މިއަދުވެސް މަންމަގެ ޝަކުވާ އަކީ ދިރިއުޅުމެއް ފަށަންނޫޅުމެވެ.

އުމުރުގެ ދުވަސްތައް ބޭކާރު ވަމުންދާކަމުގެ ޝަކުވާއެވެ. މި ޝަކުވާތަކަކީ އިރާޝާއަށް އާޝަކުވާ ތަކެއް ނޫނެވެ. މަންމައަށް ވިސްނާ ދެވޭތޯ އޭނާ މަސައްކަތް ކުރެއެވެ. ނަމަވެސް މަންމަ ކައިރީގައި މިވަގުތު ހުރި ހަމަ އެކަނި ކުއްޖަކީ އިރާޝާ ކަމުން މަންމަ ކަންބޮޑު ވަނީއެވެ.

އިރާޝާގެ ބައްޕަ އާއި ދައްތަ ޝާއިރާ ދިރިއުޅެނީ މެލޭޝިޔާގައެވެ. އެއީ އިރާޝާގެ ދައްތަގެ ދަރިފުޅަށް ކިޔަވާ ދިނުމަށް ޓަކައެވެ. ދައްތަގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ މެލޭޝީޔާގައެވެ. ބައްޕަ ދައްތަ ކައިރީގައި ހުންނަނީ ރާއްޖޭގައި އުޅެން ބޭނުން ނުވާތީއެވެ. ބައްޕަ އަކީ އުމުރުން ދުވަސް ވެފައި ހުރި މީހަކަށް ވިޔަސް ޒުވާން ހިތެއް އޮންނަ މީހެކެވެ. މަންމަ ވަރިކުރުމަށްފަހު އެހެން މީހަކާއި އިންނަންވެސް އުޅުނެވެ. އެކަމަކު އެޚިޔާލު ދޫކޮށްލީ ބައްޕަ ބޭނުންވާ ގޮތަށް މިނިވަން ކަމާއެކު ނޫޅެވޭނެތީއެވެ.

އިރާޝާގެ މާގިނަ ރަހުމަތްތެރިންނެއް ނޫޅެއެވެ. އޭނާއާ އެކުގައި އަބަދު ވެސް އުޅެނީ ކިޔަވަން އުޅުނު ދެތިން ކުއްޖެކެވެ. އާދަކޮށް ކޮންމެ ހަފުތާ ބަންދެއްގައި ބާއްވާ ބައްދަލުވުމުގެ ތެރެއިން މިއަދު އެމީހުން އެތިބީ މާލޭގެ ހިތްގަމު ސަރަހައްދެއްގައި ހުރި ރެސްޓޯރެންޓެއްގައެވެ. ހަވީރުގެ ސަޔަށް އިންސާފު ކުރާށެވެ. ދެކެވެނީ އެކިމީހުންގެ ދިރިއުޅުމުގައި ހުރި ތަފާތު މައްސަލަތަކާއި ގުޅޭ ވާހަކައެވެ. އިރާޝާ ދައްކަން ޖެހެނީ ހަމަ އެންމެ ވާހަކަ އެކެވެ. ހަޔާތެއް ފެށުމާ މެދު މަންމަކުރާ ޝަކުވާގެ ވާހަކައެވެ.

މި ރެސްޓޯރަންޓަކީ މޫދުފެންނަ ގޮތަށް ހުރި ހިތްގަމު ތަނެކެވެ. ލޯބި ވެރިންނާއި އެކުވެރިން ވަރަށް ގިނައިން އަންނަ ތަނެކެވެ. މިހާރު ވެސް ބައެއް މީހުން ހުސް މޭޒެއް ނުލިބި ކޮޅަށް ވެސް އެބަތިއްބެވެ. އިރާޝާމެން ތިބި މޭޒު ކައިރިއަށް އައިސް ހުއްޓުނު މީހަކު އައްސަލާމް އަލައިކުމްއޭ ބުނުމުން އެންމެން އެއް ފަހަރާ އެމީހަކާއި ދިމާއަށް ބަލައިލި އެވެ. އެވަގުތު އެމީހަކު އެދުނީ އެމޭޒު ދޮށުގައި ހުސްކޮށް ހުރި ގޮނޑި ގެންދުއުމާ މެދު އިއުތިރާޒެއް އޮތްތޯ ބެލުމެވެ. އިރާޝާގެ އެކުވެރި ސާރާ ވާހަކަ ދައްކަން ފެށިއެވެ.

"ގޮނޑި ގެންދާނެ ކަމެއް ނެތް. މިތާ އިށީނދޭ!."

އެމީހަކު ހީނލާފައި ބުންޏެވެ. "ތިޔަ ލިބުނީ މާރަނގަޅު ފުރުސަތެއްތާ ދޯ!"

ސާރާ އާއި ދިމާއަށް އިރާޝާ އާއި ފާތުން ބަލައިލީ ސުވާލު އުފެދޭ ގޮތަކަށެވެ. އަދި އެ ދެ މީހުން ނުދަންނަ މީހަކު އެތާނގާއި ބޭންދުމަށް ސާރާ ނިންމުމުން އެމީހުންގެ ހިތުގައި ނުތަނަވަސް ކަމެއް ވެރިވިއެވެ.

ސާރާ ވާހަކަ ދައްކަން ފެށިއެވެ. "މިއީ ޝާހުޒާދު. ކުރާ މަސައްކަތަކީ ޓްރެވަލް އެޖެންސީއެއް ހިންގުން. މިހާރު ބޮޑު މުއްސަންޖެއް. އެކަމު ވަރަށް މުށްބާރުވާނެ. ފަސޭހައިން ކޮފީއެއް ވެސް ނުލިބޭނެ."

ޝާހުޒާދު ތަންކޮޅެއް ބޮޑަށް ހީނލީ އެއީމުޅިން ރަނގަޅު ވާހަކައެއް ނޫނޭ ބުނަމުންނެވެ.

އަނެއްކާ ވެސް ސާރާ ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން ހިތަށް އެރީ އަބަދަކު ފިލައިގެން ނޫޅެވޭނެއޭ. މިއަދު މީ ރަނގަޅު ދުވަހެކޭ. އެހެންވެ މިތާ އިށީންނަން ބުނީ. އެކަމު ހީވަނީ ވަރަށް އަވަހަށް ބަޗާ ފާނެހެން."

މިހުރިހާ ވާހަކައެއް ދެއްކިއިރު ވެސް އިރާޝާ އިނީ ފޫހި ގޮތަކަށެވެ. ކަނޑުގެ ލޮނު ގަނޑާ ދިމާއަށް ބަލާށެވެ. ސާހުޒާދާ ދިމާއަށް ވެސް ބަލާކަށް ބޭނުމެއް ނުވެއެވެ.

"ބަޔަކާ އެކުގައި އަހަރެންއައީ މިތާނގައި މާގިނައިރަކު ނީނދެވޭނެ އެކަމަކު މިއަދު ބިލް ދައްކައިދޭނީ އަހަރެން." މިހެން ބުނުމާއި އެކު ސާހުޒާދު ތެދުވަން އުޅެން ފެށުމުން ސާރާ ބުންޏެވެ. އެހާ އަވަހަށް ތެދުވާނެކަމެއް ނެތެވެ.

"އަދި މަޑުކޮށްލާ!. އަހަރެންގެ އެކުވެރިން ތައާރަފު ކޮށްލަ ދޭން ބޭނުން. މީ އިރާޝާ ޢަބްދުލް ޢަޒީޒު. މޮޅު ކުރެހުން ތެރިއެއް މާސްޓަރސް ހެދީ ލަންޑަނުން. ދެން މިއިނީ ފާތުމަތު ލައިޝާ، ފެޝަން ޑިޒައިނަރެއް ޑިގްރީ ހެދީ ސިންގަޕޯރ އިން. މިވަރުން ފުދިއްޖެކަމަށް ހީކުރަން. އެކަމު ދެން ހުރި ބައިތައް ބުނެއެއް ނުދޭނަން. އަކަމަކު ސިއްރެއް ބުނެފާނަން. އިރާޝާ އެކަނި ހުސްކޮށް ހުރީ."

މިހެން ބުނުމާ އެކު އެންމެން ހޭންފެށިއެވެ. އިރާޝާ ސަރާގެ އަތުގައި ޖަހާލިއެވެ.

އެވަގުތު ޝާހުޒާދު، އިރާޝާގެ މޫނަށް ވައްކަޅިން ބަލައިލީ ވަރަށް ބޭނުމޭ ބުނާކަހަލަ ގޮތަކަށެވެ. އެތަން އިރާޝާ އަށް ފެނުނެވެ.

ޝުކުރިއްޔާ އޭ ބުނެލާފައި ޝާހުޒާދު ހިނގައްޖެއެވެ. އޭނާ ދިއުމުން އިރާޝާ ވާހަކަ ދައްކަން ފެށިއެވެ.

"މިހާރު އެނގިއްޖެ އެއީ ކާކުކަން. ބޮޑު ތުނބުޅިއެއް ވެސް ލާފަ ދޯ އެހެރީ. އަހަރެން މީގެ ދުވަސް ކޮޅެއް ކުރިން އޭނާ ދުށިން. އޭރު އޭނާ ހުރި ސިފައެއް ނޫން މިހާރުފެންނަން އެހެރީ. ވަރަށް ބޮޑަށް ބަދުވެއްޖެ."

ސާރާ ބުނެލިއެވެ. "އިރާޝާއާ ކުރިން ވެސް އޭނާއާ ބައްދަލުވިދޯ!"

އިރާޝާ އެ ވާހަކައަށް ވަކި ޖަވާބެއް ނުދެއެވެ.

"ބޭނުމަކީ އިރާޝާއަށް ރަނގަޅު ފިރިޔަކު ހޯދައި ދިނުން."

"އަހަރެންނަށް ރަނގަޅު ފިރިޔަކު ހޯދާނީ އަހަރެން. ތިޔަ ގޮތަށް ތަތްކުރަން އުޅުމުން ދެފުށްތަތެއް ނުލަވާނެ. ދެފުށްކެހެރި ހޯދަން ޖެހޭނީ ސާރާ މެން. ތިޔަ އުޅޭހާލު އެންމެ ރަނގަޅަށް އެނގެނީ އަހަރެންނަށް. ހަމަ ޖެހުމެއް ނުލިބޭ އަބަދު ޝަކުވާގައި ތިޔަ އުޅެނީ.... ތިޔަށް ދިރިއުޅުމޭ ކިއޭނެތަ؟ އަހަރެން މިއުޅެނީ ކިހާ އަރާމުކޮށް؟ ބޭނުން އިރަކު ނިދާފައި ބޭނުން އިރަކު ތެދުވެފައި ބޭނުން އިރަކުން ބޭނުން ތާކަށް ދާންވީ. އެންމެ ފަހު ދަތުރުވެސް ތުރުކީގައި، ކިހާ ދުވަހެއް ވެފައި މިއައީ... ކިހާ ސަޅި... މިވަރުގެ ދިރިއުޅުމެއް ސާރާ މެންނަކަށް ނުލިބޭނެ."

ސާރާ ބުނެލިއެވެ. "ދިރިއުޅުން ސަޅިއެއް ނޫން. އެބިޓް ވެސް ކެޓީ ހަރުލާ ވަރުގެ މީހަކާ އަދި ނުޖެހެނީ. އެވަރުގެ މީހެއްގައި ހުންނަންވީ ސިފަވެސް އެބަޖެހޭ އެނގެން. އެކަން ވޭތޯ އަހަރެން މިއުޅެނީ. ޝާހުޒާދު ސަޅިއެއް ނޫންތަ؟" މިހެން ބުނުމާއި އެކު އެންމެން އެއްފަހަރާ ވަރަށް ބާރަށް ހީގަތެވެ.

އިރާޝާ ހިމޭނުން އިރުކޮޅަކު އިނެވެ. އަދި ބުންޏެވެ. "އޭނާ ބަލައިލަން ހުތުރެއް ނޫން. އެކަމު ވާނެ ގޮތެއް ނޭނގޭތާ! ސާރާ އޭނާ ދަންނަނީ ކިހާވަރަކަށް؟"

އެދުވަހުގެ ކޮފީ ނިމިގެން ގެއަށް ދެވުނުއިރު ރޭގަނޑު ދިހައެއް ޖަހައިފިއެވެ. އާދައިގެ މަތިން އިރާޝާ ކޮންމެ ރެއަކުވެސް ނިދަން އޮށޯންނަނީ ވާހަކަ ފޮތެއް ހިފައިގެންވެ. ވާހަކައިގެ ތެރެއަށް ގެއްލިފައި އޮތްވާ ފޯނަށް މެސެޖެއް އަޔެވެ. އެކަމާ މާބޮޑު އަޅާލުމެއް ނެތި ވާހަކަ ކިޔަމުން ގެންދިޔައީއެވެ. އިރާޝާއަކީ ފޯނާ މާގާތް މީހެއް ނޫނެވެ. ގިނަ ފަހަރު ފޯނު އޮންނާނީ އެކި ތަންތަނުގައެވެ. ގޭގައި ޓީވީ ހުއްޓަސް އޭނާ ބޭނުންވެގެން ބަލާ ޗެނަލެއް ނުހުރެއެވެ. ފިލްމް ބަލައެވެ. ނަމަވެސް ނެޓްފިލިކްސްގައި ހުންނަ ފިލްމެވެ. އެބަލަނީ އޭނާ ގެންގުޅޭ ލެޕްޓޮޕުންނެވެ. ކުރެހުމުގެ އިތުރުން އޭނާ އެންމެ ބޮޑު ޝަގުވެރިކަމެއް ހުންނަނީ ތާރީޚީ އާސާރުތައް ބެލުމާއި އެކަމާ ގުޅުން ހުރި ދިރާސާ ޕްރޮޖެކްޓްތައް ހެދުމަށެވެ. ދަތުރު ކުރުމާއި މީހުންގެ ދިރިއުޅުން ހުންނަ ގޮތް ބެލުމާއި އުމުރުން ދުވަސްވީ މީހުންގެ ވާހަކަތައް އަޑު އެހުމީ ވެސް އޭނާ ވަރަށް ޝައުގުވެރި ވާކަމެކެވެ. މިކަންކަމުގައި އުޅެން ހަދައިގެން އޭނާގެ ޒުވާން ދުވަސްވަރު ވަނީ ފަހަނައަޅާ މެދު އުމުރަށް އަޅާފައެވެ.

މީހާގެ ބުރުސޫރައާއި ރީތިކަމަކަށް ބަދަލެއް ނާދެއެވެ. ހިނިތުން ވުމާއި ވާހަކަ ދެއްކުމުގައި މަޑުމައިތި ގޮތްތަކެއް ހުރުމުން ގިނަ މީހުނަށް އޭނާގެ ލޯބީގެ މިޒާޖު ދަސްކުރަން އުނދަގޫވެއެވެ. އިރާޝާއާއި އެއްފުރައިގެ ފިރިހެނުންނަށްވެސް އޭނާއަށް ލޯބި ހުށަހަޅާކަށް ނުކެރެއެވެ. ދެއްކޭ ވާހަކައަކުން ރަތް ރޮނގު ހުރަސް ކުރެވިދާނެތީއެވެ.

ހެނދުނު ހޭލައިގެން މިއަދު އަދި ފޯނުގައި އަތެއް ނުލައެވެ. މެންދުރުވާން އުޅެނިކޮށް ފޯނުކޯލެއް އައެވެ. އިނގިރޭސި ބަހުން ވަރަށް އަވަހަށް ޅެމެއް ހެދުމުގެ މަސައްކަތެއް ލިބުނީއެވެ. އިރާޝާއަކީ ޅެން ހަނދަން ދަސްކޮށްފައި ހުރި މީހަކަށް ޅެން ހެދުމަކީ އޭނާ އަށް އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ނުވާނެއޭ ނުބުނެ އެމަސައްކަތް ކުރާން އިށީދެއްޖެއެވެ. އިރުކޮޅަކުން މެސެޖެއް އަތުވެއްޖެއެވެ. އެއީ ނުދަންނަ ނަންބަރަކުން އައި މެސެޖެކެވެ. ވަގުތެއް ލިބެން އޮތިއްޔާ ބައްދަލުކޮށްލަން ބޭނުން ކަމުގައެވެ. ނަމަކަށް އޮތީ ޝާހުޒާދެވެ. ވިސްނާލަން އިރުކޮޅަކު އިނދެފައި ކާކުތޯ ސުވާލުކޮށްލިއެވެ. ވަރަށް އަވަހަށް ޖަވާބު ލިބުނެވެ. ކުރީ ދުވަހު ހަވީރު ކޮފީ މޭޒުން ދިމާވި މީހާކަމުގައެވެ. ޖަވާބެއް ނުދީ މަސައްކަތާއިގެން ކުރިއަށް ދިޔައީއެވެ.

ހަވީރު އިރާޝާ މެންގެއަށް ސާރާ އައެވެ. ސައިމޭޒު ދޮށުގައި ތިބެގެން ދެކެވުނު ވާހަކައިގާ ޝާހުޒާދުގެ މެސެޖެއް ލިބުނު ވާހަކަ އިރާޝާ ބުންޏެވެ. އެކަމު ޖަވާބު ނުދޭ ވާހަކައާއި އެވަރުން އުޅެން ކެރެންޏާ ހެކިވެރިން ފޮނުވަން އޭނާ ކައިރީ ބުނާށޭ ބުނެލިއެވެ.

ސަރާ ދިޔައީ ސިހިގެންނެވެ.

"ހާދަ އަވަހަކަށް ގޮތެއް ކަނޑައެޅީ އަނެއްކާ ހުވަފެނެއް ފެނުނީތަ؟" ސާރާ ލާނެއް ގޮތަކަށް ސުވާލުކުރިއެވެ.

"މީހަކާ އިންނަން މަންމަވެސް އަބަދު ކިޔާތީ މިފަހަރު ކުއްލިއަކަށް ހިތަށް އެރީ އިނދެލަންވީއޭ ކިހާ ކުދިންނަކާ މިހާރު ހިތުން ރައްޓެހި ވެވިއްޖެ. އެކަމަކު ހިތުގެ ގުޅުމަކާއި ހަމައަކަށް ނުދެވޭ. ހިތުގެ ގުޅުމަކީ ކައިވެނި މިފަހަރު މިނިންމީ އެގޮތަށް..." އިރާޝާ ފޯރީގައި އިނދެ މިވާހަކަ ބުނެލާފައި އެނެއްކާ އަޑަށް ބާރުލާފައި ބުނެލިއެވެ.

"މިގޮތް ސާރާއަށް ކަމަކު ނުދޭތަ؟"

ސާރަ ހީނލާފައި ލާނެއް ގޮތަކަށް ބުނެލިއެވެ. "ތިޔަހާ ހިތްވަރެއް ހުރިއްޔާ ޖަވާބު ދޭންވާނި އިރާޝާ."

ވަގުތުން ފޯނު ނަގާ އެގޮތަށް މެސެޖެއް ކޮށްލިއެވެ.

ޖެހިގެން އައިރޭ ޝާހުޒާދު، އިރާޝާ މެންގެއަށް ޒިޔާރަތް ކުރިއެވެ. އަދި އިރާޝާގެ މަންމަ އަށް ތައާރަފު ވިއެވެ. ކައިވެނީގެ ވާހަކަ ދެކެވުމުން އިރާޝާ މަންމަ ހުރީ އުފަލުންނެވެ.

އެހަފުތާގައި ކުއްލި ދަތުރެއްގައި ބޭސް ފަރުވާއަކަށް އިރާޝާ ފުރަން ޖެހުނެވެ. އެއީ އޭނާގެ ބައްޕަގެ ބޭހަކަށެވެ.

މަހެއްހާ ދުވަހު ބޭރުގައި އުޅެން ޖެހުނެވެ. މި މުއްދަތުގައި އިރާޝާގެ މަންމަ ބަލިވެގެން ހުރިހާ ކަމެއްގައި އުޅުނީ ޝާހުޒާދެވެ.

މާލެ އާދެވުމުން މަންމައަށް އޭނާގެ ފަރާތުން ލިބުނު އެހީތެރިކަން އެނގި ކުރިން ނުވެވޭ ލޯތްބެއް އިރާޝާގެ ހިތުގައި ޝާހުޒާދާ މެދު އުފެދެން ފެށިއެވެ. އަދި ދޮޅުމަހެއްހާ ދުވަސް ވީއިރު ކައިވެންޏާ ހަމައަށް ދެވުނެވެ.

ކައިވެންޏަށްޓަކައި މާލޭގެ އަގުބޮޑު ހޮޓަލެއް ބުކްކުރިއެވެ. ކައިވެނީގެ ހަފްލާގެ ލިސްޓްތައް ލިޔެފިއެވެ. ދެފަރާތުގެ އާއިލާގެ މީހުން ހެދުން ފަހައިފިއެވެ. ކައިވެނިކުރަން ރަންވެސް ކިޔައިފިއެވެ. މިހާރު ދެމީހުން އެކުގައި ވަރަށްގިނަވަގުތު ބައްދަލު ކުރެއެވެ. ގެއިންނާއި ޕާކުތަކުންނެވެ. އަދި ރެސްޓޯރަންޓް ތަކުންނެވެ. ކައިވެނިކުރަން ދެދުވަހަށް ވެފައި އޮތްވާ އެއްރޭ ދެމީހުން ކެއުމަކަށް ދިޔައެވެ. އެރޭ ދެކެވުނު ވާހަކައިގައި ޝާހުޒާދު ބުންޏެވެ.

"އަހަރެންގެ އަސްލުސިފަ އިރާޝާއަށް އެނގޭތަ؟ އަހަރެންނަކީ ވަރަށް ހަރުކަށި މީހެއް. އަދި ރުޅިގަދަވެސް ވާނެ."

އިރާޝާ ބުންޏެވެ. "އަހަރެންނަކަށް ތިޔަކަމެއް އިހުސާސެއް ނުވޭ."

ޝާހުޒާދު ބުންޏެވެ. "މިހާރު ތިޔައީ އަހަރެންގެ އަންބެއް. މިހާތަނަށް އެވާހަކަ ނުބުނެ ހުރީ. އަހަރެންގެ ގެއަށް ބަދަލުވުމަށްފަހު މިހާރު ތިޔަ ކުރާމަސައްކަތް ޖެހޭނީ ހުއްޓާލަން. ކުރެހުންވެސް އަދި ދިރާސާގެ މަސައްކަތްތައް ވެސް އަދި ރަށްރަށަށް ދިއުންވެސް މުޅީން ނިމުނީ."

އިރާޝާ ބުންޏެވެ. "އަދި ޝާހުޒާދުގެ އަންބަކަށް އަހަރެން ނުވޭ."

އޭނާ ގަދަޔަށް ހީނލިއެވެ. "ހަނދާކޮށް ބަލަ. އަހަރެން މީގެ 7 އަހަރު ކުރިން އިރާޝާއާ ރައްޓެހިވާން އުޅުނީމެއްނު؟ އެފަހަރު ދިންޖަވާބު ހިތުގައި އެބައޮތް. މިފަހަރު މިކައިވެނިނުކޮށް ފަރަކު ނުޖެއްސޭނެ. ކާޑު ވަނީ ޗާޕްކޮށްފައި. ރެސްޓޯރަންޓްވަނީ ހިފާފައި. ރަންވެސް ވަނީ ކިޔާފައި. ބައްޕައާއި މަންމަ ވެސް އެތިބީ ތައްޔާރަށް."

އިރާޝާ ހައިރާން ކަމާއެކު ބުނެލިއެވެ. "ކައިވެނި ކުރަނީ އަހަރެންނާ. އަހަރެން ޝާހުޒާދާ ކައިވެންޏެއް ނުކުރާނަން. މިއީ އަހަރެންގެ އެންމެ ފަހު ނިންމުން."

"އަހަރެން ފަހަރެއްގައި ވެސް ހިއެއް ނުކުރަން ޝާހު ތިއީ ތިހާ މަކަރު ވެރިއެއް ކަމެއް.... ލޯބި ވިއަސް އަހަރެންގެ ހިތާ ގުޅިފައި ހުރިކަންކަން ހުއްޓައެއް ނުލެވޭނެ. މިރެއަށް ފަހު ޝާހުޒާދާއި އަހަރެންގެ ގުޅުން ނިމުނީ."

ޝާހުޒާދު ވަރަށް ބާރަށް ބުންޏެވެ. "ކަލެއަށް އަހަރެންނާ ކައިވެނި ނުކޮށް ފަރަކު ނުޖެއްސޭނެ."

އެރޭ އިރާޝާ ގެއަށް ދިޔައިރު ސިޓިންގ ރޫމްގައި ބައްޕައާއި މަންމަ ތިއްބެވެ. ކައިވެނި ކުރަން ބޭނުން ނުވާކަމަށް ބުނުމުން މަންމަވެސް ހައިރާންވިއެވެ. ނަސޭހަތް ދިނެވެ. އިރާޝާ ޝާހުޒާދުގެ މަކަރުގެ މަޅިފަތީގެ ވާހަކަތައް ކިޔައިދިނެވެ.

ޖެހިގެން އައި ދުވަހު އިރާޝާގެ ބައްޕައާއި ޝާހުޒާދު ބައްދަލު ކުރިއެވެ. ނަމަވެސް އިރާޝާގެ ބައްޕަގެ ބަހަކީވެސް ގަދަ ކަމުން ކައިވެނި ނުކުރެވޭނެ ކަމުގައެވެ. އިރާޝާގެ ނިންމުމަށް ބައްޕަވެސް އިހުތިރާމް ކުރީއެވެ. ޝާހުޒާދުގެ ހަގީގީ ސޫރަ ދިރިއުޅުމެއް ފެށުމުގެ ކުރިން އެނގުނީ އޭނާ އަމިއްލައަށް ކުރި ކަމަކުންނެވެ. ލޯތްބަކީ ގަދަބަދަވި ކަމާއި ބާރާ ނުފޫޒުން ފިއްތައިގެން ހޯދޭނޭ އެއްޗެއް ނޫނެވެ. އިރާޝާ ކައިރިން ޝާހުޒާދު، ފަހުން މައާފަށް އެދުނެވެ. ކައިވެނި ކުރާން އާދޭސް ކުރިއެވެ. ނަމަވެސް އޭރު ވަނީ ވަގުތު ފާއިތުވެފައެވެ. އިރާޝާ ވަނީ އެމަޅިފަތީގައި ނުޖެހި ސަލާމަތް ވެފައެވެ.