އެމެރިކާގެ ފްލޮރިޑާގައި މީހަކު މެރުމުގައި ބައިވެރިވިކަން ސާބިތުވި މީހެއްގެ މައްޗަށް ފަނޑިޔާރު ޙުކުމް އިއްވުމާއި އެކު ގާތިލް އޭނާގެ ޤާނޫނީ ވަކީލަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ޓްރާވިސް ޖަމީރް ޑޭވިސް ނަމަކަށް ކިޔާ މީހަކާއި އިތުރު ތިން މީހެއްގެ މައްޗަށް ޕްރޮސެކިއުޓަރުން އުފުލި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް އެމީހުންގެ މައްޗަށް ސާބިތުވާކަމަށް ފަނޑިޔާރު ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ.

ފަނޑިޔާރު ޙުކުމް އިއްވުމާއި އެކު ޑޭވިސް ވަނީ އޭނާގެ ޤާނޫނީ ވަކީލު ޑެނިއެލް ހާނޭންޑޭޒް އަށް ހަމަލާދީފައެވެ. ޑޭވިސް އާއި އޭނާގެ ގްރޫޕުން މީހަކު މަރާލާފައި ވަނީ 2016 ވަނަ އަހަރު އެވެ. ހާދިސާ ހިނގި ދުވަހުން ފެށިގެން ޑެނިއެލް ގެންދަނީ ޑޭވިސްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހިލޭސާބަހަށް މަސައްކަތް ކުރަމުންނެވެ.

ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާތާ 40 ވަރަކަށް އަހަރު ވެފައިވާ ޑެނިއެލްގެ މޫނާއި ބޮލަށް އެތައް ފަހަރެއްގެ މަތިން ޑޭވިސް ވަނީ އަތުން ހަމަލާދީފައެވެ. އޭނާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ނަމަވެސް އޭނާ ހުއްޓުވަން ގިނަ ވަގުތުތަކެއް ނެގިއެވެ.

ޑޭވިސްގެ އިތުރުން އިތުރު ކުށްވެރިޔަކު ވެސް ޑެނިއެލް އަށް ހަމަލާ ދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ހުއްޓުވާފައެވެ.

ޑޭވިސްގެ ހަމަލާ އަމާޒުވި ޤާނޫނީ ވަކީލަސް މާބޮޑު އަނިޔާތަކެއް ނުލިބެއެވެ. ނަމަވެސް އޭނާގެ މޫނު ވަނީ ކޮންމެވެސް ވަރަށް މަށައިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު