(އެއްވަނަ ބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

އަހަރެން އިށީދެގެން އިނީ ކުޑަ ގޮޅިއެއްފަދަ ކޮޓަރީގެ އެއްކަނުގައެވެ. އަހަރެންގެ ކުރިމަތީގައި ހުނދުކުލައިގެ ބެޑް ޝީޓެއް އަޅައިފައިވާ އެނދެއް ހުއްޓެވެ. އެއީ ބަލިމީހުން ބާއްވާ އެނދެކޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އެނދުގެ މަތީގައި އަތްޖެހޭ ހިސާބުގައި ދެ ސުވިޗެއް ހުއްޓެވެ.

އެއް ސުވިޗުގައި ފާޚާނާ ތައްޓެއް ކުރަހައިފައި ހުރިއިރު އެނެއް ސުވިޗުގައި ރަނގަބީލެއްގެ ނިޝާން ހުއްޓެވެ. މަތީ ފަންގިފިލައިން ކަނޑައިނަގައިގެން ހަރުކޮށްފައި ހުރި ވައިފިނިކުރާ މެޝިންވަނީ ދަނގަޑުޖަހައި ހިމާޔަތްކޮށްފައެވެ. ފިލަން އުޅޭ މީހަކަށް ނުފިލޭނޭހާވެސް ރަނގަޅަށެވެ. އޭގެ އެއްފަރާތުގައި ފަންގިފިލައިން ކަނޑައި ލައިޓެއް ހަރުކޮށްފައި ހުއްޓެވެ.

އަހަރެންގެ ފަން އިސްތަށިގަނޑުވަނީ ހޭވި ހަލާކުވެފައެވެ. ނިޔަފަތިތައްވަނީ ދިގުވެ، އޮމާންކަން ގެއްލި ކޫރުން އެޅިފައެވެ. އަތާއި ފައިގެ އެކި ހިސާބުތަކުގައި ކަޅުކުލައިގެ ތަފާތު ގިނަ ލަކުނުތައް ހުއްޓެވެ. އެއިން ކޮންމެ ލަކުނަކީވެސް ތަފާތު ވާހަކައެކެވެ. އަހަރެންގެ ހަށި ހުރީ ނިކަމެތިވެ ހިކިފައެވެ.

"ހިއްހިއް... ހިއްހިއް..." އަހަރެންނަށް ބޭއިޚްތިޔާރުގައި ހެވުނެވެ.

މީހާގެ ހުރި މޮޔަކަން ހިތަށް އަރައިފައެވެ. އެހެންނަމަވެސް އެ ހުނުމުގެ އަޑު އިތުރު މީހަކަށް އިވޭނެހެންނެއް އަހަރެންނަކަށް ނޭނގެއެވެ. އިވުނަސް އަހަރެންނަށްވުރެއް ބޮޑު މޮޔައެއް ނުހުންނާނެއެވެ. ތި ހެނީ ކީއްވެހޭވެސް އަހާނުލާނެއެވެ. އަހަރެން މަޑުމަޑުން އިންތަނުން ތެދުވީމެވެ.

އެ މީހުން އަހަރެން ލައްވާފައި ހުންނަނީ ގޯންޏެއްފަދަ ހެދުމެކެވެ. އެ ހެދުން ހުންނަނީ ކަކުލާއި ހަމައަށެވެ. އެއީ އަތްކުރު ހުދުކުލައިގެ ހެދުމެކެވެ. ހެދުމުގެ ފަސްބައިގައި ކިލައި ނުހުންނަ އެއްވެސް އިރެއް ނުދާނެއެވެ. އެއީވެސް އަހަރެންގެ ހުންނަ ނުޠާހިރުކަމޭ ބުނެވިދާނެއެވެ.

"ހިއްހިއް... ހައްހައް..." ފަންގިފިލާގެ އެއްކަނުގައި އިން ސެކިއުރިޓީ ކެމެރާއަށް މަޑުމަޑުން އަހަރެން ބަލައިލީމެވެ.

ހިނިތުންވެލީ ކޮންމެވެސް ބަޔަކަށް އަހަރެންގެ ހިނިތުންވުން ފެންނާނެތީވެއެވެ. އެއް އިރެއްގައި ސާދާކޮށް ހުރި މޫނިވަނީ ކަޅުވެ ހުތުރުވެފައެވެ. ފިޔާތޮށިކަން ގެއްލި ތުންފަތް ހުންނަނީ ހުދުވެ ހިކިފައެވެ. ނިދި ނުލިބުމުގެ ސަބަބުން ލޯ ކައިރީގައި ކަޅުކުލައިގެ އަނދުން އެޅިފައި ހުއްޓެވެ.

އަހަރެންނާ ދިމާއަށް ބަލައިލާ މީހަކުވެސް ބިރުން ފިއްކަނޑައިގެން ހިނގައިދާނެއެވެ. އެއީ އަހަރެން ހުންނަލެއް ހުތުރުވީމައެވެ. އެހެން މީހުންގެ ނަޒަރުގައި އަހަރެން މިއީ މޮޔައެކެވެ. އެކަމަކު އަހަރެން މިއީ މޮޔައެއް ނޫންކަން ﷲ ދެނެވޮޑިގެންވެއެވެ. އަހަރެންނެކޭ އަޅައިލާނެ މީހަކު ނެތް ޔަތީމެކޭ އެއްފަދައެވެ. ނޫނީ އެޔަށްވުރެއްވެސް އަހަރެންގެ ހާލާއި ދަރަޖަ މާދަށެވެ.

ކުއްލިއަކަށް އަހަރެން ހުރި ކޮޓަރީގެ ދޮރު ހުޅުވުނެވެ. ގަދަ އައްޔެއް އަހަރެންގެ ލޮލަށް އެޅުނެވެ. ދޮރުމަތީގައި ތިބީ ދެ ފިރިހެނުންނެވެ. ކުއްލިއަކަށް އެ ދެ ފިރިހެން މީހުން އަހަރެން އަތުލަފިކޮށްގެން ހިނގައިގަތެވެ. އެ މީހުން ތިބީ ހުދުކުލައިގެ ޓީޝާރޓެއް ލައިގެންނެވެ. ކަޅުކުލިއިގެ ބެލްޓެއް އަޅާފައި ހުއްޓެއް ކަމަކު ފަޓުލޫނާއި އަރައިގެން ހުރި ބޫޓު ހުރީ ހުދުކުލައިންނެވެ.

އަހަރެން އެއްވެސް ވަރަކަށް ގަދަހަދާކަށް ގަސްތެއް ނުކުރަމެވެ. އެއީ އެ މީހުން އަހަރެންނަށްވުރެއް ބާރުގަދަވެފައި ބިޔަވުމުންނެވެ. ގަދަ ހެދިޔަސް އެ މީހުން ގެންދަން ބޭނުން ތަނަކަށް އަހަރެން ގެންދާނެއެވެ. އަދި އަހަރެންގެ ހަށިގަނޑުގައި އެ މީހުންނާ ކުރިމަތިލާނެ ހިތްވަރެއްވެސް ނެތެވެ. އެވަރަށް އަހަރެންގެ ހަށިގަނޑު ވަނީ ހިކި އަނަރޫފަވެފައެވެ.

އެ މީހުން އަހަރެން ގެންގޮސް ބެއިންދީ މޭޒެއްގެ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އެ މޭޒުގެ އެނެއް ފަރާތުގައިވެސް ދެ ގޮނޑި ހުއްޓެވެ. އެލްމުނިއަމް ފަދަ ލުއި މައުދަނަކުން ތައްޔާރުކޮށްފައި ހުރި މޭޒަކާއި ގޮނޑިތަކެކެވެ. ތަނަކީ އަހަރެން އުޅޭ ކޮޓަރިއަށްވުރެއް ބޮޑު ތަނެކެވެ.

އަހަރެން މަޑުމަޑުން ކޮޓަރީގެ އެކި ދިމަދިމާ ބަލައިލީމެވެ. އެހެން ނަމަވެސް އެއްވެސް މީހަކު ނެތްތާނގައި އެއްވެސް އެއްޗެއްވެސް ނެތެވެ. އަހަރެން މަޑުމަޑުން އިސްޖަހައިލީމެވެ. އޭރު ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އެކަމުގެ ސަބަބުން އަހަރެންނަށް އަވަސްއަވަހަށް ނޭވައިލާން ޖެހުނެވެ. އެޔާއެކު އަހަރެންނަށް ހިންދިރުވައިލެވުނެވެ.

ސިއްސައިގެން ގޮސް ފަހަތް ބަލައިލެވުނީ ދެ މީހަކު ކޮޓަރިއަށް ވަތް އަޑަށެވެ. އެއީ މުސްކުޅިކަން އެ މީހުންގެ މޫނުމަތިން ހާމަވާން ހުރި އަންހެނަކާއި ފިރިހެނެކެވެ. މަޑު ހިނގުމެއްގައި އެ މީހުން އައިސް އަހަރެންނާ ކުރިމަތިވާ ގޮތަށް މޭޒު ކައިރީގައި އިށީނެވެ. އަހަރެން އެ މީހުންނާ ދިމާއަށް ފަރުވާތެރިކަމާއެކު ބަލައިލީ ލޯ ކުޑަކޮށްފައެވެ.

އަންހެންމީހާ ހުރީ ކަޅުކުލައިގެ ބުރުގާއެއް އަޅައިފައެވެ. ދޮންދޮން މޫނެކެވެ. މޫނުމަތީގައި ރޫ ޖެހި ހަންގަނޑަށް ދޫވެފައި ހުރީ ކުޑަކޮށެވެ. ތުންފަތުގެ ބޭރުގައި ހޭކިފައި ހުރި ރަތް ކުލައިން އެއީ ގަދައަށް ދުފާ މީހެއްކަން އެނގޭނެއެވެ. ފިރިހެންމީހާގެ މޫނުގެ ހަންގަނޑު ދޫވެ ރޫޖެހިފައި ހުއްޓެވެ. ތުބުޅި ބާލައިފައި ހުއްޓަސް މަތިމަސް ހުރި ވަރުގަދައަށް ބަހައްޓާފައެވެ. އޭނާ އަޅައިފައި ހުރި އައިނުން ލޮލުގައި ހުރި ރަތްކަން އެހާ ބޮޑަކަށް ފާހަގައެއް ނުވެއެވެ.

"ދަރިފުޅާ! އައީން!" އެ އަންހެންމީހާ މޭޒުމަތީގައި އޮތް އަހަރެންގެ އަތްތިލައިގައި މަޑުމަޑުން ހިފައިލިއެވެ.

އަހަރެންގެ ލޮލުން ކަރުނަ ނީރައިލިއެވެ. އެއީ އަހަރެންގެ މައިންބަފައިންކަން އަހަރެން ހަނދާނުން ފޮހެވެނީބާވައޭ ހިތަށް އެރިއެވެ. އަހަރެންގެ ހިތުގެ ވިންދު ލަސްވިއެވެ. ލޯ މަރައިލެވުނީ ހިތަށް ކުރި އަސަރަކުންނެވެ. ކަރުނައިން ފުރިގެންވާ ލޮލަކުން އަހަރެން އިސް އުފުއްލައިލާ މަންމައާއި ބައްޕަގެ މޫނަށް ބަލައިލީމެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވަރައް ބިރުން އޮވެ މިކީ މިވާހަކަ.. އެކަމަކު ނުވި ކަމެއް މިބަޔަކު ނަސީބަކުން..???

  2. އިބިރިހިމާ ބެއްޔާ

    އާޝާ އަށް ސަލާމް

  3. ވަނުވާ އަހަންނަ ކައްނޭގެ?
    ކޭންސަމްބަޑީ ޕްލީސް ޓެލްމީ..

  4. ހާދަ ބިރުންހުރެގެންނޭ މިވާހަކަ މިކީ ެއެކަމަކު ނެތް އެއްވެސް ބިރުވެރިކަމެއް.ހަހަހަހަހަ.

  5. Varah shalhi maasha allah

  6. މިވާހަކައިގައި ކޮނއކަމެއް ބިރުވެރީ ؟؟؟؟

  7. މިވާހަކައިގައި ކޮނއކަމެއް ބިރުވެރީ ؟؟؟؟

  8. ކޮބައިބާ ދެވަނަ ބަޢި؟