ހެނދު ހެނދުނާ މިއަދު ވެސް ރާނިޔާ ތައްޔާރުވަނީ އޭނާގެ ބައްޕަ ފުރޮޅުލީ ގޮނޑީގައި ބައިންދައިގެން ގޭދޮރުން ނުކުންނާށެވެ. މިއީ ހަމަ ކޮންމެ ދުވަހެއްގެ އާދައެވެ. ރާނިޔާގެ އުމުރުން މިހާރު 25 އަހަރު ފުރިއްޖެއެވެ. އޭނާގެ ބައްޕަ ޢަލީ ވަހީދަކީ މުޅި ރާއްޖެއަށް މަސްހޫރު ޝެފެކެވެ. ނަމަވެސް މިއަދުކު ނޫނެވެ. އެއީ މާޒީއެވެ.

ޢަލީ ވަހީދަކީ އޭނާގެ ޒުވާން ދުވަސްވަރު ރިސޯޓް ތަކުގެ ބޮޑުކައްކާ އެކެވެ. ބޮޑު އަގުގައި ބޮޑެތި ޕާރޓީތަކަށް ކައްކާ ދެއެވެ. ރާއްޖޭން ބޭރުގައި ވެސް ވަޒީފާ އަދާކުރިއެވެ. ޔޫރަޕާއި އެފްރިކާ ބައްރުގައި އޭނާ ނުދާ ގައުމެއް މަދުވާނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކައިވެންޏެއް ނުކޮށް ހުރުމުން އޭނާގެ ދުނިޔެ އޮތީ މާއްދިއްޔަތަށް ގޮސް ހުސްވެފައެވެ. ބައެއް މީހުންނަށް ވާހެން އަވާމެންދުރުގައި ޖެހުނީއެވެ. ލިބޭ ހުރިހާ ފައިސާ އެއް ދިޔައީ އުފަލާއި އަރާމަށް ތަޅާ ހުސްކުރަމުންނެވެ. ކައިވެންޏެއް ކުރީ ވެސް ދެބައި އުމުރު ދިޔަފަހުންނެވެ.

އޭނަގެ ބޮޑު ބޭބެގެ އާދޭހާއި އެކު ކައިވެނި ކުރެވުނީ ވެސް ރަނގަޅު ފައިސާ ވެރިއެއްގެ ދަރިއަކާއެވެ. ޢަލީ ވަހީދަށް އެފުރުސަތު ފަހިވީ ހަމަ ނަސީބު ގަދަ ކަމުންނެވެ.

ޢަލީ ވަހީދުގެ އަންހެނުން ހަފްސާ ޖައުފަރު ގެ ބައްޕައަކީ ވަރަށް ދީލަތި މީހެކެވެ. ހަފްސާގެ ހަގަށް ދެން ހުންނަނީ އެންމެ ކުއްޖެކެވެ. އެކުއްޖާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެހެން ކަމުން ހަފްސާގެ ބައްޕަގެ ވިޔަފާރީގެ ހުރިހާ ކަމެއް ހަވާލުވުމުގެ ފުރުސަތު ޢަލީ ވަހީދަށް ފަހިވެއެވެ.

ހަފްސާއަށް ތިން ކުދިން ލިބުނެވެ. މިހުރިހާ ކުދިން ކުޑައިރު ވެސް ޢަލީ ވަހީދުގެ އޯގާތެރިކަމާއި އަޅާލުމެއް ނުލިބެއެވެ. އޭނާ އަށް މުހިންމީ އޭނާގެ އުފާތަކެވެ. ފައިސާއެވެ. މުދަލެވެ. ރަށްޓެހިންނާ އެކު މަޖާކުރުމެވެ.

ހަފްސާގެ ބައްޕަ ޖައުފަރު ދާއޫދު ނިޔާވި ފަހުން ވިޔަފާރި ވެސް ބަނގުރޫޓް ވާން ފަށައިފިއެވެ. އެންމެ ފަހުން ބާޒާރު މަތީގައި ހިންގަމުން ދިޔަ ރެސްޓޯރެންޓުވެސް ބަންދު ކޮށްފިއެވެ.

އަނެއްކާ ވެސް ޢަލީ ވަހީދު ރިސޯޓެއްގައި ވަޒީފާ އަދާކުރަން ފަށައިފިއެވެ. މާލެ އަންނަނީ ތިންމަހުން އެއް ފަހަރުއެވެ. ލިބޭ މުސާރަ ޚަރަދު ކުރާ ގޮތެއް ހަފްސާ އަކަށް ނޭނގެއެވެ. ކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދަން ޖެހެނީ ހަފްސާ ފެހުމުގެ މަސައްކަތް ކޮށްގެންނެވެ. ހަފްސާގެ މަންމައަކީ ފެހުމާއި މާޖެހުމުގެ މައުރަޒް ތަކުން ވަނަ ހޯދާފައިވާ މަޝްހޫރު މީހެކެވެ. އެކަން ހަފްސާއަށް ދަސްކޮށްދިނީ ދިރިއުޅުން ރޫޅުނަސް ކައިގެން ބޮއިގެން އުޅެވޭނެއޭ ބުނެ އޭނާގެ މަންމަ އެވެ.

ހަފްސާގެ ބައްޕަ ޖައުފަރު ދާއޫދު ދުނިޔޭގައި ހުރި އިރު ގެ ހަދާފައި ހުރި ފެންވަރަށް ޒަމާން ބަދުވި އިރުވެސް އެއްވެސް ކުރިއެރުމެއް ނާދެއެވެ.

ކައިރީގައި ހުރި މާ އާދައިގެ ގެތައް އުސް އިމާރާތްތަކަށް ބަދަލު ވެގެން ދިޔައެވެ. ހަފްސާގެ އާދޭހަށްގެ ހެދުމަށް ވެސް ޢަލީ ވަހީދުގެ އާނބަސް ނުލިބޭތާ އެކަމާ ނުވެސް އުޅެނީއެވެ. ގެ ހަދާދޭނެ މީހުން ވިއެވެ. ދިގުމުއްދަތަށް އިމާރާތުން ބައެއް ދީގެންނެވެ.

ހަފްސާގެ ބައްޕަގެ އަތުގައި ބޭނުން ވަރަކަށް ޚަރަދު ކުރާން ފައިސާ ހުރި ޒަމާނުގައި ޢަލީ ވަހީދު މޮޅު ގޮތް ގޮތަށް ގެ ކުރަހާ ތެޔޮ ގުޅާ ސާދާ ކުރިއެވެ. ނަމަވެސް މިއަދު އެތެޔޮ ގުޅާ ސާދާގެ ހުވަފެން ވަނީ ބިލާހަކަށް ވެފައެވެ.

ޢަލީ ވަހީދަށް ލިބިފައި ތިބި ތިން ކުދިންނަށް ހަފްސާ ކިޔަވާދީ ބޮޑު ކުރިއެވެ. ކުއްލިއަކަށް ލިބުނު ޚަބަރަކީ ޢަލީ ވަހީދު އިޓަލީ އަންހެނަކާއި އެކު އިޓަލީއަށް ދިޔަވާހަކައެވެ. ފަހުން ޚަބަރު ލިބުނީ އެއަންހެން މީހާ އާއި ކައިވެނި ކުރި ވާހަކައެވެ. އަދި ދުވަސް ކޮޅެއް ފަހުން ހަފްސާ އަށް ލިބުނު ސިޓީ އެއްގައި އޮތީ ހަފްސާ ވަރިކުރި ކަމަށެވެ.

ވަރިކުރިތާ ފުރަތަމަ ދުވަސް ކޮޅު ޢަލީ ވަހީދު އޭނާ އާއި މެދު ކަންތައް ކުރިގޮތުން ހިތާމައިގެ ފުންކަނޑަކަށް ހަފްސާ ގެނބިގެން ދިޔައެވެ. ރީތިކޮށް ރޫފަ ހެޔޮކޮށް ހުރި ހަށިގަނޑު ހިކި އަނަރޫފަވާން ފެށިއެވެ. ދަރިން ވެސް މަންމައާއި މެދު ބައްޕަ ކަންކަކުރި ގޮތުން ނަފުރަތު ކުރިއެވެ.

އިޓަލީ އަންހެން މީހާ އާއި އެކު އުފަލާއި މަޖަލުގައި ޢަލީ ވަހީދު ދުވަސްތައް ހޭދަކުރަމުން ގެންދިޔައެވެ. އޭނާ އުޅުނީ އޭނާގެ ދުނިޔޭގައެވެ. އެތަނުގެ ރެސްޓޯރެންޓެއްގައި ވެސް މަސައްކަތް ކުރިއެވެ. ޢަލީ ވަހީދަކީ ބޮޑެތި ގައުމުތަކުން ކެއްކުމުގެ ރޮގުން ތަމްރީނުވެފައި ހުރި މީހަކަށް ވާތީ ރަނގަޅު އާންމުދަނީއެއް ވެސް ދިޔައީ ލިބެމުންނެވެ. ނަމަވެސް ރާއްޖޭގައި ތިބި އޭނާގެ އުފަން ދަރިންނަށް އެކަމުގެ މަންފާއެއް ނުކުރެއެވެ.

ޢަލީ ވަހީދަކީ ކޮންމެ ވާހަކައެއް ދެއްކިއަސް އެކަމުގެ ފިލޯސަފީގެ ބައި ވަރަށް ބޮޑު މީހެކެވެ. އެގޮތުން ކުދިންނަށް ފޯނު ކުރާއިރުވެސް ދައްކަމުން ގެންދިޔައީ މޮޅު ހުވަފެންތަކެވެ. އިޓަލީން ގެއެއް ގަނެ އެގެއަށް އެކުދިންގެ މަންމަ އާއި އެކު ގެންނާނެ ކަމަށެވެ. އަދި މާލޭގައި ހުރިގެ ފަސްތަރީގެ މޮޅު ހޮޓަލަކަށް ހެދުމަށް ކުރަހާ ވާހަކައެވެ. އަދި އެ ހޮޓަލުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއްގެ ރެސްޓޯރެންޓްއެއް ހުޅުވާނެ ވާހަކައެވެ. ޢަލީ ވަހީދުގެ ރޭވުން ކިތަންމެހާ ވެސް މޮޅެވެ.

ފަރުދާގެ ފުރަގަހުގައި ހިނގަމުން ދާ ކަންކަމާއި މެދު ގިނަ މީހުންނަށް ހޭވެރިކަން އަންނަނީ މުސީބާތެއް ޖެހުނީމައެވެ. އޭގެ ކުރިން ހެޔޮގޮތް ޚިޔާރު ކުރަން އެނގެނީ މަދު މީހަކަށެވެ. ކައްޗަށް އެޅޭ ފިޔަވަޅަކުން ވެއްޓި އަތެއް ފަޔެއް ބިނދޭހެން ތިމާގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިދާނެކަމަށް ގަބޫލު ނުކުރެވެނީ އެވެ.

އިޓަލީގައި ޢަލީ ވަހީދު އަދާކުރަމުން ދިޔަ ވަޒީފާ ގެއްލުނެވެ. އެދުވަސްވަރު އޭނާގެ އަންހެނުން ގެބިރިއަލް ވެސް ބޮޑު ބައްޔެއްގައި އެނދު މަތި ކުރިއެވެ. އަދި ހަސްފަތާލުން ދޫކޮށްލިއިރު ޢަލީ ވަހީދުގެ އަތްމަތި ވެސް އޮތީ ހުސްވެފައެވެ. ދެމީހުން މައްސަލަ ޖެހެން ފެށިއެވެ. އެންމެ ފަހުން ޢަލީ ވަހީދު ގެބްރިއަލް އަށް ސިއްރުން ފުރައިގެން ރާއްޖެއައެވެ.

ރާއްޖެ އައި އިރު ވަންނާނެ ތަނެއް ނެތެވެ. ދާންޖެހެނީ ކުދިންގެ ގާތަށެވެ. ކުދިންނަށް ގުޅުމުން އެގެއިން ބައްޕައަށް ހިޔާވެހިކަން ދިނެވެ. ދެތިން ދުވަސް ވިތަނާ އެމީހުން ގާތު ހުންނަން ބޭނުން ނުވާކަމަށް ބުނެ އުފަން ރަށަށް ބަދަލުވިއެވެ. އަދި ރަށާއި ކައިރި ރިސޯޓަކުން ވަޒީފާ ހޯދިއެވެ. ޢަލީ ވަހީދަކީ ފޮނި ކަމެއް ވެސް ހުންނަ މީހެކެވެ. އުޅޭ ތަނެއްގައި ވެސް އޭނާގެ ބަސް ވިކެން ޖެހެއެވެ. އެރިސޯޓްގައި އުޅެމުން ރަށުން މީހަކާއި ކައިވެނި ކުރިއެވެ.

ރިސޯޓްގައި ހުރެފައި ޗުއްޓީއަކަށް މާލެއައި ދުވަހަކު ހިނގާފައި ދަނިކޮށް މަގުމައްޗަށް ވެއްޓުނެވެ. ހަސްފަތާލުގައި އެނދުމަތި ކޮށްފިއެވެ. ހޭއެރި އެރު ވަނީ އެއްފަޅި ވާގި ނެތިފައެވެ. ޑޮކްޓަރުންގެ ފަރުވާއަށް ފަހު ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދަން ޖެހުނެވެ.

އެހީވާން ތިބީ ޢަލީ ވަހީދުގެ ތިން ކުދިންނެވެ. އެކުދިންގެ މަންމައެވެ. އެކުދިންގެ އެހީތެރިކަމާއި އެކު ސިރީލަންކާއިން ފަރުވާ ކުރިއެވެ. އެދަތުރުގައި ދިޔައީ ހަފްސާއާއި ތިން ކުދިންނެވެ. ޢަލީ ވަހީދު ފަހުން ކައިވެނި ކުރިމީހާ ދާ ޚިޔާލެއް ނުކުރިއެވެ.

ސިރީލަންކާއިން ހޯދި ފަރުވާއަށްފަހު ރާއްޖެ އައިސް ރަށުން ދިވެހި ބޭސް ކުރަން ދިޔައެވެ. ރަށުގައި ޢަލީ ވަހީދުގެ ތިމާގެ މީހުންގެ ފަރާތުން ވެސް އަދި އަނބި މީހާގެ ފަރާތުން ވެސް މާބޮޑު އަޅާލުމެއް ނުލިބެއެވެ. ގަވާއިދުން މޫދަން ގެންގޮސް ވެލި މޮޑެދީ ތެޔޮ ދަމާދޭނެ މީހަކު ނުވިއެވެ. އެންމެ ފަހުން ދަރިންގެ އެހީ ތެރިކަމަށް އެދެން ޖެހުނެވެ. ދަރިން ބޭނުންވީ މާލެ ގެންނާށެވެ. މާލެ ގެނައިތާ މާގިނަ ދުވަހެއް ނުވެ ރަށުގައި އިން އަނބި މީހާ، ޢަލީ ވަހީދު ކައިރިން ވަރިވެއްޖެއެވެ.

ހަފްސާގެ ހިތުގައި ޢަލީ ވަހީދާ މެދު މިހާރު އޮތީ ހަމްދަރުދީއެވެ. ކުދިން ކުޑައިރު ދޫކޮށްލާފައި ދިޔައީ ވަރަށް ނިކަމެތި ގޮތެއްގައި ކަމުގައި ވިއަސް އެވާހަކަ މިއަދު ހަފްސާ ދައްކާކަށް ބޭނުމެއް ނުވެއެވެ.

ޢަލީ ވަހީދު އެނދުގައި އޮންނައިރު ތާހިރު ކުރުމާއި ފެންވެރު ވުމާއި ކާންދިނުމުގެ ހުރިހާ ކަމެއް ގިނަ ފަހަރު ކޮށްދެނީ ހަފްސާއެވެ. ދަރިން އުޅެނީ ވަޒީފާގައެވެ. އެކުދިންނަށް ލިބޭ ހުސްވަގުތުގައި ވެސް ނުހަނު އޯގާތެރިކަމާއި އެކު ބައްޕަ އަށް ކަންތައް ކޮށްދެއެވެ.

ޢަލީ ވަހީދަށް މާޒީ ކުލައިން ފެންނަން ފަށައިފިއެވެ. ހަފްސާގެ އޯގާތެރިކަމެވެ. ބަފާ ކަލޭގެ ދިން ނަސޭހަތެވެ. ބަފާކަލޭގެ ކުރި އިތުބާރެވެ. ދިން ފައިސާއާއި މުދަލެވެ. ނަމަވެސް އެދުވަހު ފޮނި ކަމާއި ބޮޑާކަމުގައި ފައިސާތައް ތަޅާ ބުރުއްސީއެވެ. އަންހެނުންނާއި ކުދިންގެ އުފަލަކަށް ނޫނެވެ. ޢަލީ ވަހީދު ގެ އުފަލަށެވެ. ސިއްރު ލޯބި ވެރިންގެ އުފަލަށެވެ. އޯގާތެރި އަނބިމީހާ އެތަކެއް ރޭ ކުރި އާދޭހުގެ އަޑު މިއަދު އިވޭ ކަހަލައެވެ.

ކުދިން ބައްޕަ އާއި އެކު ވަގުތު ހޭދަކުރަން ރުއި ރުއިން މިއަދު ކަންފަތުގައި ގުގުމަނީ ގުގުރިއެއް ހެންނެވެ. ސިކުޑިއާއި ހިތަށް ވަނީ ބުރަހެލިކަން އައިސްފައެވެ. މޭ ބޮޑުވެއެވެ. އެކަނި އެނދުގައި މާބޮޑު ހަރަކާތެއް ނެތި އޮންނަ އިރު އަމިއްލަ އަތުން ކަރުނަ ފޮހެލަން ޖެހެނީ ވެސް އުނދަގުލުންނެވެ. ދަރިންނާއި ހަފްސާގެ އޯގާތެރިކަން މިއަދު ހަމަ ލޮލުން ފެނުމުން ލަދުން ލޯ މަރާލަން ޖެހެވެ.

އަނެއްކާ ވެސް އިތުރު ފަރުވާއަށް ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ގެންދާން ޖެހިއްޖެއެވެ. މިފަހަރު ހަމަސްދުވަހުގެ ފަރުވާއަށް ފަހު އާދެވުނު އިރު ކުރިއަށް ވުރެ ލުއި ވިއެވެ. އަދި ވެސް ހިނގާ ނޫޅެވެއެވެ. އިންނާން ޖެހިފައިވަނީ ފުރޮޅުލީ ގޮނޑީގައެވެ.

ރާނިޔާ އޭނަގެ ބައްޕަ ގޮވައިގެން މިއަދު ވެސް އެދަނީ އިރު އަރާ ވަގުތުލިބޭ އަވިން ބައްޕަގެ ހަށިގަނޑަށް ވިޓަމިން ގެ ފަރުވާ ހޯދާދޭށެވެ. އެނދުގައި އަބަދު ގިނަ ވަގުތު ނުބާއްވަން ޑޮކްޓަރުން ދިން ލަފަޔަށް ލުޔެއް ލިބޭތޯ އެވެ. ރާނިޔާގެ ފިކުރާ ޚިޔާލު މިއަދު ހުރީ ކުޑައިރުގެ ހަނދާން ތަކާއި އެކުގައެވެ. އޭނާ ބައްޕަ ގެ ކައިރީގައި އެވާހަކަތައް ކިޔައި ދެމުން ގެންދިޔައެވެ. ބައްޕަގެ ލޯބި އެންމެ ބޮޑަށް ބޭނުންވި ދުވަހު ބައްޕަ އެކުދިންނާއި އަޅާނުލާ ދޫކޮށްލި ގޮތުގެ ހަނދާން ތަކެވެ. އިސްކޫލަށް ބޭނުންވާ ބައެއް ތަކެތި މަންމައަށް ހޯދާ ނުދެވި އުޅެން ޖެހުނު ގޮތުގެ ވާހަކައެވެ. ބައްޕައާއި ބައްދަލު ކޮށްލަން އެކި ދުވަސް މަތިން ފޯނު ކުރުމުން ބައްޕަ ޖަވާބު ނުދީ ފޯނު ބާއްވަމުން ގެންދިޔަ ކަމެވެ.

މިހުރިހާ ވާހަކަ ތަކެއް ދެއްކިއިރު ވެސް ޢަލީ ވަހީދު ބަހެއް ނުބުނެ މަޑުން އިނެވެ. އަނގައިން އަޑެއް ވެސް ނުނިކުމެއެވެ. ރާނިޔާ ކޮއްޕަމުން ދިޔަ ފުރޮޅުލީ ގޮނޑި ކޮއްޕުން ހުއްޓާލިއެވެ. އަދި ޢަލީ ވަހީދުގެ ކުރިމައްޗަށް އައިސް ގުދު ވެލިއެވެ. އޭނާގެ ދެލޮލުން ކަރުނަ ފައިބައެވެ. ރޯއަޑު އިވިދާނެތީ އިނީ ދެތުންފަތް ފިއްތައިގެންނެވެ. ރާނިޔާ އޭނާގެ ބައްޕަގެ ކަރުނަތައް ފޮހެލިދިނެވެ. އެއާއި އެކު ޢަލީ ވަހީދުގެ ދެއަތުގައި ރާނިޔާގެ އަތުން ހިފަހައްޓާލިއެވެ.

ޢަލީ ވަހީދު ވަރަށް އުނދަގުލުން ބުނެލި އެވެ. "މަޢާފު ކުރޭ . އެދުވަސްތައް ބައްޕައަށް ގެއްލިއްޖެ" މިހެން ބުނުމާއި އެކު އަދި މާބާރަށް ރޯން ފެށިއެވެ. ރާނިޔާއަށް ވެސް ރޮވެން ފެށިއެވެ. އެކަން އޭނާގެ ބައްޕައަށް ފޮރުވުމަށްޓަކައި ބައްޕަގެ ކުރިމަތިން ތެދުވިއެވެ. އަނެއްކާ ވެސް ގޮނޑި ދުއްވަން ފެށިއެވެ. އަދި ރާނިޔާ އޭނާގެ ބައްޕަ އާއި އަލުން ވާހަކަ ދައްކަން ފެށިއެވެ.

އަހަރެން ބައްޕައަށް މައާފު ކޮށްފީމެވެ. އެންމެ މުހިންމީ މަންމަގެ ކިބައިން މަޢާފަށް އެދުމެވެ. މަންމަގެ ހިތުގައި އެޅި ވޭނާ ރުއިން އަހަރެމެން ދުށީމެވެ. މަންމަ ވަނީ ދެބުރަ އުފުލާފައެވެ. އެއީ ބައްޕަގެ ޒިންމާ ތަކާއި މަންމަގެ ޒިންމާ ތަކެވެ.

މަންމަ އާއި ބޭބެއާ ދައްތަ އަދި އަހަރެންގެ ހަޔާތުން ވެސް ގެއްލުނު ދުވަސް ތައް އަނބުރާ ދެނެއް ނާންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަރިއަތޮޅުން/ ހަސަންކަލޭގެ އާދަމް

    "ފަރުދާގެ ފުރަގަހުގައި ހިނގަމުން ދާ ކަންކަމާއި މެދު ގިނަ މީހުންނަށް ހޭވެރިކަން އަންނަނީ މުސީބާތެއް ޖެހުނީމައެވެ. އޭގެ ކުރިން ހެޔޮގޮތް ޚިޔާރު ކުރަން އެނގެނީ މަދު މީހަކަށެވެ. ކައްޗަށް އެޅޭ ފިޔަވަޅަކުން ވެއްޓި އަތެއް ފަޔެއް ބިނދޭހެން ތިމާގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިދާނެކަމަށް ގަބޫލު ނުކުރެވެނީ އެވެ."
    ވަރަށް ރީތި.

    13
    1