މޭގަން މާކެލް އާއި ޕްރިންސް ހެރީގެ ކައިވެންޏަށް މަސް ދުވަސް ވާން ކައިރިވެފައި ވާއިރު މޭގަން މިވަނީ ކައިވެންޏާއި ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކާފައެވެ.

އިއްޔެ އޮތް ރަސްމިއްޔާތެއްގައި އާންމުންގެ މީހަކު މޭގަން އާއި ކުރި ސުވާލަކަށް ޖަވާބު ދެމުން މޭގަން ބުނީ ކައިވެނީގެ ހަޔާތް އަޖައިބެއްހައި ފުރިހަމަ ކަމަށާއި އަދި ވަރަށް މަޖާ ކަމަށެވެ. ހެރީ އަކީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ފިރިމީހާ ކަމަށް ވެސް މޭގަން ބުންޏެވެ.

އިއްޔެ އަކީ ފިރިކަލުންނާއި ވަކިން މޭގަން ރަސްމީ އިވެންޓެއްގައި ބައިވެރިވި ފުރަތަމަ ދުވަހެވެ. އިއްޔެ މޭގަން އެރަސްމިއްޔާތުގައި ބައިވެރިވީ ރާނީ އެލިޒަބަތު އާއި އެކުގައެވެ. ޝާހީ އާއިލާގެ އެހެން ބޭފުޅަކު ރަސްމިއްޔާތުގައި ބައިވެރިއެއް ނުވެއެވެ.

މޭގަން އާއި ޕްރިންސް ހެރީގެ ކައިވެންޏަށް މަހެއް ވާން ކައިިރިވެފައި ވާއިރު ދެބޭފުޅުން މިހާރު ވަނީ ހަނީމޫން ހޭދަކުރައްވާފައެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މީގެ ކުރިން ވެސް ނަމޫނާ ދައްކަވާފައިވާ މޭގަން އާއި ޕްރިންސް ހެރީ ވަރަށް އަވަހަށް ހިލޭސާބަހަށް އެހީތެރިކަން ފޯރުކޮށްދޭ އެންޖީއޯތަކުގެ އިވެންޓްތަކުގައި ބައިވެރިވާން ފައްޓަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.