ބިލިއަނަރު ބިލް ގޭޓްސް އާއި މެލިންޑާ ގޭޓްސް ކައިވެނި ރޫޅާލަން ނިންމާ، ވަރީގެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވާއިރު ކައިވެނި ކޮށްގެން އުޅުނުއިރު ދެމަފިރިންނަށް ލިބުނު މުދާ ކައިވެނި ރޫޅުމުން ބެހުމާއި ގުޅޭ އެއްބަސްވުމެއް ނުވަތަ ޕްރީނެޕްޓަލް އެއްބަސްވުމެއް ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބިލް ގޭޓްސް އާއި މެލިންޑާގެ 27 އަހަރު ދުވަސްވީ ކައިވެނި ރޫޅާކަން ނިންމިކަން އިއުލާން ކުރީ ރޭގެ ވަގުތެއްގައެވެ. އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ވަރީގެ މައްސަލަ ވޮޝިންޓަންގެ ކިންގް ކައުންޓީ ކޯޓަށް ހޯމަ ދުވަހު މެލިންޑާ ވަނީ ހުށަހަޅާފައެވެ. މެލިންޑާ ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ވަނީ ކައިވެނި ރޫޅިއްޖެ ހާލަތެއްގައި މުދާ ބެހުމުގެ އެއްބަސްވުމެއް ނެތްކަމަށް ބުނެފައެވެ.

ނަމަވެސް ކައިވެނި ރޫޅާލުމާއި ގުޅޭ ގޮތުން ކުރިއަށްދާ މަޝްވަރާތަކުގައި މުދާ ބެހުމާއި ގުޅޭ ގޮތުން އެއްބަސްވުންތަކަކަށް އާދެވިފައިވާ ކަމަށް މެލިންޑާ ބުނެފައި ވެއެވެ. އެކަމުގެ ތަފްސީލްތައް އަދި ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.

އުމުރުން 65 އަހަރުގެ ބިލް ގޭޓްސް އާއި 56 އަހަރުގެ މެލިންޑާގެ ކައިވެނި ރޫޅާލުމަށް ކޯޓަށް ހުށަހެޅި މައްސަލައިގައި މެލިންޑާ ބުނެފައި ވަނީ ދެމަފިރިން މިހާރު ވެސް ދިރިއުޅެމުން އަންނަނީ ވަކިން ކަމަށެވެ. ނަމަވެސް ދެމަފިރިން ވަކިން ދިރިއުޅެން ފެށީ ކޮންއިރަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

"އަޅުގަނޑުމެން އެދެނީ ދެމަފިރިން ވަރިވާން އެއްބަސްވެ އެކުލަވާލި އެއްބަސްވުން އޮތް ތާރީޚުން ފެށިގެން ކައިވެނި ރޫޅިފައިވާ ކަމަށް ކަނޑައަޅައި، މިކައިވެނީގެ މައްސަލަ ނިންމައި ދިނުމަށެވެ." މެލިންޑާ ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.

"ޕީޕަލްސް" އިން ރިޕޯޓް ކުރާ ގޮތުގައި މެލިންޑާ އާއި ބިލް ގޭޓްސް ވަރިވުމުގެ މައްސަލަ ވާހަކަދައްކައިގެން ހައްލު ކުރުމަށް 2022 ވަނަ އަހަރުގެ މާޗް މަހާއި ހަމައަށް ވަނީ ފުރުސަތު ދީފައެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އެހައި ހިސާބަށް ދާއިރު މައްސަލަ ހައްލު ނުކުރެވިއްޖެނަމަ ދެން އަޑުއެހުމެއް ބާއްވާނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ.

މެލިންޑާ ވަނީ މެލިންޑާ އާއި ބިލް ގޭޓްސްގެ މިލްކިއްޔާތުގައި ހުރި ތަކެއްޗާއި އިންޝްއަރެންސް ޕޮލިސީ ފަދަ ކަންކަމަށް ބަދަލު ނުގެންނަން އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ހޯމަ ދުވަހު ކޯޓުގައި އެދިފައެވެ.

މެލިންޑާ އާއި ބިލް ގޭޓްސްގެ ވަރީގެ މައްސަލައިގައި ދަރިންނާއި ގުޅޭ ކަންކަން ހިމަނާފައެއް ނުވެއެވެ. އެއީ ދެމަފިރިންގެ ތިން ދަރިންނަށް ވެސް މިހާރު 18 އަހަރު ފުރިފައި ވާތީއެވެ. އެންމެ ދޮށީ ދަރިފުޅު ޖެނިފާ ކެތުރިންއަށް 25 އަހަރު، ދެވަނަ ދަރިފުޅު ޖޯން އަށް 21 އަހަރު އަދި ތިން ވަނަ ދަރިފުޅު ފޯބީއަށް ވަނީ 18 އަހަރު ފުރިފައެވެ.

ބިލް އާއި މެލިންޑާގެ ނަމަށް ނިސްބަތްވާ ގޭޓްސް ފައުންޑޭޝަނަކީ އިންސާނިއްޔަތައް އެންމެ ގިނަ އެހީ މިހާތަނަށް ފޯރުކޮށްދިން އެއްޖަމިއްޔާއެވެ. 2000 ވަނަ އަހަރު އުފެއްދި އެޖަމިއްޔާ އިން ހިލޭ އެހީގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ ފައިސާގެ އަދަދު 46 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. ކޮވިޑް-19 އަށް ވެކްސިނެއް ހޯދަން ވެސް ގޭޓްސް ފައުންޑޭޝަނުން ވަނީ އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ހަދިޔާ ކޮށްފައެވެ.

ބިލް ގޭޓްސް އަކީ މިހާރު ދުނިޔޭގައި ހުރި ހަތަރު ވަނައަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގައި 130 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކައިވެނި ރޫޅާލުމުގެ ކަންކަން ނިމޭއިރު ގިނަ އަދަދެއްގެ ފައިސާ ބިލް ގޭޓްސް، މެލިންޑާ އަށް ދޭން ޖެހޭނެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މެލިންޑާ ވެސް ބިލިއަނަރުންގެ ލިސްޓްގައި ހިމެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުލްކިޔާ

    ބިލް މުސްކުޅިވެގެން ކަމުނުގޮންގޮސް ވަރިވަނީބާ؟ ނޫނީ މެލިންޑާ މާ ޒުވާނވެ ގޭޓްސް ކަމުނުދަނީބާ؟ ސުއަލުއުފެދޭ؟؟؟؟؟

    • އަވަހަށްވާ މައްސަލަ

      ހަމަ ދިވެހިންގެ ތެރޭ އުޅޭ މައްސަލަ ބިލްގެ ވެސް މިއުޅެނީ.

      2
      1
  2. ބަޑިއެދުރު

    އާބިޓެއްފެނިގެން..... !

    2
    1