ އުފަލާއި ހިތްހަމަޖެހުމަށް ވިސްނާފައި ނިހާގެ ކިބައިން އޭނާ މާފަށް އެދުނީ ހަމައެކަނި ނަމަކަށެވެ. ނިހާ ނިކަން ހެވިފައިހުރެ މާފަށް އެދެން ނުޖެހޭނެކަމަށް ބުނެލިއެވެ.

ޞަފިއްޔާއާއެކު ރޫނާ ކޮޓަރިން ނުކުމެގެން ދިޔުމުން ނިހާއާއި ނިކާލް ކޮޓަރީގައި އެކަނިވިއެވެ. ދެމީހުން ދެމީހުނަށް ސިއްރުވެރި ގޮތަކަށް ބަލާލުމާއެކު ހަތަރު ކަޅި ސީދާވިއެވެ. ނިހާ އަވަސް އަވަހަށް އިސްޖަހާލިއެވެ. ނިކާލް އައިސް ކުރިމަތީ ހުއްޓުނުއިރު ނިހާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނާ ހިތް އަވަސްވެ ލަދުގަންނަގޮތްވަނީއެވެ. ނިހާގެ ގަނޑުފެން ގަނޑެއްފަދަ ދެއަތް ތިލައިގައި ނިކާލް ހިފާލިލެއް ބާރުކަމުން މުޅި ހަށިގަނޑު އައްސި ވެގެން ދިޔައެވެ.

"މިއަދު އަހަރެން އަސްލު ވަރަށް ލަދުގަނެއްޖެ." ނިކާލްގެ އަޑުގައިހުރީ މޮޅިވެރިކަމެވެ. "ނިހާގެ ކުރިމަތީގައި މަށަކީ ވަރަށް ބޮޑު ކުށްވެރިއެއް. މަށަކީ މީހުންނަށް އިތުބާރުކުރަން ނޭނގޭ ހިލަ ހިތެއްގެ ވެރިޔެއް. ތިހާ ސާފު ލޯތްބެއް ކިލަނބު ކޮއްލީ ވެސް އަހަރެން. ނިހާ އަހަރެން ދެކެ ތިވާ ހަޤީޤީ ލޯބި ނުފެނުނީ ވެސް އަހަންނަށް. މިއަދު ވަރަށް ވަރަށް ދެރަވެއްޖެ. ނިހާއާ ދިމާއަށް ހިތު ހުރި އެއްޗެއް ގޮވާ ވަރަށް ބޮޑަށް ތި ހިތުގައި ޖެއްސިއްޖެ. މީ ގޮތްދޫނުކުރުމާއި ހުރިހާ ކަމަކަށް ވުރެން ކުރިން ރުޅި އިސްކުރުމުގެ ނަތީޖާ. އަހަރެން ޖެހޭނެ ދޯ އަސްލު ނިހާއަށް އިތުބާރުކުރަން. އެކަމަކުވެސް މަށަށް ނުވިސްނުވީ. ނިހާ އަހަންނަށް މައާފުކޮށްދީ. އަހަންނަށް ކުރެވުނު ކުށަށް ނިހާ ދޭ ކޮންމެ އަދަބެއް ވެސް އަހަންނަށް ހައްޤު. ނިހާ ބޭނުން އަދަބެއްދޭންވީ. އެއްވެސް ޝަކުވާއެއްނެތް. ބޭނުންވަރަކަށް އެއްޗެހި ކިޔަންވީ. އަހަންނަށް މާފުކޮށްދީ. ނިހާ ހިތްހަމަޖެހެންދެން މި ހިތަށް އަނިޔާދީފަ ނަމަވެސް..."

ކުއްލިއަކަށް ނިހާ އިސްއުފުލާލަމުން ނިކާލްގެ އަނގަމަތީ އަތްއެޅިއެވެ. ނިކާލްގެ ލޮލުތެރެއަށް ފުނިޖެހިފައިވާ ކަރުނަތައް ފެނިފައި ނިހާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ނިކާލަށް ކުރެވުނު ކުށަށް ކުރަމުންދާ ހިތާމަ އެ މޫނުމަތިން ހާމަވެއެވެ.

"ނިކް ތިކަހަލަ ވާހަކަ ނުދައްކާ." ނިހާގެ އަޑު ހުރީ ބެދިފައެވެ. "ނިކްއަށް ހެޔޮހިތުން މާފުދީފިން. ހަޤީޤަތުގައި ނިކް މަށަށް އިތުބާރު ނުކުރީ މަގޭ ވެސް ކުށުން. ސިހުރު ހަދަން މަސައްކަތްކުރިކަން އެނގުނީމަ ކޮންމެ މީހަކުވެސް ޝައްކުކުރާނެ. އޭގެކުރިން އެކަން ސިއްރުކުރަން އުޅެވުނު ގޮތުން ނިކްއަށް ތިހެން ތިވީ. ކުށްވެރިޔަކީ އަހަރެން. ނިކްއެއް ނޫން. ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަން. އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން. އަހަރެން ނިކް ދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ."

ނިހާގެ އެސްފިޔަތަކުގެ ފުރަގަހަށް ޖަމާވެފައިވާ ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް އޮހޮރިގަތެވެ. ނިކާލް ވަރަށް ލޯތްބާއެކު އެ ކަރުނަތައް ފޮހެލަދިނެވެ.

"ދެން އެހެނެއްނުވާނެ. އަހަރެންވެސް ވަރަށް ލޯބިވޭ. ނިހާއަށް ވުރެ ވެސް ބޮޑަށް ލޯބިވޭ. ދުވަހަކު ވެސް ތި ހިތަށް އަނިޔާއެއް ނުދޭނަން. އަހަރެން ވަޢުދުވަން." ނިކާލްގެ ހިތަށް ލިބުނު ހިތްހަމަޖެހުމާއި އުފަލުގެ ސަބަބުން އޭނާ ނިހާއާ ބޮޑަށް ކައިރިވެލަމުން އޮޅުލައިގަތެވެ. އެ ބާރުގަދަ އަތުގެ ހިމާޔަތުގެ ތެރޭގައި ބޮޑިވެގަންނަމުން ނިހާ ހިތް ފުރެންދެން ރުޔެވެ. ނިހާގެ ނިތްކުރީގައި ތުންފަތް ޖައްސައިލައިގެން ހުރި ނިކާލަށް ވެސް ކަރުނަ ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ދެ ލޯބިވެރިން އެގޮތުގައި އެތައްއިރަކު ތިއްބެވެ. ފުރަތަމަ ފަހަރަށް ދެމީހުންނަށް އެކަކު އަނެކަކުގެ އިހުސާސްތައް އެންމެ ފުންމިނުން ހިއްސާކުރެވުނު ކަހަލައެވެ. ނިކާލް ދެލޯ ފޮހެލަމުން ކަރުނަތައް ހިންދާލިއިރު ވެސް ނިހާ ހިތުގައި ޖެހި ރޮމުން ގެންދިޔައެވެ.

"ހުއްޓާލާ. ލޯބި. ދެން ހުއްޓާލާ. މިހާރު ތީ ހަމައެކަނި އަހަރެންގެ ހައްޤެއް." ނިކާލްގެ ތުންފަތް ނިހާގެ ކޯތާފަތުގައި ޖައްސައިލިއެވެ. ނިހާގެ ހިތް ފުރިގެން ބަންޑުންވި ކަހަލައެވެ. އޭނާއަށް ލިބުނު އުފަލުގައި ލޮލުތެރެއަށް ކަރުނަ ގިނަވަމުން ދިޔައެވެ.

"ހުއްޓާ ނުލެވެންޏާ އެހެން ގޮތަކުން ހުއްޓުވަން ޖެހިދާނެ." އިރުކޮޅަކުން ނިކާލް ބުނެލިއެވެ.

ނިހާ ކަރުނަވީ ލޮލުން ނިކާލަށް ބަލާލިއިރު ހުރީ ލާނެއް ހިންޏެއް އައިސްފައެވެ.

"މަށަށް އެނގޭ ކަރުނަ ހުއްޓުވާނެ ގޮތެއް." ނިކާލްގެ އަތުން ނިހާގެ ކޯތާފަތުގެ ދެފަރާތުގައި ހިފަހައްޓާލަމުން ގުދުވެލުމާއެކު ނިހާގެ މުޅިގައިން ހީބިހި ހިލުވާލިއެވެ. ނިހާއަށް ދެލޯ މަރާލެވުނީ ބޭއިޙްތިޔާރުގައެވެ. އޭނާ އެކަމަށް އިޖާބަދެވުނުއިރު މަސްތުގެ ފުންކަނޑަކަށް ދެމީހުން ވެސް ޣަރަޤުވެއްޖެއެވެ. ނިހާގެ ނޭވާ ކުރުވެގެން ދިޔަ ވަގުތު ހޭވެރިކަންވެ، ނިކާލްގެ މޭ މަތީ ދެއަތް އަޅާ ކޮށްޕާލެވުނެވެ.

"ދުރުގަ ހުރޭ." ނިހާ ލަދުންގަތް ވަރުން ބުނެވުނެވެ.

"އޯހ. ހިތަށް ވަރަށް ތަދުވެއްޖެ." ނިކާލް މޭމަތީ ދެއަތް އަޅަމުން ވައްތަރެއް ޖައްސައިލިއެވެ. "އަދިވެސް؟"

ނިކާލް ބޭނުންވީ ނިހާ އިތުރަށް ލަދުގަންނުވާލާށެވެ.

"ބޭނުމެއްނޫން." ނިހާ އަތުގެ ނުފުށުން ތުންފަތުގައި ޖައްސައިލަމުން ރަކިގޮތަކަށް ހިނިތުންވެލިއެވެ.

ނިހާ ލަދުވެތިކަން ފޮރުވަން އުޅުން ނަމަވެސް އެ މޫނުމައްޗަށް އަރާފައިވާ ޖަންބުކުލައިން އެ އަސަރު ސިއްރުވާ ގޮތެއް ނުވިއެވެ. އެ ލަދުވެތިކަން ފެނި ނިކާލްގެ ހިތް އުދުއްސައިގަތް ކަހަލައެވެ. އޭނާއަށް އަންހެނެއްގެ ކިބައިން ފެންނަ އެންމެ ގަޔާވާ އެއްސިފަޔަކީ އެއީއެވެ. ނިހާއަށް ޖެއްސުންކޮށްލަން އޭނާގެ ހިތް އެދުމުން ކުޑަކޮށް ހެވުނެވެ. ނިކާލް ފަހަތަށް ފިޔަވަޅުތަކެއް އަޅާލަމުން ގޮސް ދޮރު ލައްޕާލީ ސިއްރުސިއްރުންނެވެ. ދޮރު ތަޅުލި އަޑަށް ނިހާ ސިހިފައި ބަލާލިއެވެ. ނިކާލް ލައިގެން ހުރި ގަމީހުގެ ގޮށް ނައްޓުވަމުން އޭނާއާ ދިމާއަށް އަންނަ ފެށުމުން ދެލޯ ބޮޑުކޮށްލެވުނެވެ.

"މިއަދު ސަލާމަތެއް ނުވާނެ." ލާނެއް ހިންޏަކާއެކު ނިކާލް ބުނެލިއެވެ. "ހީކުރީ އެންމެ ބޮހަކުން ޗަލުވާލެވޭނެ ކަމަށްތަ؟"

ނިހާ ފަހަތަށް ޖެހިލިއިރު މުޅި މީހާ ފިނިވެއްޖެއެވެ. ގަމީހުގެ ހުރިހާ ގޮށެއް ނައްޓުވާލަމުން ނިކާލްގެ ހަށިގަނޑާ ގަމީސް ވަކިކޮށްލުމުން ނިހާ ލަދުންގަތް ވަރުން ތިރީތުންފަތުގައި ބާރަށް ދަތްއަޅާލެވުނެވެ. ވަރުގަދަ ހަށިގަނޑަކާއި އޮމާން މޭ މައްޗެކެވެ. އެ މޭމަތީގައި ބީހިލުމަށް ހިތް އެދުނު ނަމަވެސް ނިކާލަށް ބަލަން ނުކެރިގެން އޭނާއަށް އިސް ޖަހައިލެވުނެވެ.

"ދުރުގަހުރޭ." ސިއްރުވެރި ގޮތަކަށް ބަލަމުން ނިހާ ޖެހުނީ ނިކާލްއާ ދުރަށެވެ.

"މިވެސް ބާލަންވީތަ؟" ނިހާ ބަލާލިއިރު ނިކާލް ހުރީ ޖިންސްގައި ހިފަހައްޓައިލައިގެން މަސްތީ ބެލުމަކުން ބަލާށެވެ. ނިކާލް ސަމާސާއަކަށް ހަދާފައި ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އެ ޖީންސް ބާލާކަށް ވެސް އޭނާ ފަހަކަށް ނުޖެހޭނެއެވެ. ކަންތައް ވާން އުޅުނީވެސް އެހެންނެވެ.

"ފުރޭތަފަޅި. ދުރުގަހުރޭ. ބޭނުމެއްނޫން އެކައްޗެއްވެސް. ވަރަށް ފޫހިވޭ." ނިކާލް ބެލްޓު ނައްޓުވާލުމަށް ހިފާލުމާއެކު ނިހާ ބާރަށް އެހެން ބުނެފައި ހަލުވިކޮށް ހިނގާލައިފައި ގޮސް ކޮޓަރިން ނުކުތެވެ. ނިކާލަށް ބާރުބާރަށް ހެވުނެވެ. މުށިގަނޑުމަތީ އޮތް ގަމީސް ނަގައި ގަޔަށް މަހާލަމުން ލޯގަނޑު ކުރިމަތީ ހުއްޓުނުއިރު ވެސް އޭނާގެ ހުނުން މެދު ނުކެނޑެއެވެ. އޭނާ ހިތްހަމަޖެހި އުފާވެފައިވާ މިންވަރު އުޖާލާވެފައިވާ މޫނުން ފާޅުކަން ބޮޑު ގޮތެއްގައި ހާމަވާން ހުއްޓެވެ.

"ދުވަހަކުވެސް ދެރަގޮތެއް ނުހަދާނަން. އިތުބާރު ވެސް ކުރާނަން. ވަރަށް ލޯބިވޭ." ނިކާލްގެ އަމިއްލަ ނަފްސަށް ވަޢުދުތަކެއްވިއެވެ.

އިންޝާ ކޮޓަރިން ނުކުތް ވަގުތު ނިކާލްގެ ކޮޓަރި ދޮރުގައި ލެނގިލައިގެން ހެވިފައިހުރި ނިހާ ލޮލުގައި އަޅައިގަތެވެ. އެތައް ދުވަހަކަށްފަހު ނިހާގެ މޫނުމަތިން ހިނިތުންވުމެއް ފެނުމުން އިންޝާ ވެސް އުފާވިއެވެ. އިންޝާ އައިސް ގާތަށް ހުއްޓުނުއިރު ވެސް ނިހާއަށް ނޭނގުނެވެ. ނިހާ ލޯމަރާލައިގެން ހިޔާލީ ދުނިޔެއަކަށް ގެއްލި ރަކި ހިންޏެއް އައިސްފައި ހުރިގޮތުން އިންޝާއަށް ހެވުނެވެ. ނިހާއަށް މާނޭވާ ލެވެއެވެ. އޭނާ މޭމަތީގައި އަތް ބާއްވާ ބާރުކޮށްލައިގެން ހުރި ގޮތުން ހީވަނީ މޭފަޅާފައި ހިތް ނިކުންނަން އުޅޭތީ ހިފަހައްޓައިގެން ހުރި ހެންނެވެ.

"ހޭލާހުރެ ހުވަފެން ބަލަނީތަ؟" ނިހާގެ ކޮނޑުގައި އިންޝާ އަތް ބާއްވައިލުމާއެކު ނިހާ ސިހުނެވެ.

"އޭނ. ކީކޭ" ނިހާއަށް ބުނެވުނެވެ.

"މިބުނީ ހޭލާހުރެ ހުވަފެން ބަލަނީހޭ." އިންޝާ ނިކަން ހެވިފައި ހުރެ ބުންޏެވެ. "ހާދަހާ ސިއްރުންނޭ ތިއުޅެނީ. ނިކަން މަށަށް ވެސް އަންގައިލައިގެން އުޅެބަލަ."

"ނިކްއަށް އަހަރެންގެ ކުށެށް ނެތްކަން ޤަބޫލުކުރެވިއްޖެ. މާފަށްވެސް އެދެފި." ނިހާ އުފާވެފައި ހުރެ ބުނެލިއެވެ.

އެކުވެރިޔާގެ މޫނުމަތީގައި ވި ރަކި ހިނިތުންވުމުގެ ހަޤީޤަތް އެނގުމުން އިންޝާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. މަޑު ހަޅޭކުގެ އަޑާއެކު ނިހާގެ ދެއަތުގައި ބާރަށް ހިފާލެވުނުއިރު އިންޝާ އެ ވާހަކަތަކުގެ ތަފުސީލު ބޭނުންވެފައި ހުރިކަން ނިހާއަށް އެނގުނެވެ. ރޫނާގެ ފަރާތުން އެ މީހުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުވި ވާހަކަ ކިޔަދިނުމާއެކު އިންޝާ އުފަލުން ފުމެންފެށިއެވެ. ނިހާގެ އުފަލަށް ޝުކުރުވެރިވާ ހާލުގައި އިންޝާ އަވަސްވެގަތީ ނަޒީލް ހޯދާށެވެ. ނަޒީލަށް އެ ހަބަރު ވެގެންދިޔައީ ވަރުގަދަ ޝޮކަކަށެވެ. މޫނުމަތީގައި ޖަހައިލެވުނު ވަރުގަދަ އެތި ފަހަރަކަށެވެ. ނަޒީލްގެ މޫނުމަތީގެ ކުލަވަރު އިންޝާއަށް ތަރުޖަމާ ކުރެވުނީ މުޅިން ނުބައިކޮށެވެ. ނަޒީލަށް އެ ވާހަކަތައް ޤަބޫލުކުރަން އުނދަގޫވީހެން އިންޝާއަށް ހީވިއެވެ.

"ނިހާއަށް ރޫނާގާތު ކާވެންޏަށް ދެކޮޅުހަދަން ބުނަން ދެވުނުކަން އެއީ ހަމަ ނަސީބު ދޯ؟" އިންޝާ އިރުއިރު ކޮޅަށް ބުނެލައެވެ.

ނަޒީލް ހުރީ ބޮލަށް އުނދަގޫވެ ބޮލުގައި ރިއްސައި ގޮތްވެފައެވެ. ނިހާގެ އިންޒާރުތަކުގެ ސަބަބުން އޭނާ ނިކާލްގެ ކާވެނީގެ ކަންކަމުން އެއް ފަރާތްވެލަން ނިންމައިގެން ހުރި ނަމަވެސް އޭނާ އުންމީދުކުރީ މަންމަ ހުރިހާކަމެއް ރޭވިފައިވާ ގޮތަށް ކުރިޔަށް ގެންދާނެކަމަށެވެ. ރޫނާގެ ނަސޭޙަތް އަޑުއަހައިގެން އެ ބުނާ އެއްޗެއް ނިކާލަށް އަޑު އިއްވުމުގެ ފުރުޞަތު މަންމަ ދިނީ ކީއްކުރަން ހެއްޔެވެ؟ ނިކާލަށް ސިހުރުގެ އެއްޗެއް ކާންދެވިފައި ނެތަސް ވަރިހަމައެވެ. އެމީހުން ލޯބިވެރިންގެ ގޮތުގައި ގުޅިގެން އުޅޭތަން ދެކޭކަށް އޭނާއަށް ކުޅަދާނައެއް ނުވާނެއެވެ. ބައްޕައަށް އެކަން އެނގިއްޖެނަމަ ގޭތެރޭގައި ބޮޑު ހާޖާނުގަނޑެއް އުފެދޭނެކަން ޔަޤީނެވެ. މަންމަ ވެސް އެވަރު ވިސްނާލަން ވާނެ ނޫން ހެއްޔެވެ؟

ރޫނާ ބުނާ ގޮތުން ޞަފިއްޔާއަށް ވަނީ ސިހުރުޖެހިފައެވެ. ޞަފިއްޔާގެ ފުށުން ފެނުނު ޢަލާމަތްތަކަކީ އެކަމުގެ ހެތްކެކެވެ. އޭނާއަށް ލިބުނު ތުރާތަކުން މިންޖުކުރުވުމަށް ސޫރަޠުލް ޔާސީންއާއި ބަންގީގެ އަޑު އިއްވުމުން އުނދަގޫތައް ފިލައިދިޔުމުން ސިހުރު ބާޠިލުވެގެން ދިޔައީ ކަމަށް ޞަފިއްޔާ ހީކުރިއެވެ. ނަމަވެސް ސިހުރު ބާޠިލުކުރުމަކީ އެ ގޮތަށް ކުރެވޭނެ ކަމެއް ނޫންކަމުގައި ރޫނާ ބުނުމުން ޞަފިއްޔާ އިނީ ހާސްވެފައެވެ.

"މަށަށް ސިހުރުހަދާވަރުގެ މީހެއް ނުހުންނާނެ. ރޫނާއަށް ހަމަ ޔަޤީންތަ؟" ޞަފިއްޔާއަށް އަދިވެސް ޤަބޫލުކުރަން އުނދަގުލެވެ.

"ޤަބޫލުކުރަން އުނދަގޫވިޔަސް ހަޤީޤަތަކީ މީ. އަހަރެން ނިކާލްގެ ކުރިމަތީގައި އޭރު ހަޤީޤަތް ހާމަނުކުރީ. އޭނާއަށް ވެސް ހީވި ކަންނޭގެ ދައްތަ މުޅިން ރަނގަޅުވީއެ." ރޫނާ ބުނެލިއެވެ.

"ދެން ކިހިނެއް ހަދާނީ؟ މަށަށް ސިހުރު ހަދަންވީ ކީއްވެގެން ކޮންކަމަކު ކާކުބާ؟ އެކަން ކުރި މީހެއް ރޫނާ ބަލާދެވިދާނެތަ؟" ޞަފިއްޔާ އެދުނެވެ.

"ސިހުރުހަދާ މީހުން ހޯދުމެއްނޫން މީގަ މުހިންމީ. ސިހުރުން ރައްކާތެރިވެ ތިބުން މުހިންމީ." ރޫނާ ކަންކުރަންވީ ގޮތް އޮޅުންފިލުވައި ދިނެވެ.

ސިހުރުޖެހިފައި ހުރިކަން ޔަޤީންވުމާއެކު އަވަސްވެ ގަންނަންވީ ސިޙުރުގެ ބާވަތް ދެނެގަތުމަށެވެ. ސިޙުރުގެ ތަފާތު ގިނަ ބާވަތްތަކެއް ހުރެއެވެ. ދެމަފިރިން ވަރިކުރުމަށް ހަދާ ސިހުރާއި، ރިޒްޤަށް ހުރަސްއަޅާ ސިހުރާއި، ޚިޔާލުތައް އުފައްދާ ސިހުރާއި މޮޔަކުރުވާ ސިހުރުތައް ފަދަ އެތައް ބާވަތެއްގެ ސިހުރު ހުރެއެވެ. ސިހުރުޖެހިފައިވާ މީހާއަށް ކުރިމަތިވާ އުނދަގޫތަކުން އެ ބާވަތް ދެނެގަނެވިދާނެއެވެ. ބާވަތް ދެނެގަނެވުމުން އެމީހަކަށް ކުރެވޭނެ ޙާއްސަ ފަރުވާ ވެސް އެނގިގެންދާނެއެވެ.

"އެހެންވީމަ ދައްތައަށް އަހަރެންދޭނަން ފޮތެއް." ރޫނާ ބުންޏެވެ. "ތަފާތު ސިހުރުގެ ޢަލާމާތްތައް ކިޔާ ފޮތެއް. ދައްތަ އެ ފޮތް ކިޔާފައި އަމިއްލައަށް ދެނެގަނޭ ސިހުރުގެ ބާވަތް. ވަރަށް ތަފްސީލުކޮށް އެފޮތުގައި ހުންނާނެ ބުނެދީފައި. އޭރުން އަހަރެން ދައްތައަށް ކުރަންޖެހޭ ރުޤުޔާއެއް ކޮށްގެން ތި ސިހުރު ބާޠިލުކޮށްދޭނަން އިންޝާﷲ"

"އެންމެ ރަނގަޅު. ރޫނާ މި ވާހަކަ އެއްވެސް މީހެއް ގާތުގައި ނުބުނައްޗޭ." އެ ވާހަކަ މަރުޖީނާއަށް އެނގި ރަށު ތެރެއަށް ފެތުރިދާނެތީ ޞަފިއްޔާ ކަންބޮޑުވިއެވެ. ރޫނާ ވަގުތުން އެއްބަސްވިއެވެ.

ބާބު 09 - ނިހާގެ ވޭދަނަ

"އެ ކުރޮނޑި އާދަނު ކަންތައް މިހާރު މި ދަނީ މާ މައްޗަށް. ގޯތީގެ އިރުމަތީ ފަރާތުގައި ހުރި އެޅިގާ ފުނިން ގައު ވަގަށް ނަގައި ނަގައި އެ މިހާރު ހުސްކޮށްފި. މިވާހަކަތައް ތިބޭފުޅުންނަށް ކިޔާދީ ދީ އަނގައިގަ ގުއި ރަހަލާވަރުވެއްޖެ. އެކަމަކު ތިބޭފުޅުންނަށް ވާކަމެއް ހަރާން. އެއްވެސް ފިޔަވަޅެއް އެޅުނުކަމަކަށް ނުވޭ." އޭނާ ނިކަން ރުޅިއައިސް އަތުން މޭޒުމަތީގައި ބާރަށް ޖަހަމުން ބުނެލިއެވެ.

"އަޅުގަނޑުމެން ތި މައްސަލައިގަ އެ ބޭފުޅާއާ ކިތަންމެ ފަހަރަކު ވާހަކަ ދައްކައިފިން." ފައިރޫޒް ވާހަކަ ދެއްކީ އަދަބުވެރިކަމާއެކުވެ.

"ކަލޭމެން ސަރުކާރު ޕާޓީގެ މީހެއްވީމަ ވާހަކަ ދައްކާފަ ދޫކޮށްލަނީ. ދެން މަށެއް ނާންނާނަން މި މައްސަލަ ރިޕޯޓް ކުރާކަށް. އޭނާގެ އަތެއް ފަޔެއް މުގުރާލީމަ މަ ހައްޔަރު ކުރަންނާންނާތި." އިންޒާރެއް ދިނުމަށްފަހު އެމީހާ ކެބިންގެ ދޮރު ހުޅުވާލައިފައި ނުކުމެގެން ދިޔައީ ފައިރޫޒްގެ އިޒުނަ ވެސް ހޯދުމެއް ނެތިއެވެ.

ފައިރޫޒް ފުން ނޭވާއެއް ދޫކޮށްލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. ދުވާލަކު އެތައް ބަޔަކު އެފަދަ ތުޙުމަތުތަކުގެ އިނގިލިތައް ދިއްކުރުމަކީ މިހާރަކަށް އައިސް އާންމުކަމެކެވެ. ވަކި ކުލައަކަށް ނަސްލަކަށް ބެލުމެއްނެތި ހަމަހަމަކަމާއެކު އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރި ނަމަވެސް އެންމެންގެ ހިޔާލު އެއްގޮތް ނުކުރެވޭނެކަން ފައިރޫޒް ދަނެއެވެ. އެމީހާ ދެއްކި ވާހަކަތަކާމެދު ވިސްނާލަން ފައިރޫޒަށް އިނދެވުނެވެ.

މޭޒުމަތީގައި އޮތް ފޯނު ތެޅިލިހެން ހީވުމާއެކު ފައިރޫޒް ފޯނުނަގައި ބަލާލިއިރު ކޯލެއް މިސްވެފައި އޮތެވެ. ނުދަންނަ ނަންބަރަކުން އައިސްފައި އޮތް ކޯލަކަށްވުމުން އޭނާ އެ ނަންބަރަށް ގުޅާކަށް ގަސްދެއްނުކުރިއެވެ. ނިހާ ބަލިވެ އުޅޭތީ ހަބަރެއް ބަލާލުމަށް ގުޅާލަން އުޅެފައި ނިދިފައި އޮވެދާނެތީ ފޮނުވާލީ މެސެޖެކެވެ. ޖަވާބަކަށް އިންތިޒާރުކުރަމުން އޭނާ ފޯނުގެ ސުކުރީންގައި ވާ ނިހާގެ ފޮޓޯއަށް ބަލަން އިންއިރު ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. އިރުކޮޅަކުން ފޯނު "ވައިބުރޭޓް" ވެގެން ބަލާލިއިރު ކުރިން ގުޅާފައި އޮތް ނުދަންނަ ނަންބަރުން މެސެޖެއް އައިސްފައި އޮތެވެ.

"ނިހާއަށް ޖިންސީ ގޯނާއެއްވެފައި ނުވާކަމަށް ރިޕޯޓުން ދެއްކި ނަމަވެސް އެއީ ހަޤީޤަތެއްނޫން. ހަޤީޤަތަކީ ޕޮލިހުންނަށް ލިބުނު މެޑިކަލް ރިޕޯޓު އޮތީ ވަކި މީހަކު އަންގައިގެން ޑޮކްޓަރު ބަދަލުކޮށްފައިކަން." ސާފު އިނގިރޭސި ބަހުން ލިޔެފައިވާ އެ މެސެޖު ކިޔާލެވުމާއެކު ފައިރޫޒްގެ ދެލޯ ބޮޑުވިއެވެ.

އޭނާ ގޮނޑިން ތެދުވެލަމުން އަވަސް އަވަހަށް އެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ދެތިން ފަހަރު ގުޅުމުން ވެސް އެ ނަންބަރަށް ގުޅޭ ގޮތެއްނުވިއެވެ. ނަންބަރުގެ ވެރި ފަރާތް ބަލާލަމުން ދެން އޭނާ އަވަސްވެގަތީ ޓީމުގެ މެންބަރުންނަށް އެ ހަބަރު ދޭށެވެ.

އެރޭ ނިހާ ކޮޓަރިއަށް ވަން މީހަކު އޭނާއަށް ޖިންސީ ގޯނާއެއް ކުރިކަމަކަށް ބަޔާނުގައި ބުނެފައެއް ނުވެއެވެ. އެ ބަޔާނުގައި ވަނީ އޭނާއަށް ކޮޓަރި ތެރެ އަނދިރިކަމުން އެއްވެސް ތަނެއް ނުފެނުނުކަމަށެވެ. އެމީހާ އޭނާ ލައިގެން ހުރި ފޭރާން ވަކިކުރީ ގަދަކަމުންކަމަށް ބުނިއިރު އޭގެ ފަހުން ވީ ގޮތެއް ޚުދު ނިހާއަށް ވެސް ނޭގޭކަމަށް ބުނެފައިވެއެވެ. މެސެޖުގައިވާ ގޮތަށް ރިޕޯޓު ބަދަލުކުރެވިފައިވާނަމަ އެކަން ކުރާނީ އެ މައްސަލައާ ގުޅުންހުރި މީހެކެވެ. މީހަކު ސަމާސާއަކަށް މެސެޖެއް ފޮނުވާލަފާނެޔޭ ފައިރޫޒަށް ހީވި ނަމަވެސް އޭނާ ބޭނުންވީ ކަމުގެ އެންމެ އަޑިއަށް ފީނާ ބަލާށެވެ.

ޓީމުގެ މެންބަރުންނާއެކު ކުއްލި ބައްދަލުވުމެއް ބާއްވައި ލިބުނު މެސެޖާ ގުޅޭ މައުލޫމާތު ފައިރޫޒް ހިއްސާކުރިއެވެ. އަދި ބައިވެރިންނަށް އެކަމުގައި ފެންނަ ހިޔާލެއް ހުށަހެޅުމަށް ފުރުޞަތު ދެވުނެވެ.

"ސަރ. އަޅުގަނޑަށް ފެންނަނީ ތި މެސެޖު ފޮނުވި ފަރާތެއް ހޯދަން. ޑޮކްޓަރ މިތަނަށް ހާޟިރުކޮށް އޭނާގެ ބަޔާން ނަގާ ސުވާލުކުރާ ހިސާބުން ތި މަޢުލޫމާތަކީ އެއްވެސް އަސްލެއް ނެތް މަޢުލޫމާތަކަށް ވެއްޖެނަމަ ރައްޔިތުންގެ ގެ މެދުގައި ޑޮކްޓަރަށް އޮތް އިތުބާރާ އިހްތިރާމް ގެއްލި އޭނާގެ އަބުރު ގެއްލޭ ގޮތްވެދާނެ. އެފަދަ ކަމެއްގެ ޒިންމާ މި އިދާރާގައި އެޅިއްޖެނަމަ އަޅުގަނޑުމެން ކުރިމަތިލާން ޖެހޭ ފިއްތުންތަށް މިހާރަށް ވުރެން ބޮޑުވާނެ. އެހެންވީމަ އެންމެ ފުރަތަމަ ތި މެސެޖު ފޮނުވި ފަރާތެއް ބަލާލުން ކިހިނެއްވާނީ؟" ޖަނާން އޭނާގެ ހިޔާލު ފާޅުކުރިއެވެ.

"ދެތިން ފަހަރު ނަންބަރަށް ގުޅާވެސްލިން. ނުގުޅުނު. ސިމްގެ ވެރި ފަރާތަކަށް އޮތީ ވެސް ބަންގުލަދޭޝް ރައްޔިތެއްގެ ނަން. ވެދާނެ ޞައްހަނޫން މަޢުލޫމާތަކަށް ވެސް. ނޫނީ ވެދާނެ އެމީހަކު ބޭނުންވަނީ ސިއްރިއްޔާތުގައި މި ކޭސްއަށް މަދަދުވެރިވާން ކަމަށް ވެސް." ފައިރޫޒް ބުނެލިއެވެ.

"އަޅުގަނޑަށް ފެންނަނީ ތި މެސެޖާ ގުޅިގެން ފިޔަވަޅެއް ނާޅައި އިހަށް މަޑުކޮށްލައްވަން." ޓީމުގެ އެހެން މެންބަރަކު ބުންޏެވެ. "މާނިޢު ވެސް ރަށަށް އެނބުރި އަތުވެއްޖެ. އެންމެ ކުރިން އޭނަގެ ބަޔާން ނެގުމުގެ ކަންތައް ކުރިޔަށް ގެންދަވަންވީނޫންތޯ؟ ދެން ތި މެސެޖު ފޮނުވި ފަރާތެއް ހޯދުމަށް ދެ ދުވަހެއްވަރު މަސައްކަތްކޮށްލާފައި ކުރިމަގެއް ނުލިބުނިއްޔާ ޑޮކްޓަރު ވެސް ހާޟިރުކުރާނީ. ކޮންމެ ގޮތެއްވިޔަސް ތި ގޮތަށް ލިބޭ މަޢުލޫމާތުތައް ދޫކޮށެށް ނުލެވޭނެ."

"އެންމެ ރަނގަޅު. އެހެންވީމަ ތި ގޮތަށް ކުރިޔަށް ގެންދާނީ. މާނިޢުގެ ބަޔާން ނެގޭނެ އިންތިޒާމު ހަމަޖައްސާ." އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ފައިރޫޒް ބުންޏެވެ. "މިރޭ 08 ޖަހާއިރު އޭނަ ގެނޭ. އަދި މި މެސެޖާގުޅޭ އެއްވެސް މަޢުލޫމާތެއް ޓީމުން ބޭރުވިޔަދީގެން ނުވާނެ."

"ލައްބަ. ސަރ" އެންމެން އެއްޑަކުން ކިޔާލިއެވެ.

********

އިލްހާމަށް ދިރިއުޅުމުގައި މުޅިންހެން ކުރިމަތިލާން ޖެހިފައި ވަނީ ހާސްކަމާއި ކަންބޮޑުވުމާއެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ފިކުރުކުރަން ޖެހޭ ކަންކަމެވެ. ހަތަރު ފަރާތުގައި ވެސް ނުތަނަވަސްކަމެވެ. ކަންބޮޑުވުމެވެ. ނިހާގެ ކިބައިން ސަލާމަތް ނުވެވި އުޅެނިކޮށް ނުވެސް ދެނަ ހުއްޓާ އަންހެން ދަރިޔަކު ދުނިޔެއަށް އުފަންވެއްޖެއެވެ. އެ ހިސާބުން ޞަފިއްޔާ ކުރަމުން އައި އިތުބާރު ގެއްލި ދިރިއުޅުން އޮޅުން ބޮޅުން ގަނޑަކަށް ވެއްޖެއެވެ. ނިކާލާއި ޞަފިއްޔާއަށް ވިސްނައިދޭނެ ގޮތެއް ނުފެނި އުޅެނިކޮށް ލިބުނީ ދީޕިކާގެ އިންޒާރުތަކެވެ. އެ އިންޒާރުތައް މާ ބޮޑު ކަމެއްގެ ގޮތުގައި ނުދެކެވުނަސް ޞަފިއްޔާ ހަމަޔަކަށް އަޅުވަން ވިސްނާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޞަފިއްޔާގެ ފިޔަފަޅައި އުދުއްސައި ގަނެގެން ހިނގައިދާނެކަމުގެ ބިރު ވެސް ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. އަންހެންދަރީގެ ވަނަވަރު ހޯދަން އިލްހާމްގެ ހިތަށް އެރިއެވެ. އެ މަޢުލޫމާތު ލިބުމުން ގެއްލިފައިވާ އިތުބާރު އޭނާއަށް ލިބިދާނެ ހެއްޔެވެ؟ ދެމަފިރިން ޞުލްޙަވެދާނެ ހެއްޔެވެ؟ އިލްހާމަށް ޔަޤީންކަމެއް ނެތެވެ. ދެން އޭނާގެ ބުއްދިއަށް އައީ ޞަފިއްޔާގެ ފިޔަކޮށާލައި ގޭތެރޭގައި ހައްޔަރުކޮށްލުމެވެ. އެއީ ދާއިމީ ހައްލަކަށް ވެދާނެހެއްޔެވެ؟ އެ ސުވާލު ވެސް އޭނާގެ ހިތުގައި އުފެދުނެވެ.

އިލްހާމްގެ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކޮށްލެވޭނެފަދަ އެކުވެރިޔަކަށް ވަނީ ބޭނުންވެފައެވެ. އޭރުން ވެސް ސިކުނޑިއަށް ލުޔެއް ލިބި ރަނގަޅު ޚިޔާލެއް ވެސް ލިބިދާނެކަމަށް އިލްހާމް ދެކެއެވެ. އޭނާ ކިތަންމެ ބޭނުންވިޔަސް ދިރިއުޅުމުގައި ހުރި ކަންކަން ޞައްތާރުއާ ޙިއްސާކުރެވޭކަށް ނެތެވެ. ޞައްތާރުއަށް އޭނާގެ އަނދިރި ފަރާތް ފެނިފައެއް ނުވާނެއެވެ. އޭނާގެ ޖަރީމާތަކާއި، އަރައިގަނެފައި ހުރި ބޮޑެތި ކުށްތައް އަދި ފޮރުވިފައިވާ ހަޤީޤަތްތަކުގެ ކުޑަ ވެސް މިންވަރެއް އެނގިފައެއް ނުވާނެއެވެ. ކުޑައިރުންސުރެން އެކުގައި އުޅުނު އޭނާގެ ހަޤީޤަތް އެނގޭނެ މީހަކަށް ހުންނާނެ ހަމައެކަނި މީހަކީ އިބްރާހީމްބެއެވެ. ނަމަވެސް އިބްރާހީމްބެއާ ވެސް މޫނު ކެނޑުނުތާ ޒަމާންތަކެއް ވެއްޖެއެވެ. އަހަރުތަކެއް ކުރިން މައްސަލަ ޖެހި ކުނިޖެހުނު ފަހުން އިބްރާހީމްބެ އޭނާއަށް ނަފްރަތުކުރެއެވެ. އެކުވެރިޔަކަށް އެންމެ ބޭނުންވީ ދުވަހު އެކަކުވެސް ނެތުމުން އިބްރާހީމްބެ މަތިން އިލްހާމް ވަރަށް ހަނދާންވިއެވެ. އެ ގުޅުން ރަނގަޅުކޮށް އެކުވެރިކަން އިޔާދަކުރުމަށް ބޭނުންވިއެވެ. އިބްރާހީމްބެއަށް ގުޅަމުންދާތާ ހަފްތާއެއްހާ ދުވަސްވީއިރު ވެސް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

އިބްރާހީމްބެއާ ބައްދަލުކުރުމަށް އެގެޔަށް އިލްހާމް ދިޔުމުން ވެސް ބައްދަލުވާ ގޮތެއް ނުވިއެވެ. ލިބުނު މާޔޫސްކަމާއެކު އެ ގެއިން ނުކުންނަނިކޮށް ކުރިމަތީގައި ހުރި ހޮޓަލުން އިބްރާހީމްބެ ނުކުތްތަން ފެނުނެވެ. އިބްރާހީމްބެއަށް ގޮވާލަމުން އިލްހާމް އަތުން ހަނާ އަޅާލިއެވެ. އިބްރާހީމްބެ އަޅާނުލާ ދާނެކަމަށް އިލްހާމް ހީކުރި ނަމަވެސް ކަންތައް ވީ ހީކުރި ގޮތާ މުޅިން ހިލާފަށެވެ.

"ކޮންކަމަކު؟" އިބްރާހީމްބެ ގާތަށް އައިސް ހުއްޓެމުން އަހާލިއެވެ.

އިބްރާހީމްބެގެ ކިބައިން ނުރުހުމުގެ އަސަރު ނުފެނުމުން އިލްހާމް ހިނިތުންވެލިއެވެ. ރައްދުގައި އިބްރާހީމްބެގެ ހިނިތުންވުމެއް ލިބުމުން އިލްހާމް ހިތްހަމަ ޖެހުނެވެ.

"ކަމަކުނޫން. މި އައީ ވާހަކަ ދައްކާލަން. މިގޮތަށް ދެމީހުން މޫނު ހަދައިގެން އުޅޭނެކަމެއް ނެތެއްނު. މަށަށްވެސް ކަންތައްކުރެވުނު ގޮތް ގޯސް. އޭގެ ބަދަލު އަނބުޅޭ ވެސް ދީފި. ދެމީހުން ވެސް ހަމަހަމަ ވީ. ދެން އެކަން ހަނދާން ނައްތާލާފައި ކުރިޔަށް ދަމާ ހިނގާ. އަނބުޅޭ ކަހަލަ އެކުވެރިޔަކު ނެތްކަމުގެ އިޙްސާސް މިއަދު މަށަށް ކުރެވެން ފަށައިފި." އިލްހާމް މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

"ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟" އިބްރާހީމްބެ ސުވާލުކުރިއެވެ. އިލްހާމް ކަހަލަ ބޮޑާ ކިބުވެރި މީހަކު އެހެން މީހެއްގެ އެހީތެރިކަން ބޭނުންވުމުން ނޫނީ އެހާ ކުޑަވެގެން ވާހަކަ ނުދައްކާނެކަން އިބްރާހީމްބެއަށް އެނގެއެވެ. އެކުގައި އެހާ ދުވަހު އުޅެވިފައި ހުރުމުން އިލްހާމްގެ މިޒާޖު ވަރަށް ރަނގަޅަށް އޭނާއަށް އެނގެއެވެ. އަމިއްލަ އެދުމެއްނެތި އެއްވެސް ކަމެއް އެ ފިރިހެނާ ނުކުރާނެއެވެ. އިބްރާހީމްބެއާ ޞުލްޙަވުމުގެ ހިޔާލު އެ ކުރީ ވެސް ބޭނުމެއް އޮތީމައިކަން ކަށަވަރެވެ.

"އެއްވެސް ކަމަކުނޫން. ހިނގާބަލަ އަނގަތަޅާލަން ސަޔެއް ބޯލާށާއެކީ." ހޮޓަލާދިމާއަށް އިލްހާމް އިޝާރާތްކުރަމުން ބުންޏެވެ.

"ތި ބޭނުންވެގެން އުޅޭކަމެއް ބުނޭ." އިބްރާހީމްބެ ހުރި ފިޔަވަޅު މަތިން ގުޑިވެސް ނުލާ ހުއްޓެވެ.

"އަނބުޅޭ ކަހަލަ އެކުވެރިއެއް ނެތުމުގެ ފަޅުކަން އިޙްސާސްވެއްޖެ." އިލްހާމް ބުނީ ހިތުގައި އޮތް ގޮތަށެވެ. ހަޤީޤަތުގައި ވެސް އޭނާގެ ދިރިއުޅުން މިހާރު އޮތް ހިސާބުން އެކުވެރިއެއްގެ މުހިންމުކަން އިޙްސާސްކުރެވެއެވެ.

"ޤަބޫލެއްނުކުރެވޭ. މަ ކުޑަކުއްޖަކާ ބެހިގެން ހައްޔަރުކުރީމަ މަށާ ގުޅުން ކަނޑާލި މީހެއްތި. ޖަލުގައި އަހަރުތަކެއް ހޭދަކޮށްފައި މިނިވަންވެގެން އައުމުން ކަލޭ މަގޭ އެކުވެރިކަމެއް ބޭނުމެއްނުވި. މަށަށް މަލާމާތްކޮށް ފުރައްސާރަކުރީ. ކުޑަކުދިންފަޅާ އިބްރާހީމް އޭ ކިޔަމުން ދުވީ ވެސް ހަމަ ކަލޭ. އެ ވެސް އެހެންމީހުންގެ ކުރިމަތީގައި ތިމާވަރުގެ މާތް މީހަކުނެތްކަމަށް ދެއްކެންވެގެން. ކަލޭ އެދުވަހު ބުނީމެއްނުން. މަ ކަހަލަ އެކުވެރިއަކު ގެންގުޅުމުން ރަށަށް ބަދުނާމު ވާނޭ. އެހެން ބުނި ހަނދާން ނެތުނީތަ؟ މިހާރު މަށާ ގުޅުން ބާއްވަން ބޭނުން ވެގެން ތިޔަ އުޅެނީ ބަދުނާމު ވިޔަސް ވަރިހަމަވީތަ؟" އިބްރާހީމްބެ ޖެއްސުމުގެ ރާގަކަށް އެހިއެވެ.

އިލްހާމް ކުށްވެރިޔަކު ފަދައިން އިސްޖަހާލިއެވެ. ދިފާޢުގައި އެއްވެސް އެއްޗެއް ނުބުންޏެވެ. އިލްހާމްގެ މިޒާޖަށް އައިސްފައިވާ ބަދަލުފެނި އިބްރާހީމްބެ އަޖައިބުވިއެވެ. ފާޑަކަށް ދެރަވެސް ވިއެވެ. ހަޤީޤަތުގައި ވެސް އޭނާއަށް އެކުވެރިއެއްގެ މުހިންމުކަން އިޙްސާސްވީ ހެއްޔެވެ؟

"ހިނގާ ދަމާ." އިބްރާހީމްބެ ބުނެލިއެވެ.

ރޭގަނޑު 08 ޖަހާއިރަށް ޕޮލިސް ސްޓޭޝަނަށް ހާޟިރުވުމުގެ ޗިޓު ލިބުމުން މާނިޢު ނުތަނަވަސްވިއެވެ. އޭނާ އެބަޔަކާ ކުރިމަތިލާން އެންމެ ޖެހިލުންވާ މީހުންނާ އަނެއްކާ ވެސް ކުރިމަތިލާން ޖެހުނީއެވެ. އެކަން އެގޮތަށް ވާނެކަން މާނިޢުއަށް މާ ކުރިން ވެސް އެނގުނެވެ. އޭނާ މާލޭގައި ހުއްޓައި ޝައްދާދުވަނީ ޖެހިގެން އުޅޭ މައްސަލައިގެ ކުޑަ ތަފުސީލެއް ދީފައެވެ. ޝައްދާދު ގާތުގައި އޭނާ ދެއްކި ވާހަކަތަކާއި، ޕޮލިހަށް ދިން ބަޔާނާ ދިމާނުވާކަމަށް ބުނެފައިވެއެވެ. މާނިޢު ދެފަހަރު ދެގޮތަށް ވާހަކަ ދެއްކީ ކީއްވެގެންތޯ ޝައްދާދު ސުވާލު ވެސް ކުރިއެވެ. ނަމަވެސް މާނިޢު ބިރުން ދޮގެއް ހެދުނީކަމަށް ބުނެ ޝައްދާދަށް އޮޅުވާލި ނަމަވެސް ހަޤީޤަތަކީ އެޔެއް ނޫނެވެ. ޝައްދާދުގެ ފަރާތުން ލިބުނު މަޢުލޫމާތުން އެނގުނު ގޮތުގައި ޕޮލިހުން ޝައްކުގެ ނަޒަރުން ބަލާ ލިސްޓުގެ އެންމެ ކުރީގައި ތިބީ ސެކިއުރިޓީންނެވެ.

ބަރާބަރު 08 ޖެހިއިރު މާނިޢު އިނީ ޕޮލިސް ސްޓޭޝަންގައެވެ. ވަރަށް ހަމަޖެހިފައި އިންނަން މަސައްކަތްކުރި ނަމަވެސް އޭނާ ހުރީ ފިނިވެފައެވެ. މޫނުމަތިން ޖެހިލުންވެފައި ހުރި ކަމުގެ ކުލަވަރު ފެނެއެވެ. ބަޔާން ނެގުމަށް ފައިރޫޒްގެ ކެބިންއަށް މާނިޢު ވެއްދުމުން ހާސްކަންވީ އިތުރެވެ. ފައިރޫޒަށް އެކަން ފާހަގަކުރެވުނެވެ.

"މާނިޢުއަށް އެނގިލައްވާނެ މިހާރު މިވެގެން އުޅޭގޮތް؟ މާނިޢު ދެވަނަ ފަހަރަށް ހާޟިރުކުރެވުނީ ކީއްވެގެންކަން އެނގޭނެކަންނޭނގެ." ފައިރޫޒް މޭޒުގެ އެއްފަރާތުގައި އޮތް ވޭދަނައިގެ ފައިލު ނަގަމުން ބުނެލިއެވެ.

"ނޫން. އަ. އަޅުގަނޑަކަށް ނޭނގެ. ކިހިނެއްތޯ ވީ." މާނިޢު އަޅައަޅައި ގަންނަނުމުން ބުނެލިއެވެ.

"އެންމެ ރަނގަޅު. އޮޅުންފިލުވާ ދޭނަން." ފައިރޫޒް ފައިލު ނަގާ ހުޅުވައިލަމުން ގަނޑުތައް އުކަން ފެށިއެވެ.

މާނިޢުގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. މާނިޢުއަށް އަންނަމުންދިޔަ ބަދަލުތައް ފައިރޫޒް ރަނގަޅަށް ބެލިއެވެ. މާނިޢު ބިރުގަނެ ޖެހިލުންވެފައި އިނުމުން ފައިރޫޒްގެ ވިސްނުމަށް މޮޅު ހިޔާލެއް އައެވެ. އެ ބިރުގެ ނާޖާއިޒް ފައިދާ ނަގައިގެން މާނިޢު ދޮގު ބަޔާން ދިން ސަބަބު އޮޅުން ފިލުވިދާނެއެވެ.

"މިހާރު މާނިޢު ބުނެފައި މިއޮތީ 11 ޖެނުއަރީ ގެ ދަންވަރު ޑިއުޓީ ނެންގެވީ މާނިޢުކަމަށް. އެހެންނު." ފައިރޫޒް ގަނޑެއްގައި ހުރި އެއްޗެހިތަކެއް ކިޔާލުމަށްފަހު އިސްއުފުލާ މާނިޢުއަށް ބަލާލަމުން އެހިއެވެ. މާނިޢު ބޯ ޖަހައިލިއެވެ.

"ދުވާލު ވަގުތު މާ ބުރަކޮށް އުޅުމުގެ ސަބަބުން އެރޭ ނިދި ޖެހުނުކަމަށްވެސް ބުނެފައި އެބައޮތް." ފައިރޫޒް ކުރިޔަށް ގެންދިޔައެވެ. "އެކަމަކު ޝައްދާދު ގާތުގައި މާނިޢު ބުނެފައިވަނީ އެރޭ އެއްކޮށް ހޭލާއިންކަމަށް. މީގެން ހަޤީޤަތަކީ ކޮބައިތޯ؟ ޝައްދާދު ގާތުގައި އެގޮތަށް ބުނިންތޯ؟"

"ބުނިން." މާނިޢު ދިނީ ކުރުޖަވާބެކެވެ.

"ދެން ޕޮލިހުން ގާތުގައި ނިދިޖެހުނުކަމަށް ބުނީ ކީއްވެގެންތޯ؟" ފައިރޫޒް ސުވާލުކުރިއެވެ.

"އަޅުގަނޑަށް ނިދިޖެހުނު. ކަމުގެ ހަޤީޤަތަކީ އެއީ. ޝައްދާދު ގާތު ބުނެވުނީ ރަނގަޅަކަށް ނޫން. ބިރުގަތްވަރުން އެހެންބުނެވުނީ." މާނިޢު ހެދީ ދޮގެވެ.

"އެންމެ ރަނގަޅު." ފައިރޫޒް ފައިލުގައި ހުރި ގަނޑުތައް އުކަމުން ބުންޏެވެ. "އެހެން މީހަކު ބުނެފައި އެބަ އޮތް މާނިޢު ނިހާގެ ކޮޓަރި ބެލްކަނިން ފެނުނު ވާހަކަ."

މާނިޢު އިށީނދެގެން އިން ގޮނޑިއާއެކު މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އެ ފިނި ކެބިންގައި އިންއިރު ވެސް އޭނާގެ މޫނުމަތިން ދާތިކިތައް ފާޅުވިތަން ފައިރޫޒަށް ފެނުނެވެ. ހާސްކަން ފޮރުވާލެވޭތޯ މާނިޢު ތަފާތު އެކި އެއްޗެހި ސިކުނޑިއެއް ގެނެސް ހަމަޖެހެވޭތޯ މަސައްކަތްކުރުމުން ވެސް އެކަން ފަރުދާ ކުރެވޭ ގޮތެއް ނުވިއެވެ.

"ޝައްދާދު ނޫނީ މާނިޢު މިކޮޅަށް ދީފައިވާ ބަޔާން ގޯސްކަމަށް ބެލެވެނީ. ދެން މިމީހާގެ ބަޔާނަށް ބެލުމުން ޝައްކުކުރެވެނީ މާނިޢުއަށް. މާނިޢު ކުށް ފޮރުވުމަށް ނިދުނުކަމަށް ބުނެފާނެކަމަށް ބެލެވޭ؟"

"ތީ ނަޒީލް ކޮށްގެން އުޅޭކަމެއް. މިހާރު މަގޭ ބޮލުގައި ތި ތުޙުމަތުއަޅުވަން ނަޒީލް ދޮގު ހަދާފައި ތިއޮތީ." ކުއްލިއަކަށް މާނިޢު ބުނެލިއެވެ.

ފައިރޫޒަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ނަމަވެސް އެކަން ފޮރުވާލަން މަސައްކަތްކުރަމުން އޭނާ ދެބުމަ ކައިރިކޮށްލިއެވެ.

"ނަޒީލްކަމެއް ކިހިނެއް އެނގުނީ؟" ފައިރޫޒް އެހިއެވެ. "ނަޒީލްގެ ނަމެއް ނުބުނަމެއްނޫންތޯ؟"

މާނިޢު ނިތްކުރި މަތީގައިވާ ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން އިސްޖެހިއެވެ. އޭނާ ހަތަރު ފަރާތުން ބެދެމުން އައިސް އެ ކަމުގެ ތެރެއަށް ރަނގަޅަށް ބާނާލައިފިއެވެ. ސަލާމަތްވާން ހަދާ ކޮންމެ ދޮގަކުން ދެން ނުކުންނަ ނަތީޖާ ގޯސްވާނެއެވެ. ނިހާއަށް ލިބުނު އަނިޔާގައި މާނިޢުގެ އަތެއް ނެތް ނަމަވެސް އެކަމުގައި ބެދެމުން އެ ދަނީ އޭނާއެވެ. ބަޔަކު މީހުން އެދަނީ އެ މަޅި އޭނާގެ ބޮލަށް މަހަން މަސައްކަތްކުރަމުންނެވެ. ދެން އޮތީ އެންމެ ގޮތެކެވެ. ތެދުތެދަށް ފައިރޫޒަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމެވެ.

"އަޅުގަނޑު ޕޮލިހަށް ދިނީ ދޮގު ބަޔާނެއް. އެގޮތަށް ބަޔާން ދިނީ ނަޒީލްގެ އެދުމަކަށް." މާނިޢު އިސްޖައިގެން އިނދެ ވާހަކަ ދެއްކިއެވެ "އެރޭ އެއްވެސް ވަރަކަށް ނުނިދަން. އަޅުގަނޑު ޑިއުޓީ ގަޑީގައި ގެއިން ބޭރުން އެއްވެސް މީހަކު ގޭތެރެއަށް ވަދެފައިނުވާކަން ޔަޤީންކަމާއެކު ބުނަން ކެރިދާނެ. އަޅުގަނޑަށް މާފުކުރޭ. ނިހާ ކޮޓަރިއަށް އަޅުގަނޑެއް ނުވަންނަން. އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑަކީ ވަރަށް ބޮޑު ނިކަމެއްޗަކީމު. އެހެންވެ ނަޒީލްގެ ފަރާތުން ވިހިހާސް ރުފިޔާ ލިބުނީމަ އެގޮތަށް ބަޔާންދެވުނީ."

ފައިރޫޒްގެ ދަތްޕިލައަށް ބާރުވެގެން ދިޔައިރު އަތްތިލަވެސް މުށްކަވާލެވުނެވެ. މާނިޢު އިސްއުފުލާލިއިރު އެ ދެލޮލުގައި ވާ ކަރުނަ އޭނާގެ ތެދުވެރިކަމަށް ހެކިދެމުން ދިޔައެވެ. ފައިރޫޒް ހެދި ދޮގެއްގެ ސަބަބުން މާނިޢުގެ އަނގައި ބޭރުވެގެން އެ ދިޔައީ ވަންހަނާވެފައިވާ އެ ކުއްވެރިޔާގެ ނަމެވެ. އޭނާގެ ލޯބިވެރިޔާއަށް އަނިޔާވެރިވާން މަސައްކަތްކޮށްފައި އެ ވަނީ ނަޒީލްކަމާމެދު ޝައްކުކުރާނެ އިތުރު ޖާގައެއް ނެތެވެ. ކުރިން ވެސް ނަޒީލްއާމެދު ޝައްކުތަކެއް ކުރެވިފައިވުމާއެކު ފައިރޫޒްގެ މޫނުން ހައިރާންކަމަށްވުރެ ބޮޑަށް ފާޅުވަމުން ދިޔައީ ރުޅިވެރިކަމެވެ. (ނުނިމޭ)

އަށްވަނަބައިގެ ތެރެއިން:-

"ހިނގާ އަންނަ ހަފުތާގައި ކާވެނިކުރަން." އަނގައިން ނުބުނެ އިނދެފައި ކުއްލިއަކަށް ފައިރޫޒް ބުންޏެވެ. "ހެކިވެރިން ފޮނުވަންތަ؟"

"އޭނ. ކާވެނިކުރާށޭ" ނިހާއަށް ލިބުނު ޝޮކުގައި ސައިކަލުން ފޭބުނީ ހިތަށް ވެރިވެގަތް ބިރުވެރި އިޙްސާސެއްގެ ސަބަބުންނެވެ. ނިކާލް ގެއްލިދާނެހެން ހީވެފައި އޭނާއަށް މިހުރިހާ ދުވަހު ނުލިބިފައި ހުރި ހިތްވަރު ލިބުނު ގޮތެއް ވެސް ނޭގުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނީނީނީ

    އަޅޭ ފައިރޫޒައް ތިހެން ނަހަދާ..... އެފަކީރު ހާދަ ލޯތްބެކޭ އެވަނީ

    7
    2