ބޮލީވުޑު އެކްޓަރ ސޯނޫ ސޫދުއަކީ އެކްޓު ކުރުމުގެ އިތުރުން އިންސާނިޔަތު ކަމުގެ ރީތި ނަމޫނާއެއް ދައްކައިދީ އެތައް ބައެއްގެ ލޯބި ހޯދާަފައިވާ ފަންނާނެކެެވެ.

އިންޑިޔާއަށް ދިމާވެފައިވާ މި ނުރައްކާތެރި އަދި ހިތްދަތި ވަގުތުގައި އެތައް ބަޔަކަށް އެހީތެރިވަމުންދާ ސޯނޫ ސޫދަކީ ފަގީރު އާއިލާތަކުން އެންމެ އަވަހަށް އެހީއަށް އެދޭ އެއް ފަރާތެވެ.

އޭނާގެ މި ދީލަތިކަން ފެނި މިހާރު ޓުވިޓާގައި އެންމެ ގަދައަށް މިހާރު ދެކެވެމުންދާ ވާހަކައަކީ 2024 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް އެންމެ ކަމުދާ ފަރާތަކީ ސޯނޫ ސޫދު ކަމަށެވެ.

އެ މަގާމަށް ސޯނޫ ގެނައުމަށް ބައެއް އެކްޓަރުންވެސް ބޭނުން ވެއެވެ. އެގޮތުން އިންޑިއާގެ ކޮމޭޑިއަން އެކްޓަރ ވިރް ދަސް ބޮޑުވަޒީރުކަމަށް ގެންނަން ބޭނުންވާކަމަށް ބުނެ އޭނާގެ ސަޕޯޓަރަކު ކުރި ކޮމެންޓެއްގައި ވިރް ދަސް ބުނެފައިވަނީ އެކަމަށް އެންމެ އެކަށީގެންވާ މީހަކީ އޭނާ ނޫން ކަމަށާއި އެއީ ސޯނޫ ސޫދު ކަމަށެވެ.

ވިރް ދަސް މިހެން ބުނުމުން އެކަމަށް އެއްބަސްވެ އެތައް ބަޔަކު ދަނީ ކޮމެންޓް ކުރަމުންނެވެ. މިގޮތުން ކޮމެންޓު ކުރި އެއް ފަރާތުން ބުނެފައިވަނީ މިއީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

''މިއީ ވަރަށް ޝައުގުވެރި ޕޮއިންޓެއް. އަހަރެމެންގެ ޕްރައިމް މިނިސްޓަރަކަށް ސޯނޫ ސޫދު ނުހޮވަންވީ ސަބަބަކީ ކޮބާ؟ އަހަރެންނަށް ހީވަނީ އެ މަގާމަށް އެންމެ އެކަށޭނެ ފަރާތަކީ އެއީހެން. ގައުމުގެ ހުރިހާ ސަރަހައްދުތަކަށް ވެސް އޭނާ އެހީތެރިވެދީ އެކަން ދައްކައިދީފި. މިކަމަށް ކޮންމެވެސް ކަމެއް ކުރަން ހިނގާ'' ސޯނޫ ސޫދު ބޮޑުވަޒީރަކަށް ވުމަށް އެއްބަސްވި ފަރާތްތަކުން އެކަކު ބުންޏެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ ސޯނޫ ސޫދު އެހީތެރިވަމުން ދަނީ އެއްވެސް ސިޔާސީ މަންފާއެއް ހޯދުމަށް ނޫންކަމަށެެވެ.