ރާއްޖޭގައި ވަރަށް ކާމިޔާބު އަންހެނުން އުޅެއެވެ. އެންމެ ކުޑައިރު ކުރި މަސައްކަތުން ކާމިޔާބަށް ވާސިލްވި އަންހެނުން މަދެއް ނޫނެވެ. މިއީ ވެސް އެ ބުރަ މަސައްކަތުން ކާމިޔާބަށް ވާސިލްވި އަންހެނެކެވެ. އެއީ ރާއްޖޭގެ މިހާރުގެ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. އެންމެ ފާޑު ކިޔުން ބޮޑު އަދި އެންމެ ދަތި މިނިސްޓްރީއާ ހަވާލުވެވަޑައިގެން ކުރައްވަނީ ބުރަ މަސައްކަތެކެވެ. އެކަމަނާ ނަންގަވަން ޖެހޭ ޒިންމާތައް ބޮޑެވެ. އެ ޒިންމާތަކާއެކު ވަރަށް ބުރަކޮށް އެކަމަނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ފިސާރި ކެރިގެންނެވެ.

އައިޝާ މިހާހިސާބަށް އާދެވިފައި ހުރީ ދިރިއުޅުމުގައި ވަރަށް ގިނަ ކަންކަމާ ކުރިމަތިލައްވައިގެންނެވެ. ޅަ އުމުރުގައި އާއިލާ ދުރުގައި ހުންނަވައިގެން ކިޔަވާ ވިދާޅުވުމަކީ ވެސް މިނިސްޓަަރަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުމެކެވެ. ލޯބިވާ މައިންބަފައިންނާ ދުރުގައި ތައުލީމް އުނގެނުމަށް ކުރާ ދަތުރަކީ އެއްވެސް މީހަކަށް ފަސޭހަ ދަތުރަކަށް ނުވެއެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ "ވަގުތު" އަށް އިންޓަވިއު ދެއްވަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ތައުލީމީ ހަޔާތް މައިންބަފައިންނާ، ދުރުގައި!

އައްޑޫ ސިޓީ ހިތަދޫއަށް އުފަން އައިޝާ ގްރޭޑް 10 އާ ހަމައަށް ކިޔަވާ ވިދާޅުވެފައި ވަނީ މާލެ އިންނެވެ. އެކަމަނާގެ މައިންބަފައިންނަކީ ވަރަށް ބޮޑަށް ތައުލީމަށް ބާރު އަޅުއްވާ ބޭފުޅުންކަމުން ވަރަށް ޅަ އުމުރުގައި މާލެއަށް ބަދަލުވެ ވަޑައިގެން އާއިލާ ދުރުގައި ތައުލީމް އުނގެނިވަޑައިގެންނެވިއެވެ.

"އަށް އަހަރު ފުރުނީ މާލޭގައި ހުއްޓާ، މާލެއަށް އައިސް، އޭރު ހުންނަ ގޮތުން މައިންބަފައިންގެ ކޮންމެވެސް މީހެއްގެ ގޭގައި މި ހުންނަނީ، އެގޮތަށް އަޅުގަނޑު އެންމެ ކުޑައިރު ހުރީ މާފަންނު ބައްޕަމެންގެ ވަރަށް ގާތް ރަނގަޅު އާއިލާާއެއް ކައިރީގައި، އެގޭގައި ހުރެ އަމީނިއްޔާއަށް ވަދެ، ގްރޭޑް ފައިވް ނިންމާފައި އަޅުގަނޑު އެހެން ގެއަކަށް ބަދަލުވާން ޖެހުނީ. އޭރުއްސުރެ އަޅުގަނޑު އުޅެ ބޮޑުވީ ހެންވޭރު ގެއެއްގައި. ދެން ގްރޭޑް 10 ނިމި، ރާއްޖެއިން ބޭރަށް މަތީ ތައުލީމް ހާސިލް ކުރަން ފުރައިގެން ދަންވެސް އެގޭގައި އުޅުނީ". މިނިސްޓަރު އައިޝާ ފެއްޓެވިއެވެ.

މިނިސްޓަރު ކުޑައިރު އުޅުއްވި ގޭގެ ބޭފުޅުން

މިނިސްޓަރު ވިދާޅުވީ، މާލެ އައިސް ހުންނެވި ދުވަސްވަރު އެކަމަނާއަށް އެ ދަތުރު ވެގެން ދިޔައީ ވަރަށް ތަޖުރިބާ ބޮޑު ދަތުރަކަށް ކަމަށެވެ. އެގޮތުން މައިންބަފައިންނާ ނުލާ، ސްކޫލަށް ވަޑައިގެން އުޅުއްވި ގޮތަކީ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށާއި، އޭރު ފޯނެއްވެސް ނުހުންނައިރު، މައިންބަފައިންނާއި ވާހަކަދައްކާ އުޅުނީ ސިޓީގެ ޒަރިއްޔާއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބޯޓެއް އެހެން އައީމަ. ކާފައާ ދިމާވީމަ ކާފަ އަތަށް ސިޓީ ދީފައި މަންމަމެންނަށް ފޮނުވާފައި، މަންމަން އެ ސިޓީ އެކޮޅުން ފޮނުވަނީ، އެކަހަލަ ރިލޭޝަންޝިޕެއްގައި އުޅުނީ" މިނިސްޓަރު ވިދާޅުވިއެވެ.

އަދި އޭރު ރަށަށް ވަޑައިގެންވެސް އުޅުއްވީ ދެ އަހަރުން އެއް އަހަރު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރަށަށް ދެވޭ އެ ދުވަސްތަކަކީ އެންމެ އުފާވެރި ދުވަސްތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އައިޝާ މަންމާފުޅާއި، އަދި ބައްޕާފުޅާއެކު

"ޗުއްޓީއަށް ރަށަށް ދާއިރު މި ވާގޮތަކީ ޑިސެމްބަރު މަހުގައި ޗުއްޓީވިޔަސް ކަނޑުމަގުން ދާން މިޖެހެނީ. ދެން އެއިރު ހުންނަ ބޯޓު ފަހަރުގައި ގާތްގަނޑަކަށް ނަގާނެ 10 ދުވަސް 12 ދުވަސް ރަށަށް ދާން، ހުވަނދު އަތޮޅުގައި މަޑުކޮށްލަން ޖެހޭނެ، ތ. އަތޮޅުގައި މަޑުކޮށްލަން ޖެހޭނެ، ލ އަތޮޅަށް މަޑުކޮށްލަން ޖެހޭނެ." މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.

އެގޮތަށް ކުރާ ދަތުރުތައް ދިގުވުމުން ކަނޑުމަތީގައި އެހާ ދުވަސް ނަގަނީއެވެ. އެގޮތަށް ގޮސް ރަށުގައި މަޑުކުރައްވަން އައިޝާ އަށް ލިބިވަޑައިގަންނަވާނީ 10 ވަރަކަށް ދުވަހެވެ. މިނިސްޓަރު އެނބުރި އަނެއްކާވެސް މާލެ ވަޑައިގަންނަވަން ޖެހެއެވެ. އެ ތަކުލީފުގައެވެ. މިނިސްޓަރު ފާހަގަކުރެއްވިގޮތުގައި، އެކަމަނާ އަކީ ކަނޑަށް ބަލި ބޭކަނބަލެއް ނޫނެވެ.

މިނިސްޓަރު ފާހަގަކުރެއްވިގޮތުގައި، އެ ދިރިއުޅުން ސިފަ ކުރެއްވެނީ ވަރަށް "އެޑްވެންޗަރަސް ލައިފް"އެއްގެ ގޮތުގައެވެ. އަދި އެއީ އެކަމަނާއަށް ދިރިއުޅުގައި ގިނަ ހުނަރުތަކެއް ދަސްވެގެވަޑައިގެންނެވި ދަތުރަކަށްވި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެކަމަނާއަށް ވަރަށް ބޮޑަށް ދިވެހި ރާއްޖެވެސް ދަސްވެވަޑައިގެންނެވިކަން ވެސް ފާހަގަކުރެއްވިއެވެ. އެކަން ތަފްސީލްކޮށްދެއްވަމުން ވިދާޅުވީ، އެކަމަނާ ރަށަށް ވަޑައިގަތުމަށާއި، އެނބުރި މާލެ ވަޑައިގަތުމަށް ކުރާ ދަތުރުފުޅުގައި އެއް ރަށުން އަނެއް ރަށަށް ވަޑައިގެންނެވެއެވެ. އަދި އެކި ރަށްރަށު މީހުންނާއި ދިމާވެ ވާހަކަދެކެވެއެވެ.

މިނިސްޓަރ އާއިލާ ބައެއް ބޭފުޅުންނާއެކު

"މިސާލަކަށް ނުވަ އަހަރުގައި މީހުން ފެނުނު ގޮތާއި، އަޅުގަނޑު އުމުރުން 16 އަހަރުގައި ފެންނަ ގޮތާއި ވަރަށް ތަފާތު، އަދި އަޅުގަނޑުމެން މި ރަށްރަށުން ކާފަމެންގެ ރަހުމަތްތެރިންނާއި އަޅުގަނޑުމެންނާއި އުފެދުނު ގުޅުން މިހާރުވެސް އޮވޭ ބައެއް ރަށްރަށުގައި އެ ގުޅުންތައް،" މިނިސްޓަރު ވިދާޅުވިއެވެ.

އޭރު ރަށްރަށުގައި އޮތް އެކުވެރިކަމާއި ބަދަހި ގުޅުމާއި، ރަށްރަށުގެ ރީތިކަންވެސް ބައްލަވާލައްވަން އަދި ތަޖުރިބާ ކޮށްލަން މިކަހަލަ ދަތުރުތަކުގެ ތެރެއިން މިނިސްޓަރަށް ލިބިވަޑައިގެންނެވިއެވެ.

މިނިސްޓަރު މާލޭގައި އުޅުއްވީ ފަސޭހަ ދިރިއުޅުމެއް ނޫން!

އާއްމުކޮށް ބައެއް މީހުން މާލެ އައިސް ވަރަށް ހާލުގައި ދިރިއުޅެން ޖެހިގެން އެ ވާހަކަތައް ވަރަށް ބޮޑަށް ދައްކައެވެ.

އެގޮތަށް މިނިސްޓަރު މާލޭގައި ދިރިއުޅުއްވި ދިރިއުޅުއްވުމަކީ ފަސޭހަ ދިރިއުޅުމެއް ނޫންކަން ވާހަކައިން ދޭހަވެއެވެ. ނަމަވެސް މިނިސްޓަރު އެކަން ވިސްނަވަނީ "ރަނގަޅު"ކަމެއްގެ ގޮތުގައެވެ. މިނިސްޓަރު ވިދާޅުވީ އެއިރު ރާއްޖޭގެ ކޮންމެ ތަނެއްވެސް ތިއްބަސް މަސައްކަތް ކުރާނެ ކަމަށެވެ. އެއިރު ރާއްޖޭގެ ގިނަ ގޭގައި ކުދިން ބޮޑު ކުރަނީ މަސައްކަތްކޮށްގެން ކަން މިނިސްޓަރު ވިދާޅުވިއެވެ.

އައިޝާ ފާހަގަކުރެއްވިގޮތުގައި، އެކަމަނާ އުޅުއްވި ގޭގޭ ބޭފުޅުންނަކީ އެކަމަނާގެ ވަރަށް ގާތް ބައެކެވެ. އަދި ސިފަކުރައްވަނީ އަމިއްލަ އާއިލާ ބައެއްގެ ގޮތުގައި ކަމަށާއި، އެ ދެ ގޭގެ މީހުންނާއި އެކަމަނާއާ ވަރަށް ހާއްސަ ގުޅުމެއް އޮންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފެނުނީމަވެސް އެހާ ގާތްކަން ފާހަގަކުރެވޭ ކަމަށާއި، އެކަމަނާގެ ދަރިންނާ ވެސް އެ މީހުންނާއި ގާތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ސްކޫލްގެ އުޅުނުއިރު ނަގާފައިވާ ފޮޓޯއެއް

މިނިސްޓަރު ވިދާޅުވީ، އެކަމަނާ ފަހުން އުޅުއްވީ ތިން ކޮޓަރި ހުންނަ ގެއެއްގައި ކަމަށެވެ. އަދި އެ ތިން ކޮޓަރީގައި ސްކޫލަށްދާ 40 ކުދިން ތިބޭ ކަމަށް ވިދާޅުވިއެވެ.

"އެ ދިރިއުޅުމުގެ އުނދަގޫ ބައި އަޅުގަނޑު ނަގައިގެން ކިޔައިދެންޏާ އަޅުގަނޑަށް ކިޔައިދެވިދާނެ ވަރަށް ތަފާތުކޮށްވެސް، އެކަމަކު އަޅުގަނޑު ނަގައިގަންނަން ބޭނުންވަނީ އެ ދިރިއުޅުން އަޅުގަނޑު އުޅުނީމާ އަޅުގަނޑު ހަރު މީހަކަށް ވިޔޭ ވަރަށް ޅަ އުމުރެއްގައި ޒިންމާ ނަގާ މީހަކަށް ވިޔޭ، އަޅުގަނޑު ގައިގެ މިއަދު ހުންނަ ވަރަށް ގިނަ ސިފަތަކަކީ އެ ދިރިއުޅުމުން އަޅުގަނޑު އެގޮތަށް އުޅުނީމަ އަޅުގަނޑު ގައިގައި ހުރި ސިފަތަކެކޭ".

މިނިސްޓަރު ވިދާޅުވީ، މިއަދު އެކަމަނާ ބޮޑުކަމެއް އަދި ބުރަކޮށް މަސައްކަތް ކުރައްވަމުންގެންދަވާއިރު، އެކަމަނާއަށް އެހީވުމުގައި އެންމެ ބޮޑަށް އުޅުއްވަނީ މާލެ މަންމަ ގޮތަށް ދެކޭ ބޭފުޅާ ކަމަށެވެ. އަދި އެ އާއިލާއަކީ އިތުރު އާއިލާއެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވިއެވެ.

ސްކޫލް ދައުރުގެ ހަނދާންތަކުގެ ތެރެއިން އެކުވެރިކަމުގެ ވަރުގަދަ ގުޅުމެއް!

މިނިސްޓަރު ގްރޭޑް 10 ނިންމާލީވެސް އަމީނިއްޔާ ސްކޫލުންނެވެ. އޭރު އޮންނަ ގޮތުން އަހަރުން އަހަރު ގްރޭޑްތައް ބަދަލު ވަމުންދާނީ ހުރިހާ މާއްދާއިން ފާސްވެގެންނެވެ. ވަކި މާއްދާތަކުން ފާސް ނުވާނަމަ ރިޕީޓް ކުރަން ޖެހެއެވެ.

"އަޅުގަނޑުމެންނާއެކު ގްރޭޑް1 އިން 2އިން އުޅުނު ބެޗް ތެރެއިން ގޮސް ގްރޭޑް 10 އާ ހަމައަށް އަބަދު ފާސްވެގެން ދިޔަ 16 ވަރަކަށް ކުދިން ގްރޭޑް 10ގައި އަޅުގަނޑުމެންގެ ކްލާހުގައި ތިބީ، އެ ކުދިންނަކީ އަޅުގަނޑުމެންނާއި އެންމެ ގާތް، އެއީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ މީހުން ބައިތިއްބާފައި ދެން ތިބި އެންމެ ގާތް މީހުން". އައިޝާގެ އެކުވެރިންގެ ވާހަކަތައް ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލް ދައުރުގައި އެ މީހުންނާއި އޮތް ގުޅުން އަދިވެސް އޮންނަ ކަމަށެވެ. އަދި ސްކޫލްގައި ހިންގާ އިތުރު ހަރަާކާތްތަކުގައިވެސް އުޅެނީ އެންމެން އެއްކޮށް ކަހަލަ ގޮތަކަށް ކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ބައެއް ޔުނީފޯމް ބޮޑީސް އެކްޓިވިޓީސް އާއި އޭރު އިތުރު ހަރަކާތްތަކުގެ ގޮތުގައި ލިޓެރެސީ ފަދަ ހަރަކާތްތައް އޮންނަ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އާ ސްކޫލުން ދިމާވި ރައްޓެހިން އަދިވެސް އެގޮތުގައި

ސްކޫލްގައި އުޅުއްވި އިރު ނުވަ މާއްދާ ކިޔަވަންވެސް ޖެހިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ. އަދި ސްކޫލް ދައުރުގައި ވަރަށް ގޯސް ކަންކަން ވެސް ކުރެއްވިފައި ހުންނާނެކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެކަމަނާއަށް ސްކޫލުން ތައުލީމްގެ އިތުރަށް، ޔުނިވާސިޓީއަށް ވެންނެވުމަށް ވަރަށް ގިނަ ކަންކަން އިތުރަށް ދަސްވެގެން ދިޔަ ކަމަށެވެ.

ހަ ކުއްޖަކާ އެކުގައި ބެެއިރޫތަށް ކިޔަވަން!

މިނިސްޓަރާ އެކުގައި ރަހުމަތްތެރިންގެ ގުޅުން ވަރުގަދަ ވެެގެން ދިޔައީ ސްކޮލާޝިޕް ލިބި ހަ ދަރިވަރަކު އެކުގައި ބެއިރޫތަށް ކިޔަވަން ބަދަލުވުމުންނެވެ. އެއީ މިނިސްޓަރ ސިފަކުރެއްވި ގޮތުގައި ނަސީބެކެވެ.

"އެއީ އަޅުގަނޑުމެންނަށް އެކުވެރިކަން ބަދަހި ކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް، ދެން އަޅުގަނޑު ކްލާހުން ބައެއް ކުދިން ދިޔައީ އޮސްޓްރޭލިއާ އިންޑިއާއަށް ބައެއް ކުދިން މާލޭގައި ވަޒީފައި".

މިނިސްޓަރު ވިދާޅުވީ، އެބޭފުޅުން އެނބުރި ވަޑައިގެންނެވިއިރު، ވަޒީފާ ލިބުނު ދާއިރާގެ ގޮތުން ވެސް ކްލާހުގައި އެކުގައި ކިޔެވި ވަރަށް ކުދިންނާއެކު މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ބެލެނެވެރިންނަށް ވެގެން އުޅުނު އިރު، ކުދިންނާއެކު، އެ ބެލެނެވެރިންގެ ގޮތުގައި އެ ކްލާސްތަކުގައި އުޅުމުންވެސް ގުޅުން ވަރުގަދަވެގެން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އައިޝާ އާއި ހުސްނާ ރާޒީ

"އަޅުގަނޑުމެން މައިންބަފައިންނަށް ވެގެން އުޅުނު އިރު، ވަރަށް އުނދަގޫ އެ ގުޅުން ދަމަހައްޓަން، އެއީ އެ ވަގުތު އަޅުގަނޑުމެންނަށް ވަޒީފާ އަދާކުރަމުން، މައިންބަފައިންގެ ރޯލް އަދާ ކުރަމުން، ނަމަވެސް އަޅުގަނޑުމެން ދަރިން ބޮޑުވުމަށްފަހު އަޅުގަނޑުމެން އެފޯޓެއް ލި އެ ގާތްކަން އަނެއްކާވެސް ދަމަަހައްޓަން".

އެގޮތުން އެކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމާއި، އެކި ކަންކަމުގައި އެކުގައި ޝާމިލްވެ އުޅޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވައިބާ ވަޓްސްްއެޕް އައުމުން، ވަރަށް ބޮޑަށް ގުޅުން ދަމަހައްޓާ ހަދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވިއިރު، ސްކޫލް ނިމުނުއިރު، އެއްކޮށް ކިޔަވާ ވިދާޅުވި، 15 ވަރަކަަށް ބޭފުޅުންނަކީ ސަރުކާރުގައި އާއި ދުނިޔޭގެ އެކި ތަންތަންގައި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ސިޔާސީ، ތައުލީ، ސިއްހީ ދައިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނެއެވެ.

މިނިސްޓަރާއި ކުޑައިރުގެ ރަހުމަތްތެރިންނާއެކު ފަހުން ނެގި ފޮޓޯއެއް

ތައުލީމީ ދާއިރާއާ، މީހުން ބިނާ ކުރުމުގައި މިވަރެއް ނެތް!

މިނިސްޓަރު ފުރަތަމަ ޑިގްރީ ހެއްދެވީ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތްގައެވެ. އެއީ ސައިކޮލޮޖީ ދާއިރާއިންނެވެ. އަދި މިނިސްޓަރު ވަނީ ސައިންސް މާއްދާއިން ޓީޗިންގ ޑިޕްލޮމާވެސް ހައްދަވައިފައެވެ. މާސްޓާސް ހެއްދެވީ ޔުނިވާސިޓީ އޮފް ލަންޑަންގައެވެ. އެއީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ދާއިރާއިންނެވެ.

ޖެންޑާ މިނިސްޓަރ އައިޝާ ހަޔާތުގެ ގިނަ ކަންކަން ހިއްސާ ކުރެއްވި - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެހެންކަމުން މިނިސްޓަރު ބޮޑަށް ހާއްސަވެވަޑައިގެންފައި ވަނީ ތައުލީމީ ދާއިރާއަށެވެ. މިނިސްޓަރު ވަނީ ތައުލީ ދާއިރާގައި ވަރަށް ގިނަ ދުވަސްވަންދެން މަސައްކަތް ކުރައްވާފައެވެ.

އެގޮތުން މިނިސްޓަރު ވަނީ ވިލާ ކޮލެޖްގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ އިތުރުން، ވިލޭ ކޮލެޖްގެ ކޮލެޓީ އެސުއަރެންސްގެ މަސައްކަތްތަކުގަ އާއި ޕްރޮގްރާމް ޑެވެލޮޕްމެންޓް މަސައްކަތްތަކުގައި އުޅުއްވިއެވެ.

މިނިސްޓަރ އެމެރިކަން ޔުނިވާސިޓީން ކިޔަވާ ވިދާޅުވިއިރު ނަގާފައިވާ ގްރޫޕް ފޮޓޯއެއް

އެންމެ ފުރަތަމަ މިނިސްޓަރު ކިޔަވާދެއްވަން ފެއްޓެވީ 1983 ވަނަ އަހަރުއެވެ. އެއީ މަޖީދިއްޔާ ސްކޫލްގެ ގްރޭޑް ހައެއް އަދި ހަތަކަށެވެ. އޭގެ ފަހުން ގްރޭޑް އަށަކަށްވެސް ކިޔަވާ ދެއްވިއެވެ. އަދި އެޑިއުކޭޝަން ޑެވެލޮޕްމެންޓް ސެންޓަރު (އީޑީސީ)ގައި ގައުމީ މުގައްރަރް އުފެއްދުމުގައިވެސް މިނިސްޓަރުގެ ބައިވެރިވުން އޮތެވެ. މިނިސްޓަރު އެންމެ ގިނައިން މަސައްކަތުގައި އުޅުއްވީ އެތަނުގައިކަން ފާހަގަކުރެއްވިއެވެ. އެގޮތުން 11 އަހަރު ވަންދެން އެކަމަނާ އެތަނުގައި މަސައްކަތް ކުރެއްވިއެވެ.

"ސައިންސް އެންޑް ސޯޝަލް ސްޓަޑީސްފޮތްތައް ލިޔެ ކަރިކިއުލަމްގެ ހުރިހާ މަސައްކަތްތަކެއް ކޮށް، އަދި ފިޝަރީޒް ސައިންސް އެ މާއްދާ އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފްކުރަން އެ ކުރި މަސައްކަތުގައި ވަރަށް ބޮޑަށް ބައިވެރިވެވުނު، އެއީ އީޑީސީގައި އަޅުގަނޑު އަދާ ކުރި ވަޒީފާއެއްގެ ގޮތުން".

އީޑީސީގައި މަސައްކަތް ކުރެއްވުމަށް ފަހު މާސްޓާސް ހާސިލް ކުރައްވައިގެން، މިނިސްޓަރު ފަހުން މަސައްކަތް ކުރެއްވީ އިންސްޓިޓުޓް އޮފް އެޑިއުކޭޝަން (އައިޓީ) އަށެވެ. އެތަނުގެ ދަށުން އައްޑޫ އާއި ފުވައްމުލަކުގެ 14 ސްކޫލެއްގެ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާފައި ވެއެވެ. އެއީ 1993 އިން 1997 އަށެެވެ.

މިނިސްޓަރ އައިޝާ އޮފީސް މަސައްކަތުގައި

ސިޔާސީ ދާއިރާއަށް ވަނުން!

މިހާރު އެންމެ ބޮޑަށް ފާޑުކިޔުންތައް އަމަާޒުވެފައިވާ މިނިސްޓްރީއާ އައިޝާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ވަނީ އެ މިނިސްޓްރީގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައިސް މައުމޫންގެ ވެރިކަމުގައި ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ޔުނިޓްގެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި ޔުނިސެފްގައި މަސައްކަތް ކުރެއްވުމަށްފަހު، ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ޖެންޑާ މިނިސްޓަރު ކަން ކުރެއްވިއެވެ.

"ކުއްލިއަކަށް ރައީސް އޮފީހުން ގުޅާފައި ވިދާޅުވީ، ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ޔުނިޓާއި ހަވާލުވެވިދާނެހޭ، އެދުވަހު އަޅުގަނޑު ހިތަށް އެރި ކީއްވެގެންބާއޭ ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ޔުނިޓާއި އަޅުގަނޑު ހަވާލުވާން ޖެހުނީ، މުޅިން ތަފާތު ދާއިރާއެއް ނޫންހޭ، އެކަމަކު ސައިކޮލޮޖީ ބެގްރައުންޑް ހުރެފައި، ކޮންމެވެސް ވަރަށް ކައުންސިލިންގައި މަސައްކަތް ކޮށްފައި ހުރީމަ ކަމަަށް އަޅުގަނޑަށް ގަބޫލު ކުރަނީ"، ތައުލީމް ދާއިރާއިން، ކުޑަކުދިންގެ ހައްގުތަކާއި އަންހެނުންގެ ހައްގުތަކުގެ ދާއިރާއަށް ބަދަލުވެވަޑައިގެންނެވި މިނިސްޓަރު ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓަރ އައިޝާ

މިނިސްޓަރު ވިދާޅުވީ، އެކަަމަނާ އަށް ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކަންތައްތަކުގައި އުޅެވެން ފެށީ އެހިސާބުން ކަމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރައްވަމުން ދަނިކޮށް ޔުނިސެފުން ވަޒީފާ ލިބިވަޑައިގެން އެތަނުގެ ވަޒީފާގައި ހުންނެވި ކަމަށް ވިދާޅުވިއެވެ. ޔުނިސެފްގައި މިނިސްޓަރު ހަ ވަރަކަށް އަހަރު ހޭދަކުރެއްވިއެވެ. އަދި އެތަނުގައި ހަ އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށްފަހު 2005 ވަނަ އަހަރު އެނބުރި ސަރުކާރަށް ވަޑައިގެންނެވީ ޖެންޑާ މިނިސްޓަރު ކަަމަށެވެ.

2005 އިން 2008 ވަނަ އަހަރު މިނިސްޓަރުކަން ކުރެއްވި އައިޝާ ވިދާޅުވީ، އެއިރު އެކަމަނާ އެ މަގާމުގައި ހުންނަވައިގެން އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް ލާމަރުކަޒު ކުރެވުނުކަމަށެވެ. އެގޮތުން ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރެއް ގާއިމް ކުރެވި، އެތަނަށް ސޯޝަލް ސާވިސް ދާއިރާއިންނާއި ކައުންސިލިން ބިނާކޮށް، މަގާމްތައްވެސް އުފެއްދެވި ކަަމަށް ވިދާޅުވިއެވެ.

މިނިސްޓްރީ ވަރަށް ބަދަލުވެއްޖެ، ދާއިރާގައި ފަންނީ މަދު!

މިނިސްޓަރު ވިދާޅުވީ، އޭރާ ބަލާފައި މިހާރު މިނިސްޓްރީ ތެރޭގައި މަސައްކަތްތައް ބުރަވެއްޖެ ކަމަށެވެ. އެގޮތުން މިހާރު އަބަދުވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވަނީ އެމާޖެންސީ މޯޑެއްގައި ކަމަށް ވިދާޅުވިއެވެ.

"ލާޖާ ޕިކްޗާއަށް ފޯކަސްކޮށްގެން އެ ދިމާއަށް ދިއުމަށް ޗެލެންޖެއް އެބަ އޮވޭ، އަޅުގަނޑުމެން އެ ލާޖާ ޕިކްޗާއަށް އެ ކުރަން ޖެހޭ، އަދި ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތަކާއި ކަންކަން، އަދި ސިސްޓަމް ގާއިމްކޮށްގެން ކުރަން ޖެހޭ ކަންކަން ކުރުން، އަޅުގަނޑުގެ މަގްސަދަކަށްވަނީ ރަނގަޅު އިޖްތިމާއީ ރައްކާތެރިކުމުރުގެ ނިޒާމެއް ލާމަރުކަޒު ވެފައި އޮތުން،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިހާރު މިނިސްޓްރީގެ ދަށުގައި ތަފާތު ގިނަ ޒިންމާތަކެއް ހުރި ކަންވެސް ފާަހަގަކުރެއްވިއެެވެ. އޭގެ ތެރޭގައި، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ، ޑިސޭބިލިޓީ ޑިވިޝަން، ޖެންޑާ ޑިޕާޓްމެންޓް، ޗައިލްޑް އެންޑް ފެމެލީޕްރޮޓެކްޝަން ސާވިސް، އެލްޑާލީ ޑިވިޝަން، އެންސްޕާ އަދި އަތޮޅު ތެރޭގެ ސެންޓަރުތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނާއި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ހިމެނެއެވެ.

ވަޒީފާގެ ފުރަތަމަ ދުވަހު މިނިސްޓަރ އައިޝާފިޔަވައްޗަށް ވަޑައިގަތުން

"މި ތަންތަނަކީ ކޮންމެ ދުވަހަކު ރައްޔިތުންނާއި ގުޅޭ ވަރަށް ގިނަ ހާދިސާތައް ހިނގާ ތަންތަން. އެހެންވީމަ، އަޅުގަނޑު ހެނދުނުން ފައްޓައިގެން ގޮސް ބައެއް ދުވަސް ދުވަހު މިފަދަ ހާދިސާތަކުގައި މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ގާނޫނުގެ ހަމަތަކުގެ ތެރެއިން ހުރިކަންކަން އެޝުއާކޮށް، މީހުންގެ ހައްގެއް އުނި ނުވާ ގޮތަށް މަސައްކަތް ކުރުމަށް ސްޓާފުންނަށް ހިތްވަރުދީ، ހަދަން ޖެހޭ. އަމިއްލައަށް އެހާ ބޮޑަށް އެފަދަ ކަންކަން ބަލަން ޖެހޭ ސަބަބަކީ މިނިސްޓްރީގައި އެ ދާއިރާތަކުގެ ފަންނީ މީހުން މަދު ކަމުން".

ވަރަށް ސިމްޕަލް ދިރިއުޅުމެއް، ކުދިންވެސް އެ ގޮތް!

މިނިސްޓަރު ކައިވެނި ބައްލަވައިގަތީ އެކަމަނާ މާލޭގައި ކިޔަވަން އުޅުއްވިއިރު، އެގޭގައި އުޅުނު ބޭފުޅެއް ކަމަށްވާ އިބްރާހިމް ޒާހިރު އާއެވެ. އެ ކައިވެންޏަށް މިހާރު 37 އަހަރު ވެއްޖެއެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައި ވެއެވެ.

މިނިސްޓަރ އައިޝާ ފިރިކަލުންނާއެކު

މިނިސްޓަރު ވިދާޅުވީ، އެކަމަނާ އަކީ ވަރަށް އާދައިގެ ދިރިއުޅުމެއްގައި އުޅުއްވަމުން ގެންދަވާ ބޭކަނބަލެއް ކަމަށެވެ. އެގޮތުން އަދިވެސް އުޅެނީ ކުއްޔަށް ކަމަށާއި، އަމިއްލަ ގެއެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަނާގެ ދެ ކުދިންވެސް އުޅެނީ ވަރަށް އާދައިގެ ދިރިއުޅުމެއްގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ބާޒާރު ކުރާނީ އަމިއްލައަށް، އާދައިގެ މީހެއް އުޅޭހެން އުޅޭނީ".

މިނިސްޓަރު ވިދާޅުވަނީ އަދިވެސް އެކަމަނާ ދިރިއުޅުން ކުރިއަށް ގެންދަވަން ބޭނުންފުޅުވަނީ އާދައިގެ ދިރިއުޅުމެއްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ޢަލި

  ތީ އެއްކަމެއްވެސް ވާ މީހެއްނޫން...

  21
  27
  • ޙަސަން

   ޙަސަދަ ވެރިކަން އެއީ ވިހަގަދަ ބައްޔެއް

   17
   7
 2. ނަމަކުން ކީއްކުރާނީ

  މިނިސްޓަރަށް އަބަދުވެސް ކާމިޔާބީ އަށް އެދެން. ނަމަވެސް އަޅުގަނޑުމެން ފޯރސްޓަރ ބޭބީ އަކަށް ފޯމް ލައިގެން އެއް އަހަރު ވަނީ . ޚަބަރެއް ނުވޭ . ފޯނު ނަގަނީކީ ނޫން . ކުޑަމިނުން ރަނގަޅެއް ނޫންތޯ ބޭބީ އެއް ލިބޭނެ ތޯ ވެސް ނުލިބޭނެ ތޯ ވެސް އަންގާލަން . 😔

  20
  8
 3. Anonymous

  މިނިސްޓަރ އައިޝާ އަކީ ވަރަށް ހިތްހެޔޮ، ގާބިލް ބޭކަނބަލެއް. އަބަދުވެސް ކާމިޔާބީއަށް އެދެން.

  20
  11
  • އ.އ.ޒ

   ކިހިނެއް ވާ ކާމިޔާބެއް. ރައީސް މައުމޫނު އިރުވެސް ތިމިނިސްޓްރީއާއި ހަވާލުވެގެން ވީ ބޮޑުތަކުން ފެއިލް. ދެން ރައީސް ނަޝީދު ސަރުކާރުގަ އިސްލާހުކުރީ. މިހާރުފެންނަނީ އަނެއްކާ އެތަން ފެއިލްކޮށްލިތަން. ކޮންމެ މަހަކު އެއްފަހަރު ކުޑަކުދިންގެ ހިޔާގަ ބޮޑު ހާދިސާއެއް ހިނގާ. މިނިސްޓަރުގެ ބެލުމުގަ ހުރި ތަންތަން ބެލެނީކީނޫން.

   3
   6
 4. އަރްވާބިންތިހާރބް

  ސޯލްމޭޓުންނަށް ބިންމަތީގަ ދިމާވެވޭނީ ތިމަންނަގެ ހުއްދަހޯދައިގެންނޭ ދިމާވެގެން ދައްކާ ހުރިހާ ވާހަކައެއް ތިމަންނައަށް އަންގަންޖެހޭނެއޭ ކިޔާގެން އުޅޭ އިންސާނާއަށް.

  5
  1
 5. ސަރުކާރުގެ ޑޯލް

  މިނިސްޓަރ ކުރިން އުޅުނު ދިރިއުޅުން އަަހަރެމެންނަށް މުހިންމެއް ނޫން .
  މުހިންމީ މިހާެރު ދަށްކާ ހިއްވަރު.
  މިހާރު ފެންނަނީ ސަރުކާރާ ބައިވެރި ވެގެން ރޭޕްކޭސްތަކާ ގެވެށި އަނިޔާގެ ކޭސްތައް ފޮރުވާ މަންޒަރު .

  20
  2
 6. އަޙްމަދު

  ވަރަށް ހިތްތިރި ބޭފުޅެއް. ބުރަކޮށް މަސައްކަތް ކުރައްވާ ، ކުރައްވާ ކަންތައްތައް ފަރުވާތެރި ކަމާއެކު ކުރައްވާ ކާމިޔާބަށް ވާޞިލްވުމުގެ ޢަޒުމުގައި ހުންނަވާ ބޭފުޅެއް،

  13
  10
 7. ފިޔަވަޅު

  މީނަ ވީމަ ކީއްވެތަ އޮކޭ ވަނީ .
  ޝިދާތާ ވީމަ ދިވެހިންނަށް ގެއަށް ވެސް ނުވަދެވެ .
  މަތި ފަޑި މީހަރު ކޮންމެ ފަދަ ކުށެއް ކުރިޔަސް ޖެންޑަ އަކަށް ނުފެނެ

  14
  2
 8. ފިޔަވަޅު

  ކޮން ކަމެއް ރަނގަޅު ވެގެންތަ މި އުޅެނީ

  14
  • ފިޔަވަޅު

   ގޯސްވީ އަލީ ވަހީދާއި ދެކޮޅަށް ފިޔަވަޅު އެޅުން

   6
   4
   • އަޖައިބު

    ގޯސްވީ އެއްވެސް ބެލުމެއްނެތި ތަހުގީގު ކުރިމެއްވެސް ނެތި މަދުބައެއް ބުނި އެއްޗަކަށް ބިނާކޮށް މީހެއްގެ ޒަމާންދުއްވާލީމަ. ކަމަނާ ޒިނަމާދާރު ވިނަމަ މިއަދު ގައުމުގެ ހާލަތު މިހާ ގޯސް ނުވިސް. ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިޔަސް ﷲ ކުޅަދުންވަންތައީ، އެކަމެއްގެ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ.

 9. ޖާބިރު

  "ޖެންޑާ މިނިސްޓަރު އައިޝާ، ކާމިޔާބަށް ވާސިލްވީ ހިތްވަރާއި ކެރުމުން!" ނޭ އޮތަކަސް ކާކު ޤަބޫލުކުރާނީ..

  އަސްލަކީ ޖެންޑަރ މިނިސްޓަރަކީ ބްރިގޭޑިއަރ ދީދީ ގެ ކޮއްކޮ..
  ބުރިގޭޑިއަރު އެއް އިރެއްގަ މާ އަނގަފަޅައިގެން އުޅުނީ މިހެންވެގެން.. މިކަން ނުވެގެން..
  ފުރަތަމަ ދިނީ އިންޑިޔާގެ އެމްބެސިޑަރުކަން ނަމަވެސް މަޖިލީހުން ރުހުން ދިން ދުވަހު އަލުން މިނިސްޓަރަކަމުގެ މަޤާމު ދިނީ..
  ކޮން ޕީއާރެއް ޖައްސާކަށް..
  ނިކަން ކެރެންޏާ ޖަހާލަބަލަ މިކޮމެންޓު

  10
  4
 10. ހައްމާދު

  މިއީ ފެއިލްވެފަ ހުރި މިނިސްޓަރެއް. ހުށަހެޅޭ މައްސަލަތައް ބެލެނީނޫން. ކުޑަކުދިންގެ ހިޔާ ބޮއްސުންލާފަ. އެތަން ހިންގެނީކީ ނޫން. މިނިސްޓަރު ކޮންމެވެސް އާއިލާ ކަމެއްގަ ރަށުން ބޭރުގަ. މިނިސްޓްރީއަށް ބަރާބަރަށް ދަނީކީނޫން.

  10
 11. ޝުޖާއު އިސްމާއިލް

  އަހަރެއްވީ ގެވެށި ގުޅުން، ގެވެށި އަނިޔާ ކެމްޕޭނެއް ލޯންޗުކޮށްގެން އުޅޭތާ. ސަރުކާރުގެ ހުރިހާ ލިޔެކިޔުމެއްގެ ގެވެށި އަނިޔާ ހުއްޓުވާނަން ލޯގޯ ޖަހައިގެން، ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްގެ ގެވެށި އަނިޔާގެ މައްސަލަ ފެންމަތިވީމަ ތި އައިޝާދީދީ އިންނަވާ ޖެންޑާ މިނިސްޓްރީއަށް ބެލުނީކީ ނޫން. ދެއްކީ ހުސް އާޓު. ތިތަނަށް މައްސަލައެއް ހުށަހަށައިގެން ދުވަހަކު ބެލުނުކަމަކަށް ނުވޭ. 1412 އަށް ގުޅާގުޅާ ދުވަހަކުވެސް ފޯނު ނުނަގާ. ދެން ކޮން ކާމިޔާބެއްގެ ވާހަކަ. ރަނގަޅު، ހުރިހާ ކާމިޔާބެއް އައިޝާއަށް ލިބެއެއްނު ރައްޔިތުންނަށް ހިދުމަތެއް ނުދެވުުނަސް. ހިހޫތަނުން ކައިގެން މިނިސްޓަރުކަމުގެ ގޮނޑި ހޫނުކުރަން ލިބުމަކީ ކާމިޔާބެއްނު.

 12. އަހުމަދު އަދީލް

  އައިޝާދީދީ ޖެންޑާ މިނިސްޓަރަކަށް ވެގެން ހޯދި ކާމިޔާބީތައް
  1. މިނިސްޓްރީއަށް ގުޅީމަ ފޯނު ނަގަނީކީނޫން. 1412 ނަންބަރު ނަމެއްގަ.
  2. ހުށައަޅާ ސިޓީއަށް ދުވަހަކު ޖަވާބެއްނުލިބޭ.
  3. މައްސަލައެއް ރިޕޯޓުކުރީމަ ބަހަބަރު. އިންސާފުލިބެނީ ފުލުހާ، ޕީޖީއާއި ކޯޓުތަކުން. ތިޖެންޑާ މިނިސްޓަރަކަށް ވާކަމެއް ނޯވޭ،
  4. ކުޑަކުދިންގެ ހިޔާ އިތުރަށް ގޯސްވީ، އެތަން ދެފަހަރު ރޯވެއްޖެ. ކުދިން ޖިނާއީ އެކި ބިރުތަކަށް ހުށަހެޅުން.
  5. ނަމެއްގަ އަތޮޅުތެރެއަށް ކުދިންތަކެއް ފޮނުވައިގެން އިތުރު ކުޑަކުދިންގެ ހިޔާތަކެއް އުފަންކުރުން.
  6. ގެވެށި އަނިޔާ ކެމްޕޭނު ލޯންޗުކުރިއަސް ގެވެށިއަނިޔާގެ މައްސަލަތައް ވަޅުޖެހިފަ. މަޖިލިސް މެންބަރަކަށް ތުހުމަތުކުރެވުނީމަ ތިޖެންޑާ މިނިސްޓްރީއަށް ކުރެވުނުކަމެއްނެތް.
  7. ނެޝިނަލް ޑްރަގް އެޖެންސީ ފޭލިކޮށްލުން.

 13. ކަޑަ

  ވަރަށް ހާލުގަކަން އެނގޭނެ އައްޑޫ ރައްޔިތުން ކާރި އަހާލީމަ. އައިޟަތު މުހައްމަދު ދީދީ. މި ޖެނެރޭޟަން ގެ ކުދިންނަށް ތި ބޭފުޅާ ނޭގިދާނެ.

  3
  1
 14. އައިސާ ދިޔެ

  މީހުސްދޮގުހަދާ މީހެއް.ކުފޫ ހަމަނުވާ ވަޒީރެއް.

  3
  2
 15. ލަތީފާ

  އަހަރެން ޖެންޑާ މިނިސްޓްރީއަށް މައްސަލައެއް ރިޕޯޓުކޮށްގެން ގުޅާގުޅާ ވަރުބަލިވިއިރުވެސް ބެލުނީކީ ނޫން. ވަރަށް ދެރަވަރު. ރައްޔިތުންނަށް ކަމެއް ތިތަނުން ނުވިޔަސް އައިޝާ މުހައްމަދު ދީދީ މިނިސްޓަރުކަމުގަ ދެމިހުރުވުމަކީ ބޮޑު ކާމިޔާބެއްނު؟ މިއީ ދެރަވަރު ކަންކަން. މިނިސްޓްރީ ނުހިންގެންޔާ އިސްތިއުފާ ދެއްވީމަ ރައްޔިތުންނަށް ފައިދާވާނީ.

 16. ތެރީ

  ސްޓޭޓް ކެއަރ ގަތިބޭ ކުދިން ހަލާކުރާ މީހާ...މީނަ ދުރު ކުރޭ!

 17. މީނު

  ކޮރަޕްޓު މީޚާ 😡

 18. ޖިލޫ

  މިއީ ފެއިލްވެފަ ހުރި މިނިސްޓަރެއް. ހުށަހެޅޭ މައްސަލަތައް ބެލެނީއަކީނޫން.

 19. މަރުޖާން

  މިނިސްޓަރުގެ ކާމިޔާބީ އެއޮތީ ފެންނަން ކުޑަކުދިންގެ ހިޔާއިން. ޕްލީޒް ރިޒައިން.

 20. އައިކިޒް (ސައުތު)

  ތިތަނަށް މައްސަލައެއް ލީމަ ނުބަލާ އޮވެ ދަބަރުޖެހުން ނޫންކަމެއް ނުވޭ. ޖެންޑާ މިނިސްޓްރީ އޮތީ ފެއިލްވެފަ. ޕްރީޒް ރިޒައިން.

 21. Anonymous

  ޖެންޑާ މިނިސްޓްރީ އޮތީ ފެއިލްވެފަ. ރައީސް އިބޫ ރައްޔިތުންގެ މަސްލަހަތު އިސްކުރައްވާނަމަ އައިޝަތު މުހައްމަދު ދީދީ މަގާމުން ވަކިކޮށްދެއްވުން އެދެން.

 22. ނިލޫ

  މިނިސްޓަރުގެ ކާމިޔާބީ އެއޮތީ ފެންނަން ކުޑަކުދިންގެ ހިޔާއިން. ކިތައް ކުދިން މުޖްތަމައަށްއަބުރާ ނެޜެވުނުބާ! ހައިރާން.

  3
  1
 23. ބޭނުމެއްނޫން

  ސަރުކާރުން ހަރަދުކުރާތީ ސަރުކާރުގެ މަތި އޮމާން ކުރާން ލެއްވިހާ ދޮގެއް ހަދައިގެން މިކަހަލަ ފެއިލިޔަރސް ހީރޯއިންކަމަށް ދައްކަން އުޅުނަސް ތިކަމެއް ހާސިލެއް ނުވާނެ ' ރޭޕް އިންތިހާ ' ގެވެށި އަނިޔާ އިންތިހާ ކޮންކަމެއް މި މިނިސްޓަރަށް ބެލެނީ ،ކޮން ފިޔަވަޅެއް އެޅުނީ ރައްޔިތުން ހަނާވަނީ މި މީހުން ބޮޑު މުސާރަ ނަގައިގެން ދިދަޖެހި ކާރުގައި އަޗާ ތެޅުން ނޫން ކަމެއް ނެތް. މިހާރުން މިހާރަށް އިސްތިއުފާދެއްވުމަށް ގޮވާލަން . އިސަގެ މައްސަލައިގައި އަދި ޗުއްޕުވެސް ނުބުނެވޭ،