އަށާރަސަތޭކައިގެ އަހަރުތަކުގައި މިސްރުން ފެނުނު ގަބުރެއް ދިރާސާ ކުރުމުގެ ތެރޭގައި ހައިރާންކުރުވާ ފަދަ ވާހަކަތަކެއް ހޯދިއްޖެއެވެ. ޕޮލިޝް ރިސާޗަރުން އެ ގަބުރު ދިރާސާކުރަން ކުރި މަސައްކަތުން އެނގުނު ގޮތުގައި އެއީ ވަރަށް ރަނގަޅަށް ރައްކާކޮށް ކުނި ނުވާ ގޮތަށް ހަދާފައި އޮތް މާބަނޑު އަންހެނެކެވެ. އެކަން އެނގުނީ އެ ގަބުރު ދިރާސާކުރުމަށް ނެގި އެކްސްރޭ އާއި ހަދާފައިވާ ޓެސްޓުތަކުންނެވެ.

އެގަބުރު 1826 ވަނަ އަހަރު ފެނުނީ ފިރިހެން ފާދިރީއެއްގެ ސަންދޯއް ތެރެއިންނެވެ. ދިރާސާ ކުރާ މީހުން ބުނާ ގޮތުން އެ ގަބުރަކީ 20-30 އަހަރާއިި ދެމެދުގެ އަންހެނެކެވެ. އަދި ބަނޑުގައިވާ ދަރިފުޅުގެ ބޮލުގެ ނާށިގަނޑަށް ބެލުމުން އެއީ 26-28 މަހުގެ ކުއްޖެއްކަން އެނގޭ ކަމަށް ވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މި ގަބުރާއެކު ކުރީ ޒަމާނުގައި މާބަނޑު މީހުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދާ ފަރުވާ ކުރުމަށް ގެންގުޅުނު ވައްޓަފާޅި ދެނެގަންނަން ފަސޭހަވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

މިއީ ވަސޯ މަމީ ޕްރޮޖެކްޓްގެ ދަށުން ހޯދާފައިވާ ހޯދުންތަކެކެވެ. މިފަދަ ހޯދުމެއް ހޯދުނުކަން ހާމަކޮށްފައި ވަނީ އާކިއޮލޮޖީ ސައިންސް ޖާނަލްގައި ބުރާސްފަތި ދުވަހު ޝާއިއު ކުރި ލިޔުމެއްގައެެވެ.

ދިރާސާ ކުރާ މީހުން ގަބޫލު ކުރާ ގޮތުން އެ ގަބުރަކީ ފުރަތަމަ ގަރުނުގެ ތެރޭގައި މަރުވި އަންހެނެއްގެ ހަށިގަނޑެވެ. އަދި އެ އަންހެން މީހާ މަރުވި ސަބަބު އަދި މިހާތަނަށް ހޯދި ހޯދުންތަކުން ދެނެގަނެވިފައެއް ނުވެއެވެ.

މި ހޯދުމަކީ އަޖައިބުކުރުވަނިވި ހޯދުމެއް ކަމަށާއި މިއީ ހާއްސަ ހޯދުމެއް ކަމަށް ސައިންސްވެރިން ބުނެއެވެ.