ލީބިޔާއިން އެމެރިކާއަށް ހިޖުރަކޮށްފައިވާ މުހައްމަދު ބަޒީކުއަކީ 80 އަށްވުރެ ގިނަ ކުދިންގެ ބައްޕައެވެ. ނަމަވެސް މި ކުދިންނަކީ މުހައްމަދުގެ އަމިއްލަ ދަރިންނެއް ނޫނެވެ. މިއީ ދާއިމީ ބައްޔަށް ފަރުވާ ކުރަން ޖެހިފައިވާ، އާއިލާއިން ހޮސްޕިޓަލަށް ދޫކޮށްލާފައިވާ ކުދިންނެވެ.

މީގެތެރެއިން ގިނަ ކުދިންނަކީ ހަފުތާއެއް ނުވަތަ ދެ ހަފުތާވެފައިވާ ކުދިންނެވެ. މި ކުދިންނަކީ ކުޑަ ދުވަސްކޮޅެއްގެ މެހެމާނެއްކަން އެނގުމުން އާއިލާތަކުން ގިނަ ކުދިން ދޫކޮށްލާފައިވަނީ ކުދިންނަށް ނަން ވެސް ނުކިޔާއެވެ.

އާއިލާތަކުން މިފަދަ ކުދިން ދޫކޮށްލާފައިވަނީ އޭގެތެރެއިން ގިނަ ބެލެނިވެރިންނަކީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ނުވަތަ އެކުދިންގެ ބައްޔަށް ބޭސް ކުރެވޭނެ ފަދަ ތަނަވަސް ކަމެއް ނެތް މީހުން ކަމަށް ވުމުންނެވެ.

ކެންސަރު ބައްޔާއި ދެކޮޅަށް ހަނގުރާމަކޮށް ރަނގަޅުވެފައިވާ މުހައްމަދު މިފަދަ ކުދިންނަށް އެހީތެރިވަނީ އެކުދިން މަރުވާއިރު އާއިލާއެއް ނެތުމުގެ ދެރައާއި އެފަދަ ކުދިންގެ އެކަނިވެރިކަމުން ދުރުކޮށްދިނުމަށެވެ. އެއީ ހުދު މުހައްމަދަކީ ވެސް އެ ދުވަސްތައް ތަހައްމަލު ކޮށްފައިވާ މީހަކަށް ވާތީއެވެ.

އެހެންކަމުން މުހައްމަދު ނިންމީ އެ ހުރިހާ ކުދިން އެޑޮޕްޓް ކުރުމަށެވެ. މިފަދަ ހުރިހާ ކުދިންގެ ބައްޕަ ކަމުގައި މުހައްމަދުވިއެވެ. އަދި ނަން ނުކިޔާ ކުދިންނަށް ނަން ކިޔާފައިވެއެވެ. މީގެއިތުރުން މި ކުދިންނަށް ކާނާއާއި ކުޅޭއެއްޗެއްސާއި ބޭސް ފަދަ މުހިންމު އެތައް އެއްޗެއް ހޯދައި އެކުދިންނަށް ޚިދުމަތް ކޮށްދެއެވެ.

ފުރިހަމަ ސިއްހަތެއްގައި ހުންނަ ކުއްޖަކަށް ވުރެ މިފަދަ ކުދިންނަށް ބޭނުންވާ އަޅާލުމާއި ލޯތްބާއި ބޭސް ފަރުވާއަށް ކުރަން ޖެހޭ ޚަރަދު ކިތައްމެ ބޮޑު ނަމަވެސް މުހައްމަދުގެ މި މަސައްކަތަށް ހުއްޓުމެއް ނެތެވެ. މުހައްމަދު މި ދައްކައިދެނީ އިންސާނިތަޔުކަމުގެ ނަމޫނާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 😢

    😢

    16