މީސް މީޑިޔާގައި އެންމެ ހަރަކާތްތެރި ބޮލީވުޑުގެ ފަންނާނެއް ކަމުގައިވާ ޝިލްޕާ ޝެޓީއަކީ ކޮރޯނާ ވައިރަސްގެ މި ހާލަތުގައި ވެސް މީސް މީޑިޔާ މެދުވެރިކޮށް ސިއްހީ އިރުޝާދުގެ އިތުރަށް ކޮރޯނާ ވައިރަސްއަށް މީހުން ހޭލުންތެރި ކުރުމުގައި އުޅޭ ފަންނާނެކެވެ.

ނަމަވެސް ކުއްލިއަކަށް މީސް މީޑިޔާއިން ޝިލްޕާ ގެއްލުމުން އެންމެންގެ ސަމާލުކަން އެކަމަށް އަމާޒުވިއެވެ. ކުއްލިއަކަށް ޝިލްޕާ މީސް މީޑިޔާއިން ފެނުން މަދުވެގެން ދިޔައީ ޝިލްޕާގެ އާއިލާ އެއްކޮށް ކޮވިޑް-19 އަށް ފައްސިވުމުންނެވެ.

ޝިލްޕާގެ ފިރިމީހާ ރާޖު ކުންދުރާއާއި ދެ ދަރިންކަމުގައިވާ ސަމީޝާއާއި ވިއާން އަދި ރާޖު ކުންދުރާގެ އާއިލާއާއި ދެ މުވައްޒަފަކު ކޮވިޑަށް ފައްސިވެ އެކަހެރި ކުރެވިފައިވާތާ 10 ދުވަސްވެއްޖެއެވެ.

އޭނާ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ފާއިތުވި 10 ދުވަހަކީ ޝިލްޕާގެ އާއިލާއަށް ދަތި ދުވަސްތަކެއް ކަމަށެވެ.

ޝިލްޕާގެ މައިދައާއި ބަފައިބެ، ސަމީޝާ، ވިއާން، ޝިލްޕާގެ މަންމަ އަދި ފިރިމީހާ ވެސް ކޮވިޑަށް ފައިސިވެފައިވާ ކަމަށް މި ޕޯސްޓުގައިވެއެވެ. ސިއްހީ ފަރާތްތަކުގެ އިރުޝާދާައި އެއްގޮތަށް އެ އެންމެން ވެސް އެމީހެއްގެ ކޮޓަރީގައި އެކަހެރި ކުރެވިފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޝިލްޕާ ގޭގައި އުޅޭ ދެ މުވައްޒަފަކު ވެސް ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި މެޑިކަލް ފެސިލިޓީއެއްގައި އެމީހުންނަށް ފަރުވާދެވެމުންދާ ކަމަށް ވެސް ޝިލްޕާ ފާހަގަކޮށްފައިވެއެވެ.

މި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެންމެން ވެސް އުޅެނީ ބަލިން ރަނގަޅުވުމުގެ މަގުމަތީގައި ކަމަށް ބުނެފައިވެއެވެ. އަދި ޝިލްޕާގެ ޓެސްޓުގެ ނަތީޖާ ނައްސި ކަމަށް ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.

ޝިލްޕާގެ މި ޕޯސްޓު ނިންމާލަމުން ވަނީ އެންމެންގެ ލޯތްބާއި ހެޔޮ ދުޢާތަކަށް ޝުކުރުވެރިވެ ރައްކާތެރިވެ ތިބުމަށް ގޮވާލާފައެވެ.