ޓްވިޓާގެ ގަވާއިދުތަކަށް ބެލުމެއް ނެތި ތަކުރާރުކޮށް ޓްވީޓް ކުރަމުންދާތީ ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތުގެ ޓްވިޓާ އެކައުންޓް ބޭން ކޮށްފިއެވެ.

އެކައުންޓް ބޭން ކޮށްފައިވަނީ ހޯމަ ދުވަހު ކަންގަނާ ކޮށްފައިވާ ޓްވީޓެއްގައި ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމަޓާ ބެނާޖީ އިންތިހާބު ވުމާއި ގުޅިގެން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް، އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހުން މީގެ ކުރިން ކަންތައް ކޮށްފައިވާގޮތަށް ކަންތައް ކުރުމަށް ގޮވާލައިފައެވެ. މި ޓްވީޓުގައި ބުނެފައިވައި އެވަނީ މީގެ އަހަރުތަކެއް ކުރިން ހިނގި ގުޖާރަތް ރައިއަޓްސް ހާދިސާއަށެވެ.

ކަންގަނާ ކޮށްފައިވާ މި ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ހިތްހަމަ ނުޖެހި އެ ޓްވީޓާއި މެދު ފިޔަވަޅު އަޅަން ބުނެފައިވެއެވެ.

ޓްވިޓާގެ ތަރުޖަމާނަކު ކަންގަނާގެ އެކައުންޓް ބޭން ކުރިކަން ޔަގީން ކޮށްދެމުން ވަނީ ޓްވިޓާގެ ޕޮލިސީ ކިޔައިދީފައެވެ. ޓްވިޓާގެ ޕޮލިސީގައި މަނާކޮށްފައިވާ ޒާތުގެ ޓްވީޓް ތަކުރާރުކޮށް ކުރާ ނަމަ އެއްކޮށް ޓްވިޓާއިން އެކައުންޓް ބޭން ކުރާނެ ކަމަށް ބުނެފައިވެެއެވެ. އެބިއުސިވް ބިހޭވިއާ ޕޮލިސީގައި ބަޔާންކޮށްފައިވާގޮތަށް ވަކި މީހަކަށް އަމާޒުކޮށް ނުރައްކާވާފަދަ މެސެޖެއް ދީ ޓްވިޓް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ތަރުޖަމާނު ބުނެފައިވެއެވެ.

އެތައް ނޭޝަނަލް ފިލްމް އެވާޑެއް ލިބިފައިވާ ކަންގަނާ ވަނީ ތަކުރާރުކޮށް އެފަދަ ޓްވީޓުތައް ކޮށްފައެވެ.

މީގެ ކުރިންވެސް ނުރައްކާތެރިކަން ހާމަވާގޮތަށް ޓްވީޓު ކޮށްފައިވާ އެކައުންޓުތައް ބޭން ކޮށްފައިވެެއެވެ. އަދި ޓްވިޓާއިން ބުނެފައިވަނީ މިގޮތަށް ބޭން ކުރެވޭ މީހުން އެހެން ނަމެއްގައި އެކައުންޓް ހަދައިގެން ވެސް ޓްވިޓާ ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.