އިންޑިޔާގައި ކޮރޯނާ ވައިރަސްގެ ސަބަބުން ކުރެވުނު ފުރަތަމަ ފުރަބަންދެކޭ އެއްފަދައިން މިފަހަރުގެ ފުރަބަންދާއި ގުޅިގެން ވެސް ބޮލީވުޑުގެ އެތައް ފަންނާނުންނެއް ވަނީ މީސް މީޑިޔާއާއި ދުރަށް ގޮސްފައެވެ.

މީސް މީޑިޔާއާއި ދުރަށް ގޮސްފައިވާ ބައެއް ފަންނާނުންނަކީ:

އާމިރުޚާން

މި އަހަރުގެ އުފަންދުވަހަށް ފަހު އާމިރު ޚާން ވަނީ މީސް މީޑިޔާއާއި ދުރަށްދާކަން ހާމަކުރުމަށް ޕޯސްޓެއް ކޮށްފައެވެ. މި ޕޯސްޓުގައި އުފަންދުވަހުގެ ތަހުނިޔާ ފޮނުވި ފަރާތްތަކަށް ޝުކުރު އަދާކޮށް މީސް މީޑިޔާއާއި ދުރަށްދާ ކަމަށާއި ދެން އޭނާގެ އެކައުންޓުތައް ބަލަހައްޓާނީ އޭނާގެ ޓީމުން ކަމަށް ބުނެފައިވެއެވެ.

އޭޝާ ގުޕްތާ

އިންޑިޔާގެ މިހާރު ހާލަތު ވަރަށް ގޯސްކަމަށާއި އޭޝާއާއި އޭނާގެ އާއިލާގެ މީހުން ވަނީ ހޮސްޕިޓަލު އެނދާއި އެެހެނިހެން ވެސް މުހިންމު އެއްޗެހި ފޯރުކޮށްދީފައިކަމަށް ބުނެފައިވާ އޭޝާގެ އެންމެ ފަހު އިންސްޓަގުރާމު ޕޯސްޓުގައި އިތުރަށް އޭނާ ބުނެފައިވަނީ މީސް މީޑިޔާއާއި ދުރަށްދާ ކަމަށާއި އޭނާގެ ޓީމުން އެކައުންޓުތައް ބަލަހައްޓާނެ ކަމަށެވެ.

ފާތިމާ ސަނާ ޝެއިޚް

އާމިރު ޚާނަށް ފަހު ''ޑަންގަލް'' ގެ ބަތަލާ ވެސް ވަނީ މީސް މީޑިޔާއިން ބުރޭކް ނަގާކަމަށް ބުނެ އޭނާގެ އެންމެ ފަހު ޕޯސްޓު ކޮށްފައެވެ.

ވަރިނާ ހުސެއިން

''ލަވްޔާތުރީ'' ގެ ބަތަލާގެ ފަހު ޕޯސްޓުގައި އޭނާ ބުނެފައިވަނީ ދާ ކޮންމެ ތަނެއް މީސް މީޑިޔާގައި ހާމަކުރަން އެއީ އެއާޕޯޓް ނޫން ކަމަށް ބަޔަކު ބުނި ނަމަވެސް އޭނާ އެންމެ ލޯބިވާ މީހުންނަށްޓަކައި އެކަން ކުރާނެ ކަމަށާއި އެއީ އޭނާގެ އެންމެ ފަހު ޕޯސްޓު ކަމަށާއި ދެން އޭނާގެ ވެސް އެކައުންޓުތައް ބަލަހައްޓާނީ އޭނާގެ ޓީމުން ކަމަށެވެ.

އަމިތު ސާދު

ފަހަކަށް އައިސް މީސް މީޑިޔާގައި އަމިތުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރުމަށް ބޭނުން ނުވާ ކަމަށް ބުނެ އަމިތު ވެސް ވަނީ މީސް މީޑިއާއާއި ދުރަށްދާކަން ހާމަކޮށްފައެވެ.

އެތައް ތަޖުރިބާކާރުންނެއް ބުނާ ގޮތުގައި މީސް މީޑިއާގެ ސަބަބުން ގިނަ މީހުންގެ ނަފްސާނީ ހަމަޖެހުން ގެއްލި، އުފުލަން ނުޖެހޭ ގިނަ ތަކުލީފްތަކެއް އުފުލަން ޖެހެއެވެ.