މޯބައިލް ފޯނަކީ އެއާ ނުލައި ނޫޅެވޭ، އެންމެންގެ އެކުވެރިޔާއެވެ. ގިނަ މީހުން އެންމެ ލޯބިވާ އެކައްޗަކީވެސް އެއީއެވެ. ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. އެހެންކަމުން، ފޯނަށް ގެއްލުމެއްވާފަދަ ކަމެއް ނުކޮށްވޭތޯ ބަލައެވެ. ފޯނަށް ގެއްލުމެއްވެއްޖެނަމަ، ހިތާމަވެސް ކުރެއެވެ.

އެނގޭ ހެއްޔެވެ؟ އެންމެން ލޯބިވާ މޯބައިލް ފޯނު އުކުމަކީ ކުޅިވަރެވެ. މިއީ ކުޅިވަރަކީ މިހާރު ބައިނަލްއަޤުވާމީ ކުޅިވަރެއްވެސްމެއެވެ.

މި ކުޅިވަރު އެންމެ ފުރަތަމަ ވުޖޫދަށް އައިސްފައިވަނީ 2000 ވަނަ އަހަރުގެ ތެރޭގައި، ޔޫރަޕުގެ ޤައުމެއްކަމުގައިވާ ފިންލޭންޑުގައެވެ. އެޤައުމުން ފެށުނު މި ކުޅިވަރަށް މިހާރު 18 އަހަރުވެފައިވާއިރު، ޔޫރަޕުގެ އެހެން ޤައުމުތަކުވެސް، މި ކުޅިވަރު ދަނީ ކުޅެމުންނެވެ.

ފިންލޭންޑުގައި ކޮންމެ އަހަރަކުވެސް ފޯނު އުކުމުގެ މުބާރާތްތައް ބާއްވާއިރު، މުބާރާތުގައި އެކި ކެޓަގަރީތައް ބަހާފައި ހުރެއެވެ. އެގޮތުން ހިމެނޭ ކެޓަގަރީތަކަކީ، އޮރިޖިނަލް، ފްރީ ސްޓައިލް، ޓީމް އޮރިޖިނަލް އަދި ޖޫނިޔަރ އެވެ.

ކޮންމެ ކެޓަގަރީއަކުންވެސް، އެކުލަވާލާފައިވާ ޤަވާއިދުތަކުގެ ދަށުން އެންމެ ދުރަށް އެއްލޭ މީހެއް ނުވަތަ ޓީމެއް ބަލާއިރު، މިހާތަނަށް އެންމެ ދުރަށް ފޯނު އެއްލައިގެން، ދުނިޔޭގެ ރިކޯޑެއް ހަދާފައިވަނީ ޖަރުމަނުގެ ރައްޔިތެއްކަމުގައިވާ ޓޮމް ފިލިޕް ރެއިންހާޓް އެވެ. އޭނާވަނީ 13675 މީޓަރަށް ފޯނު އެއްލާފައެވެ.

މި ކުޅިވަރުގެ ބޮޑެތި މުބާރާތްތައް ކޮންމެ އަހަރަކުވެސް ބާއްވަމުންދާއިރު، ފޯނި އުފައްދާ ކުންފުނިތަކުން ދަނީ މުބާރާތް ސްޕޮންސަރ ކޮށް، މުބާރާތުގައި ބައިވެރިން އުކުމަށް ފޯނު ފޯރުކޮށްދެމުންނެވެ. ހަމައެހެންމެ، އުކާ ފޯނުތައް އަލުން ނަގައިގެން، އެތަކެތީގެ ބައިތައް ރިސައިކަލް ކޮށް، މިކަން ދެމެހެއްޓެނިވި އަދި އެންމެ ރަނގަޅު ގޮތެއްގައި ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ކުޅިވަރު ކުޅެއުޅޭ ޤައުމުތަކުގެ ތެރޭގައި ފިންލޭންޑް ފިޔަވައި އެމެރިކާ، އިނގިރޭސިވިލާތް، ޗެކް ރިޕަބްލިކް، ލިޗްޓެންސްޓައިން، ބެލްޖިއަމް އަދި އޮސްޓްރިޔާ ހިމެނެއެވެ.

ކޮންމެއަކަސް މިއީ ތަފާތު ކުޅިވަރެވެ. ފެންނަ ފެނުމަށް ޝައުގުވެރި ކުޅިވަރެއްވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯނުއެދުރު

    ޙުސް ދޮގު ގަބޫލް ނުކުރެވޭ ތިއަދަދު