ހެނދުނުއްސުރެ އިރު އިރުކޮޅުން ވާރޭ ވެހެއެވެ. މެންދުރުފަހު އޮފީސް ތަކުން ނިމުނު މީހުން ވެސް ކުޑަޔާއި ކޯޓުގައި ހެލިފެލިވެ އުޅެއެވެ. ސާލިމް ޢަލީ އޮފީހުން ނުކުމެ ސައިކަލަށް އަރަން ދާން ޖެހެނީ ތެމިގެންނެވެ. ގެއިން ގެނައި ކޯޓުއޮތީ ސައިކަލް މަޑި ދަށުގައެވެ. ވާރޭ ހުއްޓާލާނެ ކަމުގެ އިންތިޒާރުގައި ހުއްޓިލައިގެން ހުރީ އޮފީސް އިމާރާތުގެ އަސްކަނި ދަށުގައެވެ. ފަނަރަ ވަރަކަށް މިނެޓް މަޑު ކޮށްލައިގެން ހުރި އިރުވެސް ވާރޭ ތުންޏެއް ނުކުރެއެވެ.

ކުޑައެއް ހިފައިގެން ދުވާރު މަތިން ހިނގާފައި އެ އަންނަނީ މީގެ ކުރިން އެކިދުވަސް މަތިން އެ އޮފީސް ކައިރިން ފެނިފައިވާ މީހެކެވެ. އެ މޫނު ސާލިމަކަށް އަލެއް ނޫނެވެ. މާ ޒުވާން މީހެއް ނޫނެވެ. މެދު އުމުރުގެ އަންހެނެކެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅު ހަރުވާޅެކެވެ. ނޫކުލައިގެ ބުރުގާއެކެވެ. މޫނުގެ ކުލަ ވަރަށް ދޮނެވެ. އެކި ދުވަސް މަތިން އޭނާ ފެނި ސާލިމްގެ ހިތުގައި ވަނީ އޭނާއާއި ވާހަކަ ދެއްކުމުގެ ޝައުގުވެރިކަން އާވެފައެވެ. ނަމަވެސް ސާލިމަކީ ވެސް ގޮތެއްގައި ހުންނަ ފިރިހެނެއް ކަމުން ހަމަ ފެންނަ ތަނުން މީހުންނާ ފޮށި ނުވަތަ ނަން އަހައި ހަދާ މީހެއް ނޫނެވެ. ކޮންމެވެސް ސަބަބެއް މެދުވެރިގެން ނުވަތަ ކަމަކާ ގުޅިގެންނޫނީ އިސްވެ އެގޮތަކަށް ނޫޅެއެވެ. ބައެއް ރައްޓެހިން ބުނާ ގޮތުގައި ސާލިމަކީ ބުސީ ފިރިހެނެކެވެ.

އެމީހަކު ކައިރި ވަމުން އަންނަ ވަރަކަށް ޚިޔާލު ކުރެވެނީ ވާހަކަ ދައްކާނެ ރަނގަޅު އުޒުރެއް ދެއްކޭނެގޮތަކާ މެދުގައެވެ. މީގެ ކުރިން ވެސް އެއްފަހަރު އެފަދަ ފުރުސަތެއް ލިބި ވަނީ ގެއްލިފައެވެ. އެފަހަރު ނުކެރުނީއެވެ. އެމީހަކު ހިނގާފައި އަންނަނީ އިސްދަށަށް ޖަހައިގެންނެވެ. އޭނާ ސަލީމާއާއި އަރާހަމަވި ތަނުން ބުނެފިއެވެ.

"އަޅުގަނޑަށް އެހީ ތެރިކަމެއް ލިބިދާނެތޯ؟"

އިސްއުފުލާ ލުމާއެކު ސުވާލު އުފެދޭގޮތެއްގައި އޭނާ ބުނެފިއެވެ. "އަޅުގަނޑު ކޮށްދޭންވީ ކޮންކަމެއްތޯ"

ސާލިމް ކުޑަކޮށް ނާވަސް ވެފައި ހުރެ ބުނެފިއެވެ. "އަޅުގަނޑުގެ ސައިކަލް މަޑިދަށުގައިވާ ކޯޓް ނަގަން ތިޔަ ކުޑަ ލިބިދާނެތޯ؟"

އޭނާ ވަރަށް ފަސޭހައިން ކުޑަ ދިއްކޮށްލައިފިއެވެ. އަދި ހިޔާވުމަށްޓަކައި އަސްކަނީ ދަށަށް ވަދެއްޖެއެވެ.

ޝުކުރިއްޔާ ބުނެ ހިނިތުން ވުމާއިއެކު ކުޑަ އަތުލައިގެން ގޮސް ކޯޓް ނަގައިފިއެވެ. އަދި އެނބުރި އައިސް ކުޑަ ދިއްކޮށްލަމުން ބުނެފިއެވެ. "އަޅުގަނޑު ސުވާލެއް ކޮށްލިއަސް އެންމެ ރަނގަޅުތޯ؟"

އޭނާ ބޯޖަހާލިއެވެ. ސާލިމް ވާހަކަ ދައްކަން ފެށީ ވަރަށް ޖެހިލުންވެ ހުރެއެވެ. ކުރަން މިއުޅޭ ސުވާލުން ފަހަރުގައި ނޫނެކޭ ބުނެފާނެތީއެވެ.

"މާދަމާ ރޭ އޮންނަ ޓީވީ ޕްރޮގްރާމެއްގައި ކުދިން ބެލުމާއި ކިޔަވައި ދިނުމާއި ބެހޭ ޕެނަލް ޑިސްކަޝަނެއްގައި އަޅުގަނޑު ބައިވެރިވާން ޖެހޭ. ކަމަނާގެ ފަރާތުން މައުލޫމާތު ކޮޅެއް ލިބިދާނެތޯ؟" އޭނާ ކުޑަކޮށް މަޑުކޮށްލާފައި ބުނެފިއެވެ.

"ތިޔަ ފަދަ ކަމެއްގައި އަޅުގަނޑު ޚިޔާރު ކުރެއްވީ ކީއްވެތޯ؟"

ޖެހިލުމެއް ނެތި ސާލިމް ބުނެލައިފިއެވެ. "ކަމަނާ އަކީ އިސްކޫލެއްގެ ލީޑިންޓީޗަރަކަށް ވެފައި ކަމުގެ މައުލޫމާތާއި ތަޖުރިބާ ހުންނާނެކަން ޔަގީން ވާތީ."

ވިސްނާލަން އޭނާ އިރުކޮޅަކު ހުރުމަށް ފަހު ބުނެފިއެވެ. "ތިޔަ ކަމަށް މިއަދު ވަގުތު ވަރަށް ނެތް. ނަމަވެސް ވަގުތު ކޮޅެއް ހޯދޭތޯ ބަލާނަން. އިސްކޫލަށް ގުޅާލައްވަވާ!"

ސާލިމް ބުނެލިއެވެ. "ބަންދު ގަޑީގައި ފަހަރުގައި ފޯނު ނުނަގަފާނެ ނޫންތޯ؟ ސީދާ ގުޅާލެވޭ ނަންބަރެއް ލިބިދާނެތޯ؟"

އޭނާ ސާލިމް ގެ މޫނަށް ފުންކޮށް ބަލައިލިއެވެ. ސާލިމް އިސްދަށަށް ޖެހިއެވެ. އިސްއުފުލާ ލިއިރު އޭނާ ހިނގައި ގެންފިއެވެ.

ސައިކަލަށް އެރުމުގެ ކުރިން އަދި އެއްފަހު އޭނާ އާއި ދިމާއަށް ބަލައި ލުމަށް ހިތުލިއެވެ. ފަހަތަށް އެބުރި ބަލައިލިއިރު އޭނާ ފެންނާކަށް ނެތެވެ. ޖެހިގެން އޮތް ގޯޅި އެޅީކަމަށް ސާލިމް ހިތަށް އެރިއެވެ. ނަމަވެސް ވީ އެހެނަކުން ނޫނެވެ. އޭނާ ހުރީ ސާލިމާ ވަރަށް ގާތުގައި ހުއްޓިގެންނެވެ. ސާލިމް ދިޔައީ ސިއްސައިގެންނެވެ.

"އިސްކޫލުން އަޅުގަނޑާ ގުޅޭނެ ނަންބަރު ނޯޓް ކޮށްލައްވާ!"

ނަންބަރު ބުނެދިނުމަށް ފަހު ކުޑަކޮށް ހިނިތުން ވެލަމުން އޭނާ ހިނގައިގެންފިއެވެ. އެނަންބަރު ފޯނުގައި ނޯޓް ކޮށްލުމަށް ފަހު ވީ އުފަލުން ސައިކަލު ދުއްވާލައި ފިއެވެ.

ސާލިމް ޢަލީއަކީ ހެޔޮވަރު އިސްކޮޅެއް ހުރި މެދު އުމުރުގެ މީހެކެވެ. އޭނާ ވަޒީފާ އަދާ ކުރަނީ ސަރުކާރުގެ ވުޒާރާއެއްގައެވެ. އެ ވުޒާރާ އަކީ އާންމުންނާ ގުޅުން ހުރި އަދި ގިނަ ބަޔަކު ޚިދުމަތް ހޯދާ ތަނެކެވެ. ސާލިމް އަދާކުރާ ވަޒިފާގެ ގޮތުން ޓީވީ ތަކަށް އިންޓަވިއު ދިނުމަކީ އާންމު ކަމެކެވެ.

ސާލިމްގެ އެންމެ ޚާއްޞަ ސިފައަކީ ގިނަ މީހުންނާއި ވާހަކަދެއްކުމާއި ރަހުމަތްތެރިކަން އުފެއްދުމެވެ. އެގޮތުން ތަފާތު އުމުރުގެ މީހުންނާއެކު ސަޔަށް ދިއުމާއި ކޮފީއަށް ދިއުމަކީ އާދައެކެވެ. އަންހެނުންނާއި ފިރިހެނުން ތަފާތު ކުރުމެއް ނޯވެއެވެ. ސާލިމަކީ އިޖްތިމާއީ މީހެކެވެ. އޮފީސް ކުދިންނަށް ސައި ދިނުމުގައި ވެސް ދީލަތި މީހެކެވެ.

ސާލިމަކީ ތިންދަރިންގެ ބައްޕައެކެވެ. ދޮށީ ދަރިފުޅުގެ އުމުރަކީ ވިހި އަހަރެވެ. ކިޔަވާ އިސްކޫލުން ނިމުނު ތަނުން އޭނާ ވަޒީފާއެއް އަދާކުރަން ފަށައިފިއެވެ. ހަގު ދެކުދިންނަށް އެދި ފަނަރައެއް ނުފުރެވެ.

ސާލިމް އަންހެން ކުދިންނާ ބައްދަލުކޮށް ސައިބޮއި ހަދާތީ ބައެއް ފަހަރަށް އަންހެނުންނަށް ޝައްކުވެގެން ސުވާލުކޮށް ޝަކުވާ ކުރެއެވެ. ސާލިމްގެ ޖަވާބަކީ އިޖްތިމާއީ ދާއިރާގައި އުޅޭއިރު އެކި މީހުންނާ އޮންނަ ގުޅުމަކީ ލޯބީގެ ގުޅުމެއް ނޫން ކަމުގައެވެ. އެއީ ދޮގެއް ނޫނެވެ. އޭނާ ލޯބީގެ ގުޅުމެއް ނުބާއްވައެވެ. އެކަމު އަރިމަތިން ބާއްވާ ގުޅުމެވެ. އެގުޅުމަކީ ކޮންކަހަލަ ގުޅުމެއް ހެއްޔެވެ؟ އެގުޅުން އޭނާ ސިފަ ކުރަނީ ރަހުމަތްތެރި ކަމުގެ ގުޅުމުގެ ގޮތުގައެވެ. އެފަދަ ގުޅުމަށް ބައެއް ފިރިހެނުން ކޮންމެފަދަ ނަމެއް ދިންކަމުގައި ވިއަސް އެއީ ރަނގަޅު ގުޅުމެއްނޫނެވެ. އެފަދަ ގުޅުމެއް ސާލިމްގެ އަންހެނުން ހިލޭ ފިރިހެނުންނާ ބާއްވާނަމަ ސާލިމް ކަހަލަ ފިރިން ބުނާނީ ކީކޭބާވައެވެ!

ޖުވޭދާ ހަސަން އަކީ އާދައިގެ އާއިލާއެއްގެ އަންހެނެކެވެ. އޭނާ ކައިވެނީގެ ގޮތުން ގުޅިގެން އުޅުނީ މާލޭގެ ބޭފުޅަކާއެވެ. ޖުވާދޭ އޭނާ ގާތުން ވަރިވީ ރަލުގެ މަސްތުގައި ޖެހި އެކަން ދޫނުކުރުމުންނެވެ. ވަރިވިތާ ދެއަހަރެއްހާ ދުވަސްތެރޭ އޭނާ ނިޔާވެއްޖެއެވެ. ލިވަރ ކެންސަރުގައެވެ. މިހާރު ޖުވޭދާ ހުސްކޮށް ހުންނަތާ ހަތަރު އަހަރު ވެއްޖެއެވެ. ކުދިން ތިބީ ބޮޑުވެފައެވެ. ޖުވޭދާއަށް ސާލިމް ވެސް ކޮންމެވެސް ވަރަކަށް އެނގެއެވެ. އެއީ ޓީވީ އިންޓަވިއު ތަކުން ފެނިގެންނެވެ. އަދި ދެމީހުން އުޅެނީ އެއް އަވަށެއްގައެވެ. ކުރިން ސާލިމް އުޅުނު އޮފީހަށް ދެވެނީ ޖުވޭދާ ދިރި އުޅެމުންދާ ގެ ހުންނަ މަގުގައެވެ.

ވަޒީފާ އަދާކުރާ ދާއިރާ އާއި މަގާމުގެ ގޮތުން ކުރަން ބޭނުންވާ ކިތަންމެ ކަމެއް ޖުވޭދާ ނުކޮށް ދޫކޮށްލައެވެ. އިޖްތިމާއި ކިތަންމެ ކަމެއް އެކަހެރި ކޮށްލަން މަޖުބޫރުވެއެވެ. އަދި މި އުމުރުގައި މީހާކާ ލޯބީގެ ގޮތުން ގުޅިގެން އޭނައަށް ދޭންވާ ވަގުތު ދިނުމުގައި ވެސް ހުރަސް ތަކެއް ކުރިމަތި ކުރުވައެވެ. ތަފާތު ފޯން ކޯލްތަކަށް ވަރަށް ސާދާ ޖަވާބެއް ދެއެވެ. އަދި ތިޔަކަމާއި ނުވިސްނަމޭ ބުނަމުންނެވެ.

ބައެއް ކަހަލަ ގުޅުންތައް މީހުންނާއި ބާއްވަން ނުކެރި ސިކުނޑިން ބޭރުކޮށްލަނީ ހިތާ ދެކޮޅަށެވެ. އަލުން ބަލުން ފަށާ ދިރިއުޅުމެއްގައި ކުރިން އުފުލި ވޭނާ ހިތްދަތިކަން ދެވަނަފަހަރަށް ތަކުރާރުވާން ނޭދޭތީއެވެ. އަދި ތިން ދަރިން ގެ ވިސްނުން ވެސް ހުންނާނެ ގޮތް މުޅިން ސާފު ނުވާތީއެވެ. ވޭތުވެދިޔަ ހަތަރު އަހަރުވެސް ދިޔައީ މިގޮތުގައެވެ.

ޖުވޭދާއާއި ދިމާއަށް އެހެން ނަޒަރަކުން ސާލިމް ބަލާކަން ފާހަގަ ވާން ފެށީ ވަރަށް ފަހުންނެވެ. ކުރިން ނުފެންނަ ވަރަށް ފެނުމާއި އަދި އިސްކޫލަށް އަންނަ ވަގުތާއި ނިމޭ ގަޑީގައި ވެސް ސާލިމް އުޅޭ އޮފީހުގެ ދޮރުމަތިން ފެންނަކަން ފާހަގަވެފައި އޮތެވެ. އަދި ވަރަށް ފަހުން ޖުވޭދާ ބައިވެރިވި މަހާސިންތާއެއްގެ ތެރެއިން ވެސް ސާލިމްއާ ދިމާވިއެވެ. ނަމަވެސް ވާހަކަ އެއް ނުދައްކައެވެ.

އެންމެ ފަހުން މިއަދު ސާލިމް އެ ހުރަސް ގިރާ ކުރީއެވެ. މުޅިން އެހެން ބަހަނާއެއް ދައްކާފައެވެ. ޖުވޭދާ އެދުވަހު ހަވީރު އިސްކޫލުގައި އިންދާ ސާލިމް ގުޅައިފިއެވެ. އަދި ބޭނުންވާ މައުލޫމާތު ހޯދުމަށް އެދުނެވެ. ނަމަވެސް އެއީ އިރުކޮޅަކު ވާހަކަ ދައްކައިގެން އެއްކުރެވޭނެ މައުލޫމާތެއް ނޫންކަން ކުރި ސުވާލުތަކުން ޖުވޭދާއަށް ދޭހަވިއެވެ. އެގޮތުން އެރޭ ގުޅުމަށް ބުނެ ޖުވޭދާގެ މޯބައިލް ނަންބަރު ދިނެވެ.

އެރޭ އެކަމަށް ސާލިމް ވަގުތު ހުސްކުރީ ކޮފީއެއްގައި އިނދެގެންނެވެ. ގަޑިއެއް ހާއިރު ވާހަކަ ދެއްކިއެވެ. ރަސްމީބައި ނިމުމުން ޖުވޭދާ ސުވާލެއް ކުރިއެވެ.

އެއީ އޭނާ ގާތުން މައުލޫމާތު ހޯދީ ހަގީގަތުގައި ވެސް ޓީވީ ޕްރޮގްރާމަކަށް އަރަން ތޯއެވެ. ނުވަތަ ޖުވޭދާ އާއި ވާހަކަ ދެއްކުމުގެ ނިޔަތުގައި ތޯއެވެ. ސާލިމް ގެ ޖަވާބު ވަރަށް ކުރެވެ. ދެގޮތަށް ހީކުރިއަސް އެންމެ ރަނގަޅޭ ބުނެލަމުންނެވެ. އަދި ބުންޏެވެ. "ހަގީގަތުގައި ވެސް މާދަމާ ރޭ އަހަރެން ޓީވީ ލައިވެއްގައި ބައިވެރިވަން އެކަމު ޖުވޭދާ އާއި ވާހަކަ ދައްކާލަން ބޭނުންވެފައި ހުރީ."

ޖުވޭދާ ދެވަނަ ސުވާލެއް ކުރިއެވެ. ވާހަކަދައްކަން ބޭނުންވަނީ ކޮންކަމަކާތޯއެވެ. ސާލިމް އިރުކޮޅަކު ވިސްނަން އިނުމަށް ފަހު ބުނެފިއެވެ. ތިޔަ ސުވާލަށް އަހަރެން ފަހުން ޖަވާބެއް ދިނުން އެންމެ ރަނގަޅު ހެއްޔެވެ.؟ ޖުވޭދާ ބުންޏެވެ. ލަސްކުރަނީ ކޮންކަމާ ވިސްނާން ހެއްޔެވެ. އަހަރެން ހީކުރީ ސާލިމަކީ ވަރަށް ކެރޭ އަދި ނަފުސުގެ އިތުބާރު ބޮޑު މީހެއް ކަމުގައެވެ. ހީކުރި ގޮތެއް ނުވިތާއޭ ބުނެ ފޯނު ބާއްވައިފިއެވެ.

ސާލިމަކީ ދޫ ހެލޭ އަދި މުއާމަލާތު ކުރުމުގައި މީހުން އޭނާގެ މައްޗަށް ލަންބުވާލުމުގެ ހުނަރު ހުންނަ މީހެކެވެ. މީހުން ގަޔާވާނެ ޒާތުގެ ވާހަކަ ވެސް ދައްކަން އެނގޭ މީހެކެވެ. ނަމަވެސް މިރޭ އޭނާގެ ދޫ ބަންދުކޮށްލީ ކީއްވެގެންކަން ޚުދު އޭނައަށް ވެސް ނުވިސްނުނެވެ.

ގެއަށް އައިސް ނިދަން އޮތް އިރުވެސް ޖުވޭދާ ދެއްކި ވާހަކަތަކުގެ ޚިޔާލު ދިޔައީ ކުރެވެމުންނެވެ.

އަންހެނުން އާންމުކޮށް ކުރާ ޝަކުވާ ކުރިއެވެ. މިރޭ ވެސް ކުރިއެވެ. ލަހުން ގެއަށް އަންނާތީއެވެ. އެކުގައި ރޭގަނޑު ހޭދަ ކުރަން ވަގުތު ނުދޭތީއެވެ. ސައިކަލު ދުއްވާލަން ނުދަތީއެވެ. އަދި ކުރީގެ ބަލިގަނޑުވެސް ހަލުވާލިއެވެ. ވިސްނަނީ ކޮންކަމަކާ ތޯ ވެސް ތަކުރާރުކޮށް ސުވާލު ކުރިއެވެ. މާބޮޑު ކަމެއް ނުވާކަމަށް ބުނެ ވާހަކަ ހިންދާލިއެވެ. މާދަމާ ރޭ ޓީވީއަށް އަރަން ޖެހޭތީ ދައްކާނެ ވާހަކަ އާއި މެދު ޚިޔާލު ކޮށްލީކަމަށް ބުނަމުންނެވެ. އެކަމަކު ސާލިމްގެ ހިތުގައި އޮތީ ޖުވޭދާގެ ސުވާލެވެ. އަދި ޖުވޭދާގެ އެހުންނަ ނިޔަނެތި ގޮތެވެ. ބުރަސޫރައެވެ. ހެދުން އަޅާ ސާދާ ގޮތެވެ. މާބޮޑު މޭކަޕެއް ކުރުމެއް ނުހުންނަކަމެވެ. ވާހަކަ ދެއްކުމުގައި އެހުންނަ ސާދާ ސީދާ ގޮތެވެ. އިހުތިރާމެވެ.

ޓީވީ ޕްރޮގްރާމް އޮންނަ ވަގުތު ޖުވޭދާ އަށް އެންގީ މެސެޖަކުންނެވެ. ސަބަބަކީ ސާލިމާ މެދު އޭނާގެ ހިތުގައި އެއްވެސް ޝައުގު ވެރިކަމެއް އޮތްތޯ ބެލުމަށެވެ.

ޓީވީ ޕްރޮގްރާމް ނިމިގެން ފޯން އޮންކޮށްލި ވަގުތު މެސެޖެއް އަތުވެއްޖެއެވެ. އަންހެނުންގެ މެސެޖެކެވެ. ބޮޑު ދަރިފުޅު ސައިކަލް އެކްސިޑެންޓެއް ވެގެން ހޮސްޕިޓަލުގައި މިވަގުތު ހުރިކަމުގައެވެ. ސާލިމް އަކީ ދަރިންދެކެ ނުހަނު ލޯބިވާ ދަރިންނަށް އަޅާލާ ބައްޕައެއްކަމުން ހާސްވެ ކަންބޮޑުވިއެވެ. ފޯނުގައި ދެން ހުރި ކޯލްތަކާއި މެސެޖްތަކަށް ބަލާކަށް ބޭނުމެއް ނުވިއެވެ. މިކަހަލަ ކޮންމެ ޕްރޮގްރާމަކާ ގުޅިގެން ގާތް ރަހުމަތްތެރިން ސާލިމަށް މެސެޖް ކުރެއެވެ. އަދި އޮފީހުގެ ވެރިޔާގެ މެސެޖް ނުވަތަ ފޯން ކޯލް ވެސް އާދެއެވެ.

ދަރިފުޅަގެ ތަންތަން މަށައިގެން ދިޔުން ފިޔަވާ މާބޮޑު ގެއްލުމެއް ނުވެއެވެ. ހޮސްޕިޓަލުން ސަލާމަތް ވެގެން އައިސް ނިދަން އޮށޯތުމުގެ ކުރިން ފޯނު ބަލައިލިއެވެ. ޖުވޭދާގެ ފޯން ކޯލެއް އޮތެވެ. އަދި ގުޅާލަން ބޭނުން ކަމުގެ މެސެޖެއް އޮތެވެ. ނަމަވެސް މިރޭ މާބޮޑަށް ލަސްވެފައި ހުރުމުން ގުޅަން ބޭނުންނުވީއެވެ. އަދި ސާލިމްގެ އުސޫލު ހުންނަގޮތުން ތެޅިފޮޅި ނުގަނެ ކަން ކަން ކުރަން ބޭނުން ވެއެވެ.

އަނެއް ދުވަހު އޮފީހަށް ގޮސް ވެސް ފުރަތަމަ ހިތަށް އެރީ ޖުވޭދާ އާއި ގުޅުމަށެވެ. ނަމަވެސް ހިތް ބުނީ އަދި ލަސް ކޮށްލުމަށެވެ. މެންދުރާ ގާތް ވެފައި ހުއްޓާ ގުޅާލުމުން ފޯނެއް ނުގައެވެ. ޖަވާބަކަށް އައީ ބައްދަލުވުމެއްގައި އިންކަމެވެ. ފަހުން ގުޅާނަމެވެ. ގަޑިއެއް ހާއިރު ފާއިތުވި ފަހުން ގުޅައިފިއެވެ. އަދި ރޭގެ ޕްރޮގްރާމްގައި ސާލިމް ދެއްކި ވާހަކަތައް ވަރަށް ކަމުދިޔަ ކަމުގައި ޖުވޭދާ ބުންޏެވެ. އަދި ޖުވޭދާ ދޭން ބޭނުންވި މެސެޖް ފޯރު ކޮށްދިނީތީ ޝުކުރު އަދާކުރިއެވެ. ކުރީ ދުވަހު ކުރި ސުވާލުގެ ޖާވާބަކީ ކޮބައިތޯ މިއަދު ވެސް ސުވާލު ކުރިއެވެ. ދިރިއުޅުމުގެ ވާހަކަތައް ވެސް ދެކެވުނެވެ. ފެނިގެން ބައެއް ވާހަކަ ދައްކާލަން ބޭނުން ކަމުގައި ސާލިމް އެދުނެވެ. ޖުވޭދާ އެއް ބަސްވީ އޭނާގެ ގޭގައި ބައްދަލު ކުރުމަށެވެ.

އެރޭ ނުވައެއް ޖެހި އިރު ސާލިމް ހުރީ އެގޭގައެވެ. ޖުވޭދާ އަކީ ތިން ކުދިންނާއި އެކު އެކަނި އުޅޭ މީހަކަށް ވުމުން އެހެން މީހެއްގެ އުދަނގުލެއް ނުފޯރައެވެ. އޭނާ އުޅެނީ ގޭގެ އެންމެ މަތީ ފަންގިފިލާގައެވެ. ހެޔޮ ވަރުގެ ޓެރަހެއް ވެސް އޮވެއެވެ.

ޓެރަހުގައި ހުރި އުނދޯލީގައި އިށީންނަށް ދައުވަތު ދިނުމަށް ފަހު ޖުވޭދާ އެހިއެވެ. މިގެއަށް ޒިޔާރަތް ކުރި ފުރަތަމަ ފަހަރު ބޯން ބޭނުންވަނީ ފިނި ބުއިމެއްހެއްޔެވެ؟ ނުވަތަ ހޫނު ބުއިމެއް ހެއްޔެވެ؟

ސާލިމްގެ ޖަވާބަކީ ޖުވޭދާއަށް އެންމެ މީރު ބުއިމެއް ގެނެސްދެނިކޮށް ރަނގަޅުވާނެ ކަމުގައެވެ.

އުދޯނލީގައި ހެއްލާލަ ހެއްލާލަ ސާލިމް އިނީ މައްޗަށް ބަލަހައްޓައިގެންނެވެ. ރީތި ހަނދުވަރުގެ އަލިކަން ފިޔަވާ ޓެރަހުގައި އިތުރު އަލިކަމެއް ނެތެވެ. ކައިރީގައި ހުރި ގެއެއްގެ ތެރެއިން އިވެނީ ސާލިމަށް އެންމެ ރީތި އެއް ލަވައެވެ. އެއީ ދިވެހި ލަވަކިއުންތެރިޔާ އިބްރާހިމް ހަމްދީ މީގެ އެތަކެއް އަހަރު ކުރިން ކިޔަފައިވާ ލަވައެކެވެ. ތިޔަ ލޯބީގައި މެރިދާތީ ލޯ ތެމި ކަރުނުން ފުރިދާތީ ލޯ މިލަވައެވެ.

އެލަވަ ސާލިމްގެ ހަޔާތާ ގުޅިފައި ވަނީ ހަމަ މިކަހަލަ ހަނދުވަރުދޭ ރެއެއްގައި ލޮނުޒިޔާރަތް ކޮޅު ޕާކުގައި ހުރި ތާޅަފިލިންނެވެ. އެރޭ ސާލިމް އިނީ އެކަންޏެވެ. އޭނާ އެންމެ ފުރަތަމަ ރައްޓަހިވާން އުޅުނު ކުއްޖާ ނުލިބުމުންނެވެ. ސާލިމްގެ ތިމާގެ ކުއްޖަކު އޭނާއާއި ކައިވެނި ކުރުމުންނެވެ. އެކަމުގެ ހިތާމައިގައި ސާލިމް އެތައް ދުވަހެއް ހޭދަކުރިއެވެ. މިއީ އެތަކެއް އަހަރު ފަހެވެ. މިއަދު އެލޯބި ފަސްދީ ހިނގައްޖެއެވެ. އެ އަސަރު މިހާރު ހިތުގައި ހަރުލައި ނެތަސް މިރޭ އެލަވަ އިވުމުން ފެންކަޅިވާގޮތް ވިއެވެ.

ސާލިމް ސިއްސައިގެން ދިޔައީ ދެބަދޭތަރެވެފައި އޮތްވާ މީހަކު އޭނާގެ ނަމުން ކަންފަތް ދޮށުގައި ވަރަށް ލޯބިން ހޫނުވަޔާއެކު ސާލިމް އޭ ގޮވާލުމުންނެވެ. ސާލިމް އަށް އޮވެވުނީ އުނދޯލީގައި އޮށޯވެލައިގެންނެވެ. ޚިޔާލުތަކަށް ގެބިގެން ދިޔައިރު ނޭނގި އޮށޯވެވުނީއެވެ. އަދި ކުރީ ރޭ ގިނަ އިރު ހޭލާ އުޅުމުން ލޯމެރުނީއެވެ.

ފުންމައިގެން ތެދުވެ އިށީދެވުނީ ޖުވޭދާ އާއި ވަރަށް ގާތުގައެވެ. އުނދޯލި ކައިރީގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ހުރި ޖޯޑެއް ދިއްކޮށްލިއެވެ. އަދި ބުންޏެވެ. މިއީ އަހަރެންނަށް އެންމެ މީރު ސައިޔެވެ. ރަހަ ބަލާލާށެވެ. އެކަމަކު ވަރަށް ހޫނުވާނެއެވެ. ފަހަރުގައި ދޫ ފިހިދާނެއެވެ. ބަލައިގެން ބޯލާށެވެ. ސާލިމް ކުޑަ އެތި ފޮދެއް ބޯލިއެވެ. އެއްޗެއް ނުބުނެއެވެ. ޖުވޭދާގެ މޫނަށް ބަލައިލިއެވެ. އޭނާ އިނީ ވަރަށް ފުންކޮށް ސާލިމްގެ މޫނަށް ބަލަހައްޓައިގެންނެވެ.

ދެމީހުންގެ ހަޔާތުގެ ސަފުހާތައް ނިއުޅަމުން ކިޔާދެމުން ގެންދިޔައެވެ. ޖުވޭދާ އަށް ރޮވޭ ފަހަރު ވެސް އާދެއެވެ. ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާ ތަކާއި ހިތްދަތި ކަމުގެ ވާހަކައެވެ. ޚަރަދު ބަރަދު ބެލެހެއްޓި ގޮތުގެ ވާހަކައެވެ. ސާލިމްގެ ވާހަކަ އަކީ ދެވަނަ ކާވެންޏެއް ކުރާން ޚިޔާލު ކުރާ ވާހަކައެވެ. ނަމަވެސް މިހާރުގެ ދިރިއުޅުން ރޫޅާލަން ބޭނުން ނުވާވާހަކައެވެ. ދަރިންދެކެ ވާ ލޯތްބެވެ.

އެންމެ ފަހު ސައި ކޯވަރު ބޯލިއިރު ސައިތަށި ހުރީ ހިހޫވެ ވަޅުފެނަށް ވެފައެވެ. ހިންދިރުވާލަމުން ބުންޏެވެ. މިހާ މީރު ސައިތައްޓެއް ދުވަހަކުވެސް ނުބޮމެވެ. އަހަރެންނަކީ ތަފާތު ވައްތަރުގެ ސަޔަށް ލޯބި ކުރާ މީހެކެވެ.

ޝުކުރިއްޔާ އޭ ޖުވޭދާ ބުނެލީ ލާނެއް ގޮތަކަށެވެ. އަދި ހިމޭނުން އިރުކޮޅަކު އިނދެފައި ފުން ނޭވާއެއް ލަމުން ބުންޏެވެ. މިސައި ތަށި ދެވަނަ ފަހަރަށް ލިބޭނެ ކަމަށް އުންމީދު ނުކުރައްޗެވެ.

ސާލިމް ޖުވޭދާއާ ދިމާއަށް ފުން ނަޒަރަކުން ބަލައި ލަމުން ބުންޏެވެ. ނޫނެކެވެ. އަހަރެން އައީ އަބަދަށް މިސައި ތަށި ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ.