ފިރުޝާން ނަސީމަކީ ކުޑައިރު ވެސް ވަރަށް ހަލަނި ކުއްޖެކެވެ. އޭނާ ބޭނުން ކޮންމެ ކަމެއް ރޮއި ކުސްތަޅައިގެން މަންމަ އާއި ބައްޕަގެ ރުހުން ހޯދައިގެން ކުރެއެވެ. ދަރިފުޅަށް އުމުރުން 6 އަހަރު ވީއިރު ކޮންޕިއުޓަރާއި އައިޕެޑް ފަދަ އަގުބޮޑު ތަކެތި ގަނެދޭން ފަށައިފިއެވެ. އަދި ސާރާ ގެންގުޅޭ ފޯނު ސާރާއަތުގައި ނެތް ހުރިހާ ވަގުތަކު އޮންނަނީ ފިރުޝާން އަތުގައެވެ. އޭނާގެ ކަމަކީ ޔޫޓިއުބަށް ވަނުމެވެ. ކުޑަކުދިން ބަލަން ނުވާ ޒާތުގެ މަންޒަރާއި އަޑު އޭނާ ދިޔައީ އަޑު އަހަމުންނެވެ. ސާރާއަށް އެފަދަތަނެއް ފެންނަ ފަހަރަކު ފޯނު އަތުލައި ފިނަމަ ފިރުޝާން ރޯ ވަރުން އަލުން އަނެއްކާ ފޯން ދެއެވެ.

ފިރުޝާންގެ ބައްޕަ އަޙުމަދު ފާއިޒް ނަސީމަކީ ގެސްޓް ހައުސެއް ހިންގާ މީހެކެވެ. ވިޔަފާރީގައި ކާމިޔާބު މީހަކަށް ވިޔަސް ކޮންމެ ކަމެއް ވަރިހަމަ އުސޫލު ހުންނަ މީހެކެވެ. އަދި ފޮނި ބޮޑު މީހެކެވެ. ކޮފީ މޭޒުތަކުގައި ވެސް އޭނާގެ އާއިލާގެ މޮޅު ކަމާއި މުއްސަނދި ކަމުގެ ވާހަކަ ދައްކަނީ ފަޚުރު ވެރިކަމާ އެކުގައެވެ.

ފާއިޒުގެ އަންހެނުން ސާރާ ޢަލީ އަކީ މާލޭގެ ވަރުގަދަ އާއިލާއަކަށް ނިސްބަތްވާ ޒަމާނީ ދިރިއުޅުމަށް ލޯބި ކުރާ އަންހެނެކެވެ. އޭނާގެ ރައްޓެހިންނާ އެކު އުފާކުރުމާއި މަޖާކުރުން ތަކުގައި ގިނަ ވަގުތު ހޭދަ ކޮށްލާ އަންހެނެކެވެ. ދަރިފުޅު ބޮޑުވަމުން އައީ ހުރިހާ ކަމެއް ގޭގައި ގެންގުޅޭ މީހުންގެ އަތްމައްޗަށް ދޫކޮށްލައިގެންނެވެ.

ފިރުޝާންގެ ކާފައާއި މާމަ މިކަހަލަ ކަންކަމާ ނުރުހެވެ. އެމީހުން ގެ ބަހަކީ ހައްދެއް ނެތި ދަރިފުޅު އެދޭހާ ކަމެއް ކޮށްދިނުމުން އާޚިރު ނަތީޖާ ހިތިވާނެ ކަމެވެ. އެތަކެއް ފަހަރު އެވާހަކަ ސާރާ ކައިރީގައި ވަނީ ދައްކާފައެވެ. ސާރާގެ ބަހަކީ ޒަމާން ވަނީ ބަދަލުވެފައެވެ. ކުޑައިރު ސާރާމެންނަށް ނުލިބުނު އުފާ ދަރިންނަށް ހޯދާ ދިނުމީ ކުރަން ޖެހޭނެ ކަމެވެ. ތަނަވަސް ކަން ހޯދަނީ އެތަނަވަސް ކަމުގެ އުފާ ހޯދުމަށް ކަމަށެވެ. ބައްޕަމެންގެ ޒަމާނުގެ މުސްކުޅި ބޯދާ ވިސްނުން މިހާރު ދޫކޮށްލާން ޖެހޭ ކަމުގައެވެ. ދަރިންނަށް މިނިވަންކަމާއެކު ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެކަމުގެ މޮޅު ވާހަކަ އޭނާގެ ފަށުވި އިބާރާތުން ދައްކާލަނީ މުބާރާތަކުން ވަނައެއް ލިބޭހާ މޮޅަށެވެ.

މިހާރު ފިރުޝާން ގެ އުމުރުން ނުވަ އަހަރު ފުރިއްޖެއެވެ. ސާރާގެ ފޯނު އަބަދު ފިރުޝާން ގެންގުޅޭތީ ސާރާ އަށް އުނދަގޫ ވާކަމުގެ ޝަކުވާ ފާއިޒުގާތު ކުރުމުން އެންމެ ފަހުގެ އަގުބޮޑު މޮޅު ފޯނެއް ފިރުޝާނަށް ހޯދައި ދިނެވެ. މިފޯން ލިބުމުން އިހުނަށް ވުރެ ފިރުޝާން އަށް ލިބުނު މިނިވަންކަން ބޮޑެވެ. އޭނައާއި އެއް ފުރާވަރުގެ ކުދިންނާއި ގުޅުމާއި އެކި އޮޅިތަކުގައި ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރަމުން ގެންދިޔައެވެ. އަދި ފިލްމް ބެލުން ފަދަ ކަންކަން ވެސް ދިޔައީ ކުރަމުންނެވެ.

ފިރުޝާނަކީ ކިޔެވުމަށް ވެސް މޮޅުކުއްޖެވެ. އިސްކޫލުގައި ވެސް ވިދާ ތަރިއެކެވެ. ތަފާތު މުބާރާތް ތަކުން ވަނަ ހޯދައެވެ. ވާހަކަ ދެއްކުމުގެ މުބާރާތާއި ލަވަ މުބާރާތެވެ. އަދި ކުޅިވަރު މުބާރާތް ތަކެވެ.

އިސްކޫލުގެ ފަހު ދެއަހަރު ކެޕްޓަން ކަން ކުރިއެވެ. ރާއްޖެއިން ބޭރަށްދާން ލިބޭ ފުރުސަތު ތަކުގައި ވެސް އެންމެ ކުރީގައި އޮންނަނީ ފިރުޝާންގެ ނަމެވެ.

އިސްކޫލުގެ ގިނަ ކުދިންގެ ތާއީދު ހޯދުމަށް އެކި ކަންކަން ފިރުޝާން ކުރެއެވެ. އެގޮތުން ގޭގެ ޓެރަހުގައި ކެއުންތައް ބާއްވައެވެ. އެފަދަކަންކަން ކުރާން ފިރުޝާންގެ މަންމަ ހުންނަނީ ކެތް މަދު ވެފައެވެ. އޭގައި ދެކަމެއް އޮވެއެވެ. ކުދިންގެ ރުހުން ހޯދުމާއި އެކުދިންގެ ބެލެނިވެރިންގެ ކައިރީގައި ފިރުޝާން މަޝްހޫރު ކުރުމެވެ.

އިސްކޫލު ބަންދު ވެއްޖެ ނަމަ އެކުވެރި ކުދިންނާއެކު ބައްޕަގެ ގެސްޓް ހައުސް ހުންނަ ރަށްކަމުގައި ވާ މާފުށްޓަށް ވެސް ދެއެވެ. އަދި އެފަދަ ދަތުރު ތަކުގެ ހުރިހާ ޚަރަދެއް އޭނާގެ ބައްޕަ ކުރަނީ ދަރިފުޅުގެ އުފަލަށްޓަކައެވެ.

އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ކުދިންނަށް ލިބޭ ޚާއްޞަ އިނާމް ލިބުނު މަދު ކުދިންގެ ތެރޭގައި ފިރުޝާން ހިމެނިއްޖެއެވެ. އޭނާ އަށް ސަރުކާރުން ދެއްވި ޚާއްޞަ ސްކޯލަރ ޝިޕްގައި އިނގިރޭސި ވިލާތައް ދާން ފުރުސަތު ލިބުނެވެ.

އިނގިރޭސި ވިލާތައް ފުރުމުގެ ކުރިން ތަފާތު އެތައް ޕާރޓީ ތަކެއް ބޭއްވިއެވެ. އާއިލާ މީހުންގެ ޕާރޓީ އިސްކޫލް ޓީޗަރުންގ ޕާރޓީ އަދި އެކުވެރި އެއް ފުރާވަރުގެ ކުދިންގެ ޕާރޓީއެވެ.

ދަތުރަށް ތައްޔާރު ވަމުން ދިޔައިރު ފިރުޝާންގެ ކާފަ ވަރަށް ގިނަ ނަސޭހަތް ދިނެވެ. ކާފައަށް ފިރުޝާނަކީ ކިޔަވަން މޮޅުކުއްޖެއްކަން އެނގެއެވެ. ނަމަވެސް އޭނާގެ އަގުބޮޑު ދިރިއުޅުމާއި އިސްރާފު ކުރުންތައް ވޭތުވެދިޔަ ހުރިހާ ދުވަހެއްގައި ގޭތެރެއިން ދިޔައީ ފެންނަމުންނެވެ. އެކަތި ހަލާކު ނުވަނީސް އަނެކަތި ހޯދުމުގެ ގޯސް އާދަ އޭނާގެ ކިބައިގާ ވަނީ ހަރުލާފައެވެ. އެއީ ފިރުޝާންގެ މައިންބަފައިން ހަރުލެއްވި އާދައެކެވެ. އިސްރާފު ކުރުމުގެ ނުބައި ދަލުގައި މުޅި އާއިލާ ވަނީ ބެދިފައެވެ.

ފުރަން އޮތް ދުވަހު ފިރުޝާން އިނގިރޭސި ވިލާތުގައި ހުންނަ އިރު ކޮންމެ މަހަކު ޖީބު ފައިސާއަށް ދޭނެވަރު ފާއިޒް ހާމަ ކޮށްލީ އުފަލުން އިނދެއެވެ. އެ އަދަދު ބުނީ ސާރާގެ މަންމަ އާއި ބައްޕަވެސް ތިއްބައެވެ. އެވަރު ބޮޑުވެގެން ސާރާގެ ބައްޕަ އެއްޗެކޭ ބުނުމުން ފާއިޒު ވަރަށް ނުރުހުނެވެ. ބުނިހާ ވެސް ބަހަކީ ބޮޑުލާރީގައި ހުނިޖަހައިގެން ނުކިޔެވޭނެއެވެ. މިފައިސާ އަކީ އެހެން މީހެއްގެ ޖީބުން ކުރާ ޚަރަދެއްނޫނެވެ. މިކަމާ އެކަކު ވެސް ބަސް ބުނެ ނަހަދާށެވެ.

ފިރުޝާން ފުރައިގެން ދިޔައަތާ މިހާރު ހަމަސް ވެއްޖެއެވެ. އޭނާގެ ހާލު ބަލަން ސާރާ ކޮންމެ ދެތިން ދުވަހަކުން ގުޅާ ހަދައެވެ. އަދި ގުޅާ ވަރު ގިނަ ވާތީ މިހާރަކަށް އައިސް ފިރުޝާން ހުންނަނީ ނުރުހިފައެވެ. އެކަން އެނގެނީ ފިރުޝާންގެ ކާފައާއި މާމަ ވެސް ވާހަކަ ދައްކާލަން ބޭނުން ވެގެން ވާހަކަ ދައްކާ ފަހަރު ތަކުގައި އޭނާ ކުރާ ޝަކުވާއިންނެވެ. އެގޮތަށް ޝަކުވާ ކުރަނީ އޭނާ އުފަލާއި މަޖާ ކުރުން ތަކުގައި ހޭދަ ކުރާ ވަގުތާ ދިމާވާތީއެވެ.

އެއް ދުވަހަކު ފިރުޝާންގެ ފޯން ކޯލެއް އޭނާގެ ބައްޕައަށް ލިބެއެވެ. ފިރުޝާން ހުރީ ހާސްވެ ކަންބޮޑުވެފައެވެ. އަދި ރޮއި ގެންފައި ބުންޏެވެ. ފުލުހުން އަޅުގަނޑުގެ ގެ ބަލާ ފާސް ކުރަނީއެވެ. އެމީހުން ތުހުމަތު ކުރާނީ މަސްތުވާތަކެތީގެ ވިޔަފާރި އަޅުގަނޑު ކުރާ ކަމަށެވެ.

އެއް ގަޑިއިރު ފަހުން އިތުރު ފޯން ކޯލެއް ލިބުނެވެ. މިފަހަރު ފިރުޝާން ބުނީ ފުލުހުން އޭނާ ހައްޔަރު ކުރަން ގެންދާކަމަށެވެ.

ފާއިޒު ވަރަށް ހާސްވިއެވެ. އަދި އެވާހަކަ ސާރާ އާއި ހިއްސާ ކުރުމަށް ފަހު ހަމަ އެރޭ ލަންޑަނަށް ދާންފުރައިފިއެވެ. ފާއިޒަށް ލަންޑަނަށް ދެވުނީ ދެދުވަހު ގެ ދަތުރަކަށް ފަހުގައެވެ. އެންމެ ފުރަތަމަ ވެސް އަވަސް ވެގަތީ ފިރުޝާނަށް ގުޅޭތޯއެވެ. ވަރަށް ފަސޭހައިން ގުޅުނެވެ. ކޮންތާކުތޯ ހުރީ ސުވާލު ކުރުމަށް ފަހު އޭނާ ބަހައްޓަފައި ހުރި އެޕާރޓް މަންޓަށް ދިޔައެވެ. އެތަނުން އޭނާ އާއި ބައްދަލުކޮށް ވީ ގޮތް އޮޅުން ފިލުވިއެވެ. ފުލުހުން ކުރި ތަފާތު ތުހުމަތު ތަކުގެ ވާހަކަ ކިޔައިދިނެވެ. އެގޮތުން އެމީހުންނަށް ސާބިތު ހެއްކަކަށް ފެނުނީ ފިރުޝާން ގެ ކޮންޕިއުޓަރާއި ފޯނުން ކުޑަ ކުދިންގެ ބަރަހަނާ ފޮޓޯތައް ބެލުމުގެ މައްސަލަ ކަމުގައި ޖެހިލުމެއް ނެތި ބުނެލިއެވެ.

އެކަމަކީ އިނގިރޭސި ވިލާތުގައި ވަރަށް ބޮޑަށް މަނާކޮށްފައި ވާ ކަމެއްކަން ނޭނގޭ ކަމަށާއި އެގޮތަށް އެސައިޓް ތަކަށް ވަދެވުނީ ރަހުމަތްތެރި ކުދިންގެ ފަރާތުން ކަމަށް ބުނެ ފިރުޝާން އޭނާގެ ބައްޕަ އަށް އޮޅުވާލިއެވެ. ހަގީގަތަކީ އެއެއް ނޫނެވެ. ފިރުޝާން އޭނާގެ އަމިއްލަ އިޚްތިޔާރުގައި އެއްވެސް މީހެއް ގެ ބައިވެރި ވުމެއް ނެތިއެކަން ކުރަމުން ގެންދިޔުމެވެ. އެކަމަށް ފުލުހުންގެ ކައިރީ ވަނީ އިއުތީރާފު ވެފައެވެ. އެ މައްސަލައާއި ގުޅިގެން ފަސް ހާސް ޕައުންޑުން އޭނާ ޖޫރިމަނާ ކުރިއެވެ. އަދި އެފައިސާ ދައްކަން އަންގައި އޭނާ ދޫކޮށްލީއެވެ.

ނަސީމް ބޭނުންވީ އޭނާގެ ކިޔެވުން އަދި ވެސް ކުރިއަށް ގެންދާށެވެ. ފިރުޝާން ބޭނުންވީ އަވަހަށް އެނބުރި ދިވެހި ރާއްޖެއަށް އައުމަށެވެ. އެއީ އިތުރަށް ފުލުހުން އޭނާ އަށް ފާރަލާނެ ކަމުގެ އިންޒާރު ވެސް ދީފައި އޮތީމައެވެ. އަދި މަސްތުވާ ތަކެއްޗަށް ވެސް ތުހުމަތު ކުރިއެވެ. ނަމަވެސް އެކަން ބައްޕަ އަކަށް ނާންގައެވެ. އޭނާ ދެއްކި ބަހަނާއަކީ ދިމާވި ކަންތަކުން ބިރުގެންފައި ހުރުމުން ޗުއްޓީ ވެސް ފެށެން ދެތިން ދުވަހަށް ވެފައި އޮތުމާއެކު ރާއްޖެ ގޮސްލަން ބޭނުން ކަމުގައެވެ.

ފިރުޝާން ރާއްޖެ އަތުވެއްޖެއެވެ. ދިމާވި ކަންތަކުގެ އަސްލު ކިތަންމެ ސިއްރު ކުރާން އުޅުނަސް ލަންޑަނުގައި ކިޔަވަން ތިބި ކުދިންގެ މައިން ބަފައިންގެ ފަރާތުން ފިރުޝާންގެ ކާފައާއި މާމާއާއި ހަމައަށް ވެސް އޮތީ އެ އަޑު އައިސް ފައެވެ. ފިރުޝާންގެ މަންމަ އާއި ބައްޕަ އަށް އެއަޑު އެކި މީހުންގެ ފަރާތުން އިވުނަސް އަސްލު މައްސަލަ އެއީ ހަގީގަތެއް ކަމަށް ގަބޫލެއް ނުކުރެއެވެ.

ހުކުރު ދުވަހެއްގެ މެންދުރު އާއިލާގެ އެންމެން ތިބީ ކާށެވެ. ފިރުޝާންގެ ކާފަ އިނީ ސަލާމަތް ވެގެން ފިރުޝާނަށް އާދެވުނީތީ ހިތްހަމަ ޖެހިފައެވެ. ނަމަވެސް ލަންޑަންގައި ފިރުޝާން އަށް ދިމާވި ކަންތަކުގެ ވާހަކަ ވަރަށް އަސަރާއެކު ކާފަ ދެއްކިއެވެ. ކާފަމެން ކިތަންމެ މުސްކުޅި ވިއަސް ކާފަމެންނަށް ވެސް ކަންކަމުގެ ހަގީގަތް އެނގޭނެ ދުވަހެއް އަންނާނެ ކަމުގައި ވެސް ބުންޏެވެ. އެއްވެސް ކަމެއް އަބަދަކު އެންމެނަށް އޮޅުވާނުލެވޭނެކަމުގައި ބުންޏެވެ. އަދި ދެން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިސްލާހު ވެގެން އުޅުމަށް ނަސޭހަތް ދިނެވެ.

އެވާހަކަތައް ދެއްކުމުން ފިރުޝާންގެ މަންމަ އާއި ބައްޕަ އެކަމާއި ނުރުހިގެން ވާހަކަ ދެއްކިއެވެ. ސާރާ އޭނާގެ ބައްޕަ އާއި މުޚާޠަބު ކޮށް ބުންޏެވެ. ބައްޕަ ދުވަހަކު ވެސް ފިރުޝާނަކަށް އިތުބާރެއް ނުކުރާނެއެވެ. އޭނާ ގޯހެއް ނަހަދާނެއެވެ. އަހަރެމެން ދެމަފިރިން އިތުބާރު ކުރަމެވެ. އެއީ އަހަރެމެންގެ ރަން ދަރިފުޅެވެ.