އިންޑިއާގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރި ބަލި މީހުންނަށް އޮކްސިޖަން އާއި ހޮސްޕިޓަލުން އެނދު ލިބުން ދަތިވެފައިވާ މި ދުވަސްވަރު ބޮލީވުޑުގެ އެތައް ފަންނާނުން ދަނީ މިކަމުގައި އެހީތެރިވަމުންނެވެ. ފައިސާގެ އެހީތެރިކަމާއި އެހެނިހެން ގޮތް ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.

މިގޮތުން ބޮލީވުޑުގެ ހުނަރުވެރި ޑައިރެކްޓަރު ރޯހިތު ޝެޓީ ވެސް ކޮވިޑު ޖެހިފައިވާ ފަރާތްތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ދިއްލީގައި ހުންނަ ގުރޫ ތޭގް ބަހާދުރު ކޮވިޑު ކެއަރ ސެންޓަރަށް 250 ހޮސްޕިޓަލު އެނދު ހަދިޔާކޮށް ރޯހިތު ދައްކައިދިނީ ނަމޫނާއެކެވެ.

އެނދު ހަދިޔާ ކުރުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް ރޯހިތު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ރޯހިތުގެ މި މަސައްކަތަށް ޝުކުރު އަދާކޮށް ސިޔާސީ ބޭފުޅެއް ކަމުގައިވާ މަޖިންދަރު ސިންގް ސިރްސާ ވަނީ ޓުވީޓެއް ކޮށްފައެވެ.

''އޮން ސްކްރީންގައި ރޯހިތު ޝެޓީއަކީ ކަތުރޯންކީ ކިލާޅީ ކަމުގައި ވެދާނެ. ނަމަވެސް އޮފް ސްކްރީންގައި އޭނާއަކީ އިންސާނިޔަތަށް ލޯބިކުރާ މީހެއް. އަހަރެމެންގެ ކޮވިޑް ކެއަރ ފެސިލިޓީއަށް ދިން އަގު ނުކުރެވޭ ފަދަ އެހީއަށް ރޯހިތުއަށް ޝުކުރު އަދާކުރަން. ތިޔަ ވެދިން އެހީގެ ބަދަލުގައި ރޯހިތުއަށް ގިނަ ހެޔޮގޮތްތައް މެދުވެރިވުމަށް އެދެން'' މަޖިންދަރު ސިންގް ސިރްސާ ބުނެފައިވެއެވެ.

މި އަހަރުގެ ކުރީކޮޅު ރޯހިތުއަށް ވަނީ ކޮވިޑްގެ މި ހާލަތުގައި މުމްބާއީގެ ފުލުހުންނަށް އެހީތެރިވެފައިވާތީ އެކަމަށްޓަކައި އެވޯޑެއް ވެސް ލިބިފައެވެ.

ރޯހިތު ޝެޓީގެ މަސައްކަތަށް ބަލާއިރު އޭނާ މިހާރު ތައްޔާރުވަމުން ދަނީ ކަތުރޯން ކީ ކިލާޅީގެ 11 ވަނަ ސީޒަންއަށެވެ. މި ޝޯގެ ޝޫޓިންތައް ނެގުމަށް ހަމަޖެހިފައިވަނީ ކޭޕް ޓައުންގައެވެ.

ކިޔުންތެރިންގެ ހިޔާލު