މެއި 02 ވަނަ ދުވަހު ގެނެސްދިން ބައި

ނިކާލް ނިކަން ބާރަށް ގޮސް ފައިރޫޒްގެ މޭގައި ދެއަތްއަޅައި ކޮށްޕާލިއެވެ. އަދި ނަޒީލްގެ ކުރިމައްޗަށް ހުރަސްވެ ޕޮލިހުންނާ ދިމާއަށް ވަކިވަކިން ޝަހާދަތް އިނގިލި ދިއްކޮށްލީ ކުރިޔަށް އެންމެ ފިޔަވަޅެއް ވެސް އަޅައިގެން ނުވާނޭ ބުނާ ކަހަލަ އިންޒާރުން ފުރިގެންވާ ތޫނު ނަޒަރެއް އެމީހުންނާ ދިމާއަށް ސީދާކޮށްލަމުންނެވެ.

"ނިކާލް. އަޅުގަނޑުމެންގެ މަސައްކަތަށް ހުރަސް ނާޅުއްވާ." ފައިރޫޒް ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ.

"މި ބުނީނު އެކަކު ވެސް ކައިރިވެގެން ނުވާނޭ." ނިކާލް ހަޅޭލަވައިގަތެވެ. "ކަލޭމެންނަށް އަސްލު ތިކަމުގައި ކުށްވެރިވާ މީހަކު ނުހޯދުނުނީމަ މަތިއަޅަންވެގެން އެންމެފަހު ވަގުތު މިގޭ މީހެއްގެ ބޮލުގަ ތިކަން އަޅުވާފަ މައްސަލަ އޮއްބާލާނަމޭ ހިތާތަ ތި އުޅެނީ؟ ތަޙުޤީޤު ހިންގަނީއޭ ކިޔާފަ ކުރިމަގެއް ނުފެންނަ ކޮންމެ މައްސަލައެއްގަ ކަލޭމެން ހަދާނީ ތިކަހަލަ މޮޅު އެއްޗެއް. މިހާރު ކިހާ ދުވަހެއްވެއްޖެ ތިކަމެއް ހިނގައިދިޔަ ފަހުން. ކަލޭމެންނަށް މިއަދު ތަ އެނގުނީ އެއީ ނަޒީލް ކުރި ކަމެއްކަން. ހަމަ މިހާރު މި ގެއިން ނުކުމޭ. ނަޒީލް ތިކަހަލަ ކަމެއް ކުރަން ހިތަށް ވެސް ނާރުވާނެ. ފައިރޫޒް ކަލޭ ލަދެއް ވެސް ނުގަނޭތަ ތިހެން ބުނާކަށް؟"

"އަޅުގަނޑުމެންގެ އަތުގައި މި އޮތީ ކޯޓު އަމުރު." ފައިރޫޒް ކޯޓު އަމުރު ދައްކާލުމާއެކު ނިކާލް އެ އަމުރު ޖަހައިގަތެވެ. އަދި އެ ކަރުދާސްގަނޑު އެއްއަތުން ބޮނޑިކޮށްލުމަށް ފަހު ފައިރޫޒްގެ މޫނާ ދިމާއަށް ހޫރުވާލިއެވެ.

"ތިޔެއް ވެސް އަދި ކަލޭ ތި ދައްކާ ކަނޑުކޮސް ވާހަކަ އެއްވެސް މަށެށް ގަބޫލެއް ނުކުރާނަން. ނަޒީލް މިގެއިން ނެރެވޭނީ މަށާ ވެސް އެކުގައި." ނަޒީލްގެ އަތުގައި ހިފައިލަމުން ނިކާލްއާ ކައިރިކޮށްލިއިރު އެ އަތުގައި ވީ ތުރުތުރުލުން ނިކާލަށް އިޙްސާސް ކުރެވުނެވެ. އެވަގުތު ނަޒީލްގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު އޭނާ ބަލާލިއެވެ. ނަޒީލްގެ ދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައިރު އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. ބިޑި އަޅުވައިފައިވާ ދެއަތް ޖޯޑުކޮށްގެން ދެއަތް އުފުލައިގެން ހުރެ އޭނާ އެއްޗެހިތަކެއް ކިޔަނީއެވެ. ކިޔާ އެއްޗެއް ސާފު ނުވި ނަމަވެސް އިސްޖެހިފައި ހުރުމުން ފައިރޫޒްމެންދެކެ ބިރުގެންފައި ހުރިވަރު ހާމަވެއެވެ. ނަޒީލަކީ އެހާ ފިނޑިމީހަކަށް ވީ ކޮންއިރަކު ހެއްޔެވެ؟ ކުއްލިއަކަށް ނިކާލްގެ ހިތަށް ބިރުވެރިކަން ވަނެވެ. ނަޒީލް ނުކުރާކަމެއްގެ ތުޙުމަތު އަޅުވައިފިނަމަ ރުޅިގަދަވުން އެއީ އޭނާގެ ޠަބީޢަތެވެ. ނަމަވެސް އިސްޖެހުން އެއީ އެކަމަށް އޭނާ ވާ އިޢުތިރާފެކެވެ. ނިކާލަށް ދުރަށް ޖެހިލެވުނީ ކުރެވުނު ޝައްކު ޔަޤީނާ ގާތަށް އެނގުމުންނެވެ.

ފައިރޫޒް އައިސް ނަޒީލްގެ އަތުގައި ހިފައިގެން ނުކުންނަން އުޅުނެވެ. ނަޒީލް ގަދަފައި ވިއްދައި ގެއިން ނުކުންނަން ދެކޮޅު ހެދިއެވެ. ނަމަވެސް ދެ ޕޮލިހުން އޭނާގެ ދެއަތުގެ ހިކަނދި މަސްގަނޑުގައި ހިފައި، ދަމާފައި ކަހަލަ ގޮތަކަށް ގެންދަން ފެށިއެވެ. އޭނާ ފަހަތަށް އެނބުރި ނިކާލަށާއި ޞަފިއްޔާއަށް ގޮވިއެވެ. ނިކާލް މޫނު އަނބުރާލީ ދުރަށެވެ. ޞަފިއްޔާ ރޮމުން ގޮސް ނިކާލްގެ ގައިގައި ހިފައި އޮޅުލައި ގަތެވެ.

"ދަރިފުޅާ. ނަޒީލް ހުއްޓުވާ. އެއީ ދޮގެކޭ. ބައެއްގެ ރޭވުމެކޭ. ހުއްޓުވާ. މަގޭ ދަރިޔަކު އެހެނެއް ނޫޅޭނޭ." ޞަފިއްޔާ ރޮމުން ނިކާލްގެ ފައިބުޑަށް ތިރިވިއެވެ.

އިންޝާ ކޮޓަރީގައި އޮވެފައި ތިރިއަށް އަންނަން ނުކުތީ އެވަގުތުއެވެ. އޭނާ ހިޔާލީ ދުނިޔެއެއްގައި ހުރެ ތިރިޔަށް އަންނަނިކޮށް ފެނުނު މަންޒަރުން މުޅި މީހާ ގަނޑުވިއެވެ. ދެ ޕޮލިހުން ނަޒީލް ގަދަކަމުން ގެންދަނީއެވެ. ނަޒީލަށް އިންޝާ ފެނުމާއެކު އެހީއަށް އެދި ގޮވިއެވެ. އިންޝާ ދުވެފައި ފޭބީ ވައިސޫރިއެއް ހެންނެވެ.

"ދޫކުރޭ. ކިހިނެއްވެގެންތަ ތި އުޅެނީ." އިންޝާ ނަޒީލްގެ އަތުގައި ހިފަމުން ޕޮލިސް މީހާގެ އަތް ނައްޓުވަން މަސައްކަތްކުރިއެވެ. އެހެނަސް ބާރުގަދަ ޕޮލިހުންގެ ކުރިމަތީގައި އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އިންޝާގެ އަތުގައި ފަހަތުން އައި ޖަނާން ހިފެހެއްޓީ ފުލުހުންގެ މަސައްކަތަށް ހުރަސް ނޭޅުމަށް އެދެމުންނެވެ. އިންޝާ ރޮމުން ފަހަތުން ދިޔައެވެ. ހަޅޭލެވިއެވެ. އެމީހުން ކަންފަތަށް އެއިން އެއްވެސް އަޑެއް ނީވުނެވެ. ދަމާ ކޫއްތާފައި ނަޒީލް ގެންގޮސް ބަހުގެ ތެރެއަށް ކޮށްޕާލިއެވެ. އިންޝާ ބަހުގެ ފަހަތުން ދުއްވައިގަތެވެ. ބޭކާރުކަމެއްކަން ވެސް އެނގިހުރެއެވެ. މަގުމަތިން ފެނުނު ދެމީހަކު އައިސް އިންޝާއާ ސުވާލުކުރިއެވެ. އޭރު ބިންމަތީގައި ދެކަކޫ ޖަހައިގެން އިނދެ އިންޝާ ހޭރެނީއެވެ. ހެދުމުގެ ފަސްބައިގައި ކިސަޑާ ވެލި ތަތްވެފައި ހުރިއިރު އަޅާފައި ހުރި ބުރުގާ ސޮހިގެން އައިސް ނިތްކުރިއަށް ވުރެން ތިރިޔަށް ފައިބައިފައި އޮތެވެ. ހުސް ފަޔާ މަގުގެ މެދުގައި ކަހަލަ ގޮތަކަށް ގިސްލަމުން ރޯން އިންޝާ އިނީ ގޮތް ހުސްވެފައެވެ.

"އިންޝާ ކިހިނެއްވީ؟ ނަޒީލް އެ ގެންދިޔައީ ކީއްވެގެން؟" ކޮންމެވެސް މީހަކު އިންޝާގެ ދެކޮނޑުގައި ހިފައި ނަގަން މަސައްކަތްކުރިއެވެ. އިންޝާގެ ރުއިން މެދުކެނޑުނެވެ. ސިކުނޑި ރަނގަޅަށް މަސައްކަތްކުރަން ފެށިއެވެ. އޭނާއަށް ހަޤީޤަތުގައި ވީގޮތެއް ނުވެސް އެނގެއެވެ. ތިރިއަށް އައިއިރު ފެނުނީ ނަޒީލް ގަދަކަމުން ގެންދާތަނެވެ. ދެން އިވުނީ ނަޒީލް ރޮމުން އެހީއަށް އެދި އާދޭސްކުރި އަޑެވެ. ނަޒީލް އެ ގެންދިޔައީ ކޮން ކުށެށްގެ ތުހުމަތެއްގަބާއެވެ؟ އެ ސުވާލުގެ ޖަވާބު ހޯދުމަށް އިންޝާ ކަރުނަތައް ފޮހެމުން ދުވެފައި ގޮސް ވަނީ ގެއަށެވެ.

ޞަފިއްޔާ މަސަލަސްކުރެވޭތޯ ނިކާލް އުޅުނެވެ. ނަމަވެސް އޭނާ ތަށިމުށިގަނޑު މަތީ އަތުން ތަޅަމުން ރޮމުން ގިސްލަމުން ކިޔަމުން ދިޔައީ ހަމަ އެންމެ ވާހަކައެކެވެ. ނިހާގެ ރޭވުމެއް ކަމުގައެވެ. އިންޝާއަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ.

"މަންމާ. ނަޒީލް ގެންދިޔައީ. އެ ގެންދިޔައީ. ކީއްވެގެން؟" އިންޝާއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ.

"ޖިންސީ ގޯނާ ކުރީއޭ ނިހާއަށް." ޞަފިއްޔާ ހޭރިގަންނަމުން ބާރަށް ބުންޏެވެ.

"އެއީ ނަޒީލް ހަމަހޭގައި ހުރެގެން ކުރިކަމެއް ނޫނޭ." އިންޝާއަށް ވަގުތުން ބުނެވުނެވެ. ޞަފިއްޔާގެ ހޭރުމުގެ އަޑު ހުއްޓުމަކަށް އަޔެވެ. ސުވާލުގެ ނަޒަރަކުން އިންޝާއަށް ބަލާލެވުނެވެ. ނިކާލް ވެސް ހުރީ އިންޝާ އެ ބުނި އެއްޗެއް ފަހުމު ނުވެފައެވެ.

"ކީކޭތަ ތިބުނީ؟" ޞަފިއްޔާ ތެދުވަމުން ނިކާލްގެ އަތުގައި ހިފައިލިއެވެ.

"އާން މަންމާ. އެއީ އިބްރީސް ނަޒީލްގެ ހަށިގަނޑަށް ވަދެގެން ކުރުވި ކަމެއް." އިންޝާ އޮޅުންފިލުވައި ދިނެވެ. "ދެރޭ މަތިން ވެސް ނިހާގެ ކޮޓަރިއަށް ވަނީ ނަޒީލް. އެކަމަކު އެއީ އޭނާ އަމިއްލަ އިޚުތިޔާރަކު ނޫނޭ. ހިނގާ މަންމާ. ހިނގާ ޕޮލިހަށް. ފައިރޫޒަށް ކަންތައްތައް ވީ ގޮތް އޮޅުން ފިލުވާދޭން ހިނގާ."

"ތީ ހަމަ ތެދެއްތަ؟ ކީއްވެގެން މިހުރިހާ ދުވަހު ތި ވާހަކަތައް ނުބުނީ؟ ނިހާއަށް ވެސް އެނގޭތަ؟" ނިކާލް ހިތުގައި އުފެދުނު ސުވާލުތައް ފަތިފައްޗަށް އަމުނައިލިއެވެ. އޭނާ ހުރީ ހިސާބަކަށް ހައިރާންވެފައެވެ.

"އާނ. ނިހާއަށް ވެސް އެނގޭނެ. އަހަރުމެންނަށް ވެސް އެނގުނީ ވަރަށް ފަހުން. ދެން މި ވާހަކަ ދައްކަން ވަގުތެއް ނެތް. ހިނގާދާން." ޞަފިއްޔާ އަތުގައި ހިފަމުން އިންޝާ ބުނެލިއެވެ.

ޞަފިއްޔާ އަތުގައި ހިފައިގެން އިންޝާ ނިކުތީ ބޭރަށެވެ. ނިކާލް ހުރީ ވިސްނާށެވެ. އިންޝާ ގޮވައިލިއެވެ. އަވަހަށް އައުމަށް އެދުނެވެ. މަންމަމެން ދިޔުމަށް ނިކާލް ބުނުމުން ވަގުތު ބޭކާރުނުކޮށް އެދެމައިން ނުކުމެގެން ދިޔައެވެ.

ނިކާލް އެއް އަތް ޖީބަށް ޖަހައިލަމުން އަނެއް އަތުން ދަތްދޮޅީގެ ދެފަރާތުން ހިފަހައްޓައިލިއެވެ. ފުން ވިސްނުމަކަށް މުޅި މީހާ ގެނބުނެވެ. އޭނާގެ ސިކުނޑީގެ ފީތާ ވަރަށް ބާރަށް އެނބުރެމުން ދިޔައެވެ. އެކި ދުވަހުގެ އެކި ހަނދާންތައް އަންނަމުން ގޮސް ނިހާގެ ކޮޓަރިއަށް މީހަކު ވަދެގެން އުޅެނިކޮށް ނިކާލަށް ހޭލެވުނުރޭގެ މަންޒަރުތައް ކުލަވެގެން ދިޔައެވެ. އެރޭ ނިކާލް ޕޮލިހަށް ގުޅަން އުޅުމުން ނިހާ އެކަމަށް ހުރަސް އެޅި ސަބަބު ނިކާލަށް މިއަދު ވިސްނިއްޖެއެވެ. ކޮޓަރިއަށް ވަން މީހަކީ ނަޒީލްކަން އެނގޭތީ އެ ވާހަކަތައް އިތުރަށް ދައްކަން ނިހާ ބޭނުންނުވީއެވެ. ނިކާލް ޤަބޫލުނުކުރާނެތީ ނުދަންނަ މީހެއްކަމަށް ބުނެ އޮޅުވައިލީއެވެ. ނިހާ ކަންތައްކުރީ ނިހާއަށް ފެނުނު އެންމެ ރަނގަޅު ގޮތަށްކަމުގައި ވި ނަމަވެސް އެގޮތް ނިކާލަށް ގޯހެވެ. އޭނާ ދެރަވިއެވެ. ބަރަހަނާ ހާލުގައި ނިހާ އޮތްތަން ފެނުނު ދުވަސް ހަނދާނަށް އައުމާއެކު ނިކާލަށް ދެއަތަށް ބޯ ހޫރާލެވުނެވެ.

އިބްރީސްގެ ބާރުން އިންޝާއަށް ދިން އަނިޔާ ނިހާއަށް ވެސް ލިބިފައި އެ ވަނީ ނަޒީލް މެދުވެރިކޮށެވެ. ނަޒީލް އެ ކޮޓަރިއަށް އިބްރީސްގެ ބާރުގައި ވަންކަމަށް ބުނާ ވާހަކައަކީ ތެދެއް ހެއްޔެވެ؟ ނިކާލްގެ ހިތުގައި އެ ސުވާލު ވެސް އުފެދުނެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެރޭ ނިކާލް ދޮރުގައި ތަޅައިގަތުމުން ނަޒީލް ދުވެ ފިލީ ކީއްވެގެން ހެއްޔެވެ؟ އިބްރީސްގެ ބާރުން ވީކަމެއް ކަމުގައިވާނަމަ ނަޒީލް ދުވެ ފިލުން އެއީ ބުއްދިހަމަޖެހޭ ވާހަކައެއް ނޫނެވެ. ނަޒީލަކީ އަބަދުވެސް އަންހެނުން ހިތި މީހެއްކަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ސުކޫލު ދައުރުން ސުރެން އެތައް ކުދިންނަކާ ރައްޓެހިވިއެވެ. ފާޑުފާޑު އޮރިޔާންކާޑު ގެންގުޅޭކަން ވެސް އެއީ މާކުރިން ސުރެން ވެސް ނިކާލަށް އެނގޭކަމެކެވެ. ބައްޕަމެންނަށް ސިއްރުން ރައްޓެހިވެގެން އުޅޭ ކުއްޖާއާއެކު އެކަހެރިކޮށް ބައްދަލުކޮށް އުޅުނު މީހެކެވެ. އެ ނުބައި އާދަ ކާވެނިކުރުމާއެކު ނެތި ދިޔައީކަމަށް ނިކާލް ހީކުރީއެވެ. ނަމަވެސް އެހީވުމާމެދު އޭނާގެ ހިތުގައި މިއަދު ސުވާލު އުފެއްދިއްޖެއެވެ. އެކަމަކު ނިހާއަށް އެފަދަ ނަޒަރަކުން ނަޒީލް ނުބަލާނެކަމަށް ސިކުނޑިން ވިސްނައިދިނެވެ. ނަޒީލް އެހާ ވަރަށް ހައްދުން ނެއްޓިގެން ހިނގައިދާނެ ހެއްޔެވެ؟ ނިހާއަށް ހަޤީޤަތް އެނގިހުރެ ސިއްރުކުރި ސަބަބެއް ވެސް ނިކާލަކަށް ނުވިސްނެއެވެ. އެކަމުގައި ވަނީ ހަމައެކަނި އިބްރީސްގެ ބާރާއި ވަސްވާސް ނަމަ ނިހާ އެކަން ސިއްރުކުރީ ފަހެ ކީއްވެގެން ހެއްޔެވެ؟

ނިކާލަށް އެކަމުގައި ގޯހެއް އުޅޭކަމުގެ ސިގުނަލްތަކެއް ލިބުނެވެ. ފޮރުވިފައިވާ އިތުރު ހަޤީޤަތްތަކެއް ވަނީ ކަންނޭނގެއެވެ. ޕޮލިހަށް ދިއުމުގެ ކުރިން ނިހާއާ އެވާހަކަތައް ހިއްސާކޮށްލަން އޭނާ ބޭނުންވިއެވެ. ނިކާލް ދިޔައީ ނިހާ ހޯދާށެވެ. ކޮޓަރި ބެލިއިރު ކޮޓަރީގައި ނެތުމުން އޭނާ ހާމަފެންޑާއަށް ދިޔައެވެ.

ހާމަފެންޑާގައި ހުރި އަށިމަތީގައި ނިހާ އިށީނދެލައިގެން އިންތަން ނިކާލަށް ފެނުނެވެ. އަތުގައި އޮތް ފޯނު މަޑުމަޑުން ތަޅުވަމުން އިރުއިރު ކޮޅާ އަތުން އަނގަމަތީ އަތް ޖައްސައިލައެވެ. އެއަށްފަހު ހަށިފުރާ ނޭވާއެއް ދޫކޮށްލައެވެ. ނިހާގެ އަމަލުތައް ހުރީ ހާސްވެފައި އިން މީހަކު ހަމަޖެހެން މަސައްކަތްކުރާ ފަދަ ގޮތަށެވެ. ނިހާ ތެދުވެ ފޯނުން މެސެޖެއް ލިޔަން އުޅޭފަދަ ގޮތަކަށް ހަރަކާތްކޮށްލުމާއެކު ނިކާލަށް ނިހާ ކުރަން އެ އުޅޭކަމެއް ރޭކާލިއެވެ. ނިހާ އެ އުޅެނީ ފައިރޫޒަށް އެމީހުންގެ ހަޤީޤަތް ބުނެދޭންވެގެންނެވެ. ނަމަވެސް މިއީ އެކަމަށް އެންމެ މުނާސަބު ވަގުތެއް ނޫނެވެ. ނިކާލް ނިހާއަށް ގޮވައިލީ އެކަމަށް ހުރަސް އެޅުމުގެ ބޭނުމުގައެވެ. ނިހާ އަވަހަށް ފޯނުން ނަޒަރު ވަކިކޮށްލައިފައި ނިކާލަށް ބަލާލިއެވެ.

"ނިކް. ނުވާނެ މިކަމެއް. ދެމީހުން އެކުގައި ގޮސް ކިޔާދޭން ހިނގާބަލަ. ނިކްއަށް ކެރޭނެއެއްނު ބުނަން." ނިހާ ޝަކުވާ ކުރާ ރާގަކަށް ބުނެލިއެވެ.

"ތިކަން ފަހަށް ބާއްވަމާ." ނިކާލް ނިހާގެ އަތުން ފޯނު އަތުލިއެވެ. "މިތާ އިށީނދެބަލަ. ނިހާއާ ދައްކަންޖެހޭ ވާހަކައެއް އެބައޮތް. ތެދުތެދަށް ޖަވާބު ދެއްޗޭ."

ނިހާ އިށީނެވެ. ނިކާލް ދައްކަން އުޅޭ ވާހަކައިގެ އަބުއިކަން އެ މޫނުން ސާފުކޮށް ފެންނަން ހުއްޓެވެ.

"ކޮން ވާހަކައެއް؟" ނިކާލް އަނގައިން ނުބުނެ ބަލަހައްޓައިގެން އިނުމުން ނިހާ އެހިއެވެ.

ނިކާލް ބަލަހައްޓައިގެން އިންދައި އެ ދެލޮލަށް ކަރުނަ ޖަމާވިތަން ނިހާއަށް ފެނުނެވެ. ނިހާ ކަންބޮޑުވެފައި ވީ ކިހިނަކުންތޯ ސުވާލުކުރުމުން ނިކާލް އެދުނީ މަޢާފަށެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ކަރުނަ ތިކިތަކެއް ފައިބައިގަތުމާއެކު އަވަސް އަވަހަށް އޭނާ ކޯތާފަތްމަތި ފޮހެލިއެވެ. އެރޭ ނިހާ އުޅޭނެ ހާލާއި ނަޒީލްގެ ވަކިތަކުން މިންޖުވުމަށް ތެޅޭނެވަރު ހިތަށް އެރުމުން ނިކާލް އިނީ ދުލުކުރިޔާ ހަމައަށް އެ ވާހަކަ ގެނައުމަށް ވެސް ނުކުޅެދިފައެވެ.

"ނިހާ ކޮޓަރިއަށް ވަނީ ކާކުކަން ބުނެދީފާނަންތަ؟" ނިކާލް ހިތްވަރުކޮށްފައި ސުވާލު ކުރިއެވެ.

ނިހާ އެތެރެއަށް ދަމާލި ނޭވާ ކަރުތެރޭގައި ތާށިވި ކަހަލައެވެ. ކޮށި އަރައިގަތުމާއެކު އަނގަމަތީ އަތް އަޅާލަމުން ދެތިން ފަހަރަކު ކެއްސާލިއެވެ. އަދި ހާސްވެފައި އިނދެ ނިކާލަށް ބަލާލެވުނެވެ. އެ ހަޤީޤަތް ނިކާލަށް އެނގުނީ ހެއްޔެވެ؟

"ތެދުތެދަށް ޖަވާބުދޭތި؟" ނިހާގެ ދެލޮލަށް ބަލަމުން ނިކާލް އެހިއެވެ. "ފަހުން ނިހާ ހެދީ ދޮގެއްކަން އެނގިއްޖެއްޔާ ވަރަށް ރުޅި އަންނާނެ. އެރޭ ކަންތައްވީ ގޮތް ކިޔާ ދީފާނަންތަ؟"

ނިހާ ހޮސްޕިޓަލުން ދޫކޮށްލިފަހުން ނިކާލް އެވާހަކަ އެ ދައްކަނީ އަލަށެވެ. މި ހުރިހާ ދުވަހު ހިތްހަމަނުޖެހިފައި ހުރުމުން އެކަމާ ބެހޭގޮތުން ސުވާލެއް ކުރަން ނިކާލް ބޭނުން ނުވީ ހެއްޔެވެ؟ ނޫނީ މިއަދު އެ ހާދިޘާ އެނގެން ބޭނުންވެގެން އެ އުޅެނީ ނިހާގެ ތެދުވެރިކަން އިމްތިހާނު ހެއްޔެވެ؟ ނިކާލްގެ ދެލޮލުން ކޮންމެވެސް ހަޤީޤަތެއް އެނގިއްޖެކަމުގެ ލިސާންތައް ފެނެއެވެ. އެ ކަރުނަ އެކަމަށް ހެކިދެއެވެ. އެކަމަކު ނިކާލަށް އެނގުނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ދޮގެއް ހަދައިގެން އޭނާ ދެކެ ހިތްހަމަނުޖެހޭކަށް ބޭނުމެއްނޫނެވެ. ނިހާއަށް ބޮޑަށް ބުރަވެވުނީ ނިކާލަށް ހަޤީޤަތް އެނގިގެން އޭނާގެ ތެދުވެރިކަން އިމްތިހާނު ކުރަނީ ކަމުގައެވެ.

"ނަޒީލް." ނިހާ ދުރު ބަލާލަމުން ބުނެލިއެވެ. ނިކާލްގެ ހިތަށް ތަދުވި ނަމަވެސް ނިހާ ތެދު ހާމަކުރުމުން ހިތްހަމަޖެހުނެވެ.

"ކީއްވެގެން ސިއްރުކުރީ؟ ނަޒީލް ކަންތައްކުރި ގޮތް ކިޔާދީބަލަ." ނިކާލް ބޭނުންވީ ނަޒީލް ހައްޔަރުކުރިކަން ނިހާއަށް ނާންގައި އެކަން ހިނގައިދިޔަ ގޮތް އޮޅުން ފިލުވާށެވެ. ނަޒީލްގެ އަމަލުތައް ހުރި ގޮތް އެނގިއްޖެނަމަ އޭނާގެ ޝައްކު ފިލުވާލެވިދާނެކަމުގެ އުންމީދު އެބައޮތެވެ.

"ނިކް ޤަބޫލުނުކުރާނެތީ ނުބުނީ. ދެން މިހާރު އެކަމެއް ވެ ނިމިފައި އެއޮތީ. އެވާހަކަ ދައްކައިގެންވާނެ ފައިދާއެއް ނެތް." އެވާހަކަތައް ކިޔާ ދިނުމަށް ނިހާ ލަދުގަނެއެވެ.

"ނަޒީލް ދިން އަނިޔާއަކީ އިބްރީސްގެ ސަބަބުން ނިހާއަށް ލިބުނު ގެއްލުމެއްކަމަށް ޤަބޫލުކުރަންތަ؟" ނިކާލް ކުރީ ވަރުގަދަ ސުވާލެކެވެ. އެ ސުވާލުގެ ވަރުގަދަކަން ނިހާއަށް ލިބުނު ޝޮކުން ވެސް އެނގުނެވެ.

"ކާކު ކީކޭ ކިޔައިގެން ތި އުޅެނީ؟" ނިހާ ޖަވާބު ދިނުމުގެ ބަދަލުގައި ކުރީ ސުވާލެކެވެ.

"އާނއެކޭ ނުވަތަ ނޫނެކޭ ބުނެބަލަ." ނިކާލް އެދުނެވެ. "މީ ނިހާގެ ތެދުވެރިކަމުގެ އިމްތިހާނުގެ ވަގުތު. ނިހާ ކޮންމެ އެއްޗެއް ބުންޏަސް ޤަބޫލުކުރާނަން. ދޮގެއް ހަދައިގެން ފަހުން ހަޤީޤަތް އެނގިއްޖެއާ އަހަރެން ނިހާދެކެ ވަރަށް ފޫހިވާނެ. އެދުވަހަކުން މާފެއް ނުކުރާނަން. މިއަދު މި ސުވާލުގެ ޖަވާބު ތެދަށް ދީ. ފުރިހަމައަށް އިތުބާރުކުރާނަން."

ނިކާލް ޔަޤީންކަން ދިނުމުން ވެސް ނިހާ އިނީ ހަޤީޤަތް ހާމަކުރަން ޖެހިލުންވެފައެވެ. ތެދު ހާމަކުރުމަށް ހިތް އެދުނު ނަމަވެސް އިންޝާއާމެދު ވިސްނާލަން ޖެހުނެވެ. އެކަމަކު ދޮގު ހެދުމަކީ ވެސް ރައްކާތެރިކަމެއް ނޫނެވެ. ނިކާލަށް ހަޤީޤަތް އެނގިހުރެ ސުވާލުކުރީ ނޫންކަމެއް ވެސް ނޭނގެއެވެ. ދެމީހުންގެ ގުޅުން މިހާ ނާޒުކު ފައްތަރެއްގައި އޮއްވައި ނިހާއަށް ހެދޭ އެންމެ ގޯހަކުން ވެސް ނިހާގެ ހުރިހާ އުންމީދެއް ވިއްސިވިހާލިވެގެން ހިނގައިދާނެއެވެ.

"ނަޒީލް ހަމަހޭގައި ހުރެގެން ކުރިކަމެއް އެއީ. އެކަމަކު ނަޒީލް އުޅެނީ އިބްރީސް ބާރުން ކުރެވުނު ކަމެއްކަމަށް ބުނެ އޮޅުވާލައިގެން. ނިކް ދޮރުގައި ތަޅައިގަތީމަ އަހަރެންގެ ގައިމަތިން ތެދުވެގެން ދަމުން މަށަށް އިންޒާރުދިން. ނިކް ގާތުގައި އެއްވެސް ވާހަކައެއް ބުނެފިނަމަ ހޭއަރުވާލާނެކަމަށް ބުނި. އަދި ބުނި ނިކް ޤަބޫލެއް ވެސް ނުކުރާނޭ. އެކަހަލަ މޮޔަކަމެއް ނުކުރާށޭ. އެ ހުރިހާ ވާހަކައެއް ދެއްކޭނީ ނަޒީލް ހަމަހޭގައި ހުރެގެން ކަމަށް ޤަބޫލުކުރެވެނީ." ނިހާ ތެދު ހާމަކުރުމާއެކު ނިކާލްގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. އިށީނދެގެން އިން އަށީގެ އަރިމަތީގައި ބާރަށް ހިފައިލުމާއެކު އަތުގެ ހުރިހާ ނާރެއް ފުއްޕާލިތަން ނިހާއަށް ފެނުނެވެ.

"އެވަރުން ވެސް ނިހާ އޭނާއަށް ހިތްވަރުދީ އެއްބައިވެގެން ތި އުޅެނީ. އެ މައްސަލަ ތަޙުޤީޤުކުރާ މީހުންނަށް ވެސް އޮޅުވާލީ ކޮން ބޭނުމެއްގަ؟" ނިކާލް އިންގޮތަށް އިނދެ ބުންޏެވެ.

"މިހާރު ސިއްރުކޮށްގެން މީނީ އިންޝާއަށްޓަކައި. ނަޒީލް ރަނގަޅުވެދާނެ ކަމުގެ އުންމީދު އިންޝާގެ ހިތުގައި އޮތީމަ. އެ އުންމީދާ އެއްގޮތަށް ނަޒީލް ބަދަލުވެދާނެކަމަށްޓަކައި. އެހެންނޫނަސް އެވާހަކަތައް މިގެއިން ބޭރުވެގެން ބަދުނާމުވުން ނޫންކަމެއް ނުވާނެ. މަ ދައްކާ ވާހަކަ ޤަބޫލުކުރާނެ މީހަކު ނުވާނެ. ފުރަތަމަރޭ ވެސް ހަޅޭއްލަވާގަތް އަޑު ދީޕިކާއަށް އިވުނީމަ މަ ސަލާމަތްވީ. ދެވަނަރޭ އޭނަ އައީ އެކަމަށް ތައްޔާރުވެގެން. އެރޭ އަޑެއް ބޭރުކޮށްލާނެ ފުރުޞަތެއް ވެސް ނުދޭ. އޭނާގެ އިނގިލިތަކުގެ ޝިކާރައަކަށް މަގޭ ހުރިހާ ގުނަވަނެއް ހަދާލީ ރޮއެރޮއެ އޮއްވައި. އިންޝާ އައިސް ސަލާމަތްކުރިކަމުން އެއަށްވުރެން ބޮޑު ކަމެއް އޭނައަށް ނުކުރެވުނީ. ނަސީބެއް ކަންނޭނގެ އެ ވާހަކަތައް އެއްވެސް މީހަކާ ހިއްސާނުކުރެވުނުކަން ވެސް. އިންޝާ އުޅުނު ކިޔާދޭން ވެގެން. އަހަރެން އެކަމާ ދެކޮޅުހެދީ. ފަހުން އިބްރީސްގެ ކަންތައް ހިލުނީމަ ނަޒީލް މުޅި ވާހަކަ ބަދަލުކޮށްލީ. އެއީ އޭނައަށް ދައްކާލަން ލިބުނު މޮޅު އުޒުރެއް. ނިވާފަތް ގަނޑަކަށް ބޭނުން ކުރީ އިބްރީސް. ދެން މި ހުންނަނީ އެގޮތަށް ޤަބޫލުކޮށްލައިގެން. ޤަބޫލުކުރުން ނޫން އިތުރު އެހެން ގޮތެއްވެސް ނެތީމަ. އެންމެ ކުޑަމިނުން މަގޭ މެޑިކަލް ރިޕޯޓުގަ ވެސް ނެތޭ މަށަށް އަނިޔާއެއްވިކަން ވެސް އެނގެން. ނިކާލަށް ދުނިޔެ ދަސްނުވަނީ. ކައިރީގަ އުޅޭ މީހުން ނޭނގެނީ." ނިހާއަށް ރޮވެން ފެށުނެވެ. އަމިއްލަ ނިކަމެތިކަން ހިތަށް އަރާފައެވެ.

"ނިކް ވެސް މިކަން ސިއްރުކޮށްދީ. އިންޝާގެ އުފަލަށް. ނަޒީލް ބަދަލުވެދާނެކަމަށް އިތުރު ފުރުޞަތެއްދީ." ނިހާ ގިސްލަމުން ބުނެލިއެވެ.

ނިހާ ގިސްލަމުން ރޮމުންދިޔަ އަޑު ނިކާލްގެ ކަންފަތުގެ ހިނދުރީގެ ތެރެއިން ގޮސް ނިކާލްގެ ހިތާ ހަމައަށް ފޯރިއެވެ. އެ އަޑުގައި ވި ހިތްދަތިކަން އިޙްސާސްކުރެވި ރުޅި ފިނިވެލިއެވެ. ނިހާ ގަޔާ ކައިރިކޮށްލައިގެން އިނދެ އޭނާ ބުރަކަށީގައި ފިރުމަން ފެށީ ލޯތްބާއެކުއެވެ.

"ނިހާ ބުނެފިއްޔާ އަހަރެން ހިމޭނުން ހުރެދާނަން." ނިހާ ހިތްހަމަޖައްސައި ދިނުމުގެ ގޮތުން ނިކާލް އެއްބަސްވިއެވެ. "އެކަމަކު ޕޮލިހުން ނަޒީލް ހައްޔަރުކޮށްގެން ގެންގޮސްފި. ނިހާ ސިއްރުކުރަން ބޭނުންވިޔަސް އެކަމެއް ދެން ސިއްރެއް ނުވާނެ."

"ކޮންއިރަކު؟" ނިހާ ދުރަށް ޖެހިލަމުން އަހައިލިއެވެ.

"ދެންމެގަ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްގެން ގެންގޮސްފި." ނިކާލް ތަފުޞީލުދިނެވެ. "އިންޝާއާއި މަންމަ ވެއްޖެ ޕޮލިހަށް ގޮސް އިބްރީސްގެ ސަބަބުން ވީކަމެއްކަމަށް ބުނެދޭން. އަހަންނަށް އޭތި ޤަބޫލުނުކުރެވިގެން ނިހާގެ ގާތަށް މި އައީ."

"ހިނގާދާން." ނިހާ ކުއްލިއަކަށް ތެދުވެ ނިކާލްގެ އަތުގައި ހިފައި ދަމައިލިއެވެ. "ނަޒީލްގެ ކުށެށް ނެތްކަން ބުނެދޭންޖެހޭނެ. ނޫނީ މަންމަ ވެސް އަހަރެންދެކެ ރުޅި އަންނާނީ. އިންޝާގެ ހިތް ހަލާކުވެދާނެ. މަށަށް ލިބުނު ގެއްލުމަށް މަ މާފުދީފިން. ހިނގާ ދާން."

ނިކާލް އިންތަނުން ގުޑައިވެސް ނުލިއެވެ. ނިހާގެ އަތް އޭނާގެ އަތާ ވަކިކޮށްލަމުން އޭނާ އެކަމުގައި ޝާމިލުވާން ބޭނުން ނުވާކަން ހާމަކުރިއެވެ. ކުށެށްކޮށްފިނަމަ މަންމައެއް ބައްޕައެއް ބޭބެއެއް ނޯންނާނެކަމަށާއި އެމީހަކަށް ހައްޤު ސަޒާ ލިބެން ޖެހޭނެކަމަށް ނިކާލް ބުނިއިރު ރުޅި ގަދަވެއްޖެއެވެ. ނިކާލްގެ ވިސްނުން އެނގުމުން ނިހާ އުފާވިއެވެ. އިލްހާމްގެ ދަރިއެއް ނަމަވެސް ބައްޕަގެ އެއްވެސް ސިފައެއް ނިކާލަށް ލިބިފައިނުވާތީ ފަޚުރުވެރިވިއެވެ.

"އަހަރެން ދަނީ. އިންޝާއަށް މިވަގުތު އަހަރެންގެ އެހީ ބޭނުންވާނެ. ހީކުރަން ނިކްއަށް މަގޭ މަޖުބޫރީ ވިސްނޭނެ ކަމަށް." ނިހާ ހިނގައިގަތެވެ.

ޞަފިއްޔާމެންނަށް ނަޒީލްއާ ބައްދަލުކުރުމުގެ ފުރުޞަތެއް ނުލިބުނެވެ. ފައިރޫޒްއާ ބައްދަލުކުރުމަށް އެދިގެން ފުލުސް އޮފީހުގައި ތިބޭތާ ބައިގަޑިއިރު ވީއިރު ވެސް އެކަން ވެސް ވާގޮތެއް ނުވިއެވެ. ނިހާއަށް އެތަނަށް އާދެވުނު އިރު ވެސް އެމީހުން ތިބީ ގޮނޑި ބަރީގައި އިންތިޒާރުގައެވެ. ދެމައިން ތިބީ ކަންބޮޑުވެފައެވެ. އިންޝާ އިނީ ފެންކަޅިވާން ގާތް ވެފައެވެ. ނިހާ ފެނުމާއެކު އިންޝާ ބަޑި ފަޅައިގެން ދިޔައެވެ. ނިހާގެ ގައިގާ ބައްދައިގަންނަމުން ރޮއެގަތެވެ. ހުއްޓާލީ ނިހާ އެތައް ގޮތަކަށް ނަސޭޙަތް ދިނުމުންނެވެ. ފައިރޫޒަށް ގުޅޭތޯ ނިހާ ވަރަށް މަސައްކަތްކުރިއެވެ. އެތައް ފަހަރަކު ގުޅުމުން ވެސް ޖަވާބެއް ނުދިނެވެ. ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ސާފުކުރުމުން އެނގުނީ ފައިރޫޒް ބައްދަލުވުމެއްގައި އިންކަމެވެ. އެމީހުންނަށް ޖެހުނީ ބައްދަލުވުން ނިމޭނެ އިރަކަށް އިންތިޒާރު ކުރާށެވެ.

އިލްހާމަށް އެ ހަބަރު ލިބުނީ އިބްރާހީމްބެމެން ގެއިން ނުކުމެގެން ގެޔަށް ދިޔަ މަގުމަތީގައެވެ. ކާރުގައި ހަމަޖެހިލާފައި ގެޔާ ދިމާއަށް ދަމުން ރޭޑިއޯ ޖައްސާލީ މެންދުރު 01:30 ގެ ހަބަރު އަޑުއަހާލުމުގެ ނިޔަތުގައެވެ. ހަބަރުގެ މެދުތެރެއިން ކުއްލިހަބަރެއް ގެނެސްދޭން އިޢުލާން ކުރުމުން އިލްހާމް އަޑު ބާރުކޮށްލިއެވެ.

"އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައި އުމުރުން 22 އަހަރުގެ ޒުވާނަކު ހދ.ކުޅުދުއްފުށިން ހައްޔަރު ކޮށްފި."

އިލްހާމަށް ކުއްލިއަކަށް ކާރުގެ ބުރެކި ޖެއްސުނެވެ. އެ ހަބަރަށް ސަމާލުކަންދީގެން އަޑުއަހަން އިނދެވުނެވެ. އެ ޚަބަރުން ހައްޔަރުކުރެވުނީ ކާކުގެ ދަރިއެއްކަމެއް އިލްހާމަކަށް ނޭނގުނެވެ. ނަމަވެސް މަޝްހޫރު ވިޔަފާރިވެރިއެއްގެ ދަރިއެކޭ ބުނުމުން އިލްހާމްގެ ޝައްކު ޔަޤީންވި ކަހަލައެވެ. އުމުރާއި، ރަށާއި ހުރިހާ މައުލޫމާތެއް ނަޒީލާ ދިމާވެއެވެ. މައްސަލަ ތަހުޤީޤުކުރަމުން ދާތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށް ބުނެ ޚަބަރު ނިންމާލިއިރު އިލްހާމް އިނީ ރަނގަޅަށް ވެސް ހާސްވެފައެވެ. ވަގުތުން އޭނާ ގުޅީ ޑޮކްޓަރ ރާޖޭޝްއަށެވެ. ޑޮކްޓަރ ފަރާތުން އެނގުނީ އޭނާއަށް ޕޮލިހަށް ހާޟިރުވުމަށް ކިޔާފައި ވަނީ ހަވީރުކަމެވެ. ޕޮލިހުންގެ ގާތުގައި ވާހަކަ ދައްކަންޖެހޭ ގޮތް ހަނދާންކޮށް ދިނުމަށްފަހު އިލްހާމް ފޯނު ބޭއްވިއެވެ. އެވަރުން ވެސް އޭނާ ހިތްހަމައެއް ނުޖެހުނެވެ. ދެން އޭނާ ގުޅީ ނަޒީލްގެ ފޯނަށެވެ. ޖަވާބެއް ނުދިނެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު ކުރިޔަށްވުރެން ބާރަށް ކާރު ދުއްވައިލިއެވެ. ގޭ ދޮރު މައްޗަށް ކާރު މަޑުކުރުމަށްފަހު ދޮރުފަތް ހުޅުވައިލައިފައި ނުކުމެ ނިކަން ބާރަށް ދޮރުފަތް ޖެހިއެވެ. އަދި ނަގޫރޯޅިއެއް ހެން ގެޔަށް ވަދެ ނަޒީލަށް ގޮވަންފެށިއެވެ. ބައްޕަގެ އަޑު އިވިގެން ނިކާލް ތިރިއަށް އަޔެވެ.

"ކޮބާ މިގޭ މީހުން؟ ކޮބާ ނަޒީލް؟" ގޭތެރެއިން މީހަކު ފެންނަން ނެތުމުން އިލްހާމް އަހާލީ ކަންބޮޑުވެފައި ހުރެއެވެ.

"އެންމެން ވެއްޖެ ޕޮލިހަށް ގޮސް." ނިކާލް ބުންޏެވެ. "ނިހާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ ނަޒީލް ހައްޔަރުކޮށްގެން ގެންގޮސްފި."

"ދެން ކަލޭމެން އޭނަ ގެންދިޔަ އިރު ވެސް އަނގަނަގައިގެން ތިބީތަ؟" އިލްހާމް ގާތަށް އައީ ރުޅިއެވެ. "އެ އަންހެނާ ގަޔަށް އެރީ ނަޒީލެއް ނޫނޭ. ވަގަށް ފިރިހެނުން ވައްދާފަ ބޮނޑި ލިބުނީމަ މަގޭ ދަރިން ބަދުނާމުކުރަން އެއުޅެނީ."

"ނިހާ އެއްޗެއް ކިޔާގެނެއްނޫން އޭނަ ގެންދިޔައީ. މިހުރިހާ ދުވަހު ނިހާއަށް ނަޒީލްކަން އެނގިހުރެ އަނގައިން ނުބުނެ ހުރީ ސިއްރުކޮށްގެން. ޕޮލިހުން ކޮންމެވެސް ގޮތަކުން ނަޒީލާ ދެކޮޅަށް ހެކި ލިބުނީމަ ހައްޔަރުކޮށްގެން އެ ގެންދިޔައީ. އެކަމުގައި ނިހާގެ އެއްވެސް ކުށެށް ނެތް." ނިހާގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމުން ނިކާލް ހިތްހަމަނުޖެހުނެވެ.

"ނިކާލަކަށް ނުފެންނާނެ އޭނާގެ އެއްވެސް ކުށެށް." އިލްހާމް ރުޅިގަނޑު ފަޅައިގެންދިޔައެވެ. "އެ ނިހާ ފޫ ބުޑުން ތި ދުވެ ނަގަނީ. އޭނަ އެހެންމީހަކާ އިންނަން ރަންކިޔަން ތައްޔާރުވާން އުޅޭކަމެއް ކަލޭމެން ހަނދާނަކަށް ނާދޭ. ތިހާވަރުވެފަ ތިބީމަ އޭނާ ކޮންމެ އެއްޗެއް ބުންޏަސް ނިކާލް ޤަބޫލުކުރާނެ. އެއް ފުރާޅެއްގެ ދަށުގަ އުޅޭއިރު ނިކާލަށް މަށާ އަނގައިން ބުނެލާނެ އަވަދިނުވޭ. އެހެންނުވާނީ. އަހަރުމެން މީ އެއްވެސް ބަޔެއް ނޫންވިއްޔަ. އަހަރުމެން މީ މަކަރުވެރިން ހަދާނީ ހުސް ދޮގު. މަށެށް ތި ނިހާއަކަށް އިތުބާރެއް ނުކުރާނަން. ސިހުރު ހަދައިގެން މުޅި ގެ ސުންނާފަތިކޮށްފަ މަށާ މަގޭ ދަރިންނާ އަނބިމީހާއާ ދުރުކޮށް ވަކިކުރުވައިފި. ނިކާލް ވެސް ވިސްނާލަބަލަ. ކޮން ފާޑަކަށްތަ ތި އުޅެނީ. މަ އެއްޗެއް ނުބުނަން މި ހުންނަނީ ތި މީހުން ގަންނަ ގަނޑު ނޭނގޭތީ އެއް ނޫނޭ. މަ ތިކަމާ ރުހޭތީކީ ވެސް ނޫން. އަމިއްލައަށް އެއްޗެއް ވިސްނިގެން ދުރުވޭތޯ؟"

"ނިހާގެ އެއްވެސް ކުށެށް މިއަކު ނެތް." ނިކާލް ނިހާ ދިފާޢުކުރިއެވެ. "ބައްޕައަކީ އަބަދުވެސް ނިހާއަށް ނަފުރަތުކުރާ މީހެއް. އެހެންވީމަ ނިހާގެ ރަނގަޅު ސިފައެއް ބައްޕައަކަށް ނުފެންނާނެ. މިހާރުވެސް ތި ބުނާ ނިހާއެއްވީ ޕޮލިސް ސްޓޭޝަނަށް ގޮސް. ދޮގު ހަދައިގެން ނަޒީލް ސަލާމަތްކުރަން."

"ކަލޭގެ ދެލޮލުގަ އަނދުން އަޅުވަން ތިހުރިހާ ކަމެއް ވެސް އޭނަ ކުރާނެ. ދެން ކަލޭ ހުރޭ އެ "އެނދި މަރިޔަބުގެ" ދަޅައަށް ހެއްލިގެން އޭނައަށް ސަނާކިޔަން." އިލްހާމް ބުނެލިއެވެ.

ބައްޕައާ ޒުވާބުކުރާކަށް ނިކާލްގެ ޟަމީރު ނޭދުނެވެ. ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް ބައްޕަގެ ވިސްނުން ބަދަލުވުމަކީ ނާދިރުކަމެކެވެ. އެހެންކަމުން އޭނާ ދެން ޚިޔާރުކުރީ ހިމޭންކަމެވެ. އިލްހާމް ރުޅި އައިސް ނިކާލަށް ބަލަންހުރެފައި ނުކުމެގެން ދިޔައީ ފޯނު ކަންފަތުގައި ޖަހައިލައިގެން ހުރެއެވެ. ނިކާލްގެ ކުރިމަތީގައި އޭނާ ވެސް މާ ހަރުކަށިވާން ބޭނުން ނުވީއެވެ. ނިކާލަކީ މައިންބަފައިންނަށް އިޚްތިރާމުކުރަން ދަންނަ މީހެއް ނަމަވެސް ނިކަން ގޮތުގައި ހުންނަ ފިރިހެނެކެވެ. އޭނާ ގާތުގައި ކަމެއް ނުކުރަން ބުނި ނަމަވެސް އެކަމަކީ ރަނގަޅު ކަމެއް ކަމަށް އޭނާއަށް ފެންނަހާ ހިނދަކު އެކަންތައް ހުއްޓުވަން އުނދަގޫވާނެއެވެ. ނަޒީލްއާ ޚިލާފަށް ގޮތްދޫނުކުރުމާއި ބޯ ހަރުކަން ނިކާލްގެ ކިބައިގައި ބޮޑުވާނެއެވެ. އިލްހާމް ނިކާލަށް ކަންކުރަންވީ ގޮތް ކިޔައިދީ ކަންކަން ކުރަން މަޖުބޫރުނުކުރަނީ އެހެންވެއެވެ. ނިކާލްގެ މިޒާޖު އެނގޭތީ އޭނާ ބުނާ އެއްޗެއް ބުނަނީ ނިކަން ވިސްނާފައެވެ.

ދިގު އިންތިޒާރަކަށްފަހު ފައިރޫޒްއާ ބައްދަލުކުރުމުގެ ފުރުޞަތު ލިބުމުން ތިން މީހުން އެތެރެއަށް ވަނުމުގެ ހުއްދަ ލިބުނެވެ. ފައިރޫޒަށް އިންޝާއާއި ޞަފިއްޔާ އަންނާނެކަން އެނގޭތީ ހައިރާންކަމެއް ނުލިބުނަސް ނިހާ ފެނުމުން ހައިރާންކަމެއް ލިބުނެވެ. ނަޒީލްގެ ވިޔާނުދާކަން އެނގުމުން އެ މޫނުމަތިން ފެންނަންޖެހޭ ނަފުރަތެއް ނުފެނުނެވެ. އެހެން މީހުންނެކޭ އެއްފަދައިން ނިހާ ވެސް ހުރީ ފިކުރު ބޮޑުވެފައެވެ. ފައިރޫޒްގެ ކުރިމަތީގައި ހުރި ގޮނޑީގައި ނިހާ އިށީނެވެ. ޞަފިއްޔާ އާއި އިންޝާ ހުރީ ނިހާގެ ފަހަތުގައި ކޮޅަށެވެ. ނިހާ ދުލުކުރިއާ ހަމައަށް އެ ބަސްތައް ގެނައުމަށް ނުކުޅެދިފައި އިންނަން ޖެހުނެވެ. ޞަފިއްޔާއާއި އިންޝާ ހުރީ ނިހާއަށް ފުރުޞަތުދީގެންނެވެ.

"ނަޒީލްގެ ކުށެށް އެކަމުގަ ނެތޭ." އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެވުނެވެ.

ފައިރޫޒް އެންމެންގެ މޫނަށް ވަކިވަކިން ބެލިއެވެ.

"ނަޒީލް ކުރިކަމެއް ކުރީ އިބްރީސްގެ ބާރުގެ ސަބަބުން." ވާހަކަ ކުރިޔަށް ގެންދިޔައީ ނިހާއެވެ. "ފައިރޫޒަށް ވެސް އެނގޭނެ ނަޒީލްގެ ހަށިގަނޑު މެދުވެރިއަކަށް ހަދައިގެން އިބްރީސް އިންޝާއަށް ވެސް އަނިޔާވެރިވިކަން. ފުރަތަމަ ނަޒީލް ދިމާކުރީ އަހަންނާ އެކަން ކާމިޔާބު ނުވީ އިންޝާގެ ސަބަބުން. ދެން އެ އަނިޔާތައް ތަހައްމަލު ކުރަން ޖެހުނީ އިންޝާއަށް. އަހަރެން މިކަންތައް ސިއްރުކޮށްގެން މިހުރީ އެކަމުގައި ނަޒީލްގެ ކުށެށް ނެތްކަން އެނގޭތީ."

"ނިހާއަށް ކުރިން ވެސް އެނގޭތަ؟" ފައިރޫޒް ހައިރާންވިއެވެ. (ނުނިމޭ)

އެގާރަވަނަބައިގެ ތެރެއިން:-

"އެ ބުނީ ހަޤީޤަތަށް. ނިހާއަށް ލިބުނު އަނިޔާގެ ބަދަލެއް ނުދެވޭނެ. އެކަމަކު އެއީކީ ނަޒީލް ގަސްތުގައި ކުރި ކަމެއްނޫން." ޞަފިއްޔާ ވެސް ބުނެލިއެވެ.

"ނަޒީލްތަ ބުނީ އޭނަ އަމިއްލަ އިހްތިޔާރުގައި ކުރިކަމެއް ނޫނޭ." ފައިރޫޒް ސުވާލުކުރި ރާގުން އެމީހުން ދެއްކި ވާހަކައަށް އިތުބާރު ނުކުރާކަން އެތަނުގައި ތިބި އެންމެނަށް ވެސް އެނގުނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަދީފް

  ވަރަށް ސަޅި މިވާހަކަ މިދާކޮތް!

  16
 2. ވަރަށް

  ވާހަކަ ލިޔާ ކުއްޖާ! އިންސާނެއްގެ ހަށިގަނޑު ތެރެއަށް ޖިންނިއެއް ވަދެ އޭނަ ލައްވާ ކުރުވާ އެއްވެސް ކަމެއް އޭނަ ހަނދާނެއް ނުހުންނާނެ. ބަލަންތިބޭ ބަޔަކު ބުނިއްޔާ ބުނި އެއްޗެއް އެނގޭނީ. މީގެންވެސް ސާބިތު ކޮށްދެވޭނެ ނަަޒީލް އެ ހަދަނީ ދޮގުކަން. ކޮބާ ރޫނާ؟ އަހާބަލަ ފައިރޫޒް ރޫނާ ގާތުގަ!

  18
  1
 3. Anonymous

  މމިހާރު ދެން ހާދަ ކުރޭ

 4. އިބްރީސްގެ އަންކަލް

  ނަޒީލް ހޫނުކޮށް ރޯނާކޮށްލާނަން، އަނބުޅޭ އޮޅުއަޅުވާލާނަން، އިލްހާމް ވޮލަތިނބިއަރުވާލާނަން