ދިއްދޫ ހަސްފަތާލުން އަހަރެންގެ މަންމަ ބެއްލެވި ޑަކްޓަރުންގެ ބަހަކީ ވީހާ އަވަހަކަށް މަންމައަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ދިއުމެވެ.

އަހަރެންގެ މަންމައަކީ އަހަރެން އެންމެ ލޯބިވާ މީހާއެވެ. މަންމަ ބަލި ވެއްޖެނަމަ އަހަރެން ވަރަށް ކަންބޮޑުވެއެވެ. ކޮންމެ ގޮތަކުން ވިއަސް މަންމައަށް ފަރުވާ ކުރަން އަހަރެން ބޭނުމެވެ. ޑޮކްޓަރުން ލަފާކުރަނީ ކެންސަރަށެވެ. އެ ދުވަހު ޑޮކްޓަރުން އެ ގޮތަށް ބުނުމުން އަހަރެންނަށް އިހުސާސް ކުރެވުނީ މަންމަ އަހަރެންނާ ވަކިވަނީ ކަމުގައެވެ. ހަދާނެ ގޮތް ހުސްވިއެވެ. ފިރިމީހާއާ ގުޅޭތޯ އެތަކެއް ފަހަރު ފޯން ކުރެވުނެވެ. ނަމަވެސް ފޯނުން ގުޅޭ ހިސާބުގައި ނޫޅޭކަމުގެ މެސެޖު ދިޔައީ ލިބެމުންނެވެ. އަހަރެންގެ ފިރިމީހާ ޢަލީ ސަޢީދަކީ މަސްވެރިއެކެވެ. ގިނަދުވަސްތަކުގައި އޭނާ ހޭދަކުރަނީ ކަނޑުމަތީގައެވެ. ކަންނެލި މަސްވެރިކަމުގައެވެ.

ރޭގަނޑުވީ ފަހުން އޭނާއާ ގުޅިއްޖެއެވެ. ޑަކްޓަރުންދިން ލަފާ ތަފުސީލުކޮށް ކިޔައިދިނީމެވެ. އޭނާގެ ޖަވާބު ވަރަށް ސާފެވެ. އަވަހަށް އިންޑިޔާއަށް ދިއުމަށް ލަފާދިނެވެ.

ހަމަ އެރޭ އަހަރެންގެ ކޮއްކޮއަކަށް ގުޅައި ފުރުމުގެ އިންތިޒާމްތައް ހަމަޖައްސަން ފެށީމެވެ. މި ދަތުރު މަންމައާއި އެކުގައި ދެވެން އޮތީ ހަމައެކަނި އަހަރެންނަށެވެ. އަހަރެންގެ ހަތަރު ކުދިންގެ ޒިންމާ ނަގަންހުރި ހަމައެކަނި މީހަކީ ފިރިމީހާ ޢަލީ ސަޢީދެވެ.

އަހަރެން އެކަނިމާއެކަނި މަންމަ ގޮވައިގެން ދާން ޖެހުމުން ބިރުގަނެއެވެ. ނަމަވެސް ފިރިމީހާ ދިން ހިތްވަރާއެކު ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ދާން ނިންމީއެވެ. ފުރުމުގެ ކުރިން އިންޑިޔާއިން އެހީވާނެ އެޖެންޓެއް ހޯދީމެވެ. އެ ގޮތުން އެ މީހާއާ ފޯނުން ގުޅައި ތިބޭނެ ހޮޓަލެއް ވެސް ހަމަޖެއްސީމެވެ. އެ މީހާ ދިވެހިބަހުން ވާހަކަ ދެއްކުމުން އިތުރަށް ހިތްހަމަ ޖެހުނެވެ.

އިންޑިޔާ އެއަރޕޯޓުގެ ގިމަތައަށް ވަދެވުމާއެކު އެޖެންޓާ ގުޅައިލީ ރަށު މީހަކު ދީފައިއޮތް ފޯނު ސިމެއް ބޭނުންކޮށްގެންނެވެ.

އިމިގްރޭޝަން ކަންތައް ނިމިގެން ބޭރަށް ނުކުތްތަނުން އެ މީހާއާ ބައްދަލު ވެއްޖެއެވެ. އެއީ އިސްކޮޅުން ދިގު ބައިމަތި ފުޅާ މީހެކެވެ. ވާހަކަދައްކަން ފެށީމާ އެނގުނީ އޭނާގެ އިސްކޮޅާ ރޫފައާއި އެއްވަރަށް އަނގަ ވެސް ގަދަ މީހެއްކަމެވެ. ހުއްޓައިނުލައި ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެމެންގެ ފޮށްޓާ އަތްދަބަސް ވެސް ކާރަށް އެރުވީ އޭނާއެވެ. ހީވަނީ ތިމާގެ މީހަކު އުޅޭހެންނެވެ. އެހައިވެސް ގާތްކޮށް ދިޔައީ މުއާމަލާތް ކުރަމުންނެވެ. ޓެކްސީ މީހާ ގާތުގައި އޭނާގެ ރަށު ބަހުން ވާހަކަ ދެއްކުމަށް ފަހު އަހަރެނާ މުޚާތަބުކޮށް ބުންޏެވެ. ދައްތަމެން ޓެކްސީގައި ހޮޓަލަށް ދާށެވެ. އަހަރެން ވެސް ދާނަމެވެ. އެހެން ބުނުމާ އެކު ކައިރީގައި ހުރި ބޮޑު ބަޖާޖު ސައިކަލަކަށް އަރާ ބާރު އިސްޕީޑްގައި ދުއްވާލައިފިއެވެ.

އަހަރެމެން ތިބެން ކުރިން ނިންމާފައި އޮތް ހޮޓަލުގެ ބަދަލުގައި ޓެކްސީ މަޑުކުރީ ގެއެއް ކަހަލަ ތަނަކަށެވެ. އެކަމާ އެޖެންޓާ ސުވާލު ކުރުމުން އެތައް ބަހަނާތަކެއް ދެއްކިއެވެ. ފުރަތަމަ ވެސް ބުނީ އެހޮޓާ އެހައި ރަނގަޅުނޫން ކަމުގައެވެ. އެތަނަށް ވިޔާނުދާ މީހުން އަންނާތީ އަބަދު ފުލުހުން ޗެކް ކުރާކަމުގައެވެ. މިގޭގައި ތިބުމުން އެއްޗެތި ދޮވުމާއި ކެއްކުމުގެ ކަންކަން ވެސް ކޮށްލެވޭނެ ކަމުގައެވެ.

ދަތުރު ވަރުބަލިކަމާއެކު ކޮޓަރިއަށް ވަނުމުން ބޭނުންވީ އޮށޯވެލާށެވެ. މަންމަގެ ވަރުބަލިކަން އަހަރެންނަށް ވުރެ މާބޮޑެވެ. އަހަރެންގެ ވަރުބަލިކަން ހުރީ ސިކުޑީގައެވެ. އެއީ ކުރިމަތިލާން މިއުޅޭ ކަންތަކުން ވެދާނެ ގޮތެއް ނޭނގޭތީއެވެ. އެކަމާ އަބަދުވެސް ހިތުން ދުޢާ ކުރެވެނީ ރަނގަޅު ގޮތެއް ވުމަށެވެ. ކެންސަރަށް ނުވެ ސަލާމަތް ވޭތޯއެވެ. ޚިޔާލާ ފިކުރުތަކަށް ގެއްލިފައިއޮއްވާ ލޯ މެރިއްޖެއެވެ. ހޭލެވުނީ މީހަކު ދޮރުގައި ތަޅާ އަޑަށެވެ. ދޮރުހުޅުވައިލުމާއެކު ފެނުނީ އެޖެންޓް ރާޖޫއެވެ.

އަހަރެން ހުޅުވައިލި ދޮރުފަތުގައި އޭނާ އަތްއަޅާ ކޮއްޕާލާފައި ކޮޓަރިތެރެއަށް ދެމިގަތެވެ. އަދި އެނދުގައި އިށީނެވެ. އަހަރެން ހުރީ ރަނގަޅަށް ބުރުގައި ވެސް ނާޅައެވެ. މަންމަ ބުރުގާ ނާޅާ އޮތުމުން އިހަށް ބޭރުގައި މަޑުކޮށްލަން އަހަރެން ބުނީމެވެ.

އޭނާ އެނދުން ނުތެދުވެ ވާހަކަ ދައްކަން ފެށިއެވެ. މާދަމާ ހެނދުނަށް ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ހަމަޖެހުނު ވާހަކައާއި ކައިފިންތޯއެވެ. އަދި ސީ ފޯމު ފުރަން ޖެހޭ ވާހަކަ ވެސް ބުންޏެވެ. މިހެންގޮސް އެތައް ވާހަކައެއް ފަށައިފިއެވެ. އަހަރެން ކުރުނުކޮށް ބުނެފީމެވެ. އިހަށް ބޭރުގައި މަޑުކޮށްލާށެވެ. އަހަރެން ނުކުންނާނަމެވެ. އޭނާ އަހަރެން ދައްކާ ވާހަކައެއް އަޑެއް ނާހައެވެ. ނުކުންނާކަށް ވެސް ނޫޅެވެ. ބުނަނީ އޭނާއަށް ލަސްވާ ވާހަކައެވެ. ސީފޯމު ފުރުމަށް ޕާސްޕޯޓް ބޭނުންވާކަމަށް ބުނުމުން އެންމެ ފަހުން ޕާސްޕޯޓް ދީފީމެވެ. އަދި ކޮޓަރިން ނުކުތުމަށް އެދުމުން ހިތްހަމަ ނުޖެހިގެން ހުރެބުނީ ދައްތަމެން ތިޔައުޅެނީ އެހެން ދިވެހިން އުޅޭ ގޮތަކަށް ނޫނެވެ. ހުރިހާ ކަމެއް ބަލަންޖެހެއެވެ. އަހަރެން އަނގައިން ނުބުނުމުން އެންމެ ފަހުން ނުކުމެއްޖެއެވެ.

އޭނާ ނުކުތުމުން ދޮރު ތަޅުލާފައި ބުރުގާ ބޭލިތަނުން އަނެއްކާ ދޮރުގައި ޓަކިޖަހިފިއެވެ. ބުރުގާ އަޅައިގެން ދޮރު ހުޅުވުމުން ބުނީ އަދި ދެ ފޮޓޯ ބޭނުންވާ ކަމުގައެވެ. ފޮޓޯ ދިނުމުން ދެން ބުނީ ފައިސާ ވެސް ބޭނުންވާ ކަމުގައެވެ. އޭނާ އެދުނު އަދަދަށް ފައިސާދީފައި ތަންކޮޅެއް ބާރަށްދޮރު ޖެހީމެވެ. އެއަޑަށް މަންމައަށް ވެސް ހޭލެވިއްޖެއެވެ.

ދޮރު ބާރަށް ޖެހުމުން އެކަމާ މަންމަ ސުވާލު ކުރިއެވެ. އަހަރެން ބޭނުންވީ އެޖެންޓްގެ ވާހަކަތަކުން މަންމަގެ ސިކުނޑި ހާސްނުކުރާށެވެ. އެޖެންޓްއައި ވާހަކަ ބުނެފައި ވާހަކަ ކުރުކޮށްލީއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު އަހަރެން މަންމަ ގޮވައިގެން ޑޮކްޓަރަށް ދާން ތައްޔާރު ވީމެވެ. އެޖެންޓް ރާޖޫ އައީ ބުނި ގަޑިއަށް ވުރެ ލަހުންނެވެ. ތެޅެމުންފޮޅެމުން އައިސް ބުނީ އަވަހަށް ހިނގާށެވެ. އޭނާ އެރީ އަހަރެންނާއި މަންމަ އެރި ކުރޮޅިއަށެވެ. ފިތި ބާރުވެގެން ތިބެ ހަސްފަތާލަށް ދިޔައީމެވެ.

ހަސްފަތާލުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއަށް އަހަރެންގެ އިތުރުން ރާޖޫވެސް ވަނެވެ. އަހަރެންނަކީ ވެސް ކޮންމެވެސް ވަރަކަށް އިނގިރޭސި ދަންނަ މީހަކަށް ވުމުން ބައެއް ވާހަކަ ޑޮކްޓަރާއި ދެއްކީމެވެ. ނަމަވެސް ހަމަ ޑޮކްޓަރު ބަހެއް ބުނާތަނުން ރާޖޫގެ ބަހުން ޑޮކްޓަރާ ވާހަކަ ތަކެއްދައްކައެވެ. ޑޮކްޓަރު ބޭނުންވީ ވީހާ އަވަހަކަށް މަންމަގެ ޓެސްޓްތައް ހަދާށެވެ. އަހަރެންނަށް ހުރެވެނީ ހާސްވެ ހަދާނެ ގޮތް ހުސްވެފައެވެ.

ޖެހިގެން އައި ދުވަހު ޓެސްޓްތަކުގެ ނަތީޖާ ލިބިއްޖެއެވެ. މަންމައަށް ވަނީ ކެންސަރުޖެހިފައެވެ. މިހާރު ހުރީ ބަލީގެ ދެވަނަ ދަރަޖައިގައެވެ. އަވަހަށް ފަރުވާފަށަން ޑޮކްޓަރު ލަފާދިނެވެ. މަންމަގެ ފަރުވާފަށައިފިއެވެ. މަންމަ ކައިރީ ހުރިހާ ވަގުތެއެއްގައި އިންނަނީ އަހަރެންނެވެ. ނަމަވެސް ރާޖޫ އެދުނީ އޭނާގެ ރަހުމަތްތެރިއަކު ދަމަށް މަންމަ ގާތުގައި ބައިންދާ ދިނުމަށެވެ. އެ މީހާއަށް ރެއަކަށް ދިހަ ޑޮލަރު ދޭންޖެހެވެ. އަހަރެންގެ އަތުގައި ފައިސާ ހުރުމުން އެ ގޮތަށް ނިންމީއެވެ. ފަނަރަވަރަކަށް ދުވަހު ހަސްފަތާލުގައި މަންމަ ބާއްވަން ޖެހޭނެކަމަށް ފަރުވާދޭ ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ. އެހެން ދިމާވީ އެހެން ބައްޔަކަށް ފަރުވާ ކުރަން ވެސް ޖެހުމާ އެކުގައެވެ.

ހަސްފަތާލުގައި ދަމަށް އިންނަ މީހާ އައުމުން އަހަރެން ގެއަށް ދަނީ ރޭގަނޑު އެގާރަ ޖަހާއިރުއެވެ. އެ ގަޑީގައި އެކަނި ދާން ނުކުރޭތީ ރާޖޫ ހަމަޖެއްސީ އޭނާގެ ރަހުމަތްތެރިއެއްގެ ކުރޮޅިއެކެވެ. ފުރަތަމަ ރޭ އެ މީހާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭގެ ފަހުން އައިރޭ އޭނާ ލައްކަގިނަ ސުވާލުކުރިއެވެ. އަހަރެން މަދު ފަހަރަކުނޫނީ އެއްޗެއް ނުބުނަމެވެ. ތިންވަނަ ރޭ ގެއަށް ދާން ކުރޮޅިއަށް އެރި އިރު ރާޖޫ ވެސް ކުރޮޅީގައި އިނެވެ.

ރާޖޫ ދެއްކީ އޭނާއަށް ދިވެހި އަންހެން ކުދިން ރީތި ވާހަކައެވެ. ދިވެހި ކުދިން ރަނގަޅު ވާހަކައެވެ. ކައިވެނިކުރަން ބޭނުން ވަނީ ވެސް ދިވެހި ކުއްޖަކާ ކަމުގައެވެ. އޭނާ ދެއްކި ވާހަކަތަކާ އަހަރެން ގަޔާވެ ވާހަކައެއް ނުދައްކަމެވެ. ބަހެއް ނުބުނެ އިނީމެވެ. ކުރީ ރޭތަކުގައި މާއަވަހަށް ގެއަށް ދެވުނެވެ. ނަމަވެސް މިރޭ ގިނައިރުވާން ފެށުމުން އަހަރެން ސުވާލު ކުރީމެވެ. ރާޖޫ ބުނީ ޑްރައިވަރު އަތުގައިއޮތް މީހެއްގެ ފޯނެއް ނަގަން ދަނީ ކަމުގައެވެ.

ޑްރައިވަރުގެ ގެއަށް ދެވުމާއެކު އެތެރެއަށް ވަންނަން ބުންޏެވެ. އަހަރެން ނުވަންނަން އުޅުނީމެވެ. އެކަމަކު އެ މީހުން ދިޔަ ހިސާބަކީ ވަރަށް އަނދިރި ހިސާބެކެވެ. މީހެއްގެ ހިލަމެއް ނުވެއެވެ . ދުރުދުރުގައި ގެތައްހުރި ހިސާބެކެވެ. އެކަނި ކުރޮޅީގައި އިންނަން ނުކުރޭތީ ދެހިތެއްގައި ހުރެ އެ މީހުންނާއެކު އެގެއަށް ވަނީމެވެ.

ސިޓިން ރޫމުގައި ފަނޑު އައްޔެއްގެ ބޮތްކެއް ދިއްލާފައި ހުއްޓެވެ. ގޭގެ އެކި ތަންތަނަށް ބަލައިލީމެވެ. މީހުން އުޅޭ ކަމުގެ މާބޮޑު ލިސާނެއް ފެންނާކަށް ނެތެވެ. ސިޓިންރޫމުގައި ހުރި ދިގު ގޮނޑިއެއްގައި އިށީނީމެވެ. އެ ދެ މީހުން އެތެރެއަށް ވަދެގެން ދިޔައީއެވެ. އެނބުރިއައީ އެ ގައުމުގައި އުފައްދާ އަހަރެންނަށް ވެސް ވަރަށް މީރު ޖޫސް ފުޅިއެއް ހިފައިގެންނެވެ. އަދި ތިން ތަށި ވެސް ގެނައެވެ. އަހަރެން ކައިރީ ޖޫސް ބޯންވީ ނޫންހޭ އެހުމުން އަހަރެން ބުނީ ބޭނުމީ އަވަހަށް ގެއަށް ދާންކަމުގައެވެ. އެ މީހުން ބުންޏެވެ. އާދަކާދައަކީ ގެއަކަށް އަތުވެއްޖިއްޔާ ފެންތައްޓެއް ނަމަވެސް މެހެމާނަކު ބުއިމެވެ. ނުބުއިމަކީ ސުންޕާ ކަމެއްގެ ގޮތުގައި ދެކޭކަމަށެވެ. ޖޫސްތަށި ބޯލުމަށް އާދޭހާ އެކު އެދުނެވެ.

ހޫނު ގަދަ ރެއެއް ކަމުން އަހަރެން ވެސް ހުރީ އެއްޗެއް ބޯލަން ބޭނުން ވެފައެވެ. އެންމެ ފަހުން ޖޫސް ބޯން ފެށީމެވެ. އެ މީހުން ފުރަތަމަ ރޯ ކޮށްލީ ސިނގިރޭޓެކެވެ. ޖޫސް ބޯކަށް ނުފަށައެވެ. އަހަރެން ޖޫސް ބޯން ފެށިތަނުން އެ މީހުން އެބައަންނަމޭ ކިޔާފައި އެތެރެއަށް ވަނެވެ. ދެން އެ މީހުން އެނބުރި އައި ކަމެއް އަހަރެންނުދެނަ ހުރީމެވެ. ނިދި އަންނަގޮތްވެ ލޯ މެރެން ފެށިއެވެ. ރީތިކޮށް ގޮނޑީގައި ލެނގެލެވުނެވެ. ހޭވެރިކަން ވީއިރު ބަޔަކު އަހަރެން އުފުލާލައިގެން ގެންދާހެން ހީވިއެވެ. އަދި އަހަރެން ގައިގައި އޮޅުލާހެން ވެސް ހީވެއެވެ. މާބޮޑު ހަރަކާތެއް އަހަރެންނަކަށް ނުކުރެވެއެވެ.

ހޭވެރިކަން ވީއިރު އަހަރެން އިނީ ކުރޮޅީގައެވެ. އޭރުވެސް ރަނގަޅަށް ވާނުވާ ނޭނގެއެވެ. އަހަރެން ބުނީމެވެ. ހޮޓަލަށް ދެވެނީ ކޮންއިރަކުން ހެއްޔެވެ. އަހަރެންގެ ބުރުގާ ވެސް އޮތީ ފާޑަކަށް އެޅިފައެވެ. ގައިގެ ތަންތަނަށް ތަދުވާހެން ވެސް ހީވެއެވެ. ހުވަފެނެއް ހެން ބަޔެއް މަންޒަރު ދިޔައީ ސިފަވަމުންނެވެ. އަހަރެން ބުނަން ފެށީމެވެ. ކަލޭމެން އަހަރެންނަށް ކީއް ކުރީ ހެއްޔެވެ؟

އޭޖެންޓް ރާޖޫ ވާހަކަދައްކަން ފެށިއެވެ. ކަމެއް ނުކުރަމެވެ. ދައްތައަށް ފަސޭހަކޮށްދިނީއެވެ. އުފާވާ ގޮތް ހަދައިދިނީއެވެ. އަހަރެންނަށް އިރުކޮޅަކުން ރަނގަޅަށް ހޭވެރިކަން ވެއްޖެއެވެ. އަހަރެންރޯން ފެށީމެވެ. އެ މީހުން އަހަރެންގެ ބޭނުން ވަނީ ހިފައިފައެވެ. އެ މީހުން ދިން ޖޫސްތަށިން ބުއިމަށް ފަހު އަހަރެން ދެބަދޭތެރޭ ބާއްވައިގެންނެވެ. ގަދަ ދެއްކުނުކަން ވެސް މިހާރު އިހުސާސް ވެއެވެ.

އަހަރެން އަޑުން އަޑު ނަގާރޯން ފެށީމެވެ. އަދި އެ ދެ މީހުންނާ ދިމާއަށް ހަޅޭއްލަވައި ގަނެވުނެވެ. ޕޮލިހަށް ރިޕޯޓް ކުރާނެކަމުގައި ވެސް ބުނީމެވެ. އެ ދެ މީހުން ހީނގަތެވެ. އަދި ބުންޏެވެ. ޕޮލިހަށް ރިޕޯޓް ކޮށްގެން އެއްކަމެއް ވެސް ނުވާނެއެވެ. ކަލޭމެން ތި ތިބީ ސީފޯމް ވެސް ނުފުރައެވެ. މަންމައަށް ފަރުވާ ނުކުރެވި މިތަނަށް ދުވަހަކު ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާނެއެވެ. މިތާނގައި މިއިން ޑްރައިވަރަކީ ސިއްރު ފުލުހެކެވެ. އަހަރެންގެ ވަރަށް ގާތް މީހެކެވެ. އެއީ ކުރޮޅި ދުއްވާ މީހެއް ނޫނެވެ. މިއީ އޭނާގެ އެކުވެރިއެއްގެ ކުރޮޅިއެކެވެ.

މިރޭ މި ހިނގިކަންތައް އެކަކު ގާތުގައި ބުންޏަސް ކަލޭމެން ދެމައިން ހާލުގައި ޖެހޭނެއެވެ. އަދި އެކަކަށް ވެސް މިކަމެއް ނޭނގޭނެއެވެ. ކަލޭ ދައްކާނެ އެއްވެސް ހެތްކެއް ނޯންނާނެއެވެ. ދަންވަރު އަހަރެމެންނާއެކު އެ ގެއަށް ކަލޭ ދިޔައީ ކީއްކުރަން ހެއްޔެވެ؟

އެ ދެ މީހުން މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ. އަދި ބުންޏެވެ. މިއީ ކަލޭމެންގެ ރާއްޖެއެއް ނޫނެވެ. މަރާފައި ވަޅުލިއަސް މީހަކަށް ނޭނގޭނެއެވެ. މިކަމުގައި ޗުއްޕު ބުންޏަސް ނިމުނީއެވެ. އަހަރެންނަކީ މިތަނުގެ އެންމެ ނުރައްކާތެރި ގޭންގުގެ މީހެކެވެ.

އަހަރެން ހުންނަ ގެއަށް ގެނެސް ދިނުމަށް ފަހު އެ މީހުން ހިންގައްޖެއެވެ. އަހަރެންނަށް ރޮވެނީއެވެ. ބަނޑުކޮޅުގައި ވެސް ރިއްސަނީއެވެ. ކޮޓަރިއަށް ވެދެ ދަބަހުން ފޯނުނަގަން ބެލިއިރު ފޯނު ފެންނާކަށް ނެތެވެ. ވިސްނާ ވިސްނާވެސް ފޯނު ބޭއްވުނު ތަނެއް ނޭނގުނެވެ. ގައިމުވެސް އަހަރެން އެގޭގައި އިނދެ ފޯނާ ކުޅުނީމެވެ.

ފާޚާނާގައި ފެންވަރަން ހުރި އިރުވެސް ރޮވެނީއެވެ. އެރޭ ނުނިދި ހޭލާ އެތައް އިރަކު އޮތީމެވެ. މަންމައަށް ފަރުވާ ނުލިބުނަސް މާލެދާން ނިންމީމެވެ.

ހެނދުނު ހޭލައިގެން ހަސްފަތާލަށް ދިޔައީމެވެ. އަދި މެންދުރު ވާން އުޅެނިކޮށް އެޖެންޓް ރާޖޫ އައިސް ފޯނު ދިނެވެ. ފޯނާ ބެހޭ ގޮތުން ސުވާލު ކުރުމުން ބަހެއް ނުބުނެއެވެ.

އަވަހަށް މާލެދާން ބޭނުން ކަމުގައި ޑޮކްޓަރު ގާތުގައި ބުނީމެވެ. ޑޮކްޓަރުގެ ބަހަކީ މިފަހަރު ފަރުވާ ނުކުރެވެއްޖެނަމަ މަންމަގެ ފުރާނައަށް ނުރައްކާ ވާނެކަމުގައެވެ.

އަހަރެންނަށް ދިމާވި ކަންތަކުގެ ވާހަކަތައް ކިޔައިދޭނީ ކާކަށް ހެއްޔެވެ. ފިރިމީހާއަށް ކިޔައިދީފިއްޔާ އޭނާ ހާދަ ދެރައެއް ވާނެއެވެ. މަންމައަށް ކިޔައިދީފިއްޔާ މަންމަގެ ބަލި އިތުރަށް ބޮޑުވާނެއެވެ.

އަހަރެންމިވަނީ ހަތަރު އަނގޮޅިއެއްގެ މެދަށް އާދެވިފައެވެ. ހެޔޮ އެއްގޮތެއް ނެތެވެ. ފިރިހެނުންތެރޭގައި ވެސް ރަހުމެއް ކުލުނެއް ނެތް ހާދަބަޔަކު އުޅެއެވެ. އަހަރެން ޒުވާންއިރު ވެސް މިފަދަ ކަމަކާ ކުރިމަތި ލާކަށް ނުޖެހެވެ. ހަތަރު ކުދިންގެ މަންމައަކަށްވެ އުމުރުން ސާޅީސް އަހަރުވީ ފަހުން މިދިމާވީ ކޮންފަދަ މުސީބާތަކާ ހެއްޔެވެ. ޒުވާން އަންހެން ކުއްޖެއްނަމަ އަދި ހާދަ އަނިޔާއެއް ލިބުނީސް ތާއެވެ. އަހަރެންގެ އަންހެން ދަރިއަކަށް މިފަދަކަމެއް މެދުވެރި ނުކުރައްވާފާނދޭއެވެ.

އަހަރެން އޭނާ ދޫކޮށްލާފައި އާ އެޖެންޓެއް ހޯދަން ނިންމީމެވެ. ނަމަވެސް އެ މީހުންގެތޭރޭގައި އޮންނަ ޖަމުއިއްޔާއެއްގެ މީހަކަށް ނޫނީ އެކަން ނުވާނެކަމަށް ބުނެ ބިރުދެއްކިއެވެ. އަދި އަބަދުވެސް ބުނަނީ އަހަރަމެން ތިބެނީ ގަވާއިދާ ޚިލާފަށް ކަމުގައެވެ. ފުލުހަށް އެނގިއްޖެނަމަ ޖަލަށްލާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެކަމުގައެވެ. ޕާސްޕޯޓްތައް ވެސް އޮތީ އޭނާ އަތުގައެވެ. އޭނާ ވަނީ ހުރިހާ ގޮތަކުން އަހަރެމެން ދެމައިން ރަނގަޅަށް މަޅީގައި ޖައްސާފައެވެ.

ފުރަން ކައިރިވެފައި ވަނިކޮށް އެއް ދުވަހު ވަރަށް ހަވީރުވީ ފަހުން ބާޒާރުކޮށްލަން ގެންގޮސްދޭން އެދުނީމެވެ. އެގޮތަށް އެދުނީ ފަހުން އޭނާ މައާފަށް އެދި އެކަހަލަކަމެއް ނުވާނެއޭ ބުނެފައި އޮތުމާއި އެކުގައެވެ. އެކަމަކު އަހަރެން ހިތުގެ އަޑިން އޭނާއަކަށް މައާފެއް ނުކުރަމެވެ. ބޭނުންވަނީ އަވަށް ރާއްޖެ ދިއުމެވެ. އޭނާގެ ކިބައިން ސަލާމަތް ވުމެވެ. އެރޭ ބާޒާރުކޮށް ނިމިގެން އެއްކަލަ ކުރޮޅީގައި ގެއަށް އައި މަގުމަތީގައި އެ ދެ މީހުން އަހަރެންނަށް ބިރުދައްކައިގެން ބެހުނެވެ. މިފަހަރު ކުރޮޅި ތެރޭގައެވެ. އަނދިރި ފަޅު ހިސާބަކަށް ގެންދިޔައީއެވެ. ރޮއި ހަޅޭއް ލަވަން އުޅުމުން ބުނީ މަރާލާނީ ކަމުގައެވެ. ޑްރައިވަރު ވަޅިއެއް ވެސް ނެގިއެވެ. ދެވަނަ ފަހަރަށް ވެސް އެމީހުންގެ ނުބައި މަޅީގައި ޖެހުނީއެވެ. އެހާ ނުބައި ރޭވުމެއް ދެވަނަ ފަހަރަށް ރާވައި ފާނެކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. އެރޭ އަހަރެން ހުރީ ވެސް މައްސަރު ކަންތައް ޖެހިފައެވެ. އެމީހުން ގާތުގައި އާދޭސްކޮށް ރޮއިފައި އެ ވާހަކަތައް ދެއްކީމެވެ. އެކަމު އަޑެއް ނާހައެވެ. ޖަނަވާރުންގެ ބީދައިން އެ މީހުން އެ އަމަލު ހިންގީ އަހަރެން ރޮއިރޮއި އޮއްވައެވެ.

އެރެއަށް ފަހު އަހަރެން އެ މީހުންގެ ކުރޮޅިއަކަށް ނާރަމެވެ. ޖެހިގެން އައި ދުވަހު އަހަރެން އުޅުނީ ވަރަށް ހާލުގައެވެ. ވޭނުގައެވެ. ފުރަން އެއަޕޯޓަށް ގޮސް ޗެކިންގ ނިމިގެން އެންމެ ފަހުން ފުރާގިމަތައަށް ވަދެވުނެވެ. އަހަރެންނަށް ލިބިފައި ހުރި ޒަޚަމުތަކާއި ކޮށްފައިހުރި އަސަރުން ރޮވެން ފެށިއެވެ. މަންމަ ސުވާލު ކުރުމުން ހުރިހާ ވާހަކައެއް އަހަރެން ކިޔައިދިނީމެވެ. މަންމަ ވަރަށް ގަދައަށް ރުޅިއައެވެ. އެ ވާހަކަތައް ކުރިން ކިޔައި ނުދިނުމުންނެވެ. އެއަރޕޯޓްގެ ގޭޓުން ނުކުމެގެން ދާން ވެސް އުޅުނެވެ. އަދި އެކަން ފުލުހަށް ރިޕޯޓް ކުރަން ވެސް ބޭނުންވެގެން ވާހަކަ ދެއްކިއެވެ. އަހަރެން ބުނެދިނީމެވެ.

މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. އެ މީހުންގެ ނުބައިކަމުން އެ ސަރަހައްދުގެ ފުލުހުންނާ ވެސް އޮންނަނީ ގުޅިފައެވެ. ހަސްފަތާލުގައި އުޅުނުއިރު ކިތަންމެ ދުވަހަކު އަހަރެންނަށް އެ ރާޖޫ ފުލުސް އޮފިސަރުންނާ އެކު ކައިބޮއި ހަދާތަން ފެނެއެވެ. އަދި އޭނާއާ އެކު އުޅޭ އެހެން އެޖެންޓުން ވެސް ތިބެނީ އޭނާގެ ދަށުވެފައި ކަހަލަ ގޮތަކަށެވެ. އެ މަންޒަރު ވެސް ވަނީ ފެނިފައެވެ. އޭނާއަކީ އެ މީހުން ހަދައިގެން އުޅޭ ޖަމުއިއްޔާގެ އިސް މީހެއް ކަމުގައިބުނެ ކުރިން އަހަރެންނަށް އެޑްރެސް ކާޑެއް ވެސް ދެއްކިއެވެ.

އަހަރެންގެ ހަތަރު ދަރިންނާއި ފިރިމީހަށް މިކަން އެނގިއްޖެއްޔާ ކިހާ ހިތާމައެއް ކުރާނެ ހެއްޔެވެ. ރާއްޖެ ދެވުމުން ހަމަ ގައިމުވެސް މި ވާހަކަތައް އަހަރެންގެ ފިރިމީހާއާ ހިއްސާ ކުރާނަމެވެ. ކޮންމެ ގޮތެއް ވިއަސް އަހަރެންނަކީ ކުށްވެރިއެއް ނޫނެވެ. އަހަރެން ދެން ދުވަހަކު ވެސް އެޖެންޓެއްގެ އެހީތެރިކަމެއް ނުހޯދާނަމެވެ. އެމީހުންގެ އެހީތެރިކަމާއި ނުލާވެސް ބޭސް ފަރުވާ ކުރެވޭނެއެވެ.

ބޭސް ދަތުރުން މަންމައަށް ފަރުވާ ލިބި ހިތަށް ފިނިކަން ލިބުނަސް އަހަރެންނަށް މި ބޭސް ދަތުރުވީ ވޭނަކަށެވެ.

ދިރިއުޅުމުގައި ދުވަހަކު ފަސޭހައިން ފިލުވައިނުލެވޭނެ ފާރުގަނޑަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޫން

    ޢަހަރެން ވެސް މީ އާންމުކޮށް އެކި ބޭސް ފަރުވާއަށް އިންޑިޔާއަށް ދާމީހެއް. ދުވަހކުވެސް އެޖެންޓެއް ނުނަގަން. ގިނަ ދިވެހިން އުޅެނީ އެޖެންޓުން ނަގައިގެން. ޢެއީ އެއްގިތަކށްވެސް ކުރާވރު ކަމ މެއް ނޫން.