މެއި 6 ވަނަ ދުވަހު ގެނެސްދިން ބައި

ނިކާލް ނިކަން އަވަހަށް ގޮސް އެންމެނަށް ގޮވިއެވެ. ފައިރޫޒް ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނުމުން މާ ލަސްތަކެއް ނުވެ އެގޯތީ ހުރިހާ އަހުލުވެރިން ފެންޑާއަށް ޖަމާވެއްޖެއެވެ. ފައިރޫޒް އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ޤާޠިލު ހުރީ ކަންބޮޑުވެފައެވެ. އެހެންމީހުން ތިބީ ފައިރޫޒް ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އެމީހުންނަށް ހީވާ ކަހަލައެވެ. ފައިރޫޒް ބޭޒާރުކޮށްލަން އެއުޅޭ ޤާޠިލަކީ އެ ގޯތިން ބޭރު މީހެކެވެ.

"މިއޮތީ ކަމަނާ ހައްޔަރުކުރުމަށް ނެރެފައި އޮތް އަމުރު." ފައިރޫޒްގެ ދެލޯ އަމާޒުވެފައި ހުރީ ނިހާއާ ދިމާއަށެވެ.

"އޭނ. މަށޭ؟" ނިހާ މޭގައި އަތް ޖައްސައިލަމުން ޔަޤީންނުވެފައި ހުރެ އެހިއެވެ. އޭނާ ފަރާތްފަރާތަށް އެނބުރި ބެލިއެވެ. އެންމެންގެ ތޫނު ނަޒަރުތައް އޭނާއަށް ހުއްޓިފައި ހުރުމުން އެ ހިތުގައި ނުތަނަވަސްކަމެއް އަށަގަތެވެ. ފަހަތަށް އެނބުރި ބަލާލިއިރު ދީޕިކާ ވެސް ހުރީ ނިކަން ހާސްވެފައެވެ. މުޅި މީހާ ދާހިއްލުވައިލައިފައެވެ. ފައިރޫޒް އައިސް ބިޑި އެޅުވީ ނިހާގެ ފަހަތުގައި އިސްޖެހިފައި ހުރި ދީޕިކާގެ އަތުގައެވެ. އެންމެން ހައިރާންވެގެން ބަލަން ތިބީ ދީޕިކާއަށްކަން ނިހާއަށް ރޭކާލީ އެ ހިސާބުންނެވެ.

"ދީޕިކާ އޭ. މީ ކިހިނެއްވާނެ ކަމެއް." ދެލޯ މުދުނުގައި ޖެހިފައި ހުރި ނިކާލަށް ބުނެވުނެވެ. "ދީޕިކާތަ ނަޒީލް މަރާލީ؟ އެކަމަކު ކީއްވެގެން؟"

"ރަށަށް ނުފޮނުވައިގެން." އިލްހާމް ތުރުތުރު އަޅައިގަތެވެ. މުޅިމީހާ ރުޅި އައިސްގެން ފަޅައިގެންދާ ވަރުވިއެވެ. ދީޕިކާ ރަށަށް ނުފޮނުވައިގެން އިލްހާމަށް ބިރުދައްކައިފައިވާތީ އޭނާއަށް ވިސްނުނީ އެގޮތަށެވެ. އަސްލު ސަބަބު އޮތީ ދީޕިކާގެ ހިތުގައެވެ. އެއީ ވަންހަނާ ކުރެވިފައިވާ ބޮޑު ސިއްރެކެވެ. އެ ސިއްރަކީ އެ އާއިލާއަށް ބޮޑު ޒަލްޒަލާއެއް ގެނުވާނެ ސިއްރެކެވެ.

"ގޮތްކުޑަ." ޞަފިއްޔާ އަތުގަ ހުރި ބާރަކަށް ދީޕިކާގެ ކަންކަށި މަތީގައި ޖެހިއިރު ގިސްލެވެން ފަށައިފިއެވެ. "ކަލޭ މަގޭ ދަރީގެ ފުރާނަ ދުއްވާލީ. އެ ސޮރު ކަލެއަށް ކީއްކޮށްގެން؟ ބުނެބަލަ. ކީއްވެގެންހޭ އެސޮރު މަރާލީ."

ދީޕިކާ ފެށީ ރޯށެވެ. އިންޝާ ވެސް ދީޕިކާގެ ގަޔަށް ބޮލަށް އަރައިގަތެވެ. ޞަފިއްޔާ އިންޝާގެ ދެއަތުގައި ހިފެހެއްޓިއެވެ. އެ މުޑުދާރު އަންހެނާ ގައިގާ އިނގިލި ކުރި ވެސް ޖައްސަން ހެޔޮނުވާނެ ކަމަށް ބުނެ ޞަފިއްޔާ ނަޞޭހަތްތެރިވިއެވެ. އިންޝާ ބާރަށް ރޮމުން ޞަފިއްޔާގެ ގައިގާ އޮޅުލައިގަތެވެ.

"އެ ސޮރު މަރާލީ ކީއްވެގެންހޭ؟" މިފަހަރު ސުވާލުކުރީ އިލްހާމް އެވެ. ދީޕިކާ އަނގައިން ނުބުނެ ހުރުމުން ދީޕިކާގެ ދެކޮނޑުގައި ހިފައި އިލްހާމް ތަޅުވައިގަތެވެ. ޖަވާބު ދިނުމަށް އެދި ހަޅޭއްލަވައިގަތީ ހޮނު ގުގުރިއެއްހާ ބާރަށެވެ. ދީޕިކާ ރޮމުންރޮމުން ފަހަތަށް ޖެހުނެވެ. އިލްހާމް ހުއްޓުވަން ފައިރޫޒް މަސައްކަތް ކުރިއެވެ. ނަމަވެސް އިލްހާމް އެ އަތް ފޮޅުވައިލައިފައި ގޮސް ދީޕިކާގެ ކަންކަށި މަތީގައި ވިހެލިއެވެ. ދީޕިކާގެ ބޮލަށް އެނބުރުން އަރައިގަނެގެން ދިޔައެވެ. ޓައިލްސްގަނޑު މައްޗަށް ގުޅައަކަށް ޖެހުނެވެ. ބިޑި އަޅުވާފައިވާ ދެ އަތް މޫނުގައި ޖައްސައިލަމުން އިލްހާމަށް ބަލާލި ވަގުތު ދެ ފުލުހަކު އައިސް އިލްހާމްގެ ދެއަތުގައި ހިފެހެއްޓިއެވެ. އިލްހާމް ފައި ވިއްދާފައި ހުރީ އެމީހުން ފޮޅުވާލައިފައި ގޮސް ދީޕިކާގެ ދުވަސް ދުއްވާލުމަށެވެ.

"ޖަނަވާރާ. ބުނާށޭ." އިލްހާމް އަނެއްކާ ވެސް ހަޅޭލަވައިގަތެވެ. "ކަލޭ މަގޭ އަތުން މަރުވާން ބޭނުން ނޫނިއްޔާ ހަމަ މިހާރު ބުނޭ. މީހެއްގެ ފުރާނަ ދުއްވާލިއިރު ކަލޭ ހިތަށް ހަމައެކައްޗެއް ވެސް ނޭރިތަ؟"

ކުއްލިއަކަށް ދީޕިކާގެ މުޅި ޠަބީޢަތު ބަދަލުވެގެން ދިޔައެވެ. އިލްހާމުގެ ރުޅިވެރި މޫނު ފެނުމުން އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބުނެވެ. އެ ހިތުގައި އުފެދިފައިވާ ހާސްކަމާއި ބިރުވެރިކަން ފިލައިގެން ދިޔައެވެ. އޭނާ ފުންމައިގެން ތެދުވިއިރު މޫނުމަތިން ފެނުނީ އާ ކުލަތަކެކެވެ. ނަފުރަތެވެ. ރުޅިވެރިކަމެވެ. ބަދަލު ހިފުމުގެ ރޫހެވެ. ނިކަން އަވަސްއަވަހަށް އޭނާ އަތުގެ ނުފުށުން މޫނުމަތިން ފައިބަމުން ދިޔަ ދާތައް ފޮހެލިއެވެ. އަދި އިލްހާމުގެ މޫނަށް ތުން އޫކޮށްފައި ކުޅުގަނޑެއް ޖެހިއެވެ. އަދި ވަރުގަދަ ހިނިގަނޑެއް ޖަހައިލިއެވެ. އިލްހާމް ކެކިގަތެވެ. ފުލުހުން އިލްހާމް ހިފަހައްޓައިގެން ހުރުމުން އޭނާއަށް ކުރިޔަށް ދެވޭގޮތް ނުވުމުން ދީޕިކާއާ ދިމާއަށް ފައި މަޅާލިއެވެ. އަދި އަޑުގެ ނެތްތަނަށް ފެލިގަތެވެ.

"ހަޅޭނުލަވަނީ." ދީޕިކާގެ ރުޅިވެރި އަޑުވެސް މަޑެއް ނޫނެވެ. "ކަލޭ މިހާރު ވިސްނެނީ. ދަރި މަރުވަނީ ވާނެ ދެރަ ވިސްނެނީ. ދެން ކަލޭ ރޮނީ އަބަދަށް ރޮނީ. އަހަރެން ދެރަވާން ބޭނުން ނެތީ. އަހަރެން ޕޮލިސްދަނީ. ކަލޭ ރޮނީ."

ދީޕިކާ އަނެއްކާވެސް ވަރުގަދަ ހިނިގަނޑެއް ޖަހައިލިއެވެ. އޭނާއަށް ލިބުނު ޝޮކުގައި ދުނިޔެއިން މޮޔަވީ ހެއްޔެވެ؟ އެންމެން ވެސް ހީކުރީ ދީޕިކާގެ ބުއްދި ގޯސްވީކަމަށެވެ. ނަމަވެސް ދީޕިކާ ހުރީ ހަމަހޭގައެވެ.

"ކަލޭދަރި މަރާލަނީ. ކަލޭ އަބަދު ރޮނީ." އެތަނުގައި ތިބި މީހުންނަށް ދީޕިކާ ދައްކާ ވާހަކަތައް އެނގުނު ނަމަވެސް އެބަސްތަކުގެ މުރާދެއް ނުވިސްނުނެވެ. އެ ބަސްތަކުގެ ފަހަތުގައި ފޮރުވިފައިވާ މާނައެއް ނޭނގުނެވެ.

"ތި ވާހަކަތައް ދައްކަން ޕޮލިހަށް ހިނގާ." ފައިރޫޒްގެ އިޝާރާތަށް އެތަނުގައި ހުރި އަންހެން ފުލުހަކު ދީޕިކާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ދީޕިކާ ވަގުތުން އެ އަތް ފޮޅުވައިލިއެވެ. އިލްހާމާ ދިމާއަށް ބާރަށް ގޮސް ފައިކުރުކޮށްފައި ކޮޅުފައިން އިލްހާމްގެ ކުރިމަތިފަރާތުގައި ޖެހިއެވެ. އިލްހާމަށް އިހްސާސްވި ތޫނު ތަދާއެކު ހުރި ތަނަށް ތިރިވެވުނުއިރު އަނގައިން އާޚުގެ އަޑު ނުކުތެވެ. އިލްހާމްގެ ދެލޮލުން ކަރުނަ ހިލުވާލީ އެ ވޭނަށް ކެތް ނުވެގެންނެވެ. ދީޕިކާ ދެވަނަ ފަހަރަށް ވެސް ހަމަލަދޭން އުޅުނެވެ. އެހެނަސް އެ ދެމެދުގެ ހުރަހަކަށް ފައިރޫޒްވީއެވެ. ދެ ފުލުހަކު އައިސް ދީޕިކާގެ ދެއަތުގައި ހިފައިލުމާއެކު އޭނާ ދަތްކުނޑި ވިކާގަތެވެ.

"ކަލޭ މަގޭ ދަރީގެ ދިރިއުޅުން ނަގާލީ." ދީޕިކާ މިފަހަރު ވާހަކަ ދައްކަން ފެށީ ސީދާ އިނގިރޭސި ބަހުންނެވެ. "ކަލޭ މަގޭ ދަރިފުޅާއެކު ގަދަކަމުން ނަހަމަ ގުޅުން ހިންގީ. މަގޭ ދަރިފުޅު ޕުރިޔާ ބަނޑުބޮޑުވީ ކަލޭގެ ދަރިއަކަށް. އޭނަ މުޅި ރަށަށް ބަދުނާމު ކުރި މީހަކީ ކަލޭ. އޭނަ ދަންޖެހުނީ އެ ބަދުނާމާ މަލާމާތަށް ކެތްނުވެގެން ކަލޭގެ ސަބަބުން. އޭނަ ވިހެއީ ވެސް ކަލޭގެ ދަރިއެއް. ކަލޭގެ އަންހެން ދަރި ޕީހޫ އެހުރީ އިންޑިއާގައި. ކަލޭމެންގެ ސަބަބުން އެމަންޖެ އިބްރީސް ޢާއިލާ އަތްދަށުވެ ސަލާމަތް ނުވެގެން އެ އުޅެނީ. މޮޔަ ގޮވަނީ. ކަލޭގެ ނުލަފާކަމުން މަގޭ މުޅި އާއިލާ ބިކަވެގެން ދިޔައީ. އާނ. އާނ. ނަޒީލް މަރާލީ މަ. ކަލެޔަށް މިހާރު ހުންނާނީ އެއްޗެއް ވިސްނިފަ. ދަރިއަކު މަރުވީމާ ހިތްދަތިވާވަރު ކަލެޔަށް މިހާރު ހުންނާނީ ވިސްނިފައި."

މުޅިގެޔަށް ވަރުގަދަ ލޮޅުމެއް އައި ކަހަލައެވެ. ނިކާލްގެ ކަންފަތާ ހަމައަށް އެ ވާހަކަތައް ފޯރިއިރު މުޅި މީހާ ހުރީ އައްސި ވެފައެވެ. އޭނާއަށް ވަރުގަދަ ޝޮކެއް ލިބުނެވެ. ހިތް ހުއްޓުނުފަދަ އިޙުސާސެއް ކުރެވިގެން ދިޔައެވެ. އެޔާއެކު މުޅި މީހާ ތުރުތުރު އަޅައިގަތް ވަގުތު ޞަފިއްޔާގެ ކޮނޑުގައި ބާރަށް ހިފާލެވުނެވެ. އެތަނުގައި ތިބި އެންމެންގެ ނޭވާ ވެސް ސިކުންތު ކޮޅަކަށް ހުއްޓުނެވެ. ނިހާއާއި އިންޝާއަށް އެކަކު އަނެކަކާ ދިމާއަށް ބަލާލެވުނީ ހައިރާންކަމުން ފުރިގެންވާ ނަޒަރަކުންނެވެ.

"ކިހިނެއްވީ އޭތަ؟ ދީޕިކާ އެ ކިޔަނީ ކީކޭތަ؟" ނިކާލަށް ވީ ގޮތް ފެނިފައި ޞަފިއްޔާ ވެސް ތުރުތުރު އަޅަން ފަށައިފިއެވެ. ދީޕިކާ އިނގިރޭސި ބަހުން އެކީ ބަނދިވަރު ނޭނގުނެއް ކަމަކު އެއްކަމެއް އޭނާއަށް ޔަޤީންކުރެވުނެވެ. އޭނާ އިލްހާމަށް ނިސްބަތްކޮށް އެ ދެއްކީ އިލްހާމްއާ ގުޅުންހުރި ވާހަކައެއް ކަމެވެ. އިލްހާމްގެ މޫނުމަތިން ފެންނަމުން ދިޔަ ބިރުވެރިކަމާ ދީޕިކާގެ ނަފުރަތުން ފުރިގެންވާ ރުޅިވެރިކަން އެކަނި ވެސް އެކަމަށް ހެކި ދެއެވެ. ދައްބަނޑުކޮޅުގައި އަތް ވިއްދާލައިގެން އިލްހާމް ހުރީ ޝައްކެއްގެ މަތީގައެވެ. ބައެއް ބަސްތަކުގެ މާނަ އޭނާއަށް އެނގެއެވެ. ޕްރިޔާގެ ނަން ވެސް އެ ލަފުޒުތަކުގެ ތެރޭގައި ހިމެނިފައިވުމުން ދީޕިކާ އެ ބުނި އެއްޗެއް އޭނާއަށް ފަހުމުވާ ކަހަލައެވެ.

"މީނަ 2010 ވަނަ އަހަރު އިންޑިއާ ދަނީނު. ޑިސެމްބަރު މަހު ދަނީ. މަގޭ ދަރި ޕުރިޔާ ރޭޕުކުރަނީ. ބަނޑުބޮޑުވަނީ. މީނަގެ އަންހެންދަރި މިހާރު ވެސް ހުންނަނީ އިންޑިއާގަ." ދީޕިކާގެ ބަސްތައް މި ފަހަރު ހާއްސަ ކުރީ ޞަފިއްޔާއަށެވެ.

ޞަފިއްޔާ މިހުރިހާ ދުވަހުން އެނގެން ބޭނުންވި އަންހެންދަރީގެ ވަނަވަރު އެނގުމުން އޭނާގެ މުޅިގައިން ހީބިހި ހިލުވާލިއެވެ. ލިބުނު ޝޮކު ހިތާއި ހަމައަށް ފޯރިއިރު އޭނާ ފެންކަޅި ވެއްޖެއެވެ. އޭނާ ބޮޑަށް ހިތްދަވީ "ރޭޕް"ގެ ވާހަކަ އިވުމުންނެވެ. އިލްހާމަކީ ހަމަ އެހާ ނުބައިނުލަފާ އިންސާނެއް ހެއްޔެވެ؟ ޤަބޫލުކުރަން އުނދަގޫވި ނަމަވެސް ދީޕިކާގެ ވާހަކަތައް ޞަފިއްޔާއަށް ޤަބޫލުކުރަން މަޖުބޫރެވެ. ދީޕިކާ އެބުނާ ތާރީޚުގައި އިލްހާމް އިންޑިއާއަށް ދަތުރެއްކުރިކަން ދީޕިކާ އެނގެންޖެހޭނެ އިތުރު ސަބަބެއް ނެތެވެ. އިލްހާމް ސީދާ ވެލަމުން ޞަފިއްޔާގެ މޫނުން ނަޒަރު ވަކިކޮށްލީ ލަދުގަތް ވަރުންނެވެ. އޭނާ އެފަދަ ގޮތަކަށް އެންމެންގެ ތެރޭގައި ބޭޒާރުވުމުން ހަމަ ރަނގަޅަށް ވެސް ހާސްވެއްޖެއެވެ. ދިފާޢުގައި ބުނާނެ އެއްޗެއް ވެސް އޭނާގެ ސިކުނޑިއަކަށް ނައެވެ. ފުލުހުން ދީޕިކާގެ އަތުގައި ހިފައި ދަމަމުން ގެންދިޔައިރު ވެސް ހުނުން މެދު ނުކެނޑެއެވެ. އިލްހާމަށް ވެފައި ހުރި ގޮތުން އޭނާ އުފާފާޅުކޮށް ވައްތަރު ޖައްސާ ހަޅޭއްލަވަމުން ދިޔައެވެ.

މުޅި ފެންޑާއަށް ވެރިވެފައި އޮތީ މަރުފަދަ ހަމަހިމޭންކަމެކެވެ. އެކަކު އަނެކަކާ ހަތަރު ކަޅި ހަމަކުރަން ނުކެރިފައި އެންމަނަށް ތިބެވުނީ ހުއްޓުން އަރާފައެވެ. އިސްޖެހިފައެވެ. އަނގަޔަކުން ބަހެއް ބޭރެއް ނުކުރެއެވެ. ނިހާ ނޫން އެންމެން ތިބީ ވެދިޔަ ކަންތައް ސިކުޑިއަށް ނަގައިގަންނަން ނޭނގިފައެވެ. ޤަބޫލު ނުކުރެވިފައެވެ. ހައިރާނުން ހައިރާންވެފައެވެ. ނިހާއަށް ކުޑަ ވެސް ސިހުމެއް ލިބުނީ ދީޕިކާ އެހާ ފަރިތަކަމާއެކު އިނގިރޭސި ބަހުން ވާހަކަ ދެއްކުމުންނެވެ. ދީޕިކާގެ ދަރިޔަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގިކަން އެއީ ނިހާއަށް ކުރިން ވެސް އެނގިފައިވާ ހަޤީޤަތެކެވެ. ނިހާއަށް އެވާހަކަތައް ދީޕިކާ ވަނީ ކޮންމެވެސް ވަރަކަށް ހިއްސާކޮށްފައެވެ. އެ ހާދިޘާގެ ފަހަތުގައި ވެސް ހުރީ އިލްހާމްކަން އެނގުމުން އޭނާ ކުޑަކޮށް ވެސް ހައިރާނެއް ނުވެއެވެ. އިލްހާމް އެވީ ބޭޒާރުން ލިބުނު ހިތްހަމަޖެހުން ނިހާ ލިބިގަތީ ނަޒީލް ނެތި ދިޔުމުން ހިތާމަކުރާ ހާލުގައެވެ.

ޞަފިއްޔާ ކުރިޔަށް ޖެހިލިއެވެ. އިލްހާމަށް ގޮވައިލުމާއެކު އިލްހާމް ނިކަން އުނދަގޫ ގޮތަކަށް ބަލައިލިއެވެ. އެއްޗެއް ބުނަން އުޅުނެވެ. ބުނާނެ އެއްޗެއް ނޭނގިގެން އުޅޭފަދަ ގޮތަކަށް ހަރަކާތްތަކެއް ކުރިއެވެ. ޞަފިއްޔާ ގާތަށް ޖެހިލުމާއެކު އިލްހާމް އިސް ޖަހައިލިއެވެ.

"މަގޭ މޫނަށް ބަލާބަލަ." ޞަފިއްޔާގެ އަޑުގައިވި އަސަރުތައް ދެނެގަންނަން އުނދަގުލެވެ.

އިލްހާމް މަޑުމަޑުން އިސް އުފުލާލިއެވެ. ޞަފިއްޔާ އަތުގައި ހުރި ބާރެއްލާ އިލްހާމްގެ ކަންކަށި މަތީގައި ޖެހިއެވެ. ނިކާލް ދިޔައީ ސިއްސައިގެންނެވެ. ދުވެފައި ގޮސް މަންމަގެ އަތުގައި ހިފެހެއްޓިއެވެ. އިލްހާމުގެ ކަންކަށި މަތިން އަރައިގަތް ދިލައާއެކު އެޅި ވޭނުން ހީވީ ކަތުރުކަށިގަނޑު ބިންދައިގެން ދިޔަ ހެންނެވެ. އަނގަމަތި ފޮހެލިއިރު ލޭ ފެނުމުން އޭނާ ރުޅި ގަދަވެއްޖެއެވެ.

"ޞަފިއްޔާ." އިލްހާމް އެއް އަތުން ކަންކަށީގައި ކާއްތާލަމުން ބާރަށް ބުންޏެވެ. "ގަޔަށް ބޮލަށް ނާރާ. އަނގައިން ތި ކިޔާ އެއްޗެއް ކިޔާ.."

"ހަމަ މިހާރު މަ ވަރިކުރޭ. މަގޭ ދަރީގެ ގާޠިލާއެކު އެންމެ ހިނދުކޮޅަކު ވެސް އުޅޭކަށް ބޭނުމެއްނޫން. ހަމަ މިހާރު ވަރިކުރޭ. ނުބައިނުލަފާ ޝައިޠާނު މުޅިންވެސް ދޮގާއި މަކަރު. ތިކަހަލަ އެއްޗަކާއެކު އެންމެ ހިނދުކޮޅަކުވެސް އުޅޭކަށް ބޭނުމެއްނޫން. ހަމަމިހާރު ވަރިކުރޭ. މަގޭ ދަރިފުޅުގެ ގާޠިލަކީ ކަލޭ. މަގޭ ދަރިފުޅު މަރާލިމީހަކީ ވެސް ކަލޭ... ކަލޭ ކުރި ކުށެށްގެ ސަޒާ އެސޮރަށް ލިބުނީ. ހަމަ މިހާރު ވަރިކުރާށޭ...." ޞަފިއްޔާ ދެއަތުން އިލްހާމް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައިގަންނަމުން ފެލިގަތެވެ.

"ޞަފިއްޔާ މަގޭ އަތުން އަނިޔާއެއް ނުވަނީސް ދުރަށް ޖެހޭ." ޞަފިއްޔާގެ ދެއަތުގައި ހިފައި ވަކިކޮށްލަމުން އިލްހާމް ހަރުކަށި ރާގެއްގައި ބުނެލިއެވެ.

ޞަފިއްޔާ އެއްޗެއް ބުނުމުގެކުރިން ނިކާލް އެ ދޭތެރެއަށް ވަނެވެ. މައްސަލަ ހޫނުވެގެން ގޮސް އެކަކު އަނެކަކަށް އަނިޔާވެރިވާތަން ދެކޭކަށް އޭނާ ބޭނުމެއް ނޫނެވެ. މަންމަ ހަމައަކަށް އެޅުވޭތޯ އޭނާ އުޅުނެވެ. ދެކޮނޑުގައި ހިފައި އެތަނުން ދުރަށްލާން އުޅުމުން ޞަފިއްޔާ ނިކާލްގެ އަތް ފޮޅުވައިލިއެވެ. އޭނާ ނިކަން ބާރަށް ހިނގައިލައިފައި ގޮސް ސިޑިން އަރައިގެން ދިޔައެވެ. އިރުކޮޅަކުން އޭނާ އައީ ފޮށްޓެއް ހިފައިގެންނެވެ. ގެއިން ނުކުމެގެންދާން މާ ކުރިން ވެސް ތައްޔާރުވެގެން ހުރި ކަހަލައެވެ.

"ކަލޭ ކަހަލަ ގޮތްކުޑަ މުޑުދާރު މީހެއްގެ ހިޔާވަހިކަމުގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް މަށެއް ބޭނުމެއް ނޫން." ޞަފިއްޔާ ނުކުންނަން ދިޔައެވެ. އިލްހާމް އަޅައެއް ނުލިއެވެ. މިވަގުތު ޞަފިއްޔާ ހުއްޓުވަން އުޅެގެން ކާމިޔާބެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. ވިޔަސްވާނީ ފަޟީހަތެކެވެ. އެކަމަކު ޞަފިއްޔާގެ ފަހަތުން ނިކާލް ހިނގައިގަތުމުން އޭނާ ކަންބޮޑުވިއެވެ. ނިކާލް އޭނާގެ މަންމަ ހުއްޓުވަން އުޅުނެވެ.

"މަންމާ. ރުޅިމަޑުކޮށްބަލަ." ނިކާލް ވިސްނައިދޭން އުޅުނެވެ. "ގެއިން ނުކުމެގެން ދިޔުމަކީ އަދި ހައްލެއްނޫނޭ. މަންމަ ނުކުމެގެން ދަންޏާ މަ ވެސް މަންމަގެ ފަހަތުން ދާނަން. މަންމަ އެކަހަލަ ފިރިއަކު ބޭނުން ނުވާއިރު މަ ވެސް އެކަހަލަ ބައްޕައެއް ބޭނުމެއް ނޫން. ރުޅިމަޑުކޮށްފައި ވިސްނާލާ."

"ދަރިފުޅުދެކެ މަންމަ ރުޅިއެއް ނާދޭ." ޞަފިއްޔާ ރުޅި މަޑުކުރަމުން ބުންޏެވެ. "މަންމަ ދުވަސްކޮޅަކަށް އެކަނިވެލަން ބޭނުން. މަންމަ މިދަނީ މަންމަގެ ގެޔަށް. މަންމަ ފަހަތުން ދަރިފުޅު ނާންނާތި. ބައްޕައަށް ބަލާތި. ބައްޕައަކީ ކިތަންމެ ވިޔާނުދާ މީހަކަސް ބައްޕަ ދަރިފުޅަށް ރަނގަޅުވާނެ. އެހާ ލޯބިވެސް ވާނެ. މަންމައާ ބައްޕަ ވަކިވެގެން ދިޔަސް ލޭގެ ގުޅުމެއް ކެނޑިގެނެއް ނުދާނެކަން ހަނދާންކުރާތި. މަރުދުވަހާ ހަމައަށް ވެސް އެ ގުޅުން އޮންނާނެ."

"ވަރިހަމަ މަށެށް ވެސް އެކަހަލަ މަކަރުވެރި ނުލަފާ ބައްޕައެއް ބޭނުމެއްނޫން." ނިކާލްގެ އަޑުގައި ވެސް ވަނީ ނަފުރަތެވެ. "މަށާ އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ."

ނިކާލް ޞަފިއްޔާގެ އަތުގައި ހިފައިގެން ހިނގައިގަންނަން އުޅުނެވެ. ކުއްލިއަކަށް ނިހާ ތެޅިގެންފައި ނިކަން ބާރަށް ގޮސް ނިކާލްގެ އަތުގައި ހިފެހެއްޓިއެވެ. ނިކާލް ބަލައިލުމާއެކު ނިހާ ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ޞަފިއްޔާއާއެކު ނިކާލް އެ ގެއިން ނުކުމެގެންދާކަށް ނިހާގެ ހިތެއް ނޭދެއެވެ. ނިކާލް ނުކުމެގެން ހިނގައްޖެނަމަ އޭނާއަށް ވެސް އެ ގެއިން ނުކުންނަން މަޖުބޫރުވާނެއެވެ. އެ ގެއިން ނުކުމެގެން އިލްހާމް ނުފެންނަ ހިސާބަށް ދާން ނިހާއަށް އަދި އަވަހެވެ. ދީޕިކާ އެ ހިފީ ދީޕިކާއަށް ލިބުނު އަނިޔާގެ ބަދަލެވެ. ފަޅާ އެރީ ވެސް އިލްހާމްގެ ކުށުގެ ޑައިރީން ފަޅި ސަފްޙާއެކެވެ. ނިހާގެ މަންމައަށް ލިބުނު އަނިޔާތައް އަދިވެސް އޮތީ ވަންހަނާވެފައެވެ.

"މަންމަ އެބުނީ ހެޔޮކޮށް." ނިހާ އަވަހަށް ބުނެލިއެވެ. "ނިކް މަންމަގެ ފަހަތުން ދާނެކަމެއްނެތް. އިހަށް މަންމަ އެކަނިވެލުމަށް ފުރުޞަތުދީ. މި ގޭގަ އުޅުނަސް ބައްޕަގެ ކުރިމައްޗަށް ނާރައި ވެސް އުޅެވިދާނެ."

"އެ ތެދެއް ދަރިފުޅާ." ޞަފިއްޔާ ވެސް ނިހާއާ އެއްބައިވުމުގެ ގޮތުން ބުނެލިއެވެ. "ދަރިފުޅު މިގޭގައި މަޑުކުރޭ. ބައްޕައަށް ބަލާތި ދަރިފުޅު. މީ މަންމަގެ އެދުމެއް."

އިލްހާމްގެ "ނަޖިސްކަން" އެނގުމުން ޞަފިއްޔާ ނިންމުމެއް ނިންމައިފިއެވެ. ދެން އޭނާ ދުވަހެއްގެ ކޮޅުން ވެސް އިލްހާމާ އެއް ފުރާޅެއްގެ ދަށުގައި އުޅުމުގެ ވިސްނުމެއް ނެތެވެ. އިލްހާމް ގާތުން މިނިވަންވެގެން ވަކިން ދިރިއުޅެން ވެސް އޭނާގެ ހިތަށް ފަސޭހަވާނެއެވެ. އިލްހާމްގެ ސޫރަ ފެންނަ ކޮންމެ ފަހަރަކު ނަޒީލްގެ ހަނދާންތައް އާކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަޒީލަށް އެ ލިބުނީ ބަފަޔަކު ކުރި ވިޔާނުދާ އަމަލެއްގެ ހިތި ސަޒާއެވެ. އޭނާ ދުވަހަކު ވެސް އިލްހާމަށް އެކުށަށް މަޢާފެއް ނުކުރާނެއެވެ. އެވަރުން ވެސް އޭނާ އިލްހާމްއާ ދޭތެރޭ ވިސްނިއެވެ. އިލްހާމް އެކަނިވެރިވެދާނެތީ އޭނާގެ ފަހަތުން ނިކާލް އައުން މަނާކުރިއެވެ.

ބާބު 15 - ދީޕިކާ

ދީޕިކާ ގެނެސް ތޭރިތަކެއް ޖަހާފައި ހުރި ކުޑަ ގޮޅިއަކަށް ލެވުނެވެ. އެއީ މައްސަލަ ނިމެންދެން އޭނާ ބެހެއްޓޭނެ ތަން ކަމުގައި އެންގިއެވެ. އެތަނުގެ ސެކިއުރިޓީއަށް ހުރި މީހާ އެ ތޭރި ދޮރުފަތް ލައްޕާ ތަޅުލިއެވެ. ދީޕިކާ މަންމައަށް ގުޅާލުމުގެ ފުރުޞަތެއް ލިބިދާނެތޯ އެހިއެވެ. ސެކިއުރިޓީ ގޮވައިލީ ފައިރޫޒްއަށެވެ. ދީޕިކާގެ ބަޔާން ނެގުމަށްފަހު ހުއްދަދެވިގެން ދާނެކަމުގައި ފައިރޫޒް އެންގިއެވެ.

ދީޕިކާ ވަށައިގެން ނަޒަރު ހިންގާލިއެވެ. އެތަނުގައި މާގިނަ އެއްޗެހި ތަކެއް ނެތެވެ. އެނދަކާއި ގޮދަޑިއެއްގެ އިތުރުން ބާލީހެއް އޮތެވެ. ދެން ހުރީ ފެން އިސްކުރެކެވެ. އެ ދިމާލުގައ ފާހާނާ ތަށްޓެއް ވެސް ހުއްޓެވެ. އެއީ ދެން ހަޔާތުގަ ބާކީ އޮތް ދުވަސްތައް ވޭތުކުރަން ޖެހިފައި އޮތް ތަންކަން އިހްސާސްވުމާއި އެކު ހިތްދަތިވިއެވެ. މަންމައާއި މާމަ އަދި ދަރިފުޅު މަތިން ހަނދާންވުމާއެކު މޭގައި ރިއްސަން ފެށިއެވެ. ދުވަހެއްގެ ކޮޅުން ވެސް އެމީހުން ފެނުމުގެ ނަސީބު ދެން އޭނާއަކަށް ނުލިބޭނެއެވެ. އެމީހުންނާ ވަކިން އޭނާ ދިރިއުޅުން ވޭތުކުރާނީ ކިހިނެއް ހެއްޔެވެ؟ ދީޕިކާއަށް ރޮވުނެވެ.

އިންޑިއާގެ ޓުރެވެންޑުރަމަށް އުފަން ދީޕިކާއަކީ ކިޔަވައިގެން ހުރި ހަރުދަނާ ވަޒީފާއެއް އަދާކުރަމުން އައި މީހެކެވެ. އޭނާގެ ފިރިމީހާ ކާރު އެކުސިޑެންޓެއްގައި މަރުވުމަށްފަހު، އެ ދެމަފިރިންނަށް ލިބިފައިވާ ހަމަ އެކަނި ދަރިފުޅު ޕްރިޔާއަށް މަންމައަކާއި ބައްޕައެއްގެ ލޯބި ދީގެން ބޮޑުކުރަމުން އައި ޒިންމާދާރު މަންމައެކެވެ. "ދަ ގޭޓްއަވޭ ސުކޫލް" ގައި ޕުރީ ސްކޫލް ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ލިބޭ މުސާރައިން އާއިލާގައި ތިބި މަންމައާއި ބައްޕަ އަދި ދަރިފުޅުގެ ޚަރަދު ބަރަދުތައް ހަމަޖައްސަމުން އައި ހިތްވަރުގަދަ އަންހެނެކެވެ.

ދަރިފުޅު ފުރާފުރިހަމަވެ އުމުރުން 16 އަހަރު ފުރިގެން ދިޔައީ އުފަލާ ހިތްހަމަޖެހުމުގައި އުޅެއެވެ. ދަރިފުޅުގެ މިޒާޖަށާއި އުޅުމަށް ބަދަލު ތަކެއް އަންނަން ފެށީ އެހިސާބުންނެވެ. ނެގިމަޑުވެފައި އިނުމާއި އެކަނި އުޅުމަށް ލޯބިކުރަން ފެށިއެވެ. ބޭރަށް ނުކުމެ އުޅުން މަދުވިއެވެ. ދުވަސް ކޮޅަކުން ލިބުނު ހަބަރަކީ ދަރިފުޅު ބަނޑުގައި އިތުރު ފުރާނައެއްގެ ވިންދު ޖަހަމުންދާ ހަބަރެވެ. ދީޕިކާ ޕްރިޔާއަށް ވަރަށް އިތުބާރު ކުރެއެވެ. އޭނާގެ ރުހުމުގައި އެފަދަ ވިޔާނުދާ އަމަލެއް ނުހިންގާނެކަމަށް ބުނެ ހަޤީޤަތް ބުނެދިނުމަށް އެދި އޭނާ ރޮއެފައި އާދޭސް ކުރިއެވެ. ޕްރިޔާ ކިޔައިދިނީ އޭނާ އެކުވެރިއެއްގެ ގެޔަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވި ހާދިޘާއެކެވެ. އެގޭގައި އުޅުނު ރާއްޖޭ ފިރިހެނަކު އޭނާ "ރޭޕް" ކުރި ވާހަކައެވެ. ދެ ފިރިހެނުންވެގެން އޭނާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށްފަހު އެ ވާހަކަތައް އެއްވެސް މީހަކަށް ކިޔާ ނުދިނުމަށް ބުނެ އެމީހުން ބިރު ދެއްކި ވާހަކައެވެ. އެ ބުނާ ގެޔަކަށް ދީޕިކާ ދިޔައެވެ. ނަމަވެސް އޭރު އެގޭގައި އެބުނާ ބަޔަކު ނޫޅެއެވެ. އެ ގޭގެ ވެރިފަރާތާ ގުޅިގެން ހޯދި މައުލޫމާތުން ދީޕިކާއަށް ހަމަ އެކަނި ލިބުނީ އިލްހާމްގެ ޕާސްޕޯޓުގެ ކޮޕީއެކެވެ.

ދީޕިކާ ގެޔަށް އައީ މާޔޫސްވެ ހުރެއެވެ. ނަމަވެސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. ޕްރިޔާގެ މުސްޠަޤުބަލު ހަލާކުގެ ތެރެއަށް ވެއްޓިގެން ދާތަން ބަލަން ހުންނާކަށް ދީޕިކާއަކަށް ކެތެއް ނުވާނެއެވެ. ދީޕިކާ މަދަދަށް އެދި ދިޔައީ ސްކޫލް ދައުރުގެ ރައްޓެއްސެއް ކައިރިޔަށެވެ. އެއީ އާދައިގެ ކުލިނިކެއްގައި މަސައްކަތް ކުރާ އެތެރެ ހަށީގެ ޑޮކްޓަރެކެވެ. ޕްރިޔާގެ ސޭކޭން ކުރުމަށް ފަހު ބަނޑަށް 4 މަސް ވެފައި ވާކަން ވެސް އެނގުނީ އޭނާގެ ފަރާތުންނެވެ. ޕްރިޔާއަކީ ކުޑަކޮށް "ފުއްކޮށް" ހުންނަ ކުއްޖެއް ކަމުން އެ ހުރިހާ ދުވަސް ވީ އިރުވެސް އެމީހުންނަށް އެކަން ނޭނގުނީއެވެ. ބަނޑަށް 4 މަސްވެފައި ވުމުގެ ސަބަބުން ގޭގައި ދަރި ވައްޓާ ލެވޭނެ މަގު ބަންދުވިއެވެ. ބަނޑުދޮންނަށް ބޭނުންނަމަ ހޮސްޕިޓަލަކަށް ގެންގޮސްގެން ނޫނީ އެކަން ނުވާނެ ކަމަށް ޑޮކްޓަރ އެންގިއެވެ. އަދި އޭނާގެ ކުލިނިކުގައި އެފަދަ ކަމެއް ކުރެވޭނެ އެއްވެސް ވަސީލަތެއް އަދި އިންތިޒާމެއް ވެސް ނެތް ކަމަށް ބުންޏެވެ. ދީޕިކާއަށް ހަދާނެ ގޮތް ހުސްވިއެވެ. އިންޑިއާގެ ހޮސްޕިޓަލްތަކުން ދަރި ވެއްޓުމަކީ ގާނޫނީ ގޮތުން މަނާ ވެސް ކަމެކެވެ. އަނެއް ކޮޅުން އެކަން ސިއްރިއްޔާތުގައި ކޮށްދޭ މީހުން ވެސް ކޮށްދެނީ އެހާ އަގުބޮޑުކޮށެވެ. ދީޕިކާއަކީ މަހު މުސާރައިން ފަރު ޖައްސާލައިގެން އުޅޭ މީހަކަށް ވާތީ އޭނާ އެވަރަށް ފައިސާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ ދަރި ވައްޓާލުމުގައި ހުރީ ހުސް ގޮންޖެހުމެވެ. އެންމެ ފަހުން ދީޕިކާ ނިންމީ ޕްރިޔާ ވިހަން ދެން މަޑުކުރުމަށެވެ. ވިހޭމަ ކުއްޖާ ޔަތީމު ހާނާއަކަށް ލާ ގޮތަށެވެ. އެއަށްފަހު ދުނިޔެ މައްޗަށް އިރު އަރައިގެން އައި ކޮންމެ ދުވަހަކީ ދީޕިކާއަށް ހަނގުރާމަ އަކަށް ވިއެވެ.

ޕްރިޔާގެ ކިޔެވުން ހުއްޓުމަކަށް ގެނެސް ގޭތެރޭގައި ހައްޔަރުކޮށްފައި ބައިންދަން ޖެހުނެވެ. އަވަށްޓެރިންނަށް ހަޤީޤަތް އެނގި އެމީހުންގެ މަލާމާތާއި ކުރިމަތިލާން ޖެހުނެވެ. އެދަރިފުޅުގެ ދިފާޢުގައި ތަނބަކަށް ވެސް ހުރީ ހަމައެކަނި ދީޕިކާއެވެ. ދުވަސް ނުފުރާ އަންހެން ކުއްޖެއް ވިހެއުމުން ގިނަ ބަޔަކަށް ޕްރިޔާގެ ހަޤީޤަތް ބޭޒާރުވިއެވެ. އެކުވެރިންނާއި ނުދަންނަ އެތައްބައެއްގެ ގަނާގެ ޝިކާރައަކަށް ވިއެއެވެ. ފުރައްސާރައާއި ޖެއްސުން ކުރިއެވެ. އެ ފުރައްސާރައިގެ ސަބަބުން ޕްރިޔާ ބަލިކަށިވީއެވެ. ޅަ އުމުރުގައި މަޔަކަށް ވެގެން އުޅެން އޭނާ ބޭނުން ނުވީއެވެ. އަމިއްލައަށް ދަންޖެހިގެން އޭނާ މަރުވެގެން ދިޔައީ މީހުންގެ ގަނާއަށް ކެތްނުކުރެވިގެންނެވެ. ދީޕިކާގެ ދިރިހުރުމުގެ އުންމީދާއި ލޮލުގެ ނޫރު މިދުނިޔެ ދޫކޮށް ދިޔުން ވެގެން ދިޔައީ ބަރުދާސްތުކުރަން ދަތިވި ހިތްދަތި ހާދިޘާއަކަށެވެ. ޕްރިޔާގެ ބަނޑުން އުފަންވި ތުއްތު ފުރާނައަށް ދީޕިކާގެ ހިތުން ހާއްސާ ޖާގައެއް ދެވުނީ އެހިސާބުންނެވެ. އެ ތުއްތުތުއްތު މޫނު ފެންނަ ކޮންމަ ފަހަރަކު ހީވަނީ ޕްރިޔާ ފެންނަ ހެންނެވެ. އެ ހިސާބުން ދީޕިކާ ނިންމީ އެ ކުއްޖާ ބަލާބޮޑު ކުރާށެވެ. ޔަތީމުހާނާއަށް ލާނެހާ ހިތްވަރު އޭނާއަށް ފަހުން ނުލިބުނީ ޖެހުނު ކުލުނެއްގެ ބޮޑު ކަމުންނެވެ. ލިބުނު ހިތްދަތިކަމުގެ ސަބަބުން އޭނާގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު އާލާވެގެން ދިޔައެވެ. އެކަމުގައި އޭނާގެ މައިންބަފައިންގެ ފުރިހަމަ އެއްބާރުލުން ވެސް އޭނާއަށް ލިބުނެވެ. ރާއްޖެ ދެވޭނެ ގޮތެއް ހޯދުމަށް އޭނާ އެތައް އަހަރަކު މަސައްކަތް ކުރިއެވެ.

ދީޕިކާ ރާއްޖެ އައީ ވެސް ވަކި މަޤުޞަދެއް ހާޞިލުކުރުމުގެ ބޭނުމުގައެވެ. އިލްހާމްގެ ވަނަވަރު ހޯދައިގެން އޭނާ ރާއްޖެ އައިސް ފުރަތަމަ މަސައްކަތްކުރީ އެހެން ގެއެއްގައެވެ. އިލްހާމްގެ ގެއާ ހަމައަށް ފޯރީ ފަސް އަހަރު ދުވަހު އެހެން ތަނެއްގައި ގުލާނު ކުރަން އުޅުނު ފަހުންނެވެ. އެ ހިސާބުން އޭނާ އިންތިޒާރުކުރަމުން އައީ ރަނގަޅު ދަނޑިވަޅަކަށެވެ. ނަޒީލްގެ ވިޔާނުދާކަން އެނގުމުން ނަޒީލަށް މަރުގެ އަދަބު ހައްޤު ކަމުގައި އޭނާ ނިންމިއެވެ. އަދި އެ ނޫނަސް އިލްހާމް އާ އެންމެ ގާތްކޮށް އުޅޭ އޭނާގެ 'ރަން' ދަރިއަކީ ނަޒީލަށް ވުން ވެސް އެއީ ދީޕިކާ ނަޒީލް މަރާލަން ޝައުގުވެރިވި އެއް ސަބަބެވެ. ނަޒީލް އެކަނި ހުއްޓާ އަތުވާނެ ފުރުޞަތަކަށް އޭނާ ހުރީ ބަލަބަލައެވެ. އެގޮތުން އެއްރެއަކު އިންޝާ ތިރިއަށް ދިޔަ ވަގުތު އޭނާ އެ ކޮޓަރިއަށް ވަނީ ނަޒީލް ނިދާފައި އޮށްވައި ވަޅިން ހަމަލާދީ މަރާލުމުގެ ބޭނުމުގައެވެ. އެރޭ ނަޒީލްއާ އަރާ ހަމަވުމާއެކު އޭނާއަށް ހޭލެވުމުން ދީޕިކާއަށް ޖެހުނީ އެތާ ހުރި މާވަށިގަނޑުން އޭނާ ބޮލުގައި ޖަހައިފައި ދުވެފިލާށެވެ.

އިބްރާހީމްބެ ބުނި ފަދައިން އިބްރީސްގެ އާއިލާގެ މީހުންގެ ދުއްތުރާތަކާ ކުރިމަތިލާން ޖެހުނީ އިލްހާމްގެ އަންހެންދަރި އަށެވެ. ޕްރިޔާގެ ބަނޑުން އުފަންވި އަދި ދީޕިކާގެ މާމަ ދަރި ޕީހޫއަށެވެ. ދީޕިކާ އަވަހަށް އެނބުރި ރަށަށް ދާން ބޭނުންވި ސަބަބަކީ ވެސް އެއީއެވެ. އޭނާގެ މަންމަގެ ގުރުދާ ފެއިލްވީކަމަށް ބުނެ ދީޕިކާ ހެދީ ދޮގެކެވެ. ރަށަށް ދެވޭނެ ގޮތެއް ނެތިގެން އެ ހުރިހާ ރޭވުމެއް ރޭވީ ވެސް މަންމަ ގުޅާފައި އަންނަން ކިޔާވަރުންނެވެ. ޕީހޫގެ ހާލު ގޯސްވަމުންދާތީ ދީޕިކާ ވެސް ބޭނުންވީ އޭނާގެ މަޤުޞަދު ހާސިލު ނުވި ކަމުގައި ވިޔަސް އެނބުރި ރަށަށް ދާށެވެ. ދެން އައީ އެރެއެވެ. ނަޒީލް މަރާލެވުނު ރެއެވެ. (ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހާއި

    ވާވް. ސޯ އިޓް އިޒް އަ ރިވެންޖް... 😲

    24
  2. ހިލް

    މި ރޭ ގެ ޕާޓް ތަންކޮޅެއް ކު ރު ހެންހީވޭ ވަ ރަށް ސަޅި މި ޕާޓް ވެސް❤️

    20
  3. މީން

    ވ ސަޅި! ޕްލީޒް އިލްހާމް އަށް ސަފީނާގެ ބަދަލު ހިފައިދީ. އެ ހަގީގަތް އެއްމެނަށް ބުނެދީ. އޭނަ ފަލީހަތް ކޮއްލާ

    15
  4. ލޫން

    ކޮބާތަ ކަންކަށި މައްޗަކީ؟ ކެކެކެ

    1
    1
    • ހައި

      ކޯތާފަތުން މޫނުގެ އަރިމަތި