ކޮވިޑް-19 އާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި އެތައް ބައެއްގެ އާމްދަނީއަށް އަސަރުކޮށް، ސަލާންޖަހަން ނިކުންނަން ޖެހޭ ހިސާބަށް ކަންކަން ދިޔަ ނަމަވެސް ބޮޑެތި ކުންފުނިތަކުގެ އާމްދަނީ އެތައް ގުނައެއް އިތުރުވެ، މަހުޖަނުން އިތުރަށް މުއްސަނދި ވެގެން ހިނގައްޖެއެވެ.

ކޮވިޑާއި ގުޅިގެން ގިނަ ކުންފުނިތަކަކަށް ގެއްލުމާއި ކުރިމަތިލާން ޖެހުނަސް ހާއްސަކޮށް ޓެކްނޮލޮޖީ ދާއިރާގެ އެންމެ ބޮޑެތި ކުންފުނިތަކުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިސާލަށް ބަލާއިރު އެންމެ ބޮޑެތި ޓެކް ކުންފުނިތައް ކަމަށްވާ އެމެޒަން އާއި އެޕަލް ކުންފުނީގެ އާމްދަނީއަށް ބަލާއިރު މިދެކުންފުނިން މިވަނީ އެންމެ ކުއާޓާއެއްގައި ހޯދި ފައިދާ ފުރަތަމަ ފަހަރަށް 100 ބިލިއަން ޑޮލަރަށް އަރާފައެވެ.

އެމެރިކާގެ ސީއެންބީސީ އިން ބުނާ ގޮތުގައި ބޮޑެތި ޓެކް ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު ފައިދާއެއް ހޯދާފައި ވަނީ އެމެޒަން އިންނެވެ. އެކުންފުނިން މިނެޓަކު ހޯދާ ފައިދާ 837330 ޑޮލަރަށް އަރައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 12 މިލިއަން ރުފިޔާއެވެ. އެންމެ މިނެޓެއްގެ ތެރޭގައި 12 މިލިއަން ރުފިޔާއެއްގެ ފައިދާއެއް އެކުންފުނިން ހޯދުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އޮންލައިން ވިޔަފާރިއެވެ.

ދެވަނަ އަށް އެންމެ ބޮޑު ފައިދާއެއް ހޯދާފައިވާ އެޕަލް އިން މިނެޓަކު 691234 ޑޮލަރަށް އަރައެވެ. ރުފިޔާއިން ބަލާނަމަ އެއީ 10 މިލިއަން ރުފިޔާއެވެ.

ގޫގްލްގެ ބަލަދުވެރި ކުންފުނި ކަމަށްވާ އަލްފަބެޓް އަށް މިނެޓަކު 321805 ޑޮލަރުގެ ފައިދާއެއް ވެއެވެ. ގޫގްލްގެ އިތުރުން އަދި އިތުރު އެތައް ވިޔަފާރިއެއް ވެސް ކުރަމުން އަންނަ އެކުންފުންޏަށް މިނެޓަކު ލިބޭ ފައިދާއަށް ދިވެހި ރުފިޔާ އިން ބަލާނަމަ އެއީ 6.5 މިލިއަން ރުފިޔާއެވެ.

މައިކްރޯސޮފްޓަށް މިނެޓަކު ފައިދާގެ ގޮތުގައި 321,805 ޑޮލަރު ލިބެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 4.9 މިލިއަން ރުފިޔާއެވެ. ފޭސްބުކަށް މިނެޓަކު ފައިދާގެ ގޮތުގައި 201,936 ޑޮލަރު ލިބެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 3.1 މިލިއަން ރުފިޔާއެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކަށް ލިބެމުންދާ ފައިދާއަށް ބަލާލުމުން އެނގެނީ ޓެކްނޮލޮޖީއަށް އަހަރެމެންގެ ދިރިއުޅުން ބަރޯސާ ވަމުންދާ މިންވަރެވެ. މިކުންފުނިތަކުގެ އަހަރެއްހެ އާމްދަނީ ޓްރިލިއަން ހުރަސް މައްޗަށް އަރައިގެން ދިއުމަކީ ވެސް މިހާރު ދުރުގައި އޮތް ކަމެއް ނޫނެވެ.