މިހާރު ބޮލީވުޑްގައި ފިޔަޖަހަމުން އައި ބައެއް ތަރިންގެ ފުރަތަމަ ވަޒީފާއަކީ ފިލްމީ ތަރިއަކަށްވުމެއް ނޫނެވެ. މަޝްހޫރުވުމެއްވެސް ނޫނެވެ. ބައެއް ތަރިންނަކީ ކުރިން އެހެން ވަޒީފާތަކުގައި އުޅުމަށްފަހު ފިލްމީ ދާއިރާއަށް ހިތްޖެހިގެން ވަދެފައިވާ ތަރިންނެވެ. އޭގެ ތެރެއިން ބައެއް ތަރިންނަށް ބަލާލަމާ ހިނގާށެވެ.

ނަވާޒުއްދީން

އޭނާއަކީ ދަނޑުވެރިއެއްގެ ދަރިއެކެވެ. އޭނާގެ އެއްބަނޑު އަށް ކުދިން ތިބިއިރު، އޭނާ ފުރަތަމަ ވަޒީފާ އަދާކުރީ ބޭސް ފިހާރައެއްގައެވެ. ފަހުން ދިއްލީއަށް ބަދަލުވެ އެތަނުގައި ވޮޗްމޭންއެއްގެ ވަޒީފާ އަދާކުރަމުންދަނިކޮށް އޭނާ ފިލްމީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނެވެ. އަދި ފަހުން ދަ ނޭޝަނަލް ސްކޫލް އޮފް ޑްރާމާއަށް ވަނެވެ.

ބޮމަން އިރާނީ

ބޮލީވުޑްގައި ވިދުމުގެ ކުރިން މި ތަރި މަސައްކަތްކޮށްފައި ވަނީ މުމްބާއީގެ ތާޖް މަހަލް ޕެލަސް ހޮޓެލްގައެވެ. އެތަނުގައި އޭނާ އަދާކުރި ވަޒީފާއަކީ ވެއިޓަރެއްގެ ވަޒީފާއާއި ރޫމް ސާވިސް އެޓެންޑެއްްގެ ވަޒީފާއެވެ. އަދި މަންމަގެ ބޭކަރީވެސް ހިންގާދިން މީހަކީ އެއީއެވެ. އޭގެ ފަހުން ފޮޓޯގްރާފަރެއްގެ ވަޒީފާއިން އޭނާ ވަނީ ފިލްމީ ދާއިރާއަށެވެ.

ސިދާތް މަލްހޮޓްރާ

އުމުރުން 18 އަހަރުގައި އޭނާ ފެށީ މޮޑެލް ކުރާށެވެ. އެއީ އޭނާ ޕޮކެޓް މަނީގެ ގޮތުގައި ފައިސާ ހޯދުމަށާއި، މަޖަލަކަށް ކުރި ކަމެކެވެ. އޭނާ އެތައް ފެޝަން ޝޯވއެއްގައިވެސް ބައިވެރިވިއެވެ. އެ ދާއިރާގައި ގާތްގަނޑަކަށް ހަތަރު އަހަރު ހޭދަކޮށް އެ ދާއިރާއަށް އޭނާ ހިތެއް ނުޖެހުނެވެ. އެންމެ ފަހުން އޭނާ ފިލްމީ ދާއިރާއަށް ވަދެވުނީ ކަރަން ޖޯހަރްގެ މައި ނޭމް އިޒް ޚާންގެ އެސިސްޓެންޓް ޑައިރެކްޓަރަކަށް ހަމަޖެހުމާއިއެކުއެވެ.

ޕަރްނީތް ޗޯޕްރާ

ބޮލީވުޑްއަށް ވަނުމުގެ ކުރިން އޭނާ މަސައްކަތްކޮށްފައި ވަނީ މާކެޓިންގ އިންޓާންއެއްގެ ގޮތުގައި ޔާޝް ރާޖް ފިލްމް ސްޓޫޑިއޯގައެވެ.

ސޮނަކްޝީ ސިންހާ

މިއީ ކުރީގައި ފެޝަން ޑިޒައިނަރެކެވެ. އޭނާ މަސައްކަތް ފެނުނު ފިލްމްތަކުގެ ތެރޭގައި 2005 ވަނަ އަހަރު ނުކުތް މެރަ ދިލް ލެކެ ދެކްހޯ ހިމެނެއެވެ.

އަކްޝޭ ކުމާރް

އޭނާއަކީ މާޝަލް އާޓްސް ކިޔަވާދިން ޓީޗަރެކެވެ. މާޝަލް އާޓްގެ ދާއިރާއިން ބެންކޮކްގައި ކިޔެވުމަށްފަހު އިންޑިއާއަށް ގޮސް އެތަނުގައި ޓީޗަރެއްގެ ގޮތުގައި އުޅުމަށްފަހު އޭނާގެ ދަރިވަރަކު އޭނާއަށް ހޯދާދިނީ ކުޑަ ކުންފުންޏެއްގެ މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ވަޒީފާއެވެ.

ކިޔުންތެރިންގެ ހިޔާލު