ފިލިޕީންސް އަށް އުފަން ގްރެފިކް އާޓިސްޓް ޕެރްސިވަލް ލޫގްއަކީ ވަރަށް ކުޑަ އިރުން ފެށިގެން ފާސްޓްފުޑް ރެސްޓޯރެންޓުތަކުން ދޭ ކުޅޭ އެއްޗެހި އެއްކުރަން ފޯރި ހުންނަ މީހެކެވެ. އޭނާ އެ މަސައްކަތް ފެށީ އުމުުރުން އެންމެ ފަސް އަހަރުގައެވެ.

މިހާރު އުމުރުން 50 އަހަރުގެ އެ ފިރިހެން މީހާ އަދިވެސް ދަނީ ރެސްޓޯރެންޓްތަކުން ދޭ ކުޅޭ އެއްޗެހި އެއް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ އެންމެ ގިނައިން އެއްކުރަނީ މެކް ޑޮނާލްޑް އާއި ބާގާ ކިންގް ފަދަ ތަންތަނުން ލިބޭ ކުޅޭ އެއްޗެހިއެވެ.

މިހާރު އޭނާ އަތުގައި މި ގޮތަށް އެއްކޮށްފައި ހުރި 20،000 އަށް ވުރެ ގިނަ ކުޅޭ އެއްޗެހި އެބަހުއްޓެވެ. އޭނާ އަށް 2014 ވަނަ އަހަރު ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ލިބިފައެވެ. އޭރު އޭނާގެ އަތުގައި ހުރީ 10،000 ވަަރަކަށް ކުޅޭ އެއްޗިއްސެވެ.

އޭނާ ގަބޫލު ކުރާ ގޮތުން ކޮންމެ ކުޅޭ އެއްޗަކީ ވެސް ކޮންމެވެސް ވާހަކަ އެއް ބުނެދޭ އެއްޗެކެވެ.

އޭނާ ގެންގުޅޭ ކުޅޭ އެއްޗެހި ބަހައްޓާފައި ވަނީ ތިން ބުރި އިމާރާތެއްގައެވެ. އޭނާގެ އަތުގައި ހުރި ގިނަ ކުޅޭ އެއްޗެއްސަކީ އަމިއްލަ އަށް ގަނެފައިވާ ތަކެއްޗެވެ. ނަމަވެސް މަދުން ނަމަވެސް ގާތް ރަހުމަތްތެރިންނާއި އާއިލާ މީހުން ހަދިޔާކޮށްފައިވާ ތަކެތި ވެސް މީގެ ތެރޭގައި އެބަހުއްޓެވެ.

އޭނާ އަކީ އެންމެ ކުޑަ އިރު ވެސް ކުޅޭ އެއްޗެހިން ކުޅެ އުޅުމުގެ ބަދަލުގައި އެތަކެތި ރީތިކޮށް އަތުރާފައި ބަހައްޓާ، އެ ތަކެތި ބަލަހައްޓަން ލޯބި ކުރާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު