މިސްރުގައި ހުރި އަހްރާމްތައް އިމާރާތް ކުރުމުގެ މާކުރިން އިމާރާތެއް ކުރުމަށް ތަޅައި، ވަކި ބައްޓަމަކަށް ތައްޔާރުކޮށްފައި ހުރި ހިލަތަކެއް ސައުދީ އަރަބިއްޔާގެ ސަރަހައްދަކުން ފެނިއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ހަނަފަސް ސަހަރާއެއްގައި ހުރި ފަރުބަދައެއްގެ މަތިން ފެނުނު ހިލަތައް ހުރީ ފާރެއް ހެން އަތުރާފައެވެ. އެހިލަތައް ހުރީ ހަތަރެސް ކަނަށެވެ.

މިހިލަތައް ދިރާސާ ކުރި އިނގިރޭސިވިލާތުގެ ސައިންސްވެރިން ބުނާ ގޮތުގައި މިހިލަތަކަށް 7000 އަހަރު ވެދާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން މިއީ މިސްރުގެ އަހްރާމްތައް ބިނާ ކުރުމުގެ 2000 އަހަރު ކުރިން މިތަނުގައި އަތުރާފައި ހުރި ހިލަތަކެއް ކަމަށް ބެލެވެއެވެ.

ބުރާސްފަތި ދުވަހު ސައިންސް ޖާނަލްއެއްގައި އާއްމުކުރި ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ މިއީ މިހައި ގިނަ ދުވަސް ވެފައިވާ ހިލަތަކެއް ކަމަކަށް ސައިންސްވެރިން ކުރިން ހިއެއް ނުކުރެއެވެ. މީގެ ކުރިން ބެލެވިފައި އޮތީ މިހިލަތަކުގެ އަދަދު ހާހަކަށް ވުރެ ގިނައެވެ.

ހިލަތައް ހުރީ އެކި ސަރަހައްދުތަކުގައި ގޮޅިގޮޅިއަށް ވާގޮތައް އަތުރާފައެވެ. މިގޮޅިތަކަކީ ޖަނަވާރުން ގެންގުޅެން ހަދާފައި ހުރި ތަންތަން ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. މިގޮތައް ލަފާކުރެވެނީ ބައެއް ގޮޅިތަކުން ބައެއް ޖަނަވާރުގެ ކަށިތައް ފެނިފައި ވާތީއެވެ.

ނަމަވެސް މިއީ ކޮންމެވެސް ކަހަލަ މުއާމަލާތެއް ބަޔަކާއި ކުރުމަށް ވަކި ގޮތަކަށް އަތުރާފައި ހުރި ހިލަތަކަށް ވެދާނެ ކަމަށް ވެސް ސައިންސްވެރިން ލަފާކުރެވެއެވެ. މިއީ ކޮން ބޭނުމެއްގައި އަތުރާފައި ހުރި ހިލަތަކެއް ކަން ކަށަވަރު ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ދިރާސާތައް ކުރަމުން ގެންދާނެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ސައުދީ އަރަބިއްޔާ އިން މިފެނުނު ހިލަތަކުގެ ސަބަބުން އިންސާނުން ގެދޮރު ހެދުމުގެ މަސައްކަތް ފަށައިގަތް ކަމަށް ލަފާކުރެވޭ ތާރީޚްތައް ދެނެގަތުމަށް އިތުރަށް ފަސޭހަ ވެގެން ދާނެއެވެ.

ތެލަށް ބަރޯސާވުން ކުޑަކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ސައުދީ އަރަބިއްޔާ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެގައުމުގެ ތާރީޚާއި ގުޅޭ ކަންކަން ދިރާސާ ކުރުމަށް މިހާރު ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު