ކޮވިޑް-19 އަށް ޓެސްޓު ޓެސްޓު ކުރުމަށް މަދޫ ބާނީ ޓައުންއަށް ދާން އުޅުމުން ބޮލީވުޑު ބަތަލާ އާލިއާ ބަޓްގެ ގޭގައި އުޅުނު ކައްކާއަކަށް ފުލުހުން އަނިޔާކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އާލިއާގެ މަންމަ ސޯނީ ރަޒްދާން އެވެ. ސޯނީ ވަނީ އޭނާއާ އެގޭގެ ކައްކާމީހާއާއި ދެމެދު ދެކެވުނު ވާހަކައެއްގެ ސްކްރީން ޝޮޓު ޓުވިޓާގައި ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވަނީ އެގޭގެ ކައްކާމީހާ ވަރަށް ބަލިކަމަށާއި އަދި ޓެސްޓް ހަދަން އުޅުމުން ފުލުހުން އޭނާއަށް އަނިޔާ ކޮށްފައިވާ ކަމަށެވެ.

ސޯނީގެ މި ޓުވިޓާގައި އޭނާ ބުނެފައިވަނީ ބިހާރުގައި ހުރި އޭނާގެ ކައްކާމީހާ ބަލިވެ އުޅޭތީ ކޮވިޑު ޓެސްޓު ހެދުމަށް މަދޫބާނީއަށް ދާން އުޅުމުން ފުލުހުން އޭނާއަށް އަނިޔާ ކޮށްފައިވާ ކަމަށެވެ.

މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ކާކުތޯ ސުވާލު އުފައްދާ ސޯނީ ބުނެފައިވަނީ މިއީ ވަރަށް އަޖައިބު ކަމެއް ކަމަށެވެ. ވިލެޖުތަކުގައި އުޅޭ މީހުން ޓެސްޓު ނުހެދޭނަމަ ކޮވިޑު ޖެހޭ މީހުންގެ އަދަދު ދިމާނުވާނެ ކަމަށް ވެސް ސޯނީ ބުނެފައިވެއެވެ.

ކޮރޯނާ ވައިރަސް ނުވަތަ އެހެން ވެސް ބަލިމަޑުކަމަކުން ސަލާމަތްވުމަށް ފަސޭހަކަމާއި އެކު ޓެސްޓު ހެދެން ޖެހޭނެ ކަމަށް ވެސް ސޯނީ ފާހަގަ ކޮށްފައިވެއެވެ. އަދި މި ކަންތައްތައް އިންތިޒާމު ކުރުމުގައި އެތައް ކަމެއް ގޯހުން ދާކަމަށް ވެސް ސޯނީގެ ޓުވީޓުގައިވެއެވެ.

ސޯނީއަށް އެތައް ބަޔަކު ހިތްވަރު ދިނުމަށް ކޮމެންޓު ކޮށްފައިވާއިރު އޭނާއާއި ޚިލާފަށް ވެސް ބައެއް ފަރާތްތަކުން ކޮމެންޓް ކޮށްފައިވެއެވެ. ދެއްކުމަށް އުޅޭ ބައެއް ކަމަށް ބުނެ އެހާ އެހީވާން ބޭނުންނަމަ އެމީހާ ހޮސްޕިޓަލަކަށް ގެންގޮސް ޓެސްޓު ހަދައިދިނުމަށް ބުނެފައިވެއެވެ.

މިކަމަށް ރައްދުދެމުން ސޯނީ ބުނެފައިވަނީ ޓެސްޓު ހަދަން ދާން އުޅުމުން ވީގޮތަކީ މިއީ ކަމަށާއި އެހީތެރިވެދެވެން އޮތް ނަމަ އުފަލާއި އެކު އެކަން ކޮށްދޭނެ ކަމަށެވެ.