މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު މަރުވެފައިވީ ނަމަވެސް އަދި ވެސް އެތައް ބަޔަކު ދަނީ އޭނާގެ ހަނދާންތައް އައު ކުރަމުންނެވެ.

ފިލުމީ ހަޔާތުގައި ކާމިޔާބު އެތައް ފިލުމަކާއި އެކްޓިންގެ މޮޅު ހުނަރު ދައްކާލާފައިވާ ސުޝާންތު މި ދުނިޔެއާއި ވަކިވެގެން ދިޔަ ގޮތުން އޭނާގެ ސަޕޯޓަރުން މާޔޫސްވެފައިވީ ނަމަވެސް އެ ހަނދާންތައް އައު ކުރުމުގައި ފަހެއް ނުޖެހެއެވެ.

އެކި މަގުތަކަށް ސުޝާންތުގެ ނަމުން ނަން ދިނުމުގެ އިތުރަށް ސުޝާންތުގެ ހަނދާނުގައި ގަސް އިންދުމާއި އެތައް ކަމެއް ވަނީ ކޮށްފައެވެ. ސުޝާންތުގެ ހަނދާނުގައި އެންމެ ފަހުން ފެނިގެން ދިޔައީ އިންޑިޔާގެ ބެންގާލީގެ ކުޑަކުދިންނަށް ކިޔަވައިދޭ ސުކޫލު ފޮތެއްގައި ސުޝާންތުއާއި އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާގެ ފޮޓޯއެވެ.

މި ފޮޓޯއަކީ ސުޝާންތުއާއި އަންކިތާގެ އެންމެ ފުރަތަމަ ޑުރާމާ ''ޕަވިތުރަ ރިޝްތާ'' ގެ ފޮޓޯއެކެވެ. ސުޝާންތުއާއި އަންކިތާގެ އިތުރުން ކުޑަކުއްޖަކު ވެސް މި ފޮޓޯއިން ފެނެއެވެ.

ސުޝާންތުގެ ފޮޓޯއިން ސަފުހާގެ ފޮޓޯއެއް ޓުވިޓާގައި ހިއްސާކޮށް ޝަމިތާ ނަމަކަށް ކިޔާ މީހަކު ބުނެފައިވަނީ މިއީ ސުޝާންތުއާއި އޭނާގެ އާއިލާއަށް ފަޚުރުވެރި ވަގުތެއް ކަމަށާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކުން ވެސް ސުޝާންތުއަކީ ރަނގަޅު މީހެއް ކަމަށް ގަބޫލު ކުރާކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ.

ސުޝާންތުގެ މަރަށް އަހަރެއްވުމަށް ކައިރިވެފައިވާ އިރުވެސް ސުޝާންތުއަށް އިންސާފެއް ނުލިބޭ ކަމަށް ބުނެ އޭނާގެ ސަޕޯޓަރުންގެ އަޑުތައް ފަނޑުވެގެން ނުދެއެވެ. ސުޝާންތުއަކީ އެތައް ގިނަ ޒުވާނުން ނަމޫނާއަކަށް ބަލަމުން އައި ފަންނާނެއް ކަމަށް ވެސް ގިނަ ފަރާތްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯދަމަސް

    އަނެއްކާ އެއްކަލަ ކަލޭގެ. އަމިއްލަޔަށް މަރުވެފާތިބި މީހުނަގެ ޒިކުރާ އާކޮށް އެމީހުންގެ ހަރަކާތްތަކަށް ހަރަކާތްކުރާން އޮތް ވަގުތެއް ނޫން މީ. މީ ރޯދަމަސް.