މެއި 7 ވަނަ ދުވަހު ގެނެސްދިން ބައި

"މަންމާ. އަހަންނަށް މާފު ކުރޭ. މަންމަ އުންމީދު ކުރި ކަހަލަ ދަރިއަކަށް އަހަންނަކަށް ނުވެވުނު. މަންމަގެ ފުރިހަމަ ލޯތްބާއި އަޅާލުމާއި ދިން ތަރުބިއްޔަތުގައި އަހަރެން ޖެހީ ކޮޅުފައިން. އަހަރެންނަކީ މުޑުދާރު، ގޮތްކުޑަ އަދި ހަޔާތްކުޑަ މީހެއް. ނިކް ކަހަލަ ބަސްއަހާ ކިޔަމަންތެރި ދަރިއަކަށް އަހަންނަކަށް ނުވެވުނު މަންމާ. މާފުކުރާތި. ހިތްހެޔޮކުރާތި." ނަޒީލް ގިސްލައި ރޮމުން އެ ސިޓީގައި އޭނާ ލިޔުނު ބައެއް ވާހަކަތައް ކިޔަމުން ދިޔައެވެ. ހީވާކަހަލަ އެވެ. އެއީ އެނާގެ ފަހުގެ ވަޞިއްޔަތެވެ. ދުލުން ބޭރުވާނެ އެންމެ ފަހު ބަސްތަކެވެ. އޭނާ އަމިއްލައަށް މަރުވާން ތައްޔާރު ވަނީއެވެ.

ދަންވަރުގެ އެ ހަމަހިމޭން ވަގުތުގައި އެ ވާހަކަތައް އަޑު އަހާނެ މީހެއް ނެތެވެ. އޭނާއަށް ހިތްވަރުދިނުމުގެ ގޮތުން ބަހެއް ބުނެލާނެ މީހެއް ވެސް ނެތެވެ. އެންމެން ވެސް ތިބީ އެމީހެއްގެ ކޮޓަރިއަށް ވަދެ އަރާމު ނިންޖަކުން ނިދާލައިފައެވެ. ދީޕިކާ ފިޔަވައެވެ. ނަޒީލްގެ މައްސަލަ އަލުން ތަޙުޤީޤުކުރަން ފެށުމުން އޭނާ ރަށަށް ދާން ރޭވި ރޭވުން ޖެހުނީ މަޑު ޖައްސައިލާށެވެ. ފަސްދުވަސް ފާއިތުވެގެން ދިޔަ ފަހުން އޭނާއަށް ފުރުމުގެ ހުއްދަ ލިބުމުން އޭނާ މާދަމާ ފުރަން ތައްޔާރުވަނީއެވެ. ފޮށި ތައްޔާރުކޮށް އަވަދިވެގެން ނިދަން އަރައި އޮންނަތާ އެތައް އިރެއްވީއިރު ވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. އެހެން އޮއްވައި މީހެއްގެ މަޑު ގިސްލުމުގެ އަޑު އިވުމާއެކު އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. ބިރުގަތެވެ. ކުއްލިއަކަށް ތެދުވެގެން ގޮސް މުޅި ކޮޓަރި ތެރެ ދިއްލައި އަޅައިލިއެވެ. އެނދު މަށްޗަށް އަރައި ކަނަކަށް ޖެހި މުޅިގައި ފޮރުވައިގެން ދޮރާ ދިމާއަށް ބަލަން އޭނާ އޮތެވެ. ރުއިމުގެ އަޑު މަޑެއް ނުވިއެވެ. ދީޕިކާ އެ އަޑަށް ސަމާލުވެގެން އޮތެވެ. ނަޒީލްގެ އަޑުހެން ދީޕިކާއަށް ހީވިއެވެ. އިރުކޮޅަކު އޮތުމަށްފަހު ތެދުވެގެން ގޮސް މަޑުމަޑުން ދޮރު ހުޅުވާލިއެވެ.

ޞަފިއްޔާގެ ކޮޓަރި ބުޑުގައި އުޑުފައި މައްޗައް އިށީނދެ އިނދެގެން ނަޒީލް ރޮނީއެވެ. މަންމަގެ ކިބައިން މަޢާފަށް އެދެނީއެވެ. ދީޕިކާ ދޮރުފަތް ދުރުކޮށް ބޮޑަށް ހުޅުވާލިއެވެ. ނަޒީލް ކޮޅަށް ތެދުވިއެވެ. ކަރުނަތައް ފޮހެމުން އޭނާ ހިނގައިގަތެވެ. މައްޗަށް އަރަންހުރި ސިޑިން ނަޒީލް އަރައިގެން ދިޔަ ތަން ދީޕިކާ ހުރީ ބަލާށެވެ. ދީޕިކާ އެ ގެއަށް އައި ބޭނުން ހާސިލުކުރުމުގެ ވިސްނުން އައީ އެ ހިސާބުންނެވެ. ދީޕިކާ ހުރިހާ ކޮޓަރިތަކެއް ކައިރިއަށް ގޮސް އެއްވެސް މީހަކު ހޭލާ އުޅޭތޯ ބަލައި، އެއްވެސް މީހެއްގެ ހިލަމެއް ވޭތޯ ވެސް ބެލިއެވެ. އެއައްފަހު އޭނާގެ ކޮޓަރި ތެރެއަށް ވަދެ ގޮދަޑި ހިއްލާލިއެވެ. ގޮދަޑި ދަށުގައި ރައްކާކޮށްފައި އޮތް ވަޅި ނަގައިގެން ހާމަފެންޑާއަށް ދާން އަވަސްވެގަތެވެ.

ނަޒީލް ހުރީ ހާމަފެންޑާގައެވެ. ރެއިލިންގައި އަތް އަޅުވައިލައިގެން ފުން ވިސްނުމެއްގައެވެ. އޭނާގެ ފަހަތުން ފާރަލަމުން މީހަކު އައިކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. ދީޕިކާ ނިކަން މަޑުމަޑުން ލަސް ފިޔަވަޅު ތަކެއް އަޅަމުން ނަޒީލްއާ ދިމާއަށް ދިޔައީ ފަހަތުން ކަރަށް ވަޅި ޖެހުމުގެ ނިޔަތުގައެވެ. އެވަގުތު އޭނާ ހުއްޓުން އެރިއެވެ. ފާރުކައިރީގައި އޮތް ފޭރާ ފެނުމާއެކު ދީޕިކާގެ ހިޔާލު މުޅިން ބަލަދުވިއެވެ. އޭނާ ދެން ނިންމީ އޭގެން ނަޒީލްގެ ބޮލުގައި ޖަހާ އެތަނުން ވައްޓާލާށެވެ. ނަޒީލް އަމިއްލައަށް އެތަނުން ފުންމާލައިގެން މަރުވީކަމަށް ދެއްކުމުގެ ބޭނުމުގައެވެ. އޭރުން މަރުގެ ތަހުޤީޤަކަށް ނުގޮސް މައްސަލަ ނިމިއްޖެ ކަމަށްވާނަމަ އޭގެން ވެސް ހުރިހާ މޮޅެއް ލިބޭނީ ދީޕިކާ އަށެވެ. ނަޒީލް އިސް އުފުލާ އުޑު މައްޗަށް ބަލާލިއެވެ. ކަޅު ވިލާތަކުން މުޅި ދުނިޔެ މަތި ވަނީ ބެދިފައެވެ. އެ އުޑު މަތިން އޭނާއަށް ސިފަވީ އޭނާގެ ވީރާނާވަމުންދާ ހަޔާތެވެ. އުންމީދެއް ނެތް އަނދިރި ހަޔާތެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމަށް ހުރަސް އެޅިފައިވާ ކަނުކަމެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔަ ވަގުތު ލޯ މަރާ ބާރު ކޮށްލެވުނެވެ.

ނަޒީލް ފަހަތުގައި އަތުކޮޅަށް ފޭރާ ނަގައިގެން ހުރި ދީޕިކާ ފޭރާއިން ހޫނު ހަމަލާއެއް ނަޒީލްގެ ފުށްކިބައަށް އަމާޒުކޮށްލީ ހަމަ އެވަގުތުއެވެ. ނަޒީލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މޫނުމަތިން ކުދިކޮކާ ބުރާލިއެވެ. ދުނިޔެ އެނބުރެމުންދާހެން ހީވުމާއެކު ފުށްކިބާގައި އަތް ޖައްސައިލެވުނެވެ. ދެވަނަ އެތި ފަހަރު އަމާޒުވީ އޭނާގެ ބުރަކަށްޓަށެވެ. އަނގައިން ނުކުމެގެން ދިޔަ ވޭނީ އާޚުގެ އަޑުތަކާއެކު އޭނާ ރެއިލިން މައްޗަށް ޖެހުނު ބާރު މިނުގައި، ޓައިލްސްތަކު މައްޗަށް އިދިފުށަށް ވެއްޓުނެވެ. ދީޕިކާ ދަތްކުނޑި ވިކާލިއެވެ. އޭނާ އުއްމީދުކުރީ ދެވަނަ އެތިފަހަރާއެކު ނަޒީލް ރެއިލިން މަތިން ތިރިއަށް ވެއްޓޭނެކަމަށެވެ. ބުރަކަށްޓަށް އަމާޒުކުރީ ވެސް އެ ބޭނުމުގައެވެ. އެނބުރެމުން ދިޔަ ދުނިޔެ ތެރެއިން ވިދާލި ވިދުވަރަކާއެކު ނަޒީލަށް ދީޕިކާގެ މޫނު ވަރަށް ސާފުކޮށް ފެނުނެވެ. ނަޒީލް އަނގަ ހުޅުވާލީ ހަޅޭއްލަވައި ގަންނަން ވެގެންނެވެ. ނަމަވެސް އޭނާގެ އަޑެއް ނުނިކުތެވެ. އެކަން ކާމިޔާބު ކުރާނެ ވަގުތެއް ވެސް އޭނާއަކަށް ނުލިބުނެވެ. ނިތްކުރިއަށް އަމާޒުވި ތިންވަނަ ހަމަލާއާއެކު ނަޒީލްގެ ހޭވެރިކަން ގެއްލިއްޖެއެވެ.

ލެއިން ތަތްތެޅި މާ ނޭވާ ލެވިލެވި ހުރި ދީޕިކާގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ ގުދުވެލަމުން ފޭރާ އެއްފަރާތެއްގައި ބާއްވާ ނަޒީލްގެ މޫނުގެ ދެފަރާތުގައި ހިފާ ތަޅުވާލިއެވެ. ނަޒީލްގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަޒީލްގެ ބޮލުން އޮހޮރެމުން ދިޔަ ލޭފެނި ދީޕިކާ ހާސްވާ ގޮތްވިއެވެ. އެތަނުގައި މާ ގިނައިރު އޭނާ ބާއްވާފިނަމަ ސާފުކުރަން އުދަގޫ ވާ ވަރަށް މުޅި ތަނަށް ލޭތައް ފެތުރިދާނެތީއެވެ. ދީޕިކާ ވަރަށް މަސައްކަތުން ނަޒީލް އަތުލަފިކޮށްގެން ރެއިލިން މަތީ ބަނޑުއަތަށް ބާއްވައިލިއެވެ. އަދި ނަޒީލްގެ ފައިކޮޅުގައި ހިފައި އުފުއްލާލަމުން ތިރިއަށް ވައްޓައިލިއެވެ. ކަނު އަނދިރީގެ ތެރެއިން ނަޒީލް ވެއްޓި ޖެހުނުތަން ނުފެނުނެއް ކަމަކު ދީޕިކާއަށް އޭނާ ޖެހުނު އަޑު އިވުނެވެ. އެވަގުތު ހިތަށް ލިބުނީ އުފާވެރިކަމެވެ. ބަޔާންކުރަން ދަތި ފިނިކަމެކެވެ. ދީޕިކާ އޭނާ ލައިގެން ހުރި ހައުސްކޯޓުގެ ފަސް ބައިން ފޭރާ ފޮހެލުމަށް ފަހު ކަޅުހަމުގެ ބިއްދޮށަށްލިއެވެ. އެއަށްފަހު މުޅި ތަނަށް ފެންޖަހައި ބުލީޗު އަޅައިގެން ފިހިގަނޑެއްގެ އެހީގައި އެތަނަށް ފެރުތިފައި ހުރި ލޭތައް ދޮވުނެވެ. އެހިސާބަށް ދިޔައިރު ކުޑަކޮށް ވާރޭ ކަނި ޖަހަން ފަށައިފިއެވެ. ބޯކޮށް ވާރޭ ވެހޭނެކަމުގެ އުންމީދުގައި ދެން އިތުރަށް އެތަން ދޮވުމުގެ ބޭނުމެއް ނެތް ކަމަށް ނިންމައި، ދީޕިކާ ދޮވެއްޗަށް ވަދެ ލައިގެން ހުރި ހެދުން ދޮވެލިއެވެ. ނަޒީލްގެ ހަށިގަނޑު ފެނުމުގެ ކުރިން ދީޕިކާއަށް ރަށުން ބޭރަށް ދެވޭނެކަމަށް އޭނާ ހީކުރިއެވެ. ނަމަވެސް އެ ރޭވުން ނާކާމިޔާބުވީ ނަޒީލް ލިޔުނު ސިޓީތަކުގެ ސަބަބުންނެވެ.

ދީޕިކާއަށް ފޯނު ކުރުމުގެ ހުއްދަ ލިބުނީ ކަންކުރި ގޮތް ފައިރޫޒަށް ވަރަށް ތަފްސީލުކޮށް ކިޔައި ދިނުމުންނެވެ. އޭނާ މަންމައަށް ގުޅާލިއެވެ. މަންމަގެ އަޑުޖެހުމާއެކު ދީޕިކާއަށް ރޮވިއްޖެއެވެ. އޭރު އޭނާގެ މަންމަ ވެސް ގިސްލާ އަޑުއިވެއެވެ. ދީޕިކާ ހައްޔަރުކުރެވުނުކަން ޚަބަރުން އެނގުނީ ކަމުގައި އޭނާ ހީކުރިއެވެ. އެހެނަސް އެއީ ކުށް ހީއެއްކަން އެނގުނީ މަންމަ ދެން ބުނި ޖުމްލައަކުންނެވެ.

"ދަރިފުޅާ ޕީހޫ މަރުވެއްޖެ." މަންމަ ހިންދީ ބަހުން ބުނެލިއެވެ. މަންމަ އިތުރު ތަފުސީލު ދެމުން ބުނީ އިބްރީސްގެ އާއިލާ ކިބައިން ސަލާމަތްކުރަން ސިހުރުހެދުމުގެ ތެރޭގައި ޕީހޫގެ ފުރާނަ ދިޔައީކަމުގައެވެ. އެ ޚަބަރު އިވިފައި ދީޕިކާގެ ހެޔަށް ގޮތްވިއެވެ. އަނބުރާ ގަނެގެން ހުރިތަނަށް ދެމުނެވެ.

ބާބު 16 - އިސްތިރި

މައިންބަފައިންގެ ދުނިޔޭގައި ޞަފިއްޔާއަށް ލިބުނު މުސްކުޅި ގެއަށް އޭނާ ދިޔައެވެ. އެއީ ސަފީނާ ދުނިޔޭގައި ވެސް އެމީހުން އުޅުނު ގެއެވެ. އެ ގޯތީގެ ހަތަރު ފާރުން އެތެރެވުމާއެކު މާޒީގެ އެކި ހަނދާންތައް ހަފަރާތުން އައިސް އޭނާ ވަށައިލިއެވެ. އިލްހާމްއާއެކު ލޯބިން އެކުގައި އުޅުނު އެ ދުވަސްތަކެވެ. އޭނާއާ ބައްދަލުކުރަން އައިސް ދޮރާށި ބުޑުގައި ހުރެގެން އިލްހާމް ތުމުން ފުމެ އުޅުނު ދުވަސްތަކެވެ. ލޯތަކަށް ސިއްރުން އިލްހާމް އެ ގެޔަށް ވައްދައިގެން ޒުވާން ދުވަސްވަރު ޖެހި ސަކަރާތްތަކެވެ. އެ ހަނދާންތައް އާވުމާއެކު އޭނާ ހިތަށް އަސްލު އުނދަގޫވާންޖެހޭ ވަރަކަށް އުދަނގުލެއް ނުވިއެވެ. މިއަދު އެ ހިތުގައި އިލްހާމްގެ މައްޗަށް އޮތް ލޯބި އެކީއެކަށް ފުހެވިގެން ގޮސްފައިވާ ކަހަލައެވެ.

އާދައިގެ ގޮތަކަށް ހަދާފައި ހުރި އެ ގެއަށް ޞަފިއްޔާ ވަނެވެ. އެޔާއެކު ކުރިމަތިން ސަފީނާގެ ކޮޓަރި ފެނުމާއެކު އޭނާ ހުއްޓުން އެރިއެވެ. ކޮއްކޮ ދުނިޔޭގައި އިލްހާމްގެ ބޮލުގައި އެޅުވި އިލްޒާމުގެ މަތިން އޭނާ ހަނދާންވިއެވެ. ސަފީނާ އެދުވަހު ދެއްކީ ތެދު ވާހަކަތަކެއް ހެއްޔެވެ؟ ޞަފީނާ ބަނޑުބޮޑު ވީ ހަމަ އިލްހާމްގެ ދަރިއަކަށް ހެއްޔެވެ؟ އަދި އޭނާގެ މަރުގެ ފަހަތުގައި ވެސް ހުރީ ނިހާ އެބުނާ ފަދައިން އިލްހާމް ހެއްޔެވެ؟ މިއަދު ޞަފިއްޔާގެ ހިތުގައި އެ ހުރިހާ ސުވާލެއް އުފެދިއްޖެއެވެ. ކުޑަ އަންހެން ކުއްޖަކާ ބެހެނު މީހަކު ކޮންމެފަދަ ފާފައަކަށް އަރައިގަންނާކަށް ވެސް ޖެހިލުމެއް ނުވާނެއެވެ. ޞަފިއްޔާ ކުރަމުން ދިޔަ ހިޔާލުގެ ވާފަށް ކަނޑައިގެން ދިޔައީ މީހަކު ސަލާން ގޮވާލި އަޑަށެވެ.

ޞަފިއްޔާ އެނބުރިފައި ބަލާލިއިރު ރޫނާއެވެ.

"ނިކް ބުނީ ޞަފިއްޔައްތަ މިގޭގައޭ." ރޫނާ ބުންޏެވެ. "މި އައީ މި ފޮތް ހަވާލުކުރަން ވެގެން."

ޞަފިއްޔާ ހިނިތުންވެލަމުން ފޮތުގައި ހިފިއެވެ. އެ ފޮތުގެ ބަނޑޭރިގަނޑަށް ނަޒަރު ހިންގައިލެވުނެވެ. "ތަފާތު ސިހުރުގެ ޢަލާމާތްތައް" ބޮޑު އަކުރުން ނޫ ކުލައިން ޖަހައިފައި އޮތެވެ.

"ޝުކުރިއްޔާ." ޞަފިއްޔާ ބުނެލިއެވެ.

"ފޮތް ރަނގަޅަށް ކިޔާލާފަ އަހަރެންނަށް ގުޅާލާ. އޭރުން އިންޝާﷲ އަންނާނަން." ރޫނާ ނުކުމެން ދިޔައީ ޞަފިއްޔާ ގާތުގައި ހިތްވަރު ކުރުމަށް ބުނުމަށްފަހުއެވެ.

އިލްހާމް އިނީ ފުން ވިސްނުމެއްގައެވެ. އޭނާގެ ދިރިއުޅުމަށް ވަމުންދާ ގޮތް ފެނި ދުނިޔެއިން މޮޔަވާވަރު ވެއްޖެއެވެ. ފަހަރަކު މީހަކު އޭނާގެ ދިރިއުޅުމުން ދުރަށް ދަނީއެވެ. ފުރަތަމަ ނަޒީލްއެވެ. ދެން ޞަފިއްޔާއެވެ. ނިކާލް އެނބުރި ގެއަށް އައި ނަމަވެސް އޭނާއަކީ މިހާރު އިލްހާމަށް ނެތް މީހެއް ފަދައެވެ. މިއަދު އޭނާއަށް ދިފާޢުގައި ދެއްކޭނެ ވާހަކައެއް ނެތެވެ. ދީޕިކާގެ ދަރިއަކަށް ދެރަ އިހާނެތި ގޮތެއް ނުހަދަމޭ ބުންޏަސް މިއަދަކު އެބަހަށް އިތުބާރު ކުރާނެ މީހަކު މި ދުނިޔެ މައްޗަކު ނެތެވެ. އޭނާއަށް އެންމެ ހެޔޮއެދުނު ލޯބިވާ ދަރިފުޅު ވެސް މިއަދު އެވަނީ އެނބުރި އައުމެއް ނެތް ދުނިޔޭގައެވެ.

ނަޒީލް މަތިން ހަނދާންވުމުން އޭނާއަށް ރޮވޭ ގޮތްވިއެވެ. އެ ދަރިފުޅު ވެސް ގެއްލިގެން އެ ދިޔައީ އޭނާ ކުރި ކުށެށްގެ ސަބަބުންނެވެ. އެވަރުން ވެސް އޭނާއަށް ފެނުނީ ދީޕިކާގެ ކުށެވެ. އަމިއްލަ ކުށް ޤަބޫލެއް ނުކުރެއެވެ. އޭނާ ދެކޭ ގޮތުގައި ދީޕިކާ ހިފި ބަދަލު އޭނާއަށް ހައްޤެއް ނޫނެވެ. އެހެނަސް ދީޕިކާ އެ ހިފީ ފިސާރި ވަރުގަދަ ބަދަލެކެވެ. ދުވަހަކު ވެސް ހިތުން ފޮހެވިގެން ނުދާވަރުގެ ބަދަލެކެވެ. އޭނާގެ ދިރިއުޅުމަށް ވަރުގަދަ ޒަލްޒަލާއެއް ގެނެސް މުޅި ހަޔާތް ބަރުބާދުކޮށް ލައިފިއެވެ. އޭނާގެ ނަފުސުގެ މައްޗަށް ރުޅިވެރިކަން އިސްވެ ނަފުރަތުގެ އަލިފާން މުޅި ހަށިގަނޑު ތެރޭގައި ރޯވެގަތެވެ. އިބްރާހީމްބެއާ ދޭތެރޭ ވެސް އޭނާގެ ހިތް ގޯސްވިއެވެ. ހަޤީޤަތް އެނގިހުރެ ބުނެ ނުދިނީތީއެވެ. އޭނާގެ އަންހެންދަރިއަކީ ދީޕިކާގެ މާމަ ދަރިކަން ކުރިން ބުނިނަމަ ސަމާލުވެވުނީހެވެ. އޭނާ ހިތްހަމަނުޖެހިފައި ހުރެ އިބްރާހީމްބެއަށް ގުޅާލިއެވެ.

"ހަލޯ. މިވަގުތު ވަރަށް އަވަދިނެތި މިއުޅެނީ." ފޯނު ނެގިގޮތަށް އިބްރާހީމްބެ ބުންޏެވެ. "ކަސްޓަމަރެއް އައިސްގެން. މިވަގުތު ސައިބޯން ދެވޭކަށް ނެތް. ދެން މިރޭ ބައްދަލުކޮށްލާނީ ދޯ."

އިބްރާހީމްބެ ހީކުރީ އާދައިގެ މަތިން ސަޔަށް ދަޢުވަތު ދިނުމަށް އިލްހާމް ގުޅީ ކަމަށެވެ. އިލްހާމް ބޭނުންވީ ހަޅޭލަވައިގަންނާށެވެ.

"ކީއްވެ ނުބުނީ؟" އިލްހާމް ރުޅި ކޮންޓްރޯލްކުރަމުން އެހިއެވެ. "ކީއްވެގެން މަގޭ އަންހެންދަރީގެ މާމަ މިގޭ ހަތަރުފާރު އެތެރޭގައި ހުރި އިރު ނުބުނީ؟"

އިބްރާހީމްބެ ހީނލި އަޑުއިވުނެވެ. އިލްހާމްގެ ލޭތައް ކެކިގަތެވެ.

"މަގޭ ކައިރީގަ ކާކުތޯ އެހިންތަ؟" އިބްރާހީމްބެ ވަރަށް ހަމަޖެހިފައި ޖަވާބުދިނެވެ. "މަ އޭރު ބޭނުންވި އެވާހަކަ ބުނެލަން ވެސް. އެކަމަކު ހިތަށް އެރީ ދެމީހުން އެކުގައި ކޮށްފައި ހުންނަ ފާފަތަކުގެ ވާހަކަ ދައްކާކަށް ނުވާނޭ. ކޮންމެ ކަމެއްގަ ވެސް ބެދެނީ މަ ވިއްޔާ. ކަލޭ ކޮންމެސް މޮޅު ގޮތެއް ހަދައިގެން ކަމުން ރެކޭނެ. ފަހުން ހިތަށް އެރީ އަމިއްލަ ކަރަށް މަޅިއެއް ފެއްތުމުގެ ބޭނުމެއް ނެތޭ. އެހެންވީމަ އެކަން ސިއްރެއް ގޮތުގައި ބޭއްވީ. ހޫމް. ތިޔެއް ނޫނެ. ކިހިނެއް އެނގުނީ؟"

އިލްހާމް ފޯނު ކަނޑައިލީއެވެ. އިބްރާހީމްބެއާ އެ ވާހަކަ ދައްކައިގެން ބުނަން ބޭނުން ނޫން އެއްޗެއް ދުލުކުރިޔަށް އައިސް ދާނެ ކަމުގެ ބިރަށެވެ. އޭރުން އެދެމީހުންގެ ދެމެދުގައި އާބާދުވަމުން އަންނަ އެކުވެރިކަމަށް ބުރުއަރާފާނެއެވެ. މި ދަނޑިވަޅުގައި އެހެންވާކަށް އިލްހާމް ބޭނުމެއްނޫނެވެ. މި ވަގުތު އިބްރާހީމްބެގެ އެހީތެރިކަން އޭނާ ނިހާޔަތަށް ބޭނުންވެއެވެ. މިހާރު އޭނާގެ ދިރިއުޅުމުގައި ހުރި ނުތަނަވަސްކަން ފިލުވާލެވޭނީ އިބްރާހީމްގެ އެހީތެރިކަން ލިބިގެންނެވެ.

"ބިމަށް ތުން ހަރައިގެން ތީނި ކޮންކަމަކާ ފުއްޕާފަތަ؟" ނިހާގެ އަޑު އިވުނެވެ. އިލްހާމް ދެލޯ ވަށްކޮށްލަމުން ބަލައިލިއެވެ.

"އަންމާ. ބިރުގަނެއްޖެ." މޭ މަތީ އަތް ޖައްސައިލަމުން ނިހާ ފަހަތަށް ޖެހިލިއެވެ. އަދި ކުޑަކޮށް ހީނލިއެވެ.

"ކޮންހާ ވައްތަރެއް ޖައްސާކަށް." އިލްހާމް ރުޅިއައިސްފައި ބުންޏެވެ. "މަ ނޫޅެން ކަލެޔާ ސަމާސާކުރާކަށް. މިތަނުން ރައްކާވޭ."

"އަދިވެސް އެއްޗެއް ވިސްނޭކަށް ނޫޅޭތަ؟" އިލްހާމް އިތުރަށް ރުޅި އަރުވާލުމުގެ ޝަޢުޤުގައި ނިހާ ބުންޏެވެ. "ކަލޭ ކުރި ފާފައަކުން ނަޒީލްގެ ދިރިއުޅުމުގައި ސިއްކަ ޖެހިގެން އެދިޔައީ. ދެން ހުރީ ނިކާލް. އޭނަގެ ހަޔާތް ވެސް ބަރުބާދުވެގެން ދާނީ ހަމަ އެ ކަހަލަ ފާފައެއްގެ ބަދަލުގައި ކަންނޭނގެ."

"ކަލޭ ނިކާލްއާ ހެދި ތިވަރަށް ހޭބަލިވެފަ ހުރެގެން އޭނައަށް ގެއްލުމެއް ނުދޭނެ." އިލްހާމް އެއްމިޔަކަނުން ހީނލިއެވެ. "ކަލެއަށް ހިތާވާން ވެސް ލޯބިވާން ވެސް އެނގުނީ ހަމަ މަގޭ ދަރިޔާވިއްޔާ. މިހާރު ތިހިރީ އަރާ ހިކިތަނުގަ."

ނިހާއަށް މަލާމާތް ކުރުމުގެ ގޮތުން އިލްހާމް ހީނގަތެވެ.

"މަށަށް ކަލޭ ނޭނގިގެނެން ނޫޅެމޭ. މަ ކުރިކަމެއްގެ ބަދަލު ކަލޭ ހިފާނީ ސީދާ މަގޭ ކައިރިން. ނިކާލޭ ކިޔާފަ އައިސް އަނގަ އަރުވާއިރު ތިމާ ހުންނަނީ ހޭބަލިވެފަ ކަމެއް ނޭނގެ."އިލްހާމް ބުނެލިއެވެ.

"އައްދޭ. ކަލޭގެ ދަރިއެކޭ؟ ކަލޭ ފެނުނީމަ ދުރަށް ދުއްވައި ގަންނަ ދަރިތަ؟" ނިހާ ވެސް ޖަހާލީ ހިނިގަނޑެކެވެ. "ވަރަށް ވޭ ދޯ ދަރިފުޅު ވެގެން އުޅޭހިތް؟ އެކަމު ނިކާލް ބުނީ ނުތެޅެމޯ. މިހާރު ތިހިރީ ރަނގަޅަށް ވެސް ބާކީވެފަ. ދެން ތި ބުނި ވާހަކަ. މަގޭ ބަދަލު ދޯ؟ ރަނގަޅު ވާހަކަ އެއް. އެ ދުވަސް އަންނާނެ. އެ ވަގުތެއް، އެ ދުވަހެއް، އެ ހާލަތެއް ބުނަން އަދި ތަންކޮޅެއް އަވަސް. އެކަމު ތައްޔާރަށް ހުންނައްޗޭ. މި ނިހާ ވިހަލާނެ އިރެއް ހަމަ ނޭނގޭނެ. ވިސްނާގެން އުޅޭތި. އެދުވަހުން މިއަދު ތިވީ ބޭޒާރަށްވުރެ ބޮޑަށް ކަލޭ ބޭޒާރުވެ، ފަޟީޙަތްވެގެންދާނެ."

ނިހާ އިންޒާރެއްދީފައި މަލާމާތްކުރުމުގެ ގޮތުން ހިނިގަނޑެއް ޖަހައިލިއެވެ. އިލްހާމް އިތުރަށް އެންމެ ލަފުޒެއް ވެސް ނުބުންޏެވެ. ނިހާ އޭނާގެ ކަރުގައި ހިފުމުގެ ކުރިން ނިހާގެ ދުވަސް ދުއްވާލަން އޭނާ ވަނީ މާ ކުރިންސުރެ ނިންމާފައެވެ. ފައިރޫޒާ ނިހާގެ ކާވެނި ނުކުރެވުނަސް ފަރުވާލެއް ނެތެވެ. ނިހާއާ ނިކާލްގެ ގުޅުން މިހާރު އޮތް ފައްތަރަށް ބަލާފައި އެ ދެމީހުން ކާވެނީގެ ހަރުފަތް ވެސް ގިރާކުރާނެކަން އިލްހާމަށް އެނގެއެވެ. ކޮންމެ ގޮތަކަށް ކަންތައްވެގެން ދިޔަ ނަމަވެސް ނިކާލާއި ނިހާގެ ކާވެނި ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރާނެއެވެ.

ޞަފިއްޔާ ގެއިން ނުކުމެގެން ދިޔަ ފަހުން ގޭތެރޭގެ ކަންކަމާއި ހަވާލުވީ ނިހާއެވެ. އިންޝާ ގިނަ ވަގުތު އޮންނަނީ ކޮޓަރީގައެވެ. ނިކާލް ވެސް އިލްހާމް ގޭގައި އުޅެންޏާ ކޮޓަރިއަކުން ނުނުކުމެއެވެ. އޭނާ މިހާރު ބައްޕަ ފެންނަ ހިސާބަށް ދާން ވެސް ބޭނުން ނުވަނީއެވެ. އަމިއްލަ އިޚްތިޔާރު އޮތް ކަމެއްނަމަ އެ ގެއިން ނުކުމެގެން ދާން ވެސް އޭނާ ބޭނުންވެއެވެ. ނަމަވެސް މި ވަގުތު މަންމަ ކައިރިއަށް ގޮސް އުދަނގޫ ނުކުރުމަށް އޭނާ ވަނީ ނިންމާފައެވެ. ފައިސާގެ ދަތިކަން ވެސް ކުރިމަތިވާނެތީ އާއެކު، މި ވަގުތު ބައްޕަގެ ހިޔާވަހިކަމުގައި އުޅެން އޭނާއަށް މަޖުބޫރެވެ. އަމިއްލަ ފައި މައްޗަށް ތެދުވަން ވެސް އޭނާ ވިސްނިއެވެ. ވަޒީފާއެއް ހޯދައިގެން ނިހާއާ އިނދެގެން މަންމައާއެކު ދިރިއުޅެން އެގެޔަށް ބަދަލުވުމަށް އޭނާ މިހާރު ވަނީ އަޒުމު ކަނޑައަޅާފައެވެ.

ނިކާލް އެގޮތަށް ނިންމި ވާހަކަ ބުނުމުން ނިހާ އެކަމަށް ތާޢީދުކުރިއެވެ. ކޮންމެ ގޮތެއް ވިޔަސް އެ ދެމީހުންގެ ކާވެންޏަށް އިލްހާމް ޤަބޫލެއް ނުވާނެއެވެ. ނުޤަބޫލުގައި ކާވެނިކޮށްފިނަމަ އެ ގެއިން ނުކުންނަން ޖެހޭނެއެވެ. އޭގެ ކުރިން ނިކާލް ވެސް ހަރުދަނާ މީހަކަށް ވާންޖެހޭކަން ޚުދު ނިހާ ވެސް ޤަބޫލުކުރިއެވެ. ހަމައެކަނި އޭނާއަށް ލިބޭ އެއްޗަކުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަކީ ދަތިކަމަކަށްވާނެތީއާ ވެސް އެކުއެވެ.

"ފައިރޫޒަށް މިހާރު ކިހިނެއް ހެދީ؟" ނިކާލްގެ ހަނދާނަށް އައިސްގެން އެހިއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ ނިހާގެ ކޮޓަރީގައެވެ.

"ނަޒީލްގެ މަރަށްފަހު ފައިރޫޒު އަދި ކާވެނީގެ ވާހަކަ ނުދައްކާ." ނިހާ ޖަވާބު ދިނެވެ.

"މަ ބުނި ވާހަކަ ހަނދާން އެބަހުރި ދޯ؟ ތީ ނިހާ ބޮލުގަ އެޅިފަ އޮތް ޒިންމާއެއް. ނިހާ ޖެހޭނީ ތި ހަޤީޤަތް ހާމަކުރަން." ނިކާލް ކުރީގެ ހަނދާނެއް އާކޮށްދިނެވެ. ނިހާ މާޔޫސްވިއެވެ. އެކަމުގެ ތެރެއަށް ނިކާލް ވަންނަން ބޭނުން ނުވާ ސަބަބެއް ނިހާއަކަށް ނުވިސްނެއެވެ.

"ދެން ނިކް. ބުނެދޭންވީނު." ނިހާ އެނދުން ތެދުވެލަމުން ބުންޏެވެ. ނިކާލް ނިހާގެ އަތުގައި ހިފައި ދަމައިގަތެވެ. ނިހާ އައިސް ވެއްޓުނީ ނިކާލްގެ އުނގަށެވެ. އޭނާ ނިހާގެ ގައިގާ ދެއަތުން ބާރަށް ބައްދައިލަމުން ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ.

"ޝަރުތެއްގެ މަތިން." ނިކާލް ހެވިފައި އިނދެ ބުންޏެވެ.

"ކޮން ޝަރުތެއް." ނިކާލްގެ ރާގު ހުރި ގޮތުން ވެސް ލަފާ ކަމަކު ނުކިޔާނެކަން ނިހާއަށް އެނގުނެވެ.

"މި ހެދުން ބާލަންވީނު." ނިހާ ލައިގެން ހުރި ހެދުމުގެ ކޮނޑުގައި ދަތް އަޅާ ދަމާލަމުން ނިކާލް ބުނެލިއެވެ.

"ޗީޑި. އިބިލީސް ގަނޑާ. ދޫކޮށްލަންވީ. ދުރަށްދޭ." ނިހާގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު ނިކާލްގެ އުނގުން ތެދުވަން ތެޅިގަތެވެ. ނަމަވެސް ނިކާލް އިނީ އެކަމަށް ނިކަން ހުށިޔާރުވެގެންނެވެ. ދެއަތުން ވަރުގަދައަށް ނިހާ ހައްޔަރު ކޮށްލައިގެންނެވެ. ނިހާ ތެދުވަން ގަދަ ހަދާލުމުން ނިކާލް ކޮށްލިކަމަކުން އޭނާ ވެސް ހިމޭންކަން އިޙުތިޔާރުކޮށް އެކަމަށް އިޖާބަދިނެވެ. ދެމީހުން މަސްތުގެ ކަނޑަކަށް ގެނބިގެން ދިޔައިރު ދޮރު ހުޅުވިގެން ދިޔަކަން ވެސް އެމީހުންނަށް ނޭނގުނެވެ.

ފައިރޫޒަށް ފެނުނު މަންޒަރުން ވަރުގަދަ ބިންހެލުމެއް އައި ކަހަލައެވެ. އުސްތަނަކުން ތިރިޔަށް ވެއްޓެމުން ދިޔަކަހަލަ އިޙްސާސެއް ކުރެވުނުއިރު ހިތުގައި މީހަކު ވަކި ދަމާލި ކަހަލައެވެ. އޭނާގެ އަނގައިން އާޚުގެ އަޑު ބޭރުވެގެން ދިޔަ ވަގުތު ރިއްސަމުން ދިޔަ ހިތްމަތީގައި އަތް ޖައްސައިލެވުނެވެ. އެ ވަގުތު ނިހާއަށް ދޮރާއި ދިމާއަށް ބަލާލެވުމާއެކު ތެޅިފޮޅެގަނެވުނެވެ. ފައިރޫޒް ފެނި އެ ދެމީހުންނަށް ކުއްލިއަކަށް ދުރަށް ޖެހިލެވުނުއިރު ވެސް ފައިރޫޒްގެ ދެލޯ ހުރީ މުދުނުގައެވެ.

ނިހާގެ މުޅި މޫނު އެކީ ރަތްވެގެން ދިޔައެވެ. ފައިރޫޒަށް ބަލަން ނުކެރިގެން ތުންފަތުގައި ބާރަށް ދަތް އަޅާލެވުނެވެ. އިސްޖަހައި ލެވުނެވެ. ނިކާލް ވެސް ހުރީ ލަދުގަނެފައެވެ. އެފަދަ ގޮތަކަށް އެމީހުންގެ ސިއްރު ބޭޒާރުވުމުން ފައިރޫޒަށް ދެން ވާނެ ގޮތަކާމެދު ނިހާއަށް ވިސްނައިލެވުނެވެ. ނިހާއަށް ފައިރޫޒްއާ ހަތަރު ކަޅި ހަމަކުރަން ވެސް ދެނެއް ނުކެރޭނެއެވެ.

"ފައިރޫ. ސޮރީ." ނިކާލް ލަދުކަނޑާލައިފައި ވާހަކަ ދެއްކިއެވެ. "އަހަރުމެން ކުރިން ވެސް ބުނަން އުޅުނިން. ނިހާ ބޭނުމެއްނުވޭ ފައިރޫޒްއާ އިންނާކަށް. މަންމަމެން ބުނީމަ ނިހާއަށް ދެކޮޅު ހަދަން ނުކެރިގެން އާނބަސް ބުނީ. އަހަރުމެން އެކަކު އަނެކަކު ދެކެ."

ނިކާލަށް ބުނެވުނީ އެ ހިސާބަށެވެ. ފައިރޫޒް އިސް ޖަހައިގެން ހުރެ އަތް ހިއްލައިލަމުން އިޝާރާތް ކުރީ ހުއްޓައިލުމަށެވެ. އޭނާއަށް އެ ވާހަކަތައް އަޑުއަހާކަށް ފަސޭހައެއް ނޫނެވެ. މިހާރު ވެސް އޭނާއަށް ކިރިޔާ ކޮޅަށް ހުރެވޭކަމެވެ. އޭނާ އެހާ ބަލިކަށިވެ ނާޒުކު ފައްތަރެއްގައި ހުއްޓައި އެދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާކަމުގެ އިއުތިރާފުތައް އަޑު އަހާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އެ ހަޤީޤަތް ޤަބޫލުކުރާ ހިތެއް ވެސް ނެތެވެ. ހުވަފެނަކަށް ވާނެ ނަމައޭ ވެސް އޭނާގެ ހިތަށް އެރިއެވެ. އެހެނަސް އެ ހިތުގައި ކިތަންމެ ވޭނެއް އެޅިއެއް ކަމަކު އެ ހަޤީޤަތް ޤަބޫލުކުރުން ނޫން އެހެން ގޮތެއް ނެތްކަން ވެސް އޭނާއަށް އެނގެއެވެ. ކުރިން ވެސް ނިކާލާއި ނިހާގެ ގާތްކަން ފެނި ފައިރޫޒްގެ ހިތުގައި ޝައްކު އުފެދުނެވެ. ނިހާއަށް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުން އެފަދަ ޝަކުވާއެއް އޭނާ ނުކުރީއެވެ. ދެބެންގެ ދެދަރިންނަށް ވީތީ ދެބެންގެ ދެމެދުގައި އޮންނަ ކަހަލަ ލޯތްބެއް ކަމަށް ފައިރޫޒަށް ހީކުރެވުނީއެވެ. ނަމަވެސް މިއަދު އެ ދެމީހުން އެކަކު އަނެކަކުގެ އަރިއަހުން މަސްތީ އުފާ ލިބިގަންނަމުން ދިޔަ މަންޒަރު ފެނި އޭނާއަށް އެއީ ކޮންކަހަލަ ގާތް ކަމެއްކަން ކަށަވަރު ކުރެވިއްޖެއެވެ. ކުރެވުނު ހީތަށް ހަޤީޤަތަކަށް ވެއްޖެއެވެ. ނިހާއާއެކު ލޯބިން ދިރިއުޅުމަށް ދުށް ހުވަފެން ބިލާހަކަށްވެއްޖެއެވެ.

"ނިހާ އެންމެ ފަހަރަކު ވެސް ބުނި ނަމަ." މާޔޫސީ ރާގެއްގައި ފައިރޫޒް ބުންޏެވެ. "ނިހާގެ އުފަލަކީ ތީ ކަން އެނގުނުނަމަ ހިތުން ރުހުމުން ދޫކޮށްލީ މުހޭ. މިހާ ބޮޑު އޮޅުވާލުމެއްގައި އަހަރެން ކަނު އަނދިރީގަ ބެހެއްޓީ ކީއްވެ؟"

ފައިރޫޒްގެ އަޑުގައި ވި ހިތްދަތިކަން ނިހާއަށާއި ނިކާލަށް ވެސް އިހުސާސް ކުރެވުނެވެ. ނިހާ އަމިއްލަ ނަފުސު ކުށްވެރިކުރިއެވެ. އޭނާއަށް އިސްއުފުލާ ފައިރޫޒަށް ބަލައިލާނެ ހިތްވަރު ވެސް ނުލިބުނެވެ.

"ވަރަށް ބާއްޖަވެރި ހަޔާތަކަށް އެދެން." ފައިރޫޒް ހިނގައިގަތެވެ. އިތުރަށް އެތަނުގައި މަޑުކޮށްގެން ވާހަކަދައްކަން ހަދައިގެން އޭނާގެ ކެތްތެރިކަން ކޮޅުންލައިފާނެތީ އޭނާ ބިރުގަތީއެވެ. މިއަދު އޭނާ އެ އައީ ނިހާ އޭދޭ ގޮތަށް ކާވެނި ފަސްކޮށް ތާރީހެއް ހަމަޖެއްސިޔަސް އޭނާ އެކަމަށް އުޒުރުވެރި ނުވާނެ ވާހަކަ ބުނަންވެގެންނެވެ. ނަޒީލްގެ ހަޤީޤަތް އެނގުމުން އޭނާ ކާވެނި އަވަސްކުރަން ބޭނުންވިއެވެ. ނަޒީލްއާ އެއްފުރާޅެއްގެ ދަށުގައި ނިހާ އެންމެ ހިނދުކޮޅަކު ވެސް ބަހައްޓަން ފައިރޫޒްގެ ހިތަށް ކުޅަދާނަ ނުވީއެވެ. ނަމަވެސް ނަޒީލްއާއެކު އެ ބިރުވެސް ވަޅުލެވިގެން ދިޔައީއެވެ. އޭނާ އެގެޔަށް އައީ ނިހާއަށް އަމިއްލަ މިނިވަންކަމާ ފުރިހަމަ އިޚްތިޔާރުގައި ކާވެނީގެ ހުރިހާ ކަމެއް ނިންމުމުގެ ފުރުޞަތު ދޭނެކަމުގެ ޔަޤީންކަން ދިނުމަށެވެ. ނިހާ ހިތްހަމަ ޖައްސައިދިނުމަށެވެ. އޭގެ ބަދަލުގައި އެގެއިން ނުކުމެގެން އޭނާއަށް ދާން ޖެހުނީ ފުނޑުފުނޑު ވެފައި އޮތް ހިތަކާއެކުއެވެ. ފުރަތަމަ ފަހަރަށް ހަޤީޤީ ލޯބި ވެވި، އެލޯބި އަތުން ބީވެގެން ދިޔުމުން، އެ ހިތާމަ މުޅި އުމުރަށް ވެސް އޭނާ ކުރާނެއެވެ. އެހެނީ އަލަތު ލޯތްބަކީ ހިތާއި ސިކުނޑިން ފޮހެލަން ފަސޭހަ އެއްޗަކަށް ނުވާނެތީއެވެ.

ނިކާލްގެ އަތުގެ ތެރެއަށް ނިހާ ގެނެސް ބާރަށް ބައްދައިލިއެވެ. ނިހާ ހިތްހަމަ ޖައްސައިދިނުމަށް ނިކާލް ތަފާތު އެކި ވާހަކަތައް ދެއްކިއެވެ. އެކަމަކު އެވަގުތު ނިހާގެ ޚިޔާލާއި ފިކުރުގައި ފައިރޫޒް ނޫން އެއްޗެއް ނެތެވެ. ނިކާލް ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަމެއް ނުދެވުނެވެ. ފައިރޫޒަށް އެ ދެވުނީ ބޮޑު ކެއްސެއްކަން އޭނާގެ ޟަމީރު ހުއްޓުމެއް ނެތި ގޮވަމުން ދިޔައެވެ. އޭނާ ދެރަވާނެވަރާއި، އެ އާއިލާއިން ދެން ނިހާއާ ދޭތެރޭ ދެކޭނެ ގޮތާއި މެދު ވެސް ނިހާއަށް ވިސްނާލެވުނެވެ.

*****

"މާބޮޑަށް މީހަކުދެކެ ލޯބިވުން، ގިނަގިނައިން ޖިންސީ ގުޅުން ހިންގާ ހިތްވުން، ޖިންސީ އެދުންވެރިކަމުގެ ޚިޔާލުތައް އަބަދުމެ ކުރެވުމާއި ޖިންސީ އެދުން ނުފުއްދާ ހުރުމަށް އުނދަގޫވުން، ޖިންސީ ގުޅުން ހިންގާ ވަގުތުތަކުގައި ހަޤީޤަތުގައި ނުވާވަރުގެ އަރާމާއި ލައްޒަތެއް އިހުސާސްވުން، ލޯބިވާ މީހާ ފެނުމުން އާދަޔާ ޚިލާފު އިހުސާސެއް ކުރެވުން، ލޯބިވާ މީހާގެ ގާތުގައި އަބަދު މެ ހުންނަ ހިތްވުމާއި ގާތަށް ދާހިތްވުން، ކިތަންމެ ނުބައި ކަމެއް ކުރި ނަމަވެސް އެމީހާގެ ނުބައިކަން ނުފެނުން." ޞަފިއްޔާ އެ ޖުމްލަތައް ތަކުރާރުކޮށް ކިޔެވެ.

އެއީ ރޫނާ ދިން ފޮތުގައި ފާހަގަކޮށްފައިވާ ޢަލާމާތްތަކެވެ. އެކި ބާވަތްތަކުގެ ސިހުރުގެ ތެރެއިން ޞަފިއްޔާއާ އެންމެ ގުޅުން ހުރި ކަމަށް ފާހަގަ ކުރެވުނު ޢަލާމަތްތަކަކީ އެއީއެވެ. އޭނާއަށް އެ ހުރިހާ ކަމެއް ވެސް ތަޖުރިބާ ކުރެވިފައިވެއެވެ. އިލްހާމްއާ އިންތާ ކުރީ ކޮޅުގައި ޖިންސީ ގުޅުން ހިންގަން ހުންނަ ފޯރި ވަކިން ގަދަކަން ޞަފިއްޔާ ހަނދާނުގައި ހުއްޓެވެ. ވަހުޝީ ހިޔާލުތަކުން ހިތާއި ސިކުނޑި އަބަދުމެ ތަޣައްޔަރުވެފައި ހުންނަ ހަނދާންތައް ވެސް އާވިއެވެ. އެފަހުން ވެސް ކަން އޮތީ ހަމަ އެހެންނެވެ. އަބަދުވެސް އިލްހާމް މަތިން ހަނދާންވެއެވެ. ނިދަން ވެސް އުނދަގޫވިއެވެ. އިނދެގެން އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު ވެސް އެކަމަކަށް ބަދަލެއް ނާދެއެވެ. އާދަޔާ ޚިލާފަށް އިލްހާމް ދެކެ ލޯބިވެވުމާއި އަމިއްލަ ނަފްސަށް ވުރެން ބޮޑަށް އޭނާއަށް އިތުބާރުކުރެވުނުކަން ވެސް ފާހަގަވިއެވެ.

"މީގެ މާނައަކީ އިލްހާމް މަށާ އިނީ ސިހުރު ހަދައިގެންނޭތަ؟ ނޫން. ނޫން." ޞަފިއްޔާ ދެއަތަށް ބޯ ހޫރުވާލަމުން ފޮތް ލައްޕާލިއެވެ. "އެކަމަކު މީގައި ފާހަގަކޮށްފައި މިހިރަ ކަންކަން ވަރަށް ފަހަކާ ޖެހެންދެން ވެސް މަށަށް ކުރިމަތިވި. އެކަމަކު މިހާރަކު އެ އިޙުސާސްތަކެއް ނުކުރެވޭ."

ޞަފިއްޔާގެ ހިތުގައި މިހާރު އިލްހާމްގެ މައްޗަށް އޮތީ ހަމައެކަނި ނަފްރަތާއި ފޫހިކަމެވެ. ސިހުރުޖެހިފައިވާނަމަ އެކަން އެހެން މެދުވެރިވެގެން ނުވާނެއެވެ. އޭނާ އަނެއްކާ ވެސް ފޮތް ހުޅުވައި ބަލަންފެށިއެވެ. ލިބުނީ ހަމަކުރިން ވެސް ލިބުނު ޖަވާބެވެ. ލޯބި ޖެއްސުމަށް ހަދާ ސިހުރު ނުވަތަ އިސްތިރީގެ ދަށުން ލިޔެފައިވާ ޢަލާމާތްތައް ނޫން އިތުރު އެހެން ވައްތަރެއްގެ ސިހުރެއްގެ އަލާމާތެއް ބަރުދާސްތުކުރަން ޖެހިފައިވާ ކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ވީއިރު ޞަފިއްޔާއަށް ސުނޯހައުސް އިން ނިކުމެގެން އައިސް އިލްހާމާ ވަކިން ދުރުގައި އުޅެން އެހާ ފަސޭހަވީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލު ވެސް އޭނާގެ ހިތުގައި އުފެދުނެވެ. (ނުނިމޭ)

ސޯޅަވަނަބައިގެ ތެރެއިން:-

އިބްރާހީމްބެގެ މުށުތެރޭގައި ރަބަރު ދެ ޕެކެޓު އޮތެވެ. އެ ޕެކެޓްތަކުގެ އެތެރޭގައި ހުދުކުލައިގެ ކުނޑިތަކެއް ހުއްޓެވެ. އެއް ޕެކެޓުގެ ބޭރުގައި ކަތިރަސްގެ އެއް ކުރަހައިފައި ހުއްޓެވެ.

"މީތި މީ ނިހާއާ ނިކާލް ދުރުކުރުމަށް." ކަތިރަސްގެ ކުރަހާފައި ހުރި ޕެކެޓު ދައްކައިލަމުން އިބްރާހިމްބެ ބުންޏެވެ. "ދެން މި އޮތީ ކަލޭގެ ވަތުކިބައަށް ހާއްސަ ޕެކެޓެއް. އެންމެ ރަނގަޅެއްނު. ކަލެޔަށް ފަސޭހަކޮށްލަން މިފަހަރު މި ތައްޔާރު ކުރީ ކާންދެވޭނެގޮތަށް. ޖެހިޖެހިގެން 03 ދުވަހު މެދުކަނޑާ ނުލާ ދެވޭތޯ ބަލާތި. ކަލޭ ބޭނުންވާ ގޮތަށް ކާމިޔާބު ވާނެކަން މުޖައްރިބު."