އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ އަވަށެއްގައި ވަރަށް ހިމަކޮށް 14 ވަރަކަށް ފޫޓް ފުނަށް ކޮނެފައި ހުރި ވަަޅަކަށް ވެއްޓުނު އުމުރުން އެންމެ ހަތަރު އަހަރުގެ ކުއްޖަކު އެތައް ބައެއްގެ މަސައްކަތުން ސަލާމަތް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކުއްޖާ ވެއްޓުނު ވަޅުގެ ފުޅާމިނުގައި ހުރީ ކިރިޔާ ކުއްޖާގެ ހަށިގަނޑުގެ ބޮޑުމިނެވެ. އެހެންކަމުން އެހެން މީހަކު ވަޅަށް އެރި ކުއްޖާ ނެގޭނެ ގޮތެއް ނެތެވެ. އަދި ވަޅަށް ވާގަނޑެއް ތިރިކޮށްގެން ކުއްޖާ މައްޗަށް ނަގާ އިރު ވެސް ކުއްޖާ އަށް އެތައް އަނިޔާއެއް ވާނެތީ އެކަން ވެސް ކުރެވޭނެ ގޮތެއް ނެތެވެ.

އެހެންކަމުން އަވައްޓެރިން ވަނީ ވަރަށް އަވަހަށް އެތަނުގެ ކައިރީގައި އިތުރު ބޮޑު ވަޅުގަނޑެއް ކޮނެގެން ކުއްޖާ ސަލާމަތް ކޮށްފައެވެ.

އެކުއްޖާގެ މައިންބަފައިން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ދަރިފުޅު ވަޅަށް ވެއްޓުނީ ކުޅެން ނިކުމެ އުޅެނިކޮށް ކަމަށެވެ. ހާދިސާ ހިނގި އިރު އެކުއްޖާގެ ކައިރީގައި އިތުރު އެއްވެސް މީހަކު ނެތެވެ. އޭނާ ވަޅަށް ވެއްޓުނު ކަން އެނގުނީ ދަރިފުޅު ގެއްލިގެން ހޯދަން ނިކުމެ އުޅުނު ބައްޕައަށެވެ.

ކުއްޖާ ސަލާމަތްކޮށް ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިހާރު ވެސް އެކުއްޖާ އަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް އޭނާ އަށް ލިބިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު