ބިލިއަނަރު ބިލް ގޭޓްސް އާއި މެލިންޑާގެ ކައިވެނި ރޫޅާލަން ނިންމިކަން އިއުލާން ކުރުމާއިއެކު ގިނަ ބަޔަކު އަންނަނީ ބިލް ގޭޓްސްއަށް މެސެޖުކުރަމުންނެވެ.

ބިލް ގޭޓްސް އާއި މެލިންޑާގެ 27 އަހަރު ދުވަސްވީ ކައިވެނި ރޫޅާކަން ނިންމާ އިއުލާން ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ވަރީގެ މައްސަލަ ވޮޝިންޓަންގެ ކިންގް ކައުންޓީ ކޯޓަށް ހޯމަ ދުވަހު މެލިންޑާ ވަނީ ހުށަހަޅާފައެވެ. ބިލް ގޭޓްސް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ވަރިވަނީ އިތުރަށް ދެމަފިރިންގެ ގޮތުގައި ދިރިއުޅުން ކުރިޔަށް ގެންދެވެން ނެތުމުން ކަމަށެވެ.

ބިލް ގޭޓްސްއަށް ތާއީދު ކުރާ މީހުންނާއި މީސް މީޑިއާ ބޮޑެތި ޕްލެޓްފޯމް ތަކުގައި އުޅޭ މީހުންނަށް މި ހަބަރު ވެގެން ދިޔައީ ސިހުން ގެނުވި ކަމަކަށެވެ. އެންމެންނަށް ވެސް ގަބޫލު ކުރެވިފައިވަނީ މި ދެމަފިރިންނަކީ ނުހަނު ލޯބިން އުޅޭ ބަޔަކަށް ވެފައި ދުވަހެއްގައި މިފަދަ ގޮތަކަށް ވަކިވާން ނުނިންމާނެ ކަމަށެވެ.

ޓްވިޓާ އާއި އިންސްޓަގްރާމް ބޭނުންކުރާ ގިނަ ބަޔަކު މިހާރު ދަނީ ބިލް ގޭޓްސްއަށް މެސެޖު ކުރަމުންނެވެ. މައިކްރޮސޮފްޓްގެ ނަން ބޭނުންކޮށްގެން ޖޯކް މެސެޖުތަކާއި ޕިކްއަޕް ލައިންސް ބަޔެއް ފަރާތްތަކުން ދަނީ ބިލްގޭޓްސްއަށް ފޮނުވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބިލް ގޭޓްސް ސިންގަލް ވުން ވެގެން ދިޔައީ އެއްބަޔަކަށް އީދެއް އައި ފަދަ ކަމަކަށެވެ. މީސް މީޑިއާއަށް ބަލައިފިނަމަ ގިނަ މީމްތައް ގުޅުވާފައި ހުންނަނީ ބިލް ގޭޓްސް އާއި މެލިންޑާގެ ކައިވެނި ރޫޅުމާއެވެ.

ބައެއް މީހުންގެ މެސެޖުތަކުގައި އާއިލާގެ ކުދިން ހުސްކޮށް ތިބި ކަމަށާއި، އެ ކުދިންނަކީ ކެއްކުމަށް މޮޅު ގެވެހި ކުދިން ކަމަށް ބުނެފައިވެއެވެ.