މެއި 9 ވަނަ ދުވަހު ގެނެސްދިން ބައި

އިލްހާމަށް ދުވެފައި ބޭރަށް ނިކުމެވުނު ގޮތް ވެސް ނޭނގުނެވެ. އޭނާއަށް އަވަސްއަވަހަށް ކަރު ބުޑަށް ދެއިނގިލި ކޮށްޕައިލެވުނީ ހިތް އަވަސްވެފައިވާ ހާލުގައެވެ. ނިހާގެ މަކަރުވެރި ރޭވުމުން ދިން ސިހުރުތައް ބޭރުކުރުމުގެ ނިޔަތުގައެވެ. އޭނާ ވަގުތުން އޯކަށްދަމަން ފެށިއެވެ. ނަމަވެސް އަރުތެރެއިން އެކައްޗެއް ވެސް ނަޔެވެ. ކުރިޔަށްވުރެ ބޮޑަށް އިނގިލިތައް ކަރު ބުޑަށް ކޮށްޕައިލިއެވެ. އެގޮތަށް އެތައް ފަހަރަކު އެކަން ތަކުރާރުކޮށް ވަރަށް މަސައްކަތުން އިލްހާމަށް ހޮޑުލެވުނުއިރު މާނޭވާލެވެއެވެ. ހިންދެމިލިއިރު ވަރަށް ގާތުގައި ފެންތަށްޓެއް ހިފައިގެން ނިހާ ހުއްޓެވެ. ލާނެއް ހިންޏެއް އައިސްފައެވެ. ނިހާ ފެންތަށި ދިއްކޮށްލުމާއެކު އިލްހާމް ޖެހުނީ ފަހަތަށެވެ. ނިހާ ދޭ އެއްޗެއް އޭނާގެ އަރުން އެތެރެކުރަން މިހާރު އޭނާ ޖެހިލުންވެއެވެ. ނިހާ ފެންތަށި ހިފައިގެން ކައިރިއަށް ޖެހިލިއެވެ.

"މިޔަކަށް ނާޅަމޭ." ވަރަށް ހަމަޖެހިލައިފައި ނިހާ ބުންޏެވެ. "ޖޫހަށް ވެސް ފެނަށް ވެސް އަސްލު ނާޅަން. އެ މަޖާކޮއްލީ އޭ. އަވަހަށް ބޯލާ."

އިލްހާމް ނިހާއަކަށް އިތުބާރެއް ނުކުރެއެވެ. އޭނާ ހިތްހަމަނުޖެހިފައި ފެންތަށީގައި އަތުން ޖަހާ ބުރުވާލިއެވެ.

"ކޮންމެހެން މަށަށް ޖެއްސުންކުރަން އުޅޭނެކަމެއް ނެތް." އިލްހާމް ގާތަށް ރުޅިއައެވެ. "މަގޭ ކުރިމަތިން ދުރައްދޭ. ނޫނީ މަގޭ އަތުން ކަލެއަށް ވަރުގަދަ ބޮނޑިއެއް ލިބިދާނެ."

"ކަލޭގެ އަންހެނުންނަށް ތިކަން އެނގުނީމަ ބުނާނީ ކީކޭބާ ދޯ؟. މިހާރު މަށަށް ހީވާން ފަށައިފި ކަލޭ އޭނަޔާ އިނީވެސް ސިހުރު ހަދައިގެންނޭ." ނިހާ ޝައުޤުވެރި ގޮތަކަށް ބަލާލަމުން ހަށަން ބަނދެލިއެވެ. އިލްހާމްގެ ލޮލުން ހާސްކަމެއް ފާޅުވޭތޯ އޭނާ ހުރީ ވަރަށް ހުށިޔާރުވެގެންނެވެ. ނިހާގެ މަޤްޞަދު އިލްހާމަށް ވަރަށް ރަނގަޅަށް އެނގުނެވެ. ނިހާ ބޭނުންވަނީ އިލްހާމްގެ ދުލުގައި ހިފާ ދަމާށެވެ. އޭނާ ރުޅި އަރުވައިގެން ހަޤީޤަތް ހޯދާށެވެ. އެކަން ކާމިޔާބު ވިޔަ ނުދިނުމަށް އިލްހާމް ނިހާއާ ދިމާއަށް ލޯ އަޅާލުމަށްފަހު އެތަނުން ދިޔައީ ނިހާ ކޮންމެ ގޮތަކަށް ވިސްނިޔަސް ވަރިހަމަ ކަމަށް ބުނެފައެވެ.

އިލްހާމްގެ ރޭވުން އެނގި އެކަމުން ސަލާމަތްވުމުން ނިހާ ހުރީ ހިތްހަމަ ޖެހިފައެވެ. އަދި އެކަމަށް މާތް ﷲއަށް ހަމްދުކުރިއެވެ. ނަމަވެސް އެއީ ވަގުތީ ހިތްހަމަޖެހުމެކެވެ. އިލްހާމްގެ ކުރިމަތީގައި އޭނާ އަޅައިގެން ހުރީ ޕްލާސްޓިކު މޫނު މައްޗެކެވެ. އިލްހާމް ލޯމަތިން ގެއްލުމާއެކު އޭނާގެ މޫނުގެ ކުލަ ފަނޑުވިއެވެ. މިފަހަރު އޭނާ ސަލާމަތްވީ އިންޝާގެ ސަބަބުންނެވެ. އިންޝާއަށް އިބްރާހީމްބެއާއި އިލްހާމް އެ ގޯތި ތެރޭގައި ތިބެ ދެއްކި ވާހަކަ އަޑު އިވުނީއެވެ. އިންޝާ އިބްރާހީމްބެ ހޯދަން ދިޔައީ އޭނާއަށް ފެނުން ކުޑަ ކުއްޖާގެ ހަޤީޤަތް ހޯދާށެވެ. އެ ވާހަކަ ނިހާ ގާތުގައި ނުބުނި ނަމަވެސް ޔަޒީދު މެދުވެރިކޮށް ނިހާއަށާއި ޞަފިއްޔާއަށް ސިހުރު ހަދާ ސާމާނު ހަވާލުކުރަން ރޭވި ވާހަކަ އޭނާ ބުންޏެވެ. ނިހާ ވަގުތުން ޔަޒީދަށް ގުޅައިގެން އެ ޕެކެޓުތައް ބަދަލުކުރުވިއެވެ. ތިން ދުވަސް ވަންދެން އިލްހާމް އެކި އެއްޗިއްސަށް އަޅަން ގެންގުޅުނީ މުގުރި ހަކުރެވެ.

އިލްހާމްގެ މަކަރުވެރި ރޭވުން އެނގުމުން ފުރަތަމަ ނިހާ ބޭނުންވީ އިލްހާމް ފޭއްސި އިލޮށިގަނޑު އިލްހާމްގެ ލޮލަށް ހަރާލާށެވެ. އިލްހާމް ހެދުވި ސިހުރު އިލްހާމަށް ކާންދޭށެވެ. ނަމަވެސް ފަހުން ޚިޔާލު ބަދަލުވީއެވެ. ސިހުރަކީ ސަމާސާކުރަން ހެޔޮވާވަރުގެ އެއްޗެއްނޫންކަން ނިހާއަށް ވިސްނުމުންނެވެ. ކުރިން ވެސް ސިހުރުގެ ސަބަބުން ނިހާގެ ދިރިއުޅުން އެފުށުން މިފުށަށް ޖެހުނެވެ. އިލްހާމަށް ސިހުރުޖެހި ނިހާގެ ފަހަތުން އަޅުވައިލައިފިނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ އިލްހާމަށް ސިހުރުޖެހި އެކަމުގެ ފަހަތުގައި ހުރީ ނިހާކަން ނިކާލަށް އެނގިއްޖެނަމަ ނިހާގެ ދިރިއުޅުމަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެކަންކަމާމެދު ނިހާއަށް ވިސްނާލަށް މަޖުބޫރުވީއެވެ. ސިހުރު ކާންދިނުމުގެ ވިސްނުން ސިކުނޑިން އެއްފަރާތްކޮށް އިލްހާމް ބިރު ގަންނުވާލުމުގެ ވިސްނުން އައީ އެހިސާބުންނެވެ. ކޮޓަރިއަށް ގޮސް ކުޅުނު ތަމުސީލުން އެދެވޭ ނަތީޖާއެއް ނުނިކުތުމުން އެހެން ރޭވުމެއް ނިހާ ރާވާލިއެވެ. އެކަން އޭނާއަށް ކާމިޔާބުވިއެވެ. އިލްހާމް ބިރުގަންނުވާލެވުމުން ނިހާއަށް ހިތްހަމަޖެހުން ލިބުނެވެ.

އެދުވަހުގެ ފަހުން ނިހާ އުޅެން ޖެހުނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަރުތެރެއިން ފެން ފޮދެއް އެތެރެ ކުރަން ވެސް ޖެހިލުންވާން ފެށިއެވެ. ގޭގައި ކެއްކުން މަދުކުރިއެވެ. ގޭގައި ކައްކާ ފަހަރަކު ވެސް ކައްކަނީ އެ އިރަކަށް ވާވަރަށެވެ. ބަދިގެ ނުފެންނަ ހިސާބަށް ވެސް އޭނާ ނުދެއެވެ. އެވަރުން ވެސް ހިތުން ބިރުވެރިކަން ނުފިލިއެވެ. ކައްކަން ގެންގުޅޭ ލޮނަށް ވެސް "ސިހުރު" އަޅާފައި ހުރެދާނެހެން ހީވަނީއެވެ. ގޭގައި ރޯފިލުވާ އެއްޗެއް އިލްހާމް ނުކާތީ އޭނާ ވަކިން ބޮޑަށް ބިރުގަތެވެ. އިލްހާމް އެގޮތަށް އަމަލުތައް ބަހައްޓަނީ ނިހާއަށް އިތުބާރު ނުކުރާތީއެވެ. އެކަން ހިތަށް ވިސްނައިދިނުމަށް މަސައްކަތް ކުރުމުން ވެސް އެކަން ކާމިޔާބެއް ނުވިއެވެ. އިލްހާމްގެ ރޭވުން ކޮންމެފަހަރަކު އެނގޭނެކަމަށް ވިސްނައިގެން ނުވާނެއެވެ. ނަފުސާނީ ގޮތުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުމުން އެންމެފަހުން އެ ގެއިން ނުކުންނާނެ ގޮތަކާ މެދު ނިހާ ވިސްނަން ފަށައިފިއެވެ. އިލްހާމްގެ ހަޤީޤަތް ނިކާލަށް ކިޔާދޭން ހިތަށް އެރި ނަމަވެސް އޭނާ އެ ހިޔާލު ދޫކޮށްލީ ޞަފިއްޔާގެ ވިސްނުން އެކަމުގައި ހުރި ގޮތެއް ނޭނގޭތީއެވެ. ނިކާލް މިހާރު ވެސް އެ ގޭގައި މަޑުކުރަނީ ޞަފިއްޔާގެ އެދުމަށެވެ. ނިކާލަކީ މަންމައަށް ޤަދަރުކުރާ ކިޔަމަންތެރި ދަރިއެކެވެ. އެގެއިން ނުކުމެގެން ދާށޭ އިލްހާމް ނުބުނާހާ ހިނދަކު އޭނާ އެގޭގައި މަޑުކުރާނެކަމަށް ޞަފިއްޔާ ގާތުގައި އޭނާ ވަނީ ވަޢުދުވެފައެވެ.

ބާބު 18 - ހަޔާތަށް އެޅި ހޮނުގުގުރި

އިލްހާމަކީ ބަލި ގަބޫލުކުރާނެ މީހެއް ނޫނެވެ. އަދި ޖެހިލުން ވާނެ މީހެއް ވެސް ނޫނެވެ. އެއްގޮތަކުން ނޫނީ އަނެއް ގޮތަކުން ވިޔަސް އޭނާގެ ބޭނުން އޭނާ ހާސިލު ކުރާނެއެވެ. އޭނާގެ އަޒުމް ގުޑުވާލުމަކީ ނާދިރު ކަމެކެވެ. ކުރިން އެޅި ކަހަލަ ޅައެއްޗެއް ނޭޅުމަށް އޭނާ އަބަދުވެސް ވިސްނައެވެ. ދެވަނަ ފަހަރަށް ކަމެއް ކުރަން ޖެހިއްޖެނަމަ ފުރަތަމަ ފަހަރު އެކަން ގޯސްވާން ޖެހުނު ސަބަބު ބަލާ ހޯދައެވެ. އެގޮތުން އޭނާ ސިހުރު ހަދަން އުޅުނުކަން ނިހާއަށް އެނގުނު ގޮތް ހޯދުމަށް އޭނާ މަސައްކަތްފެށިއެވެ.

އިލްހާމާއި އިބްރާހީމްބެ ތިބީ އިލްހާމްމެން ގޭގައެވެ. ފެންޑާގައި ރާޒުވާ ކުޅޭށެވެ. ބިއްލޫރި ކުޑަ މޭޒެއްގެ ދެފަރާތުން ސޯފާ ކައިރިކޮށްގެން އެކަމަށް ގެއްލިފައެވެ.

"ކޮބާ ނިހާއަށް އެކަން އެނގުނު ގޮތެއް ބަލައިފިންތަ؟" އިލްހާމް އެހިއެވެ.

އިބްރާހީމްބެ ޝައުޤުވެރިކަން ނެތް ގޮތަކަށް ހޫމް އަޅުވާލިއެވެ.

"ކިހިނެއް އެކަން ހިނގާދިޔައީ." އިލްހާމް ދެވަނަ ސުވާލުކުރިއެވެ.

"ޔަޒީދު." އިބްރާހީމްބެ ކުރު ޖަވާބެއް ދިނެވެ.

"ޔަޒީދު ކިހިނެއްވީތަ؟" އިލްހާމް ތަފުސީލު ބޭނުންވިއެވެ.

"ސާބަހޭ ކަލެޔަށް." އިބްރާހީމްބެ އިސް އުފުލާލަމުން އިލްހާމަށް ބަލާލިއެވެ. "ކަލޭގެ ސަމާލުކަން އަބަދުވެސް ތި ހުންނަނީ މުޅިން އެހެން ދިމާލަކަށް ދޯ؟"

"ކަލެޔަށް ވެސް މަ އުޅޭ ހާލު އެނގޭނަމަ ހަމަޖެހޭކަށް ނުބުނާނެ." އިލްހާމް ރައްދުދިނީ ރުންކުރު ރާގަކަށެވެ.

"އެންމެ ރަނގަޅޭ." އިބްރާހީމްބެ ސޯފާގައި ހަމަޖެހިލަމުން ބުންޏެވެ. "ސިހުރު ބަދަލުކުރީ ޔަޒީދުގެ އެހީއާއެކު. ފައިސާއަށް ނުވިކޭނެ މީހަކު ހުންނާނެތަ؟ ކިތަންމެ ވަރަށް ދިނަސް ހިތް ނުފުރޭ މީހުން އުޅޭނެ. މަ ދޭ ވަރު މަދުވެގެން ޔަޒީދު ނިހާއަށް ވިކުނީ. ނޫނީ މަށަށް ނުދެވޭ އެއްޗެއް ނިހާ އޭނައަށް ދިނީ."

އިބްރާހީމްބެ ނުލަފާ ވައްތަރަކަށް ހީނގަތެވެ. އިލްހާމްވެސް އެ ހުނުމުގައި ބައިވެރިވިއެވެ.

"މަ ހިތަށް އަރާ ކަލޭ ކަހަލަ އިބިލީހެއް ނިހާ ކަހަލަ ޕަރީއެއްފަދަ ކުއްޖަކާ ގާތް ވާން ނޫޅެނީ ކީއްވެބާއޭ." އިބްރާހީމްބެ ދައްކަމުން ދިޔަ ވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް ބަދަލުކޮށްލިއެވެ. "ގައިމު ސަފީނާއަށް ވުރެ ބަލާބެލުމަށް ވެސް ނިހާ މާ ފައްކާ އަނެއްކާ ޅަ ވެފަ... މމމ. ކަލެއަށް ހަމަ އެކަހަލަ ވިސްނުމެއް ނާދޭތަ؟ އަތްފޯރާ ފަށުގަ އެނބުރޭ އިރު ވެސް. އެއީ ހަމަ ދޮންވެ ފައްކާވެފަ އިން އަނބެއްނު. މަށަށް އެންމެ ފުރަތަމަ ފެނުނު ދުވަހު ވެސް ތަލިން ކުޅު ހިކުނު. ރަހަ ބަލާލާ ހިތް ވެސް ވި."

"މައިތިރިވޭ." އިބްރާހީމްގެ ވާހަކަތައް ހުއްޓުވަމުން އިލްހާމް ބުންޏެވެ. "އަލިފާނާ ކުޅެން ނޫޅެބަލަ. އެއީ ސަފީނާއެއް ނޫނޭ. އޭނަޔާ ކުޅެން އުޅުމަކީ ކުޅަނދުރު ހަތަޔަށް އޮށްގައި އުކުން ކަހަލަ ކަމެއް."

"އެހެންވީމަ އޭނަދެކެ ބިރުންދޯ ކަލޭ ތި ހުންނަނީ." އިބްރާހީމް ގާތަށް އައީ ނުލަފާ ހިންޏެކެވެ. "ހިތް ކިތަންމެ ކާފަރުވިޔަސް އެ ހަތައަށް ދަނޑި ބާނަން ބިރުން ދޯ؟"

"އައްޗި. މަ ބިރު ގަންނަ މީހެއްނޫޅޭނެ." އިލްހާމް ނުރުހުމުގެ ކުލަވަރު މޫނުމައްޗަށް ފާއްދައިލިއެވެ. "އޭނަގެ ހަޤީޤަތް މި ބުނެލަ ދިނީ. އެކަހަލަ ޝަޢުޤުވެރިކަމެއް ވެސް ނެތް. އެއީ ހަމަ ފައްކާ ރީތި ވިހަލާ ހަރުފައެއް. ތި ވާހަކައެއް ނޫނޭ. ސިހުރު ކަންތައް ކުރިޔަށް ގެންދިޔުން އޮތީ މިހާރު ކިހިނެއް؟ ކަލޭ ބުނީމެއްނު އެކަން ކުރިޔަށް ގެންދާ ވާހަކަ."

"ހާސްނުވެބަލަ." އިބްރާހީމްބެ ބުންޏެވެ. "ކުރިން ކާންދޭކަށްނު ހެދީ. މިފަހަރު ވަޅުލާނީ. އެކަން ކުރިޔަށް އެބަ ގެންދަން."

"އަދި ކިހާދުވަހެއް ވާނެ؟" ކެތްތެރިކަން ކުޑަވެފައި އިން އިލްހާމް އެހިއެވެ.

"07 ދުވަސް." ސައިކަލު ދުއްވަމުން ދިޔަ ނިކާލް ޖަވާބުދިނެވެ. "ފޯމުލާތައި ހަތް ދުވަސްފަހުން ކާވެނި ކުރެވޭނެ."

ސައިކަލުގެ ފަހަތުގައި އިން ނިހާގެ ހިތް އުފަލުން ނަށައިގަތެވެ. އޭނާ ނިކާލްގެ ފަހަތުން ބައްދައިގަތެވެ.

"އަދި ބާރަށް ބައްދާލަބަލަ." ނިކާލް ނުހޭން މަސައްކަތްކުރަމުން ބުންޏެވެ.

"ވަރަށް ފޫހިވޭ." ނިހާ ވަގުތުން ދުރަށް ޖެހުނެވެ. ނިކާލް ހޭން ފެށިއެވެ.

"އަވަހަށް ކާވެނި ކުރަން މިއުޅެނީ ވެސް ތިހެން ދުރުގައުޅޭ ވަރުން." ނިކާލް ހެމުންހެމުން ބުންޏެވެ. "ކާވެނި ކުރެވުނީމަ ނިހާ ނުގަބޫލަސް ސަލާމަތެއްނުވާނެ."

ނިކާލްގެ ވާހަކަ އެހިސާބަށް ދިޔައިރު ސުނޯހައުސް އާ ހަމައަށް އާދެވިއްޖެއެވެ. ނިހާ ސައިކަލު މަތިން ފުންމާލަމުން ނިކާލްގެ ކޮނޑުމަތީގައި އަތް ދަބަހުންޖެހިއެވެ. ނިކާލް ކުރާ އެފަދަ ސަމާސާތައް ކުރަނީ ނިހާގެ މޫނުގެ ކުލަވަރު ބަދަލުވަމުންދާ ގޮތް ބަލާލުމުގެ ނިޔަތުގައެވެ. ރުޅިވެރި ލަދުވެތި މޫނު ފެނުމުން ނިކާލްގެ ހިތް ލޯބިން ފުރިގެން ބަންޑުންވެއެވެ.

"ހަތް ދުވަސް ފަހުން އެކަން ވެސް ކާމިޔާބުވާނެ." ނިކާލް މޭ މަތީ ދެއަތް ޖައްސައިލަމުން އަނގައިން އޫސް ދަމާލިއެވެ. "ޔާރޭ. ވަރަށް ހާއްސަ ރެއަކަށް ވާނެ. ނިހާއަށް އެނގޭތަ 7 ދުވަސް ފަހުން މަ ނިދާނީ ކޮންތާކުކަން؟"

"ގޭގައެއްނު. ދެން އެހެން ކޮންތާކު؟" ނިހާ ޖަވާބުދިނެވެ.

"ނުބައި. 7 ދުވަސް ފަހުން މަ ނިދާނީ މައުންޓް އެވަރެސްޓްގައި." ލާނެއް ހިނިގަނޑެއް ޖަހާލަމުން ނިކާލް ބުންޏެވެ.

"ޗީޑި. ނިކް މިހާރު ހަމަ އަސްލަށް ވެސް ތިހިރީ ކާވެނިކުރަން މަޖުބޫރު ހާލަތެއްގަ." ނިހާ ރުޅި އަންނަކަމަށް ހެދެމުން ތުން އަނބުރާލައިފައި ދާން ހިނގައިގަތެވެ. ނިހާގެ އަތުގައި ހިފައިލަމުން ނިކާލް ހުއްޓުވިއެވެ.

"އަދި މަޑުކޮށްބަލަ. އަސްލުވެސް ވަރަށް އިންތިޒާރުކުރެވޭ." ނިކާލް ސަމާސާ ކަނޑައިފައި ބުންޏެވެ. "ނިހާ ގެއްލޭކަށް ދުވަހަކުވެސް ބޭނުމެއްނޫން. ދެން ބޭނުންވަނީ އަވަހަށް ކާވެނިކުރަން. މިދަނީ މަންމަ ކައިރިއަށް ކާވެނީގެ ވާހަކަ ދައްކާލަން."

ނިކާލް ސައިކަލު ދުއްވައިލިއެވެ. ނިހާ ވަނީ ގެއަށެވެ. އޭރުވެސް ފެންޑާގައި އިލްހާމާއި އިބްރާހީމްބެ ތިއްބެވެ. އެމީހުން ތިބީ އޮލަ ވާހަކައެއްގައެވެ. ނިހާއަށް އިބްރާހީމްބެ ފެނުމާއެކު ފިޔަވަޅުތައް ހުއްޓުމަކަށް އަޔެވެ. އޭނާގެ މަންމަގެ ދެވަނަ ގާޠިލު އެ ފެނުނީ ދުވަސްގަނޑަކަށް ފަހުގައެވެ. އެންމެފަހުން ފެނުނީ އިބްރީސް ނައްތާލެވުނު ރޭގައެވެ. އެރޭ އިބްރާހީމްބެގެ ހަޤީޤަތް އެނގުމުން ނިހާއަށް ލިބުނު ޝޮކުގައި އޭނާ ދުވެފައި ގޮސް ވަނީ ކޮޓަރިއަށެވެ. ދޮރު ކައިރިއަށް އައިސް އިބްރާހީމްބެއާއި ސައްތާރު ވެސް ގޮވިއެވެ. ނަމަވެސް ނިހާ ދޮރެއް ނުހުޅުވިއެވެ. އޭނާއަށް އިބްރާހީމްބެގެ ހަޤީޤަތް ގަބޫލުކުރާކަށް އުނދަގުލެއް ނުވިއެވެ. ސިހުރުވެރިންނަކީ ހުރިހާ ފާހިޝް ޢަމަލުތަކެއްގައި ބައިވެރިވާނެ ބަޔެކެވެ.

ނިހާ މަންމަގެ މަރުގެ ތަޙުޤީޤަށް ބަޔާންދިން އިރު ނިހާ "އަނބުޅޭ" އެ ނަން މަތިން ހަނދާނެއްނެތެވެ. އެކަމަކު އޭނާގެ ބަޔާނުގައި އިލްހާމްއާ އެހެން ފިރިހެނެއް އެކަމުގައި ބައިވެރިވިކަމަށް ފާހަގަކުރިއެވެ. ނަމަވެސް އެ ތަޙުޤީޤު ނިމުނީ މަންމަ ދުނިޔޭގެ ލަދަށް އަމިއްލައަށް މަރުވީކަމަށް ކަނޑައެޅިގެންނެވެ. މަންމައަށް ލިބިފައިހުރި ޒަހަމުތަކާއި، ނިހާގެ ބަޔާން ވެގެންދިޔައީ އިލްހާމްގެ ދިރިއުޅުން ހަލާކުކުރަން ސަފީނާ ޖެހި ދަންތުރައަކަށެވެ. އެދުވަހު މޮޅުވީ ފައިސާގެ ކޮޅެވެ. އިލްހާމުގެ ކޮޅެވެ. މަންމަގެ ޤާޠިލުން މިނިވަންކަމާއެކު ދުނިޔޭގައި އުޅެމުންދާ މަންޒަރު ފެނުމުން ނިހާގެ ލޭ ކެކޭ ގޮތްވެއެވެ. ނަމަވެސް ނިހާ ކަހަލަ ނިކަމެތި އަންހެން ކުއްޖަކަށް އެމީހުންނާ ދެކޮޅަށް ތެދުވެގެން ކާމިޔާބެއް ނުލިބޭނެކަމަށް އޭނާ ވަނީ ނިންމައިފައެވެ. އަދިވެސް ފައިސާއަށް ނުވިކޭނެ މީހަކު ހުންނާނެކަމަކަށް ނިހާ ޤަބޫލެއްނުކުރެއެވެ. މަންމަގެ މަރުގެ ވާހަކަ އޮޅިގެން ވެސް ދުލުކުރިޔާ ހަމައަށް ނުގެނައުމަށް އޭނާ ވަނީ އަޒުމު ކަނޑައަޅާފައެވެ.

ނިހާ ވިސްނަން ހުރެފައި ދަތްވިކައިލަމުން ގޭތެރެއަށް ވަނުމާއެކު އިބްރާހީމްބެ ބަލައިލިއެވެ.

"ކޮއްކޯ. ހާލު ކިހިނެއް؟" އިބްރާހީމްބެ ހިނިތުންވެލިއެވެ. ނިހާގެ އަތްތިލަ މުށްކެވިގެން ދިޔައެވެ. ބޭއިޚުތިޔާރުގައި މޫނު ކުނިކޮށްލެވުނެވެ.

"ލަނޑަޔާވާނީ ލަނޑަޔާއާ." ނިހާއަށް ބުނެވުނެވެ. މީގެ ކުރިން ދުވަހަކު ވެސް ނިހާގެ ފަރާތުން އެކަހަލަ ކުލަވަރެއް ފެނިފައި ނެތުމުން އިބްރާހިމްބެއަށް ހައިރާންކަން ލިބުނެވެ. ނިހާއަށް ބުނެވުނީ ކީކޭކަން ރޭކާލި ހިސާބުން އެތަނުގައި މަޑުނުކޮށް އޭނާ ހިނގައިގަތެވެ.

"ކޮބާ މަ ބުނީ އަޅެ ދޮގެއްތަ؟ މަ ބުނީމެއްނު އެއީ ކުޅަނދުރު ހަތައެކޭ. ހާލު އަހާލިކަމަށް ޓަކައި ކަލޭގެ އަނގަޔަށް މުސްކުޅި ބަހެއް ވައްދާލާފަ އެ ދިޔައީ. އޭނައަށް ސިހުރުހަދަން ކަލޭ އުޅުނީމަ ނައްޓާފަ އެހެރީ. މިހާރު ކަލޭ ވެސް އޭނަގެ ލިސްޓަށް އަރުވާފަ އޮންނާނީ." ހިނިގަނޑެއް ޖަހާލަމުން އިލްހާމް ބުނެލިއެވެ.

ނިހާގެ މިޒާޖަށް އައި ބަދަލުގެ އަސްލު ސަބަބު އެނގުމުން އިބްރާހީމްބެ ރާޒުވާކުޅުމައިގެން މަޝްއޫލުވިއެވެ. ނިހާ ކޮންމެ ވައްތަރެއް ޖެއްސިޔަސް، ކޮންމެ އެއްޗެއް ބުންޏަސް އޭނާ އަސްލު ކެހެރުވަކެކޭ ވެސް ހީވެހެގެން ނުވާނެއެވެ. ނަމަވެސް ނިހާއާ އެހާ ލޯބިން ކުރި ސުވާލެއްގެ ޖަވާބު އައި ގޮތުން އިބްރާހީމްބެ ކުޑަކޮށް ހައިރާންވީއެވެ.

ނިހާ އެއްޗެހި ބަދަލުކޮށްލައިގެން ނުކުމެ، އިންޝާ ގޭގައި އުޅޭތޯ ބަލައިލިއެވެ. ކޮޓަރީގައި ނެތުމުން ފޯނަށް ގުޅިއިރު އިންޝާ ހުރީ ރައްޓެހި ކުއްޖެއްގެ ގޭގައެވެ. ހަޤީޤަތުގައި އިންޝާ ހުރީ އެ ރަށު "ސިލުނބު" ގޭ ދޮރުމަތީގައެވެ. އިބްރާހިމްބެއާ އެއްބައި ވެގެން އިލްހާމް އުޅޭކަން އެނގުނު ހިސާބުން އޭނާ އެހެން ސިހުރުވެރިޔަކު އަތުޖެހޭތޯ އަތްފުނާ އަޅަނިކޮށް އެ ގޭ އެޑްރެސް ދިނީ ރައްޓެއްސެކެވެ. އެއީ މާ މަޝްހޫރު މީހެއް ނޫން ނަމަވެސް އެ މަސައްކަތުގައި ކޮންމެވެސް ވަރަކަށް އުޅުނު މީހެއްކަމަށް އެކުވެރިޔާ މައުލޫމާތު ދީފައިވެއެވެ. އިންޝާ އެގެއަށް ވަދެ ސަލާމް ގޮވާލުމާއެކު މުސްކުޅި އަންހެނަކު ނުކުތެވެ. އަސައެއްގެ އެހީގައި ހުރި އެ އަންހެންމީހާގެ ރޫޖެހިފައިވާ ހަންގަނޑާއި، ނުރަވެފައިވާ އިސްތިށިގަނޑުގެ އިތުރުން ހުރިލެއް ބަލިކަށިކަން ފެނުމުން އޭނާގެ އުމުރުން ގާތް ގަނޑަކަށް 70 ވަރަކަށް އަހަރުވެފައި ވާނެކަމަށް އަންދާޒާކުރެވެއެވެ.

"ކީއްކުރާ ކުއްޖެއް؟" އެ އަންހެން މީހާ ސުވާލުކުރިއެވެ.

"ސިލުނބު އައިމިނަ ކިޔާ މީހެއް މިގޭގަ އުޅޭތޯ؟" އިންޝާ އެހިއެވެ.

"މީ ތިބުނާ އައިމިނަ އަކީ." އައިމިނަ ބުންޏެވެ. "އެތެރެއަށް އާދޭ."

އައިމިނަ އަސައިގެ އެހީގައި މަޑުމަޑުން އެތެރެއަށް ވަދެ ހިނގައިގަތެވެ. އިންޝާ ހުރީ އެގޭތެރެއަށް ވަންނަން ޖެހިލުންވެފައެވެ. އައިމިނަ ފަސް އެނބުރި ބަލައިލިއެވެ. އައުމަށް އެދި އަތުން އިޝާރާތްކޮށްލިއެވެ. ޖެހިލުންވެފައި ހުރެ އައިމިނަ ފަހަތުން އިންޝާ ދިޔައެވެ. އައިމިނަ ވަނީ ތެޅިގަލުން ރާނާފައި ހުރި ކުޑަ ކޮޓަރިއަކަށެވެ. ގޮނޑިއެއް ދައްކާފައި އިށީނުމަށް ބުނުމުން އިންޝާ އިށީނެވެ. ކޮޓަރީގައި މާގިނަ އެއްޗެހި ތަކެއް ނެތެވެ. މޭޒަކާއި އަލަމާރިއެއްގެ އިތުރުން ފާރުގައި ހަރުކުރާ ކުޑަ ފަންކާއެއް ހަރުކޮށްފައި ހުއްޓެވެ. މޭޒުމަތީގައި ބައިވަރު ފޮތްތައް ހުއްޓެވެ.

"ކަނބުލޯ. ކޮންކަހަލަ ފަންޑިތައެއް ތަ ހަދައިދޭންވީ؟" އައިމިނަ އެނދުގައި އިށީންނަމުން އެހިއެވެ.

"ކިހިނެއް އެނގުނީ؟" އިންޝާ ހައިރާންވެފައި އެހިއެވެ.

"އާންމުކޮށް މީހުންނަށް މި ސިލުނބު އައިމިނަ ފެންނާނީ އެކަހަލަ ކޮންމެވެސް ކަމަކާ ޖެހުނީމަ." ކުޑަކޮށް ހީނލައިފައި އައިމިނަ ބުންޏެވެ. "ދެން ކަނބުލޮ ބޭނުންވެގެން ތި އުޅޭ ކަމެއް ބުނެބަލަ."

އިންޝާއަށް މިހާރަކަށް އައިސް ކޮންމެ ރެއަކުހެން ތަކުރާރުކޮށް ފެންނަ ހުވަފެނާއި، މަގުމަތިން ފެނުނު ކުޑަކުއްޖާގެ ވާހަކަ ކިޔައިދިނެވެ. އަދި އެކުއްޖާ އޭނާއަށް މަންމަގެ ނަމުން މުޚާތަބުކުރާ ކަމުގައި ވެސް އިންޝާ ބުންޏެވެ. އެކުއްޖާގެ އަޑު އާންމު ގޮތެއްގައި އިވެނީ އިންޝާ ރޮއެ ހިތާމަ ކުރާ ވަގުތުތަކުގައިކަމަށް ފާހަގަކުރެވޭ ކަމުގައި ވެސް ބުންޏެވެ. ހުވަފެނުގައި މުޅިން ވެސް ފެންނަނީ ހޮސްޕިޓަލުގެ އެނދުމަތީގައި އޮއްވައިކަމަށް ބުނެ އެ ތަފުސީލު ވެސް އިންޝާ ދިނެވެ.

"ކަނބުލޮއަށް ދުވަހަކުވެސް ރޫހާނީ ބާރެއްގެ އުނދަގޫ ފޯރައިފައި ވޭތަ؟" އިންޝާގެ ވާހަކަތައް ކަނުލާ އަޑުއަހަން އިން އައިމިނަ ސުވާލުކުރިއެވެ. "މިބުނީ އެއްވެސް ގޯނާއެއް ލިބިފައި ވޭ ހޭ؟ ޖިންސީ ގޮތުން؟"

އައިމިނަ ސީދާސީދަލަށް ކުރި ސުވާލާއެކު އިންޝާގެ ގައިން ހީބިހި ނަގައިގަތެވެ. އޭނާއަށް އެ ފެނުނު ކުއްޖަކީ އިބްރީސްއާއި އޭނާއަށް ލިބުނު ދަރިއެއް ހެއްޔެވެ؟ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ކުއްޖަކު ވިހާ ބޮޑު ވެސް ވީ ހެއްޔެވެ؟

"ޖަވާބު ލިބިއްޖެ." އިންޝާއަށް ވީ ގޮތް ފެނިފައި އައިމިނަ ބުންޏެވެ. "އެހެންވީމަ ކަނބުލޮއަށް ވެސް ހީވަނީ އެއީ ކަނބުލޮގެ ދަރިއެއްހެން ދޯ؟"

"އެކަމަކު ތީ ކިހިނަކުން ވާނެ ކަމެއް؟" އިންޝާއަށް ޤަބޫލުކުރަން އުނދަގޫވިއެވެ. "އެއީ އިހަކަށް ދުވަހު ހިނގާދިޔަ ހާދިޡާއެއްވިއްޔާ. މަށަށް ފެނުނީ ހަމަ ބޮޑު ކުއްޖެކޭ."

"ކަނބުލޯ." އައިމިނަ ވަރަށް އޯގާތެރި ރާގެއްގައި ބުންޏެވެ. "ޖިންނިންނާ އަހަރުމެންނާ އެތައް ކަމެއްގައި އެއްގޮތް ކަން ހުރޭ. އޭއްޗެހިންނަކީ ވެސް ވަކި މުޖުތަމަޢުތައް ހަދައިގެން ކައިގެން ބޮއެގެން މަސައްކަތްކޮށްގެން އުޅޭ އެއްޗެހި. ކާވެނިކުރުމާ އެކި ދީންތަކަށް އުޅުމާއި ދަރިން ހޯދުން ވެސް އެއީ ޖިންނީންގެ ތެރޭގައި ވެސް އޮންނަކަމެއް. މީގަ ތަފަތާކީ އަހަރުމެން މީ އެމީހުންނާ މުޅިން ތަފާތު ދެ ވައްތަރެއްގެ މަހުލޫގުންނަށް ވީކަން. ޠަބީޢަތާ ކަންކުރާގޮތް ހާސްބައި ތަފާތުވާނެކަން. ޖިންނައަކަށް ބަނޑުބޮޑު ވެ އިނދެ ވިހަން ނުވަ މަހާ ނުވަ ދުވަސް ލާޒިމް ނުވަނީ ވެސް މި ބުނި ސަބަބުތަކާ ހެދި."

އެވަގުތު އިންޝާގެ ސިކުނޑީގައި ގުގުމާލީ މަރުޖީނާގެ ވާހަކަތަކެވެ. ދަރިޔަކު އުފަންވެއްޖެނަމަ މުޅި އާއިލާގެ ދުވަސް ދާނެކަމުގެ އިންޒާރެވެ. އިންޝާ ވަކިން ބޮޑަށް ހާސްވިއެވެ. އޭނާ ގޮނޑިން ތެދުވެގެން އައިސް އައިމިނަގެ ރޫޖެހިފައިވާ އަތުގައި ހިފައިލީ އުޑުފައި މައްޗައް ތިރިވަމުންނެވެ.

"ދައްތާ. ހެޔޮނުވާނެ. އަހަރެން ސަލާމަތް ކޮށްދީ. ދައްތަ ބުނި އަގެއް ދޭނަން." އިންޝާ ކަންބޮޑުވެފައި އިނދެ ބުންޏެވެ.

"ކަނބުލޯ. ތިކަމާ އެއްވެސް ވަރަކަށް ހާސްވެ ބިރުގަންނާނެ ކަމެއް ނެތް." އައިމިނަ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ތި ދަރިފުޅު ކަނބުލޮއަށް އެއްވެސް ގޯނާއެއް ނުކުރާނެ. ގޯނާކޮށް ގެއްލުމެއް ދޭން ބޭނުންވާނަމަ ކަނބުލޮގެ ދުވަސް މިހާރު ދުއްވާލައިފީސް. ތީގަ ބުއްދިވެރި ގޮތަކީ އަޅާނުލާހުރުން. ސިހުރު ހަދައިގެން ވާ ގެއްލުން ބޮޑުވާނެ."

އިންޝާ ވިސްނައިލިއެވެ. އިބްރީސްގެ ކަންތައްގަނޑަށްފަހު އޭނާގެ އުނަގަނޑުގައި ތަވީދެއް އޮތެވެ. އޭރުވެސް ފާޑުފާޑު އަޑު އިވެއެވެ. ހިޔަނި ވެސް ފެނެއެވެ. އޭރުގައި ގެއްލުމެއް ނުލިބުނީ ތަވީދުގެ ބާރުން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ތަވީދު ގެއްލިގެން މިހާ ދުވަސްވީ އިރުވެސް އިންޝާއަށް ހާނިކައެއް ލިބިފައި ނެތީ ކީއްވެ ހެއްޔެވެ؟ އެކުއްޖާގެ ފަރާތުން އިންޝާއަށް އެއްވެސް ގޯނާއެއް ކުރިމަތިވެފައި ނުވާތީ އައިމިނަގެ ވާހަކަ އިންޝާއަށް ޤަބޫލުކުރެވުނެވެ. އައިމިނަ ބުނިހެން އަޅާނުލާ ހުރުމަށް އޭނާ ނިންމިއެވެ. އިންޝާ އައިމިނައަށް ޝުކުރު އަދާކޮށްފައި، އެގެއިން ނުކުންނަން ހިނގައިގަތީ އައިމިނަގެ މުށުތެރެއަށް 500 ރުފިޔާ ލައިދީފައެވެ. ހަޤީޤަތުގައި އައިމިނަ އެ ދިން މައުލޫމާތަކީ އޭނާ އޮޅުންފިލުވަން ބޭނުންވި މައުލޫމާތެވެ. އިންޝާ ހުރީ އެކަމާ ހިތްހަމަޖެހިފައެވެ. ނަމަވެސް ހިތުގައި ނުތަނަވެސްކަމެއް އުފެދިފައި ހުއްޓެވެ. ކޮޓަރިން ނުކުންނަނިކޮށް އާމިނަ އިތުރު ވާހަކައެއް ވެސް ބުންޏެވެ. އިންޝާގެ ދެލޯ ބޮޑުވިއެވެ. އެއީ ކަންބޮޑުވާންޖެހޭ ވަރުގެ ވާހަކައެވެ. އެކަމަކު އެއީ މާ ފަހުގެ ކަމެއް ކަމަށް ނިންމާ އިންޝާ އެކަމާ ދެތެރޭ ވިސްނާކަށް ބޭނުމެއް ނުވިއެވެ.

ރޭގަނޑުގެ ކެއުން ތައްޔާރުކުރަން ނިހާ ތިރިއަށް ފޭބިއިރު ގަޑިން 06 ޖަހަން ބާކީ ހުރީ ދިހަ މިނެޓެވެ. އޭނާ ބަދިގެއަށް ވަންއިރު އިބްރާހީމްބެ ވެސް ބަދިގެތެރޭ އުޅުނެވެ. މޭޒުމަތީގައި ހުރި ދެ ޖޯޑަށް ދެ ޕެކެޓު ސައިފަތް ލުމަށްފަހު އިބްރާހީމްބެ ނިހާއަށް ބަލާލި ފާޑަކަށެވެ. ނިހާގެ މުޅި ހަށިގަނޑު "ސުކޭން" ކޮށްލި ކަހަލައެވެ. ފައިކޮޅުން ފެށިގެން ބޮލާ ހަމައަށެވެ. ގަޔަށް ބާރު ޓީޝާޓުން ނިހާގެ ވަނާތައް ފާޅުވާން ހުރުމުން އިބްރާހީމްބެގެ ހިތް ސަކަރާތްވާ ގޮތްވިއެވެ. ޓީޝާޓު ތުނިކަމުން އޭނާއަށް އެ ދޮން ހަށިގަނޑު ފެންނަހެން ވެސް ހީވިއެވެ. ކުރު ސޯޓު ކޮޅެއްގައި ހުރުމުން ހަންގަނޑު އޮމާން، ދޮން ފައިވެސް އޮތީ ހާމައަށެވެ. އިބްރާހީމްބެ ބަދިގެއަށް ވަން މަޤުޞަދު ވެސް ހަނދާންނެތިފައި ހުއްޓައި އިލްހާމް ގޮވައިލި އަޑަށް ސިހުނެވެ. ނިހާ ވެސް އޭނާއާ ދިމާއަށް ބަލަންހުރިކަން އެނގުމާއެކު އޭނާ އަވަސް އަވަހަށް ބަދިގެއިން ނުކުންނަން ދިޔައެވެ.

"ދެ ސައިތަށި ހަދާލަބަލަ." އިބްރާހީމްބެ ހަނދާންވެގެން ބުނެލިއެވެ.

ނިހާ ކަޅި އަޅާލައިފައި އިބްރާހީމްބެގެ ފަހަތުން ނުކުތީއެވެ. އޭރު އިލްހާމް ހެދިކާ ކޮތަޅެއް ހިފައިގެން އައިސް އެމީހުން ރާޒުވާ ކުޅެން ތިބި ތަނުގައި އިށީންނަނީއެވެ. އިބްރާހީމްބެ ގޮސް އިށީނުމާއެކު ސައި ހެދުނު ތޯ އަހައިލިއެވެ.

"ސައި ތަށި ކޮބާ؟" އެމީހުން ހުރަސްކޮށްފައި ނިހާ ދާތަން ފެނުމުން އިބްރާހީމްބެ ގޮވައިލިއެވެ.

"މި އަންނަނީ." ނިހާ ރުންކުރު ޖަވާބެއް ދިނެވެ.

"ކަލޭ ތިއުޅެނީ އޭނަ ލައްވާ ސައި ހަދުވައިގެން މަށަށް ބޯންދޭންތަ؟" ނިހާ ދިޔަ ދިމާއަށް ބަލަހައްޓައިގެން އިނދެ އިލްހާމް ބުންޏެވެ. "އޭނަ އަތުން ގިރާ ސައެއް މަށެއް ނުބޯނަން. ކަލޭ ދިން ސިހުރު ބޮނޑި ވެސް ވީ އޭނަ އަތުގައޭ."

"ކަލޭ މައިތިރިވެބަލަ." އިލްހާމް ތެދުވުމާއެކު އިބްރާހީމްބެ ބުންޏެވެ. "ސިހުރަކީ ޕެނަޑޯލު ގުޅައެއް ނޫނޭ. ބޮލެއްގަ ރިއްސާލާ އިރަށް ކޮންމެމީހަކު ޕެނަޑޯލު ގުޅައެއް ކައިގެން ރަނގަޅު ވިއެއް ކަމަކު ސިހުރު ކެވިގެން ކޮންމެކޮންމެ މީހަކަށް އޭގެ އަސަރެއް ނުކުރާނެ. ސިހުރު ޖެހޭނީ އެ ސިހުރު ހާއްސަކުރެވުނު މީހަކަށް. ކަލޭގެ މޮޔަކަމުން ވެސް އަޖައިބުވާވަރުވޭ. ނިހާދެކެ ހާދަހާ ބިރެކޭ ދޯ ތި ގަންނަނީ. ތި ވާގޮތުން ހުރިހާ ކަމެއް ބަހައްޓާފަ ކަލޭގެ ތި ފިނޑިކަން ކަނޑުވަން ކަންނޭގެ ސިހުރު ހަދަންވީ."

އިލްހާމް ބިރު ނުގަންނަކަން ދެއްކުމުގެ ގޮތުން އިށީނެވެ. އެ ވަގުތު އޭނާގެ ޖީބުގައި އޮތް ފޯނު ރަނގަބީލު އަޅަން ފެށިއެވެ. އޭނާ ފޯނު ކަންފަތުގައި ޖައްސައިލައިގެން އިނދެ ދެތިން ފަހަރަކު "ހޫމް" ލައްވާލައިފައި ފޯނު ބޭއްވީ ސައިބޮއެގެން ތި ކޮޅަށް ޖައްސައިލާނެ ކަމަށް ބުނެފައެވެ. ނިހާ ތިރިއަށް އައީ ގަޔަށް ދޫ ޓީޝާޓެއް ލައިގެންނެވެ. ނަމަވެސް ކުރީގައި ލައިގެން ހުރި ޓީޝާޓަށް ވުރެން އެ ޓީޝާޓުގެ ކަރު ބޮޑެވެ. ތިރިން ލައިގެން ހުރީ ކުރިންވެސް ލައިގެން ހުރި ކުރު ސޯޓެވެ. އިބްރާހީމްބެއަށް އެއްމިޔަކަނުން ހީލެވުނެވެ. އިލްހާމްމެން ހުރަސްކޮށްފައި ގޮސް ނިހާ ބަދިގެއަށް ވަންއިރު ވެސް އިބްރާހީމްބެއަށް ބަލަހައްޓައިގެން އިނދެވުނީ ނިހާގެ ފަރި ހިނގުމާ އެ ފުރިހަމަ ބައްޓަމަށެވެ.

"ކަލެއަށް ހަމަ ސާބަހޭ." އިލްހާމަށް އިބްރާހީމްބެގެ ނިޔަތް އެނގުނެވެ. "ކަލެޔެކޭ ދުވަހަކު އަންހެނަކު ނުފެންނަ މީހެކޭ އެއްވަރެއްނު."

އިބްރާހީމްބެ އެއްޗެއް ބުނަން އުޅެނިކޮށް ނިހާ ސައި ހިފައިގެން އަންނަތަން ފެނުނެވެ. ތަބަކެއްގައި ދެ ތަށި ސައި ބަހައްޓައިގެން ފަރިކޮށް ހިނގައިލައިފައި އައިސް އިލްހާމްމެން ގާތުގައި ހުއްޓުނެވެ. އިބްރާހީމްބެގެ ދަހިވެތި ބެލުން އޭނާއަށް ފާހަގަވި ނަމަވެސް އޭނާ އެކަން އެނގޭ ކަމަކަށް ނުހަދައެވެ. ނިހާ ގުދުވެލަމުން ބިއްލޫރި މޭޒުމަތީގައި ސައި ތަބަށް ބެހެއްޓިއެވެ. އިބްރާހިމްބެގެ އަރުތެރެ އެއްކޮށް ހިކިގެން ދިޔައެވެ. ދެން އެ ކަރު ހިއްކުން ސަޔަކުން ފިލައިގެނެއް ނުދާނެއެވެ. ދެ ތަށި ސައި ދެމީހުންނާ ކައިރިކޮށްލުމަށް ފަހު ނިހާ ހިންދެމިލިއެވެ.

"މި ހެދިކާ ކޮޅު އަޅައިލަން ތަށްޓެއް ގެނެސްދީބަލަ." ނިހާ ހިނގައިގަތުމާއެކު އިބްރާހީމްބެ ބުންޏެވެ.

އިބްރާހީމްބެ އެދުނު ގޮތަށް ތަށްޓެއް ހިފައިގެން އައިސް ހެދިކާތައް ތަށްޓަށް އަޅައިދިން އިރު ވެސް ނިހާއަށް އެ ބަހުލޫލުގެ މަޤުޞަދު އެނގުނުހެނެއް ހިޔެއް ނުވެއެވެ. ނިހާ ދުރަށް ޖެހިލުމާއެކު އިބްރާހީމްބެ ނޭނގޭކަމަށް ހަދާފައި، ސައިތަށީގައި އަތުން ޖަހައި އެއްބައި ބިން މައްޗަށް އަޅާލިއެވެ. ނިހާއަށް ގޮވާލައިފައި ސްޕޮންޖުގަނޑު ހިފައިގެން އައިސް އެތަން ސާފުކޮށް ދިނުމަށް އެދުނެވެ. އިބްރާހީމްބެއާ ދިމާއަށް ޝައްކުގެ ނަޒަރުން ބަލާލައިފައި ނިހާ އެކަން ކުރަން ވެސް އަވަސްވެގަތެވެ. ސައިތަށީގައި ތުންޖަހައި ދަމައިލިއިރު ވެސް އިބްރާހީމްބެ ވަށްކަޅިން ނިހާއަށް ބަލަމުން ދިޔައެވެ. އޭނާ ބޭނުންވި ގޮތަށް ނިހާ އޮތުމުން ހިތް ފުރިގެން ދިޔައެވެ. އެންމެފަހުން އިލްހާމަށް ވެސް އެކަން ފާހަގަވިއެވެ. ނިހާއަށް އިރުއިރު ކޮޅުން ގޮވާ ގެނެސްގެން މިއުޅެނީ ކޮން ބޭނުމެއްގައިކަން އޭނާއަށް ރޭކާލީ އިބްރާހިމްބެ ނިހާއަށް ބަލަން އިން ގޮތް ފެނުމުންނެވެ.

"ކަލޭ އޮރިޔާމުން އައިސް މިތާނގައި އޮންނަން ވީނު." އިލްހާމް ހަޅޭލަވައިގަތެވެ. ނިހާ މޭ މަތީގައި އަތް އަޅައިލަމުން ތެދުވިއިރު އިލްހާމް އެ ބުނި އެއްޗެއް އެނގުމުން ލަދުގަންނަ ގޮތްވިއެވެ. އޭނާ ވަގުތުން މައްޗަށް އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

"ކަލޭގެ ކެތްތެރިކަމަށް މަ ހަމަ ސަތޭކަ ދޭނަން." ނިހާ ދިޔުމާއެކު އިބްރާހިމްބެ ބުންޏެވެ. "ފަރިވެ ފޮޅިފައި އިން ތާޒާ މަލެއް ކަލޭގެ ބަގީޗާ ތެރޭގައި އިން އިރު ވެސް އޭގެ މީރު ވަސް ކަލެއަށް ހަމަ ނުދުވަނީތަ؟ ސަފީނާއަށް ވުރެން މީނަ އަދި މާ ރީތި. ނޫންތަ؟"

"ސާބަހޭ. އެއީ މަގޭ އަމިއްލަ ދަރިއެއް ކަހަލަ ކުއްޖެކޭ. ތިޔަ ކަހަލަ ގޮތްކުޑަ ވާހަކަ ނުދައްކަބަލަ." އިލްހާމް ނޫންކަމަށް ހެދުނު ނަމަވެސް އިބްރާހީމްބެގެ ވާހަކައާ އޭނާ އެއްބަސްވެއެވެ. ސަފީނާއަށް ވުރެން ނިހާގެ ހުރިހާ ސިފައެއް ވެސް މާ ރީތިވެފައި ފުރިހަމައެވެ. އެއީ ކޮންމެ ފިރިހެނެއްގެ ނަފްސު ވެސް ކަތިލާފަދަ ރީތިކަމެކެވެ.

"އައްދޭ. ދަރިޔެކޯ. ކަލޭ އަނގައިން ތިކަހަލަ ވާހަކަ ދެއްކީމަ އަންނަނީ ހިނި." އިބްރާހިމްބެ މަލާމަތްކުރާ ފާޑަށް ހީނގަތްއިރު އިލްހާމްގެ ހިތުގައި އޮތް އެއްޗެއް އޭނާއަށް އެނގުނު ކަހަލައެވެ.

ސައި ބޮއެ ނިމުމުން އިލްހާމް ޖޯޑުތައް ގެންގޮސް ބަދިގެއަށް ލިއެވެ. އެނބުރި އައިއިރު އިބްރާހީމްބެ ސިޑިއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ސިކުނޑީގައިވާ ހިޔާލުތައް އިލްހާމަށް ވަގުތުން އެނގުނެވެ.

"އަޅެ ކަލޭ އެއްލަވައެއް ޖަހާ ފޫހިނުވޭތަ؟" އިބްރާހީމްބެ އެހިއެވެ. "ޒަމާނީ އާ ލަވައެއް އަޑުއަހާލާ ހިތެއް ނުވޭތަ؟"

"ކީކޭ ތަ ތި ކިޔަނީ؟" އިލްހާމް އެނގޭ ކަމަކަށް ނުހެދިއެވެ.

"ތަފާތު މަލަކުން ރަހަ ބަލާލަން ބޭނުން ނުވޭހޭ؟ އެވެސް ޒުވާންކަމުގެ ލޭހިނގާ ފަރިވެ ފައްކާވެފަ އިން މަލަކުން. ނިކަން ޕްރިޔާ މަތިން ހަނދާން ކޮށްބަލަ." އިބްރާހީމްބެ ކުރީގެ ހަނދާނެއް އާކޮއްދެމުން ބުންޏެވެ.

އިލްހާމްގެ ހަނދާނަށް އެދުވަސް އަޔެވެ. ގޭގައި އެކަކުވެސް ނޫޅޭ ގަޑިއެއްގައި ޕްރިޔާއަށް އެ ގެޔަށް ދެވުން ވެގެން ދިޔައީ އޭނާގެ ބަދުނަސީބަށެވެ. ޕްރިޔާގެ އެކުވެރިޔާ ކޮޓަރީގައި އުޅޭކަމަށް ބުނެ ކޮޓަރިއަށް ފޮނުވީ އިބްރާހީމްބެއެވެ. އިލްހާމް ހުރީ ބިސްމަޅި ދުއްވަން ކޮޓަރިތެރޭގައެވެ. ޕްރިޔާ ކޮޓަރި ތެރެއަށް ފިޔަވަޅު އެޅުމާއެކު އެ ދެމީހުން އޭނާއަށް ހަމަލާ ދިނީ ހައިވެފައި ތިބި ސިންގާތަކެއް ހެންނެވެ. އެކަކު ކުރިމަތިން އައިއިރު އަނެކަކު ފަހަތުން ވަދެ ދޮރު ލައްޕަނީއެވެ. ޕްރިޔާ ރޮއެ އާދޭސް ކުރަނިކޮށް ރޮލާ ހަފައިގެން ކާލިއެވެ. ދެމީހުން ވެގެން އެ މައުސޫމުކަން ސުންނާފަތި ކުރަމުން ދިޔައީ ހެމުންނެވެ. ކުޅޭކުޅޭ ބުދެއްހެން އެކަކު ފޫހިވީމަ އަނެކަކަށް ދެމުންދިޔައީ ޕްރިޔާގެ ގިސްލުމުގެ އަޑަށް ބީރު ކަންފަތްތަކެއް ދިއްކޮށްގެން ތިބެއެވެ. އެ ހަނދާންތައް އައުމާއެކު އިލްހާމްގެ އަޒުމް ގުޑާ ގޮތް ވިއެވެ. ވަހުޝީ ހިޔާލުތަކުން ހިތާއި ސިނކުޑި ފޯކޮއްލިއެވެ.

"ހިނގާބަލަ. ގޮސް އެ މަންޖެ ކުޑަކޮށް ތަޅުވާލާނީ." އިބްރާހީމްބެ އިލްހާމްގެ އަތުގައި ހިފައި ދަމައިގަންނަމުން ބުންޏެވެ. "ގޮސް ބިރު ދައްކާލާނީ. ފަހަރުގައި މިގެއިން ނުކުމެގެން ވެސް ހިނގައިދާނެ. ހަމަ ގައިމުވެސް އަހަރުން ދެމީހުންނަށް ވުރެ ބާރުގަދަ އެއް ނުވާނެ ދޯ؟ ކަލޭ ކައިރިން ސަލާމަތްވާން އޭނާ މިގެއިން ގޮއްސިއްޔާ ކަލޭގެ ބޭނުންވެސް ފުދުނީނު."

އިލްހާމްގެ ވިސްނުން ބަދަލުކުރުމަށް އިބްރާހީމްބެ ކުރި މަސައްކަތް އެންމެ ފަހުން ކާމިޔާބުވިއެވެ. އެމީހުން ނިހާގެ ކޮޓަރީއާ ހަމައަށް ގޮސް ހުއްޓުނެވެ. ދޮރު ހުރީ ލައްޕާފައެވެ. އިލްހާމް ހުރީ ފަހަތުގައެވެ. އިބްރާހިމްބެ މަޑުމަޑުން ތަޅުގައި ހިފައި އަނބުރާލަމުން ދޮރު ދޭތެރެއިން ބަލައިލިއެވެ. ފެނުނު މަންޒަރުން ފަހަތަށް ޖެހިލެވުނެވެ.

"ރަނގަޅު ވަގުތެއްގަ މި އާދެވުނީ. ކަލޭ ބަލާބަލަ." އިބްރާހިމްބެ ވަރަށް ފޯރީގައި ހުރެ ވައިއަޑުން ބުނެލިއެވެ.

އިލްހާމް ގާތަށް ޖެހިލިއެވެ. އެއްލޮލުން ކޮޓަރިތެރެއަށް ބަލައިލުމާއެކު އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. އަލަމާރި ތެރެއަށް ބޯކޮއްޕައިގެން އަންނައުތަށް ހާވަން ގުދުވެގެން އޮތް ނިހާ ފެނުމުންނެވެ. ނިހާގެ ދޮން ރީތި ހަށިގަނޑު ފެނި އޭނާގެ ލޮލުން ތަރަތަރަ ޖަހައިގަތެވެ. އިލްހާމް ޝައުޤުވެރިކަމާއެކު ބަލަން ހުއްޓައި އިބްރާހީމްބެ އޭނާގެ އަތުގައި ހިފައި ފަހަތަށް ޖައްސައިލަން އުޅުމުގެ ތެރޭގައި ދޮރުފަތް ބޮޑަށް ހުޅުވިގެން ދިއުމާއެކު ނިހާއަށް ތެޅިގެންފައި ބަލާލެވުނެވެ. ބުޅާ މަސްގަނޑަށް ބަލާހެން ސޮނި ވެއްޓިފައި ތިބި، އެ ދެ ހައިވާނުން ފެނި ނިހާ އަލަމާރީގެ ދޮރުފަތުގެ ބިއްދޮށަށް ވަދެ ނިވާވިއެވެ. އަދި އަތު ޖެހުނު އެއްޗެއް ކަރަށް މަހާލައިގެން ނުކުތެވެ. ރުޅި އައިސް ރަތްވެފައި ހުރެ ދޮރާ ދިމާއަށް ދިޔައިރު ނިހާގެ ދެ ލޮލުން އަލިފާންކަނި ބުރައެވެ. ބަލަން ނުތިބެ އެ ދެމީހުން އެތެރެއަށް ދެމިގަތެވެ. އަދި ދޮރު ލައްޕައި ތަޅުލިއެވެ. އެވަގުތު ނިހާ ޖެހިލުންވި ވަރުން ފަހަތަށް ފިޔަވަޅުއަޅަން ފެށުނެވެ. ނިހާގެ ކަންބޮޑުވުން އިތުރުވީ އެމީހުންގެ ބެލުމުގައި ހުރި ދަހިވަތިކަން ފެނުމުންނެވެ. އެވަގުތު ނިހާ ފާހާނާއާ ދިމާއަށް ދުއްވައި ގަންނަން ވިސްނިއެވެ. އެކަމު އޭރު އިލްހާމް ހުރީ އެ ދިމާލުގައެވެ. ކުއްލިޔަކަށް އޭނާގެ ހަނދާނަށް އައީ ރީތިވާ މެޒުމަތީ އޮތް އޭނާގެ ފޯނެވެ. ފަހަތަށް ޖެހެމުންޖެހެމުން ގޮސް ރީތިވާ މޭޒުގައި ޖެހުނުއިރު ނިހާއަށް އެމީހުންގެ ނިޔަތް ސާފުކޮށް އެނގުނެވެ. ފަހަތަށް އަތްލައި މޭޒުމަތީ އަތް ކާތައިލަމުން އޭނާގެ އަތުގައި ފޯނު ޖެއްސިއެވެ.

ނިކާލް މަގު މައްޗަށް ނުކުމެ ސައިކަލަށް އެރިއިރު އިނީ ނިކަން ހިތްހަމަޖެހިފައެވެ. އުފާވެފައެވެ. އެ އުފާވެރިކަން އޭނާގެ ތުންފަތްމަތީގައިވާ ލުއި ހިނިތުންވުމުން ފާޅުވެއެވެ. އޭނާ އުންމީދުކުރި ގޮތަށް މަންމަ ވެސް އެދުނީ ނިހާއާ އަވަހަށް ކާވެނި ކުރުމަށެވެ. ކާވެނިކޮށްގެން ނިކާލް ބޭނުންނަމަ މަންމަގެ ގާތަށް ބަދަލުވުމުގެ ހުއްދަ ވެސް މަންމަ ދިނެވެ. މަންމަގެ ވިސްނުން ކުއްލިއަކަށް ބަދަލުވީ ކީއްވެގެންކަމެއް ނިކާލަކަށް ނޭނގެއެވެ. ސަބަބު ހޯދާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ. ބައްޕައަށް އެއްޗެއް ވިސްނައިދިނުމުގެ ނިޔަތުގައި ނަމަވެސް އެމީހުން ބައްޕަ އެކަހެރިކޮށްލަން ޖެހޭނެކަމަށް އޭނާއަށް ވިސްނުނެވެ. ކުއްލިއަކަށް ނިކާލްގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓުވާން ފެށިއެވެ. ގުޅާނީ ކާކުކަން އޭނާއަށް އެނގުނެވެ. ނިކާލް ނުފެނި ގިނައިރު ވެއްޖިއްޔާ ނިހާއަށް އުނދަގޫވާވަރުން ނުހުރެވިގެން ގުޅާނެކަން އެއީ އޭނާއަށް އޮޅިފައިވާ ކަމެއް ނޫނެވެ. ފޯނު ނަގައި ސުކުރީނަށް ބަލާލުމާއެކު އޭނާގެ ހިނިތުންވުން ފުޅާވެގެން ދިޔައީ ހީކުރި ގޮތާ އެއްގޮތަށް ނިހާގެ ކޯލެއް އަންނަތަން ފެނުމުންނެވެ. ސުކުރީނުގައި އިނގިލި ޖައްސައިލަމުން އެއް ފަރާތަކަށް ކަހައިލިއެވެ.

"ދިރާގު ކަސްޓަމާ ސަރވިސްއަށް މަރުހަބާ." ނިކާލް ފޯނު ކަންފަތުގައި ޖައްސައިލުމުގެ ބަދަލުގައި އަނގަޔާ ކައިރިކޮށްލަމުން ތުއި އަޑަކުން ވާހަކަ ދެއްކިއެވެ. "ދިވެހި ބަހުން ކުރިޔަށް ދިޔުމަށް އެކެއް ޖައްސަވާ. ފޯ އިންގްލިޝް ޕްރެސް ޓޫ."

ނިކާލް ހީލަހީލާ އިނެވެ. ކާރުބާރު ބޮޑު މަގުމަތީގައި އިނުމުން، ފޯނު ތެރެއިން އިވެމުން ދިޔަ ނިހާގެ ހަޅޭކުގެ އަޑު އޭނާއަކަށް ނީވެއެވެ.

"ލޯބިވާ ވާހަކަ ބުނުމަށް ތިނެއް ޖައްސަވާ. ބޮސް ދޭ ހިތްވާނަމަ ހަތަރެއް ޖައްސަވައި. އިތުރު އެހެން ގޮތަކަށް ލޯބިކުރަން ބޭނުންނަމަ ނުވައެއް ޖައްސަވައި." ނިކާލަށް އެހިސާބަށް ބުނެވުނުއިރު ޞަފިއްޔާ ބޭރަށް ނުކުންނަން އަންނަތަން ފެނުނެވެ. "ތިޔަ ނެންގެވި އޮޕްޝަން ރަނގަޅެއް ނޫން. ޝުކުރިއްޔާ."

ނިކާލް ފޯނު ކަނޑައިލައިފައި ޖީބަށް ޖަހައިލީ ނުހޭން މަސައްކަތް ކުރަމުންނެވެ. އަދި ސައިކަލުން ފައިބާ މަގުގެ ދެކޮޅު ބަލާލަމުން މަންމައާ ދިމާއަށް ކުޑަކޮށް ދުވެލާފައި ދިޔައެވެ.

"މަންމާ ކީއްކުރަން ތި ނުކުންނަނީ." ނިކާލް ޞަފިއްޔާގެ އަތުގައި ހިފައިލަމުން ކައިރީގައި ހުރި ޖޯލީގައި އިށީނެވެ. ޞަފިއްޔާ ބަނޑުގައި ރިއްސައިވަރުން ބަނޑުގައި އަތް އަޅައިލައިގެން ގުދުވެލިއެވެ.

"މަންމާ ތިވަރުވާއިރުވެސް ޑޮކްޓަރަށް ދައްކާކަށް ނުވޭތަ؟" ނިކާލް ކަންބޮޑުވިއެވެ. ޞަފިއްޔާ ގާތުގައި އޭނާ އިށީނެވެ.

"މިކަން އިސާހިތަކު ރަނގަޅުވެދާނެ." ޞަފިއްޔާ ބަލި އަޑަކުން ބުންޏެވެ. "ދަރިފުޅު މަގުމަތީގައި ހުރިތަން ފެނިގެން މަންމަ މިރޭ ތިގެޔަށް ކާންދާނެ ވާހަކަ ބުނަން ވެގެން މި ނުކުތީ."

"މަންމަ ތިހާ ބަލިވެ އުޅޭއިރު އަންނާނެކަމެއް ނެތް." ނިކާލް ދެކޮޅު ހެދިއެވެ. "މިރޭ މިގެޔަށް ނިހާ ނިދަން ފޮނުވާނަން. މިހާރަކަށް އައިސް މަންމަ އަބަދު ތިއުޅެނީ ތި ބަނޑެއްގަ ރިއްސާފަ ފާހާނާއިން ނާރައިގެން. ތި ހާލުގައި މަންމަ އެކަނި މާއެކަނި މިގޭތެރޭ އޮންނާކަށް އަހަރެން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ."

ޞަފިއްޔާ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. އެއީ އޭނާ ރުޤްޔާ ކުރަންފެށިފަހުން އޭނާއަށް ވާން ފެށި އުނދަގޫތަކެކެވެ. ރުޤްޔާ އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް ޓަކައި މާމުޔާއި ކަޅުދިރި އެއްކޮށްގެން ހަދާފައިވާ ބުއިމެއް ރޫނާ ދީފައިވެއެވެ. ސިހުރު ބާޠިލްކުރާ އާޔަތްތައް ކިޔަވާފައިވާ އެ ބުއިން ރޭގަނޑު ނިދުމުގެ ކުރިންނާއި ހެނދުނު ހާބަނޑާ ހުރެ ބޭނުން ކުރުމަށް ރޫނާ ވަނީ އިރުޝާދު ދީފައެވެ. އެ ބޭނުން ކުރަން ފެށި ފަހުން ހޮޑުލެވުމާ، މޭނުބައިކުރުން އަދި އިރުއިރު ކޮޅުން ފާހާނާއަށް ދެވުން ކަހަލަ އުނދަގޫތަކާ ޞަފިއްޔާއަށް ކުރިމަތިލާން ޖެހުނެވެ. އޭގެ އިތުރުން ކޮންމެ ރެއަކު ރޫނާ އެގެޔަށް އައިސް ފެނަށް ކިޔަވާ ޞަފިއްޔާ ބޮލަށް ފެން އަޅާ ވެސް ހަދައެވެ. އެ އުނދަގޫތައް މެދުކެނޑެން ދެން އެގޮތަށް އަމަލު ކުރަންޖެހޭނެ ކަމަށް ރޫނާ ވަނީ ބުނެފައެވެ. ޞަފިއްޔާ ކިތަންމެ ވޭނެއްގައި އުޅެން ޖެހުނަސް އެގެޔަށް އިތުރު އެހެން މީހެއް އައުމަށް އޭނާ އުޒުރުވެރިވާ ސަބަބަކީ އެކަން ސިއްރެއް ގޮތުގައި ބާއްވަން އޭނާ ބޭނުންވާތީއެވެ. ނިކާލް ކާވެންޏަށްފަހު އެގެޔަށް އައުމުގެ ކުރިން އޭނާ އެ މުސީބާތުން ސަލާމަތްވާނެނަމަ ކޮން ފަދަ ހެއްޔެވެ؟

"އެންމެ ރަނގަޅު." ނިކާލް ހިތްހަމަޖައްސައި ދިނުމަށް ޞަފިއްޔާ އެއްބަސްވިއެވެ. "މިރޭ މަންމައަށް ނުދެވޭ ވަރުވަންޏާ ގުޅާނަން. އޭރުން މިކޮޅަށް ނިހާ ފޮނުވާދީ."

އިލްހާމްގެ އަތްދަށުން މިންޖުވާން ނިހާ ތެޅިފޮޅެމުން ދިޔައެވެ. ނަމަވެސް އެ ނިކަމެތި އަންހެން ކުއްޖާއަށް އިލްހާމްގެ ބާރުގަދަ އަތްދަށުން ސަލާމަތްވެވޭނެ ގޮތެއް ނުވިއެވެ. ނިހާ ހުރީ ކުޑަވެސް ދުލެއް ނުލިބޭ ވަރަށް ކަސްތޮޅު އަޅުވާލައިފައެވެ. ނިހާގެ މެދުހަށީގައި އިލްހާމްގެ އެއް އަތުން ހިފައިގަނެގެން ހުރިއިރު، އަނެއް އަތުން ވަނީ އަނގަމަތީގައި އަޅާ ބާރުކޮށްލެވިފައެވެ. އެނދާ ދިމާއަށް ނިހާ ގެންދަން އިލްހާމް އުޅުނެވެ. ނިހާ ގަދަފައި ވިއްދައި ނުދާން މަސައްކަތްކުރިއެވެ. ނޭވާ އެޅޭ ހިސާބުގައި ހޭން ހުރި އިބްރާހީމްބެ އައިސް ނިހާގެ ދެފައިގައި ހިފައި އުފުލާލިއެވެ.

"ހަޒާނާ ބޮނޑި ފޮރުވައިގެން ތިހެން ނޫޅެވޭނެ." ނުލަފާ ހިނިގަނޑެއް ޖަހާލަމުން އިބްރާހިމްބެ ބުންޏެވެ.

އިންޝާއަށް ގެޔާ ހަމައަށް އާދެވުނުއިރު އިރު އޮއްސިއްޖެއެވެ. ގޯތި ތެރޭގައި އެއްވެސް އަލިކަމެއް ނެތުމުން މީހަކު ގޭގައި ނޫޅޭ ކަމަށް އޭނާ ހީކުރިއެވެ. ގެއަށް ވަންއިރު ގޭތެރެއިން ވެސް ފެނުނީ އަނދިރިކަމެވެ. ބޭރުގެ ބޮކިތައް ޖައްސާލުމަށްފަހު ދެން އޭނާ ތަންކޮޅެއް އެތެރެއަށް ވަދެ އެތެރޭގެ ބޮކިތައް ދިއްލާލިއެވެ. އެވަގުތު މީހެއްގެ ހަޅޭކުގެ އަޑު އިވުނުހެން އިންޝާއަށް ހީވިއެވެ. އިވުނީ ފިރިހެނެއްގެ އަޑެވެ. އިރުކޮޅަކު ހިމޭނުން ހުއްޓައި ނިހާ މަންމާއޭ ކިޔާ ހަޅޭލަވައިގަތް އަޑު ވަރަށް ސާފުކޮށް އޭނާއަށް އިވުނެވެ. އިންޝާއަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ނިކަން ބާރަށް ސިޑިން އަރައިގެން ނިހާގެ ކޮޓަރިއާ ހަމައަށް ގޮސް އޭނާ އަވަހަށް ތަޅުގައި ހިފައި އަނބުރާލިއެވެ. ތަޅުލާފައި ހުރުމުން އޭނާ ނިކަން ހާސްވިއެވެ. ނިހާއަށް ގޮވަމުން ދޮރުގައި ތަޅައިގަތެވެ. އިރުކޮޅަކުން ކޮޓަރި ތެރެއިން ބާރު އަޑު ފަށްގަނޑެއް އިވުނެވެ. އޭގެފަހުން ކޮޓަރި ތެރެއިން އިތުރު އަޑެއް ބަޑެއް ނީވުނަސް، އެ ކޮޓަރިތެރޭގައި ނިހާއަށް އަނިޔާވާވަރުގެ ކަމެއް ހިނގަމުންދާކަން އިންޝާއަށް ޔަޤީން ކުރެވުނެވެ. އޭނާއަށް ވަރަށް ބާރަށް ރޮއެ ގަނެވުނެވެ. ދޮރު ވައްޓާލުމަށް އަތުންނާއި ފައިން ދޮރުގައި ތެޅިއެވެ. އެކަން ކާމިޔާބު ވާގޮތް ނުވެ ވަރުބަލިވެގެން ރޮމުން ގިސްލެވޭ ހާލު އޭނާ ނިހާގެ ކޮޓަރީ ދޮރު މައްޗަށް ތިރިވިއެވެ.

ކުއްލިއަކަށް އިންޝާގެ ކުރިމަތިން ޝަބާރާ ފާޅުވިއެވެ. މަންމަ ރޮމުންދާ މަންޒަރު ފެނުމުން އެ ކުއްޖާގެ ހިތަށް އަސަރުކުރިއެވެ. ދެލޯ ފެންކަޅިވިއެވެ. އަދި މަންމައަށް މަޑުމަޑުން ގޮވާލެވުނެވެ. އިންޝާ މިފަހަރު ބިރެއް ނުގަތެވެ. ޖެހިލުމެއް ވެސް ނުވިއެވެ. ނިހާ ސަލާމަތްކުރަން އެދި އިންޝާއަށް ރޮއެ ގަނެވުނީ ޝަބާރާގެ ތުއްތުތުއްތު ދެ ކޮނޑުގައި ހިފައިގަންނަމުންނެވެ. ހަމަ އެވަގުތު ޝަބާރާ ކަޅު ދުންގަނޑަކަށް ބަދަލުވެ ވައިގެ ތެރެއަށް ފެރުތިގެން ގޮސް ގެއްލުނެވެ. އިންޝާ ވާނުވާގައި އިންދާ ދެން ޖެހުނީ ފިނި ވައިރޯޅިއެކެވެ. އިންޝާގެ މުޅި ގަޔަށް ފިނިވެލުމާއެކު ހަށިގަނޑު ކޮޅަށް ޖެހުނެވެ. އޭނާގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔައެވެ. އިންޝާ ދޮރާއި ދިމާއަށް އެނބުރިފައި ދޮރުގައި ކޮޅުފައިން ޖެހީ އެންމެ ފަހަރަކުއެވެ. ދޮރުގެ ތަޅުފަތް ދޮރުކަންޏާއި ވަކިވެގެން ގޮސް ދޮރު ވެއްޓުނެވެ. (ނުނިމޭ)

އަށާރަވަނަބައިގެ ތެރެއިން:-

ސައިކަލަށް އެރިފަހުން ކުރިން ނިހާ ކުރި ކޯލުގެ މަތިން އޭނާ ހަނދާންވިއެވެ. ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވިއެވެ. އޭނާގެ ފޯނަށް އަންނަ ކޯލުތައް ރެކޯޑުކުރެވޭ ގޮތަށް ހުރި "ރެކޯޑަރ" އިން ނިހާގެ އެންމެފަހު ކޯލު އަޑު އަހާލަން އަޅުވާލިއެވެ. ދިރާގު ކަސްޓަމާ ސަރވިސްއޭ ކިޔާފައި ފެށުމާއެކު ނިކާލަށް ހެވިއްޖެއެވެ. ނަމަވެސް ނިހާ އެހީއަށް އެދި ހަޅޭއްލަވާގަތް އަޑު އިވުމާއެކު މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވަގުތުން ފޯނު ނަގާ ޖީބަށް ކޮށްޕައިލަމުން ސައިކަލު ދުއްވައިލީ ރުވާފައި ދޫކޮށްލި ތީރެއްހެންނެވެ.

ނިކާލް ގެއާއި ހަމައަށް ފޯރިއިރު ދޮރުމަތީގައި އޮތް ޕޮލިހުންގެ ޖިޕު ފެނިފައި ނިކަން ހާސްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކިޔުންތެރިޔާ

  ވ.ވ.ވ ރީތި މި ވާހަކަ.... ވ. އިންތިޒާރުކުރެވޭ ކޮންމެ ޕާޓަކަށްވެސް.......

  23
 2. ނިމާލ

  ބަސް ހުއްޓި ބުނާނެ އެއްޗެއް ނޭނގިފަ މިއިނީ. ހެޔޮ ނުވާނެ! 24 ގަޑީރު އަދި މަޑު ކުރަން ތި ޖެއްސީ.

  28
 3. ޙާމަ

  ޢަޅޭ!!! ދެންވާނެގޮތެއްހާދަ ބަލަން ބޭނުންވޭ...ތިޔައްވުރެން ދިގުކޮއް ލިޔެލިނަމަ..

  22
  1
 4. ހާއި

  އައި ތިންކް އިލްހާމް އާއި އިބްރާހީމްބެ ޖަލަށް ލަނީ ކަންނޭގެ ... ވެއިޓިން ފޯ ދި ނެކްސްޓް ޕާރޓް... 😊

  17
 5. ލީން

  ވަހޝީކަމުން ގޮސް ހައްދުން ނައްޓާފަ

  10