މާސްއަށް ބިޔަ ވެލީގެ ތޫފާނެއް އަރައި އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މާސްއަށް ފޮނުވާފައިވާ ރޮބޮޓް، އޮޕޮޗުނިޓީ ރޯވަރ ދުނިޔެއާ ގުޅުން ކެނޑިއްޖެއެވެ.

ގާތްގަނޑަކަށް 40 މިލިއަން އަކަކިލޯމީޓަރުގެ ސަރަޙައްދަކަށް އައިސްފައިވާ މި ވެލީގެ ތޫފާނަކީ މިހާތަނަށް މާސްގައި ރިކޯޑްކުރެވިފައިވާ މިފަދަ އެންމެ ބޮޑު ތޫފާން ކަމަށް ނާސާ އިން ބުނެފައިވެއެވެ.

ނާސާއިން ހާމަކޮށްފައިވާ ގޮތުގައި މާސްއަށް މިހާރު އައިސްފައިވާ ވެލީގެ ތޫފާނެއްގެ ސަބަބުން ދުނިޔެއާ ގުޅުން ކެނޑުނު ނަމަވެސް އޮޕޮޗުނިޓީ ރޯވާ އަށް މިހާރު ވަނީ ރޭންޖް ލިބިފައެވެ.

އިރުގެ ހަކަތައިން ހަރަކާތްތެރިވާ އެ ރޮބޮޓަށް، ވެލީގެ ތޫފާނުގެ ސަބަބުން އިރުގެ އަލި ނުލިބި، ލޯ ޕަވަރ މޯޑަށް ދިއުމާ ގުޅިގެން މާސްގެ ބިމުގައި އެ ރޮބޮޓް މިހާރުވަނީ ހަރައްކާތް ހުއްޓިފައި ކަމަށް ނާސާއިން ބުނެއެވެ.

މި އުޅަނދު ގެއްލިފައިވާ އިރު އެ އެޖެންސީން 2003 ގައި މާސްގެ ބިމަށް ފޮނުވި ބީގްލް-2 ވަނީ މާސް އަށް ތިރިކުރަން އުޅެނިކޮށް ވެއްޓި ފުނޑިފަ އެވެ.

"ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އޮޕޮޗުނިޓީ ރޯވަރ މަސައްކަތް ކުރުމަށް ބޭނުންވާ ވަރަށް ހަކަތަ އުފެއްދޭ ވަރަށް އިރުގެ އަލި ލިބޭނެ ކަމަށް ޤަބޫލު ނުކުރެވޭ" ނާސާއިން ބުނެއެވެ.

މިއީ 2004 ވަނަ އަހަރު އޮޕޮޗުނިޓީ ރޯވަރ މާސްއަށް ދިޔައިރުއްސުރެ އެ ރޮބޮޓަށް މިހާތަނަށް ކުރިމަތިވި ތޫފާންތަކަށް ވުރެ ދެގުނަ ބާރު ގަދަ ތޫފާނެކެވެ.

އޮޕޮޗުނިޓީ ރޯވަރ މިހާރު ވަނީ 15 އަހަރާއި އެއް މަސްދުވަހަށް ވުރެ ގިނަ ދުވަސް މާސްގައި ތަހުލީލުތައް ކުރުމުގައި ހޭދަކޮށްފައެވެ. އޮޕޮޗުނިޓީ ރޯވަރއަކީ ނާސާއިން މިހާތަނަށް މާސްއަށް ފޮނުވި އެންމެ ކާމިޔާބު އެއް ރޮބޮޓް ވެސް މެއެވެ.