އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަންދީރު ކަޕޫރު ކޮވިޑް-19 އަށް ފައްސިވިތާ ދުވަސްކޮޅެއް ފަހުން އައިސީޔޫ އަށް ބަދަލުކޮށްފިއެވެ.

އުމުރުން 74 އަހަރުގެ ރަންދީރަށް ފަރުވާ ދެނީ މުމްބާއީގެ ކޮކިލަބެން ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި މިހާރު އޭނާގެ ހާލު ރަނގަޅެވެ.

"އައިސީޔޫގައި ބާއްވާފައި އޮތީ އޮބްސަވޭޝަން އަށް. ރަންދީރުގެ ހާލު މިހާރު ރަނގަޅު. ހޮސްޕިޓަލުގައި ދެތިން ދުވަހު ބޭއްވުމަށް ފަހު ގެޔަށް ބަދަލު ކުރެވޭނެ" ހޮސްޕިޓަލުން އިންޑިއަން އެކްސްޕްރެސް ނޫހަށް ބުންޏެވެ.

ކަރީނާ ކަޕޫރު ޚާނާއި ކަރިޝްމާ ކަޕޫރުގެ ބައްޕަ ކޮވިޑަށް ފައްސިވުމާ ގުޅިގެން އޭނާ ބުނެފައި ވަނީ ކޮވިޑް ޖެހުނީ ކިހިނެއް ކަމެއް ނޭނގޭ ކަމަށެވެ. އޭނާގެ ފަސް ސްޓާފުން ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ރަންދީރާއެކު އެ މީހުން ވެސް ހޮސްޕިޓަލްގައި އެޑްމިޓްކުރިއެވެ.

ރަންދީރު ބުނެފައިވަނީ ކޮވިޑް ޓެސްޓު ކުރީ ހީކަރުވާ، ތުރުތުރު އަޅަން ފެށުމުން ކަމަށެވެ.

ރަންދީރް ކަޕޫރަކީ ފިލްމް އުފެއްދުމުގައި ފާހަގަ ކޮށްލެވޭ ރާޖް ކަޕޫރުގެ އެންމެ ދޮށީ ފިރިހެން ދަރިއެވެ. ރަންދީރުގެ ހަގަށް ތިބޭ ދެ ފިރިހެން ކުދިން ވަނީ މަރުވެފައެވެ. ރަންދީރު ކަޕޫރަށް ލިބިފައިވާ ދެ އަންހެން ދަރިންނަކީ ވެސް ބޮލީވުޑްގެ ކާމިޔާބު ބަތަލާއިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ދެމީހުންނެވެ.

އޭނާ ކޮވިޑަށް ފައްސިވެފައި ވަނީ ކޮވިޑް ވެކްސިންގެ ދެޑޯޒް ޖަހާފައި ވަނިކޮށެވެ.