އަޙްސަން ވަޙީދު މިއަދު ހެނދުނު ތެދުވީ ދެހިތެއްގައި ހުރެގެންނެވެ. އިންޓަވިއުއަށް ދާން އޮތީ ދިހައެއް ޖަހާއިރަށެވެ. ފެންވަރަން މާގަނޑުގެދޮށުގައި ހުއްޓި ހުރިއިރު ކުރާ އަސަރުން ރޮވެއެވެ. ކޮވިޑްގެ ހާލަތުގައި އުޅުނު ރިސޯޓުން ވަޒީފާއިން ވަކި ކުރުމުން ލިބުނު ގެއްލުމުން އަދިވެސް އަރައި ނުގަނެވެއެވެ. ސަރުކާރުން ދޭ ޚާއްސަ އެލަވަންސުން ކިރިޔާ ކާއެތިކޮޅު ގަނެލެވޭވަރު ވަނީއެވެ. އަނބިމީހާއާއި ދެ ކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދަން ދުވަހު މަސައްކަތެއް ވެސް ލިބޭ ގޮތެއް ނުވެއެވެ. ރައްޓެއްސަކު ހިންގާ މާރުކޭޓް ގޮޅިއެއްގައި މެންދުރު ފަހު އިނދެ ދިނުމުން ކޮންމެ ދުވަހަކު ސަތޭކަ ރުފިޔާ ލިބެއެވެ. އެ ރުފިޔާ ކޮޅުން ކަރަންޓް ބިލާއި ފެން ބިލް ދައްކާފައި ބާކީ ވަނީ ކުޑަ ފައިސާ ކޮޅެކެވެ. ރީތިވާ ސާމާނު ހޯދައި ފޯނަށް ލާރި ވެސް އަޅާން ޖެހެއެވެ.

މާލޭގައި އޭނާގެ އާއިލާ ދިރިއުޅެނީ އަންހެނުންގެ މަންމަގެ ގޭގައެވެ. ވަކި ބިސީއެއްގެ ގޮތުގައެވެ. ކުޑަކުޑަ ކޮޓަރިއެއްގެ އިތުރުން ކައްކާކާން ކުޑަތަންކޮޅެއް ހުރެއެވެ. އެތަނުގައި ކެއްކުމާއި ކެއުމުގެ އިންތިޒާމު ހަމަ ޖެއްސިއަސް ކުދިން ފިލާވަޅު ހަދަން ޖެހެނީ ވެސް ކާމޭޒުގައެވެ. އަދި ޓީވީ ބަލައިލަން ޖެހެނީ ވެސް ހަމަ އެ ތަނުގައެވެ. ސާފު ވައި ވަންނާނެ ކުޑަ ދޮރެއް ވެސް ނުހުރެއެވެ.

މިހާރު ކުދިން އަންނަނީ ބޮޑުވަމުންނެވެ. ދޮށީ އަންހެން ދަރިފުޅުގެ އުމުރަކީ 15 އަހަރެވެ. ހަގު މަންޖެއަށް މި އަހަރު 13 އަހަރު ފުރޭނެއެވެ. އަންހެނުންނާއެކު އެ ކުދިން ކޮޓަރީގައި ނިންދަވާފައި އަހުސަނު އޮންނަނީ ކާމޭޒު އެއް ފަރާތް ކޮށްލުމަށް ފަހު ގޮދަޑިއެއް ފަތުރާލައިގެން ވަރަށް ދަތި ގޮތަކަށެވެ. ހަޔާތުގެ އުފާތަކާ އެކަހެރި ވެގެންނެވެ.

ސައިބޯނިލުމަށް ފަހު ފެންމާގަނޑު ދޮށުގައި ހުންނަތާ މިހާރު އިރުކޮޅެއް ވެއްޖެއެވެ. ކުރެވޭ ފިކުރުތައް ނުހަނު ގިނަގުނައެވެ. އޭނާއާ އެކު އެއް އިސްކޫލަކުން ކިޔެވި ކުދިންގެތެރެއިން ފާސްނުވެގެން ދަށް ގްރޭޑްތަކުން ކަނޑާލި ކިތަންމެ ކުދިންނެއް މިހާރު އެ ތިބީ މަހުޖަނުންނަށް ވެފައެވެ. އެ މީހުން ފައިސާ ހޯދި ގޮތަކާއި މުއްސަނދިވި ގޮތެއް ބުނެދޭކަށް ނޭނގެއެވެ. އެއީ ޖާދުލެއް ކަހަލަ ކަމެކެވެ. އަނެއްބައި ކުދިން މަޖިލީހުގެ މެންބަރު ކަމުގައެވެ. އަނެއްބައި ކުދިން ބޮޑެތި ސިޔާސީ މަގާމުތަކުގައެވެ. އަހުސަނަށް ރަނގަޅަށް ކިޔެވި ތައުލީމު ލިބިފައި ހުއްޓަސް މިއަދު ވަޒީފާ ހޯދުމީ ރައްޓެހިކަމާއި ގާތްކަމުން ނޫނީ ނުވާވަރުގެ ކަމަކަށް އޮންނަނީ ވެފައެވެ. މީހާގެ ނުފޫޒާ ބާރަށް ވެސް ބަލައެވެ. އަދި އެ މީހެއްގެ ފަރާތުން ވާނެ ފައިދާއަށް ބަލަނީ ވެސް އެއްކޮޅަށް ދުއްވާ މަގެއްގައި އިދިކޮޅަށް ދުއްވަން ކެރޭ މީހެއް ނަމައެވެ. އެއީ ކެރުމެވެ.

ދިރިއުޅުމުގެ ދުވަސްތައް ކުރިއަށް އޮތީ ކިހިނެއްކަން އަޙްސަނަށް ވަޒަން ކޮށްލާކަން ނޭނގެއެވެ. އަރާމާ އުފާ ހޯދަން ދާނެ ދިމާއެއް ނޭނގެއެވެ. އެކުގައި ކިޔެވި ރަހުމަތްތެރިން ކިތަންމެ ބޮޑެތި މަގާމުތަކުގައި ތިއްބަސް އެ މީހުން ގާތު އާދޭސް ކުރުމީ އަޙްސަނު ކުރާނޭ ކަމެއް ނޫނެވެ. އެސިފަ އެއީ އޭނާ ގަބޫލު ކުރާ ސިފައެއް ނޫނެވެ. އެ މީހުންނަށް މިއަދު އަޙްސަން ފެންނަނީ ލޮލުގެ ކުޑަކޮޅުންނެވެ. ހީނލެވެނީ ވެސް ގަދަ ކަމުންނެވެ. މިއީ ދުނިޔޭގެ އާދައެވެ. ނިކަމެތިންނަށް އަބަދު ވެސް އެހެން މީހުން ފެނެއެވެ. ނަމަވެސް މަގާމާ ބާރާ ފައިސާގެ ނުފޫޒުގައި ތިބޭ މީހުންގެ ދުރުމިއަށް އެހެން މީހުން އަރާ ގޮތެއް ނުވެއެވެ.

މާގަނޑުން ފެން ބަންދުކޮށްލަން ހަނދާވީ ފާޚާނާ ދޮރުގައި އަންހެނުން ޓަކިޖަހާން ފެށުމުންނެވެ. އިންޓަވިއުގެ ގަޑި ކައިރީވާކަން ހަނދާން ކޮށްދިނީއެވެ.

އަންހެނުންގެ ހެޔޮ ދުއާއާ އެކު ގެއިން ނުކުތީ އުންމީދާ އެކުގައެވެ. ކުރިމަތިލައިގެން އުޅޭ ވަޒީފާއަށް ހުރިހާ ގޮތަކުން ވެސް އަޙްސަނުގެ ޝަރުތު ހަމަވެއެވެ. އިންޓަވިއު ޕެނަލްގައި ތިބި މީހުންގެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދިނުމަށް ފަހު މިފަހަރު ވެސް އެތަނުން ނުކުތީ އުންމީދާ އެކުގައެވެ. ވާނެ ގޮތެއް ނޭނގެއެވެ. އަބަދު ވެސް ލިބޭ ޖަވާބު ހަމަ ގައިމު މިފަހަރު ވެސް ލިބޭނެއެވެ. އެއީ ވަޒީފާއަށް ނުހޮވޭކަމުގެ ޖަވާބެއެވެ. އެއީ އަޙްސަނަށް އާ ޖަވާބެއް ނޫނެވެ. ވޭތުވެދިޔަ އަށް މަސް ދުވަސް ފާއިތުވީ އެ ގޮތުގައެވެ. ކިތަންމެ ފަހަރަކު މި ދަތިދިރި އުޅުން ދޫކޮށް ރަށަށް ބަދަލު ވާންވީއޭ ހިތަށްއަރައެވެ. އެކަމަކު ދަރިންގެ ތައުލީމަށް އެޅިދާނެ ހިޔަންޔަކަށް ޓަކައި މަޑު ކުރަނީއެވެ. އަދި އަންހެނުންދޭ ހިތްވަރާއި ނަސޭހަތުން އުއްމީދު ކަނޑައިނުލައި އަދި ވެސް މަޑު ކުރަނީއެވެ.

މާލޭގައި ކުލިދީގެން ކުދި ތަންތަންކޮޅުގައި އުޅޭ މީހުން އަދި އުޅޭނީ ކޮންފަދަ ހާލެއްގައި ބާވައޭ އޭނާ ހިތަށް އަރައެވެ.

އިންޓަވިއުއަށް ދިޔަތާ ދެ ދުވަސް ފަހެވެ. މެންދުރު ކާން އިންދާ ފޯނު ކޯލެއް އަތުވެއްޖެއެވެ. އިންޓަވިއުން ފާސްވެ ވަޒީފާ ހަމަ ޖެހުނު ކަމުގެ ޚަބަރެވެ. މީހަކު ސަމާސާ ކުރަނީ ކަމަށް ހީކޮށް ތަކުރާރުކޮށް ސުވާލު ކުރެވުނެވެ. އެންމެ ފަހުން ޔަގީން ވިއެވެ. އަޙްސަނަށް އުފަލުން ރޮވުނެވެ. ހޮވުނު ވަޒީފާއަކީ މުސާރަ ވެސް ބޮޑު ވަޒީފާއެކެވެ. ކުންފުންޏެއްގެ ހިއުމަން ރިސޯސް މެނޭޖަރކަމެވެ. ކާންއިން ބަތްތަށި ބެހެއްޓުމަށް ފަހު ހަރުކޮށް ހިނގާފައި ގޮސް ކައިރި ފިހާރައަކުން އައިސްކްރީމް ގަނެގެން އައިސް އޭނާގެ ދެ ކުދިންނަށް ދިނެވެ. ވީ އުފަލުންނެވެ.

މާދަމާ އަޙްސަން އޮފީހަށް ދާން ލާންޖެހޭ ގަމީސް އަންހެނުން ސާމިއާ އިސްތިރި ކުރަމުން ދިޔައީ ވަރަށް އުފަލާއެކުގައެވެ. ކުރެވޭ އުންމީދަކީ އުފާވެރި ދިރިއުޅުމެއް އުޅެވޭނެކަމެވެ. ބޭނުންވާ ތަކެތި ގަނެވޭނެކަމެވެ. ކުދިންގެ މުހުދާތައް ފުއްދޭނެކަމެވެ. ދަތި ދުވަސްތަކަކަށް ފަހު ފާގިތަކަން އަންނާނެކަމަށް އަބަދު ވެސް އޭނާ ކުރާ އުންމީދު ހަގީގަތަށް ވާތީއެވެ. ލޮލުން ކަރުނަ ހިލެމުން ދިޔައެވެ. އުފަލުގެ ކަރުނައެވެ. މާދަން އޮފީހަށް ދާއިރު އަޙްސަން ޓައީ އަޅާލާފައި ހުންނައިރު ހުންނާނެ ގޮތް ވެސް ސިފަ ވަމުން ދިޔައެވެ. ހެނދުގެ ސަޔަށް ހުނިލީ ރޮށި ތައްޔާރުކުރަން ވިސްނަމުން ދިޔައެވެ.

ދެ ކުދިންނާއި އަޙްސަން ތިބީ ރޭގަނޑުގެ ކެއުމުގައެވެ. އަޙްސަނަށް ފޯން ކޯލެއް އަތުވެއްޖެވެ. އެފޯން ކޯލުގައި ވާހަކަދެއްކި މީހާ ދެއްކިވާހަކައިން އަތުގައި އޮތް ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އަދި ގަބުއަރާފައި އަޙްސަން އިނެވެ.

އަންހެނުން ސުވާލުކުރަން ފެށުމުން އިރުކޮޅެއް ފަހުން ޖަވާބު ދޭން ފެށިއެވެ. ވަޒީފާއަށް ހޮވުނުކަމަށް އެންގުނީ އޮޅުމަކުން ކަމުގައި ބުނި ވާހަކައެވެ. މި ވާހަކަތައް އިވި އަޙްސަންގެ އަންހެނުން ގިސްލާ ރުއިއެވެ. ކުރި އުންމީދުތަކާއި އުފާވެރިކަން މަދު ގަޑިކޮޅެއްގެ ތެރޭގައި ގެއްލި ދިއުމުންނެވެ. ދުނިޔޭގައި ކަންކަން ބަދަލު ވަނީ ހާދަ އަވަހަށެވެ. އިންސާނުންނަށް ކަންކަން އޮޅެނީ ވެސް ހާދަ ވަރަކަށެވެ. ހިތާމައާ އެކު އުފާ އަންނަ ފަދައިން އުފަލާއެކު ހިތާމަ ވެސް އަންނަނީތާއޭ އަޙްސަން ހިތަށް އެރިއެވެ.

މެންދުރު އާއިލާގެ އެންމެން ކެއީ އުފަލުން ތިބެއެވެ. ރޭނގަޑުގެ ކެއުމަށް އިންސާފު ކުރާން މި ޖެހެނީ ރޮމުން ތިބެއެވެ. އެ ވަޒީފާއަށް ހޮވިފައިވަނީ އެހެން މީހެކެވެ. މިވަރަށް އޮޅޭ ނަމަ އެތައް ބަޔަކު ހިތުގެ ބަލީގައި ވެސް މަރުވެދާނެއެވެ. މިއީ އޮޅޭވަރުގެ ކަންކަމެއް ނޫނެވެ.

އަޙްސަނުގެ ކުދިން ވެސް އެކަމާ ވަރަށް ދެރަވެގެން އުޅުނެވެ. މިރޭ މި ކުޑަކުޑަ އާއިލާގެތެރޭގައި ވަނީ ހިތާމައެވެ. މޮޅިވެރިކަމެވެ. މުޅި ގޭގައި ހީވަނީ މީހަކު މަރުވެގެން އެންމެން ގަބު އަރާފައި ތިބި ހެންނެވެ. ދެ ކުދިން ވެސް ވަރަށް އަވަހަށް ނިދައިފިއެވެ. ކާމޭޒު ދޮށުގައި އަޙްސަނުގެ ދެމަފިރިން ތިބީ އިސްޖަހައިލައިގެންނެވެ. ވަޒީފާ ލިބި ގެއްލި ދިޔަ ގޮތާ މެދުގައި ވިސްނާށެވެ. ހަގީގަތެއް ނޭނގެއެވެ. އޮޅުމެއް ހެއްޔެވެ؟ ނުވަތަ އޮޅުވައިލީ ހެއްޔެވެ؟

އަޙްސަނުގެ ވިސްނުމަށް އައީ މިކަމުގެ ހަގީގަތް ބެލުމަށެވެ. ގާތް ރަހުމަތްތެރިއަކާ ގުޅައިލިއެވެ. އަދި ވެގެން ދިޔަ ގޮތް ކިޔައިދިނެވެ. އެއީ ކުޑައިރުގެ ރަހުމަތް ތެރިއެކެވެ. މިހާރު ވެސް އަޙްސަނުގެ އެންމެ ގާތް ދެތިން މީހުންގެ ތެރެއިން އެކަކެވެ. ހެޔޮ ލަފާ މީހެކެވެ. އޭނާގެ ޖަވާބު ވަރަށް ކުރެވެ. ބެލި ދާނެއެވެ. ނަމަވެސް ތިޔަ ކަމުން ނުކުންނާނެ ނަތީޖާ އެއް ނޯންނާނެއެވެ. އެކަމަކު އެކަން ބަލާފައި އަންގާނަމެވެ. އޭނާއަކީ އަޙްސަން ވަޒީފާއަށް އެދުނު ކުންފުނީގައި ކުރިން ބާރު ހުރި މަގާމެއްގައި އެތަކެއް ދުވަހު ޚިދުމަތް ކުރި މީހެކެވެ. މިހާރު އަމިއްލަ ވިޔާފާރިއެއް ކުރަމުން ދަނީއެވެ.

އެރޭ ވަރަށް ލަސްވި ފަހުން އޭނާ ގުޅިއެވެ. ކަން ވީ ގޮތް ކިޔައިދީފިއެވެ. އަދި ބުންޏެވެ. މިކަން ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. އަހަރެން ބެލި ބެލުމުން އެނގުނީ ހަގީގަތުގައި އިންޓަވިއުއިން ހޮވުނީ އަޙްސަން ކަމެވެ. ނަމަވެސް ދެން ނުހޮވޭ ކުދިންނަށް އެކަން އެންގި ފަހުން އައި ފޯން ކޯލަކުން އެހެން މީހަކަށް އެ ވަޒީފާ ހަމަ ޖެއްސީއެވެ. މުޅި މާކުސް ޝީޓް ބަދަލު ވީއެވެ. ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހީއެވެ.

އަޙްސަންގެ ދެމަފިރިން މަޝްވަރާ ކުރަން ވަރަށް ދަންވަންދެން ތިއްބެއެވެ. ނިދަން އޮތްއިރު ވެސް އަޙްސަނަށް ވިސްނެނީ ދެން ހަދާނެ ގޮތަކާ މެދުގައެވެ.

ދެ ކުދިންނާއި އަންހެނުން ވެސް ތިބީ އަޙްސަނާ އެކުގައި ހެނދުނު ސައިބޯށެވެ. ސައި ގަޑީގައި ވަރަށް މުހިންމު ނިންމުމެއް އަޙްސަން ނިންމިއެވެ. އެ ވާހަކަތައް އޭނާގެ ކުޑަކުޑަ އާއިލާއާ ހިއްސާ ކުރީ އަސަރާ އެކުގައެވެ. ނަމަވެސް އަޒުމް އާކުރަމުންނެވެ. ހިތްވަރު ގަދަ ކުރަމުންނެވެ.

އެއީ އިންސާފާ ހަމަހަމަކަން ގެއްލިފައިވާ ކަންކަމުން ކުރާ އަސަރާ ލިބޭ ވޭނާ ކެކުޅުން ތަހައްމަލު ނުކުރާށެވެ. އޭނާގެ އުފަން ރަށް ފިއްލަދުއަށް ހިޖުރަ ކުރުމަށެވެ. މިކުޑަ ތަންކޮޅު ކުއްޔަށް ދީފައި މަންމަ ކައިރިއަށް ރަށުގައި ހުރި މައިފުނަގެއަށް ދިރިއުޅުން ބަދަލު ކުރާށެވެ. ރަށުގައި ދަނޑު ހައްދައިގެން ލިބޭ އާންމުދަނީން ދިރި އުޅުން އާރާސްތުކޮށް ފުރިހަމަ ކުރާށެވެ. އޭނާ އުފަންވި އިރު ނޭވައިލީ ސާފު ރީތި ޖައްވައް އަލުން ނޭވައިލާން ދާށެވެ. ދުންތަކާއި ކާރޫބާރޫ ބޮޑު ހޫނު ގަދަ އުފަލެއް އަރާމެއް ލޯތްބެއް ނުލިބުނު ދަތި ދިރިއުޅުމުގައި ސިއްކަ ޖަހާށެވެ.