ފޮތް އަލަމާރީގައި ހުރި ފޮތްތަށް ތަރުތީބު ކޮށްލަން ބޭނުން ވިއެވެ. މިހާރު ބައްޕަ ނިޔާވި ފަހުން އެއަލަމާރީ ހުޅުވާ ނޫޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އަހަރެންގެ މަސައްކަތް ހުންނަ ގޮތުން ގިނައިން އުޅެވެނީ ރާއްޖޭން ބޭރުގައެވެ. އަހަރެންގެ ބައްޕަ އަކީ ފޮތް ކިޔުމަށް ވަރަށް ލޯބި ކުރި މީހެކެވެ. ރާއްޖޭގައި ދިވެހި ބަހުން ނެރޭ ހުރިހާ ފޮތެއް ބައްޕަ ގަނެ ރައްކާ ކުރަމުން ގެންދިޔައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ގޭގެ ބޮޑު ކޮޓަރީގެ ތިން ބިތް އެވަނީ ފޮތް އަލަމާރީން ފުރިފައެވެ. ބައްޕަގެ އެންމެ ފަހުގެ ވަސިއްޔަތަކީ ވެސް ފޮތެއް އެއްލާ ނުލާށެވެ. ދަރިފުޅު ބޭނުން ނުވާނަމަ ކޮންމެވެސް ކުތުބު ޚާނާ އަކަށް ހަދިޔާ ކުރާށެވެ. ކޮންމެވެސް ބަޔަކަށް އޭރުން ފައިދާ ކުރާނެއެވެ.

ފޮތްތަކުން ހިރަފުސް ފޮޅަމުން ފޮތްތައް ތަރުތީބު ކުރެވޭތޯ ބަލަމުން ދިޔައީމެވެ. ވަރަށް ރީއްޗަށް ބަންދު ކޮށްލާފައި އޮތް ސިޓީ އުރައެއް އަހަރެންނަށް ފެނިއްޖެއެވެ. އެއުރައިގެ ބޭރުގައި ދެލިއަޅާ ގަލަމަކުން ލިޔެލާފައި އޮތެވެ.

"މިއީ އަހަރެންގެ ތައުލީމީ ހަޔާތެވެ."

ސިޓީ އުރަ ހުޅުވައި ބަލައިލީމެވެ. އޭގައި އޮތީ މޮނީޓަރު ފޮތެކެވެ. ބޯމިނުގައި ސަތޭކައެއްހާ ސަފުހާ ހުންނާނެއެވެ. ބޮޑު ކޮޓަރީގައި ބައްޕަ ފޮތް ކިޔަން އިންނަ ސަރަންފީގައި އިށީދެލީމެވެ. އަދި މަޑު މަޑުން ފޮތް ހުޅުވާލީމެވެ. ފޮތުގެ ފުރަތަމަ ސަފުހާގައި ލިޔެފައި އޮތެވެ. ހަޔާތަކީ ފޮނި އަދި ހިތި އެއްޗެކެވެ. ދެން އޮތީ ބައްޕަގެ ނަމެވެ. އަހަރެންނަށް އަޑުވީއްލާ ބޭއިޚްތިޔާރުގައި އެނަން ކިޔާލެވުނެވެ. "ސަރަންދީބުގޭ ޙަސަން ތައްޚާނުގެ ޢަލީ ލުޠުފީ"

އަނެއް ސޮފުހާއަށް ގަނޑު އެއްލުމާއެކު ފޮތުގެ ލިޔުންގަނޑު ފެށިފައި އޮތެވެ.

"އަހަރެންނަކީ ހުވަދު އަތޮޅު ނަޑެއްލާ ސަރަންދީބުގޭ ޢަލި ތައްޚާނާއި އެރަށު ފުނަގޭ ފާތިމާ މަނިކެގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެންގެ ބައްޕައަކީ އަހަރެން ހަނދާން ހުންނަށް ފެށީންސުރެ ބަނގަލާ އޮޑިއެއްގެ މާލިމީއެކެވެ.

ބައްޕަ ބަނގާޅަށް ކުރާ ދަތުރުތަކުގެ ދަތުރުނަމާ ކޮންމެ ދަތުރެއް ނިންމާފައި ރަށަށް އާދެވުމާއެކު ކިޔާދެއެވެ. އަހަރެންނަށް އެވާހަކަތައް އިވުމުން ވަރަށް އުފާވެރިކަމެއް ހިތުގައި ހިނގައި ގަނެއެވެ. ކާރު ތަކާއި ބޮޑެތި ލޮރީތަކާއި އިންޖީނުލީ ބައްތެލި ތަކުގެ ވާހަކައެވެ. އަހަރެންމެން ރަށުގައި އެޒަމާނުގައި އިންޖީނުލީ އެއްވެސް އުޅަނދެއް ނުގެންގުޅެއެވެ. ކަރަންޓެއް ނުހުރެއެވެ.

ކުޑަކުއްޖެއްގެ ގޮތް ކެނޑި ޒުވާން ފުރާވަރަށް އަޅައިގަނެފިއެވެ. ރަށުން ލިބުނު ތައުލީމުގެ އިތުރުން އަހަރެންނަށް އިތުރު ތައުލީމެއް ނުލިބެއެވެ. އަހަރެންގެ ތިމާގެ ކުއްޖަކު ރާއްޖެއިން ބޭރަށް ކިޔަވަން ގޮސް އެތަނުން މޮޅަށް ކިޔަވައިގެން އައިސް ފުރަމާލޭގައި ބޮޑު ވަޒީފާއެއްގައި އުޅެމުންދާ ވާހަކަ ބައްޕަ ދައްކައެވެ. އަދި އޭނާ ރަށުގައި މައިން ބަފައިންނަށް ޚިދުމަތް ކުރާން ނުހުންނާތީ އެކަމާއި ހިތާނުވެގެން އެވާހަކަ ވެސް ދައްކައެވެ. އަދި ބޭރު ކަރަކަރައިން ކިޔެވުމުން އަޚުލާޤަށް އަންނަ ބަދަލުގެ ވާހަކަ ވެސް ދައްކައެވެ.

އެކަމަކު އަހަރެންގެ ހިތުގައި އޮތީ ބޭރު ކަރައަކަށް ކިޔަވަން ދިއުމުގެ ޝައުގެވެ. ބޭނުމަކީ މޮޅަށް ކިޔެވުމެވެ. އަދި އެތަންތަނުގެ އުފާވެރި ދިރިއުޅުން ދެކެލުމެވެ. އަހަރެން ބައްޕަ ގާތުން އެދުނީ ބޮޑުބޭގެ ދަރިފުޅު ކިޔަވަން ފޮނުވި ގޮތަށް އަހަރެން ވެސް ކިޔަވަން ފޮނުވުމަށެވެ. ބައްޕަ އެއް ގޮތަކަށް ވެސް އެކަމާ ގަބޫލެއް ނޫނެވެ. ތައުލީމު އުނގެނެން ވާނީ ހަމަ ރާއްޖެއިން ކަމުގައިބުނެއެވެ. އަދި ބައްޕަ ކަހަލަ މާލިމީއަކަށް އަހަރެން ހަދަން ބޭނުން ވާކަމުގައި ބުނެއެވެ. އޭރުން ބޭރު ކަރަކަރައަށް ދެވޭނެކަމުގައި ވެސް ބުނެއެވެ. އަހަރެން އެއްގޮތަކަށް ވެސް މާލިމީ ކަން ކިޔަވާކަށް ބޭނުމެއް ނޫނެވެ.

އަހަރެން އެދުވަހު ވަރަށް މާޔޫސް ވިއެވެ. ބައްޕަ ބޭނުންވަނީ އައްޑުއަތޮޅު މީދޫއަށް އަހަރެން ކިޔަވަން ފޮނުވާށެވެ. އަހަރެން އެގޮތް ބޭނުމެއް ނުވެއެވެ. ބަނގާޅަށް ދެވޭނެގޮތަކާ މެދު ހަމަ ފިކުރު ކުރެވެނީއެވެ.

ކޮންމެ ފަހަރަކު ބަންގާޅު ދަތުރުން ބައްޕަ ރަށަށް އައުމުން އަހަރެން ކިޔަވަން ބޭރަށްދާން ބޭނުންކަމުގައި ބުނެ ޝަކުވާކުރަމެވެ. އެންމެ ފަހުން ކުރު ނުކުރީމާ ބުންޏެވެ. ޝަރުތަކާއެކު ބަންގާޅު ބަލައިލަން ގެންގޮސް ދޭނަމަވެ. އެއީ އައްޑުއަށް ހިތުން ރުހުމުން ކިޔަވަންދާން އެއް ބަސް ވާނަމައެވެ. ކޮންމެ އަކަސް އަހަރެން އެގޮތާ އެއްބަސް ވީމެވެ.

އެއަހަރުގެ ފަހި މޫސުމުގައި އޮޑި ތައްޔާރު ވަނީ ބަނގާޅަށް ދިއުމަށެވެ. އަހަރެންވެސް ދަތުރަށް ތައްޔާރު ވީމެވެ. ބަނގާޅުން ބައްޕަ ގެންނަ ފޮތާއި ނޫސް ފަދަ ތަކެތީގައި ހުންނަ ކުރެހުންތައް ވެސް ބަލާ ހަދަމެވެ. އަދި ބައްޕަގެ އޮޑީގައި ގެންގުޅޭ ބަންގާޅު މީހަކާއި ވާހަކަ ދައްކާ ވަރަށް ގިނަ މައުލޫމާތު އެއްކުރީމެވެ. އޭނާ އެ ބޯޓްގައި އުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ. ދިވެހި ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކައެވެ. އޭނާ މުޅިން ވެސް އުޅެނީ އޮޑީގައެވެ.

ދަތުރަށް ރަށުން އޮޑި ފުރިއިރު އާއިލާގެ މީހުން އަތިރި މައްޗަށް ނުކުމެ އޮތެވެ. އަހަރެން މަންމަ ގައިގާ ބައްދާލާއިގެން ވަރަށް ގިނައިރު ހުރީމެވެ. އޭރު ރިޔާ ނެގި އޮޑިފަހަރުގެ ދަތުރު ހުންނަގޮތުން ދަތުރެއް ކުރެވެނީ ފަސް ހަމަހުންނެވެ. އަދި ބައެއް ފަހަރަށް އެއަށްވުރެ ގިނަ ދުވަސް ވެސް ވެއެވެ. ބައެއް އޮޑިފަހަރު ބެހިގެން ވެސް އެތައް ދުވަހަކު އުޅެފައި ރަށަށް އާދެއެވެ.

ދަތުރަށް ފަށައިފިއެވެ. އުޑުމަތި ސާފު ރީތި ދުވަހެކެވެ. ވައިހުރީ ދިމާ ހުޅަނގު ދެކުނުގައެވެ. ފަހިކާމާ އެކު އޮޑި ދުވެފައި ދެއެވެ. އިރު އޮއްސެން ގާތް ވިއިރު އަތޮޅުގެ ރަށްތައް އޮބަން ފަށައިފިއެވެ.

އެއްމަހާ ފަނަރަ ދުވަސް ވީފަހުން ސިލޯނު ފެންނިއްޖެއެވެ. ދަތުރުގެ ބައިވެރިން ވަރަށް އުފާވެގެން އުޅުނެވެ. އޭގެ އެއްމަސް ފަހުން ބަންގާޅަށް ދެވިއްޖެއެވެ. ދަތުރު މިހާ ދިގު ވަނީ ވައި ނުހުންނާތީއެވެ. ބައެއް ފަހަރަށް ފަލިވެސް ޖަހައެވެ.

ބަންގާޅަށް ދެވި ކަސްޓަމްސް ގެކަންކަން ނިމިގެން ފޭބުނީ ތިންދުވަސް ފަހުންނެވެ. ބައްޕަ އާއި ބޯޓްގައި އުޅޭ މުޖީބު އާއި އެކުގައި ރަށުތެރެ ބަލައިލަން ދިޔައީއެވެ. ކާރުތަކާއި ލޯރިތައް އަދި އަސްގާޑިޔާތައް ފެނުމުން އަހަރެން އަންތަރީސް ވިއެވެ. މުދާލައި ފުރާފައިހުރި ބޮޑެތި ފިހާރަތަކެވެ. ރޭގަނޑަށް ކަރަންޓްގެ އަލިން އޮންނާނީ ދިއްލައިލާފައެވެ.

އެރޭ އޮޑީގައި ނިދަން އޮވެގެން ވިސްނީ ބަންގާޅުގައި ކިޔަވަން ހުރެވެއްޖިއްޔާ ލިބޭނެ މަންފާއެވެ. މޮޅަށް ކިޔެވޭނެއެވެ. އިނގިރޭސި ދަސްވާނެއެވެ. ރާއްޖެއައިސް މޮޅު މީހެއްގެ ގޮތުގައި ބޮޑެތި ވަޒީފާ އަދާކުރެވޭނެއެވެ.

އަނެއް ދުވަހު ހޭލައިގެން މުޖީބުއާ އެކު ރަށުތެރެ ބަލައިލަން އަހަރެން ފޮނުވިއެވެ. މުޖީބު ގާތުން ކިޔެވުމާ ގުޅޭ މަޝްވަރާ ކުރީމެވެ. އޭނާ ބުނީ ބައްޕަ ގާތުގައި ބުނެ ހުއްދަ ހޯދަނިކޮށް މުޖީބު ގޭގައި ހުރެވިދާނެ ކަމަށެވެ. މުޖީބު ދިން ލަފާގެ މަތިން އަހަރެން ބައްޕަގެ ގާތު އެވާހަކަ ބުނީމެވެ. ބައްޕަ އެއްބަހެއް ނުވިއެވެ.

އެރޭ ނިދާފައި އޮތްވާ އަހަރެންނަށް ހުވެފެއް ފެނެއެވެ. ކޮންމެވެސް މީހަކު އައިސް ބުނެއެވެ. ބައްޕަ ނުގަބޫލަސް މިދަތުރު ރާއްޖެ ނުދާށެވެ. ކަލޭ ފިލާށެވެ.

ކިޔަވާހިތް އޮތްލެއް ބޮޑުކަމުން އަހަރެން ގަސްތުކުރީ ފިލުމަށެވެ. ބަސް ނޭގުނަސް އުޅެވިދާނެކަން އަހަރެންނަށް ގަބޫލު ކުރެވެނީއެވެ. މުޖީބުއާއި ސިއްރުން މަޝްވަރާ ކުރުމަށްފަހު އަހަރެން ފިލީއެވެ. ފުރަތަމަ އުޅުނީ މުޖީބު ހަމަޖައްސާދިން ގެއެއްގައި ގެރި ބަލަހައްޓާށެވެ. އެއީ މުއްސަނދި މީހެކެވެ. ދަނޑު ބިންވެސް އޮވެއެވެ. ހަގީގަތުގައި މުޖީބުޚާން ރަށުގައި ނުހުންނަނީ އާއިލީ މައްސަލަތަކާއި ގުޅިގެންނެވެ. އަހަރެން ބެހެއްޓި ތަނަކީ މުޖީބުޚާން ކުރިން މަސައްކަތް ކުރާން އުޅުނު ތަނެކެވެ.

އަހަރެންގެ ހީވާގިކަމާއި ތެދުވެރި ކަންފެނި ސޭޓް އަހަރެންނަށް ކިޔެވުމުގެ ފުރުސަތު ހޯދާދިނެވެ. އެގޮތުން ޚާއްޞަ މަދަރުސާއަކުން އިނގިރޭސިއާއި ދީން ކިޔަވަން ފެށީމެވެ. އެއީ މުސްލިމް ކުދިން ކިޔަވާ މަދަރުސާއެކެވެ. އެހެން އުޅުމުގައި އެތަނުން ދިމާވި ކުދިންނާއި ރަހުމަތްތެރިވެ ބައެއް ކުދިން ޕާކިސްތާނަށް ކިޔަވަން ދާން ބޭނުން ވާކަން އެނގުނެވެ. އެގޮތުން އެކުދިންގެ ނަސޭހަތުގައި ޖެހި ދެކުއްޖަކާއެކު ފިލައިގެން ޕާކިސްތާނަށް ދިޔައީއެވެ. ޕާކިސްތާނުގައި އަހަރެން ކިޔަވަންހުރި ތަނުގައި ރާއްޖެއިން ފިލައިގެން އައިސްހުރި ދިވެހި ކުއްޖަކާ ދިމާވިއެވެ. އެއީ ފުވައްމުލަކުގެ ކުއްޖެކެވެ. ނަމަކީ ރަޝީދެވެ. އަހަރެން އެކާމާ ވަރަށް އުފާވިއެވެ.

ޕޯސްޓް މެދުވެރިކޮށް އަހަރެންގެ މަންމަ އަށް ސިޓީ ލިޔަމުން ގެންދިޔައީމެވެ. އެކަމަކު އަހަރެން ހޯދަ ފާނެތީ ސިޓީގައި ޖަހަނީ ރަނގަޅު އެޑްރެހެއް ނޫނެވެ.

އަހަރެންގެ ހާލު ސިޓީން އެންގިއަސް މަންމަ އާއި ބައްޕަގެ ހާލު އަހުވާލު ބެލުމުގެ އެދުން ބޮޑުވާން ފެށިއެވެ. މުޖީބު ޚާންއަށް އެޑްރެސްކޮށް އަހަރެން ބަންގާޅުގައި ހުރި ގޭގެ ސޭޓްއަށް ސިޓީ އެއް ފޮނުވީމެވެ. މިހާރު އަހަރެންނަށް އުރުދޫ އަދި އިނގިރޭސި ބަހުން ލިޔެ ކިޔާން އެނގެއެވެ. ސޭޓަކީ ވެސް ތައުލީމީ މީހެކެވެ.

ދެމަސް ފަހުން މުޖީބު ގެ ސިޓީ އެއް ލިބުނެވެ. އަހަރެންގެ މަންމަ އަހަރެން ގެއްލުނު ހިތާމާގައި ލައްކަ ދުވަހު އުޅު ކަމުގައެވެ. އަދި ފަހުން އެކަން ބޮޑު ބައްޔަކަށްވެ ނިޔާވީ ކަމުގައެވެ. މި ޚަބަރު ލިބުމުން އަހަރެނަށް ފުންހިތާމައެއް ލިބިގެން ދިޔައެވެ.

މިހާރު އަހަރެން ކިޔަވާ މަދަރުސާ ނިމެން އޮތީ އެއް އަހަރެވެ. މަތީ ތައުލީމު އުނގެނުމުގެ ފުރަސަތުގެ ބޭނުން ހިފީމެވެ. ކިޔަވަން އުޅުނީ ވަރަށް ދަތި ހާލުގައެވެ. ރަނގަޅަށް ކަނީ އެއްފަހަރެވެ. އަހަރެންގެ އަޒުމު ވަރުގަދަ ކަމުން ބޭނުންވީ ކިޔަވާ ނިމިގެން ނޫނީ ރާއްޖެ ނުދިއުމެވެ. ސާނަވީ ނިންމާ ވަޒީފާ އެއް ވެސް އަދާކުރަން ފެށީމެވެ. އެކުވެރި ކުދިންނާއެކު ހޮޓާތަކާއި ފިހާރަ ތަކުގައި މަސައްކަތް ކުރީމެވެ. އޭގެ ކުރިންވެސް ބައެއް މަސައްކަތް ކޮށްލައިގެން ކުޑަ ފައިސާ ކޮޅެއް ލިބެއެވެ.

އަހަރެން ކިޔެވި މަދަރުސާއިން އެއްވަނައަށް ފާސްވި ކުދިންގެ ތެރޭގައި އަހަރެން ހިމެނުނެވެ. ރާއްޖެ ދިއުމުގެ ކުރިން އަހަރެން ގަސްދުކުރީ ބަންގާޅަށް ދިއުމަށެވެ. އެއީ އަހަރެންނަށް ކިޔެވުމުގެ ފަހި ފުރުސަތު ހޯދާދިން މުޖީބު ޚާން އާއި އޭނާގެ ސޭޓްއަށް ޝުކުރު އަދާކުރުމެވެ. ޕާކިސްތާނުގައި ހުރި އިރުވެސް ބަރާބަރަށް ސޭޓަށާއި މުޖީބަށް ސިޓީ ފޮނުވަމުން ގެންދިޔައީމެވެ. މުޖީބު ވެސް މިހާރު ދިރިއުޅުމެއް ފަށައިގެން ރަށުގައި ހުރިކަން އޮތީ އަންގާފައެވެ.

ބަންގާޅަށް އަހަރެން ގޮސް މަޑުކުރީ ހޮޓަލެއްގައެވެ. އެއީ ސޭޓް ގެއާއި ވަރަށް ކައިރީގައި ހުރި ތަނެކެވެ. އަހަރެން ބޭނުންވީ އެމީހުންނަށް ނާންގާ އައުމަށެވެ. ސޭޓާ ބައްދަލު ކުރަން ދިއުމުގެ ކުރިން މުޖީބުމެންގެ ހޯދީމެވެ. އެއީ އަހަރެން ލިޔާ ސިޓީ ތަކުގެ އެޑްރެސް ބަލައިގެންނެވެ. މުޖީބު އުޅެނީ ކުރިން އުޅުނު ގެއަކު ނޫނެވެ.

އަހަރެން ފެނުމާއި އެކު ފުރަތަމަ އެތައް އިރަކު އޭނާ އަހަރެންނާއި ދިމާއަށް ބަލަން ހުއްޓެވެ. އަދި ބުންޏެވެ. އަހަރެން ކަލޭ ދުށީމެވެ. ތިޔައީ ހަނދާންނައްތާލަން ފަސޭހަ ލޮލެއް ނޫނެވެ. އެކަމަކު އަދި ކަށަވަރުކޮށް ވިސްނުމަކަށް ނާދެއެވެ. ތިޔަހުރީ ސިފަ ބަދަލުކޮށްގެން ހެއްޔެވެ؟ އަހަރެން ތައާރަފު ވުމާއެކު އޭނާ އޮޅުލައި ގަތެވެ. އަދި ވަރަށް ގިނައިރު ރޮއި ހެދިއެވެ. އުފަލުންނެވެ.

އެގެއިން ކައިގެން އަހަރެމެން ދިޔައީ ސޭޓާ ބައްދަލު ކުރާށެވެ. ސޭޓަށް އަހަރެން ފެނުމާއެކު އިރުކޮޅަކު ވިސްނަން ހުރެފައި ސަލާން ގަލާން ކުރިއެވެ. އަދި އުފަލުން ހުރެ ބުންޏެވެ. ޢަލީ ލުޠުފީ އަހަރެންނާ ބައްދަލު ކުރާން އަތުވެދާނެކަމަށް ހިއެއް ނުކުރަމެވެ. ކަލެއަކީ އަހަރެން ގެ ދަރިއެއް ފަދަ ކުއްޖެކެވެ. މިގޭގައި އުމުރުގެ ބާކީބައި ހޭދަކުރަންވީ ނޫންހެއްޔެވެ؟ އެއީ ކަލެއަކީ ހެޔޮ ލަފާ ތެދުވެރި މީހެކެވެ. މިޒަމާނުގައި ތިޔަ ކަހަލަ ޒުވާނެއް ނުލިބޭނެއެވެ. އަހަރެން ޖަވާބެއް ނުދެމެވެ.

ސޭޓުގެ އާދޭހާއެކު އެގޭގައި މަސްދުވަސް ވާނދެން މަޑުކުރާން ނިންމީމެވެ. މިގޮތަށް ހުރުމުގައި ސޭޓުގެ ވިޔަފާރީގެ ހުރިހާ ކަމެއް އަލިފުން ޔާއަށް އޭނާ ކިޔައިދިނެވެ. އަދި މިހާރު ސޭޓް މުސްކުޅި ވުމުން ހުރިހާ ކަމެއް ނުބެލެހެއްޓޭކަމުގައި ވެސް ބުންޏެވެ.

އެއްދުވަހު ހެނދުނުގެ ނާސްތާއަށް ފަހު ސޭޓްގެ ކޮޓަރިއަށް އަހަރެން ގެންދިޔައެވެ. ވަރަށް ގިނަ ނަސޭހަތް ދިނުމަށްފަހު ވަރަށް ބޮޑު ކަމެއް ކުރިމަތި ކުރުވިއެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅާ ކައިވެނި ކުރުވަން ބޭނުންވާ ކަމުގައި ބުންޏެވެ. އަހަރެން ޖަވާބެއް ނުދީ ވިސްނާލަން ފުރުސަތަކަށް އެދުނީމެވެ.

އެއީ ރީތި އަންހެން ކުއްޖެކެވެ. އެކުގައި އެއްގެއެއްގައި އުޅެންފެށުމުން ހިތްޖެހި ސޭޓުގެ އެދުމަށް އާނ ބަސް ދީފީމެވެ. ވަރަށް ފުރިހަމަ ރަސްމިއްޔާތަކާ އެކުގައި ކައިވެނި ކުރެވިއްޖެއެވެ. އެތާނގެ މުސްލިމުންގެ އާދަ ކާދައާ އެއްގޮތަށެވެ.

އަހަރުވީ ތަނާ އަންހެނުން ބަލިވެ އިނދެއްޖެއެވެ. އޭރު ސޭޓު އުޅެނީ ވަރަށް ބަލިވެއެވެ. ފުރަމޭގެ ބައްޔެއްގައެވެ. ގިނަ ދުވަސް ތަކެއް ނުވެ ސޭޓު ނިޔާވެއްޖެއެވެ. އެހިތާމަ ތަކަށްފަހު އަހަރެންނަށް ލިބެން އުޅޭ ފުރަތަމަ ދަރިފުޅަށް އިންތިޒާރު ކުރެވެމުން ދިޔައެވެ.

އެއްރެއަކު ދަންވަރު އަންހެނުންގެ ބަނޑުގައި މާގަދަޔަށް ރިއްސާތީ ކައިރީގައި ހުރި ސިއްހީ ފަރުވާދޭ ތަނަކަށް ގެންދެވުނެވެ. ދަންވަރު ކަމުން ޑޮކްޓަރީ ފަރުވާ ނުލިބި ހާލުދެރަވަމުން ގޮސް އަންހެނުން ނިޔާވީއެވެ. ބަނޑުގައި އޮތް ދަރިފުޅު ގެ ފުރާނަ ވެސް ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

އަހަރެން ކުޑަ ދުވަސް ކޮޅަކު ބަންގާޅުގައި މަޑު ކުރުމަށް ފަހު އެނބުރި ރާއްޖެ އައީއެވެ. ދެވަނަ ކައިވެންޏެއްކުރީ ރާއްޖޭން ދިވެހި ކުއްޖަކާއެވެ."

ފޮތް ލައްޕާލުމުގެ ކުރިން މިލިޔުން ނިންމާލަމުން ޖަހާފައިވާ ތާރީޚަށް ބަލައިލީމެވެ. އޮތީ 19 މޭ 1970 އެވެ. އަދިވެސް އިތުރު ގަނޑު ހުރުމުން އެގަނޑުތަކުގައި ހުރި ލިޔުންތައް ބަލައިލީމެވެ.

ކިޔަވަން އުޅުނު އިރުގެ އެކި އެކި ނޯޓް ތަކެވެ. މާލެ އާދެވުމުން ވެސް ބައެއް ކަންކަން ނޯޓް ކޮށްލާފައި ހުއްޓެވެ. އަހަރެންގެ މަންމަ އާއި ކައިވެނިކުރި ތާރީޚެވެ. އަދި އަހަރެން އުފަންވިރޭގެ ހަނދާން ވެސް ކުރުގޮތަކަށް ލިޔެލާފައި އޮތެވެ. މި ނޯޓް ފޮތުން އަހަރެންނަށް އެނގިގެން ދިޔައީ ބައްޕަ ގެ ހަޔާތުގެ ޒުވާން ދުވަސް ވަރުގެ ސަފުހާތަކެވެ.

މިއީ އަހަރެންނަށް ކުރިން ނޭނގޭ ވާހަކަ ތަކެވެ. ނޯޓު ފޮތް ލައްޕާލާފައި ހަމަ އެސިޓީ އުރައަށް ލީމެވެ. އަދި ފޮތް އަލަމާރީގައި ފަސޭހައިން ފެންނާނެ ތަނެއްގައި ބޭއްވީމެވެ. އެއީ އަހަރެންގެ ބައްޕަ ތައުލީމަށްޓަކައިކުރި ދަތުރު އަހަރެންގެ ދަރިންނަށް ފެންނާނެހެން ބޭއްވުމަށްޓަކައެވެ. އަދި އެނޯޓް ފޮތް އެއްފަހަރު ނަމަވެސް ކިޔާލުމަށް އެކުދިންނަށް އަހަރެން ވަސިއްޔަތް ކުރާނަމެވެ.