އެކެއް މެއިގައި ގެނެސްދިން ބައި

ނިހާ ގޭތެރެއަށް ވަދެގެން އައީ އިލްހާމާ ދިމާއަށް ހިތާހިތުން ވަރަށް ކުދި ކިޔަމުންނެވެ. އޭނާ އައިސްފައިހުރި ރުޅީގައި އިސްދަށަށް ޖަހައިގެން ހުރެ ސިޑިން އަރަމުން ދަނިކޮށް މީހެއްގެ ގައިގައި ޖެހުނުލެއް ބާރުކަމުން ނިހާގެ ހަށިގަނޑުގެ ބުރަދަން ނުހިފެހެއްޓި، ސިޑީގެ އެއް ހަރުފަތުން ފައި ކެހިގެން ދިޔައެވެ. އަނގައިން ނުކުތް މަޑު ހަޅޭކުގެ އަޑާއެކު ހޫރުވާލެވުނު އަތުން އެމީހާ ލައިގެން ހުރި ބެނިޔަމުގައި ހިފައި މުއްބާރުކޮށް ލެވުނެވެ. އޭރު އެމީހަކު ނިކަން ހުށިޔާރުކަމާއެކު ނިހާގެ އުނަގަނޑުގައި އަތްއަޅުވައި ބަގުޑިބައްދައި ހިފަހައްޓައިފިއެވެ. ނިހާ މޭމަތީ އަތް އަޅައިލަމުން ތިރިއަށް ބަލައިލަމުން އެނބުރުނުއިރު އެއީ ނިކާލްއެވެ. ގަޔަށްދޫ ބެނިއަމްއާއި، ސޯޓެއްގައި ނިކަން ހެވިފައި ހުރި ނިކާލްގެ ދެލޮލުގައި ރަތްކަމެއް ހުއްޓެވެ. ރޭގައި ރަނގަޅަށް ހަމަނިދި ނުލިބުނުއިރު ވެސް ހެނދުނުހެނދުނާ ތެދުވެ އެ އުޅެނީ ކަސްރަތުކުރަން ދެވިހިފާފައި ހުރުމުން، ނިދަން ނޯވެވިގެންނެވެ.

"ވިއްސާރަދުވަހަކަށް ވާނެ ކަންނޭނގެ؟" ނިކާލް ބުމަ އަރުވާލަމުން ބުންޏެވެ. "ވަރަށް އުޑުމަތި ބަނަކޮށް މި ފެންނަނީ. ވިދާ ގުގުރާނެބާ؟"

"ވިއްސާރައެއް ނޫން. މިހާ ހެނދުނާ ވެސް ވަރަށް ގަދަޔަށް އަވިދީފަ އޮތީ." ނިހާ ދުރަށް ޖެހިލިއެވެ.

"އެކަމަކު އުޑުމަތި ހާދަހާ ބަނަކޮށްނޭ މި ފެންނަނީ." ނިކާލްގެ އިނގިލިތަކުން ނިހާގެ ކޯތާފަތުގައި ފިރުމާލިއެވެ. އެޔާއެކު ނިކާލް ބުނި އެއްޗެއް ފަހުމުވުމުން ނިހާ ދެލޯ އަޅާލިއެވެ.

"ކިހިނެއްވީ؟ އަނެއްކާ ފައިރޫޒް ހިތްހަމަނުޖެހޭ ކަހަލަ އެއްޗެއް ބުނީތަ؟" ނިކާލް ހީލަމުން އެހިއެވެ. ރޭގައި ފެނުނު ކަހަލަ ހިތްހަމަނުޖެހުމުގެ އަސަރެއް މިއަދު ނިކާލްގެ ފުށުން ނުފެނެއެވެ. އޭނާ ހުރީ ނިކަން ހަމަޖެހި ހިނިއައިސްފައެވެ. ނިހާ ސިކުނޑީގައި ގުގުމާލީ ފައިރޫޒްގެ ވާހަކަތަކެވެ. ކާވެނީގެ ރަން ކިޔުމަށް އަންނަ ހަފުތާގައި ދެ ހެކީން ފޮނުވާނެކަން ހަނދާނަށް އައުމާކު ބޮލުގައި ރިއްސައިގަތެވެ. ނިކާލްގެ ގާތުގައި އެވާހަކަ ބުނަން ހިތަށް އަރާފައިވެސް. އެ ލޯބި މޫނުން ފެންނަމުންދިޔަ ހަމަޖެހުން ނަގާލައި ހިތެއް ނިހާ ނުވިއެވެ.

"ނިދި އައިސްގެން ގޮސް މިހާރު ބޮލަށް ބަރުވެއްޖެ. މިދަނީ ދެން ނިދާލަން. ނިކް ގޭގައި އުޅެންޏާ އެގާރަ ޖެހީމަ ގޮވާލާތި. ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފައި އެބައޮތް." ފައިރޫޒްގެ ވާހަކަތައް ހަމަޖެހިލައިގެން ކިޔައިދިނުމަށް ނިހާ ނިންމިއެވެ.

ނިކާލް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލައިފައި ތިރިއަށް ފައިބެގެން ދިޔައިރު ޞަފިއްޔާ ބަދިގެ ދޮރުމަތީގައި ހުއްޓެވެ. މަންމަ ހުރީ އެ ދެމީހުންގެ ޚަރަކާތްތަކަށް ބަލަންކަން އެނގުނު ނަމަވެސް ނިކާލް އެކަން މާ ބޮޑުކަމަކަށް ނުހަދައެވެ. ޞަފިއްޔާ އެދެމީހުންގެ ގުޅުމަށް ލޮލުން ބޮލުން ޤަބޫލުކަމަށް ނިކާލް ހީކުރެއެވެ. އޭނާ ބޭރަށް ނުކުތްއިރު ބައްޕަ ޖަނބުރޯލުގަހުގައި އެއް އަތް ވިއްދާލައިގެން ހުރިތަން ފެނި ހައިރާންވިއެވެ. ބައްޕައަށް ކިހިނެއްވީ ހެއްޔެވެ؟ ނިކާލް ހަލުވި ފިޔަވަޅުތަކެއް އަޅަމުން އެ ދިމާއަށް މިސްރާބުޖެހީ ހާސްވެފައި ހުރެއެވެ. އެވަގުތު ބައްޕަ އިސް އުފުލާލައި ދެތިން ފިޔަވަޅެއް އަޅާލަމުން އުނދޯލީގައި އިށީނެވެ. ނިކާލް އަނބުރާ އައިކޮޅަށް މިސްރާބުޖެހިއެވެ. އޭނާ ހީކުރި ކަހަލަ ގޮތެއް ބައްޕައަށް ނުވާކަން އެނގުމުން ވާހަކަ ދައްކާލަން ދާ ދާހިތެއް ނުވިއެވެ. މަންމައާއި ދެމެދުގައި ޖެހިގެން އުޅޭ މައްސަލަގަނޑުގެ ކަމެއްކަމަށް ޔަޤީންކުރަމުން އޭނާ ގޮސް ވަނީ ޖިމަށެވެ.

އިލްހާމް ދެ އަތުން މޫނު ފޮރުވާލަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާގެ ދިރިއުޅުމަށް ކުރިމަތިވަމުން އަންނަ މުސީބާތްތަކުގެ ސަބަބުން ދުނިޔެއިން މޮޔަވާވަރު ވެއްޖެއެވެ. ކަމަކަށްފަހު ކަމަކާ ކުރިމަތިވަމުން އަންނަނީ ފުލުފުލުގައި ހުއްޓުމެއް ނެތިއެވެ. މި ފަހަރު ފެންމަތިވަމުން އެދަނީ އޭނާގެ ދޮށީ ދަރިފުޅުގެ ކުށް ވަންހަނާކުރުމަށް ކަނޑުފެއްތި ޖަރީމާތަކެވެ. އެ ސިއްރުތައް ބޭޒާރުވުމާއެކު ނަޒީލްއާއެކު އޭނާ ވެސް ފަޟީޙަތްވެ މުޅި ރަށަށް ބަދުނާމުވެގެން ދާނެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ފައިސާއިން ނުގަނެވޭނެ އެއްޗެއް ނޯންނާނޭ ބުންޏަސް، ފައިރޫޒް ފައިސާގެ އަޅަކަށް ނުވާނެއެވެ. ފައިރޫޒް ކަހަލަ އިޚްލާސްތެރި ފުލުހެއްގެ އަނގަ ބަންދުކުރުމަކީ ވާނެކަމެއް ނޫނެވެ. އިލްހާމް އަތުގައި އޮތް ފޯނަށް ބަލާލަމުން ދެންމެ ޑޮކްޓަރ ރާޖޭޝް ގުޅި ނަންބަރަށް ގުޅާލިއެވެ.

"އެއްވެސް ކަމެއް އެނގޭކަމަށް ނުހަދާތީ. ރިޕޯޓު ވަނީ ބަދަލުކުރެވިފައިކަމަށް އެއްބަސްނުވާތި. މަގޭ ނަން ތި ދޭތެރެއަށް އައިސްގެން ނުވާނެ. އެމީހުންގެ އުނދަގޫ ބޮޑުވެ ސުވާލުތައް ގިނަ ވެއްޖެނަމަ، ކުރާ ސުވާލުތަކަށް ޖަވާބުނުދީ ހަނުހުރުމުގެ ހައްޤުބޭނުންކުރޭ." އިލްހާމް ބުނަން ބޭނުންވި ވާހަކަތައް ބުނެފައި ފޯނު ކަނޑައިލިއެވެ. ހަނުހުރުމަކުން އެ މައްސަލަ އޮބިގެން ނުދާނެކަން އޭނާއަށް ކަށަވަރެވެ. ފުލުހުން އެ ރިޕޯޓު ބަދަލުވެފައިވާ ގޮތުގެ އެންމެ އަޑިޔަށް ފީނައިގެން އެކަމުގައި ޒިންމާވާ ބަޔަކު ހޯދައި އަތުލައިގަންނާނެއެވެ. އެ ވޭދަނައަކީ ނިހާއާ ގުޅުންހުރި ކަމަކަށްވުމުން ފައިރޫޒް އެކަމަށް ޙާއްސަ ސަމާލުކަމެއް ވެސް ދޭނެއެވެ. މަޑުމަޑުމަޑުން ވަޅުޖެހެމުން އައި މައްސަލައެއް ހިލުވާލައިގެން މި އުޅެނީ ދީޕިކާއެވެ. ހާސްވެ ކަންބޮޑުވެފައި އިން އިލްހާމްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. ދީޕިކާގެ ބޮލަށް ނިހާ އެރިގެން ކުރާ ކަމެއްކަމަށް ޝައްކުކުރެވުނަސް އޭނާ ބޮޑަށް ރުޅިއައީ ދީޕިކާދެކެއެވެ.

އިލްހާމް ހާމަފެންޑާއަށް އެރުމާއެކު ކަންފަތުގައި ޖެހުނީ ދީޕިކާގެ ލަވަކިޔުމުގެ އަޑެވެ. އޭނާ އެތެރެއަށް ޖެހިލިއިރު އެއްފަރާތެއްގައި ހިޔާކޮށްފައި ހުންނަ ދޮވެތީގައި ދީޕިކާ އުޅުނެވެ. ދީޕިކާ މެޝިނުން އެއްޗެހިތައް ނަގައި ވަށިގަނޑަށް އަޅަމުން ރާގަށް ނުފެތޭ ގޮތަށް ހިންދީލަވައެއް ކިޔަމުން ދިޔައިރު، އޭނާ ހިތްހަމަޖެހިފައި ހުރިވަރު އެ މޫނުން ހާމަވެއެވެ. އިލްހާމް ފެނުމާއެކު ދީޕިކާއަށް މަޑުޖެހިލެވުނެވެ. ކުރިމަތިވަމުން އަންނަ ތޫފާނުގެ އިންޒާރުތައް ފެނި ސިހުން ގެނުވިއެވެ. އިލްހާމް އަންނަން ފެށުމުން ދީޕިކާއަށް ހިންދިރުވާލެވުނެވެ.

"އިންޑިއާއަށް ފުރަން ތައްޔާރުވޭ." އިލްހާމް އަޑަށް ބާރުލަމުން އޭނާގެ ނިންމުން އިއްވާލިއެވެ. "ފަހަރެއްގައި ވެސް ހިތަށް ނާރުވާތި މަ ކަލޭ މި ފޮނުވަނީ ބިރުންނޭ. މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ ތި އެދޭ ގޮތަށް ރަށަށް ފޮނުވާލުންކަމަށް ޤަބޫލުކުރެވެނީ. ނަމަނަމަ އެއްވެސް މީހެއްގާތު އެއްވެސް އެއްޗެއް ކިޔައިގެން ނުވާނެ. އަދި ކަލޭ މެސެޖު ކުރި ނަންބަރު ހުޅުވައިގެން ވެސް ނުވާނެ. އޭރުން ޖަލަށް ގެންދާނީ ކަލޭ."

ދީޕިކާއަށް ޤަބޫލުކުރަން އުނދަގޫވެ ގަބުވެފައި ހުއްޓައި އިލްހާމް އެތަނުން ދިޔައެވެ. އޭނާ އިލްހާމް ދެއްކި ވާހަކަތަކާމެދު ވިސްނާލަން ހުރުމަށްފަހު ދެއަތް ތަޅަމުން ފުމެންފެށީ މޮޔައެއްހެން ހެމުންނެވެ. އެތައް ދުވަހަކަށްފަހު އޭނާ ކުރަމުން ދިޔަ އިންތިޒާރަށް ނިމުން އަންނާތީ މަންމައަށް ގުޅާފައި އެ ޚަބަރު ދިނެވެ. އެކަމާ އުފާވި ނަމަވެސް އިލްހާމް އެހާ ފަސޭހައިން ދޫދިނުމުން އެ ހިތުގައި ބިރުވެރިކަމުން ފުރިގެންވާ ނުތަނަވަސްކަމެއް ވެސް އަށަގަނެފައިވެއެވެ.

ދީޕިކާ ބޭނުންވާ ގޮތަށް ކަންތައްކުރުމަށް އިލްހާމް ނިންމީ އެއީ އެންމެ ބުއްދިވެރި ގޮތްކަމަށް ވިސްނުމުންނެވެ. ކޮންމެ ތަނެއްގައި ވެސް ރަނގަޅު މީހުންނާއި ނުރަގަނޅު މީހުން އުޅެއެވެ. ޕޮލިހުންގެ ތެރޭގައި ވެސް އިޚްލާސްތެރިންނާއި ހިޔާނާތްތެރިން އުޅެއެވެ. އަމިއްލަ ފައިދާއަށް ކަންކުރަމުންދާ މީހުން ވެސް ވަކި މަދެއް ނޫނެވެ. އެފަދަ ފުލުހެއްގެ ފަރާތުން ނިހާގެ ވޭދަނައިގެ ހުރިހާ މަޢުލޫމާތެއްހެން އިލްހާމަށް ވަނީ ލިބިފައެވެ. އޭނާ ކުރި އެންމެ ފޯނު ކޯލަކުން ނުދަންނަ ނަންބަރުން ފައިރޫޒަށް ލިބުނު މެސެޖުގެ ވާހަކަތަކާއި މާނިޢުގެ ބަޔާނުގެ ސިއްރު އެނގުމުން އިލްހާމް ބޭނުންވީ ދީޕިކާ އެދޭ ފަދައިން ރަށަށް ފޮނުވާލުމަށެވެ. އެއީ އެންމެ ރައްކާތެރި ގޮތްކަމުގައި އިލްހާމަށް ވިސްނުނީއެވެ. ހުން އަންނާނެކަމަށް ރަޖާލައިގެން އޮތުމަށްވުރެން ކުރިޔާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ބުއްދިވެރިއެވެ.

***

ގަޑިން 11 ޖަހަން ދެ މިނެޓަށް ވީއިރު ނިކާލް ހުރީ ނިހާގެ ކޮޓަރި ދޮރުމަތީގައެވެ. އޭނާ އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ސީދާކޮށްލައިގެން ހުރީ ގަޑީގެ ސިކުންތު ކަށި ގުނާލަގުނާލައެވެ. 11 ޖަހާނެ އިރަކަށް އޭނާ އިންތިޒާރުކުރާތާ މިހާރު ކިހާ އިރެއް ހެއްޔެވެ؟ ގަޑިން ބަރާބަރު އެގާރަ ޖެހުމާއެކު ނިކާލް ގޮށް މުއްކަވާފައި ދޮރުގައި ތަޅަން ފަށައިފިއެވެ. ނިހާއަށް ބާރަށް ގޮވަމުން ދޮރަށް އަރުވަމުން ދިޔަ ލޮޅުންތަކުގެ އަޑު މުޅި ގޭތެރެއަށް ފެތުރިގަތެވެ.

ނިހާއަށް ސިހިފައި ހޭލެވުނެވެ. ނިކާލް އެހާ ބާރަށް ދޮރުގައި ތަޅަމުން ގޮވަމުންދާތީ ނިދި ވެސް ފިލައިގެން ދިޔައެވެ. އަވަސްއަވަހަށް ގޮސް ދޮރު ހުޅުވާލެވުނެވެ. އޭރު ދޮރުމަތީގައި ހުރި ނަޒީލާއި އިންޝާ ވެސް ނިކާލްއާ ސުވާލުތައް ކުރަމުން ދިޔައީ ވީގޮތް އޮޅުންފިލުވުމުގެ ބޭނުމުގައެވެ.

"ކިހިނެއްވީ؟" ދޮރުމަތީގައި އެންމެން ތިބުމުން ނިހާ އިތުރަށް ހާސްވިއެވެ.

"ކަމެއްނުވޭ. ނިދި ފިލުވާލީ." ނިކާލް ފުޅާ ހިނިތުންވުމެއް ދިނެވެ.

"ނިކް. ދެން ކޮންމެކަމަކަށް ސަކަރާތް. ތިވަރު ނުކުރިޔަސް މަށަށް ހޭލެވޭނޭ." ނިހާ ދެލޯ ހަނިކޮށްލިއެވެ. ފައިރޫޒްގެ ވާހަކަތަކާމެދު ވިސްނަން އޮއްވައި ނިދުނީ ވެސް އެހާ ލަހުންނެވެ. ހަމަ ނިދިޖެހުމާއެކު ހަތަރެސްފައި ކޮޅަށް ޖެހޭ ވަރަށް ދޮރުގައި ތެޅުން ލާޒިމު ހެއްޔެވެ؟ ނިކާލްގެ ގާތުގައި ގޮވަން ބުނެވުނު މޮޔަ ހިތަށް އެރިއެވެ. ނިހާ ކަންނެތް ގޮތަކަށް ގޮސް އެނދަށް ވެއްޓިގަތެވެ.

"ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ ބުނީމެއްނު." ނިކާލް އެތެރެއަށް ވަނުމުން ނަޒީލްއާ އިންޝާ ވެސް އެތަނުން ދިޔައެވެ.

ނިހާ އޮތީ ނިތްކުރީގައި އަތް ބާއްވައިލައިގެން ދެލޯ ވެސް މަރައިލައިގެންނެވެ.

"އެހެންވީމަ އެ ވާހަކަ ކިޔާދެވޭ ވަރަށް ނިދި ފިލުވާލަން ޖެހޭނެއްނު." ނިކާލް ގޮސް ނިހާގެ މަގަތުގައި އިށީނެވެ. ނިހާގެ ތުން ދިއްވެފައި ހުރުމުން އެ އޮތީ ހިތްހަމަނުޖެހިފައިކަން ނިކާލަށް އެނގުނެވެ.

"ތުންކޮޅު ބުރިކޮށްލަންވީ." ނިހާގެ ތުނމުގައި ނިކާލްގެ އިނގިލިތަކުގެ ކުރިން ހިފައިލިއެވެ. ނިހާ އެ އަތް ފޮޅުވައިލުމާއެކު ނިކާލަށް ހެވުނެވެ. ދެވަނަ ފަހަރަށް އެކަން ތަކުރާރުކުރުމުން ނިހާ ތެދުވެ ނިކާލަށް ބަލާލިއިރު އިނީ ނިކަން ލޯބިކޮށް ހެވިފައެވެ. ނިހާގެ ހިތްހަމަނުޖެހުން ފިލައިގެންދާން ހިނދުކޮޅެއް ވެސް ނުނެގިއެވެ. ކިތަންމެ ޅަ ގޮތަކަށް އުޅުނަސް އެ މިޒާޖު ނިހާއަށް ކަމުދާތީ އަޖައިބުވާހާވެއެވެ. އޭނާ ދައްކަން އެ އުޅޭ ވާހަކައިގެ އަބުއިކަން ނިކާލަށް އެނގޭނަމަ އެގޮތަށް ހެވިފައި ނީންނާނެއެވެ.

"އަވަހަށް ބުނޭ. ވަރަށް އަޑުއަހާ ހިތުން މީނި." ނިހާގެ މޫނުމައްޗަށް ފައިބައިވާ އިސްތަށިތައް ނިކާލްގެ އަތުން އެއްފަރާތްކޮށްލަމުން ކަންފަތްދަށަށް ލައިދިނެވެ. ދެއަތުން ކޯތާފަތުގައި ހިފައިލަމުން ބޮޑުވައި އިނގިލިން ލޯ ކައިރީ ފިރުމާލިއެވެ. އެފަދަ ލުއި ބީހިލުންތަކުގެ އިޙްސާސް ނިހާގެ ހަށިގަނޑުގެ އެންމެ ހިމަނާރުތަކާ ހަމައަށް ފޯރައެވެ. ނިކާލް އޭނާދެކެވާ ލޯބި އެނގި ބަޔާންނުކުރެވޭވަރުގެ ހިތްހަމަޖެހުމެއް ލިބެއެވެ.

ފައިރޫޒް ކާވެނި އަވަސްކުރަން ބޭނުންވި ވާހަކަ ނިހާ ބުނުމުން ނިކާލްގެ އަތް ތިރިކޮށްލީ ލަސްލަހުންނެވެ. އިތުރު ތަފްސީލަށް އެދުމުން އެއްވެސް ކަމެއް ސިއްރުނުކޮށް ނިހާ ކިޔައިދިނެވެ. އިލްހާމްގެ ސަބަބުން ކާވެނި އަވަސްވިކަމާއި، ފައިރޫޒަށް އޭނާ ލޯބި ނުވާކަން އެނގޭކަމުގައި ބުނެދިނެވެ. ނިކާލްގެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރެއް ނިހާއަކަށް ނުފެނުނެވެ. އޭގެ ބަދަލުގައި ނިކާލް ކުރީ ޝަކުވާއެވެ. ފުރުޞަތު ލިބިފައި އޮއްވައި ނިހާގެ ހިތުގެ ހާލަތު ބުނެނުދިނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ނިހާ ހިތުގައި ރަސްކަން ކުރަމުންދާ އެހެން މީހަކު ހުރި ކަމުގައި ނުބުނީ ކީއްވެގެންތޯ އެހިއެވެ. ނިހާއަށް އެ ސުވާލުތަކަށް ދެވެން އޮތީ އެންމެ ޖަވާބެކެވެ. ނުކެރުނީއެވެ. ފައިރޫޒްގެ ހިތަށް އަނިޔާދޭން ނުކެރެނީއެވެ. ނިކާލްގެ މޫނުމަތިން ކުޑަވެސް ހިތްހަމަނުޖެހުމެއް ފެނުނީ ވާހަކަ އެ ހިސާބަށް ދިޔަ ފަހުންނެވެ.

"ފައިރޫޒްދެކެ ނިހާ ލޯބިވަނީތަ؟" ނިކާލް އެހިއެވެ.

"ނޫން. އެހެނެއްނޫނޭ. ފައިރޫޒް ވީމަ ބުނަން ނުކެރެނީ ހަމަ." ނިހާ އަވަހަށް ޖަވާބުދިނެވެ.

ނިކާލް އެއްވެސް އަސަރެއް ނެތް ގޮތަކަށް ބަލަން އިނުމުން ނިހާއަށް އުނދަގޫވިއެވެ. ނިހާ ބޭނުންވަނީ އެކަމަށް ހައްލެއް ހޯދުމުގައި ނިކާލް ގެ ލަފައެކެވެ. އޭގެ ބަދަލުގައި ނިކާލް ޝައްކުކުރާހެން ހީވުމުން ނިހާ ބިރު ގަންނަ ގޮތްވިއެވެ.

"ނިކް. ޝައްކު ނުކުރައްޗޭ. ފައިރުއަށް ކުރެވޭ އިޙުތިރާމުން ނުކެރެނީ ހަމަ. ދެން އަހަރެން ކިހިނެއް ހަދަންވީ." ނިކާލްގެ ދެއަތުގައި ހިފާލަމުން ނިހާ ބުނެލިއެވެ.

"ޝައްކެއްނުކުރަން." ނިކާލް ބުންޏެވެ. "ކުރިންވެސް ބުނީމެއްނު އަބަދުވެސް އިތުބާރުކުރާނަމޭ. ދެން ތި މައްސަލައިގަ އޮތީ ނިހާގެ ހިތްވަރެއް. ނިހާ ބޭނުންވާ ގޮތެއް. ނިހާ ކާވެންޏާ ދެކޮޅިއްޔާ ފައިރޫޒަށް ހަޤީޤަތް ކިޔާދީ. ދިމާލަށް ބުނަން ނުކެރެންޏާ މެސެޖަކުން ނަމަވެސް ބުނެލާ. ނިހާ ދޯ އެކަން ކުރަން ވެސް ޖެހޭނީ. އެއީ ރީތި ވެސް ގޮތަކަށް ވާނީ. މި ބުނީ އެހެން މީހަކު ބުނުމަށް ވުރެން. އަދި ވަގުތު ކޮޅެއް އެބައޮތް. ނިހާއަކީ ނިކަން ކެރޭ އަންހެނެއްކަން އެނގޭ. އެހެންވީމަ ތިކަމުގައި ވެސް ކެރޭކަން ދައްކާލަދީބަލަ."

ނިހާ އުންމީދުކުރި ގޮތާ ޚިލާފަށް ނިކާލްގެ އެއްބާރުލުން ނުލިބުމުން އޭނާ މާޔޫސްވިއެވެ. ނިހާއާ ލޯބީގެ ގޮތުން ގުޅިގެން ކުރިޔަށް ދާން ފެށި ދަރުތަކީ އަމާން ދަތުރަކަށް ނުވާނެކަން ނިކާލް ދަނެއެވެ. މަންޒިލަށް ވާސިލްވާން ކަޑަތުކުރަން ޖެހޭ ގަދަ ކަނޑުތަކާ، ބިޔަ ބޮޑެތި ރާޅުތަކާ ވަރުގަދަ ތޫފާންތަކާއި ކޮންމެވެސް އެއް ވަގުތެއްގައި އެ ދެމީހުން ވެސް ކުރިމަތިލާން ޖެހޭނެކަން ނިކާލަށް އެނގެއެވެ. ބައްޕަ ފާޅުގައި އެ ގުޅުމަށް އިންކާރު ކުރަމުންދާއިރު، ބައްޕަގެ ނުރުހުމާ އެމީހުން ކުރިމަތިލާން ޖެހޭނީ ކެރިގެންނެވެ. އެތަކެއް ގޮންޖެހުންތަކެއް ދިމާވާނެއެވެ. އިމްތިޙާނުތަކެއް ކުރެވޭނެއެވެ. އެ ހުރިހާ ކަމަކަށް ހިތްވަރު ބޭނުންވާނެއެވެ. ނިކާލް ހުރީ އެ ހުރިހާ ކަމަކަށް ކުރިމަތިލުމަށް ތައްޔާރަށެވެ. އޭނާ އެދުނީ ނިހާ ވެސް ތައްޔާރުވުމަށެވެ. އެއްވެސް ހާލެއްގައި އެ ދެމީހުންގެ ދެމެދަށް އިތުރު މީހަކު ވަނުމަށް ފުރުޞަތު ނުދިނުމަށެވެ. އެގޮތުން ފައިރޫޒް އެއްފަރާތް ކުރުމުގެ ހުރިހާކަމެއް ނިހާ އިސްނަގައިގެން ކުރުމަށް ހިތްވަރުދީ ނިކާލްގެ ވާހަކަ ބައްޓަން ކުރީ އެ ބީދާއިންނެވެ.

"ފަސް ދުވަސް." ނިކާލް އަތްތިލައިގެ ފަސް އިނގިލި ދައްކާލަމުން ބުންޏެވެ. "މިފަހަރު އެނގޭނެ ނިހާ ހަޤީޤީ ލޯބިވަނީ ކާކުދެކެކަން."

ނިހާ ތުން ބޮޑުކޮށްލަމުން ކަރު އެލުވާލިއެވެ.

"އެނގޭ ނިހާ ބުނާނެކަން. ނިހާއަށް ވާނެ. ނިހާ ކުރާނެ." ނިކާލް އެއްލޯ މަރާލިއެވެ.

ނިހާ ކުޑަކޮށް ތާޒާވެލައިގެން ބަދިގެ ފަރާތަށް ދިޔައީ ބަނޑުން އަޑުގޮވަން ފެށުމުންނެވެ. ރިހަ ފޮދެއް ބޯތައްޓަކަށް އަޅައިލައިގެން އޭނާ ގޮސް ވަނީ ކާބަޔަށެވެ. ރޮށިތަށި މަތި ނެގިއިރު އޭނައަށް ވާވަރަށް ރޮށި ހުއްޓެވެ. ކަޅު ސައިތައްޓެއް ގިރާލައިގެން އައިސް މޭޒު ދޮށުގައި އިށީނދެ ސައިބޯން ފެށިތަނުން ޞަފިއްޔާ އައިސް ވަނީ ކޮތަޅުތަކެއް ހިފައިގެންނެވެ. ނިހާ ބަލާލީ ހިނިތުންވުމަކާއެކުއެވެ. ނަމަވެސް ޞަފިއްޔާގެ މޫނުން ނުރުހުމުގެ ކުލަވަރު ދައްކަމުން އައިސް މޭޒު މައްޗަށް ކޮތަޅުތައް ޖެހުމުން ނިހާ ހައިރާންވިއެވެ. އަދި މެންދުރަށް ކާނެ އެއްޗެއް ތައްޔާރުކުރުމަށް ބުނިއިރު އެ ރާގުގައި ވަނީ ހަރުކަށިކަމެވެ.

"ކިހިނެއްވީ ދައްތާ؟" ޞަފިއްޔާ ރުޅި އައިސްގެން އުޅޭ ސަބަބު ބަލަން ނިހާ ބޭނުންވިއެވެ.

"ވީ ގޮތް ނޭނގިގެންތަ ތި އަހަނީ." ޞަފިއްޔާގެ އަޑު އައީ ނުހަނު ބާރަށެވެ. "ކޮންމެހެން މާ ހެޔޮއެދޭ މީހަކަށް ވެގެން އުޅޭނެކަމެއް ނެތް ނިހާ. ހަނދާން ނެތުނިއްޔާ ހަނދާންވެސް ކޮށްދީފާނަން. ފައިރޫޒްއާ ނިހާގެ ކާވެނި ހަމަޖެހިފައި އޮތީ. އެ ނިންމުން ބަދަލުކޮށް މި ގޭގައި ހުންނަން ހިތުލައިގެން އުޅޭނެކަމެއް ނެތް."

ނިހާއަށް ވީ ގޮތް ވިސްނުމުން ވީ ދެރައިން އިސް ޖަހައިލެވުނެވެ. އޭނާގެ ކިބައިން މަޢާފަށް އެދުމުން ދައްތަގެ ހިތް ބަދަލުވީ ކަމުގައި ހީކުރެވުނީ ނިހާގެ މޮޔަކަމުންނެވެ. ދައްތަގެ ވިސްނުން އަދިވެސް ބަދަލެއް ނުވެއެވެ. ޞަފިއްޔާ އަދިވެސް ނިހާއަށް އިތުބާރު ނުކުރަނީބާއެވެ؟

"ދައްތާ. އަހަރެން ސިހުރެއް ނުހަދަން." ނިހާ ހަނދާންކޮށްދިނެވެ.

"މައްސަލައެއް ނެތޭ ސިހުރު ނުހެދިޔަސް." ޞަފިއްޔާ އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. "އެކަންވެސް ކުރާނެ ވަގުތެއް ނުލިބުނީ ހަޤީޤަތުގަ. ނިހާގެ މާތްކަމުން ނުކުރީކީ ނޫން. މަގޭ ދަރިޔަކާ ކަލޭ ކަހަލަ އަންހެނަކާ ގުޅޭކަށް މަ ދުވަހަކު ވެސް ނޭދޭނަން."

ޞަފިއްޔާ އަނގަޔަށް ޖެއްސި ވައްތަރުން ވެސް ނިހާގެ ހިތް ކުދިކުދި ވެގެން ދިޔަ ކަހަލައެވެ. އެ އަމަލުން ވެސް އޭނާދެކެ ފޫހިވެ ރުޅިއަންނަވަރު އަންދާޒާކޮށްލެވުނެވެ.

"އަޅެ ތިހާ ރުޅި އަންނަނީ ފޫހިވަނީ ތި ކީއްވެގެން؟" ނިހާއަށް ސުވާލުކޮށްލެވުނުއިރު ދެލޮލަށް ކަރުނަ ގިނަވެ މަންޒަރު ފުސްވެއްޖެއެވެ. ސަފީނާއާމެދު ކިތަންމެ ނުބައިކޮށް ޞަފިއްޔާ ކަންތައްކޮށްފައިވީ ނަމަވެސް ނިހާ ޞަފިއްޔާދެކެ އިންތިހާއަށް ލޯބިވެއެވެ. ޞަފިއްޔާގެ ފަރާތުން ލިބިފައިވާ މައިވަންތަކަމުގެ ލޯބީގެ ސަބަބުން އެ ހިތުގައި މަޔެއްގެ މައްޗަށް އޮންނަ ކުލުނާއި ލޯބި އުފެދިފައިވެއެވެ. ޞަފިއްޔާ ނުރުހުމުގެ ބަހެއް ބުނެލުމާއެކު އޭނާ ހިތުގައިޖެހި ދެލޮލަށް ކަރުނަ ގިނަވަނީ އެ ލޯބީގެ ސަބަބުންނެވެ. އެ ލޯތްބަށް އެދެވޭލެއް ބޮޑު ކަމުންނެވެ.

"ތީ ވެސް ހަމަ ކަލޭގެ އަމާ ކަހަލަ އަންހެނެއް. ރަށް މެދަށް ބަލިވެ ނީންނަކަން. މި ޒަމާނުގަ ދެން އެކަން ވެސް ނުވަނީ. އެ ނޫން ހުރިހާ ކަމެއް ކަލޭ ކުރޭ." ޞަފިއްޔާގެ ހިތުގައި އެއްވެސް ވަރަކަށް ރަހުމެއް ނެތެވެ.

މިހާ ދުވަސްވީއިރު ވެސް ޞަފިއްޔާ ސަފީނާއާމެދު ދެކޭ ގޮތް ބަދަލުނުވާކަން އެނގުމުން ނިހާ އިތުރަށް ދެރަވިއެވެ. ދެލޯ ފުރިގެން ގޮސް ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމިގެން ދިޔައެވެ. މަންމަގެ ބޮލުގައި ދޮގު އިލްޒާމުތަކެއް އަޅުވައިގެން މި ދުނިޔެއިން ނެތި ކޮށްލުމުން ވެސް އެމީހުންގެ ހިތް ނުފުރެނީ ހެއްޔެވެ؟ ދުވަސްދުވަސް ކޮޅުން އައިސް މަންމަ ވިޔާނުދާ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކުރިން އެފަދަ ވިހަ ބަސްތައް އިވުނީ ހަމައެކަނި އިލްހާމުގެ ދުލުންނެވެ. މިހާރު ޞަފިއްޔާ ވެސް އެކަމުގައި ބައިވެރިވެއްޖެވެ. ޞަފިއްޔާގެ ހިތުގައި ކޮއްކޮއާމެދު ކުޑަ ވެސް ލޯތްބެއްނެތެވެ. ނިހާއަށް ޤަބޫލުކުރަން އުނދަގޫވި ނަމަވެސް ހަޤީޤަތަކީ އެއީއެވެ.

"އަހަރެން ކުށެށް ނުކުރަން. މަންމައަކީ ވެސް ދައްތަ ތި ހީކުރާ ކަހަލަ މީހެއްނޫން." ނިހާގެ އަޑު ހުރީ ބެދިފައެވެ.

ހަޤީޤަތުގައި މަރުވެފައިވާ ކޮއްކޮއާ ދިމާއަށް ބަދުބަސް ބުނީ ޞަފިއްޔާގެ ހިތް އެގޮތަށް ބޭނުންވެގެނެއް ނޫނެވެ. ނަމަވެސް ނިހާ އެމީހުންގެ ދިރިއުޅުމުން ފައްސާލުމަށް އޭނާ އެ މަގު ޚިޔާރުކުރީއެވެ. އެއްވެސް ދަރިޔަކަށް ބަނޑުއަޅާ ވިހޭ މައިމީހާއާ ދިމާއަށް އެއްޗެހި ގޮވާ ބަދުބަސް ބުނާ އަޑު އަހާކަށް ކެތެއް ނުވާނެކަން އޭނާއަށް އެނގެއެވެ. އެއީ ކިތަންމެ ނުބައި މަޔަކަށް ވިޔަސް ވެހެވެ.

"އާނ. ކަލޭމެން ދެމައިންނަކީ ވެސް ސާފު ހުދު ދެ ފޮތިކޮޅު." ޞަފިއްޔާ ކުރީ މަލާމާތެކެވެ. "އެހެންވެ ސަފީނާ ރަށް މެދަށް ބަލިވެ އިނީވެސް. އަދި ކަލޭ ކޮޓަރިއަށް ފިރިހެނުން ވަންނަނީ ވެސް. މިހާރު ވެސް ނޭނގެ އެ ސަފީނާ ބުއިކަހަލަ ބޮނޑިއެއް ބޮއެގެން ނޫންކަމެއް ތި އުޅެނީ."

"ދައްތާ. އަހަރެންގެ މަންމައާ ދިމާއަށް އެއްޗެހި ނުކިޔާ. ކަށްވަޅުގަ ވެސް އޮތަ ނުދޭންތަ ތިއުޅެނީ." ކުއްލިއަކަށް ނިހާ ގޮނޑިން ތެދުވަމުން ބުނެލިއެވެ. އޭނާ ކިތަންމެ ހިތްވަރެއް ކުރި ނަމަވެސް މަންމައާ ދިމާއަށް ބަދުބަހެއް ބުނާ އަޑުއަހަން އިނުމަކީ ވާނެ ކަމެއް ނޫނެވެ. އިންސާނަކަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް އޭނާ ކެތްކޮށްފިއެވެ. ޞަފިއްޔާ ކަހަލަ ހިލަ ހިތެއްގެ ވެރިޔަކު ބުނާ އެއްޗަކަށް ދެރަވެ ކަރުނަ ބޭލުމަކީ ވެސް މޮޔަކަމެކެވެ. ނިހާ ދެލޯ ފޮހެލީ ހިތްވަރާއެކުއެވެ.

"މާ ރުޅި އަންނަން އެނގޭ މީހަކަށް ވާނެކަމެއްނެތް." ޞަފިއްޔާ ބުންޏެވެ. "މަށެށް ވެސް ބޭނުމެއްނޫނެ ފާޑުފާޑު އެއްޗެހި ބުނާކަށް. މާ ރީތި ވާހަކައެއް ވިއްޔާ މީ އާ ކޮށްކޮށްފަ ދައްކަން. އެކަމަކު ކަލޭ މަގޭ ދުލުގަ ހިފާ ތި ދަމަނީ. އެހެން ނޫނަސް މަ ބުނީކީ ދޮގެއް ނޫން. ސަފީނާ ބަލިވެ އިންކަން އެއީ ދޮގެއްނޫން. އެއީ މުޅި ދުނިޔެއަށް ވެސް އެނގޭ ހަޤީޤަތެއް. މީހުން ބުނެ އުޅޭނު އަލަ ގަހަކުން ކެޔޮ ނިރެއް ނުފަޅާނޭ. ކުރިމަތީ ފެންނަން ތިހިރީ އެ. ތީ ހަމަ އެއްކަހަލަ ދެމައިން."

"މަންމަ ބަނޑުބޮޑުވީ ކަލޭގެ ފިރިމީހާ ދަރިއަކަށް އެއީ ހަޤީޤަތަކީ." ނިހާއަށް ބާރަށް ބުނެވުނެވެ. "މަންމަ މަރާލީ ވެސް ކަލޭގެ ފިރިމީހާ. އެ ހަޤީޤަތްތައް ކަލެޔަށް ނޭނގެނީތަ؟ ނޫނީ ސިކުނޑިއޭ މިކިޔާ އެއްޗެއް ކަލޭގެ ނެތީތަ؟"

ޞަފިއްޔާ ނިކަން ބާރަކަށް އައިސް ނިހާގެ ކަންކަށި މަތީގައި ވިހެލިއެވެ.

"ތި ދޫ ހިމޭނުން ބާއްވާ." ޞަފިއްޔާ ދަތްވިކާލަމުން އަމުރުކުރިއެވެ. "ކަލެޔެކޭ ސަފީނާއެކޭ ހަމަ އެއްވެސް ތަފާތެއް ނެތޭ. އިލްހާމް ބޮލުގައި އިލްޒާމު ނާޅުވާ. ތީ ވަރަށް ގޮތްކުޑަ އަންހެނެއް. މަގޭ ދަރިޔަކާ ދުވަހެއްގެ ކޮޅުން ވެސް ނީނދެވޭނެ. އިންނަން ބޭނުންވަންޏާ ފައިރޫޒްއާ އިނދެގެން މިގެއިން ދޭ. ނޫނީ މިގެއިން ނުކުމެގެން އަހަރުމެންގެ ލޯމަތިން ދުރަށްދޭ. ހުރި ލަދުހަޔާތް ކުޑަކަން."

"މަށެށް ނިކާލް ނޫން މީހަކާ ނީންނާނަން. މަށާ ނިކާލްއާ ދުރުކުރެވެންޏާ އެކަންވެސް ކުރޭ.." ނިހާ އޭނާގެ ނިންމުން އިއްވާލައިފައި ނުކުމެގެން ދާން އުޅުމުން ޞަފިއްޔާ ހިފެހެއްޓިއެވެ.

"ހާދަހާ ގޮތެއް ވެސް ނެތޭ ދޯ. މޫނުމަތީ ޒުވާބު ވެސް ކުރަން." ޞަފިއްޔާއަށް ބުނެވުނީ އެ ހިސާބަށެވެ.

"ގޮތްކުޑަ މީހުން ކައިރީ އުޅެވޭނީ ގޮތްކުޑަވެގެން. ފިރިމީހާ ބުނާ ކޮންމެ ވާހަކައެއް ޤަބޫލުކޮށްގެން އުޅޭ ބޮޑު މޮޔައެއް ތީ. ކަލޭ ހުރޭ ފިރިމީހާ އަޅުވެރިޔަކަށް ހަދައިގެން. އެއީ މާ މާތް މީހަކަށް ހަދައިގެން. ކަލޭމެން ނުޤަބޫލަސް ނިކާލް ނޫން މީހަކާ މަށެށް ނީންނާނަން. ސާފުވެއްޖެކަމަށް ހީކުރަން. ބޮޑުމޮޔަ." ނިހާ އަތް ފޮޅުވާލަމުން ޞަފިއްޔާ އެއްޗެއް ބުނުމުގެ ކުރިން ނުކުމެގެން ދިޔައެވެ.

ޞަފިއްޔާއަށް މަލާމާތްކޮށްފައި ދިޔުމުން އޭނާ އައިސްފައިވާ ރުޅިއާއެކު ނިހާގެ ފަހަތުން ބާރަށް ދެވުނެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސް ހުއްޓެން މަޖުބޫރު ވީ ފުރަތަމަ ފަންގިފިލާގައި ހުރި ނިކާލް ފެނުމުންނެވެ. ނިކާލްގެ ކުރިމަތީގައި ނިހާއަށް އަޑުލާކަށް އޭނާ ބޭނުމެއް ނޫނެވެ. ނިހާގެ ގޮތްކުޑަކަން ފެނި ރުޅިގަދަ ވެގެން ގޮސް އޭނާގެ ލޮލުން ކަރުނަ ހިލުވާލިއެވެ. ޞަފިއްޔާގެ ނުބައިކަން ވިސްނިގެން ނަމަވެސް ނިހާ އެގެއިން ދާނެކަމަށް ހީވި ނަމަވެސް ނިހާ އެ ދިޔައީ ފަހުގެ ނިންމުން އިއްވާފައެވެ. ރުޅި އައިސް މި ހުރިހާ ދުވަހު ނުދައްކާ ހުރި ވާހަކަތައް ވެސް އެ ދިޔައީ ގޮވާލައިފައެވެ. ސަފީނާއެކޭ ނިހާއެކޭ ހަމަ އެއްވެސް ތަފާތެއް ނެތެވެ. ނިހާގެ ހިތުން އެ ހަނދާންތައް ފޮހެނުލާކަން މިއަދު ޔަޤީންވެއްޖެއެވެ. ޞަފިއްޔާ ދެ އަތަށް ބަލާލިއެވެ. އޭނާއަށް މިއަދު ފުރަތަމަ ފަހަރަށް އަތް ވެސް އިސްކުރެވިއްޖެއެވެ. އިލްހާމް ބޮލުގައި އެ އިލްޒާމްތައް ނާޅުވާތައި އެތަކެއް އަހަރެއްފަހުން އެ އަޑުތައް އިވުމުން އޭނާގެ ރުޅި ކޮންޓުރޯލުން ނެއްޓީއެވެ. އިލްހާމް ދޮގުހެދި ނަމަވެސް އެވަރުގެ ބޮޑު ހީލަތެއް ހަދާފައި އޮވެދާނެކަމަކަށް ޞަފިއްޔާ އަދިވެސް ޤަބޫލެއްނުކުރެއެވެ.

********

އިންޝާ ނިދީގައި ދެއަތަށް ފުރޮޅިލިއެވެ. އަރިއަކަށް ޖެހިލިއެވެ. އިރުކޮޅަކުން އަނެއްކާ އުއްޑުން ޖެހިލިއެވެ. އޭނާގެ ދެލޯ ތޮޅިލިހެން ހީވިއެވެ. ފުންނޭވާތަކެއް ލާންފެށިއެވެ. އެ ނޭވާތައް ބަދަލުވެގެން ދިޔައީ ގުގުރީގެ އަޑަށެވެ. ފިކުރު ބޮޑުވެގެން ނުނިދިފައި އޮތް ނަޒީލަށް އެ ހުރިހާ ކަމެއް ފާހަގަކުރެވުނެވެ. އިންޝާގެ ގާތަށް ޖެހިލަމުން އޭނާ ބައްދައިލިއެވެ. ކޮނޑުމަތީގައި ބޯ އަޅައިލަމުން ކޮށްޓައިލުމާއެކު ނޭވާގެ އަޑު މަޑުވިއެވެ. މުޅި ކޮޓަރިތެރެ ހިމޭންވެގެން ދިޔައެވެ.

ގަޑިން މެންދަމުން އަލިވެ 02 ޖަހައި ބޮޑު ވެއްޖެއެވެ. ނަޒީލްގެ ލޮލުން ނިދީގެ ކަންފުޅެއް ވެސް ފެންނަން ނެތެވެ. ނިހާގެ ސަބަބުން އޭނާގެ ނިދުމާއި ކެއުމަށް ވެސް ވަނީ ބުރުއަރާފައެވެ. ނިހާ އެދުނު ގޮތަށް ކަންތައް ކޮށްދިނުމުން ވެސް އޭނާއަށް ވީ ފައިދާއެއް ނެތެވެ. ނިހާ ވީ ވަޢުދަށް ހިޔާނާތްވެއްޖެއެވެ. އޭނާއަށް ދޭން އެއްބަސްވި ހިމާޔަތުގެ ބަދަލުގައި ދިނީ ވަރުގަދަ ކޮޅުކެއްސެކެވެ. މެޑިކަލް ރެކޯޑުގެ މަޢުލޫމާތު ފުލުސް އޮފީހުގެ ދޮރުމައްޗާ ހަމައަށް ފޯރާފިއެވެ. އެކަން ނަޒީލަށް އެނގުނީ އިލްހާމްގެ ފަރާތުންނެވެ. ދީޕިކާގެ ސަބަބުން ވީ ކަމެއްކަމުގައި ބައްޕަ ބުނި ނަމަވެސް އެއީ ނިހާގެ ރޭވުމެއްކަން ނަޒީލަށް ޔަޤީންވެއެވެ. ނަޒީލް އަތުގައި ބިޑި އަޅުވައިގެން މުޅި ރަށު އެންމެންގެ ކުރިމަތީގައި ގެންދާނީ މާދަމާނޫން ކަމެއް ވެސް ނޭނގެއެވެ. ހާދަހާ ލަދެއް ގަންނާނެއެވެ. ހާސްނުވާށޭ، ނުވިސްނާށޭ ބުނެ ބައްޕަ ޔަގީންކަން ދީފައިވީ ނަމަވެސް އޭނާއަށް ނުވިސްނައެއް ނުހުރެވުނެވެ. ނަޒީލަށް ދެރަ ގޮތެއް ވިޔަ ނުދޭނެކަމަށް، ބައްޕަ ސާބިތުކަމާއެކު ބުނާ ވާހަކައަށް އިތުބާރުކުރަން އޭނާއަށް މިއަދު އުނދަގުލެވެ.

ކުއްލިއަކަށް އިންޝާގެ ހަށިގަނޑަށް އައި ލޮޅުމުގެ ސަބަބުން ނަޒީލް ސިހުނެވެ. ނަޒީލް މަޑުމަޑުން ތެދުވަމުން އިންޝާއަށް ބަލާލެވުނީ ހައިރާންކަމުން ފުރިގެންވާ ނަޒަރަކުންނެވެ. އޭރު އެ ހަށިގަނޑު މަޑުމަޑުން ތެޅެނީއެވެ. އަތާ ފައި ތުރުތުރު އަޅަނީއެވެ. ދެއަތުން ބެޑުޝީޓުގައި ބާރަށް ހިފަހައްޓައިލަމުން ދަތްކުނޑި ވިކައިލިތަން ފެނުނެވެ. ދެފައިގެ ކަކުލުހުޅުން ލެނބި އުފުލެމުން ދިޔަވަރަކަށް ދެފަރާތަށް ފޭވަމުން ދިޔުމުން ނަޒީލްގެ މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. އޭނާ އަވަސްއަވަހަށް އެނދުކޮޅުގައި ހުރި ސުވިޗުތަކުގައި އަތް ކާތައިލަމުން ހޮޅިބުރި ދިއްލާލަން މަސައްކަތްކުރިއެވެ. ގަނެފައި ހުރި ބިރެއްގެ ސަބަބުން އެކަން ކާމިޔާބުކުރުމަށް ދެތިން ސުވިޗު ޖައްސަން ޖެހުނެވެ. އޭނާއަށް ފެނުނު ގޮތް ގޯހެއްނޫނެވެ.

އިންޝާގެ ކޮނޑުގައި އަތް ޖައްސައިލަމުން ނަޒީލް ގޮވައިލިއެވެ. ނަމަވެސް ހަބަރެއް ނުވިއެވެ. އިރުކޮޅަކުން އިންޝާގެ އަނގައިން ބޭރުވަން ފެށީ ވޭނީ އާޚެއްގެ އަޑެވެ. ދެލޯ މަރާ ބާރުކޮށްގެން އޮވެ، ބެޑުޝީޓުގައި ދެއަތުން ބާރަށް ހިފަމުން، ވާންކުރަމުން ދިޔަވަރަކަށް ނަޒީލްގެ ހައިރާންކަމާއި ބިރުވެރިކަން އިތުރުވިއެވެ. ނަޒީލަށް ސިފަވީ ވިހަން ވޭންވަރު އައިސްގެން އުޅޭ މީހެކެވެ. ނުވިހިގެން އުޅޭ މީހެކޭ އިންޝާއެކޭ އެއްވެސް ތަފާތެއް ނެތެވެ. މި ވަނީ ކީއްހެއްޔެވެ؟

"އިންޝާ. އިންޝާ..." ނަޒީލް މި ފަހަރު ގޮވައިލީ ކޮނޑުގައި ހިފައި ތަޅުވައިލަމުން ތަންކޮޅެއް ބާރަށެވެ. އަތުގެ ތެރެއަށް ބޮނޑިކޮށްލެވިފައިވާ ބެޑްޝީޓަށް ދުލެއް ލިބިގެން ދިޔަތަން ނަޒީލަށް ފެނުނެވެ. އިންޝާގެ ތަގުޅިކޮށްލެވިފައިވާ ދެލޮލާއި މޫނުމަތީގައިވާ ރޫތަކަށް ހަމަޖެހުމެއް އައިއިރު ފުންނޭވާއެއް ބޭރުވެގެން ދިޔައެވެ. ނަޒީލް ބަލަބަލާ ހުއްޓައި ދެފައި ވެސް ތިރިވެ ހަށިހިމޭން ވެލިއެވެ. ދެން އިންޝާ އެއްވެސް ހަރަކާތެއް ނުކުރެއެވެ. ނަޒީލަށް ޝައްކުވެގެން ނޭވާލާތޯ ބެލިއިރު ނޭވާ ވެސް ލައެވެ. ނަޒީލް ފާރަޔަށް އިރުކޮޅަކު ބަލަހައްޓައިގެން އިނުމަށްފަހު ހުވަފެނެއްގައި ވީ ގޮތެއްކަމަށް ނިންމަމުން އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ.

ނަޒީލަށް ހޭލެވުނީ ހެނދުނު އެގާރަ ޖަހަން އުޅެނިކޮށެވެ. ކަންނެތްކަމާއެކު ދެލޯ ހުޅުވާލަމުން ތެދުވިއިރު ބޮލަށް ހުރީ ފާޑަކަށް ބަރުވެފައެވެ. ހިނގައި ގަންނަން ވެސް އުނދަގޫވިއެވެ. ލަހުން ނިދުނީމަ ކަންނޭނގެއެވެ. އެނދުފަޑީގައި ބާލީސް ޖައްސައި ލެނގިލަމުން ދެލޯ މަރާލިއެވެ. ބޮލުގެ ރިހުމަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. ބޮލުގެ އިސްތަށިގަނޑު ތެރެއަށް ދެއަތް މަހާލަމުން އިނގިލިތައް ހަރަކާތްކޮށްލަން ފެށުމުން ކުޑަ ލުޔެއް ލިބުނެވެ. ފާހާނާއަށް ވަދެ ފެން އަޅާލުމުން ރަނގަޅު ވެދާނެކަމަށް ހިތައި ހިތްވަރުކޮށްފައި ގޮސް ފާހާނާއަށް ވަނެއެވެ. ފެން ވަރައިގެން ނުކުތްއިރު ބޮލުގެ ރިހުން މުޅިންހެން ފިލައިފިއެވެ.

ދޮރު ހުޅުވިގެން ދިޔަ އަޑަށް ނަޒީލް ބަލާލިއިރު އިންޝާއެވެ. އިންޝާ ފެނުމާއެކު ރޭގެ ހާދިޘާ އޭނާގެ ހަނދާނަށް އަޔެވެ. އެވާހަކަ އަހައިނުލައި ނުހުރެވުނެވެ. ނަޒީލްގެ ވާހަކަތައް އަޑު އަހަން ހުރެފައި އިންޝާ ހީނގަތެވެ. ނިދީގައި ހެދުނު ގޮތެއްކަމަށް ބުނެ ހަމަޖެހޭކަން ދެއްކި ނަމަވެސް އޭނާ ހަޤީޤަތުގައި ބިރު ގަތެވެ. ނިދީގައި އެހެންވާންވީ ސަބަބެއް އިންޝާއަކަށް ނުވިސްނުނެވެ. ކުރީ ރެޔަކު ވެސް ކޮޓަރި ތެރޭން ހިޔަންޏެއް ވެސް ފެނުނެވެ. އޭނާއަށް ދިމާވަމުން އެ ދަނީ އާދައިގެ ކަންތައްތަކެއް ނޫންކަމަށް ޤަބޫލުކުރެވުނަސް ނަޒީލް އިތުރަށް ބޯ ގޮއްވަން އޭނާ ބޭނުމެއް ނުވިއެވެ.

"މަށަށް ހީވަނީ އިންޝާއަށް ކޮންމެވެސް ހުވަފެނެއް ފެނުނީހެން." ނަޒީލަށް ހީވާ ގޮތަށް ބުނެލިއެވެ.

ރޭގައި އެއްވެސް ކަހަލަ ހުވަފެނެއް ފެނުނު ހަނދާނެއް އޭނާ ނުވެއެވެ. ސިކުނޑިއަށް ވާންކޮށްލުމާއެކު ފެނުނު ހުވަފެނެއް ހަނދާންވިއެވެ. އެއީ އޭނާ ބަނޑުބޮޑުވެފައި ހުއްޓައި ފެނުނު ހުވަފެނެކެވެ. އެ ހަނދާން އައުމާއެކު ބިރުވެރިކަން ހިތުން ފިލައިގެން ދިޔައީ ރޭގައި އޭނާއަށް ވީ ގޮތަކީ އެ ހުވަފެނުގެ ސަބަބުން ވީ ގޮތެއްކަމުގައި ޔަޤީންވުމުންނެވެ.

ބާބު 11 - ފަޟީޙަތް

މެންދުރުގެ އަވި އެންމެ ބާރުގަދަ ވަގުތެވެ. މެދު އުޑުގައިވާ އިރުގެ ދިލަ ހޫނުގެ ސަބަބުން ތަލަ ފިހިދާހާވެއެވެ. ރަށު މެޖިސްޓްރޭޓް ކޯޓުން ނުކުތް ފައިރޫޒް ދެލޯ ކުނާކޮށްގެން ބަލަހައްޓައިގެން ހުރީ އަވިގަދަކަމުން ބޭރަށް ނުކުންނަން ބޭނުން ނުވެފައެވެ. ރަސްމީ ޔުނީފޯމުގައި ހުރިއިރު އޭނާގެ އަތުގައި ފައިލެއް އޮތެވެ. ފަޓުލޫން ޖީބަށް ޖަހައިލެވިފައިވާ އައިނު ލޮލަށް ހެޔޮވަރުކޮށްލަމުން އެއް އަތުން ބޮލަށް ހިޔާވާ ގޮތަށް ފައިލު އުފުލާލައިގެން އޭނާ ހިނގައިގަތެވެ. މަގުގެ އަނެއް ފަޅީގައި އޮތް ޕޮލިސް ޖިޕަށް އަރާ ހަމަޖެހިލިއިރު މީހާ ހުރީ ރަނގަޅަށް ވެސް ކެކިފައެވެ.

"ކައްކާލައިފި. ހޫނުގަދަ ދުވަސްކޮޅަކީ." ފައިރޫޒް ވާހަކަ ދެއްކީ ޖެހިގެން ހުރި ސީޓުގައި އިން ޖަނާނާއެވެ.

"ދިޔަ ކަންތައް ވެއްޖެތަ؟" ޖަނާން ދެއްކީ މުޅިން އެހެން ވާހަކައެކެވެ. އެޔާއެކު ފައިރޫޒް ބޯ ޖައިލުމަކުން ޖަވާބު ދިނެވެ.

ފައިރޫޒް ދާން ވީ އެޑްރެސް ބުނުމާއެކު ޑްރައިވަރު ޖިޕު ދުއްވާލިއެވެ. އެމީހުން ދިޔަ މަގުމަތީގައި އިތުރު ވާހަކައެއް ނުދައްކައެވެ. ފައިރޫޒް އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ.

ރަށުގެ ބޮޑު މަގުން ދުއްވާފައި ގޮސް ޖިޕު މަޑުކޮށްލީ ސުނޯހައުސް ކުރި މައްޗަށެވެ. މަގުމަތީގެ އެކި ހިސާބުތަކުން ފެންނަން ތިބި މީހުން ވާނުވާ އެނގޭތޯ ހުއްޓިލައިގެން ތިއްބެވެ. ފައިރޫޒް ދޮރުހުޅުވާލައިފައި ނުކުތުމުން އެމީހުން ހިނގައިގަތީ ނިހާއާއި ދެމެދު އޮތް ގުޅުން އެމީހުންނަށް އެނގިފައިވާތީއެވެ.

ނަޒީލްގެ ހަޤީޤަތް ނިހާއަށް އެނގޭ ވަގުތު ވާނެ ގޮތަކާމެދު ފައިރޫޒް ވިސްނަމުން ދިޔައެވެ. އެ ހަބަރަކީ މުޅި އާއިލާއަށް ސިހުން ގެނުވާނެ ހަބަރަކަށް ވާނެއެވެ. ޤަބޫލުކުރަން އުނދަގޫ ވެސް ވާނެއެވެ. މި ވަގުތު ނަޒީލްއާ ދެކޮޅަށް މާގިނަ ހެކިތަކެއް ލިބިފައި ނެތް ނަމަވެސް ތަޙުޤީޤުކުރުމަށް 05 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމުގެ އަމުރު ވަނީ ލިބިފައެވެ. 05 ދުވަހުގެ މުއްދަތަކީ ކުރު މުއްދަތެއް ނަމަވެސް އެ މުއްދަތުގައި ނިހާގެ މެޑިކޯ ލީގަލް ރެކޯޑުގެ ހަޤީޤަތް ހޯދޭނެކަމަށް އޭނާ އުންމީދުކުރެއެވެ.

ފައިރޫޒް ގެޔަށް ވަންނަމުން ސަލާމް ގޮވާލިއެވެ. ޞަފިއްޔާ ސަލާމް ބަލައިގަތް އަޑު އިވުނީ ބަދިގެ ފަރާތުންނެވެ. އިރުކޮޅަކުން ނިކަން ހެވިފައިހުރެ ޞަފިއްޔާ އައިސް ފައިރޫޒް ގާތުގައި އިށީނުމަށް އެދުނެވެ. އެޔަށްފަހު ދީޕިކާއަށް ގޮވައިލައިފައި ނިހާއަށް ގޮވާލުމަށް ބުނެލިއެވެ. ފައިރޫޒް އިށީންނަން ނޫޅުމުން އަނެއްކާ ވެސް އިށީނުމަށް ޞަފިއްޔާ ބުންޏެވެ.

"ކޮބާ ނަޒީލް ގޭގައި އެބަ އުޅޭތަ؟" ފައިރޫޒް އެހިއެވެ.

"އެބަ އުޅޭ ގޭގަ." އެހެން ބުނެފައި ޞަފިއްޔާ ނަޒީލަށް ބާރަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވައިލުމާއެކު ނަޒީލް ކޮޓަރިން ނުކުމެގެން ތިރިއަށް އަންނަނިކޮށް ފައިރޫޒް ފެނުމާއެކު ހުއްޓުން އެރިއެވެ. ޞަފިއްޔާއަށް ނުވިސްނުނަސް އެމީހުން އެ އައި ބޭނުން ނަޒީލަށް ވިސްނުނެވެ. ހިތުގައި އުފެދިންގެން ދިޔަ ނުތަނަވަސްކަމުން މުޅި މީހާ ހާސްކޮށްލިއެވެ. ގުޑިލަން ވެސް ނޭގިފައި ހުއްޓައި ޞަފިއްޔާ ގޮވާލުމާއެކު ނަޒީލް މަޑުމަޑުން ތިރިޔަށް އަޔެއެވެ. މަންމަ މާބޮޑަށް ހަމަޖެހިފައި ހުރިތަން ފެނުމުން އޭނާ ހީކުރި ކަހަލަ ކަމެއް ނޫންކަމަށް ނިންމައި އޭނާ ހިތްހަމަޖައްސައިލިއެވެ.

"ކަމަކުތަ؟" ނަޒީލް ހަމަޖެހޭ ގޮތް ދައްކަމުން އަހައިލިއެވެ.

ފައިރޫޒް ދައްކައިލީ ކޯޓު އަމުރެވެ. ނަޒީލްގެ ދެލޯ ބޮޑުވެގެން ދިޔައިރު ހާސްވެގެން ގޮސް ދެން ފައިރޫޒް ކީ އެއްޗެއް ވެސް އޭނާގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. މުޅިގައިން ހޫނުއަރައިގަތް ގަތީނުން ސިކުނޑި ހާސްކޮށްލިއެވެ. ވީނުވީއެއް ނޭނގި ހުއްޓާ އޭނާއަށް ފެނުނީ ފައިރޫޒް އައިސް ދެ އަތުގައި ބިޑި އެޅުވިތަނެވެ.

ޞަފިއްޔާއަށް ފައިރޫޒް ދެއްކި ހުރިހާ ވާހަކައެއް ވަރަށް ސާފުކޮށް އިވުނެވެ. ނިހާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ނަޒީލް ހައްޔަރުކުރާ ވާހަކަ ބުނުމުން ޞަފިއްޔާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. މުޅި ދުނިޔެ ބާރަށް އެނބުރިގަތް ގަތީނުން ބޮލަށް އެނބުރުން އަރައިގެން އަރިއަޅާލި ވަގުތު ކޮންމެވެސް މީހަކު އޭނާ ގައިގާ ހިފެހެއްޓިއެވެ. ބަލާލިއިރު ދެ ލޯ ބޮޑުކޮށްގެން ފައިރޫޒަށް ބަލަންހުރި ނިކާލް ފެނުމާއެކު އޭނާއަށް ވެސް އެއަޑު އިވުނުކަން ޔަޤީންވިއެވެ. (ނުނިމޭ)

ދިހަވަނަބައިގެ ތެރެއިން:-

"ނިހާ ކޮޓަރިއަށް ވަނީ ކާކުކަން ބުނެދީފާނަންތަ؟" ނިކާލް ހިތްވަރުކޮށްފައި ސުވާލު ކުރިއެވެ.

ނިހާ އެތެރެއަށް ދަމާލި ނޭވާ ކަރުތެރޭގައި ތާށިވި ކަހަލައެވެ. ކޮށި އަރައިގަތުމާއެކު އަނގަމަތީ އަތް އަޅާލަމުން ދެތިން ފަހަރަކު ކެއްސާލިއެވެ. އަދި ހާސްވެފައި އިނދެ ނިކާލަށް ބަލާލެވުނެވެ. އެ ހަޤީޤަތް ނިކާލަށް އެނގުނީ ހެއްޔެވެ؟

"ތެދުތެދަށް ޖަވާބުދޭތި؟" ނިހާގެ ދެލޮލަށް ބަލަމުން ނިކާލް އެހިއެވެ. "ފަހުން ނިހާ ހެދީ ދޮގެއްކަން އެނގިއްޖެއްޔާ ވަރަށް ރުޅި އަންނާނެ. އެރޭ ކަންތައްވީ ގޮތް ކިޔާ ދީފާނަންތަ؟"

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Aamina

  ޥަރަށް ސަޅި..

 2. ނިމާލ

  އަޅޭ ޕްލީޒްް އެއްމެނަށް ފަލީހަތް ކޮއްލަބަ އިލްހާމާ ނަޒީލް އާ. އަނިޔާވެރިންނަށް މޮޅު ގޮތް ވާތަން މި ފެންނަނީ.

 3. އަވަސް

  ނިކް ގަބޫލު ނުކުރިޔަސް ޢަޅެ ކިޔައިދީބަ އިލްހާމް އާ ނަޒީލުގެ ހަގީގަތް ނިކް އަށް.

 4. މަރީ

  ކޮބާ 10 ވަނަ ބައި.. 9 ޖަހާ ބޮޑުވެއްޖެ..

 5. ^_^

  އިންޝާއަށް އެ ދިމާވާ ކަންތައްތަކަކީ އިބްރީސްގެ ކަމެއްހެން ހީވޭ
  އިންޝާ އޭނީ އިބްރީސްގެ ދަރިއަކަށް ބަލިވެ
  އުނަގަނޑުގައި ތަވީދު އަޅާފަ އޮތީމަ ނިދީގަ އެ ކަމެއް އެ ވަނީ