އެމެރިކާގެ ނެބްރަސްކާގެ ސިޑްނީ ލޫފް އާއި ބެއިލީ ބޮސްވެލް އަކީ ކުރިން އެންމެ ގާތް ރަހުމަތްތެރިންނެވެ. ދެމީހުން ދިރިއުޅެމުން އައީ އެއް ކޮޓަރިއެއްގައެވެ. ހުރިހާ ކަމެއް ދިޔައީ އެކަކު އަނެކަކާއި ހިއްސާ ކުރަމުންނެވެ. އެއްވެސް މީހަކު އަނެކަކަށް ދެރައެއް ދީފާނެ ކަމަށް ދުރުގައި މަންޒަރު ބަލަން ހުންނަ މީހާ އަށް ހީވެސް ނުވާވަރަށް ދެމީހުން ގުޅުން ރަނގަޅެވެ.

ސިޑްނީ ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހު ގެއްލިފައެވެ. ފުލުހުން އެންމެ ފުރަތަމަ ސުވާލު ކުރީ ބެއިލީ އާއި އެވެ. އަދި ބެއިލީގެ ރަހުމަތްތެރިއެއް ކަމަށްވާ އުމުރުން 51 އަހަރުގެ އޮބްރީ ޓްރެއިލް އާއި ވެސް ފުލުހުން ސުވާލު ކުރިއެވެ.

ޝަައްކު ކުރެވޭ އެއްވެސް ކަމެއް އެދެމީހުންގެ ފަރާތުން ފުލުހުންނަކަށް ނުފެނުނެވެ.

ނަމަވެސް ބެއިލީ އާއި އޮބްރީގެ ހަރަކާތްތަކަށް ފުލުހުން ފާރަލިއެވެ. ނަތީޖާއަކަށްވީ ފުލުހުންނަށް އެދެމީހުންގެ މައްޗަށް ތުހުމަތުތަކެއް ކުރެވުމެވެ. އެންމެ ފަހުން ފުލުހުން ވަނީ ނޮވެމްބަރ 30 ވަނަ ދުވަހު ދެމިހުން ހައްޔަރު ކޮށްފައެވެ.

ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތުން ސިޑްނީގެ ހަށިގަނޑު ޑިސެމްބަރ 04 ވަނަ ދުވަހު ފެނުނެވެ. ހަށިގަނޑު ފެނުނީ އެމީހުން ދިރިއުޅެމުން ދިޔަ ސަރަހައްދާއި 90 މޭލު ދުރުގައި ކުނި ގޮތަޅަކަށް ލާފައި އޮއްވައެވެ.

ސީސީޓީވީ ފުޓޭޖުން މިހާރު ވަނީ ސިޑްނީ މަރާލުމުގައި ބެއިލީ އާއި އޮބްރީ ބައިވެރިވިކަން ޔަގީން ކުރެވިފައެވެ.

ދެމީހުންގެ މައްޗަށް ކުރާ މީހަކު މެރުމުގެ ދައުވާގެ ޝަރީޢަތެއް އިއްޔެ ވަނީ ބާއްވާފައެވެ.

ދެމީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ. އެހެންކަމުން ދެން އޮންނާނީ ފުލުހުން ހެކި ހުށަހެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު