އިންޑިޔާގައި މި ނުރައްކާތެރި އަދި އުދަނގޫ ވަގުތުގައި ކާބޯތަކެތި ނުލިބިފައިވާ އެތައް ފަރާތްތަކަކަށް އެހީވުމަށް ބޮލީވުޑުގެ ބަތަލާއިންގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. މިގޮތުން ސަނީ ލިއޯންއާއި ޖެކުއެލިން ފެނާންޑަޒް ފާހަގަކޮށްލެވެ.

މިދިޔަ އަހަރުން ފެށިގެން ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުން އައި މުމްބާއީގެ '' ރޯޓީ ބޭންކު'' ގައި ކާބޯތަކެތި ފޯރުކޮށްދިނުމުގައި މަސައްކަތުގައި ބަތަލާ ޖެކުއަލިން ވަނީ ބައިވެރިވެފައެެވެ.

އެތައް ބައެއްގެ ބަނޑުހައިހޫނުކަން ފިލުވައިދިނުމުގައި ''ރޯޓީ ބޭންކު'' ގެ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި އެމީހުންގެ އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވޭތީ އެކަމާއި އުފާކުރާ ކަމަށް ވެސް ބުނެފައިވެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދީ ދުނިޔޭގައި މިއުޅޭ ދުވަސްތަކުގެ އަގު ވަޒަން ކުރުމަށް ވެސް ބުނެފައިވެއެވެ.

ބަތަލާަ ސަނީ ލިއޯން ވެސް ވަނީ އިންޑިޔާގެ ދިއްލީއަށް ހިޖުރަކޮށްފައިވާ މީހުންނަށް 10،000 މީލް ސެޓް ހަދިޔާ ކޮށްފައެވެ. ސަނީ ލިއޯން ބުނެފައިވަނީ އުދޭ ފައުންޑޭޝަން މެދުވެރިކޮށް ދިއްލީއަށް ހިޖުރަކޮށްފައިވާ ފަރާތްތަކަށް 10،000 މީލް ސެޓް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ސަނީ ލިއޯން ބުނެފައިވަނީ އުދޭ ފައުންޑޭޝަނަށް އެހީތެރިވުމަކީ އޭނާއަށް ލިބުނު އުފަލެއް ކަމަށާއި ކޮންމެ މީހަކު ވެސް އެމީހަކަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެދިފައިވެއެވެ. މި އުދަނގޫ ހާލަތުން ސަލާމަތްވުމަށް އެންމެ ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

ބޮލީވުޑުގެ އެތައް ފަންނާނުންނެއް ދަނީ އިންޑިޔާގެ މި ނާޒުކު ހާލަތުގައި އެހީބޭނުންވާ އެތައް ފަރާތްތަކަކަށް ފައިސާގެ އެހީއާއި އެހެނިހެން ވެސް މުހިންމު ވަސީލަތްތައް ފޯރުކޮށްދެމުންނެވެ.