އެމެރިކާގެ ކެލެފޯނިއާގެ އިންވޯ މައުންޓެއިންގައި އޮންނަ މަޝްހޫރު "ޖިންނި އަވަށް" ވިއްކާލަން އިއުލާން ކޮށްފިއެވެ.

މިއަވަށް ވިއްކާލަން އިއުލާން ކޮށްފައި ވަނީ އެއްމިލިއަން އެމެރިކާ ޑޮލަރަށެވެ. މިއީ 19 ވަނަ ގަރުނުގައި ވަރަށް މަޝްހޫރު އަވަށެކެވެ. އެދުވަސްވަރު ވަރަށް ގިނަ ސިނާޢީ މަސައްކަތްތައް ވެސް މިއަވަށުގައި ކުރިއެވެ.

300 އޭކަރަށް ވުރެ ބޮޑު ސަރަހައްދެއްގައި އޮތް އަވަށުގައި މިހާރު ވެސް ގިނަ އިމާރާތްތައް އެބަހުއްޓެވެ. އޭގެތެރޭގައި ވަރަށް ތާރީޙީ ހޮޓާތަކާއި ސެލޫންތަކާއި މިއުޒިމްތައް ވެސް ހިމެނެއެވެ.

"މިއަވަށުގައި މީހުން ދިރިއުޅެމުން ނުދިޔަ ނަމަވެސް އަވަށުގެ ހުރިހާ އިމާރާތްތައް ވަނީ ވަރަށް ބޮޑަށް ރައްކާތެރި ކުރެވިފައި." އަވަށް ވިއްކާލުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނިން ބުންޏެވެ.

ބުނެވޭ ގޮތުގައި މިއަވަށުން މީހުން ހުސްވެފައި ވަނީ ޖިންނީންގެ އުނދަގޫ ބޮޑުވެގެންނެވެ. އަވަށުގައި ދިރިއުޅުނު މީހުންނަށް ޖިންނީންތައް އުނދަގޫކޮށް ޖެއްސުން ކުރުން ބޮޑުވެގެން އަވަށުގެ މީހުން އެހެން ސަރަހައްދުތަކަށް ހިޖުރަކޮށް މުޅި އަވަށް ފަޅުވީ ކަމަށް ބުނެވެއެވެ.

ނަމަވެސް އެވާހަކަ ގަބޫލު ނުކުރާ މީހުން ވެސް އެބައުޅެއެވެ. އެމީހުން ބުނާ ގޮތުން އަވަށް ފަޅުވެގެން ދިޔައީ އަވަށުގައި އެންމެ ފުޅާކޮށް ކުރަމުން އައި މައިނިންގެ މަސައްކަތް ހުއްޓި ގިނަ މީހުންގެ ވަޒީފާތައް ގެއްލުމުންނެވެ.

މިއަވަށް އޮންނަ ސަރަހައްދަކީ މަޝްހޫރު ސިލިކަން ވެލީ އާއި ވަރަށް ކައިރި ސަރަހައްދަކަށް ވާތީ މިއަވަށް ގަންނަ މީހަކަށް އިޤުތިޞާދީ ގޮތުން ބޮޑު ފައިދާއެއް ނެގޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާމާމިގިލީ މީހާ

    ގާސިމް ވީ ތިޔަ އަވަށުގެ ވެރިޔަކަށް ލާން... ރައީސް ކަމަށް.. އަބަދު ރައީސްކަން ބޭނުން ވެގެން އުޅޭތީ.. މީ ވަރަށް ސަޅި ފުރުސަތެއް ގާސިމްއަށް ލިބޭ. ވެރިކަމު އަރާން..