ބޭނުންވާ ތަކެތި

400 ގުރާމު ގެރިމަސް (ޓެންޑަލައިން ބީފް، ރިހައަށް ކޮށައިފައި) 2 މޭޒުމަތީސަމުސާ ހަވާދު (ފުއްލާ ޖެހި ރީނދޫ ދަޅު) 1 ފިޔާ (ބޮޑު، ތުނިކޮށް ކޮށައިފައި) 1 ސައިސަމުސާ ލޮނުމެދު (ޗަސްކޮށްފައި) ½ ސައިސަމުސާ އިނގުރު (ޗަސްކޮށްފައި) 1 ސައިސަމުސާ މަސްޓަޑް ކިރީމު 2 ޖޯޑު ކާށިކިރު ½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރައިފައި) ½ ސައިސަމުސާ ދިރި (މުގުރައިފައި) ½ ސައިސަމުސާ އަސޭމިރުސް (މުގުރައިފައި) 4 މޭޒުމަތީސަމުސާ ތެޔޮ 1 ޓޮމާޓޯ (ކުޑަ، ކޮށައިލައިފައި) 3 ޖޯޑު ފެން ގިތެޔޮމިރުސް، ހިކަނދިފަތް، ރާނބާފަތް، ލޮނު

ތައްޔާރުކުރާނެ ގޮތެއް

އެއް ޖޯޑު ކިރުގެ ތެރެއަށް، އަސޭމިރުސް، ދިރި، ފިޔާގެ ދެބައިކުޅަ އެއްބައި، ގިތެޔޮމިރުސް (ކުޅި ކުރަން ބޭނުން ވާ ވަރަކަށް)، ޓޮމާޓޯ، ފޮނިތޮށިކާފޫރުތޮޅި އެއްކުރުމަށް ފަހު ބަހައްޓާށެވެ.

އެއަށް ފަހު ދެ މޭޒުމަތީސަމުސާ ތެޔޮ ތެއްޔެއްގައި ހޫނުކޮށްލައިފައި އޭގެ ތެރެއަށް ގެރިމަސްކޮޅު އަޅާލާށެވެ. އަދި ގެރިމަހުން ނުކުންނަ ފެނުން، މަސްކޮޅު މަޑުވަންދެން ކައްކާލާށެވެ.

މަސްކޮޅު މަޑުވުމުން ނަގާފައި އެއްޗަކަށް އަޅައިލާށެވެ. ތެއްޔެއްގައި ދެ މޭޒުމަތީސަމުސާ ތެޔޮ ހޫނު ކުރުމަށް ފަހު، ފިޔާގެ ބާކީބައި މީރުކުރާށެވެ. ފިޔާކޮޅު މޯޅި ވުމުން، އިނގުރާއި ލޮނުމެދު އަޅާށެވެ. ރަނގަޅަށް އެއްކޮށްލުމަށް ފަހު ހަވާދު އަޅާށެވެ. ހަވާދުކޮޅުގެ ތެރެއަށް އެއް ޖޯޑު ފެނާއި އެއް ޖޯޑު ކާށިކިރު އަޅާށެވެ. ކެކެން ފެށީމައި މަސްޓަޑް ކިރީމު އަޅާށެވެ.

ރަނގަޅަށް އެއްކޮށްލާފައި ގެރިމަސްކޮޅު އަޅައިފައި، އޭގެ ތެރެއަށް ދެ ޖޯޑު ފެން އަޅައިފައި ކައްކައިލާށެވެ. ރަނގަޅަށް ބޮކިޖަހައި ކެކެން ފެށުމުން، ކުރިން ތައްޔާރުކުރި ކިރުޖޯޑު ރިހަފޮދު ތެރެއަށް އަޅައިލާށެވެ. އެއަށްފަހު ހިކަނދިފަތާއި ރާނބާފަތް އަޅައިފައި ލޮނު ހެޔޮވަރު ކުރާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަޗަޕި

    އޭއަނެއްކާ މަނަވަރުން ގެނައީތަ ގެރިކޮޅެއް؟

    8
    1