ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފުރާ ގިމަތައިގައި އަހަރެން އިނީ ފޯނުގައި ހުރި މެސެޖްތައް ކިޔާށެވެ. ކޮންމެ ފަހަރަކު ރަށުން ބޭރަށް ފުރާ ދުވަހު ވެސް މި މެސެޖްތައް އަހަރެންނަށް އާދެއެވެ. އަހަރެންނަށް މި މެސެޖްތައް ފޮނުވަނީ ދުރު މީހެއް ނޫނެވެ. އަހަރެންގެ ފިރިމީހާއެވެ. އޭނާގެ މިޒާޖު އަހަރެންނަށް ދަސްވީ ކައިވެނިކޮށްގެން އުޅޭތާ އެތަކެއް އަހަރު ވީ ފަހުންނެވެ. ކުރިން އޭނާ އަކީ ޝަކުވާ ބޮޑު މީހެއް ނޫނެވެ. ނަމަވެސް މިފަހުން އެކަން ފާހަގަވާން ފެށިއެވެ.

އަހަރެން ވަޒީފާ އަދާ ކުރާ ވުޒާރާ އަކީ ރާއްޖޭގެ ރަށްރަށުގެ ތަރައްގީގެ މަޝްރޫޢު ތަކާ ގުޅިފައިވާ ވުޒާރާއެކެވެ. އަހަރެންނަކީ އެތަނުގެ ސާރވޭ ޓީމްގެ އިސްމީހަކީމެވެ. ވަޒީފާގެ ގޮތުން މިފަދަ ދަތުރު ތަކުގައި ދާން މަޖުބޫރު ވަނީއެވެ. މިފަހަރު ވެސް އަހަރެން މިދަނީ އެފަދަ ދަތުރެއްގައެވެ. ބައެއް ފަހަރަށް އެކަނިވެސް ދާންޖެހެއެވެ. އަދި ގިނަ މީހުންނާއެކުގައި ވެސް ދަތުރު ކުރާންޖެހެއެވެ.

އަހަރެންނާއި ޝައްފާނު ގާސިމާ ބައްދަލުވީ ވެސް މިފަދަ ދަތުރަކުންނެވެ. އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔަ އޮފިހުގެ ފަރާތުން މަސައްކަތު ބައްދަލު ވުމެއް ބޭއްވުމަށް ކުރި ދަތުރަކުންނެވެ. ދެމީހުން ވެސް ދާންޖެހުނީ އެއް ރަށަކަށެވެ. އެދަތުރު މަތީގައި ތައާރަފުވެ އަދި އެރަށުގައި ހޭދަކުރި ތިން ދުވަހުގެ ތެރޭގައި ދެމީހުން އެކަކު ނެކަކަށް ދަސް ވިއެވެ. ކަންދިމާކުރި ގޮތުން ދަތުރު ނިންމާފައި އަންނަން ޖެހުނީ ވެސް އެއް ލާންޗަކުންނެވެ. ދެމީހުންގެ ފޯނު ނަންބަރު ބަދަލު ކުރެވި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ލޯބީގެ ގުޅުމަކަށް ބަދަލު ވެގެން ހިނގައްޖެއެވެ.

ޝައްފާނަކީ ހެޔޮ ވަފާތެރި ލޯބިވެރިއެކެވެ. ރައްޓެހި ވީތާ އަހަރު ވީއިރު އަހަރެމެން ތިބީ ކައިވެނިކޮށްގެންނެވެ. އަހަރެންނާއި ޝައްފާނާ ދެމެދު އޮތީ ރަހުމަތްތެރިއަކާއި އެކުވެރި އެއްގެ ގުޅުންމުން އުފެދުނު ލޯތްބެއް ކަމުން ވަރަށް ގިނަ ވާހަކަ ހުރީ ހިއްސާ ކުރެވިފައެވެ. އޭނާގެ ބައެއް ސިއްރުތަކާއި އަހަރެންގެ ސިއްރުތައް ވެސް އޮތީ ހިއްސާ ކުރެވިފައެވެ.

ޝައްފާނަކީ ބައެއް ފަހަރަށް ކަންކަމާއި އަމިއްލަ ނަފުސުގެ އިތުބާރު ކުޑަ މީހެކެވެ. އެކަން ރަނގަޅުވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ކޮންމެވެސް ވަރެއްގެ ކުރި އެރުމެއް ލިބުނު ހެން ހީވިއެވެ. ނަމަވެސް އެދެވޭ ބަދަލެއް ނާދެއެވެ. ދޭތެރެއަކުން އެކަން ބޮޑު ވެއެވެ. ކައިވެންޏަށް ދެއަހަރު ވީއިރު ކުއްޖަކު ލިބިއްޖެއެވެ. ދެމީހުން ވެސް ތިބީ އެ ދަރިފުޅު ގެ އުމުރުން ފަސްއަހަރު ނުވަނީސް އިތުރު ކުއްޖަކު ހޯދާ ގޮތަކަށް ނޫނެވެ. ޝައްފާނަށް ވުރެ އަހަރެންނަށް ލިބޭ އާންމު ދަނީ ބޮޑެވެ. އެއީ އަމިއްލަ ކުންފުނިތަކުން ލިބޭ ޕްރޮޖެކްޓް ތަކުގައި އަހަރެން މަސައްކަތް ކުރާތީއެވެ. ބައެއް މަސް މަހު ހީނުކުރާ ވަރުގެ ރަނގަޅު އާންމު ދަނީ ވެސް ލިބެއެވެ. ބޭރުގެ ބައެއް މަސްރޫޢުތައް ވެސް ލިބެއެވެ. ވަރަށް ގިނަ ރޭރޭ ދަންވަންދެން އަހަރެން ގޭގައި މަސައްކަތް ކުރަމެވެ.

މައްސަލަތައް ކުރިމަތިވާން ފެށިތާ އަދި އަހަރު ވެސް ނުވާނެއެވެ. ޝައްފާނަކީ ވަރަށް ގިނަ ރަހުމަތެރިން ތިބޭ މީހަކަށް ވުމުން އޭނާ ކޮންމެ ދުވަހަކުވެސް ކޮފީ ބުއިމަށް ވަގުތު ހުސްކުރެއެވެ. ހަވީރު ގިނަ ދުވަސް ދުވަހު އުޅެނީ ރަހުމަތްތެރިންނާ އެކުގައެވެ. ހުކުރު ދުވަހު ވެސް ދަރިފުޅާ އެކު ބޭރަށް ދަނީ ވެސް އަހަރެން އެކަންޏެވެ. މިކަމުގައި ޝަކުވާ ކުރެވެން ފެށުމުން ރުންކުރުވާ ގޮތް ވާން ފެށީއެވެ. އަހަރެން ބެލީ ޝަކުވާތައް މަދު ކުރެވޭތޯއެވެ. ނަމަވެސް ދަރިފުޅު ބައްޕަ ހޯދަން އުޅޭތީ އެޝަކުވާ ކުރެވެނީއެވެ.

އޮފީސް ދަތުރު ތަކުގައި ރަށުން ބޭރަށް ދަނީ ދަރިފުޅު އަހަރެންގެ ދައްތައާ ހަވާލު ކޮށްފައެވެ. އެފަދަ ދުވަސްކޮޅު ޝައްފާނަށް ވަރަށް ބޮޑު މިނިވަން ކަމެއް ލިބެއެވެ. ނަމަވެސް އޭނާއަށް އަހަރެން ހުންނަ އިރު ފުރިހަމަ ކޮށްދޭ ގޮތަށް އަހަރެންގެ ތިމާގެ މީހުން ކަންކަން ނުކޮށްދޭ ކަމުގެ ޝަކުވާ ކުރެއެވެ. ގަމީސް ލާންޖެހެނީ ވެސް އިސްތިރި ކުރާ ތަނުންނެވެ. ހޫނު ކަން ނުކެނޑެނީހެވެ. ފެންވަރައިގެން ނުކުންނައިރު އިސްޓާކީނާ ބޫޓު ތައްޔާރަށް ހުންނަން ޖެހެއެވެ. އަހަރެންނާ ކައިވެނި ކުރީންސުރެ އޭނާ އަމިއްލައަށް ބޫޓް ޕޮލިސްކުރާ ކަށް ނުޖެހެވެ. އިސްޓާކީނު އަލަމާރިން ނަގާކަށް ނުޖެހެވެ. ގިނަދުވަސް ދުވަހު އިސްޓާކީނު ފަޔަށް ލައްވާދެނީ ވެސް އަހަރެންނެވެ. މިގޮތަށް ޚިދުމަތް ނުދެވޭތީ ރުންކުރުވެ ރުޅި ގަދަވަނީއެވެ.

މިފަހުން ކުރި ގިނަ ދަތުރުތަކުގައި އަހަރެން ގެއިން ނުކުތީ ރޮމުންނެވެ. އޭނާ ދުވަހަކު އަހަރެންނާ ދިމާއަށް ނުކިޔާ ވަރަށް މިއަދު އެއްޗެތި ކިއެވެ. މެސެޖުންނެވެ. ފޯނުންނެވެ. ދިމާއަށް އެއްޗެތި ކިޔާހާ ހިތްވަރެއް ނުހުރެއެވެ. އެއީ ގޭ މީހުންނަށް އަޑު އިވިދާނެތީއެވެ. އަމިއްލަ ނަފުސުގެ އިތުބާރު ކުޑަވީމައެވެ. ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރާކަށް ބޭނުމެއް ނުވެއެވެ.

ބޯޓް ފުރަން އަދި 45 މިނެޓް އެބައޮތެވެ. އަހަރެން އިނީ ޚިޔާލު ތަކުގެ ތެރެއަށް ގެއްލިފައެވެ. މި ދިމާވާ ކަންކަމަށް ދާއިމީ ހައްލަކީ ކޮބައިތޯ ވިސްނެނީއެވެ. އަހަރެން ވަޒީފާ އިން ވަކިވެގެން ގޭގައި އިނުމުން ހައްލުވާނެ ބާވައެވެ! ރަށް ރަށަށް ދަތުރު ކުރާންނުޖެހޭ ވަޒީފާ އެއް އަދާކޮށްގެން ހައްލުވާނެބާވައެވެ!

ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ކައިރީގައި ހުރި ގޮނޑީގައި މީހަކު އިށީދެ ވާހަކަ ދައްކަން ފެށުމުންނެވެ. އެމީހެއްގެ މޫނަށް ފުންކޮށް ވިސްނާލީމާ ވެސް ކާކުކަން ދަނެގަނެވޭގޮތެއް ނުވެއެވެ. ނަމަވެސް ދެލޮލުން އެއީ ކުރިން ދެކެފައި ވާ މީހެއްކަން އިހުސާސް ވާން ފަށައިފިއެވެ.

އަހަރެން އޭނާއާއި ސުވާލު ކުރީމެވެ. ތިޔައީ ކާކުހެއްޔެވެ؟ ނޭނގުނެވެ. އޭނާ އެދުނީ އަދިވެސް އިތުރަށް ވިސްނާލުމަށެވެ. ވިސްނާލުމުން ވެސް ހަނދާނަށް އެއީ ކާކުކަން ނާދެއެވެ. އެކަމަކު ހަމަ ލޮލަށް ބަލައިލުމާއެކު ހީވަނީ ވަރަށް ގާތް މީހެއްހެންނެވެ.

އިރު ކޮޅެއް ވުމުން އޭނާ ބުނެފިއެވެ. ނޭނގުނު ދޯއެވެ. މިއީ ހައިދަރު އަލީ އެވެ. އެއް ނަސްލެކެވެ. އެއް ލޭ ހިނގާ ދެމީހުންނެވެ. އަހަރެންނަށް ގަބޫލުކުރަން ދަތިވިއެވެ. އަހަރެންގެ އުމުރުން 15 އަހަރުގައި އޭނަ ދުށީމެވެ. ނަމަވެސް މިގޮތަށް ހުއްޓަކާއެއް ނޫނެވެ. އެއީ އަހަރެން ބައްޕަ ބޯޓް ދަތުރު ކުރާން އުޅުނުއިރު ސްރީލަންކާގެ މުސްލިމް އަންހެނަކާ ކައިވެނިކޮށްގެން ލިބިފައި ހުރި ކުއްޖެކެވެ. އޭނާ އަހަރެންނަށް ފެނުނު އިރު އޭނާގެ އުމުރުން ވާނީ ވިއްސަކަށް އަހަރެވެ. އޭނާ އަހަރެން ދެނެގަތީ ކިހިނެއް ބާވައެވެ! އަހަރެންނަށް އޭނާ ފެނިފައި އޮތީ އެންމެ ދެފަހަރުއެވެ. މިހާރު އޭގެ ފަހުން 15 އަހަރު ވީއެވެ. މުޅިމީހާ ހުރީ ބަދަލު ވެފައެވެ. ބޮޑު ތުބުޅިއަކާއި މަތި މަހެކެވެ. ބޮލުގެ އިސްތަށިގަނޑުވެސް ހުރީ އައްސާލާފައެވެ. ވަރަށް ފަލަ އެވެ. ކުރިން ހުރީ ހިމަތޮޅި ކޮށެވެ.

ހައިދަރު އަހަރެންގެ އަތުގައި ހިފައި ބުރަކަށީގައި ފިރުމާލިއެވެ. އަދި އަހަރެންނަށް ވެސް އޭނާގެ އަތުގައި ދެއަތުން ހިފައިގެން އިރުކޮޅަކު އިނދެވުނެވެ. ދިރިއުޅެނީ ލަންކާގައެވެ. ހައިދަރުގެ މަންމަ އާއި އެކުގައެވެ. އަހަރެންގެ ބައްޕަ މިހާރު ނިޔާވިތާ ދުވަސް ކޮޅެއް ވެއްޖެއެވެ. ހައިދަރުގެ ދެމައިންނަށް ބައްޕަގެ ފަރާތުން މާބޮޑު އެހީ ތެރިކަމެއް ފަހުން ނުލިބޭކަމުގައި ބުންޏެވެ. އަހަރެމެންގެ އާއިލާއާ ވެސް ގުޅުން ނޯންނަނީ ބައްޕަ ކަންތައް ކުރި ގޮތުންނެވެ. މަންމަ ބަލި އެނދުގައި އޮންނަން ޖެހުނީ ވެސް އެކަމާ ގުޅިގެންނެވެ. ބައްޕަ ނިޔާވިކަން އެނގުނީވެސް މާލެ އައި ފަހުން ކަމުގައި ބުންޏެވެ. ހައިދަރު ރާއްޖެ އައީ ވިޔާފާރި ދަތުރެއްގައެވެ. ދިވެއްސަކާއި ގުޅިގެން ދިވެހި މީހާގެ ގެސްޓް ހައުސްއަށް މީހުން ފޮނުވާދިނުމުގެ ކަންކަން ހަމަޖައްސާށެވެ. އޭނާވެސް ދަނީ އަހަރެން މިދާރަށެވެ. އެއް ބަފާ ދެމީހުން އެތަކެއް އަހަރު ފަހުން ބައްދަލު ވުމުން އަހަރެންނަށް ވަރަށް ފުން އަސަރެއް ކުރިއެވެ. އަހަރެންގެ އެއް ބަނޑު އެއްބަފާ ފިރިހެނަކު ނުހުރެއެވެ. މުޅިންތިބެނީ އަންހެނުންނެވެ. ހައިދަރު ހުރުމުން އަހަރެންނަށް ނޭނގޭ އިހުސާސް އެއް ކުރެވުނެވެ. ބޯޓަށް އަރަން ގޮވައިފިއެވެ. ހައިދަރު އަހަރެންގެ ލެޕްޓޮޕާއި އެކުގައި ހުރި އިތުރު ދަބަހެއް އުފުލާދިނެވެ. އަދި ދޭތެރެއަކުން އަހަރެންގެ ބުރަކަށީގައި ފިރުމާލާފައި ބުނެއެވެ. ކޮއްކޮ އަހަރެނާއި ބައްދަލު ވާނެކަމަށް އުންމީދު ކުރިންހެއްޔެވެ؟ މިއި ހާދަ އުފާވެރި ދުވަހެކެވެ.

އަހަރެންނަށް މިއަދު ބޭބެއެއް ހުރިކަމުގެ އިހްސާސް އެބަ ކުރެވެއެވެ. ބޯޓްގައި ވެސް އިއްތިފާގުން ދެމީހުން ތިބެން ޖެހުނީ ކައިރިކައިރީގައެވެ.

ބޯޓް ފުރުމުގެ ކުރިން ފޯން ނިންވާލަން ވެގެން ބަލައިލިއިރު ޝައްފާނުގެ ތިން ހަތަރު މެސެޖް އޮތެވެ. އެތަނުން އެއް މެސެޖެއްގައި އޮތެވެ. މިފަހަރު ދަތުރު ކުރަނީ ވެސް ލޯބި ވެރިޔާއާއި އެކުގައި ދޯއެވެ. މިހާ ގިނަ ދަތުރު ކުރަނީ މިބޭނުމުގައި ދޯއެވެ. ހަގީގަތް އެނގޭނީ އެ އޮޑިއަކަށް އަރާ ދުއްވާލުމުން ތާއެވެ. ހާދަ ބުރުސޫރަ ރީތި މީހެއް ތިޔަ ހޯދީ އެނޫން މީހެއް ނުލިބުނީ ހެއްޔެވެ؟ އަހަރެން ކައިރީ ބުނިނަމަ އެއަށް ވުރެ ރަނގަޅު މީހަކު ހޯދާ ދޭނަމެވެ.

އަހަރެންނަށް އޭނާ މެސެޖް ކުރާވަރު ގިނަ ވެގެން އޭރު ވެސް ފޯން އޮތީ މިއުޓަށް ލެވިފައެވެ. މެސެޖް ތަކުގެ ތިރީގައި އަހަރެން ފުރާ ގިމަތައިގައި އިން ފޮޓޯ އަކާއި ސްޓޭޝަން މަތީގައި ހުއްޓާ ހައިދަރު އަހަރެންގެ ބުރަކަށީގައި ފިރުމާލާ ފޮޓޯ އެއްވެސް ފޮނުވާފައި އޮތެވެ. ކޮންމެވެސް މީހަކު ފާރަލައިގެން ފޮޓޯ ނެގީތާއެވެ. ކާކުކަން މިހާރު ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ މިހާރު ވަގުތު ފާއިތު ވެއްޖެއެވެ.

އައި ރުޅީގައި އަހަރެން ދިގު މެސެޖެއް ލިޔެލީމެވެ. ޝައްކު ނުކޮށް ކާކުތޯ އަހާލިނަމަ ސާފުކޮށް ބުނެދޭނަމަވެ. ދެން އެކަމަކު މިފަހަރު ކާކުކަން ބުނެދޭކަށް ބޭނުމެއް ނޫނެވެ. އަހަރެން ދުވަހަކުވެސް ޝައްފާނަށް ޝައްކު ކުރިން ހެއްޔެވެ؟ އަހަރެން އަބަދު ވެސް ދެން ވެސް ޝައްފާނަށް އިތުބާރު ކުރާނަމެވެ. އަހަރެންނާ މެދު މިފަހުން ތިޔަ ވަރަށް ޝައްކުކޮށް ރުޅި އަންނަނީ ކީއްވެގެން ހެއްޔެވެ؟

މެސެޖް ލިޔަމުން ދިޔައިރު ލޮލުން ކަރުނަ ހިލެން ފަށައިފިއެވެ. އަދި ރުޅިވެރިކަން ވެސް އެތެރޭގައި ހޫނުވަނީއެވެ. އެކަން އަހަރެންގެ ބޭބެއަށް ނުދެއްކުމަށް ޓަކައި އަތުގައި އޮތް ތޮފި އަޅާލީމެވެ. ދެން އޮތް މެސެޖް ގައި އޮތެވެ. ޝައްކު ޔަގީނަށް ވެއްޖެއެވެ. މިއަދުން ފެށިގެން ޝައުޝަން ސަލީމް ތީ އަހަރެންގެ އަންބެއް ނޫނެވެ. ވަރިކޮށްފީމެވެ.

އަހަރެންނަށް ގިސްލާފައި ރޮވެން ފަށައިފިއެވެ. ނުހިފެއްޓިގެން ބާރަށް ރޮވެނީއެވެ. އަނގަމަތީގައި އަތް އަޅާގެން ވެސް އިނދެވޭ ވަރެއް ނޫނެވެ. ގޮނޑިން ތެދުވެގެން ފާޚާނާ އަށް ދިޔައީމެވެ. އަޑުން އަޑުނަގާ ރޮވުނީ ކިހާ އިރެއް ވަންދެން ކަން ނޭނގުނެވެ. ފާޚާނާ ދޮރުގައި ޖަހާ އަޑަށް ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ ބޭބެއެވެ. ބޭއިޚުތިޔާރުގައި ބައްދާލެވުނެވެ. އަހަރެންނަށް ބުނެވުނީ އަހަރެން ސަލާމަތް ކޮށްދޭށެވެ. އަހަރެން މަރުވަނީ އެވެ.

ހޭވެރިކަން ވީއިރު އޮތީ ހަސްފަތާލުގައި އެނދުމަތި ކޮށްފައެވެ. ރަނގަޅަށް ހޯދާ ބަލައިލި އިރު އެކަކު ވެސް ނެތެވެ. ކުޑަ އިރު ކޮޅެއް ވީތަނާ ހައިދަރު ބޭބެ އަތުވެއްޖެއެވެ. އަހަރެންނަށް ވީގޮތް އޮޅުން ފިލުވީމެވެ. ހޭނުތުނީއެވެ. ހައިދަރު ބޭބެގެ އެދުމުގެ މަތިން ދިމާވި ކަންކަން ކިޔައި ދިނީމެވެ. އަހަރެންނަށް ވަރަށް ހިތްވަރު ދިނެވެ.

ހަސްފަތާލުން ދޫކޮށްލުމުން އަހަރެންގެ މަސައްކަތް ފުރިހަމަ ކުރުމަށް ފަހު މާލެއައީ ފަސްދުވަސް ފަހުންނެވެ. ކަންވީ ގޮތް ޝައްފާނުގެ އެންމެ ގާތް ރަހުމަތްތެރި އަކަށް އަހަރެން ކިޔާދިނީމެވެ.

ދެދުވަސް ފަހުން އަހަރެންގެ އަލަތު ފިރިމީހާ އަދި ޝައްކާއި ވަހުމުގައި އަހަރެން ވަރިކުރި ފިރިމީހާ ޝައްފާނުގެ މެސެޖެއް ލިބުނެވެ. މައާފަށް އެދިފައި ވެއެވެ.

އަހަރެން އޭނާއަށް މައާފު ކުރީމެވެ. ނަމަވެސް އޭނާ އެދިފައިވާ ގޮތަށް އަލުން ކައިވެނި ރުޖޫޢަ ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.

ޝައްކަކީ ބައްޔެކެވެ. ފަރުވާ ނުހޯދައިފިނަމަ ކިތަންމެ ބޮޑު ގޯހެއް ވެސް ހެދިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލިކިލް

    ފިރިމީހާގެ އަތް ނެތީތާ އިސްޓާކިނު ލާން. އަންހެން މީހާ މޮޑެފަ ކާން ދިނީމާ ދޯ ކެވެނީވެސް. ވެން ވިލް މެން ގްރޯ އަޕް އޯރ ބިކަމް ސެލްފް ސަފިޝިއަންޓް. ވަރަށް ސަލާމް!!!!