ފޮޓޯނަގައިގެން ކުރި ނާރާނެ ކަމުގައި ބުންޏެވެ. ތިއީ ބޮޑު ފެއިލިއާއެއް ކަމަށް ބުންޏެވެ. އެފަދަ ވާހަކަތަކުން ހިތްބުރަކޮށްލިއެވެ. ހިތްމާކަނޑެއްގައި ގަންބާލިއެވެ. އެކަމަކު އެކަނޑުގައި އޭނާ ޣަރަގުނުވިއެވެ. ހިތްވަރު ކުރީއެވެ. އުމުރުން 16 އަހަރުގެ އިބްރާހިމް ގައިޝް އަންވަރު އެ މާކަނޑުގައި ފަތާފައި އެއްގަމަށް އެރީ މީހުން ދެއްކި ހިތްނުވަސްވާ ވާހަކަތަކަށް އަޑުއެހުމެއް ނެތިއެވެ.

"މީހުން ވަރަށް މަލާމަތް ކުރި ފޮޓޯ ނަގަން ފެށިފަހުން، ބުނި އަހަރެން މުޖުތަމައުގައި ފެއިލްވެދާނެއޭ. ފޮޓޯ ނަގައިގެން ކުރިއަށް ނާރާނެއޭ، ދެން މިގޮތަށް ބައެއް މީހުން އިންސްޓަގްރާމް ޕޭޖް ހެކްކޮށްވެސް ހަދާފައި އެބަ ހުރި" އއ.އުކުޅަހަށް އުފަން ގައިޝް ބުންޏެވެ.

ގައިޝް ފޮޓޯ ނަގައި އުޅެނީ އޭނާ ކުރާހިތުން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އެއީ އޭނާގެ ހޮބީ އެވެ. އޭނާ ފޮޓޯގްރަފީއަށް ޝައުުގުވެރިކަން އުފެދުނީ ރަށުގައި އުޅޭ މީހުން ކުރާ އެ މަސައްކަތްތައް ފެނިގެންނެވެ.

ގައިޝް ނަގާފައިވާ ފޮޓޯއެއް, މިއީ މިހާތަނަށް އޭނާ އަށް ނެގުނު އޭނާއަށް ކަމުދާ އެންމެ ސަޅި ޝޮޓް، މިއީ ގަދަ ކެރިގަނޑުގައި ނަގާފައިވާ ފޮޓޯއެއް ކަމަށް އޭނާ ބުނި

އުކުޅަހު ސްކޫލްގައި ގްރޭޑް 10ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ގައިޝްއަކީ ކްލާސް ތެރޭގައި ވަރަށް މަޖާކޮށް އުޅޭ ކުއްޖެކެވެ. ސްކޫލުން ރަނގަޅު ނަތީޖާއެއްވެސް އޭނާ ހޯދައެވެ.

ފްރީލާންސް ފޮޓޯގްރާފަރެއްގެ ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ގައިޝް ވަނީ މީގެ ކުރިން ދޭތެރެއަކުން "ވަގުތު"އަށް ފޮޓޯ ނަގާ ދީފައެވެ. އޭނާ އެ ދާއިރާއަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ރާއްޖޭގައި ފޮޓޯ ނެގުމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ޒުވާނުންނާއި އޭނާއާ ވަރަށް ގާތެވެ. އެ މީހުން ކައިރީން އޭނާ އެއްޗެހި އޮޅުން ފިލުވާ ހަދައެވެ. އަދި އޭނާގެ ވިސްނުން އޮތީ ދާއިރާއިން ދާން ބޭނުންވާ އެންމެ މައްޗަކަށް ދިއުމެވެ.

އާއިލާގެ ފަރާތުން، ހާއްސަކޮށް މަންމަ އާއި ބައްޕަގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެން އެ މަސައްކަތް ކުރަމުން އަންނަ ގައިޝް ބުނީ، އޭނާ އެ ދާއިރާއަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ފޮޓޯ ނެގުމަށް ބޭނުންވާ އެއްޗެހި ގަނެދިނީވެސް މައިންބަފައިން ކަމަށެވެ. އަދި މިކަމުގައި ކުރިއަށްދާން ގާތް ރަހުމަތްތެރިންގެ ސަޕޯޓްވެސް ވަރަށް ބޮޑަށް ލިބޭކަން އޭނާ ފާހަގަކުރިއެވެ.

"ރައްޓެހިންގެ ސަޕޯޓް ވަރަށް ލިބޭ ހާއްސަކޮށް، އެންމެ ބޮޑަށް ދާއިރާއިން ކުރިއަށްދާން ދެހީވީ، ޝާބިލް އާއި ހައްޔާން، މި ދެ މީހުން އަޅުގަނޑަށް ނޭނގޭ ހުރިހާ އެއްޗެހި ބުނެދީ، ފޮޓޯ ނެގުމަށް ބޭނުންވާ އެއްޗެހިވެސް ފަސް ޖެހުމެއް ނެތިދޭ. މިހާރު އަޅުގަނޑު އެ މީހުން ދެކެނީ އެއްބަނޑު އެއްބަފާ މީހުންގެ ގޮތުގައި"، އެ މީހުންނަށް ހާއްސަ ޝުކުރުއް އަދާ ކުރަމުން ގައިޝް ބުންޏެވެ.

އޭނާ ފޮޓޯ ނެގުމާއި، އަދި އެއާ ގުޅުން ހުރި ކަންކަން ފުރަތަމަ ދަސްކުރަމުން ގޮސްފައި ވަނީ ޔޫޓިއުބްގެ އެހީގައެވެ. އަދި ބައެއް މީހުންގެ އެހީތެރިކަންވެސް އޭނާ ހޯދައެވެ. އޭގެ ތެރޭގައި އެރަށު ފޮޓޯގްރާފަރެއް ކަމަށްވާ ޝިފާޒްގެ ނަން ފާހަަގަކުރިއެވެ.

ބައެއް މީހުން ގަބޫލުކުރާގޮތުގައި، ފޮޓޯ ނަގާ މީހުންނަކީ އެއްވެސް ބައެއް ނޫނެވެ.އެއީ މަސައްކަތެއްވެސް ނޫނެވެ. އަދި އެއީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ޖެހޭނީ ހަމައެކަނި ކެމެރާގެ ފިތަކަށް ފިއްތާލާށެވެ. އެއިރުން އެ އޮތީ ފޮޓޯއެއް ނެގިފައެވެ. މޮޅު ފެންވަރުގެ ފޮޓޯއެކެވެ. މިއީ މުޖުތަމައު ދެކޭގޮތް ނަމަވެސް ގައިޝް ބުނީ، އެ މަސައްކަތުގައިވެސް ފޮލޯ ކުރަން ޖެހޭ ބައެއް ކަންކަން ހުންނަ ކަމަށެވެ. އަދި އެ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާއި، އެ މަސައްކަތް ކުރުމަށް ހުނަރެއްވެސް ހުންނަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރެއެވެ. ފޮޓޯ ނެގުމަށްފަހު ކުރަން ޖެހޭ އެޑިޓްތަކަކީ ވެސް އެތައް މަސައްކަތަކާއި އެތައް ވަގުތެކެވެ.

އޭނާ ދަނީ މި މަސައްކަތްކޮށްގެން ރަނގަޅު ނަތީޖާއެއްވެސް ނެރެމުންނެވެ. އޭނާގެ ފޮޓޯތައް މީސް މީޑިއާގައި އާއްމު ކުރުމުން ތަރުހީބު ލިބޭއިރު، އެރަށަށް އަންނަ ފަތުރުވެރިންގެ ފޮޓޯ ނަގައިގެން އޭނާއަށް ރަނގަޅު އާއްމުދަނީއެއްވެސް ލިބެއެވެ. އެހެން ނަމަވެސް ދިވެހިންގެ ފޮޓޯ ނަގައިގެން މާބޮޑު އާއްމުދަނީއެއް ނުލިބޭކަން އޭނާ ފާހަގަކުރިއެވެ.

ގައިޝް ފާހަގަކުރިގޮތުގައި، އޭނާ އެންމެ ނަގާ ހިތްވަނީ ޕޯޓްރެއިޓްސް ފޮޓޯއެވެ. ގެސްޓުންގެ ފޮޓޯތައްވެސް އޭނާ ވަރަށް ނަގާދޭ ހިތްވެއެވެ.

ދާއިރާއިން ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ލިބޭނެ ދުވަހެއްގެ ހުވަފެންތައް ދެކެމުން އަންނަ ގައިޝްއަށް ވަނީ އޭގެ މިންވަރެއް ހާސިލް ވެފައެވެ.

"ﷲގެ އިރާދަފުޅުން އެކަން ހާސިލް ކުރެވިއްޖެ، 2020 ވަނަ އަހަރު އޭޝިއާ ސްކޫލް ތަކުން ބައިވެރިވި ޝަޓާ ބަގް އިވެންޓްގައި 5000 މެންބަރުގެ ތެރެއިން ދިވެހިރާއްޖެ އާއި އއ. އުކުޅަސް ރިޕްރެޒެންޓް ކުރީ އަޅުގަނޑު، އެ އިވެންޓުން އޭޝިއާއިން ދެވަނަ ހޯދާ މެރިޓް އެވޯޑް ހާސިލް ކުރިން" ގައިޝް ބުންޏެވެ.

އޭނާ ބުނީ، އެންމެ ދެކެން ބޭނުންވާ ހުވަފެނަކީ މަޝްހޫރު މީހެއްގެ ޕްރައިވެޓް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށެވެ.

ގައިޝް ފުރަތަމަ ނެގި އެސްޓްރޯ ފޮޓޯ

ކޮންމެ ދައިރާއަކުންވެސް ކުރިއަށްދެވޭނީ އެތައް ބައެއްގެ ހިތްނޭދޭ ބަސްތަކާއި ކުރިމަތިލައިގެންކެން ޔަގީނެވެ. ގައިޝްއަށްވެސް ވީ އެހެންނެވެ. އެތައް ބަޔަކު އޭނާއަށް މަލާމާތްކޮށް، އޭނާގެ މޯޓިވޭޝަން ގެއްލުވާލިއެވެ. އެތައް ބަޔަކު އޭނާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނުރަނގަޅު ކޮމެންޓްތައް ދީ ހެދިއެވެ. އަދި ބައެއް ފޮޓޯގްރާފަރުން، ފޮޓޯގްރާފަރުންނާއި ޖެހިފައި ތިބޭ މައްސަލައަކީވެސް ހައްލުވެފައިނުވާ ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.

ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުންނަށް އޭނާ ބުނެފައި ވަނީ، މިއީ ކުރިއަށް ދާން ވަރަށް ރަނގަޅު ވަރަށް ސަޅި ދާއިރާއެއް ކަމަށެވެ.

ފަޅު ގެއެއްގެ ތެރޭގައި ހިމަ ގޯޅިގަނޑެއްގެ ހިޔާކޮށްފައި ހުރިތަނެެއްގައި ޑްރޯން އަރުވައިގެން ނަގާފައިވާ ފޮޓޯއެއް

"އަހަރެންގެ އެކްސްޕީރިއަންސްއަށް ބަލައި، މިއީ ހަމަ ކުރިއަށްދާން ވަރަށް ރަނގަޅު ދާއިރާއެއް، އެންމެންނަށް ކަމުދާ ފޮޓޯއެއްވެސް ނުނެގޭނެ، ޖެހިފައި ތިބޭ ވަރަށް ބައިވަރު މީހުން ތިބޭނެ، އަހަރެންނަށް މިހާހިސާބަށް އާދެވުނީ ހަމައެހުރިހާ ކަމަކާއި ކުރިމަތިލާފައި".

އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަންއަކީ ޝާބިލް ފޮޓޯސް އެވެ. އޭނާާ ގަބޫލުކުރާގޮތުގައި، ޝާބިލްއަކީ އޭނާއަށް ނުވާނެ ހެން ހީވާ ކަންކަން އޭނާއަށް ކިޔާދީގެން ކުރުވާ މީހެެކެވެ. އަދި ހެދިފައި ހުންނަ ގޯސްތަކުން ރަނގަޅު ކުރުމަށް އޭނާ އަބަދުވެސް ނަސޭހަތްތެރިވާ ކަމަށް ގައިޝް ބުނެފައި ވެއެވެ. މީގެ އިތުރުން ހައްޔާން ފޮޓޯސް، އާއި ޖައިލަމް ފޮޓޮގްރާފާގެ ނަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ގައިޝްގެ ނަން މިއަދު ފާހަގަ ކުރަން ޖެހެނީ ހަމައެކަނި ކުރިއަރަމުން އަންނަ ފޮޓޯގްރާފަރެއްގެ ގޮތުގައެއް ނޫނެވެ. އޭނާ އަކީ ކުރިމަތިވި ފާޑުކިޔުންތަކާއި، ކުރިމަތިކުރި ނޭދެވޭ ބަސްތަކުގެ މައްޗަށް ކާމިޔާބު ހޯދައި މިދާއިރާގައި ފައިތިލަ ސާބިތުކޮށްގެން ހުރި އުއްމީދީ ނަމެކެވެ.