މެއި 5 ވަނަ ދުވަހު ގެނެސްދިން ބައި

"ނަޒީލް އަމިއްލައަށް ކުރި ކަމެއް ނޫންކަމެއް އެނގުނީ ކިހިނެއް؟" ނިކާލް ކޯޓުއަމުރަށް ބަލާލަމުން ސުވާލުކުރިއެވެ.

"މަރު ސާބިތުކުރުމަށް ޓަކައި ނަޒީލަށް ލިބިފައިހުރި ޒަހަމުތައް ހޮސްޕިޓަލުން ތަޙުލީލުކުރި އިރު ނަޒީލްގެ ފުށްކިބައިގައި ވަރަށް ބަރު އެއްޗަކުން ޖަހާފައިވާކަން ވަނީ ފާހަގަކުރެވިފައި. ޤަބޫލުކުރެވޭ ގޮތުގައި ނަޒީލް މަރާލުމުގެ ނިޔަތުގައި އެމީހަކު ނަޒީލަށް ފަހަތުން ހަމަލާ ދީ ބޮލުގެ އެތަން މިތަނުގައި އެ ބޭނުން ކުރި އެއްޗަކުން ޖަހާ ޒަހަމްކޮށްފައި އެވަނީ. ނަޒީލްގެ ޚަބަރު ހުސްވުމުން ނުވަތަ މަރުވުމުން އެމީހަކު ނަޒީލް މަތިން ވައްޓާލައިފައިވާކަމަށް ބެލެވެނީ. އިތުރު ތަހުލީލުތަށް ކުރިޔަށް ދަނީ. މިހާރު މަރުވި ވަގުތު ހޯދުމުގައި ޑޮކްޓަރުން އެބަ ހަރަކާތް ތެރިވޭ. އިތުރު ތަހުލީލުތަކަށް ފަހު އަދި ފުރިހަމަ އޯޓޮޕްސީއަކަށް ފަހު މަރުވި އަސްލު ސަބަބު ދެނެގަނެވޭނީ." ފައިރޫޒް ކުރުގޮތަކަށް މުހިންމު މަޢުލޫމާތުތައް ކިޔާލަދިނެވެ.

ނަޒީލަކީ ބިޔަ މީހެކެވެ. ގާތްގަނޑަކަށް 80 ވަރަކަށް ކިލޯ އޭނާގެ ގައިގަ ހުރެއެވެ. ފުރަމެންދަމުގައި ނަޒީލް އަމިއްލައަށް ހާމަ ފެންޑާއަށް ދާނެ ކަމަކަށް ނިކާލަށް ޤަބޫލެއް ނުކުރެވެއެވެ. ވީއިރު އެމީހަކު އޭނާ ހޭނައްތާލުމަށްފަހު ހާމަފެންޑާއަށް އެރުވީ ކިހިނަކުން ހެއްޔެވެ؟ ނަޒީލް މަރާލުމުގެ ފަހަތުގައި ވަނީ އެންމެ މީހެއް ނޫން ކަންނޭނގެއެވެ. ނަޒީލް ލިޔުނު ސިޓީގެ ބޭނުމެއް ވެސް ނިކާލަކަށް ނުވިސްނުނެވެ. ސިޓީގައި މަރުވާން އުޅޭ ވާހަކަ ސީދާސީދަލަށް ބުނެފައި ނުވިކަމުގައި ވިޔަސް އެކަމަށް ޝައްކުކުރެވޭ ކަހަލަ އިބާރާތްތަކެއް އޭގައި ހުއްޓެވެ. އަނެއްކޮޅުން ނަޒީލް މަރާލަން ބޭނުންވާ މީހަކު ނުވަތަ އެފަދަ ކަމަކަށް މަގުފަހިވާނެ ސަބަބެއް ވެސް ނިކާލަކަށް ނުވިސްނުނެވެ. އަދި ނަޒީލް ދެކެ އެހާ ރުޅިއަންނަ އޭނާއަށް އެހާ ނަފްރަތު ކުރާ މީހަކު މި ދުނިޔެމަތީގައި ހުރިކަން އެއީ ވެސް އެނގިފައިވާ ކަމެއް ނޫނެވެ. ހަމަގައިމު ވެސް އެގެޔަކު އެވަރުގެ ކަމެއް ކުރާނެ މީހަކު ނޫޅޭނެއެވެ. ވީއިރު ރޭގައި އެގެޔަށް ބޭރުން މީހަކު ނުވަތަ ބަޔަކު ވަނީ ހެއްޔެވެ؟ ނިކާލްގެ ސިކުނޑީގައި ފުނިޖެހެމުން އައި ހިޔާލުތަކުން ހާސްވާ ގޮތްވިއެވެ.

"މިގެޔަކު ތިވަރު ކަމެއް ކުރާނެ މީހެއް ނޫޅޭނެ." ނިކާލް ހާސްވެފައި ހުރެ ބުންޏެވެ. "ނަޒީލް ޓެރަހުން ވައްޓާލިކަން ޔަޤީންތަ؟"

"ތީ ކަލޭމެންނާ ދެކޮޅަށް ދައުވާ ކޮށްފާނެތީ ދައްކާ މޮޅު ވާހަކައެއް ނޫންކަމެއް ވެސް ނޭނގޭ." އިލްހާމް ވިސްނަން ހުރެފައި ބުނެލިއެވެ.

އިލްހާމަށް އަބަދުވެސް ކުށްވެރި ވަނީ ފުލުހުންނެވެ. އެހެން މީހުންނެވެ. އަމިއްލަ ދަރި މަރުވެގެން އުޅޭއިރު ވެސް އެ ބަލަނީ އެހެން މީހުންނަށް ޝައްކުކުރެވޭތޯއެވެ. އެހެން މީހުންގެ ބޮލުގައި ތުހުމަތާ އިލްޒާމް އެޅުވޭތޯއެވެ. އޭނާގެ ވިސްނުން ހުންނަ ގޮތުން ފައިރޫޒްގެ ހިތުގައި ފޫހިކަން އުފެދުނެވެ. އޭނާއަކީ ވަރަށް ވިސްނޭ މީހެއްކަމަށް އެއް އިރެއްގައި ހީކުރެވުނު ނަމަވެސް އެ ބޮލުގައި އެއްވެސް ތެތްކަމެއް ނެތްކަން މިއަދު ފައިރޫޒަށް އެނގިއްޖެއެވެ. ނޫނީ ބޯބޮޑުކޮށްފައި އަމިއްލަ ކުށެށް ނެތްކަން ސާބިތުކުރަން އެހެން މީހުންގެ ބޮލުގައި ތުޙުމަތު އަޅުވަނީ ހެއްޔެވެ؟ މި ހުރިހާ ދުވަހު ފައިރޫޒް އިލްހާމަށް ކުރަމުން އައި ގަދަރު ވެސް އެކަމާކާ ހުރެ ގެއްލެން ފަށައިފިއެވެ.

"ވެދާނެ ގެއިން ބޭރު މީހެއްކަމަށް ވެސް. ޓެރަހުން ވައްޓާލިކަން ވަނީ ޔަޤީން ކުރެވިފަ. ނަޒީލްގެ މައިބަދައާ ފައިގެ ދެތަނަކުން ބިންދައިގެން ގޮސްފައި ހުރި ގޮތް އެކަމަށް ހެކިދޭ. އެފަދަ އަނިޔާއެއް ލިބޭނީ ފުދޭވަރަކަށް މަތިން ވެއްޓިގެންކަން ޑޮކްޓަރުން ވަނީ ކަށަވަރު ކޮށްދީފައި." ފައިރޫޒް ޖަވާބު ދިނީ ނިކާލްގެ ސުވާލަށެވެ.

ފައިރޫޒް ހިނގައިގަތް ވަގުތު ޖަނާން ނިކަން ބާރަށް ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ.

"ސަރ." ސިޑީގެ މެދަކާ ހަމައިގައި ހުރެފައި ޖަނާން ގޮވައިލިއެވެ. "މިކޮޅަށް ދުރުވެބަލަ."

ޖަނާންގެ ފަހަތުން ފައިރޫޒް ދިޔައެވެ. ނިކާލާއި އިލްހާމް ވެސް ވެގެން އުޅޭ ގޮތެއް ބެލުމަށް އެމީހުން ފަހަތުން ދިޔައެވެ. ހާމަފެންޑާގެ އެއް ފަރާތުގައި ދެ ފުލުހަކު ތިއްބެވެ. ޖަނާން ގޮސް އެ މީހުންގެ ގާތުގައި ހުއްޓުނެވެ.

"ސަރ. ބަލާބަލަ." ޖަނާން އިނގިލިން އިޝާރާތްކޮށް ދެތިން ފޫޓު ދުރުގައި ހުރި ކަޅުހަމުގެ ތިރި ދައްކާލިއެވެ.

ފައިރޫޒްގެ ފަހަތުން ނިކާލް ވެސް އައިސް ބަލައިލިއެވެ. އެތަނުގައި އޮތީ ފޭރާ އެކެވެ. އޭގެ ފޭއްސާފައި ހުރި ކޮޅާ ދިމާލު ތިރިން މެދަށްވާ ގޮތަށް ލޭ ތިއްކެއް ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. ނަޒީލް އަމިއްލައަށް މަރުވީނޫކަން ނިކާލަށް އެވަގުތު ޔަގީންކުރެވުނެވެ. ޖަނާން ރެއިލިންގެ ކައިރިއަށް ގުދުވެލަމުން އޭގެ އެކި ހިސާބުތަކުގައި ބުރަބުރައިގެން ގޮސްފައި ހުރި ކުދިކުދި ލޭ ތިކިތައް ވެސް ދައްކާލިއެވެ. އެ ތިކިތައް ކުދިކަމުން ވަރަށް ކައިރިން ބަލައިގެން ނޫނީ ލޮލުގައި އަޅައެއް ނުގަނެއެވެ. ވަރަށް ރަނގަޅަށް ކުށުގެވެށި ސާފުކޮށް ހެކި ނައްތާލުމަށް މަސައްކަތްކޮށްފައި ހުރިކަން ޖަނާން ފާހަގަ ކުރިއެވެ. ނަމަވެސް ހާދިޘާ ހިނގީ ރޭގަނޑުގެ ވަގުތުގައި ކަމުން އަނދިރީގައި އެކަން އެންމެ ފުރިހަމައަށް ކާމިޔާބުވެފައި ނެތީކަމަށް ޖަނާނަށް ގަބޫލުކުރެވޭކަމަށް ބުންޏެވެ. ނަޒީލަށް ހަމަލާ ދިނުމަށް ބޭނުންކުރިކަމަށް ބެލެވޭ ފޭރާ ވެސް ހޯދިފައި ވަނީ ކަޅުހަމުގެ ބިއްދޮށުންކަން ޖަނާން ފާހަގަ ކުރިއެވެ.

"ތީ ވެދާނެ ގޮތެއް. ހަޤީޤަތުގައި މިތަނުން ހެކި އެއްކުރަން މިހާރު މާ ބޮޑަށް ވެސް ލަސްވެއްޖެ. އެހާ ވަރަށް ވާރޭ ވެހުނީމަ ވެސް ހަލާކުވެ ގެއްލިގެން ދާނެ އެތައް ހެތްކެއް ހުންނާނެ." ފައިރޫޒު ބޮލުގައި އަތްކާތާލަމުން އޭނާގެ ކަންބޮޑުވުން ހާމަކުރިއެވެ.

"ލައްބަ. ރެއިލިންއަށް ބުރާފަ ހުރި ލޭ ތިކިތައް ވެސް އެހެރީ ވާރޭގެ އަސަރު ނުފޯރާ ހިސާބު ތަކުގައި. ވަރަށް ހަނި ދޭތެރެ ތަކުގައި. ފޭރާ ވެސް ކަޅު ހަމުގެ ބިއްދޮށުގައި އޮތީމަ ކަންނޭންގެ އޭގެން ސާންޕަލްއެއް ފެންނަވަރު މިވީ." ފައިރޫޒު ދެއްކި ވާހަކަ ކަނުލާ އަޑު އަހަން ހުރި ޖަނާން ބުންޏެވެ.

"ލޭގެ ސާންޕަލްތަކާ މުޅި ތަން ފޮޓޯ ނަގާ." ފޮރެންސިކް ޓީމަށް އިޝާރާތްކޮށް ފައިރޫޒް ބުންޏެވެ. "މިހާރު އަހަރުމެންނަށް ޔަޤީންވެއްޖެ ނަޒީލް ގަސްތުގައި މަރާ ލެވުނީކަން. މުޅި ގެ ބަލާ ފާސްކުރާތި. ލިބެންހުރި ހުރިހާ ހެތްކެއް އެއްކުރޭ. ނިކާލް އާއި އިލްހާމްބޭ ވެސް މިވަގުތު މިތަނުން ގޮސްލައި. ޓެރަސްއަށް އެއްވެސް މީހަކު އެރުމުގެ ހުއްދަ ދެވޭކަށް ނެތް."

ބަސްބުނި ހިނދުން އިލްހާމް އެތަނުން ދިޔައެވެ.

"އެހީއެއް ބޭނުންވެއްޖެނަމަ އަންގާލާ." ނިކާލް ބުންޏެވެ. ފައިރޫޒް ބޯ ޖަހައިލުމަކުން ޖަވާބުދިނެވެ.

ފުލުހުން އެގެޔަށް އައީ ނަޒީލް އަމިއްލައަށް މަރުނުވާކަން ޔަޤީންކުރެވޭ ވަރުގެ ހެތްކެއް ހޯދާށެވެ. ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މަރާލަން ބޭނުންކޮށްފައިވާ ހަތިޔާރު ވެސް ފެނިއްޖެއެވެ. ނަޒީލް އަމިއްލައަށް މަރުވީ ނޫންކަން ކަށަވަރު ކުރެވިއްޖެއެވެ. އެއީ ވަރަށް ބޮޑު ކުރި އެރުމެކެވެ. އެމީހުން ލަސްނުކޮށް ޤާޠިލު ހޯދުމަށް އަތުކުރި އޮޅާލިއެވެ. ކިތަންމެ ހުށިޔާރުކަމާއެކު ހެކި ނައްތާލުމުގައި އެމީހަކަށް ކާމިޔާބުވެއްޖެ ކަމުގެ ކުށްހީ ކުރެވުނަސް ކޮންމެވެސް ހިސާބަކުން ހެތްކެއް ދޫކޮށް ނުލެވި ނުދާނެއެވެ. މައްސަލަ ތަޙުޤީޤު ހިންގުމަށް ހުރި އިސްމީހެއްގެ ހައިޘިއްޔަތުން ކަންކަން ކުރަންވީ ގޮތް ފައިރޫޒް ކިޔައިދިނެވެ. ފައިރޫޒްގެ ތަޖުރިބާއާއި އިރުޝާދުގެ ދަށުން އެ ގޯތީގެ އެންމެންގެ ކޮޓަރިތައް ބަލައި ފާސްކުރެވުނެވެ. ގާޘިލަކީ އެ ގޯތީގެ އަހުލުވެރިއެއްނަމަ ކޮންމެވެސް ހެތްކެއް ފެންނާނެކަމަށް ފައިރޫޒް އުންމީދުކުރިއެވެ.

ނަޒީލްގެ ކޮޓަރި ތެރޭގައި ފައިރޫޒުއާ އަދިވެސް އިތުރު ދެ ފުލުހަކު ހަރަކާތް ތެރި ވަމުން ދިޔައެވެ. ރީތިވާ މޭޒުގެ ވަތްގަނޑު ބަލައި ފާސްކުރަން އުޅުމުގެ ތެރޭގައި ފައިރޫޒްގެ އަތުން ޖެހި މޭޒުމަތީ ހުރި ފޮޓޯ ލޯގަނޑެއް ބިންމައްޗަށް ވެއްޓުނެވެ. ނަސީބަކުން ލޯގަނޑު ތަޅައިގެނެއް ނުދެއެވެ. ފޮޓޯ ލޯގަނޑު ނަގާ މޭޒުމަތީ ބަހައްޓަމުން ފައިރޫޒަށް އެ ފޮޓޯގައި ތިބި ނަޒީލްމެން ދެމަފިރިންނަށް ބަލާލެވުނީ އިންޝާއަށް ހަމްދަރުދީވާ ހާލުގައެވެ.

ހުރިހާ ކޮޓަރިތަކެއް ބަލައި ފާސްކުރަމުން ދީޕިކާގެ ކޮޓަރި ތެރެއަށް ވަންއިރު އެތަން ފެންނަން ހުރީ ވަރަށް ފަޅުކޮށެވެ. އެނދު ކައިރީގައި ހުރި ފޮށި ނޫން އެހެން އެއްޗެއް ކޮޓަރިތެރެއާއި، އަލަމާރިޔަކު ވެސް ނެތެވެ. ދީޕިކާގެ ފޮށި ނަގާ އެނދުމަތީ ބެހެއްޓުމަށް ފަހު ފައިރޫޒު އެފޮށި ހާވަން ފެށިއެވެ. ކުއްލިޔަކަށް ފައިރޫޒްގެ ލޮލުގައި އަޅައިގަތީ ކަރުދާސް ގަނޑަކަށް ލާ އޮޅާލާފައި އޮތް ރިހި ފަށެކެވެ. ކޮންމެވެސް އެހެންތާކުން ފެނުނު އެއްޗެއްހެން ހީވެގެން ފައިރޫޒަށް އެއަށް ބަލަން ހުރެވުނެވެ. ފައިރޫޒުގެ ދެލޯ ބޮޑުވެގެން ދިޔައީ އެއީ ނަޒީލްގެ ފަށެއް ކަން ރޭކާލި ހިސާބުންނެވެ. ނަޒީލްމެން ކޮޓަރީ ހުރި ފޮޓޯ ލޯގަނޑުގައި އޭނާ އަޅައިގެން ހުރީ ހަމަ އެ ފަށެވެ. ދީޕިކާގެ ފޮށިން ނަޒީލާ ގުޅުން ހުރި އެހެން އެއްޗެއް ނުފެނުމުން ފައިރޫޒު ފަށް ހިފައިގެން ފޭބީ ތިރިޔަށެވެ.

"މީ ކާކުގެ ފަށެށް؟" ފައިރޫޒް ފަށް ދައްކާލަމުން އެހިއެވެ. ދީޕިކާ ހާސްވިއެވެ.

"ނަޒީލްގެ." އިންޝާ ބެދިފައިވާ އަޑަކުން ޖަވާބު ދިނެވެ.

"މިފަށް ދީޕިކާގެ ފޮށީގައި އޮންނަން ޖެހުނު ސަބަބަކީ ކޮބާ؟" ފައިރޫޒްގެ ސުވާލު އަމާޒު ވީ ދީޕިކާއަށެވެ.

ދީޕިކާ ބިރުގަތެވެ. ތުރުތުރު އަޅަން ފެށިއެވެ. އެންމެން ޝައްކުގެ ނަޒަރުން ބަލަން ފެށުމުން ހާސްވެގެން ގޮސް މުޅިމީހާ ދާހިއްލުވާލިއެވެ. ދީޕިކާއަށް ވީ ގޮތް ފެނުމުން އިލްހާމް ހަޅޭލަވައިގަތީ ޖަވާބު ދިނުމަށް ބުނަމުންނެވެ. އޭނާ އަނގައިން ނުބުނެ ފަހަތަށްފަހަތަށް ޖެހެން ފެށުމުން އިލްހާމް ރުޅި ގަދަވިއެވެ.

"މީނާ ހައްޔަރުކުރޭ. މީ އެ ޤާޠިލަކީ. ނަޒީލް މަރާލައިފަ ބަޗައިގެން ދާން އެ އުޅުނީ." އިލްހާމް ބާރު އަޑުން ބުނެލިއެވެ.

"ނޫން. ނޫން." ދީޕިކާ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ. "ވަރަށް ދުވަސް ފަށް ހުންނަނީ. ނިހާއްކޮ ކޮޓަރި ނަޒީލް ވަންނަނީ. ފަށް ހުންނަނީ ކޮޓަރީގައި."

ދީޕިކާ ކުށެށް ނެތްކަން އިންޝާއަށް ޤަބޫލުކުރެވުނެވެ. ނަޒީލްގެ އަތުން އެ ފަށް ގެއްލިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. ދީޕިކާގެ ހާލު ފެނިފައި އިންޝާ ތެދު ހާމަކުރިއެވެ. ދީޕިކާއަށް ހަމަޖެހުމެއް ލިބުނީ އެ ހިސާބުންނެވެ. ނަމަވެސް އަދިވެސް އޭނާ ހުރީ ބިރުގެންފައެވެ.

"އަދި ނޭނގޭ ކަމަށް ހަދައިގެން އެބަ ހުއްޓެއްނު. ބޮޑު ވަގު." އިލްހާމް އަނެއްކާ ވެސް ދީޕިކާއަށް ފޮޅާލިއެވެ.

ފައިރޫޒަށް ދެއަތަށް ބޯ ހޫރުވާލެވުނެވެ. ނިހާގެ މައްސަލައިގައި އެ ގޯތިގައި ތެދުތެދަށް ބަޔާންދިން ހަމަ އެކަކު ވެސް ނެތީ ހެއްޔެވެ؟ ނަޒީލްގެ މުޑުދާރު އަމަލުތައް ނޭނގޭ މީހަކު ނެތެވެ. އެންމެ ފަހުން ގޭގައި ގެންގުޅޭ މަސައްކަތު މީހާއަށް ވެސް އެއޮތީ އެކަން އެނގިފައެވެ. އޭނާ ވެސް އެކަން ވަންހަނާ ކުރީއެވެ. މަރުގެ ތަހުޤީޤާއި ގުޅިގެން ނަގަންޖެހޭ ބަޔާންތައް ވީ އެންމެ އަވަހަކަށް ނެގުމުގެ ވިސްނުމެއް އަޔެވެ. ނޫނީ ނިހާގެ މައްސަލަ ފަދައިން ނަޒީލްގެ މައްސަލަ ވެސް ބޮޑު އޮޅުންބޮޅުން ގަނޑަކަށް ހަދާލައިފާނެކަމުގެ ބިރު ފައިރޫޒްގެ ހިތަށް ވަނެވެ.

ފައިރޫޒް ބަޔާންތައް ނަގަންފެށިއެވެ. ކާގޭ މޭޒުކައިރީގައި ފައިރޫޒް އިންއިރު ފަހަރަކު މީހަކު އެތަނަށް ގެނައުމުގެ މަސްއޫލިއްޔަތު ޖަނާނާ ހަވާލުކުރެވުނެވެ. އަދި އެގޭ މީހުން ދައްކާ ވާހަކަތަކަށް ސަމާލުވުމަށް ފައިރޫޒް ބުނެލިއެވެ. ފަހަރަކު މީހަކު ގެނެސް ބަޔާންތައް ނަގައި ނިންމައިލިއެވެ. އެންމެން ވެސް ރެއިން ފެށިގެން ހެނދުނު ނަޒީލްގެ ހަށިގަނޑު ފެނުމާ ހަމައަށް ކުރި ކަންކަން ކިޔައިދިނެވެ.

ނަޒީލް ލިޔެފައިވާ ސިޓީގެ ވާހަކަ ފާހަގަކުރީ ހަމައެކަނި ޞަފިއްޔާއާއި ނިކާލެވެ. ނަމަވެސް އެ ސިޓީ ލެވުނުތަނެއް ނޭނގޭކަމުގައި އެމީހުން ބުންޏެވެ. އޭގައިވާ އިބާރާތްތަކާބެހޭ ގޮތުން ސުވާލުކުރުމުން އެމީހުން އިލްހާމްގެ ހަޤީޤަތް ވަންހަނާ ކުރާކަށް މަސައްކަތެއް ނުކުރެއެވެ. ތެދު ހާމަކުރިއެވެ. އިންޝާއަށް ރޮވޭ ވަރުން ބަޔާންދެވޭ ވަރެއް ނުވިއެވެ. ފައިރޫޒަށް މުހިންމު ކަމަކަށް ފާހަގަކުރެވުނީ ދީޕިކާއަށް ރޭގެ ވަގުތެއްގައި އިވުނު ރުއިމުގެ އަޑެވެ. އަދި އިލްހާމް އެ ގޯތީގެ ސެކިއުރިޓީން ވަޒީފާއިން ވަކިކޮށްފައިވާތީ ރޭގައި އެގޯތީގައި ސެކިއުރިޓީއެއް ނެތްކަމެވެ.

ޕޮލިހުން ސުނޯހައުސްގެ ގޭތެރެއާއި މުޅި ގޯތި ތެރޭގައި އަތްފުނާ އަޅައިގެން ހޯދުނު ހެކިތައް އެއްކޮށްގެން ދިޔައީ ހިތްހަމަޖެހިފައި ތިބެއެވެ. މަރުގެ ތަޙުޤީޤު ވަރަށް އަވަހަށް ނިމި، އިންސާފުގެ ކުރިމައްޗަށް ޤާޠިލު ގެންނާނެކަމުގެ ޔަޤީންކަން ވެސް ދީފައެވެ. ފައިރޫޒްމެން ސުޓޭޝަނަށް ދިޔަ ފަހުން ނިކާލް އެތަނަށް ދިޔައެވެ. ފައިރޫޒްއާ ބައްދަލުކޮށްފައި، އޭނާ ފައިރޫޒާ ހަވާލުކުރީ ކަރުދާސް ގަނޑެކެވެ. ފައިރޫޒް ސުވާލުގެ ނަޒަރަކުން ނިކާލަށް ބަލާލިއެވެ.

"ތީ ނަޒީލް މަރުވުމުގެ ކުރިން ލިޔެފައިވާ ސިޓީ ނޯޓު." ނިކާލް ބުންޏެވެ. "އިންޝާއަށް ނިސްބަތްކޮށް ލިޔެފައި އޮތް ނޯޓު ތީ. އިންޝާ ބުނެގެން ތި ހަވާލުކުރަން މި އައީ. މަށާ މަންމަގެ ނޯޓުގައި ވެސް ހުރީ ހަމަ ތި ވާހަކަތައް. ތީގެން ހުރިހާ ހަޤީޤަތެއް އެނގޭނެ. ތީ ނަޒީލްގެ ލިޔުން އެކަންވެސް ޔަޤީންކޮށްދެން. މަ ބޭނުމެއް ނޫން ދެން އެއްވެސް ކަމެއް ސިއްރުކުރާކަށް. ނަޒީލްގެ ޤާޠިލު ހޯދަން ބޭނުންވޭ."

"ވަރަށް އަވަހަށް އެނގޭނެ." ފައިރޫޒް ޔަޤީންކަން ދިނެވެ.

ބާބު 14 – މުޖުރިމު

ނަޒީލްގެ ހަށިގަނޑު ގެނެވުނީ ހަވީރުގެ ވަގުތެއްގައެވެ. އޭނާގެ ޖަނާޒާގެ ހުރިހާ ކަމެއް ނިންމައިލެވުނުއިރު އިރުއޮއްސިއްޖެއެވެ. ނިކާލާއި އިލްހާމް ގެޔަށް އައިސް ވަންއިރު ގެއިން ފެންނަނީ ފަޅުކަމެވެ. އަނދިރިކަމެވެ. ހޮޅިބުރި ދިއްލައިލާނެ ހިތްވަރު ވެސް އެގޭ މީހެއްގެ ގައިގައި ނެތީއެވެ. އިލްހާމް ހޮޅިބުރި ޖައްސައިލިއެވެ. ޞަފިއްޔާ އިނީ ސޯފާގައެވެ. ދެލޮލުގައި އަދިވެސް ތެތްކަން ހުއްޓެވެ. ފެންނަ ފެނުމަށް ހީވަނީ ގިނަ އަހަރުތަކެއް ވަންދެން ބޮޑު ހިތާމައެއް ކޮށްފައިވާ މީހެއް ހެންނެވެ. ނިކާލް މަންމައާ ދިމާއަށް ދާން ހިނގައިގަތުމާއެކު އިލްހާމް ހުއްޓުވިއެވެ.

"ބައްޕަ ވާހަކަދައްކާނަން. ދަރިފުޅު ދޭ." އިލްހާމް ބުންޏެވެ.

ނިކާލް ފޫހި ގޮތަކަށް ބަލައިލާފައި މައްޗަށް އަރައިގެން ދިޔައީއެވެ. އިލްހާމް ޞަފިއްޔާ ގާތުގައި އިށީނެވެ. ހިތްވަރު ދިނުމުގެ ގޮތުން ޞަފިއްޔާ ބުރިކަށީގައި ފިރުމައިލިއެވެ. ޞަފިއްޔާ ދުރަށް ޖެހުނެވެ.

"ހިތްވަރުކުރަން ވާނެ." އިލްހާމް ބުންޏެވެ. "ޞަފިއްޔާ ވެސް ދެން ތި ގޮތް ދޫކުރަންވެއްޖެ. ކިހާދުވަހަކު ތިހެން އުޅޭނަން. ނަޒީލް ވެސް ބޭނުމެއްނުވާނެ އަހަރުމެން އަބަދު މިހެން އުޅޭކަށް. އެސޮރަށްޓަކައި ނަމަވެސް ތި ގޮތް ދޫކުރަންއުޅޭ. ފިރިމީހާދެކެ ރުޅި އައިސް މައްސަލަ ހައްލުކުރަން ނޫޅެ ތިހެން އުޅުމަކީ ދީނީ ގޮތުން ވެސް ރަނގަޅު ކަމެއްނޫން."

" ދޮގާއި މަކަރުހެދުމާއި އޮޅުވާލުން އެއީ ދީނީގޮތުން ކުރަން އެންމެ ރަނގަޅު ކަންކަން. ކަމަކަށްފަހު ކަމެއް." ރުޅިއައިސްފައި ޞަފިއްޔާ ބުންޏެވެ. "ހައްދަވައިގެން ތެދެއް ހަދާފައެއް ނެތް."

ޞަފިއްޔާ ރުޅިއައި ނަމަވެސް ވާހަކަ ދެއްކީ މަޑުންނެވެ. އަޑު ބާރުކުރާނެ ހަކަތައެއް އޭނާގެ ގަޔަކު ނެތެވެ. އޭނާ އިޝާރާތް އެކުރީ ކޮންކަމަކަށް ކަން އިލްހާމަށް އެނގުނެވެ.

"ނަޒީލަށް އެހީތެރިވީ އެއީ މަގޭ ދަރިއަކަށްވީމަ. މަށަށް ކެތެއްނުވާނެ އޭނަ ޖަލަށް ގެންދާތަން ބަލަން ހުންނާކަށް." އިލްހާމް ޞަފިއްޔާއަށް ވިސްނައިދެވޭތޯ ބެލިއެވެ.

"ނިހާ ފިރިހެނުން ވައްދަނީއޭ. އެހެންވެސް ކީމެއްނު. އެވެސް ރޯ ބުހުޠާނު ދޮގެއް. ދަރި ސަލާމަތްކުރުމާ އެކަމާ ކޮންގުޅުމެއް އޮތީ. މަ ދުވަހަކު ވެސް ހިޔެއް ނުކުރަމޭ އިލްހާމް އެވަރުގެ ބޮޑު ދޮގެއް ހަދާފާނެކަމަކަށް. ކުށެށް ނެތް އަންހެންކުއްޖެއްގެ ބޮލުގައި އިލްޒާމެއް އަޅުވާނެކަމަކަށް. އަންހެންދަރީގެ މައްސަލައިގަ ދޮގު ހެދިކަން އެނގުނީމަ ވެސް މަށަށް ވިސްނެންވާނެ އެއްވެސް ކަމެއްގައި ތެދުވެރި ނުވާނެކަން. އެކަމަކު ކީއްކުރާނީ. މަގޭ ގަމާރުކަމުން ނުވިސްނުނީ. މަށަށް މިހާރު އެއްގޮތަކަށް ވެސް ކަލެޔަކަށް އިތުބާރެއް ނުކުރެވޭ. ކޮންމެފަދަ ދޮގެއް ވެސް ހަދައިފާނެ. މިހާރު ހިތަށް އަރާ ސަފީނާ ދުނިޔޭގައި އެ ދެއްކީ ވެސް ހަމަ.."

ޞަފިއްޔާއަށް ބުނެވުނީ އެ ހިސާބަށެވެ.

"ހުއްޓާލާ ޞަފިއްޔާ. ހުއްޓާލާ." އިލްހާމް ރުޅި އަންނަކަމަށް ހެދުނެވެ. ދެބުމަ ގޮށްޖަހައިލަމުން ދެލޯ ވަށްކޮށްލަމުން ޞަފިއްޔާއަށް ބަލާލީ ރުޅިވެރިކަމާއެކުއެވެ.

"ހަޤީޤަތް އަޑުއަހަން އުނދަގޫވާނެ." ޞަފިއްޔާ ކޮޅަށް ތެދުވަމުން ބުނެލިއެވެ.

"ކަލޭ ދުލަށް އައިހާ އެއްޗެއް މަށާ ދިމާއަށް ބުނުމުގެ ހައްޤެއް ނޯންނާނެ." އިލްހާމް ވެސް ތެދުވަމުން ބާރަށް ބުންޏެވެ. "މަ ކުރި ކަމެއް ކުރީ ނަޒީލްގެ ހައްޤުގައި. ކަލޭމެން މީހަކަށް ނަޒީލް ކުރިކަމެއްކަން ޝައްކުވެދާނެތީ ނިހާ ބޮލުގަ އެކަން އެޅުވީ ވެސް. ދެން ކަލޭ ޤަބޫލުކުރާ ގޮތަކަށް ކުރޭ. މަގޭ މޮޔަކަމުން ކަލޭ ފަހަތުން އާދޭސްކުރަމުން މި ދުވަނީ. މައްސަލަ ހައްލުކުރަން އުޅޭ މީހަކު ވެސް ވާނީ މޮޔަ."

"މަށަށް ވަރިހަމަ މައްސަލަ ހައްލުކުރަން ދުވަހަކު ނޫޅުނަސް." ޞަފިއްޔާ ބުންޏެވެ. "ކަލެޔާ ހުރެ ނަޒީލް މަރުވެގެން އެ ދިޔައީ. އޭނާ ކުރި ކުށުގެ ހައްޤު އަދަބު އޭނައަށް ދިންނަމަ މިއަދު އޭނަ މި ފަސްގަނޑު ދަށުގައި އޮންނާކަށް ނުޖެހުނީސް."

"ޞަފިއްޔާ." އިލްހާމް އަތް އުފުލާލަމުން ހަޅޭލަވައިގަތެވެ. ނަމަވެސް އަތް މުއްކަވައިލަމުން އޭނާ އަތްތިރިކޮށްލިއެވެ.

"ޖަހާބަލަ. ތީ ދެން މިހާރު ނުކުރެވިފައި އޮތްކަމަކީ." ޞަފިއްޔާ ފެންކަޅިވިއެވެ. އަޑު ކުރަކިވިއެވެ. "މަށެށް ދުވަހަކުވެސް މާފެއް ނުކުރާނަން. ތީ ނަޒީލްގެ ގާޠިލަކީ. ކަލޭ ކުރާ ފާފަތަކުގެ ސަޒާ ނަޒީލަށް އެ ލިބުނީ. ތި ސޫރަ ފެނުނަސް މަ ފޫހިވޭ. ރުޅިއާދޭ. މިގޭގައި އުޅޭކަށް ވެސް ބޭނުމެއް ނޫން."

ޞަފިއްޔާ އަނގަމަތީގައި އަތް އަޅާލަމުން ރޮއެގެންފިއެވެ. އަދި އިލްހާމަށް ބަލާލުމަށްފަހު ބާރަށް ހިނގައިލައިފައި އެތަނުން ދިޔައެވެ. ބޮލުގައި ދެއަތުން ހިފާލަމުން އިލްހާމް ސޯފާއަށް ތިރިވިއެވެ. ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. އޭނާގެ ދިރިއުޅުމުގެ އެއްވެސް ފަރާތަކުން އުފާވެރިކަން ފެންނާނެ ގޮތެއް ނެތީ ހެއްޔެވެ؟ ޞަފިއްޔާއާއި ދެމެދުގައި އޮތް ގުޅުން ދުވަހެއް ދުވަހަކަށް އެ ދަނީ ހީނަރުވަމުންނެވެ. އެންމެފަހުން ފޫހިވާކަމާއި ރުޅި އަންނަ ވާހަކަ ވެސް މިހާރު ދިމާލަށް ބުނަންފެށީއެވެ. ކާވެނީގެ ވާފަށް ކެނޑިގެންދާކަށް މާގިނަ ދުވަހެއް ނެތެވެ. ކާވެނީގެ ގޮށް މިހާރު އެ ދަނީ ލުހެމުންނެވެ. އެގޮށަށް ވާންކޮށްލަން އިލްހާމް ހިފާލާ ކޮންމެފަހަރަކު އެ ވާފަށް ކެނޑިދާނެކަމުގެ ބިރު އާލާވާން ފަށައެވެ. އޭނާގެ ހަޔާތުގައި މިހާރު ތިބީ ވެސް ދަރިއަކާއި އަނތްބެއް އެކަންޏެވެ. އަނބިމީހާ ގެއިން ނުކުމެގެން ގޮސްފިނަމަ ދަރިފުޅު ވެސް ނުކުމެގެންދާނެއެވެ. ސަބަބަކީ ނިކާލް ވެސް މިހާރު އޭނާ ދެކެ ފޫހިވާކަމެވެ. ނަފްރަތުކުރާކަމެވެ.

އިންޝާ ވަނީ ފުން އަނދިރި ވަޅު ގަނޑަކަށް ވެއްޓިފައެވެ. ފިރިމީހާ ނެތި ދިޔުމުގެ ސަބަބުން އޭނާ މުޅިން ބަލިކަށި ވެއްޖެއެވެ. ރޮއެރޮއެ ދެލޯ ފާރުވެއްޖެއެވެ. ކޮޓަރީގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ ނަޒީލްގެ ފޮނި ހަނދާންތަކެވެ. އުފާވެރި ހަނދާންތަކެވެ. ލޯބިންކުރި ގޯނާތަކެވެ. ހިތްފަޅައިގެންދާ ވަރުވުމުން އިންޝާ އެންމެފަހުން ހޮޅިބުރި ނިއްވައި، މުޅި ކޮޓަރި އަނދިރިކޮށްލިއެވެ. އެކަނިމާއެކަނި ކަނު އަނދިރީގައި ރޯލަރޯލާ އޮތެވެ. ދޮރާ ދިމާއަށް ފުރަގަސްދީގެން އޮއްވައި ކޮންމެވެސް މީހަކު ދޮރު ހުޅުވާލިކަން އެނގުނެވެ. ކޮޓަރިތެރެއަށް އަލިކަމެއް އެޅުމާއެކު އަނދިރިވެގެން ދިޔަތަން ފެނުއެވެ. އިންޝާ އެނބުރުނީ މަގަތުގައި މީހަކު އިށީންކަން އިޙުސާސްވުމުންނެވެ. ނަމަވެސް ކޮޓަރިތެރެ އަނދިރިކަމުން ތަނެއްދޮރެއް އެނގޭވަރެއް ނުވިއެވެ. މީހަކު އިންކަން ޔަޤީންކުރެވުނީ އެމީހަކު އިންޝާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެން ފެށުމުންނެވެ. ލޯތްބާއެކެވެ. އެއީ ނިހާކަމުގައި އިންޝާ ހީކުރިއެވެ.

"ނިހާ. ކިހިނެއް އަހަރެން ނަޒީލްއާ ވަކިން ދިރިއުޅޭނީ." އިންޝާ އަނެއްކާ ވެސް ރޮއެގެންފިއެވެ. ގިސްލެވެން ފަށައިފިއެވެ.

"ނިހާ" އެއްވެސް އެއްޗެއް ނުބުންޏެވެ. އަނެއްކާ ވެސް ކަރުނަ ފުހެދޭން ފެށިއެވެ. މޫނުގެ ދެފަރާތުގައި ހިފާލަމުން ނިތް ކުރި މައްޗަށް ބޮސް ދިނެވެ. އެ ހިސާބުން އިންޝާއަށް ކުރިން ފާހަގަ ނުވާކަމެއް ފާހަގަކުރެވުނެވެ. ނިހާގެ އަތްތިލަ ވަރަށް ކުޑަކަމެވެ. އެއީ ކުޑަ ކުއްޖެއްގެ އަތްތިލައެކެވެ. އިންޝާގެ މެޔަށް ފިނިވެގެން ދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހުއްޓުމަކަށް އަޔެވެ. ތެޅިގަންނަން ވެސް ނުކެރިފައި އޭނާއަށް އޮވެވުނީ ނޭވާ ހިފަހައްޓައި ލައިގެންނެވެ.

"މަންމާ ނުރޮއެ ހުއްޓާލާ." އެއީ ކުޑަ އަންހެން ކުއްޖެއްގެ އަޑެވެ. އިންޝާގެ ހިތްހީވީ މޭ ފަޅާފައި ނުކުމެދާނެހެންނެވެ. ކުއްލިއަކަށް ތެދުވެ އެނދުކޮޅުގައި ހުރި ސުވިޗު ޖައްސައިލިއެވެ. އެނދުމަތީ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހަތަރު ފަރާތަށް ވެސް އޭނާ ބެލިއެވެ. އެކަކު ވެސް ލޮލަކު އަޅައެއް ނުގަތެވެ. ދެންމެ އެ އިވުނު އަޑާއި އެ ކުޑަކުޑަ ދެ އަތްތިލަ މޫނުގައި ޖައްސައިލި ވަގުތު ކުރެވުނު އިޙުސާސް އެއީ ވަހުމެއް ނޫންކަން އިންޝާއަށް ޔަޤީނެވެ. އޭނާއަށް އަތް ޖައްސައިލެވުނީ އުނަގަނޑުގައެވެ. ތަވީދެއް ނެތެވެ. އޭނާ ފުންމައިގެން އެނދުން ތެދުވެ މުޅި އެނދު އެފުށް މިފުށަށް ޖެހިއެވެ. އެ ތަވީދެއް ނުފެނުނެވެ.

ކުއްލި ގޮތަކަށް ދިމާވި އެ ހާދިސާއިން އިންޝާ ކުރަމުންދިޔަ ހިތާމައަށް ވެސް ނިމުމެއް އައި ކަހަލައެވެ. އެ ކުޑަ ކުއްޖާ އެއީ ކާކު ހެއްޔެވެ؟ އެ ކުއްޖާ އޭނާއަށް މަންމަގެ ނަމުން މުޚާތަބު ކުރީ ކީއްވެގެން ހެއްޔެވެ؟ އެއީ އޭނާގެ ދަރިއެއް ހެއްޔެވެ؟ ހަމައެހިނދު އޭނާގެ ހަނދާނަށް އައީ މަރުޖީނާގެ ބަސްތަކެވެ.

"ކޮބާ މަ ބުނީމެއްނު. އެ ޖިންނި އެއޮތީ ހަމަ އިންޝާގެ ގަޔަށް އަރާފައޭ. އޭނަ ބަނޑު ވެސް ބޮޑު. ދެން ލާހިކެއްނޫން ތިކަމުން ސަލާމަތްވާކަށް. އޭނާ ދެންވާނި މަރު. ވިހާފިއްޔާ މުޅި އާއިލާގެ ދުވަސް ވެސް ދިޔައީ." އިންޝާގެ ސިކުނޑީގައި އެ ބަސްތައް ގުގުމާލިއެވެ.

"ނޫން. ނޫން. މަގޭ ދަރިއެއް ނުހުންނާނެ. އަހަންނެއް ނުވިހަން." އިންޝާއަށް ޤަބޫލުކުރަން އުނދަގޫވިއެވެ. އޭނާއަށް އެ ކޮޓަރީގައި އެންމެ ސިކުންތަކު ވެސް މަޑުކުރާކަށް ނުކެރުނެވެ. ނުކުމެގެން ދިޔުމާއެކު އެނދުމަތީ އިށީނދެލައިގެން އިން ކުޑަ ކުއްޖާ ލޯތަކަށް ފާޅުވިއެވެ. ދޮންދޮން ކުޑަ އަންހެން ކުއްޖެވެ. އިސްތަށިގަނޑު ފަންވެފައި ދިގެވެ. އެ ކުއްޖާ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.

"މަންމަ އަދި އަޅުގަނޑު މަތިން ހަނދާންވާނެ." ކުއްލިއަކަށް އެ ކުއްޖާ ކަޅު ދުންގަނޑަކަށް ބަދަލުވެ ގެއްލުނެވެ.

ނިކާލް އޮތީ ނިހާގެ އުނގުގައި ބޯ އަޅާލައިގެންނެވެ. ބޮލުގައި ރިއްސާ ވާހަކަ ބުނުމުން ނިހާ އިނީ ބޯ މޮޑެދޭށެވެ. އެ ފިނި އިނގިލިތައް ޖެހުމާއެކު ބޮލުގެ ރިހުމަށް ލުއިލިބި މުޅިންހެން ރަނގަޅުވިއެވެ. ނިކާލް އޮތީ ދާ ހިތްނުވެފައެވެ. ނިހާ އިނީ ނިދި ވެސް އައިސްފައެވެ. ނިކާލް ގާތުގައި ދާށޭ ބުނަން ނުކެރިފައެވެ.

"މިހާރު އެހެރަ 1 ޖަހާ ބޮޑުވީ." ނިހާ ގަޑިއަށް ބަލާލައިފައި ބުންޏެވެ. "ދެން ނިދަން ދޭ. ކަންކަމާ މާ ބޮޑަށް ނުވިސްނާތި."

"މިރޭ އޮންނާނީ ނިހާ ކައިރީ." ނިހާގެ މެދު ހަށީގައި ނިކާލް ބައްދައިލިއެވެ.

"ނޫން ތިގޮތެއް ކަމަކު ނުދާނެ." ނިހާއަށް ބުނެވުނެވެ.

އެ ދެމީހުންގެ އެކަހެރި ބައްދަލުވުންތަކުގެ ސަބަބުން މިހާރު ވެސް ކުރެވޭ ފާފަ ވަކި މަދެއް ނޫނެވެ. ދެމީހަކު އެކަހެރި ވެއްޖެނަމަ ތިންވަނަ މީހަކަށް ޝައިޠާނާ ހުންނާނެކަން ހަދާން ނައްތާލައިގެން ނުވާނެއެވެ. ދެމީހުން އެކުގައި ނިދަން ވެއްޖެނަމަ ކުރެވޭ ފާފަ ބޮޑުވާނެކަން ނިހާ ދަނެއެވެ. ނިކާލްގެ ބޮސްދިނުންތަކަށް އިޖާބަދެވުނަސް ކައިވެނީގެ ކުރިން އަބުރަށް ހުތުރުވާފަދަ ފާފައަކަށް އަރައިގަންނާކަށް ނިހާ ބޭނުމެއް ނޫނެވެ. އެކަމާ ނިހާ ފާޅުގައި ދެކޮޅު ހެދުމުން ވެސް ނިކާލް އަޅައެއް ނުލިއެވެ. ހަދާނެ ގޮތް ހުސްވެފައި އިންދައި އިންޝާ އެ ކޮޓަރި ދޮރުގައި ތަޅައިގަތެވެ.

"އެކަނި އޮންނަން ބިރުން މިއައީ." އިންޝާ ބުންޏެވެ. "ނަޒީލް މަތިން ހަނދާންވަނީ."

ނިކާލް މާޔޫސްވެފައި ހުރެ ނުކުމެގެން ދިޔައީއެވެ. އޭނާ ވެސް އެ ކޮޓަރިއަށް އައީ ނަޒީލްގެ ހަނދާންތަކާއި ދުރުވުމުގެ ބޭނުމުގައެވެ.

ނިހާ ގާތުގައި އޮތުމުން އިންޝާއަށް ހަމަޖެހިލައިގެން އޮވެވުނެވެ. ނިހާގެ އެކިއެކި ވާހަކަތަކުގެ ސަބަބުން ނަޒީލްގެ ހަނދާންތަކާ ދުރުވެ ލޮލަށް ނިދި ސަވާރުވިއެވެ. ހަމަނިދި ޖެހުމާއެކު ފެންނަން ފެށީ ހުވަފެނެކެވެ. ފެންނަނީ ހޮސްޕިޓަލެވެ. އިންޝާ އޮތީ އެމަޖެންސީ ރޫމުގައި އެނދުމަތި ކުރެވިފައެވެ. ކުއްލިއަކަށް އިންޝާގެ ބަނޑު ފުއްޕާލިތަން ފެނުމާއެކު ގާތުގައި ހުރި ނަރުސް ކުއްޖާގެ ދެލޯ ބޮޑުވިއެވެ. އޭނާ ދުރުބަލާލި ވަގުތު އިންޝާ ބަނޑަށް އެރީ ތޫނު ތަދެކެވެ. ފަޅި ސިކުންތަކަށް އެ ތަދު އެރުމަށްފަހު އޭނާގެ ނޭވާ ތާށިވީއެވެ. ނޭވާ ނުލެވިގެން ތެޅި ފޮޅެންފެށިއިރު ވެސް ނަރުސް ކުއްޖާހުރީ ބަލަހައްޓައިގެންނެވެ. އެހެންކުއްޖަކު އައިސް އިންޝާއަށް އޮކްސިޖަން މާސްކު އަޅާލަދިނެވެ. ފުން ނޭވާތަކެއް ލަމުން އިންޝާގެ ހަބަރު ހުސްވިއެވެ. އޭރު އެނދުގެ ދެފަރާތުން ފެންތައް ފައިބައެވެ. އިސްކުރުން ފެން އޮހޭ ބީދައިން ފެންތަން އޮހޭތަން ފެނުމުން ނަރުސް ކުދިންތައް ހައިރާންވިއެވެ. އިންޝާގެ ގައިމަތީ އަޅާފައި އޮތް ބެޑްޝީޓު އެކުދިން ތިރިއަށް ދަމާލިއެވެ. އިންޝާގެ ހަރުވާޅު ކަކުލާ ހަމައަށް ތިރިކުރެވިފައި ހުރި ތަން ފެނުނެވެ. ދެފައި ކުޑަކޮށް ދުރެވެ. އެ ދެމެދުން ފެންނަން ހުރި ހުދު ބެޑްޝީޓުގައި ކުކުޅު ބިސް ކުލައިގެ ލޮނދި ދަވަގަނޑެއް ހޭކިފައި ހުއްޓެވެ. އެތަނުގައި ތިބި ދެ ނަރުހުން އަޖައިބުވެ އަންތަރީސްވިއެވެ. އެ ދެމީހުންނަށް އެ ވީގޮތެއް ވިސްނާލަން ވެސް ނޭނގުނެވެ. ލޯ މެރިފައިވާ އިންޝާއަށް މަންމަގެ ނަމުން މުޚާތަބުކޮށް ގޮވާލި އަޑު އިވުނެވެ. އެ އަޑާއެކު އަޑު ރައްދުވެގެން އައީ ތަކުރާރުވަމުންނެވެ. ފަހަރަކަށް ވުރެން ފަހަރެއް އަޑު މަޑުވަމުންނެވެ. ކުއްލިއަކަށް އެ އަޑު ދެން އިވުނީ ކަންފަތް ބުޑުންނެވެ. އޭނާއަށް ސިހިފައި ހޭލެވުނެވެ.

އިންޝާގެ ހަޅޭކުގެ އަޑަށް ނިހާގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. އޭރު އިންޝާއަށް މާނޭވާ ލެވެއެވެ. ނިހާ އަވަސްއަވަހަށް ފެންތަށްޓެއް އަޅާ އިންޝާ އަތަށް ދިނެވެ. އެއް ނޭވައިން ފެންތަށި ދަމާލުމާއެކު އިންޝާ ހަމައަކަށް އެޅުނެވެ. ނިހާ އަތަށް ހުސް ތަށި ދިއްކޮށްލަމުން އިންޝާއަށް ބިރުވެރި ހުވަފެނެއް ފެނުނީކަމަށް ބުނީ ނިހާގެ ހާސްކަން ފިލުވާލުމަށެވެ. އެރޭ ފަހުން އެއްގޮތަކަށް ވެސް އިންޝާއަކަށް ނުނިދުނެވެ. ލޯ ޖެހޭ އިރަށް މީހަކު އަންނަހެން ހީވެދާނެއެވެ. އަޑެއް އިވިދާނެއެވެ. ފަތިސް ނަމާދަށް ބަންގި ގޮވީ ވެސް އެ ހާލެއްގައި ދެއަތަށް ފުރޮޅިފުރޮޅި އޮއްވައެވެ.

*****

ނަޒީލްގެ މަރުގެ ތަޙުޤީޤު ކުރިޔަށް ދިޔައީ ހީވެސް ނުކުރާހާ ހަލުވި ދުވެއްޔެއްގައެވެ. ނެގުނު ސުންކުތައް ނަޒީލްގެ ލެޔާ ދިމާވިއެވެ. އޭގެ އިތުރުން މަރާލަން ބޭނުންކޮށްފައިވާ ހަތިޔާރުން ވެސް ސާފު އިނގިލީގެ ނިޝާނެއް ފެނުމުން އެއްފަހަރުން މައްސަލަ ނިންމާލެވޭނެ ކަމުގެ އުންމީދު ލިބުނެވެ. އިނގިލީގެ ނިޝާން ޑޭޓާ ބޭސްއަށް ނެގިފައި ހުރި ނިޝާން ތަކާ ދިމާވޭތޯ ބެލުމަށް ހަވާލުކޮށްފައި، ފައިރޫޒް އައިސް ކެބިންއަށް ވަނެވެ. މޭޒުގެ ވަތްގަނޑު ހުޅުވާލައިފައި ގަނޑެއް ނެގިއެވެ. އެއީ އިއްޔެ ނިކާލް ހަވާލު ކުރި ސިޓީ ނޯޓެވެ. ފައިރޫޒް އެ ކިޔާފިއެވެ. ނިހާއަށް އަނިޔާވެރިވީ ނަޒީލްގެ އަމިއްލަ އިޚުތިޔާރުގައިކަން އެނގުމުން ވެސް އޭނާ އެކަމަކާ މާ ބޮޑަކަށް ޚައިރާނެއް ނުވެއެވެ. އޭނާ އެ ނޯޓު ލީ ނިހާގެ ވޭދަނައަށެވެ.

"ކުށެށްކޮށްފިނަމަ ކޮންމެ މީހަކަށް ވެސް އަދަބު ލިބޭނެ. އިލްހާމެއް ކާސިމެއް ޤާސިމެއް އެޔަކު ނޯންނާނެ." ފައިރޫޒް ހިތާހިތުން ބުނެލިއެވެ. ނިހާގެ މެޑިކަލް ރިކޯޑު ބަދަލުކުރަން އިލްހާމް ރިޝްވަތު ދިން މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަން ފައިރޫޒް ވަނީ ނިންމާފައެވެ.

ފައިރޫޒް ކެބިންއިން ނުކުމެގެން އައިސް ޖެހިގެން ހުރި ކޮޓަރިއަށް ވަނެވެ. އެތަނުގައި ޖަނާން ހުއްޓެވެ. ފާރުގައި ހަރުކޮށްފައި ހުރި ބޯޑުގައި ހުރި ފޮޓޯތަކަށް ބަލާށެވެ. އެއީ ނަޒީލްގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެއްކުރެވިފައި ހުރި ފޮޓޯތަކެވެ. ސަތޭކައެއްހާ ފޮޓޯ އެ ބޯޑުގައި ހިއްޕައިފައި ހުއްޓެވެ. ފައިރޫޒް ފޮޓޯތަކަށް ބަލަންހުރި އިރު ނަޒީލްގެ ބަދުނަސީބާ މެދު ހިތާމަކުރިއެވެ. ނިހާއަށް އަނިޔާވެރިވި ކަމުގައިވީ ނަމަވެސް މަރުގެ އަދަބު އޭނައަށް ހައްޤެއް ނޫނެވެ.

"ސަރ. ބަލާބަލަ.." ޖަނާންގެ އަޑަށް ފައިރޫޒް ސިހުނެވެ.

ޖަނާން އިނގިލި ޖައްސައިފައިވާ ފޮޓޯގަނޑަށް ފައިރޫޒް ފަރުވާތެރިކަމާއި އެކު ބަލާލިއެވެ. އެއީ ނަޒީލްގެ ހަށިގަނޑުގެ ފޮޓޯއެކެވެ. ގާތަކު މަތީގައި އޮތްއިރު އޭނާގެ އަތާއި ދިމާލުގައި އޮތް ގާގަނޑެއްގައި ލެއިން އިނގިރޭސި އަކުރުތަކެއް ފަވާލެވިފައި ހުއްޓެވެ. ހީވާގޮތުން ނަޒީލް މަސައްކަތް ކޮށްފައި އެހުރީ ގާޘިލުގެ ނަން ލިޔުމަށެވެ. ގާތަކު މައްޗަށް ފެތުރިފައިވާ ލޭތަކުގެ ސަބަބުން ބައެއް އަކުރުތައް ފޮހެވިފައި ހުރި ނަމަވެސް ތިން އަކުރެއްވަރު ފަނޑު ގޮތަކަށް ފެންނަން ހުއްޓެވެ.

"ޖަނާން ފޮޓޯ ނަންބަރު 67 ކޮންޕިއުޓަރުން ހުޅުވާފައި އެ ދިމާ ފެންނާނެ ހެން ބޮޑު ކޮށްލަދީބަލަ." އެ އަކުރުތަށް ސާފުކޮށް ފެންނާނެ ގޮތެއް ހަދައި ދިނުމަށް ފައިރޫޒު އެދުނެވެ.

ޖަނާން ކޮންޕިއުޓަރުން ފޮޓޯ ހުޅުވާ އެދިމާ ބޮޑުކޮށް ފެންނާނެހެން ފައިރޫޒަށް ދައްކާލިއެވެ. ކޮންޕިއުޓަރުން ފޮޓޯ ބަލާލުމުން އެ ތިން އަކުރު ސާފުކޮށް ފެނެއެވެ. ލިޔަން މަސައްކަތް ކޮށްފައި އެހުރީ ނަމުގެ ފެށޭ ތިން އަކުރުކަން ފައިރޫޒަށް އެނގުމުން ދެލޯ ބޮޑުވިއެވެ.

"ތީގެ މާނައަކީ އޭނާ ތިރިޔަށް ވައްޓާލިއިރު މަރެއް ނުވެޔޭ. ނޫނީ ވައްޓާލި ވަގުތު ހޭވެރިކަން ނެތް ނަމަވެސް މަރުވުގެ ކުރިން ހޭ އެރިއޭ. އެހެންނު؟" ފައިރޫޒް ހައިރާންވެފައި ހުރެ އަހައިލިއެވެ.

"ލައްބަ ސަރ.." ޖަނާން ޖަވާބުގައި ބުންޏެވެ.

"ފިންގަރ ޕުރިންޓު ދިމާވޭތޯ ބަލާ.." ފައިރޫޒް ބޭނުންވީ ޝައްކެއް ނެތް މިންވަރަށް ޔަޤީންކުރާށެވެ.

އެ ވަގުތަކީ ތަޙުޤީޤު ޓީމުގެ އެހެން މެމްބަރަކު އެ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަން ވަގުތެވެ.

"ސަރ. ފިންގަރ ޕުރިންޓު ދިމާވެއްޖެ." އޭނާ ބުނެލިއެވެ.

ޤާޠިލު ޔަޤީންވުމާއެކު ފައިރޫޒް އަވަސްވެގަތީ ޤާޠިލު ހައްޔަރުކުރުމުގެ ކޯޓު އަމުރެއް ހޯދާށެވެ. ނަސީބު ދިމާކުރި ގޮތުން އެކަން ވެސް ލަސްތަކެއް ނުވެ ކާމިޔާބު ވިއެވެ. ކޯޓު އަމުރު ހިފައިގެން ފައިރޫޒް ދިޔައީ ސުނޯހައުސްއަށެވެ. ނަޒީލްގެ ގާޠިލަކީ އެ ގޯތީގެ އަހުލުވެރިއެކެވެ. ސުނޯހައުސްއަށް ދިޔައިރު އެގޭގެ މައިދޮރު ހުރީ ތަޅުލާފައެވެ. ގަޑިން ހެނދުނު 10 ޖަހާ ބޮޑުވީއިރު ވެސް އެ ގޯތި އެކަކު ވެސް ނުހޭލަނީ ހެއްޔެވެ؟ ފައިރޫޒް ދެތިން ފަހަރަކު ދޮރުގައި ޖަހައިލިއެވެ. އެވަގުތު ބަދިގޭގައި ކޮފީއެއް ގިރަން އުޅުނު ނިކާލަށް އެ އަޑު އިވުނެވެ. ނިކާލް ދޮރުކަޅީގައި ލޯ ޖަހާ ބަލައިލިއެވެ. ފައިރޫޒް ފެނުމާއެކު އަވަހަށް ދޮރު ހުޅުވާލިއެވެ. ގޯތީގެ ހުރިހާ އަހުލުވެރިން ތިރިއަށް ގެނައުމަށް ފައިރޫޒު އެންގިއެވެ.

"އެކަކު ވެސް އަދި ހޭނުލާ." ނިކާލް ބުންޏެވެ. "ކިހިނެއްވީ؟"

"ނަޒީލްގެ ޤާޠިލް ހޯދިއްޖެ. އެންމެނަށް ގޮވާ މިތަނައް އަންނަން ބުނޭ." ފައިރޫޒް އަމުރުކުރިއެވެ.

ނިކާލް ނިކަން އަވަހަށް ގޮސް އެންމެނަށް ގޮވިއެވެ. ފައިރޫޒް ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނުމުން މާ ލަސްތަކެއް ނުވެ އެގޯތީ ހުރިހާ އަހުލުވެރިން ފެންޑާއަށް ޖަމާވެއްޖެއެވެ. ފައިރޫޒް އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ޤާޠިލު ހުރީ ކަންބޮޑުވެފައެވެ. އެހެންމީހުން ތިބީ ފައިރޫޒް ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އެމީހުންނަށް ހީވާ ކަހަލައެވެ. ފައިރޫޒް ބޭޒާރުކޮށްލަން އެއުޅޭ ޤާޠިލަކީ އެ ގޯތިން ބޭރު މީހެކެވެ.

"މިއޮތީ ކަމަނާ ހައްޔަރުކުރުމަށް ނެރެފައި އޮތް އަމުރު." ފައިރޫޒްގެ ދެލޯ އަމާޒުވެފައި ހުރީ ނިހާއާ ދިމާއަށެވެ.

"އޭނ. މަށޭ؟" ނިހާ މޭގައި އަތް ޖައްސައިލަމުން ޔަޤީންނުވެފައި ހުރެ އެހިއެވެ. އޭނާ ފަރާތްފަރާތަށް އެނބުރި ބެލިއެވެ. އެންމެންގެ ތޫނު ނަޒަރުތައް އޭނާއަށް ހުއްޓިފައި ހުރުމުން ނުތަނަވަސްކަމެއް އެ ހިތުގައި އަށަގަތެވެ. (ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  Niha ey? I can't believe. Haadha hynuveyey ekam

  13
 2. ސީދާ

  ނިހާ؟ ބަޓް ވައި؟؟ ހާދަ ހީނުވެއޭ.. ނިހާ ތީ ސައިކޮޕާތެއްނު އެހެންވީމަ

  11
 3. ނައޫ

  ވަޓް؟😳

  14
 4. ާޮއޮފްމޫޑު

  ލާ.. ކަމަނާ ހައްޔަރު ކުރާށޯ..؟ ފައިރޫޒް ހާދަ ރުޅިދުރުވެފަ؟

  12
 5. ހއދޖ

  ދީޕިކާ ނޫނީ އިންޝަ

  9
  1
 6. Anonymous

  އިލްހާމު

  2
  1
 7. ހިލް

  އަޅޭ ކިހިނެއް ބާ ދެން ވާނި ނިހާ ހެންހީ ނުވޭ