30 އޭޕްރީލްގައި ގެނެސްދިން ބައި

"އަޅުގަނޑަށް މާފުކުރޭ. އަޅުގަނޑު ކުށެށް ނުކުރަން." މާނިޢުގެ ދެތުންފަތުގައި ތުރުތުރުލުމެއް ހުއްޓެވެ.

"މިކަމުގައި މާނިޢުގެ ކުށެށް ނެތްކަމަށް ޤަބޫލުކުރެވޭ." ފައިރޫޒް ހަމަޖެހެން މަސައްކަތްކުރަމުން ވާހަކަ ދައްކަމުން ދިޔައެވެ. "ފައިސާގެ ދަހިވެތިކަމުގައި މާނިޢު ކުއްވެރިޔަކަށް މަދަދުވުން އެއީ މާނިޢުއަށް ކުރެވުނު ކުށެށް. އެއްވެސް މީހަކު މާނިޢު ނިހާ ކޮޓަރިއަށް ވަންނިކޮށް ފެނިގެން ބަޔާނެއް ދީފައެއް ނުވޭ. މާނިޢު އަނގައިން ހަޤީޤަތް ބުނުވަން ކުރިކަމެއް އެއީ. މިހާރު ހަޤީޤަތް އެނގިއްޖެ. މި މައްސަލަ ކުރިޔަށް ގެންދަންޖެހޭ މިސްރާބު ހާމަވެއްޖެ. މާނިޢު ދެން ވެސް ވިސްނާލާ. މުޖުތަމަޢުގެ އާންމުވެފައިވާ މިފަދަ ނުބައި ވަބާތައް މަދުކުރެވޭނީ ހުރިހާ އެންމެ އެކަތިގަނޑަކަށް ވެގެން. ތި ގޮތަށް ފައިސާގެ ދަހިވެތިކަމުގައި ކުށްވެރިންގެ ކުށް ފޮރުވަން މަސައްކަތްކޮށްގެން މާދަމާ އެ އަނިޔާތައް މާނިޢުގެ ދަރިޔަކަށް ނުވަތަ އާއިލާ މީހަކަށް ވެސް ކުރިމަތިވެދާނެ. އެދުވަހަކުން އިންސާފު ހޯދަން ދާނެ ތަނެއް ނޯންނާނެ. އިންސާފަކީ ހަމައެކަނި މި އިދާރާއަށް ހޯދާދެވޭނެ އެއްޗެއް ނޫން. ގާނޫނު ނެގެހެއްޓޭނީ އެންމެންގެ ވެސް އެއްބާރުލުން ލިބިގެން. އެހެންވީމަ ބޮޑެތި ކުއްވެރިންނަށް ވާގިވެރިވުން ފަދަ ހަޑި އަމަލުތަކުން ދުރުހެލިވުމަށް ނަޞޭޙަތްތެރިވަން."

މާނިޢުއަށް އެއްފަހަރެއްކަމަށް މާފުކޮށްފައި ގެޔަށް ފޮނުވައިލީ، ދެވަނަ ފަހަރަށް އެފަދަ ކުށެށް ތަކުރާރު ނުކުރުމަށް ނަޞޭޙަތްތެރިވުމަށް ފަހުގައެވެ. އަދި އެ މައްސަލައިގެ ތަޙުޤީޤަށް ފުރިހަމައަށް އެއްބާރުލުން ދޭންވާނެކަމަށް ބުނެފައެވެ. މާނިޢު ނުކުމެގެން ދިޔުމާއެކު ފައިރޫޒް ހިފަހައްޓައިގެން ހުރި ރުޅިގަނޑު ބާލުވާލެވުނީ މޭޒު މައްޗަށެވެ. މޭޒުމަތީގައި ގޮށް މުއްކަވައިފައި ޖެހިލެއް ބާރުކަމުން މޭޒުމަތީގައި ހުރި ހުރިހާ އެއްޗަކަށް ލޮޅުން އަރައިގެން ދިޔައެވެ. އޭނާ ބޮލުގައި އަތް ކާއްތައިލަމުން ކުއްލިއަކަށް ކޮޅަށް ތެދުވެ ދެކޮޅަށްދެކޮޅަށް ހިނގަންފެށިއެވެ.

ނިހާގެ އިއްފަތްތެރިކަން ލޫޓުވާލަން މަސައްކަތްކޮށްފައި ވަނީ ނަޒީލްކަމާމެދު ޝައްކުކުރާނެ ޖާގައެއް މިހާރަކު ނެތެވެ. އެފަދަ މީހަކާއެކީ އެއް ފުރާޅެއްގެ ދަށުގައި ނިހާ ބެހެއްޓުމަކީ ރައްކާތެރިކަމެއް ނޫނެވެ. ނަޒީލް ހައްޔަރުކޮށް ވަގުތުން ވަގުތަށް އެމީހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފައިރޫޒް ވިސްނިއެވެ. ނަމަވެސް ހަގީގަތަކީ ނަޒީލްއާ ދެކޮޅަށް ބޭނުން ކުރެވޭނެ އެއްވެސް ވަރުގަދަ ހެތްކެއް ލިބިފައެއް ނެތްކަމެވެ. ކޯޓުން ނަޒީލް ބަންދުގައި ބެހެއްޓުމުގެ ހުއްދަ ނުލިބިއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެގޮތަށް ކަންތައް ވެއްޖެނަމަ، ނަޒީލް އަންނަ ރުޅީގައި ކޮންމެ ފަދަ ކަމެއް ކުރަން ވެސް ފަހަކަށް ނުޖެހޭނެއެވެ. އެރޭ ނިހާގެ ކިބައިން ނުލިބުނު އުފާތައް ހާސިލްކުރަން ވެސް އޭނާ މަސައްކަތްކޮށްފާނެއެވެ. ބަދަލު ހިފުމުގެ ބޭނުމުގައި ނަޒީލްގެ ނަފްރަތުގެ ޝިކާރައަކަށް ނިހާ ވެގެން ހިނގައިދާނެއެވެ. އޭރުން ހުރިހާ ނުރައްކަލަކާއި ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނީ ނިހާއަށެވެ.

ފައިރޫޒްގެ ހިތަށް އެރި އެއްޗަކުން ވިސްނުން އެހެން ދިމާއަކަށް އެނބުރުނެވެ. ނަޒީލަށް ފުރުޞަތު ލިބުނު ވަގުތު އެފުރުޞަތުގެ ބޭނުން ނުހިފައި ހިނގައިދާނެބާއެވެ؟ ނިހާގެ ހޭވެރިކަމެއް ނެތްއިރު ނަޒީލަށް އޭނާ ބޭނުން ގޮތެއް ހެދުމުގެ މަގު ތަނަވަސްވެފައި އޮތެވެ. ވީއިރު އޭނާ އެފަދަ ކަމެއް ނުކުރީ ކީއްވެގެން ހެއްޔެވެ؟ ފައިރޫޒް ވިސްނައިލުމުން އެކަމުގައި ނުބައެއް އުޅޭކަން ދެނެގަނެވުނެވެ. އެއްގޮތަކީ އެހެން މީހެއްގެ ސަބަބުން އޭނާގެ މަޤުޞަދަށް ހުރަސްއެޅުމެވެ. ނޫނީ ފައިރޫޒަށް ލިބުނު މެސެޖުގައިވާ ގޮތަށް ރިޕޯޓު ބަދަލުކުރެވިފައި ވަނީ ހެއްޔެވެ؟ ފައިރޫޒްގެ ހިތަށް ވަރަށް އުނދަގޫވިއެވެ. ދެލޯ ފެންކަޅިވެގެން ދިޔައެވެ. ހުރިހާ ހަޤީޤަތެއް އެނގިހުރެ ދެއަތް އުރާލައިގެން އޭނާއަކަށް ކުޅި ބަލާކަށް ނުހުރެވޭނެއެވެ. ނަޒީލަށް މިނިވަންކަމާއެކު އެންމެ ދުވަހަކު ވެސް އުޅުމުގެ ފުރުޞަތު ދީގެންނުވާނެއެވެ. އޭނާ ވަރަށް ވިސްނުމަށްފަހުގައި ގޮތެއް ނިންމިއެވެ. ނުދަންނަ ނަންބަރުގެ ވެރިފަރާތުން ލިބުނު މަޢުލޫމާތުގެ ތެދުދޮގު އޮޅުންފިލުވައި ބަލަންވީއެވެ. އެމީހެއްގެ ވަނަވަރު ހޯދުމަށްވުރެން ޑޮކްޓަރާއި ސުވާލުކުރުން މުހިންމެވެ.

ބާބު 10 - ކަޅު ވިލާގަނޑު

ނިހާގެ ތުންފަތްމަތިން ފެންނަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ހިތްހަމަޖެހިފައި ހުރިކަމުގެ އަސަރުތަކެވެ. ނަމަވެސް އެ އުފާވެރިކަމާއި ހިތްހަމަޖެހުން ފައިރޫޒްކޮށްލާ ކޮންމެ މެސެޖަކާއެކު ފަނޑުވެގެންދެއެވެ. ފައިރޫޒް އޭނާދެކެވާ ލޯބި ހިތަށް އެރުމާއެކު އަމިއްލަ ނަފުސު ކުށްވެރިކުރެވެއެވެ. އެތައް ދުވަހަކަށްފަހު ލިބުނު ހިތްހަމަޖެހުމާ އުފާވެރިކަމަށް ފައިރޫޒްގެ ހިޔަނި އެޅޭކަށް އޭނާ ބޭނުމެއްނޫނެވެ. ނިކާލްއާ މަޝްވަރާކޮށްގެން އެކަމަށް ހައްލެއް ހޯދުމަށް ނިންމައި އޭނާ ހިތްހަމަޖައްސައިލިއެވެ.

ނިހާ ޑިއުޓީއަށް ދާން ތައްޔާރުވެލައިގެން ތިރިޔަށް އައިއިރު ފެންޑާގައި އެއްވެސް އަލިކަމެއް ނެތެވެ. އިރުކޮޅަކު ސިޑިމަތީގައި ހުއްޓިލައިގެން ހުރުމަށްފަހު އަނދިރިއަށް ލޯ ހޭނިލުމާއެކު، އޭނާ ހިނގައިގަތީ ސުވިޗު ބޯޑާ ދިމާއަށެވެ. ކުއްލިއަކަށް ފަހަތުން މީހަކު އައިސް އޭނާގެ އަތުގައި ހިފައި ދަމައިގަތެވެ. ނިހާއަށް ލިބުނު ސިހުމާއެކު އޭނާ ދުރަށް ޖެހިލަން އުޅުނުއިރު ހުރެވުނީ އެމީހާގެ ދެއަތުގެ ތެރޭގައި ހައްޔަރުވެފައެވެ. ނޭފަތުގައި ޖެހުނު ސެންޓުގެ މީރުވަހުން އެއީ ކާކުކަން ނިހާއަށް އެނގުމާއެކު ބިރުފިލައިގެން ގޮސް ލަދުވެތިކަން ފާޅުވިއެވެ.

"ސާބަހޭ ނިކް. ދޫކޮށްލާ. މީހަކު އަތުވެދާނެ." ނިހާ ސިޑިއާ ދިމާއަށް ބަލަމުން ބުނެލިއެވެ.

"ނުކުރާނަން ދުލެއް. މެންދުރުވެސް މަކަރުހަދާފަ ތިހުރީ. މިފަހަރު ހިތްފުރުނީމަ ދޫކޮށްލާނީ" ނިކާލްގެ މޫނު ކައިރި ކުރަމުން ސަމާސާކުރިއެވެ.

"ދޫކޮށްލާ ނޫނީ ހަޅޭލަވައިގަންނާނީ." ނިހާ މޫނު ދުރަށް އަނބުރާލިއެވެ.

ނިކާލް ހީގެންފައި ނިހާގެ އުނަގަނޑުން ދޫކޮށްލިއެވެ. ނިހާ ސުވިޗު ޖައްސައިލުމާއެކު މުޅި ފެންޑާއަށް އަލިކަން ފެތުރިގެންދިޔައެވެ. އަމާންދީފައިވާ މީހެއްފަދައިން ދެއަތް މައްޗަށް އުފުލާލައިގެން ހުރި ނިކާލް ހުރީ ހިލަ ބުދެއްހެންނެވެ.

"ބިރުން ގުޑިލަން ވެސް ނުކެރިފަ މިހުރީ." ނިކާލް ލޮލުގެ ކަޅި އަނބުރަމުން ބުނެލިއެވެ. ނިހާއަށް ހެވުނެވެ.

"ކޮންތާކަށް ދާން މާވަރަށް ސެންޓު ޖަހައިގެން ތި ނުކުތީ. ވަގު ބިޓެއް ކައިރިއަށްތަ؟" ނިހާ ވެސް ސަމާސާކޮށްލިއެވެ.

"ތީ އެ ބިޓަކީ. ވަގު ބިޓު ޑިއުޓީއަށް ގެންދަން މިއައީ." ނިހާގެ އަތުގައި ހިފައިގެން ނިކާލް ހިނގައިގަތެވެ. ނިހާ ވަގުތުން ހުއްޓުންއެރިއެވެ. ތުންފަތުގައި ވި ހިނިތުންވުން ފަނޑުވިއެވެ. ފައިރޫޒްގެ މަތިން ނިކާލް ހަނދާން ނެތުނީ ހެއްޔެވެ؟

"ކިހިނެއްވީ؟" ފާރުގައި ހުރި ބޮޑުގަޑިއަށް ބަލާލަމުން ނިކާލް ބުންޏެވެ. "ގަޑިޖެހެނީ. އަވަހަށް ހިނގާ."

ނިހާ ކުރިޔަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ގަސްދެއް ނުކުރިއެވެ. މިހާރު ފައިރޫޒް އިންނާނީ އޭނާގެ އިންތިޒާރުގައި އެގޭ ދޮރުމަތީގައެވެ. ނިކާލްގެ އަތުގައި ހިފައިގެން ގެއިން ނުކުމެވޭނީ ފައިރޫޒްގެ ކުރި މައްޗަށްކަން އޭނާއަށް އެނގެއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނިކާލަށް ދެނެގަނެވުނީ ދެތިން ފަހަރު ނިހާ ގޮވައިގެން ނުކުންނަން މަސައްކަތްކުރި ފަހުންނެވެ. ނިކާލް ޖަވާބެއް ލިބޭނެކަމަށް ހުއްޓައި ނިހާގެ ދުލުކުރިން ނުކުތީ ފައިރޫޒްގެ ނަމެވެ. ވަގުތުން ނިހާގެ އަތުން އޭނާއަށް ދޫކޮށްލެވުނެވެ. އޭނާގެ މޫނުގެ ކުލަ އޮއްސުނެވެ. އެވަގުތު ނިހާއަށް ފައިރޫޒްގެ ކޯލެއް ލިބުނެވެ.

"ދޮރުމަތީގައި މިހުރީ." ފައިރޫޒް ބުންޏެވެ. "ގަޑިޖެހެނީ ނު. އަވަސްކުރޭ"

"އިރުކޮޅަކުން މި ނުކުންނަނީ." ނިހާ ފޯނު ކަނޑައިލުމަށްފަހު ނިކާލަށް ބަލައިލުމާއެކު ދުރުބަލާލިއެވެ. ނިކާލް ހުރީ ހިތްހަމަނުޖެހިފައި ހެން ނިހާއަށް ހީވިއެވެ. ހަމަ ގައިމުވެސް ނިކާލްގެ ކިބައިން ދެންމެ ފެނުނު ޖޯޝާއި ފޯރި މިހާރަކު ނުފެނެއެވެ. ސަބަބު ނިހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

"ފައިރޫޒްއަކަށް އަދި ނޭނގޭނެ އަހަރެން ބޭނުންވާ ގޮތެއް. އެހެންވެގެން ޑިއުޓީއަށް ގެންދަން އެ އައީ." ނިހާ އޮޅުންފިލުވައިދިނެވެ. އިރުގަނޑަކު ހުރުމަށްފަހު ނިކާލް އެއްޗެއް ނުބުނުމުން ނިހާ ހިނގައިގަތެވެ.

"ދެން ފައިރޫޒް ގާތު ބުނަންވީނު. މިހާރު ކިހާ ދުވަހެއްތަ؟" ނިކާލްގެ އަޑުޖެހުމާއެކު ނިހާ ހުއްޓުނެވެ. "ކީއްވެގެންތަ ސިއްރުކޮށްގެން ތި ހުންނަނީ. ފައިރޫޒަށް ވިސްނޭނެ. މިހާރު ނިހާ ބޭނުންވާ ގޮތް ބުނާހާ ދުވަސް ވެސް ވެއްޖެއްނު. އެއްވެސް ވާހަކައެއް ފައިރޫޒް ގާތުގައި ނުބުނަނީތަ؟ އޭނަ ނިހާގެ ދިރިއުޅުމާބެހޭ ގޮތުން ސުވާލެއްވެސް ނުކުރޭތަ؟"

ނިކާލްގެ ސިކުނޑިއަށް ވެރިވެގެންފައިވާ ހާސްކަން ކުޑަކުރުމަށް ފުންނޭވާއެއް ދޫކޮށްލިއެވެ. ނިކާލްގެ ހިތަށް ކުރާނެ އަސަރު ނިހާއަށް އެނގެއެވެ. އެ އަޑުގައިވި މަޑުމޮޅިކަން ފާހަގަވިއެވެ. ނަމަވެސް ނިކާލަށް ހަޤީޤަތް އެނގެންވާނެއެވެ. ފައިރޫޒް އޭނާދެކެ ލޯބިވާކަމާއި ހިތުގައި ޖައްސަން ނުކެރޭކަމުގައި ނިހާ ބުނީ އިސްޖަހައިލައިގެން ހުރެއެވެ. އެ ވާހަކަތައް އިވިފައި ނިކާލް އިސްތަށިގަނޑު ތެރެއަށް އަތްމަހާލެވުނީ ކަންބޮޑުވެފައި ހުރެއެވެ.

"އަދި ވަގުތުކޮޅެއްދީ." ނިހާ ބުނެލިއެވެ.

"ވަގުތެއްނެތޭ." ނިކާލް ބުންޏެވެ. ނިހާ ނުކެރިފައި ހުއްޓައި ކާވެނީގެ ތާރީޚު ކަނޑައެޅިގެން ހިނގައިދާނެތީ ނިކާލް ބިރުގަނެއެވެ. ނިހާއަށް ނުވިސްނުނަސް މިހާރު ވެސް މާ ބޮޑަށް ލަސްވެއްޖެއެވެ. ފައިރޫޒަށް ހަޤީޤަތް ފޮރުވައިގެން ވޭތުވާ ކޮންމެ ދުވަހަކީ ފައިރޫޒްގެ ހިތުގައި އައު އުންމީދުތަކެއް އާލާކުރާނެ ދުވަހެކެވެ. ނިހާގެ މައްޗަށް އޮތް ލޯބި ފުންވާނެ ދުވަހެކެވެ. ނިހާއަށް އެވަރު ނުވިސްނެނީ ހެއްޔެވެ؟

"ހިނގާ މަށާއެކު. މަ ބުނެދީފާނަން. ނިހާއަށް ނުކެރުނަސް މަށަށް ކެރޭނެ." ނިކާލް ގޮސް ނިހާގެ ކަނާތުގެ ކުޑަހުޅާ ހިސާބުގައި ހިފައިލިއެވެ. އެޔާއެކު ނިހާގެ ވާތުން ނިކާލްގެ އަތް ނައްޓުވާލަން މަސައްކަތްކުރިއެވެ. ނިކާލް ހައިރާންވެގެން ބަލާލުމާއެކު ނިހާ ދެއަތަށް ބޯ ހޫރުވައިލިއެވެ.

"މި ދަންވަރޭ. މާދަމާ ދެން އެ ވާހަކަ ދައްކާނީ." ނިހާ ދެކޮޅުހެދިއެވެ. ނިކާލް ހިތްހަމަނުޖެހިފައި ނިހާގެ އަތުން ދޫކޮށްލައިފައި ބާރަށް ގޮސް ސިޑިން އަރައިގެން ދިޔައެވެ. އޭނާ ކޮޓަރިއަށް ވަދެ ލައިގެން ހުރި ޓީޝާޓުބާލައި އެއްލާމުން އެރީ އެނދަށެވެ. އޭސީގެ ފިނިހޫނުމިން ދަށްކޮށްލުމަށްފަހު މުޅި ގައިގާ ރަޖާ އަޅައިގެން އޮށޯވެ ދެލޯ މަރައިލިއެވެ.

ނިހާ ދޮރު ހުޅުވައިލައިފައި ބޭރަށް ނުކުތްއިރު ސެކިއުރިޓީ ބަލަހައްޓަން އިން މާނިޢުއާ ވާހަކަ ދައްކަން ފައިރޫޒް ހުއްޓެވެ. ނިހާ ފެނުމާއެކު މަގުގެ އަނެއް ފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލާ ދިމާއަށް ފައިރޫޒް ދިޔަތަން ފެނުނެވެ. ނިހާ މަގުމައްޗަށް ނުކުމެ، މަގު ހުރަސްކޮށްފައި ދިޔައެވެ. ފައިރޫޒްގެ ގާތުގައި ހުއްޓުމާއެކު ނިހާގެ ގައިގައި ކުޑަކޮށް ބައްދައިލިއެވެ. ގައިގޯޅިވުމުން ނިހާއަށް އުދަނގޫވިއެވެ. އަދި މަގުމަތީގައި އެފަދަ ކަމެއްކުރުމުން ލަދު ވެސް ގަތެވެ. މަގުމަތިން މީހަކު ފެންނަން ނެތަސް ފެންނަ ހިސާބުގައި މާނިޢު އިންކަން ވެސް ފައިރޫޒް ހަނދާން ނެތުނީ ހެއްޔެވެ؟ ނިހާ ވައްކަޅިން ބަލާލިއިރު މާނިޢު ކަޅިޖަހައިނުލައި ބަލަން އިނުމުން ވަކިން ބޮޑަށް ލަދުގަތެވެ. ނިހާ ކަރުކެހިލުމުން ވެސް ފައިރޫޒް ދުރުވާކަށް ނޫޅުނެވެ. ފައިރޫޒްގެ ބަނޑުގައި ދެއަތް ޖައްސައި މަޑުމަޑުން ކޮށްޕާލުމާއެކު ތެޅިގެންފައި ފައިރޫޒް ދުރަށް ޖެހުނެވެ.

"ސޮރީ." ފައިރޫޒް ދެލޯ ފޮހެލިތަން ނިހާއަށް ފެނުނެވެ. ނިހާ ހައިރާންވިއެވެ. ފައިރޫޒަށް ކޮންމެވެސް ދެރަކަމެއް ވެއްޖެކަން އެނގުނެވެ.

"ކިހިނެއްވީ؟" ނިހާއަށް ސުވާލުނުކޮށް ނުހުރެވުނެވެ.

"ކަމެއްނުވޭ." ފައިރޫޒް ޖަވާބުދެމުން ސައިކަލަށް އެރިއެވެ. ނިހާއަށް ޤަބޫލެއް ނުކުރެވުނެވެ. ފައިރޫޒްގެ އަމަލުތަކާއި ދިން ޖަވާބު ދިމައެއް ނުވެއެވެ. މީގެ ކުރިން ފައިރޫޒްއަކީ އޭނާއާ ގައިގޯޅިވި މީހެއް ވެސް ނޫނެވެ. އަދި އަދަށް ދާންދެން އެންމެ ކުޑަމިނުން ނިހާގެ އަތުގައި ވެސް ހިފައިލައިފައި ނެތެވެ. ވީއިރު މިރޭ ހަމަ ފެނުނުތަނުން އެފަދަ ކަމެއް ކުރާނީ ކޮންމެވެސް ކަމެއް ވީމައެވެ. އެހެނަސް ނިހާ އިތުރަށް ސުވާލެއް ނުކޮށް ސައިކަލު ފަހަތަށް އެރިއެވެ. ފައިރޫޒް ދާކަށް ނޫޅުނެވެ. ސައިކަލު ސުޓާޓުކޮށްލައިގެން އޭނާ އިނީއެވެ. ނިހާ މަޑުމަޑުން ފައިރޫޒްގެ ކޮނޑުގައި ޖަހައިލުމާއެކު މިފަހަރު ވެސް ފައިރޫޒް ސިހުނެވެ.

"ހިނގާ އަންނަ ހަފުތާގައި ކާވެނިކުރަން." އަނގައިން ނުބުނެ އިނދެފައި ކުއްލިއަކަށް ފައިރޫޒް ބުންޏެވެ. "ހެކިވެރިން ފޮނުވަންތަ؟"

"އޭނ. ކާވެނިކުރާށޭ" ނިހާއަށް ލިބުނު ޝޮކުގައި ސައިކަލުން ފޭބުނީ ހިތަށް ވެރިވެގަތް ބިރުވެރި އިޙްސާސެއްގެ ސަބަބުންނެވެ. ނިކާލް ގެއްލިދާނެހެން ހީވެފައި އޭނާއަށް މިހުރިހާ ދުވަހު ނުލިބިފައި ހުރި ހިތްވަރު ލިބުނު ގޮތެއް ވެސް ނޭގުނެވެ.

"ކާވެނިކުރާށޭތަ ތިބުނީ. މަ ބޭނުމެއްނޫން އަންނަ ހަފުތާގައި ކާވެނިކުރާކަށް. މަ ފައިރޫޒްދެކެ ލޯތްބެއް.."

ފައިރޫޒް އެނބުރުނު ވަގުތު އެ ދެލޯ ފެނުމާއެކު ނިހާގެ ދުލުގައި ތަޅެއްލެވުނެވެ. އިތުރަށް އެންމެ ލަފްޒެއް ވެސް ދުލުކުރިއާ ހަމައަށް ނުގެނެވުނެވެ. އެ ދެލޮލުގައިވާ ކަރުނައިގެ އަސަރާއި މޫނުމަތިން ފެންނަ ހިތާމަވެރިކަމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟ ނިކާލާއި އޭނާއާ ދެމެދުގައި އޮތް ގުޅުން ފައިރޫޒަށް އެނގުނީ ހެއްޔެވެ؟

"ނިހާ ލޯބިނުވާކަން އެނގޭ." ފައިރޫޒް ބުންޏެވެ. "އެކަމަކު މަ ވަރަށް ލޯބިވޭ. ނިހާއަށް ކުޑަވެސް ގެއްލުމެއް ލިބޭކަން ނޭދެން. އަވަހަށް ކާވެނިކުރަން ހިނގާ. ކާވެނިކުރީމަ ނިހާއަށް ވެސް ލޯބިވެވިދާނެ. ނިހާ ކާވެނި ލަސްކުރަމުން ތި ދަނީ ލޯބިވެވެންދެން ކަމުގައިވާނަމަ އިނދެގެން ވެސް ނިހާއަށް އަހަރެން އެ ވަގުތުދީފާނަން. ހިނގާ މެރީކުރަން. އާނއެކޭ ބުނެބަލަ."

ފައިރޫޒްގެ ވާހަކައިން ނިހާގެ ހައިރާންކަން ވީ އިތުރެވެ. ލޯބިނުވާކަން އެނގިހުރެ ވެސް ފައިރޫޒް ބޭނުން ވަނީ ކާވެނިކުރާށެވެ. އެ ވެސް އަންނަ ހަފުތާގައެވެ. ކުއްލިއަކަށް ކާވެނި އަވަސްކުރުމަށް ފައިރޫޒް ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ އިލްހާމް ކާވެނި އަވަސްކުރުމަށް މޮޅު ކުޅިގަނޑެއް ކުޅެލީ ކަންނޭގެއެވެ. އެހެން ހީވުމާއެކު ނިހާގެ ބޮލުގައި ރިއްސައިގަތެވެ.

"އަންނަ ހަފުތާގައި ކީއްވެގެންތަ؟ ނުކުރެވޭނެ. ނިކާލްމެންނާއެކު ކުރަން ރޭވިކަމެއްނު. އެހެންވީމަ އެމީހުންނާއެކު ކުރަންވާނީ." ނިހާ ބަހަނާއެއް ދެއްކޭތޯ ބެލިއެވެ.

"އެއީ ވެސް ދޮގެއްނު. ނިކާލް ނޫޅޭ މީހަކާ އިންނާކަށް. ނިހާ ކާވެނި ލަސްކުރަން ކުރިކަމެއްނު އެއީ."

ނިހާގެ އަނގަ ވަގުތުން ބަންދުވިއެވެ. ސިކުނޑިއަށް ވެރިވެގެންދިޔަ ހާސްކަމުން މޫނުމަތިން ދާތިކިތައް ފާޅުވުމާއެކު އަވަސްއަވަހަށް އަތު ތެރޭ އޮތް ރުމާލުން މޫނުމަތި ފޮހެލަމުން ކާކު ދެއްކި ވާހަކައެއްތޯ އަހައިލިއެވެ. ޖަވާބު އެނގިހުރެ ވެސް އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އިލްހާމް ފައިރޫޒްގެ ގާތުގައި ދެއްކި ހުރިހާ ވާހަކަތަކެއް އެނގެން ބޭނުންވިއެވެ.

"އިލްހާމްބެ ބުނެގެންތަ؟" ނިހާ އެހިއެވެ.

"މިރޭ އިލްހާމްބެ ގެޔަށް އައިސް ހުރިހާ ވާހަކަތަކެއް ކިޔާދީފި." ފައިރޫޒް އޮޅުންފިލުވައި ދިނެވެ. "ނިހާ ކާވެނި ލަސްކުރަން ބޭނުންވާ ސަބަބު ވެސް ބުނެދީފި. ކުރިން ވެސް މަށަށް އެނގޭ ނިހާ ލޯބިނުވާކަން. ކާވެނި ލަސްކުރަނީ އެހެންވީމަކަން ވެސް އެނގޭ."

"ދެން ހުރިހާ ހަޤީޤަތެއް އެނގިހުރެ ވެސް އިންނަން ބޭނުންވޭތަ؟ އެއީ ކީއްވެގެން؟" އިލްހާމްދެކެ އައި ރުޅީގެ ސަބަބުން ނިހާއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. "އަހަރެން އެހެން މީހެއްދެކެ ލޯބިވިޔަސް ފައިރުއަށް ވަރިހަމަ ވާނެ."

"އޭނ. ކީކޭ ތިބުނީ. ނިހާ އެހެން މީހެއްދެކެ ލޯބިވަނީތަ؟" ފައިރޫޒްގެ ރާގުގަނޑު ބަދަލުވީ ކުއްލިއަކަށެވެ. އެއީ އޭނާއަށް އެނގިފައިވާ ހަޤީޤަތެއް ނޫނެވެ. އިލްހާމްގެ ފަރާތުން އެނގުނު ގޮތުގައި ނިހާ އޭނާދެކެ ލޯބިވެވެންދެން ވަގުތު ހޯދަނީއެވެ. އެހެން މީހެއްދެކެ ލޯބިވެގެން ކާވެންޏަށް ބިރުން ފަސްޖެހި ފިލަނީކީ ނޫނެވެ. ފައިރޫޒަށް ކުއްލިއަކަށް އެ އައި ބަދަލުން އެ ހަޤީޤަތް ނޭނގޭކަން ނިހާއަށް ޔަޤީންކުރެވުނެވެ.

"އެހެންވިޔަސް ވަރިހަމަ ހޭ؟" ނިހާ އޮޅުވާލިއެވެ. ފައިރޫޒަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

"ނިހާ އެހެންމީހެއްދެކެ ލޯބިނުވާކަން އެނގޭ. އެހެންވީމަ އެކަމާ ވިސްނާކަށް ނުޖެހޭނު. އަހަރެން ވަރަށް ވިސްނާފަ އަވަހަށް ކާވެނިކުރަން މި ނިންމީ." ފައިރޫޒް ސައިކަލު މުއްގަނޑު އަނބުރާލަމުން ބުންޏެވެ. "އަވަހަށް އަރާ. ގަޑިޖެހެން ވަރަށް ގާތްވެއްޖެ."

"ސަބަބަކީ ކޮބައިކަން ބުނެދެވިދާނެތަ؟" ނިހާ ސައިކަލަށް އަރަމުން ފައިރޫޒްގެ ދެކޮނޑުގައި އަތް ބާއްވާލިއެވެ.

"ސަބަބު ނާހާ. އާނއެކޭ ބުނޭ. ނިހާއަށް ދެރަގޮތެއް ނުހަދާނަމޭ. އާނއެކޭ ބުނީމަ ހުރިހާ ކަމެއް ހަމަޖެހުނީ." ފައިރޫޒް ކިތަންމެ ބޭނުންވިޔަސް ނިހާއަށް އެ ސިއްރު ބުނެދެވޭކަށް ނެތެވެ.

ނިހާ ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ވެސް ފައިރޫޒްއާ އެތަކެއް ސުވާލުތަކެއް ކުރިއެވެ. ފައިރޫޒް ކާވެނި އަވަސް ކުރަން ބޭނުންވަނީ އިލްހާމް މޮޅު ވާހަކައެއް ދެއްކީމާކަން ނިހާއަށް ޔަޤީންވެއެވެ. އިލްހާމް ދެއްކި ވާހަކަތަކުގެ ތަފުސީލު ދިނުމަށް އެދުމުން ވެސް ފައިރޫޒްގެ ފަރާތުން މާ ބޮޑު ތަފުސީލެއް ނުލިބުނެވެ. ބުނެދިނީ ނިހާ ވަގުތު ބޭނުންވެގެން އިންޝާއާ ގުޅިގެން ކާވެނި ލަސްކުރަން އުޅުނު ވާހަކައެވެ. އެވަރުން ނިހާގެ ހިތެއް ހަމައެއްނުޖެހުނެވެ. އިލްހާމް އެޔަށްވުރެން ބޮޑަށް އެވާހަކަ ދައްކާނެއެވެ. އެ ފިރިހެނާ ދޮގެއް ހަދައިނުލައި އެއްވެސް ކަމެއް ނުނިންމާނެއެވެ. ނިހާގެ ފަހަތުން ނިކާލް އުޅޭކަމަށް ބުނެ އިލްހާމް ދޮގެއް ހެދީ ހެއްޔެވެ؟ ފައިރޫޒް އެކަމާ ބިރުން ކާވެނި އަވަސްކުރަން ބޭނުންވަނީބާއޭ ނިހާގެ ހިތަށްއެރިއެވެ.

"އަންނަ ހަފުތާގައި ހެކިވެރިން ފޮނުވާނަން. ފަސްދުވަސް ދެން މިއޮތީ. ނިހާ ލޯބިވަންޏާ ވާންވީ." ނިހާ ސައިކަލުން ފޭބުމާއެކު ފައިރޫޒް ބުންޏެވެ. ނިހާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ފައިރޫޒް ސައިކަލު ދުއްވާލުމުން ނިހާ ރުޅިގަދަވާ ގޮތްވިއެވެ. އޭނާ ހޮސްޕިޓަލުގެ ތެރެއަށް ވަދެގެންދިޔައިރު ހީވަނީ ބޯ މަތީގައި ބޮޑު ބަރެއް ބާއްވާފައި އޮތްހެނެވެ. ހަފުތާ ފެށުމުގެ ކުރިން ފައިރޫޒަށް ހުރިހާ ހަޤީޤަތެއް ހާމަކޮށްދޭންޖެހޭނެއެވެ. މާގިނަ ވަގުތެއް ވެސް ނެތެވެ. އޮތީ ހަމަ އެންމެ ފަސް ދުވަހެވެ. އޭނާގެ ހިތުގައި ރަސްކަންކުރަމުން ދަނީ އެހެން މީހެއްކަން ބުނެދޭނެ ހިތްވަރު ނިހާއަށް ލިބޭނެ ހެއްޔެވެ؟ ފޯނު ވައިބްރޭޓްވިހެން ހީވެގެން ބަލާލިއިރު އޮތީ ނިކާލްގެ މެސެޖެކެވެ.

"ސޮރީ ލަވް. ވަރަށް ލޯބިވޭ ދޫނީ." ނިހާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ފައިރޫޒްގެ ވާހަކަތައް ނިކާލަށް ކިޔާދޭން ހިތަށް އަރާފައި ވެސް އޭނާގެ ހިޔާލު ބަދަލުވިއެވެ. ނިކާލްގެ ޠަބީއަތު ހަރާބުވެދާނެތީ އޭނާ އެ ވާހަކަ ސިއްރުކުރި ނަމަވެސް އެކަމާ ނުވިސްނާ ނުހުރެވުނެވެ. ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ބަލިމީހުންގެ ޚިދުމަތުގައި ނިހާ އުޅުނުއިރު ދޭތެރެއަކުން ނިކާލްގެ މެސެޖެއް ލިބެއެވެ. ނިހާ ވަގުތެއް ލިބޭއިރަށް ޖަވާބު ފޮނުވާލައެވެ. މުޅި ރޭ ހޭދަވެގެން ދިޔައީ ދެމީހުން އެކަކު އަނެކަކަށް މެސެޖު ފޮނުވުމުގައެވެ. ދެފަރާތުން ބަދަލުކުރެވުނު މެސެޖުތަކުން ނިކާލަށް ލިބުނު ހިތްހަމަޖެހުމާއެކު އޭނާއަށް ނިދުނީ އިރުއަރަނިކޮށެވެ.

އިލްހާމް ފަތިސް ނަމާދުކޮށްލައިގެން ގެޔަށް ދިޔުމުގެ ކުރިން އިބްރާހީމްބެއާ ބައްދަލުކޮށްލަން ބޭނުންވިއެވެ. އޭނާ އެގެޔަށް ގޮސް އިބްރާހީމްބެއާ އެކު ވަގުތުތަކެއް ހޭދަކުރިއެވެ. ކޮފީ ބޮއެ ދެމީހުންގެ ދިރިއުޅުމުގެ އެކި ވާހަކަތައް ހިއްސާކުރިއެވެ. އެ ދެމީހުންގެ މެދުގައި އޮތް ނުތަނަވަސްކަމާއި، ރުޅިވެރިކަން ފިލައި އެކުވެރިކަން އާލާވަމުން އައީ ހީވެސް ނުކުރާހާ ހަލުވިކޮށެވެ. އެކަމާ އިލްހާމް ހުރީ ނިކަން ހިތްހަމަޖެހިފައެވެ. ވާނީ ވެސް އެހެންތާއެވެ. ލަނޑަޔާ ވާނީ ލަނޑަޔާއެވެ. އިލްހާމް ދިޔައީ މަޑުމަޑުން ހަޔާތުގެ ވާހަކަތައް އިބްރާހީމްބެއާ ހިއްސާކުރަމުންނެވެ. އޭނާގެ އަމިއްލަ އެދުމެއް އޮތް ކަމާމެދު ޝައްކުވެދާނެ ފުރުޞަތެއް ނުދީ ވިސްނުންތެރިކަމާއެކުއެވެ.

އިލްހާމަށް ގެއަށް އައިސް ވަދެވުނު އިރު މުޅި ދުނިޔެ މައްޗަށް އަލިކަން ފެތުރިއްޖެއެވެ. ކޮޓަރިއަށް ވަންއިރު އެނދުތަންމަތި ބަދަލުކުރުމުގައި ޞަފިއްޔާ އަވަދިނެތި އުޅުނެވެ. އިލްހާމް ދެ ފަހަރަކު ގޮވާލުމުން ވެސް ޞަފިއްޔާ އަޅައެއް ނުލިއެވެ. ބާލީސްތަކާއި ފަލަނގުފޭލިތައް ނަގައި ބާލީސްތަކަށް އުރަ މަހަމުން ދިޔަ ޞަފިއްޔާގެ ކަންފަތާ ހަމައަށް އިލްހާމްގެ އަޑު ފޯރިހެނެއް ހިޔެއްނުވެއެވެ. އިލްހާމް ގޮސް ޞަފިއްޔާގެ އަތުން ބާލީސް އަތުލިއެވެ.

"މަ އެބަ ގޮވަމޭ ޞަފިއްޔާއަށް" އިލްހާމް ބުނެލިއެވެ. ޞަފިއްޔާ އިސްއުފުލައި ބަލައިލަމުން ބާލީސް ޖަހައިގަތެވެ.

"ކިހިނެއްވީ؟ ބުނެބަލަ ތި ބުނަން އުޅޭ އެއްޗެއް؟ ދަރިއަކާ ގުޅުންހުރި ކަމެއް ވިއްޔާ ވަރަށް އަޑުއަހައި ހިތުން މިހުރީ. އިލްހާމްއާ ގުޅުންހުރި ކަމެއްނަމަ ތި ވާހަކަތައް ނިމޭނީ ޒުވާބަކުން. މިގަޑީގަ ޒުވާބުކުރާކަށް ވަގުތެއްނެތް." ޞަފިއްޔާ ބާލީސްތައް އެނދުގައި ހަމަޖައްސަމުން ބުނެލިއެވެ.

"ރޫނާ ބުނެގެން ނިކާލަށް ސިހުރުޖެހިފައި ހުރިތޯ ބަލަން ޓެސްޓުކުރި ވާހަކަ ނުބުނީ ކީއްވެގެން؟" އިލްހާމް އެހިއެވެ.

"ނުބުންޏަސް ތިއޮތީ އެނގިފައެއްނު" ޞަފިއްޔާ ރައްދު ދިނީ ފަރުވާކުޑަ ގޮތަކަށެވެ.

"އެނގުމެއްނޫން މީގަ މުހިންމީ. ޞަފިއްޔާ މޮޔަތަ؟ އެވަރުގެ ކަމެއްކުރުމުގެ ހުއްދަ ރޫނާއަށް ދިނީ ކީއްކުރަން؟ ނިކާލްއާ ނިހާ ތަތްކުރުވަން ޞަފިއްޔާ ވެސް ބޭނުންވަނީތަ؟" އިލްހާމް މަޑުން ވާހަކަ ދައްކަން ބޭނުންވިޔަސް ޞަފިއްޔާގެ އަމަލުތައް ހުރި ގޮތުން ވާހަކަ ދެއްކުނީ ބާރަށެވެ. ރޫނާގެ ސަބަބުން ނިހާއާއި ނިކާލްގެ މެދުގައި ޖެހުނު މައްސަލަ ހައްލުވީކަމުގެ ޚަބަރު އިލްހާމަށް ދިނީ ނަޒީލެވެ. އެ ޚަބަރު ލިބުމާއެކު ފައިރޫޒްއާ ބައްދަލުކޮށް ކާވެނި އަވަސްކުރުމަށް އޭނާ ވަނީ ފިޔަވަޅެއް އަޅައިފައެވެ.

"މަ ބޭނުންވާ ގޮތަކަށް އެއްކަމެއް ވެސް ވޭތަ؟ އިލްހާމް އެކަން ހުއްޓުވައިބަލަ." ތަޅުންމަތީ ހުރި ފަލަނގުފޭލިތަކާއި ބާލީހު އުރަތައް ނަގައިގެން ޞަފިއްޔާ ހިނގައިގަތެވެ.

ޞަފިއްޔާގެ އަޅާލުންކުޑަކަން ފެނި އިލްހާމް ގާތަށް ރުޅިއައެވެ. ވަގުތުން ޞަފިއްޔާގެ އަތުގައި ހިފައި ގެނެސް އެނދުމަތީ ގަދަކަމުން ބައިންދަމުން މައިތިރި ވެގެން އިށީނދެ އިނުމަށް އަމުރުކުރިއެވެ. އެހިސާބުން ޞަފިއްޔާ ރުޅިގަދަވެގެން ގޮސް އެ ދެމެދުގައި އުފެދުނު ހޫނުކަން ބަދަލުވެގެން ދިޔައީ ބޮޑު ޒުވާބަކަށެވެ. ޞަފިއްޔާ ކަންކަން ސިއްރު ކުރަނީ ކަމަށް ބުނެ އިލްހާމް އަޑުގަދަ ކުރިއެވެ. އިލްހާމް ޒުވާބުކުރަން ބޭނުން ނުވިޔަސް ޞަފިއްޔާއަށް އައިސްފައިވާ ބަދަލުތަކުން އެއްޗެއް ނުބުނެ ނުހުރެވެނީއެވެ. ރުޅިގަދަވަނީއެވެ. ހަޔާތުގެ އެ ހިސާބަށް އައިސް ޞަފިއްޔާ އުޅެންފެށި ގޮތަކުން އެ ހިތުގެ ހަމަޖެހުން ނަގައިލައިފިއެވެ. ޞަފިއްޔާ ވެސް އިލްހާމް ބުނާ ކޮންމެ އެއްޗަކަށް ދޭތި ބުނަމުން ގޮސް އެންމެ ފަހުން އަންހެންދަރީގެ މައްސަލަ ވެސް އެ ދޭތެރެއަށް ވެއްދިއެވެ. އޭނާ ހަމަޖެހިގެން ވާހަކަ ދައްކާނީ އެ ހަޤީޤަތް އެނގުނު ދުވަހަކުން ކަމަށް ބުނެ ނުކުމެގެން ދިޔައީ އިލްހާމްގެ އެތެރެ ހަށީގައި އަނދަމުންދިޔަ އަލިފާންގަނޑަށް ޕެޓްރޯލް އަޅާ ރޯކޮށްލައިފައެވެ.

ދީޕިކާ މަންމައަށް ގުޅައިގެން ފޯނެއްގައި އިންއިރު އެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އިރުއިރު ކޮޅާ ދެލޯ ފޮހެލަމުން ވަރަށް އަވަހަށް ރަށަށް ދާނެކަމުގައި ދީޕިކާ ބުނެއެވެ. އޭނާ ރަށަށް ދިޔުމަށް ފޮށިތަންމަތި ވެސް ތައްޔާރު ކުރަމުން ދާކަމަށް ބުނެ މަންމަ ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ. އިލްހާމް އޭނާ ރަށަށް ދިޔުމުގެ ހުއްދަ ނުދިނުމުން ލަސްވަނީކަމަށް ބުނި އިރު އެ އަޑުގައިވި ނަފުރަތު ދޮރުމަތީގައި ހުރި ޞަފިއްޔާއަށް ވެސް އިހްސާސް ކުރެވުނެވެ. ދީޕިކާ ރޮމުން އެ ދެއްކި ވާހަކަތައް އޭނާއަށް ސާފުކޮށް އަޑުއިވުނެވެ. ޞަފިއްޔާއަށް ހިންދީބަސް އެނގޭތީ އެ ވާހަކަތައް ކިތަންމެހާ ވެސް ރަނގަޅަކަށް ފަހުމުވިއެވެ.

"ދައްތާ ކިހިނެއްވަނީ؟" ޞަފިއްޔާ ފެނުމާއެކު ދީޕިކާ އަވަސްއަވަހަށް ފޯނު ކަނޑައިލަމުން ކޮޅަށް ތެދުވިއިރު ހީވީ ބިރެއް ފެނުނުހެންނެވެ.

"ދީޕިކާ ރޮނީ ކޮންކަމަކާ." ޞަފިއްޔާ ސުވާލުކުރުމާއެކު ނިކަން އަވަހަށް ދީޕިކާ ދެލޯ ފޮހެލަމުން ހިނިތުންވާން މަސައްކަތްކުރިއެވެ. ނަމަވެސް ދީޕިކާ ދެއްކި ވާހަކަތައް އަޑުއިވިފައިވާތީ ޞަފިއްޔާއަށް އެ ހިތުގައިވާ ރިހުން ސިއްރެއް ނުވިއެވެ. ދީޕިކާ ގާތުގައި ބައިންދައިގެން ޞަފިއްޔާ ސުވާލުތައް ކުރަންފެށީ މައްސަލައެއްގެ ތަޙްޤީޤެއް ހިންގާ ބީދައިންނެވެ. ދީޕިކާ ހާސްވިއެވެ. ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށް ޞަފިއްޔާ އެދުނެވެ.

"މަންމަ ބަލި ހުންނަނީ. ކިޑްނީ ބަލި ހުންނަނީ. ރަށަށްދާން ބޭނުންވަނީ." ދީޕިކާގެ ޖަވާބާއެކު ޞަފިއްޔާގެ އިތުރު ސުވާލަކާ ދީޕިކާއަށް ކުރިމަތިލާން ޖެހުނެވެ. އެކަން ސިއްރުކުރީ ކީއްވެގެންތޯ އެހިއެވެ.

"ރަށަށް ގޮސް ނާދެވެނީ. އެއްކޮށް ރަށަށްދާން ބޭނުންވަނީ." ދީޕިކާ ބުނެލިއެވެ.

ޞަފިއްޔާއަށް ހުރިހާ އެއްޗެއް ވިސްނުނެވެ. ދީޕިކާ އެއްކޮށް އިންޑިއާއަށް ފޮނުވުމަށް އިލްހާމް ދެކޮޅު ހަދާނެތީ ދީޕިކާ އެ ހުރީ އެވާހަކަތައް ސިއްރުކޮށްގެންނެވެ. މަސްދުވަހަށް ރަށަށް ފޮނުވުމަށް ބުނަމުން ދިޔައީ ހަޤީޤަތް ސިއްރުކުރަން ވެގެންނެވެ. ދީޕިކާގެ މަންމަގެ ބަލި ހާލަތު އެނގުމުން ޞަފިއްޔާ އެހީތެރިކަމެއް ފޯރުކޮށްދޭ ހިތްވިއެވެ. އިލްހާމްއާ ވާހަކަ ދައްކައިގެން ދީޕިކާ ރަށަށް ފޮނުވައިދޭން ވެދެވެން އޮތް އެހީތެރިކަމެއް ވިއްޔާ ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޞަފިއްޔާ ދިނެވެ.

"އަދި ހަނދާންނެތިފަ އޭ މީނީ. ހުންނާނެ ބެޑްޝީޓްތައް ނަގައި މައްޗަށް ގެންގޮސްފަ. ދޭ ބަލަ އެ އެއްޗެހި ދޮވެލަން. ދައްތަ މި ދަނީ ބަދިގެއަށް." ދީޕިކާ ހޯދަން އައި ބޭނުން ކުއްލިޔަކަށް ހަނދާންވުމާއެކު ޞަފިއްޔާ ބުނެލިއެވެ. ދީޕިކާ ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ހާމަފެންޑާގައި ހުންނަ ދޮވެއްޗާއި ދިމާއަށް މިސްރާބުޖެހިއެވެ.

ސިނގިރޭޓު ފޮށްޓަކާއި ލައިޓަރެއް ހިފައިގެން އިލްހާމް ނިކުތީ ބޭރަށެވެ. އުނދޯލީގައި އިނދެގެން ފަހަރަކު ސިނގިރޭޓެއް ހުލިކުރަމުން ދިޔައިރު ދިރިއުޅުމާމެދު ވަރަށް ބޮޑަށް ވިސްނިއެވެ. ޞަފިއްޔާގެ ހިޔާލު ވަކިން ބޮޑަށް ކުރެވުނެވެ. އޭނާ ވިސްނުމެއްގައި އިންދައި ފައިރޫޒްގެ ސައިކަލު ދޮރު މައްޗަށް މަޑުކޮށްލިތަން ފެނުނެވެ. ފައިރޫޒް ކޮންމެވެސް ވާހަކައެއް ދައްކައިފައި ދިޔަ ފަހުން ނިހާ ހުރި ފިޔަވަޅުމަތީ އިރުގަނޑަކު ހުއްޓެވެ. ނިހާ ގޯތިތެރެއަށް ވަންނަން އެޅި ފިޔަވަޅާއެކު އިލްހާމް ފެނުމުން އެތެރެހަށިން ދުން އަރަންފެށިއެވެ. އިލްހާމްއާ ދިމާއަށް ލޯ އަޅަމުން ހިނގާފައި ވަދެގެން އައިލެއް ބާރުކަމުން އިލްހާމަށް ހިތްހަމަޖެހުމެއް ލިބުނެވެ. ނިހާގެ ބަނަވެފައިވާ މޫނު ފެނުމުން ޞަފިއްޔާގެ ފަރާތުން ލިބުނު ނުތަނަވަސްކަން ފިލައިގެން ދިޔައީ ހީ ވެސް ނުކުރާހާ އަވަހަށެވެ.

އިލްހާމް ވަރަށް ހިތްހަމަޖެހިފައި އިންދާ ލިބުނު ކޯލަކުން އެ އުފާވެރިކަން ފުނޑުފުނޑު ވެގެންދާން ސިކުންތެއް ވެސް ނުނެގިއެވެ. އޭނާ ކަންފަތުގައި ފޯނު ޖައްސައިގެން އިނދެ ކުއްލިއަކަށް ކޮޅަށް ތެދުވެ ދެކޮޅަށް ހިނގަން ފެށުނެވެ. ލިބުނު ޚަބަރަކުން އޭނާގެ ބޯ މައްޗަށް އުޑު ވެއްޓުނުފަދަ އިޙްސާސެއްކުރެވި އެނބުރުން އަރައިގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ކައިރީގައި ހުރި ޖަންބުރޯލުގަހުގައި ހިފަހައްޓައި ލެވުނުކަން އެއީ ހަމަ ނަސީބެކެވެ. (ނުނިމޭ)

ނުވަވަނަބައިގެ ތެރެއިން:-

"މަންމަ ބަނޑުބޮޑުވީ ކަލޭގެ ފިރިމީހާ ދަރިއަކަށް އެއީ ހަޤީޤަތަކީ." ނިހާއަށް ބާރަށް ބުނެވުނެވެ. "މަންމަ މަރާލީ ވެސް ކަލޭގެ ފިރިމީހާ. އެ ހަޤީޤަތްތައް ކަލެޔަށް ނޭނގެނީތަ؟ ނޫނީ ސިކުނޑިއޭ މިކިޔާ އެއްޗެއް ކަލޭގެ ނެތީތަ؟"

ޞަފިއްޔާ ނިކަން ބާރަކަށް އައިސް ނިހާގެ ކަންކަށި މަތީގައި ވިހެލިއެވެ.