ކޮރޯނާ ވައިރަސްއާއި އެކު އުޅެން ޖެހިފައިވާ މި ދުވަސްވަރު މާސްކަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް ވެސް ވަރަށް މުހިންމު އެއްޗަކަށް ވެއްޖެއެވެ. މާސްކު ނާޅައި ބޭރަށް ނިކުތުން ވަނީ މަނާވެފައެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކަންތައްތައް ހިނގަމުން ދަނީ މިފަދައިންނެވެ.

މާސްކު މުހިންމު އެއްޗަކަށްވެ އެންމެ ޑިމާންޑް ބޮޑު އެކައްޗަށް ވެއްޖެއެވެ. މާސްކު އެޅުމުގައި ވެސް އެކަކަށްވުރެ ރީތި މާސްކު އެޅުމާއި ފެޝަނަބަލް މާސްކު އެޅުމުގެ ވާދަވެރިކަން ދަނީ އިތުރުވަމުންނެވެ. ކުލަކުލައިގެ މާސްކާއި ތަފާތު ޑިޒައިންތަކުގެ މާސްކުތައް ދަނީ އިތުރުވަމުންނެވެ.

މިކަމުގައި އެންމެ ފާހަގަކޮށްލެވެނީ އަންހެން ވެރިންނެވެ. އަޅައި ހެދުމާއި ގުޅުވައިގެން މާސްކު އެޅުމާއި ތަފާތު ޑިޒައިންތަކުގެ މާސްކުތައް ވެސް ބޮޑަށް ބޭނުން ކުރެވެނީ އަންހެނުންނެވެ. ޕާޓީތަކާއި ތަފާތު ހަފުލާތަކުގައި ބައިވެރިވުމަށް އަޅައި މާސްކު ތަކުގެ އުފެއްދުންތެރިކަން ދަނީ އިތުރުވަމުންނެވެ.

މާސްކު އަޅާފައި ހުރި ނަމަވެސް ތިމާގެ ޒީނަތްތެރިކަން އިތުރުކޮށްދޭ ގަހަނާތައް ދޫކޮށްނުލާ މީހުން ވެސް އުޅެއެވެ. މާސްކު މަތިން ވެސް މި ގަހަނާތައް ބޭނުންކޮށް އެމީހުންގެ ޒީނަތްތެރިކަން ފުރިހަމަ ކޮށްލައެވެ. މި އަންހެން މީހާ ދައްކައިދީފައިވަނީ ކޮވިޑު ގަވާއިދާއި އެއްގޮތަށް ވެސް ޒީނަތްތެރި ވެވިދާނެ ކަމެވެ.

އިންޑިޔާގެ އައިޕީއެސް އޮފިސަރެއް ކަމުގައިވާ ދިޕާންޝޫ ކަބްރާ ކައިވެނީގެ ހަފުލާއަކަށް ތައްޔާރުވެ ނަގާފައިވާ ފޮޓޯއެއް ޓުވިޓާގައި ހިއްސާކޮށް ބުނެފައިވަނީ ގަހަނާ ބޭނުން ކުރުމުގެ ހަރުފަތް އެންމެ މައްޗަށް ޖައްސާލައިފައިވާ ކަމަށެވެ. ފިޔާތޮށި ކުލައިގެ ސާރިއާއިއެކު ކަރުގައާއި ބޮލުގައާއި ކަންފަތުގެ އިތުރުން ނޭފަތުގައި ވެސް ވަނީ ގަހަނާ އަޅާފައެވެ. މާސްކު މަތިން ނަމަވެސް ގަހަނާ ސެޓް އެއްކޮށް ބޭނުން ކޮށްފައިވެއެވެ.