މަރުވެފައިވާ މީހަކު އެނބުރި އައުމަކީ ވާނެ ކަމެއް ނޫންކަން އަހަރެމެން އެންމެން ވެސް ގަބޫލު ކުރަމެވެ. ނަމަވެސް ޖަޕާންގެ ޓޯކިއޯ ފުލުހުންނާއި، އަދި މަރުވި ކަމަށް ބުނާ މީހާގެ އާއިލާ އިން ވެސް މަރުވެފައިވާ ކަމަށް ނިންމާފައިވާ މީހަކު ދިރިހުއްޓާ ފެނިއްޖެއެވެ.

މީގެ އަހަރެއް ކުރިން ޓޯކިއޯގެ ފިރިހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރިއެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކޯރެއްގެ ތެރެއިން މީހެއްގެ ހަށިގަނޑު ފުލުހުންނަށް ފެނުނެވެ. އެއީ ގެއްލިގެން ރިޕޯޓް ކޮށްފައިވާ މީހާ ކަމަށް ފުލުހުންނަށް ޝައްކު ކުރެވޭތީ އެކަން ކަށަވަރު ކުރަން އެހަށިގަނޑު، މީހަކު ގެއްލިގެން އުޅޭ އާއިލާ މެންބަރުންނަށް ދެއްކިއެވެ. އޭގެތެރޭގައި ގެއްލިފައިވާ މީހާގެ އަނބިމީހާ ވެސް ހިމެނެއެވެ.

ހަށިގަނޑު ބެލުމަށް ފަހު އަނބިމީހާ އާއި އަދި އާއިލާގެ ހުރިހާ މެންބަރުން ވެސް ބުނީ އެއީ ގެއްލިގެން ހޯދަމުން ގެންދާ މީހާގެ ހަށިގަނޑު ކަމަށެވެ. އެހެންކަމުން އެހިސާބުން ފުލުހުންނާއި އާއިލާ އިން ވެސް ނިންމީ އޭނާ މަރުވީ ކަމަށެވެ.

ނަމަވެސް އޭނާ ވަނީ މިދިޔަ މަހު އޭނާގެ ގެއަށް އައިސްފައެވެ.

ޓޯކިއޯ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މަރުވި ކަމަށް ނިންމާފައިވާ މީހަކު ގެއަށް އައިސްފައިވާ ކަމަށާއި އޭނާ މަރުވި ކަމަށް ނިންމާ ފުލުހުން މައްސަލަ ފައިލް ކުރުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

އެފަދަ ގޯހެއް ދެން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

މަރުވި މީހާ ގެއަށް އައިކަން ކަށަވަރުކޮށްދިނުން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ހަމައެކަނި ބުނެފައި ވަނީ އޭނާގެ ސިއްހަތު ރަނގަޅު ކަމަށެވެ. އޭނާ މިހުރިހާ ދުވަހު އުޅުނީ ކޮންތާކު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލައިގައި އާއިލާ އިން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮއްބެ

    އެހެންވީމާ ކޯރުތެރޭން މަރުވެފައޮއްވާ ފެނުނުމީހާ ވަޅުލި މަހާނަ ކޮނެ، އޭނާ އޮތްތޯ އަވަހަށްބަލާ.