ހަދާންހުންނަން ފެށީއްސުރެ ކޮންމެ ޢީދު ދުވަހު އެންމެ އުދަނގޫ އެއް ކަމަކަށް ކުރަން ޖެހިފައި އޮންނަ ކަމަކީ ޢީދު ނަމާދު ނިންމާފައި ފައިވާން ހޯދުމެވެ. ފަހަރުގައި މިއީ އެހެން ބޭފުޅުންނަށް މިކަން ދިމާވާ ގޮތެއް ނޫންކަމަށް ވެދާނެއެވެ. އެހެންނަމަވެސް ކޮންމެ ޢީދަކުވެސް ޢީދު ނަމާދުކޯށް އަވަދިވެގެން ފައިވާން ހޯދުމަކީ ވަރަށް ފޯރިއާއެކު ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ.

ދިވެހިންގެ އާދަކާދަ އޮންނަ ގޮތުން ގިނަ ފަހަރަށް ޢީދު ނަމާދަށް ދަނީ މުޅިން އާކޮށްލައިގެނެވެ. މިހެން މިދެންނެވީ އަތުގައި އޮތް ގަޑިއިން ފެށިގެން ލައިގެން ހުންނަ ފައިވާން ނުވަތަ ބޫޓްވެސް އާކޮށްލާތީއެވެ. ޢީދު ނަމާދަށް ދާން އަތު އޮންނަ އެންމެ އާ ހެދުމެއް ލާށޭ ބުނުމުން ގިނަ ދިވެހިންނަށް މީގެ މާނަ ނެގެނީ ނުވިވަރަކުން އައު ހެދުން ގަނެގެން އެތުރުކޮށްގެން ޢީދު ނަމާދަށް ދާށެވެ. ފައިވާން ހޯދާން އުނދަގޫ ވާ ހިސާބަކީ މިއީ އެވެ. މީގެ ކުރިން ލަމުން އައި ފައިވާން އަދި ކިތަންމެ ގިނަ ފައިވާން ތަކުގެ ތެރޭގައި ހުއްޓަސް ހޯދަން އެނގުނު ކަމުގައި ވީނަމަވެސް އަލަށް އަރައިގެންދާ ފައިވާން ގިނަ ފަހަރަށް ހޯދުމަށް އުދަގޫތަކަކާއި ކުރިމަތިވެގެން ދެއެވެ. އަނެއްކާ މިސްކިތުގައި ފައިވާންތައް އުކާލެވިފައި އޮންނަ ތަރުތީބުން ކަނާތު ކިބަޔާއި ވާތު ކިބަ ފައިވާނެއްގެ ކައިރީގައި ބެހެއްޓިނަމަވެސް އެނބުރި އަންނައިރު އެގޮތަށް ހުރެއްޖެނަމަ އެއީ ބޮނޑިބަތް ކައްކަން ޖެހޭ ވަރުގެ ކަމެކެވެ. އެހާވެސް ނާދިރު ކަމެކެވެ.

ހާލެއްގައި އުޅެގެންވެސް ޢީދު ވިލޭ ރޭ ގަތް އެ ރީތި ފައިވާން ކިބަ ފެނިއްޖެނަމަވެސް އަދިވެސް އިތުރު ތަކްލީފެއް އެބައޮތެެވެ. ވަން ޕީސް ފައިވާނެއް ނޫންތާއެވެ. އަނެއްކާ މިޖެހުނީ ބޮޑުތާއެވެ. މިއީ ތިމާގެ ފައިވާން ތޯ ޔަގީން ކުރަން ޖެހެއެވެ. ފައިވާން "ކަޓުވާ ޗޯރަށް" ޢީދު ދުވަހު ވާކަށް ހަމައެކަކުވެސް ބޭނުމެއް ނުވާނެ ތާއެވެ. ފައިވާން ފަޔަށް މަހާ އަމިއްލަ ފައިވާން ތޯ ޔަޤީން ކުރުމަށް މަސައްކަތް ކުރިޔަސް ފައިގައި ފައިވާން ޖެހޭއިރަށްވާނީ ނުދަންނަ އިހްސާސްއެކެވެ. ހީވާނީ ބީރައްޓެހި ފައިވާނެއް ހެންނެވެ. ބިޓު ކެޓުމުން އަނެއްރޭ އެހެން ކުއްޖެއް ކައިރިޔަށް ދިއުމުން، އެކުއްޖާއަށް ތިމާ ހަމަ "ޕާފެކްޓް" ކަމުގައި ވީނަމަވެސް ފައިވާން އަދި ފަޔަށް ހަމަޖެހިލާން ދުވަސްތަކެއް ނަގާނެއެވެ.

ކޮންމެޔަކަސް ގެޔަށް ދާއިރުވެސް ގިނަ މީހުންނަށް އެއީ ތިމާގެ އަމިއްޔަ ފައިވާންކަން ޔަޤީނެއް ނުވެއެވެ. އަނެއްކާ ގެޔަށް އަންނަ އިރަށް މަންމަ ސުވާލު ކޮށްލާނެއެވެ. "ކޮބާ ޢީދު ނަމާދުން ފައިބައިގެން ފައިވާން ހޯދުނުތަ؟" މިއަދުވެސް މިސުވާލު ކުރާނެކަން އެނގެއެވެ. އަދި އެތައް ބަޔަކު ފައިވާން ހޯދަން މިގޮތަށް އުޅޭކަން ޔަގީނެވެ.